ނޭނގޭހޭ ހާދަ ލޯބިވޭ… (4)
ގަޑިން 12 ޖެހި އިރު ޝާދިން ހުރިހާ މީޓިންއެއް ނިންމާފަ އޭނަގެ ބައްޕަގެ ގެއަށް ދާން ކާރަށް އެރިއެވެ. މާލެއަށް ދާންޖެހޭތީވެ ތަންކޮޅެއް ކުރިން ޝާދިން ދިޔައެވެ. ޑްރައިވަރު ކާރު ދުއްވަމުން ދިޔައިރު ޝާދިން އިނީ ފަހަތު ސީޓުގައި ލޯމަރާލައިގެން ކަމަކާ ވިސްނާށެވެ. ބައްޕަގެ ގެއަށް ގޮއްސިއްޔާ އަބަދުވެސް ކޮންމެވެސް ކަންތައްގަޑަކާ ލައިގަންނާނެއެވެ. އެގެއިން ނިކުމެ ވަކިން ޝާދިން އުޅެންފެށީވެސް މައްސަލަގަނޑުތެރޭ އުޅެން ބޭނުން ނުވާތީއެވެ. މިއަދު މަލްދާ އެވަރަށް ނުގުޅި ނަމަ އޭނަ އެގެއަކަށް ނުދާނެއެވެ. ވިއްސަކަށް މިނަޓުގެ ދުއްވުމަކަށްފަހު ކާރު ގޮސް މަޑުކުރީ ބޮޑު އިމާރާތެއްގެ ކުރިމައްޗަށެވެ. އިރުކޮޅެއްވަންދެން އެއިމާރާތަށް ބަލަން ހުރެފާ ޝާދިން ކާރުން ފޭބިއެވެ. އަދި ލަސް ހިނގުމެއްގައި ގޮސް ކޯޑުޖަހާ ގޭގެ ގޭޓު ހުޅުވާލިއެވެ. އަދި އެތެރެއަށްވަދެގެން ގޮސް ލިފްޓަށް އަރާ 8 ވަނަ ފަންގިފިލާއަށް ފިއްތާލިއެވެ. އަދިވެސް އެތަނުން ސަލާމަތް ވެވޭން އެބައޮތޭ ހިތަށް އަރަމުން ދިޔައެވެ. އެވަގުތު ލިފްޓްގެ ދޮރު ހުޅުވުނެވެ. ކުރިމަތީގައި ހެވިފައި މަލްދާ ހުއްޓެވެ.
” ވެލްކަމް ދޮންބޭ!!” މަލްދާ ޝާދިންގެ ގައިގާ ބައްދާލަމުން ބުނެލިއެވެ. އަދި ޝާދިންވެސް ހިލާފައި މަލްދާގައިގާ ބައްދާލިއެވެ.
” އާދެ އެތެރެއަށް.. ” މަލްދާ ޝާދިން އަތުގައި ހިފާ ގެއަށް ވެއްދިއެވެ. ސޯފާގައި އާމިރު އާއި އޭނަގެ އަންހެނުން ފާތިން އިނެވެ.
” ދަރިފުޅު ކިހިނެއް؟ ” ޝާދިން ފެނުމުން އާމިރު އެހިއެވެ.
” ރަނގަޅު.. ބައްޕަ ކިހިނެއް؟ އަދިވެސް ފައިގަ ރިއްސާތަ؟ ” ޝާދިން ވަކިން އިން ގޮނޑީގައި އިށީންނަމުން އެހިއެވެ.
” އަދިވެސް ރަނގަޅެއް ނުވޭ.. މިވިސްނަނީ ބޭރަށް ދާން ޑޮކްޓަރަށް ދައްކާލަން.. ” އާމިރު ކަކުލުގައި އަތްކާއްތަމުން ބުނެލިއެވެ.
” ލަސްނުކޮށް އަވަހަށް ދިޔައިއްޔާ ރަނގަޅުވާނީ..” ޝާދިންވެސް އެކަމާ އެއްބަސްވިއެވެ.
” މަލް ކޮން އިރަކުން އޮފީހަށް ނުކުންނަނީ.. ؟” ޝާދިން މަލްދާއާ ދިމާލަށް އެނބުރިފައި އެހިއެވެ.
