Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
characters of the story
ލޯބި

ނޭނގޭހެ ހާދަ ލޯބިވޭ… (3)

MAYA Level 1
June 13, 2021 5 Mins Read
1 Comment

އެންމެ ފަހު ދުވަހު ކުދިންތައް ސޮއިކޮށް ހެޔޮދުވަޔާ ނަސޭހަތް ލިޔެފަ އޮތް ފޮތް ނައިރާ ނަގާ ހުޅުވާލިއެވެ. އަދި ވަކި ވަކިން ފަހަރަކު ގަނޑެއްގައި ލިޔެފައި ހުރި އެއްޗެހި ހިނިތުންވެ ހުރެ ކިޔަމުން ދިޔައެވެ. ކުއްލިއަކަށް ނައިރާގެ ލޮލުގައި އަޅައިގަތީ މީގެ ކުރިން އޭނަ ނުކިޔާ ލިޔުން ކޮޅެކެވެ.

” ލޯބިވާ ނާއި.. ތީ އަހަރެން އެންމެ ލޯބިވާ ކުއްޖާ.. ނާއި ނުލިބިއްޖިއްޔާ އަހަރެން ދުނިޔޭގަވެސް ނުހުންނާނަން.. ނާއި ހޯދަން އަހަރެން މުޅި   ދުނިޔެއާ ހަނގުރާމަ ކުރާނަން.. ތީ އަހަރެންގެ މީހެއް، ހަމައެކަނި އަހަރެންގެ މީހެއް.. ”

ލިޔުން ކޮޅު ކިޔާ ނިމުމުން ނައިރާގެ ގައިން ހީބި ނަގައިގެން ދިޔައެވެ. މީގެ ފަސް އަހަރު ކުރިން އެފޮތުގައި އެލިޔުންކޮޅު ލިޔުނީ ކާކުބާއޭ ނައިރާ ހަނދާން ކުރަމުން ދިޔައެވެ. އެފޮތުގައި ލިޔަން ނައިރާ ދިނީ އެންމެ ގާތް ރަހްމަތްތެރިން އަތަށް އެކަންޏެވެ. އެލިޔުންކޮޅު ލިޔުނު މީހާ އޭނަޔާ ބައްދަލުވެސް ކޮށްފަ ލޯބިވެސް ހުށަހަޅާފައެއްވެސް ނުވެއެވެ. ދެން އެއީ ކާކުބާ؟ ނައިރާގެ ސިކުނޑީގައި އެކި ގޮތްގޮތަށް އެސުވާލު ކުރެވެމުން ދިޔައެވެ. މާދަމާ ޝަހުމާއާއި އެވާހަކަ ހިއްސާކުރަން ނިންމައިގެން އަވަހަށް ފެންވަރާލަން ފާހާނަޔަށް ވަނެވެ.

ފެންވަރާލައިގެން ފާހާނައިން ނުކުތް ޝާދިން ހުރީ ވަރަށް ވަރުބަލިވެފައެވެ. އެގަޑީގައި ކާހިތްވެސް ނެތުމުން އެނދުގައި ހަމަ ޖެހިލާ ލޯމަރާލިއެވެ. އެވަގުތު އޭނަގެ ލޮލު ކުރިމަތީގައި ސިފަވެގެން ދިޔައީ ނައިރާއެވެ. އެމައުސޫމް ކަމާ ހިތް ދަމައިގަންނަ ހިނިތުން ވުން ހަނދާން ވުމުން ޝާދިންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ކިތަންމެ ބޭނުންވިޔަސް ނުވާނެ ކަމެއްކަން އިނގޭހާލުގައި ޝާދިން ނައިރާގެ ހިޔާލުތަށް ކުރަމުން ދިޔައެވެ.

******

ދަންވަރުގެ ފިނިވަގުތެވެ. އެނދުގައި ނިދާފައި އޮތް ޝާދިންގެ މޫނު މަތިން ހާސްކަމެއް ފެންނަން އޮތެވެ. ދެފަރާތަށް ބޯހޫރުވަމުން އެފެންނަމުން ދިޔަ ހުވަފެނުން ހޭލަން ބޭނުން ވެގެން މަސައްކަތް ކުރަމުންދާ ކަހަލައެވެ. ދެއަތުން އެނދުގައި އަޅާފައި އޮތް ފޮތިގަނޑު ބޮނޑިކޮށްލަމުން ބާރު ހަޅޭކަކާ އެކު ޝާދިން ލޯހުޅުވާލިއެވެ. މީހާ ހުރީ މާނޭވާ ލެވިލެވިއެވެ. ހީވަނީ ބޮޑު ހަނގުރާމައެއް ކޮށްގެން އައި މީހެންހެންނެވެ. އެފިނި ވަގުތުގައުވެސް އޭނާ އޮތީ ދާހިއްލާ ފޯވެފައެވެ. އެނދުން ބުރަކަށި ހިއްލާލާފައި އެނދު ކައިރީ ހުރި ކުޑަ މޭޒުމަތީ އޮތް އޭނަގެ ފޯނު ނަގާ ގަޑި ބަލާލިއެވެ.  އޭރު ގަޑިން ދެގަޑި ބައިވީއެވެ. އިތުރަށް ނުނިދޭނެކަން އިނގޭތީވެ ފާހާނަޔަށް ވަދެ ވުޟޫކޮށްލައިގެން އައިސް ދަމު ނަމާދު ކޮށްލިއެވެ. ފަތިސް ނަމާދަށް ބަންގި ގޮވަން ވަގުތު އޮތުމުން ޝާދިން ދިޔައީ ޓްރެޑްމިލް އަށް އަރާ ދުވެލާށެވެ. މިއީ ކޮންމެ ރެއެއްވެސް އޭނަ ހޭދަ ކުރާގޮތެވެ. ނިދެނީ ކުޑަ ވަގުތުކޮޅަކަށެވެ. އަބަދުވެސް ފެންނަ އެއް ހުވަފެނެއް އޭނައަށް އުނދަގޫ ކުރެއެވެ. ބައެއް ރޭރޭ އެހުވަފެން ފެނިދާނެކަމަށް ނުނިދާވެސްހުރެއެވެ.

