ފޯނު ބޭއްވުމާ އެކު ނައިޝާ ފުން ނޭވާއެއް ދޫކޮށްލިއެވެ.ކަައިވެނި ކުރާކަށް ނައިޝާގެ ހިތަކު ދެނެއް ނެތެވެ.ފަސް އަހަރު ކުރިން ފިރިހެނުންނާއި ދޭތެރޭ އުފެދުނު ފޫހިކަން އަދިވެސް ނައިޝާ ގެ ތާޒާކަން މަތީގައި އެބަހުއްޓެވެ.

ނައިޝާ އުޅެނީ ކޮސްމެޓިކްސް އާއި އަންނައުނާއި އެއްޗެހި ވިއްކާ ވަރަށް ހިނގާ ފިހާރައެއްގައެވެ. ފިހާރައިގެ ވިޔަފާރި ރަނގަޅު ކަމުން އޮންލައިން ކޮށް ވެސް އެ ފިހާރައިން ވިޔަފާރި ކުރާ މީހުން ގިނައެވެ.ނަައިޝާގެ ވަޒީފާ އަކީ އޮންލައިން ވިޔަފާރި ކުރާ ރަޝީދުތައް ބެލެހެއްޓުމާ،އޮންލައިންކޮށް ކަސްޓަމަރުންނަށް މުޢާމަލާތް ކުރުމާއި،މުދާތަކުގެ ފޮޓޯ ފޮނުވީމަ  އަގުތަކާ ސަައިޒުތައް ޖަހައިގެން ޕޯސްޓަރ އެޑިޓްކޮށް އޮންލައިން ކޮށް އިޝްތިހާރު ކުރުމެވެ.ދުވާލަކު އެތައް ހާސް ބަޔަކު އޮންލައިން ކޮށް ވެސް، ފިހާރައަށް ގޮސް ގެންވެސް ވިޔަފާރި ކުރެއެވެ.އެހެންކަމުން ފިހާރަ ހުޅުވާ ގަނޑިއަށް ނައިޝާ ވެސް އޮންލައިން ވާން ޖެހެއެވެ.

ސޯފާއިން ތެދުވުމަށްފަހު ނައިޝާ ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ.ކޮޓަރިއަށް ވަދެ އިސްކޮޅާއި ހަމައަށް އަރާ ދިގު ލޯގަނޑު ކުރިމައްޗަށް ނައިޝާ ހުއްޓި، އޭނާގެ ސޫރައަށް ބަލައިލި އެވެ.ރީތި ލޫޅާފަތި ހަށިގަނޑެކެވެ.ދޮންކަމުން ގޮސް ނައިޝާގެ ކޯތާފަތް މައްޗަށް ވަނީ ޖަންބު ކުލަ އަރާފައެވެ.އެ މޫނުމަތިން ދޭހަވަނީ މައުސޫމުކަމެވެ.ބަލާބެލުމަށް ހީވަނީ ސޯޅަ ސަތާރަ އަހަރުގެ ކުޑަ ކުއްޖެއްހެނެވެ.ލައިގެން ހުރި ކަޅު، އަތްދިގު ޓީޝާޓާއި ކަޅު ސްކިނީ ޖީންސް އޭނާއަށް ވަރަށް ގުޅެ އެވެ.ކަންފަތުގައި ލައްވާފައިވާ ރިހި އެހާއި، ފަން، ދިގު އިސްތަށިގަނޑު ފަހަތަށް ގަތާލެވިފައިވުމުން އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ކަހަލައެވެ. މީގެ ކުރިން ނައިޝާ ފެނިފައިވާ މީހަކު، މިހާރު އެއީ ނައިޝާ އެކޭ ނުބުނާނެއެވެ.ނައިޝާ މަޑުމަޑުން މާޒީގެ ތެރެއަށް ގެނބެމުން ދިޔަ އެވެ.

ނައިޝާ އަކީ ކުޑައިރު ހިކިކޮށް ހުންނަ ކުއްޖެކެވެ.ނަމަވެސް ބޮޑުވަމުން ދިޔަ ވަރަކަށް ނައިޝާގެ ބަރުދަން ވެސް ދިޔައީ އިތުރުވަމުންނެވެ.ބަރުދަން އިތުރުވަމުން ދިޔަވަރަކަށް ނައިޝާ ދިޔައީ މީހުންގެ މަލާމާތް ލިބި، ބާކީ ވަމުންނެވެ.ސުކޫލުގަައި އުޅޭ އިރު ވެސް ދަރިވަރުންނާއި މުދައްރިސުންގެ ފަރާތުން ކޮންމެވެސް ސިފައެއްގައި ނައިޝާ އަށް މަލާމާތް ރައްދުވެއެވެ.ނަތީޖާއަކަށް ވެގެން ދިޔައީ ގަނާގެ ޝިކާރައަކަށް ނައިޝާ ވުމެވެ.