” އަދި އިއްޔެނުން އެކުއްޖާ އެއައީ ކިޔަވާނިންމާލައިގެން.. އަދި ނުވޭނުން އޮފީހަށް ނުކުންނާކަށް.. އެހެންނޫނަސް އޭނަގެ ވެސް ތަނެއްނުންތީ.. އޭނަ ބޭނުން ދުވަހަކު ތިތަނަށް ދެވޭނެނުން.. ” މަލްދާ އެއްޗެކޭ ބުނުމުގެ ކުރިން ފާތިން ބުނެލިއެވެ. އެވަގުތު އާމިރު ނުރުހުމުގެ ނަޒަރަކުން ފާތިންއަށް ބަލައިލިއެވެ.
” މަންމާ… ދޮންބެ އަހާލީ ނުން… މަލް މިއަންނަ މަހުގަ ޖޮއިން ކުރާނަން އޮފީހަށް.. ” ޝާދިންއާއި ދިމާލަށް އެނބުރިލާފައި ހީލާފައި މަލްދާ ބުނެލިއެވެ. ޝާދިން ހުރީ އެސުވާލު ކުރެވުނު މޮޔައޭ ހިތަށް އަރާފައެވެ.
” ކާން ހެދިއްޖެކަންނޭނގެ.. ހިނގާ ކާން.. ” އާމިރު ތެދުވަމުން ބުނެލިއެވެ. އެންމެންވެސް އާމިރު ފަހަތުން ކާމޭޒު ކައިރިއަށް ދިޔައެވެ. ގޮނޑީގައި ހަމަޖެހިލަމުން ޝާދިން ފުންނޭވާއެއް ބޭރު ކޮށްލިއެވެ. މިއަދުގެ އެކެއުން އޭނަގެ އަރުތެރޭން ދާނެބާއޭ ހިތަށް އެރިއެވެ.
މެންދުރުގެ ކެއުން ނައިރާއާއި ޝަހުމާ ކެއީ ބޭރުންނެވެ. ހުޅުމާލޭގެ އެކިތަންތަން ބަލަމުން އެކި ފިހާރަތަކަށް ވަންނަމުން އެންމެ ފަހުން ބަނޑުހައިވެގެން ކާން ރެސްޓޯރަންޓަކަށް ވަނީއެވެ. ކައި ނިންމާލައިގެން ދެމީހުންވެސް ކޮފީ އަކަށް އޯޑަރ ކުރިއެވެ.
” ނާއި.. މިހާރު އަހަރުމެން ކިޔަވާވެސް ނިމުނީ.. ދެން ވަޒީފާއެއް ހޯދުންދޯ އޮތީ؟ އެބަ ވިސްނަންތަ ޖޮބަށް ދާން؟” ޝަހުމާ ކޮފީތަށި އައުމުން އޭތިގަ ހިފަހަށްޓާލައިގެން ހުރެ ވާހަކަ ދެއްކިއެވެ.
” ނޭނގެ ޖޮބަކަށް ދާނެ ކަމެއް.. ޝާހޫއަށް އިނގެއެއްނުން އަހަރެން އަބަދުވެސް ބްރައިޑަލް ބުޓީކެއް ހުޅުވަން ބޭނުންވާކަން.. މިވިސްނަނި ރަނގަޅު ޕްރޮޕޯސަލްއެއް ތައްޔާރުކޮށްގެން ލޯނަކަށް ވިޔަސް އެޕްލައި ކުރަން.. އަޑުއެހިން ބައެއް ބޮޑު ކުންފުނިތަކުންވެސް ކުދި ވިޔަފާރިތަކަށް ފަންޑުކުރާވާހަކަ.. ބައްޕަކައިރިން އަހާލާނަން.. އެމީހުން ހެލްޕްވެސް ކޮށްދެޔޯ ވިޔަފާރި ފަށައިދޭން.. ” ނައިރާ އޭނަ ވިސްނާފަ އޮތްގޮތް ކިޔައިދިނެވެ.