ނައިޝާ ކުޑައިރު ލަންކާގައި ކިޔެވުމަށްފަހު ގުރޭޑް އަށަކަށް މާލެ ބަދަލުވީވެސް ގަނާގެ ޝިކާރައަކަށްވެ ލަންކާ ސުކޫލަށްދާން ފޫހިވުމުންނެވެ.ނަައިޝާ ހީކުރި މާލެ ސުކޫލުގަައި ނައިޝާ އަށް އިހުތިރާމް ލިބޭނެ ކަމަށެވެ.ނަމަވެސް ކަންތައް ވީ ހަމަ ލަންކާ ސުކޫލެކޭ އެއްފަދައިން އެވެ.ނަައިޝާ ބާކީވިއެވެ.ވާހަކަ ދައްކާލާނެ ރަހުމަތްތެރި އަކު ނައިޝާ އަކަށް ނުލިބުނެވެ.ވާހަކަ ދައްކާ ކުދިން ވެސް ނައިޝާ އަކާ އެހާ ގާތްގުޅުމެއް ނުބާއްވައެވެ.ނަތީޖާ އަކަށް ވެގެންދިޔައީ މީހުންނާއި ނައިޝާ ދުރުވާންފެށުމެވެ.މިހުނާއި ވާހަކަ ދައްކަން ނައިޝާ ފަސްޖެހެން ފެށުމެވެ.ނައިޝާގެ މައިންބަފައިންގެ ވިޔަފާރީގެ މަސްއޫލިއްޔަތާ ހެދި ނައިޝާ އަކަށް ވަގުތެއް ދެވޭ ވަރެއް ނުވިއެވެ.ނައިޝާ މާލެ އައިސް ހުރީ ނައިޝާގެ ދޮންތަގެ ބެލުމުގެ ދަށުގައެވެ.ނައިޝާގެ ދޮންތަަ އުޅުނީ އޭނާގެ ދަރިންގެ ކަންތައްތަކާގެން އަވަދިނެތި ކަމުން ދޮންތައާއި ވާހަކަތައް ހިއްސާ ކުރަން ނައިޝާ އަކަށް ނުކެރުނެވެ.ދެން ހުރީ ނައިޝާގެ ތުއްތަ އެވެ.ނައިޝާގެ ތުއްތަވެސް އުޅުނީ އޭރު މައިންބަފައިންނާއެކު ލަންކާގައެވެ.ވީމާ ނައިޝާގެ ހާލަތު ހިއްސާ ކުރާނެ މީހަކު ނައިޝާ އަކަށް ނުލިބުނެވެ.ނަތީޖާއަކަށް ވެގެންދިޔައީ އެކަނިވެރިކަން އޭނާގެ އެކުވެރިއަކަށް ވުމެވެ.

ގުރޭޑް އަށެއް ނިމި  ގުރޭޑް ދިހަ އަކަށް ނައިޝާ ދިޔައެވެ.ނައިޝާގެ ކުލާހު ކުދިން ލޯބިވެރިން ގެންގުޅޭ ވާހަކަ ނައިޝާ އަށް އަޑު އިވެއެވެ.އެކުވެރިއެއް ނުލިބިގެން އުޅޭ އިރު ލޯބިވެރިޔަކު ނުލިބޭނެކަން ނައިޝާ އަށް އިނގެއެވެ.ނައިޝާގެވެސް އުންމީދުތަކެއް ވިއެވެ.އެގޮތުން ރީތި ހަޔާތުގެ ބައިވެރިއަކު ލިބުމަކީ ނައިޝާގެ އުންމީދެކެވެ.ފޭސްބުކްއިން ދިމާވި ރަހުމަތްތެރިންވެސް ހަމަލޮލަށް ފެނުމުން ވާހަކަ ދެއްކުން ހުއްޓާލައެވެ.ކޮންމެ މީހަކުވެސް ނައިޝާ ކައިރި ބުނަނީ އެއްވާހަކައެކެވެ.”ހާދަ ފަލައޭ….ތިހާ ފަލަވާނެކަމަކަށް އުންމީދެއް ނުކުރަން…”މިހެނެވެ.”އައްޗީޑި…ހާދަ ފަލައޭ…އުދަނގުލެއް ނުވޭތަ؟…ބަތް ތެލި އިންގޮތަށްތަ ކަނީ؟…”މިއީ ނައިޝާ އަށް ކުރިމަތި ވެފައިވާ ބަހުގެ ހަމަލާތަކެވެ.

ސުކޫލް ނިމި ވަޒީފާއަކަށް ދާން ނައިޝާ ނިންމިއެވެ.އޭރުވެސް ނައިޝާއަށް މާލީގޮތުން އެއްވެސް ކަމަކަށް ދައްޗެއް ނުވެއެވެ.ރުފިޔާ ދީފައި ގަންނަން ޖެހޭ ކޮންމެ އެއްޗެއްވެސް ނައިޝާއަށް ލިބެއެވެ.އެހެންނަމަވެސް އަބަދު ގޭތެރޭގައި އިންނަންވުމުން ކަންކަމާ ވިސްނޭ ވަރުން، ވިސްނުމާ ދުރުވެލަން ކަމެއް ކުރުމުގެ ނިޔަތުގައި ނައިޝާ ފިހާރައަކަށް އެޕްލައި ކުރިއެވެ.ވަރަށް ގިނަ ތަންތަނަށް އިންޓަވިއުއަށް ގޮސްގެންވެސް ނަައިޝާ ބަލައިނުގަތީ ނައިޝާ ފަލަވީމައެވެ.އެހެންކަމުން ނައިޝާ ނިންމީ ބަރުދަން ލުއިކުރުމަށެވެ.

ކޮންމެ ދުވަހަކު ދެއިރު ނައިޝާ ދުވަން ދިޔައެވެ.110 ކިލޯގަ ހުރި ނައިޝާ 95ކިލޯއަށް އަށް ބަރުދަން ލުއިކުރިއެވެ.

އެއްދުވަހަކު އާދައިގެ މަތިން ހެނދުނު ދުވަން ނިކުތް ދުވަހެކެވެ.ނައިޝާ އޭރު ދިރިއުޅެމުން ދިޔައީ މާލޭގައި ކަމަށްވާތީ މާލެ ދުވާ ޓްރެކާ ދިމާލަށް ހަލުވި ހިނގުމުގައި ނައިޝާ ހިނގަމުން ދިޔައެވެ.ނައިޝާ މަގުމަތިން ދާއިރު އޭނާއަށް ބަލައިލާ ކޮންމެ މީހަކު ނައިޝާ އާއި ދިމާލަށް ބަލަނީ ނަފުރަތު ގެ ނަޒަރަކުންނެވެ.ނޫނީ މަލާމާތުގެ ނަޒަރަކުން ނެވެ.ނައިޝާ އާއި ދިމާލަށް ހިނިތުންވާނެ މީހަކު ނެތެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

މޮޅިވެރިކަންމަތީ ނައިޝާ ދިހަބުރު ދުވާ ޓްރެކް ތެރޭގައި ޖެހުމަށްފަހު ވަރުބަލިވުމުން ބެންޗުގައި އިށީނެވެ.ނަައިޝާ ގެނައި ފެންފުޅި ނަގާ ފެން ފޮދެއް ބޯލިއެވެ. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަކުއްލިއަކަށް ނައިޝާގެ ލޮލުގައި އަޅައިގަތީ ނައިޝާ އިން ބެންޗާ މާދުރުނޫން ބެންޗެއްގައި އިން ޒުވާނަކަށެވެ.އެޒުވާނާ ނައިޝާ އާއި ދިމާލަށް ހުއްޓުމެއްނެތި ދިޔައީ ބަލަމުންނެވެ.ފުރަތަމަ ނައިޝާ ހީކުރި އެޒުވާނާ ބަލަމުން ދިޔައީ އެހެން މީހަކަށް ކަމަށެވެ.އެކަމަކު އޭނާ ބަލަމުން ދިޔައީ ނައިޝާއަށް ކަން ޔަގީންވީ ނައިޝާ ކައިރިގައި އެވަގުތު އެއްވެސް މީހަކު ނެތުމުންނެވެ.

ފެންކޯވަރެއް ބޮއެ ނިމުމަށްފަހު ،ފެންފުޅި ގެ މަތި ނައިޝާ ޖަހާލިއެވެ.އަދި ކުޑަ ރެސްޓެއް ނަގާލާނަމޭ ހިތާ ނައިޝާ ބެންޗުގައި ހަމަޖެހިލިއެވެ.އެހެންއިންނަ އިރު ނައިޝާ ވަށްކަޅިން ދޭތެރެއަކުން އެޒުވާނާއަށް ބަލާލައެވެ.އޭރުވެސް އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ނައިޝާއަށެވެ.އެޒުވާނާ އެވަރަށް ބަލާތީ ނައިޝާ ލަދުގަންނަން ފެށިއެވެ.އިރުގަނޑަކު އެހެން އިނުމަށްފަހު ނައިޝާ އެޒުވާނާއަށް ބަލައިލި އެވެ.އެވަގުތު އޭނަ ނައިޝާ އަށް ހިނިތުން ވެލިއެވެ.

ނައިޝާގެ ލޮލަށް އެމަންޒަރު ގަބޫލު ކުރަން އުދަނގޫވިއެވެ.”އޭނަ ހަމަ އަސްލަށް ވެސް އެބަލަނީ އަހަންނަށް ތަ ނޫނީ އަހަންނަށް މި ފެންނަނީ ރަނގަޅަށްބާ؟”މިފަދަ އެތައް ސުވާލުތަކެއް ނައިޝާގެ ހިތަށް އަރަމުން ދިޔައެވެ.ކޮންމެއަކަސް އިރުކޮޅަކު ނައިޝާ ދުރު ބަލަން އިނދެފައި އަނެއްކާވެސް އެޒުވާނާއަށް ބަލައިލި އެވެ.އޭނާ އެ ބަލަނީ ނައިޝާއަށްތޯ ޔަގީންކުރުމުގެ ނިޔަތުގައެވެ.