“ޔާ.. ތީ ރަނގަޅު ކަމެއް.. އަހަރެން ފުރަތަމަ ޖޮބަކަށް ގޮސް ތަންކޮޅެއް އެކްސްޕީރިއަންސް ލިބުނީމަ ދެން އަމިއްލައަށް މަސައްކަތް ކުރަންފަށާނީ.. ބައްޕަ އެބަހުރި ދެތިން ތަނެއް ބަލާފަ.. އޭގެން މިވިސްނަނީ މުތީ މޯލްޑްވްސް އަށް އެޕްލައި ކޮށްލަން.. އެމީހުން ކޮންސްޓްރަކްޝަން މަސައްކަތްވެސް ކުރޭ.. ފުދޭވަރަކަށް ބޮޑު ކުންފުންޏެއް އެއީ.. މުސާރަވެސް ބޮޑުވާނެ ކަންނޭނގެ.. ” ފަހު ޖުމްލަ ބުނެފާ ޝަހުމާ ހޭއންފެށިއެވެ. ނައިރާއަށްވެސް ހެވުނެވެ.
” ތިއުޅެނީ އެކްސްޕީރިއަންސް ހޯދާކަށްނުންދޯ.. ބޭންކް އެކައުންޓް ފުރުވަންދޯ؟ ” ނައިރާ ހެމުން ބުނެލިއެވެ. ޝަހުމާ އެއަށް އެއްބަސް ވުމުގެ ގޮތުން ދެތިންފަހަރު ބޯޖަހާލިއެވެ.
ނައިރާމެން ގެއަށް ދިޔުމުގެ ކުރިން ދެތިން ފިހާރައަށް ވަދެ ގެއަށް ބޭނުންވާ އެއްޗެހި ގަނެލިއެވެ. ރޭގަނޑަށް ކައްކާނެ އެއްޗެހިތަށް ނައިރާ ގަނެލިއެވެ. މިރޭ ބައްޕައަށް އޭނަގެ އަތުން ކައްކާފަދޭން ބޭނުންވިއެވެ.
މުބީންގެއަށް އައިރު ނައިރާ އަވަދިނެތި ބަދިގެ ތެރޭގައި އުޅެއެވެ. ކައިރީގައި އަތްގާތް ކޮށްދޭން މޭރީ ހުއްޓެވެ.
” ދަރިފުޅު ހާދަ ބުރަކޮށް؟ ކޯއްޗެއް ތިކައްކާ؟ ” މުބީން ބަދިގެތެރެއަށް ބޯދިއްކޮށްލާފައި ބުނެލިއެވެ.
” ބައްޕަ އައީތަ؟ ބައްޕަ އަށް ނާއިގެ ސްޕެޝަލް ޑިޝް އެއް މިކައްކާލަނީ..” ނައިރާ އެނބުރިލާފައި ބުނެލިއެވެ.
” ވަސްގަނޑު ވަރަށް ރަނގަޅު.. މީރުވާނެހެން ހީވަނީ..” މުބީން ހެވިލާފާ ބުނެލިއެވެ.
ކައްކާ ނިންމާލާފައި މޭރީ ގާތު ކާންހަދަން ބުނެފަ ނައިރާ ދިޔައީ ފެންވަރާލާށެވެ. ފެންވަރާލާ ރީތިވެލައިގެން ނައިރާ ކޮޓަރިން ނިކުތްއިރު މުބީން ޓީވީ ބަލަން އިނެވެ.
” ބައްޕަ ހިނގާ ކާން..” ނައިރާ ކާމޭޒާ ދިމާލަށް ހިނގައިގަންނަމުން ބުނެލިއެވެ. މުބީން ނައިރާގެ ފަހަތުން ކާމޭޒާ ދިމާލަށް ދިޔައެވެ. އަދި ގޮނޑީގައި އިށީންނަމުން މޭޒުމަތީގައި އަތުރާފާހުރި ކާއެއްޗިއްސަ ނަޒަރު ހިންގާލިއެވެ. ތަރުކާރީ ބަތާ، ހިކިކޮށް ކުކުޅު ހަދާފަ އާއި ތަރުކާރީ ސަޓަނި ހުއްޓެވެ. އަދި ވަކިން ފިހުނު ކުކުޅުވެސް ހުއްޓެވެ.
” ބައްޕަ ވަރަށް ބަނޑުހައިވެފަ މިހިރީ.. ވަރަށް މީރު ވާނެ ފާޑު ޖަހާ..”
” ބައްޕައަށް ކެވޭނެ ވަރަށް ކުޅިކޮށްފަ ހުންނާނީ.. ” ނައިރާ މުބީންގެ ތައްޓަށް ބަތް އަޅާދެމުން ބުނެލިއެވެ.
މުބީން މޭޒުމަތީގަ ހުރި ހުރިހާ އެއްޗަކުން ތައްޓަށް އެޅިއެވެ. އަދި ކާންފެށިއެވެ.
” ވަރަށް މީރު.. ދަރިފުޅު މިހާ މީރުކޮށް ކައްކާކަމެއް ބައްޕައަކަށް ނޭނގެ.. ” މުބީން ނައިރާއަށް ތައުރީފުކުރިއެވެ.
” އެކޮޅުގަ އުޅުނުއިރު ޝަހޫއާއި އެއްކޮށް ކައްކަން ވަރަށް ގިނައިން..” ނައިރާ ބުންޏެވެ.
” ދަރިފުޅު ދެން ކީއްކުރަން ތިވިސްނަނީ؟ ވަޒީފާއަކަށް ދާންތަ؟ ނޫނީ އަމިއްލަ މަސައްކަތެއް ފަށަންތަ؟ ” އިރުކޮޅަކު ހިމޭނުން އިނދެފަ މުބީން ވާހަކަ ދެއްކިއެވެ.
” ނާއި ބޭނުންވަނީ ބްރައިޑަލް ފިހާރައެއް ހުޅުވަން.. ނާއި ޑިޒައިން ކުރާ ހެދުންތައް ވިއްކަން.. މިހަފްތާތެރޭ މިއުޅެނީ ޕްރޮޕޯސަލްއެއް ތައްޔާރު ކުރަން.. މުތީ މޯލްޑިވްސް ކުންފުނިން އިންވެސްޓްކޮށްދޭ ކުދި ވިޔަފާރިތަކަށް.. އެތަނަށް އެޕްލައި ކުރަން މިވިސްނަނީ.. ޝަހޫވެސް އެބަ އުޅޭ އެތަނުން ޖޮބެއް ހޯދަން.. ” ނައިރާ އޭނަ ވިސްނާފައިން ގޮތް ބުނެދިނެވެ.
“އެހެންތަނަކުން ކީއްކުރަން ތިބަލަނީ.. ބައްޕަމެނަށްވެސް އިންވެސްޓް ކުރެވިދާނެއޭ.. ” މުބީން ނައިރާ ވާހަކަ ދައްކާ ނިމުމުން ބުނެލިއެވެ.
“ނޫން ބައްޕާ.. މިހާރުވެސް ބައްޕަމެން އާފިހާރައެއް ހުޅުވުމުގަ ތިއުޅެނީ.. ނާއިއަށް އިނގޭ އެއަށްވެސް ކިހާ ހަރަދެއް ބައްޕަމެން ކޮށްފިކަން.. އެހެންނޫނަސް މުތީ ކުންފުނިން ހުރިހާ ކަމަކަށް އެހީވެދޭނެ.. ބިސްނަސް ފަށައިދީ ބޭނުންވާ ކަންކަމުން ޓްރެއިންވެސް ކޮށްދޭ..” ޝަހުމާއެކީ މިއަދު މުތީ ކުންފުންޏާ ބެހޭ މައުލޫމާތު ނައިރާ ހޯދިއެވެ.
” ދަރިފުޅު ތިގޮތް ބޭނުމިއްޔާ ބައްޕައަށް އެންމެ ރަނގަޅު.. ” މުބީން ނައިރާގެ ނިންމުމަށް ފަހުރުވެރިވިއެވެ.
ނިދަން އޮށޯއޮތުމުގެ ކުރިން ނައިރާ ޕްރޮޕޯސަލް ހަދަން ބޭނުންވާ މެޓީރިއަލްސް އެއްކުރިއެވެ. އަދި އޭނަ ބޭނުންވާކަހަލަ ފިހާރައެއް ހުންނާނެ ގޮތުގެ ޑިޒައިންއެއް ޝަހުމާލައްވާ 3ޑީ ކޮށް ހަދަން ނިންމައިގެން ނިދަން އޮށޯއޮތެވެ.