މިފަހަރުވެސް ނައިޝާ ބަލައިލުމާއެކު އެޒުވާނާ ނައިޝާއަށް ހިނިތުން ވެލިއެވެ. ބޭއިޚްތިޔާރުގައި ނައިޝާއަށް ވެސް ހިނިތުންވެލެވުނެވެ.ނަައިޝާ ހިނިތުން ވެލުމާއެކު އެޒުވާނާ އިންތަނުން ތެދުވެ ނައިޝާ އާއި ދިމާލަށް މިސްރާބުޖެހިއެވެ.ނަައިޝާ އިނީ ހަދާނެގޮތްވެސް ނޭނގިފައެވެ.ތެދުވެގެން ދާން ބޭނުން ވިޔަސް ނައިޝާ އަކަށް ތެދެއް ނުވެވުނެވެ.ނަައިޝާއަށް ހީވީ ބެންޗު އޭނާ ތަތްކޮށްލާފަައި ވާހެނެވެ.

އެޒުވާނާ ނައިޝާއާއި އަރާ ހަމަވެލުމަށްފަހު ބެންޗުގައި އިށީނދެލުމަށް ނައިޝާ ގާތު އިޒުނަ ހޯދިއެވެ.ނައިޝާ ބުނާނެ އެއްޗެއް ނޭނގި ބޯޖަހާލެވުނެވެ.އޭނާ ނައިޝާ ކައިރި އިށީނދެލުމުން ނައިޝާގެ މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ.”މީ ސައިފް ތީ ކޮންކުއްޖެއް؟” ހިނިތުންވެ ހުރެ ސަލާމް ކުރަން އަތްދިއްކޮށްލަމުން އެޒުވާނާ ނައިޝާގާތު އެހިއެވެ.”މި..މި…މީ….ނަައި… ނައިޝާ”ސައިފް ގެ އަތުގައި ހިފާލަމުން، މުޅި މީހާ ތުރުތުރު އަޅާ ހާލު މަޑު މަޑުން ނައިޝާ ބުންޏެވެ.”ހާދަ ފިންޔޭ އަތް ހާދަ ބިރެއް ގަނެފަ އިންހެން ހީވޭ…”ސައިފް  ނައިޝާ އަށް ބުންޏެވެ.”ނޫން…ދެން ގޮސްލީ” އަވަސްއަވަހަށް ބެންޗުން ތެދުވެގެން ދަމުން ނައިޝާ ސައިފަށް ބުންޏެވެ.

ނައިޝާ ހިތުލައިގެން ހުރީ ކުޑަކޮށް ވާޅު ފިލުވައިލުމަށްފަހު އަނެއްކާ ޓުރެކުތެރޭގައި ތިން ވަރަކަށް ބުރު ޖަހާލާށެވެ.ނަމަވެސް މީހާ މާ ބޮޑަށް ފިނިވެފައި ހުރުމާއި، ސައިފް ދެކެ ގަނެފައިވާ ލަދުން، ނައިޝާ ހިނގައިގަތީ ގެއާ ދިމާލަށެވެ.ގެއަށް ދިޔަ މަގުމަތީގައިވެސް  އިރުކޮޅުކޮޅާ ފަހަތަށް އެނބުރި ސައިފް ހުރިތޯ ނައިޝާ އަށް ބަލައިލެވެއެވެ.

ގެއަށްވަދެ ފެންވަރައިގެން ނައިޝާ އެނދުމަތީގައި ޖައްސާލިއެވެ.ވެފަައިވާ ވަރުބަލިން ނައިޝާ ބޭނުންވީ ނިދާލާށެވެ.ނަމަވެސް ސައިފްގެ ޚިޔާލާއި ދުރަށް ނައިޝާ އަކަށް ނުދެވުނެވެ.ނިދޭތޯ ނައިޝާ ވަރަށް މަސައްކަތް ކުރިއެވެ.ލޯމަރާލިޔަސް ނައިޝާ އަށް ފެންނަނީ ސައިފް އެވެ.އޭނާގެ އެ ހިނިތުންވުމެވެ.

ސައިފްގެ ޚިޔާލުގައި ނުނިދިފަައި އޮއްވާ ނައިޝާ ސިއްސައިގެން ދިޔައީ ދޮންތަަ އައިސް ކޮޓަރި ދޮރުގައި ޓަކި ދިނީމަ އެވެ..”ނައި..ހިނގާ ސައިބޯން މިހާރު އެހެރަ ދިހައެއް ޖެހީ..ހަތެއް ޖެހި އިރު ދުވަންގޮސް އައިސް ކޮޓަރިން ނުނިކުންނާތީ ހަބަރު ބަލާލަން ދޮންތަ މިއައީ… ކިހިނެތްވީ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައަނެއްކާ ބަލީތަ؟”ނައިޝާގެ ދޮންތަ ސުވާލުކުރިއެވެ. “ނޫން ވަރުބަލިކަން ފިލުވާލުމަށް އޮތީ ހަމަ…އާނ..މިދަނީ” ކޮޓަރިން ނިކުންނަމުން ނައިޝާ ބުންޏެވެ.

“ރާއީ ހަވް އާރ ޔޫ؟”ސިޓިންރޫމަށް ނިކުމެ ނައިޝާ ދޮންތަގެ ދޮށީ ދަރިފުޅު،ފަސް އަހަރުގެ ރާއީ ކައިރި ނައިޝާ އަހާލިއެވެ.”ގުޑް” ރާއީ ނައިޝާ އަށް ޖަވާބުގައި ބުނެލި އެވެ. “ނައި އާދެ މޭޒަށް..” ސިޓިންރޫމުގެ މެދުގައި ހުންނަ ބިއްލޫރި ކަޅު މޭޒު ކައިރީ ހުރެ، ނައިޝާ އަށް ދޮންތަ އިޝާރާތް ކުރިއެވެ.  “ޝަރޫނާ! ނައިޝާ އަށް މޭޒުމައްޗަށް ކާން ތައްޔާރު ކޮށްލަބަލަ!”އެޕާޓުމަންޓުގެ ކަންތައްތައް ބަލަހައްޓަން ގެންގުޅޭ ބިދޭސީ މީހާ އަށް ނައިޝާގެ ދޮންތަ ބުނެލި އެވެ.

ނައިޝާ ކާން މޭޒުމަތީ އިންނަ އިރު ވެސް ވިސްނެނީ ސައިފް މަތިންނެވެ.ކުޑަ ގޮތެއް ހަނދާލުމަށްފަހު ނައިޝާ ދިޔައީ ކޮޓަރި އާއި ދިމާލަށެވެ.ނައިޝާ އިންތިޒާރު ކުރަނީ މާދަމާ ގެ އިރުއަރާނެ ވަގުތަކަށެވެ.ސަައިފް ދެކެން، ނައިޝާ ހުރީ އިންތިހާއަށް ބޭނުންވެފައެވެ.ނައިޝާ އުންމީދުކުރަނީ މާދަމާ ވެސް ސައިފާ ބައްދަލުވާނެކަމަށެވެ.

ފަތިސްވެ އިރު އެރުމުގެ ކުރިއަށް ނައިޝާ ދުވަންދާން ތައްޔާރު ވިއެވެ.އެހެންދުވަސްތަކާ ޚިލާފަށް މިއަދު ނައިޝާ ވަރަށް ބޮޑަށް ނަލަވެލިއެވެ.ތުންފަތުގައި ރަތްކުލަ ޖައްސާލައި މޫނުގައި ފުށް ވެސް ޖެހިއެވެ.އިރުއެރުމާއެކު ތެޅި ތެޅި އޮތް ހިތާއެކު ނައިޝާ މިސްރާބު ޖެހީ ދުވާ ޓުރެކާ ދިމާލަށެވެ.ކޮންމެ މީހަކަށް ވެސް މީހަކު ވާނޭ ދިޔަ މަގުމަތީ، ނައިޝާގެ ހިތަށް އަރަމުން ދިޔައެވެ.ސައިފަކީ ނައިޝާގެ މީހެކޭ ނައިޝާގެ ޟަމީރަށް ޤަބޫލުކުރެވެން ފެށިއެވެ.ނުކެރިފައި ހުއްޓާ ވަގުތު ބޭކާރު ވެދާނެ ފަދަ ހީތަށް ނައިޝާ އަށް ވާން ފެށިއެވެ.

ޓުރެކުގެ ދޮރުމައްޗަށް އެރުމާއެކު ނައިޝާ މުޅި ތަނަށް ވަށައިގެން ނަޒަރު ހިންގާލިއެވެ.އެވަގުތު ތަނުގެ ތެރޭގައި ދުވެ،ހިނގަމުންދިޔަ މީހުނާއި، ބެންޗުގައި ތިބި މީހުންގެތެރެއިން ނައިޝާ ހޯދަމުން ދިޔައީ ހަމަ އެންމެ މޫނެކެވެ.އެއީ ސައިފެވެ.ތިން ހަތަރު ވަރަކަށް ބަލާލުމަށްފަހު، ސައިފް ފެންނަން ނެތުމުން ނައިޝާ މާޔޫސްވިއެވެ.އިއްޔެ ސައިފާ ވާހަކަ ދެކެވުނު ނަމައޭ ނައިޝާގެ ހިތަށްއެރިއެވެ.ސައިފު އަނެއްކާ ނައިޝާ މަތިން ފޫހިވީބާވައޭވެސް ނައިޝާގެ ހިތަށް އަރަމުން ދިޔައެވެ.