ހަފްތާއެއްގެ ތެރޭ ނައިރާ އޭނަ ބޭނުންވާ ރިސަރޗްތައް ހަދާ ހިތްހަމަޖެހޭވަރުގެ ޕްރޮޕޯސަލްއެއް ތައްޔާރު ކުރިއެވެ. އަދި އެއަށް ބޭނުންވާ ހުރިހާ އިތުރު ޑޮކިއުމެންޓްސްތައްވެސް އެއްކުރިއެވެ. އަދި މުތީ މޯލްޑިވްސްއަށް އެމީހުންގެ ވެބްސައިޓް އިން އޮންލައިންކޮށް އެހުރިހާ އެއްޗެހިތަށް ހުށައެޅިއެވެ. ޝަހުމާވެސް ހަމަ އެދުވަހު އޭނަގެ ވަޒީފާއަށް އެޕްލައި ކުރިއެވެ.
“ވަރަށް ނާރވަސް އެބަވޭ.. އެމީހުން ރިޕްލައި ނުކޮށްފިއްޔާޔޯ؟؟ ނައިރާ ޝަހުމާއަށް ބަލައިލަމުން ބުނެލިއެވެ. ޝަހުމާ ހުރީ ނައިރާމެންގެއަށް އައިސްއެވެ.
” ދެން ހާސްނުވެބާ.. މަ މާބޮޑަށް ހާސްވޭއެބަ.. އެމީހުން އިންޓީރިއަރ ޑިޒައިނަރ އެއް ބޭނުންވާނެ ކަމެއްވެސް ނޭނގޭ.. ” ޝަހުމާވެސް ހުރީ ހާސްވެފައެވެ.
ދެދުވަސް ފަހުން ނައިރާއި ޝަހުމާގެ މެއިލްއަށް ޖަވާބު ލިބުނެވެ. ޖެހިގެން އޮތް ދުވަހު އޮފީހަށް އައުމަށް މެއިލްގާ އޮތެވެ. ނައިރާއި ޝަހުމާ ގުޅައިގެން އެކަކު އަނެކަކު ކައިރީ މެއިލް ލިބުނު ވާހަކަ ބުންޏެވެ. އަދި އެކީގައި މުތީ މޯލްޑިވްސްގެ އޮފީހަށް ދާން ނިންމިއެވެ. ޝަހުމާދާން ޖެހެނީ 9.30 އަށެވެ. ނައިރާ ދާންޖެހެނީ 10.30އަށެވެ.
ހެނދުނު 9 ޖެހިއިރު ޝަހުމާ ހުރީ ނައިރާމެން ގޭގައެވެ. ދެމީހުން ރީތިވެލައިގެން އެކީގައި ކާރަކަށް އަރައިގެން މުތީ މޯލްޑިވްސްގެ އޮފީހަށް ދިޔައެވެ. ކާރު ގޮސް އެބޮޑު އިމާރާތް ކުރިމައްޗަށް މަޑުކުރުމުން ދެމީހުންވެސް އޭގެން ފޭބިއެވެ. އަދި އާޝޯހުވެހުރެ އެއިމާރާތަށް ބަލަން ހުއްޓެވެ.
” ވާވްވްވް.. އަދި މިކަހަލަ ބިލްޑިންގެ މިރާއްޖެއަކުން ނުދެކެން.. ” ޝަހުމާ އަނގަހުޅުވިފަ އިރުކޮޅެއްވަންދެން ހުރެފަ ބުނެލިއެވެ. ނައިރާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. ދެމީހުން އެކުއެކީގައި އިމާރާތަށް ވަދެގެން ދިޔައެވެ. އެ 15 ބުރީގެ އިމާރާތުގެ އެތެރެއަށް ވަދެގެން ގޮސް ލިފްޓަށް އެރިއެވެ. އެބޮޑު ލިފްޓަށް ވަނުމުންވެސް އެއިމާރާތުގެ ހައިބަތު އިނގިގެން ދެއެވެ. ޝަހުމާ 8ވަނަ ފަންގިފިލާއަށް ފިއްތާލިއެވެ. އިރުކޮޅެއްނުވެ ލިފްޓްގެ ދޮރު ހުޅުވުނީ ބޮޑު ލޮބީއަކަށެވެ. ކާޕެޓް އަޅާފައި ހުރި އެލޯބީގެ އެއްފަރާތެއްގައި އަރާމު ގޮނޑިތަކެއް ހުއްޓެވެ. އަނެއްފަރާތުގައި ރިސެޕްޝަނެއް ހުއްޓެވެ. މޫނުގައި ފުރެންދެން މޭކަޕްކޮށްފައި ހުރި ލޫޅާފަތި ދެ އަންހެންކުދިން ކައުންޓަރުގައި އިނެވެ. ދޮރުހުޅުވާފައި ހުރި ދިމާލަކުން މުއައްޒަފުން މަސައްކަތްކުރާ ވޯރކްސްޓޭޝަންތައް ފެންނަން ހުއްޓެވެ. އިތުރު ކޮޓަރިތައްވެސް އެ ފަންގިފިލާގައި ހުއްޓެވެ. ދޮރުލައްޕާފައި ހުރުމުން އެއީ ކޮންތަންނެއްކަމެއް ނޭނގެއެވެ.