އެކި ޙިޔާލުތަކުގައި ހުއްޓާ ފަހަތުން މީހަކު އައިސް ސިއްސުވާލިއެވެ.”މަ ތަ ތިހޯދަނީ މާ ވަރަކަށް؟” ފަހަތުން އައިސް ނައިޝާ ސިއްސުވައިލަމުން ސަައިފް ނައިޝާއަށް ބުނެލި އެވެ.ސަައިފް ފެނުމުން ވީ އުފަލެއްގެ ބޮޑުކަމުން ބޭއިޚްތިޔާރުގައި ސަައިފް ގެ ގައިގަ ނައިޝާއަށް ބައްދާލެވުނެވެ.ހަމަ އެ ސިކުންތު ކޮޅުގައި އޭނާ ގެ ގައިން ނައިޝާ ދޫކޮށްލިއެވެ. “ސޮރީ….ގަސްތަކު ނޫން ބައްދާލެވުނީ…ސޮރީ ވަރަށް ބޮޑަށް ސޮރީ”ލަދުގަނެ، ހާސްވެފައި ހުރެ ބާރު ހިނގުމުގައި ނައިޝާ ގޮސް ބެންޗުގައި އިށީނެވެ.ނައިޝާގެ ފަހަތުން ގޮސް ސައިފް ވެސް ނައިޝާ ކައިރީގައި އިށީނެވެ.”އިޓްސް އޯކޭ…އެއީ އެވަރު ކަމެއް ނޫން..”ހާސްވެ ހުރެ އަމިއްލަ ދެއަތަށް ފިތަމުން ދިޔަ ނައިޝާ ގެ ދެއަތުގައި ހިފާލަމުން ސައިފް ބުންޏެވެ.

“މިއަދުވެސް ހާދަ ފިންޔޭ އަތްތިލަ….ހީވަނީ ގަނޑުފެން ކޮޅެއް ހެން…”ހިނިތުންވެ ހުރެ ނައިޝާ އަށް ސައިފް ބުންޏެވެ. “އެހެންތަ” ލަދުވެތިކަމާއެކު ނައިޝާ ބުނެލި އެވެ. “ދައްކަބަ މޫނު ބަލައިލަން ހާދަ ރީއްޗޭ މިއަދު” ނައިޝާގެ މޫނުގައި ހިފާލައި އަނބުރާ ލަމުން ސައިފް ނައިޝާ އަށް ބުންޏެވެ. ނަައިޝާ އަށް އުފަލުން ގޮސް ހަދާނެ ގޮތް ހުސްވި ކަހަލައެވެ.މީހެއްގެ ފަރާތުން ތައުރީފު ލިބުން މިއީ ފުރަތަމަ ފަހަރެވެ. “ތޭންކްސް” ހިނިތުންވެ ހުރެ އިސްދަށަށް ޖަހާލަމުން، މަޑު މަޑުން ނައިޝާ ބުނެލި އެވެ.

ދެމީހުން އެކުގައި ވަރަށް ގިނައިރު ވާހަކަ ދައްކަން ތިއްބެވެ.ނަައިޝާވެސް ނެތް ހިތްވަރު ނެރެގެން ސައިފްގެ ކޮންމެ ސުވާލަކަށް ޖަވާބު ދެމުން ދިޔަައެވެ.ސަައިފް ނުފެނިދާނެ ކަމުގެ ބިރަށް ނައިޝާ ފުރުސަތުގެ ބޭނުން ކުރިއެވެ.ނަައިޝާ ގެޔަށް އެނބުރި އަައީ އޭނާގެ ފޯނު ނަމްބަރު ވެސް ހިއްސާ ކޮށްފައެވެ.

މިއަދު މިއީ ނައިޝާ އަށް ވަރަށް އުފާވެރި ދުވަހެކެވެ.ވާހަކަ ދައްކާލާނެ ރަހުމަތްތެރި އަކު ނައިޝާ އަށް ލިބުނީމަ އެވެ.ގެއަށް ވަތް އިރު ވެސް އެ މޫނުމަތިން ހިނިތުންވުން ނުކެނޑެއެވެ. ގެއަށްވަދެ އެއްޗެހި ބަދަލު ކޮށްލައިގެން ނަައިޝާ އިނީ ސަައިފްގެ ކޯލަކަށް އިންތިޒާރު ގައެވެ.ނަައިޝާގެ ނަންބަރު ސައިފް އަތުލިއިރު،ނައިޝާއަކަށް ސައިފްގެ ނަންބަރު ދޭން ބުނާކަށް ނުކެރުނެވެ.