” 9.30ގަ އިން ޖޮބް އިންޓަރވިއު އަކަށް މިއައީ..” ކައުންޓަރު ކައިރީ މަޑުކޮށްލަމުން ޝަހުމާ ބުނެލިއެވެ. އެކުދިން ޝަހުމާއަށް ބަލއިލާފައި އެމީހުންގެ ނަޒަރު ނައިރާ އަށް ހުއްޓުނެވެ. ކުޑަ މޭކަޕެއް ކޮށްފައި ހުރި އިރުވެސް އޭނަގެ ރީތިކަން އެމީހުންގެ ލޮލުގައި އަޅައިގަނެ ހިތުގައި ކޮންމެވެސް ވަރެއްގެ ހަސަދަވެރިކަމެއް ވެރިވެގަތެވެ.
” ކޮންނަމެއް ކިޔަނީ؟ ” އެތަނުން އެއްކުއްޖަކު އެހިއެވެ.
” މަރިޔަމް ޝަހުމާ” ޝަހުމާ ޖަވާބު ދިނުމުން އެކުއްޖާ ނައިރާ އަށް ބަލައިލީ ނަން އެހުމުގެ ގޮތުންނެވެ.
“ނައިރާ މުބީން.. ޖޮބް އިންޓަރވިއުއަކަށް ނުން މިއައީ.. ބިސްނަސް ޕްރޮޕޯސަލް ހުށަހެޅީމަ އިންޓަރވިއުއަކަށް އަންނާށޭ ބުނީ.. 10.30ގަ އިނީ..” ނައިރާ އެކުއްޖާއާ ދިމާލަށް ބަލަން ހުރެ ބުނެލިއެވެ. އެކުއްޖާގެ މޫނު މަތިން ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ފެނުނުކަހަލައެވެ. ނައިރާ އެތާގަ ވަޒީފާ އަދާ ނުކުރާނެކަން އެނގުމުން ކަންނޭނގެއެވެ.
” ބިސްނަސް އިންޓަރވިއުސް އޮންނާނީ 9 ވަނަ ފްލޯގަ..” އެކުއްޖާ ހިނިތުންވެލަމުން ބުނެލިއެވެ.
“އެތާނގަ އިށީންނަންވީނުން.. ނަން ގޮވާލީމަ އެކޮޓަރިއަށް ވަދޭ.. ” އެކުއްޖާ ޝަހުމާއަށް އިށީންނަންވީތަން ދައްކާލަމުން ބުނެލިއެވެ. އޭރު ފަސްވަރަކަށް މީހުން އެގޮނޑިބަރީގައި ތިއްބެވެ. ޝުކުރު އަދާ ކޮށްފައި ދެމީހުންގޮސް ގޮނޑީގައި އިށީންނެވެ. މާގިނައިރެއްނުވެ ޝަހުމާގެ ނަން ގޮވިއެވެ.
” ގުޑް ލަކް..” ނައިރާ ޝަހުމާ ގައިގާ ބައްދާލަމުން ބުނެލިއެވެ. ހިތްނުތަނަވަސްވެ ހުރެ ޝަހުމާ ކޮޓަރިއަށް ވަނެވެ.