ކޮޓަރިތެރޭގައި އިރު ކޮޅަކު އިނުމަށްފަހު ނައިޝާ ހެނދުނު ގެ ނާސްތާ ކުރަން ސިޓިންރޫމަށް ނިކުތެވެ. ނައިޝާ ނިކުތް އިރު ޝަރޫނާ ހުރީ ސުފުރާ ތައްޔާރު ކޮށްފައެވެ.ގޮނޑި ދަމާލުމަށްފަހު މޭޒުކައިރީގައި އިށީނދެލުމަށްފަހު، ތަށްޓައް ތިން ރޮށި ނައިޝާ ކޮށާލިއެވެ. “ހާދަ މޫޑު ރަނގަޅުހެން ހީވެޔޭ… ކިހިނެތްވީބާ؟” ހަމަހުގެ ތުއްތު ރަފާއަށް ކާންދޭން އިން ނައިޝާގެ ދޮންތަ ނައިޝާ އަށް ބުނެލި އެވެ. ” ނައީ!” ނައިޝާ ޖަވާބު ނުދިނުމުން ދޮންތަ ގޮވާލިއެވެ. “އޭ ކީކޭ؟” ޚިޔާލަށް ގެއްލިފައި އިން ނައިޝާ ސިއްސައިގެން ގޮސް ދޮންތަ ގާތު އެހިއެވެ. “ސާބަސް! ކޮން ޚިޔާލަކަށް ގެއްލިފަ؟… ދޮންތަ މިބުނީ މިއަދު ކިހިނެއް ވީ ދުވަހެއްހޭ؟ގެއަށް ވަނީއްސުރެ ތި މޫނުމަތިން ހިނިތުންވުން ނުކެނޑޭ….އެހެންޏާ ދޮންތަ ފެންނަން އިންނިއްޔާ ގޮވާލާނެ ވިއްޔާ، މިއަދު ނުވެސް ގޮވާލާ..”ނައިޝާ ގެ ދޮންތަ ބުންޏެވެ. ” ޚިޔާލެއްގައެއް ނޫން…އާނ އެއީ ދޮންތަ އިންތަން ނުފެނުނީ” ނައިޝާ ބުނެލި އެވެ. “ކަސްރަތު ކުރާކަށް ނުދަންތަ މިއަދު؟ އެހެންޔާ މުޅި މީހާ އަންނަ އިރު ހުންނާނީ ދަލުން ފޯވެފަ… އަނެއްކާ މާ ރީތިވެގެން ކޮންތާކަށްބާ ދިޔައީ؟” ސަކަ ގޮތަކަށް ނައިޝާ ގެ ދޮންތަ އެހިއެވެ. ” ހިހި…އާނ..މިއަދު ކަސްރަތަށް ގޮއްސަވެސް ފޫހި ވީމަ އައީ ގެޔަށް އިތުރު ތާކަށް ނުދަން…ކޮބާ ރާއީ ކޮއްކޮއާ ދޮންތަބެ؟” މައުޟޫއު ބަދަލުކޮށްލަން ނައިޝާ އެހިއެވެ. ” ރާއީ ކޮއްކޮ ރޭ ސްލީޕް އޯވޯރ އަކަށް ދޮންތަބެގެ މަންމަ ކައިރިއަށް ގޮއްސަވީ… ކިތަންމެ ދުވަހެއް ކިޔާތާ އެގެއަށް ދާން އެކަމް ސުކޫލު ދުވަސްތައް ވީމަ މަޑުކޮށްލީ ނުފޮނުވާ…މިއަދު ބަންދު ދުވަހެއް ވީމަ ފޮނުވީ.. އަނެއްކާ ގޭގަ އިންނަން ވީމަ ފޫހިވާނެއެއްނު، އަބަދު ޓެބްލެޓް ހިފައިގެން އިންނަނީ…އެގޭގަ އެއްވަރު ކުދިން އުޅެންޔަ މަޖާ ވާނެ އެއްނު…ހަވީރު ޑުރައިވަރ ފޮނުވާނީ ކޮއްކޮ ބަލާ…ދޮންތަބެ ވީ ހޮސްޕިޓަލުގަ…ވަރަށް ބުރަކޮށް އުޅެނީ މިދުވަސްކޮޅު.. ޑޮކްޓަރު ކަމަކީ ފަސޭހަކަމެއް ނޫންވިއްޔަ” ނައިޝާގެ ދޮންތަ ބުންޏެވެ.

“ކޯލަކަށް އިންތިޒާރުގަތަ؟”ނައިޝާ ސުފުރާމަތީ އިނދެ އިރު ކޮޅުކޮޅަށް ފޯނަށް ބަލާތީ ނައިޝާއަށް ދޮންތަ ބުނެލި އެވެ. ” އުހުނ..މި..ގަނޑިބަލާލަނީ…” ނައިޝާ ޖަވާބުގައި ބުނެލި އެވެ. ” ތި ބަހައްޓާ ޝަރޫނާ ދޮންނާނެ..” ކައި ނިމި، ކެއި ތަށި ދޮންނަން އުޅެން ފެށުމުން ދޮންތަ ނައިޝާ އަށް ބުނެލި އެވެ. ” މީ ދެން އެވަރު ކަމެއް ނޫން… ޝަރޫނާ އަށްވެސް ފަސޭހަވާނެއެއްނު…ދޮންތަވެސް ހަމަ ކޮއްކޮ މެންގެ ކަންތައްތައް ކުރާކަށް ޝަރޫނާއަކާ ނުޖައްސަވިއްޔަ” ނައިޝާ ބުނެލި އެވެ. ” އާނ… ދަރިންގެ ކަންތައްތައް ކުރަން އެހެންމީހުންނަށް ހަވާލު ކުރާ ހިތެއް ނުވޭ… ޝަރޫނާ ގޯސްވެގެނެއް ނޫން…ދޮންތަ ހަމަ ބޭނުން ނުވަނީ” ނައިޝާގެ ދޮންތަ ބުނެލި އެވެ.