ޝަހުމާ އިންޓަރވިއަށް ވަނުމުން ނައިރާ ފޫހިވެގެން އެކިތަންތަން ބަލަމުމްދިޔައެވެ. ލިފްޓް އިން ފާރުގައި ހަރުކޮށްފައި ހުރި ޑިޕާރޓްމަންޓްތައް ވަކިވާނެހެން ޖަހާފައި ހުރި ބޯޑުކިޔަންފެށިއެވެ. އެއްވަނަ ފަންގިފިލައިންފެށިގެން ފަނަރަވަނަ ފަންގިފިލާ އަކީ ކޮންކޮންތަންތަނެއްކަން އޭގެން އެނގެން ހުއްޓެވެ. އަދި އޭނަ އެވަގުތު ހުރި 8ވަނަ ފަންގިފިލާއަކީ “އެޑްމިނިސްޓްރޭޓިވް ޑިޕާރޓްމެންޓް” ކަން ތަންކޮޅެއް ބޮޑުކޮށް ލިޔެފަ އިނެވެ. ނައިރާ ޝައުގުވެރިވީ ފަނަރަވަނަ ފަންގިފިލާ ބަލާލަން ދިއުމަށެވެ. “ގްރީން ހައުސް” ޖަހާފަ އިނުމުން އެތަން ބަލާލަން ދާން ބޭނުންވިއެވެ. އަދި އަވަހަށް ލިފްޓަ އަރާ 15ވަނަ ފަންގިފިލާއަށް ފިއްތާލިއެވެ. އިރުކޮޅަކުން ލިފްޓުގެ ދޮރު ހުޅުވުނެވެ. ނައިރާ މަޑުމަޑުން އޭގެން ނުކުމެ ކުރިމަތީގައި ހުރި ބިއްލޫރި ދޮރު ހުޅުވާލިއެވެ. އެތަން ފެނުމުން ނައިރާ ދެލޯބޮޑުވެންދިޔައެވެ. އެއީ ބޮޑު ޓެރަސްއެކެެވެ. ހުސްކޮށް ބައެއް ހުރެފާ އެއްފަރާތެއްގައި ބިއްލޫރިން ކުޑަ ގެއެއްގޮތަށް ހަދާފައި ހުރިތަނެއް ހުއްޓެވެ. އެގޭ ތެރޭ އެކިވައްތަރުގެ ގަސްތަށް ހައްދާފައި ހުއްޓެވެ. ނައިރާ އެތަނަން ވަންނަން ބޭނުންވިއެވެ. މަޑުމަޑުން ހިނގާފައި ގޮސް އެތެރެއަށް ވަންނަން އުޅުނު ވަގުތު ގަސްތަކު ތެރެއިން މީހެއް ރުޅިއައިސްގެން ވާހަކަ ދައްކާ އަޑު އިވުނެވެ. ނައިރާ އެމީހަކު ފެނޭތޯ ކުޑަކޮށް ކޮރާލާފައި ބަލައިލިއެވެ. ކައިރީގައި އިތުރު މީހަކުވެސް ހުއްޓެވެ.
” އަހަރެން މީ ކާކުކަން ނޭނގިގެންތަ މިއޮފީސްތެރޭ ތިވައްތަރު ތިޖެއްސީ.. ދެން މިތަނަށް އައިސިއްޔާ ކަލޭގެ ދުވަސް ދުއްވާލާނަން.. ” އެމީހާގެ އަޑު އިތުރަށް ގަދަވެގެން ދިޔައެވެ. ކައިރީގަ ހުރި މީހާގެ އަނގަ ކައިރީ ލޭހުރިތަން ނައިރާ އަށް ފެނުނެވެ. ނައިރާގެ ދެލޯބޮޑުވިއެވެ. އަދި ހިތުގައި ބިރުވެރިކަމެއް އުފެދިގެން ދިޔައެވެ. ހާދަ ރަހުމް ކުޑަ މީހެކޭ އެއީ ނައިރާގެ ހިތަށް އެރިއެވެ.
” ބީސްޓް..” ނައިރާ މަޑުމަޑުން ބުނެލިއެވެ. އަދި އަވަހަށް އެތަނުން ދިއުމަށް ހިނގައިގަންތަނާ އެމީހާގެ އަޑު ނައިރާގެ ފަހަތުން އައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