“ވަރަށް ރަނގަޅު އޭނަ…ކައްކަންވެސް އެހާ މޮޅު…މިއަދު ކައްކާފަ ހުރި މަސްރިހަވެސް ވަރަށް މީރު” ކޮޓަރިއަށް ވަންނަމުން ނައިޝާ ދޮންތައަށް ބުންޏެވެ.

ކޮޓަރިއަށް ވަނުމަށްފަހު ނައިޝާ މިއަދުވީ ކަންތަކާއި ދޭތެރޭ ވިސްނާލިއެވެ.ސައިފް ނައިޝާގެ އަތުގައި ހިފި ގޮތާއި، ސައިފްގެ ތައުރީފު ގެ ބަސް ހަނދާން ވުމުން ނައިޝާ އަށް ހިނިތުންވެވުނެވެ.

އެނދުގެ ބާލީސް ރީތި ކޮށްލުމަށްފަހު ނައިޝާ އެނދުގައި އޮށޯތެވެ.ސައިފުގެ ޚަބަރަކަށް ނައިޝާ ދިޔައީ އިންތިޒާރު ކުރަމުންނެވެ.އެހެން އޮވެ މެސެޖް ބަޔާ ކޯލް ބައި ނައިޝާ ޗެކްކޮށްލައެވެ.މޭމަތީ ފޯނު ބާއްވައިގެން އޮތް ނައިޝާ އަވަހަށް ތެދުވީ ސޭވް ނުކުރާ ނަންބަރަކުން ފޯނަށް ގުޅަންފެށީމައެވެ.އަޑު ކުރަހާލުމަށްފަހު ނައިޝާ ފޯނަށް ޖަވާބު ދިނެވެ.ސައިފްގެ ކޯލެއް ކަމަށް ހީކޮށް ޖަވާބު ދިން ނައިޝާ މާޔޫސްވީ ގުޅީ ސައިފް ނޫންވީމައެވެ.އެކޮޅުން ވާހަކަ ދެއްކީ އަންހެނެކެވެ.ނައިޝާ ކުރިން ޖޮބަކަށް އެޕްލައި ކޮށްފައިވާ ފިހާރައަކުންނެވެ. އެ ފިހާރައިން ވަޒީފާ ބޭނުން ކަމުގައި ވާނަމަ އަލުން އިންޓަވިއުއަށް ކިޔަން ކަމަށް އެކޮޅުން ވާހަކަ ދެއްކި މީހާ ބުންޏެވެ.ނައިޝާ މިދުވަސްކޮޅު ބޭނުން ނުވާ ކަމަށްބުނެ ފޯނު ކަނޑާލި އެވެ.

ނައިޝާގެ ފޯނަށް މެސެޖެއް އަންނަ އިރަށް ސައިފްގެ މެސެޖެއް ކަމަށް ހީކޮށް ބަލައިލެވެއެވެ.ނަމަވެސް މެސެޖް ކުރަނީ އޫރިދޫ އިން ނުވަތަ އެކަހަލަ ކޮންމެވެސް ތަނަކުން ނެވެ.

އިރު އޮއްސުނު އިރުވެސް ސައިފް ގެ ޚަބަރެއް ނުވުމުން ނައިޝާ މާޔޫސްވިއެވެ.މާޔޫސްވެ ހުރެ ފާހަނައަށް ވަދެ، ނިކުތުމަށް ފަހު އެނދުގައި އިށީނދެލި ވަގުތު ނައިޝާގެ ފޯނަށް ކޯލެއް އައެވެ.ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ.ތެޅި ތެޅި އޮތް ހިތާއެކު ނައިޝާ އަވަހަށް ފޯނު ނެގި އެވެ. ” ހަލޯ” ފިރިހެންވަންތަ އަޑަކުން އެކޮޅުން ގޮވާލިއެވެ.އެއަޑު ކަންފަތުގައި ޖެހުމާއެކު ނައިޝާ އަށް އެއީ ސައިފް ކަން ޔަގީންވިއެވެ.

ސައިފްގެ އަޑު އަހާލެވުމުން ނައިޝާ ހުރީ އުފާވެފަ އެވެ.ވަރަށް ގިނަ ވާހަކަ ދެމީހުންވެސް ހިއްސާ ކުރުމަށްފަހު، ރޭގަނޑު އަށެއް ޖަހާއިރު ބައްދަލުކުރަން ދެމީހުން ނިންމިއެވެ.

 

 

84