ފަތިސްނަމާދުގެ ބަންގީގެ އަޑާއެކު ނައިރާ ލޯހުޅުވާލިއެވެ. އޮސްޓްރޭލިއާގައި ނައިރާމެން އުޅޭ ހިސާބުގެ މިސްކިތެއް ނުހުންނާތީވެ ބަންގީގެ އަޑެއް ނީވެއެވެ. އެއަޑަކީ ކޮންފަދަ ހިތްހަމަ ޖެހޭ އަޑެއްބާއޭ ނައިރާގެ ހިތަށް އެރިއެވެ. އަވަހަށް ތެދުވެ ފެންވަރާލާ ވުޟޫކޮށްލައިގެން ފާހާނައިން ނުކުތެވެ. އަދި ފަތިސް ނަމާދު ކޮށްލައިގެން ބައްޕަ އަށް ގޮވަން ނުކުން އިރު މުބީން ގެއަށް ވަންނަނީއެވެ.

” ދަރިފުޅު ހާދަ ހެނދުނަކާ ހޭލާ ތިއުޅެނީ..؟ ” ނައިރާ ފެނުމުން މުބީން ބުނެލިއެވެ.

” ބަންގި ގޮވި އަޑަށް ހޭލެވުނީމަ ނަމާދުކޮށްލަން ތެދުވީ.. ” ނައިރާ ހީލަމުން ބުނެލިއެވެ.

” މާޝާﷲ ! ބައްޕަ ވަރަށް އުފާވެއްޖެ.. ދަރިފުޅު ވަރުބަލިވެފަ ހުރެދާނެތީވެ ބައްޕަ ނުގޮވާވެސް މިދިޔައީ.. އެކަމު ދަރިފުޅު އަމިއްލަޔަށް ހޭލީމާ ބައްޕަ ވަރަށް އުފާވެއްޖެ.. ” މުބީން އުފަލުން އޭނަގެ ދަރިފުޅުގެ ގައިގާ ބައްދާލަމުން ބުނެލިއެވެ.

ގަޑިން ހަތެއްޖެހިތަނާ ނައިރާމެން ތިބީ ޝަހުމާމެންގޭގައެވެ.  އޭރު އަދި ޝަހުމާ ނުހޭލައެވެ. ނައިރާ އަވަސް ކޮށްލާފަ ޝަހުމާގެ ކޮޓަރިއަށް ވަދެ އޭނަގެ އެނދުމަށްޗަށް ބާރަށް ވެއްޓިގަތެވެ. އެވަގުތު އަރާމު ނިންޖެއްގައި އޮތް ޝަހުމާ ބިންހެލުމެއް އައީހެއްޔޭ ކިޔާ ހަޅޭއްލަވައިގަނެފާ އެނދުން ތެވިއެވެ. މިމަންޒަރު ފެނި ނައިރާ ބާރަށް ހޭންފެށި އަޑަށް ޝަހުމާ އެނދުމަތީގަ އޮތް ބާލިސް ނަގާ ނައިރާއާ ދިމާލަށް އެއްލާލިއެވެ.

” ބޮޑު ކަމެއް ނާއި… މަ ބިރުން ހަލާކުނުވީ ކިރިޔާ…” ޝަހުމާ އަނެއްކާވެސް އެނދުގާ އޮށޯންނަމުން ވާހަކަ ދެއްކިއެވެ.

” ސާބަސް ޝަހޫ އަށް.. ތީ ފަތިހު ހޭލާނަމޭ ބުނި މީހާ.. އަދިވެސް ސޮނި ބާލުވައިގެން ނިދަން ތިއޮތީ.. ދޭބަ ދެންވެސް މޫނުދޮވެގެން ސައިބޯން އަންނަން.. މަމިހިރީ ވަރަށް ހާންތިވެފަ.. ” ޝަހުމާ އަނެއްކާވެސް ނިދަން އުޅޭހެން ހީވުމުން ނައިރާ އޭނަ ނަގާ ތެދުކުރުމުން ބުނެލިއެވެ.

” އޭ އަދި އެބައޮތް އެއްޗެއް ދައްކަންވެފަ.. ފާހާނައިން ނުކުތީމަ ދައްކާނަން.. ” ނައިރާ އައީ އެގޮތްނޭނގޭ ލިޔުންކޮޅު އޮތް ފޮތް ވެސް ހިފައިގެންނެވެ. އޭގެ ހަގީގަތް ހޯދަންވެސް އޭނަ ހުރީ ބޭނުންވެފައެވެ.

ޝަހުމާ ފާހާނައިން ނުކުތްތަނާ އޭނަގެ މަންމަ ކާން އައުމަށް ގޮވިއެވެ. އެވަގުތު ދައްކަން އުޅުނު ފޮތްވެސް ނައިރާ ނުދައްކާ ކާންވެގެން ދިޔައެވެ.

ހެނދުނުގެ ސައި ހުރީ ވަރަށް ފުރިހަމައަށް ހަދާފައެވެ. ނައިރާ އެންމެ ކާހިތްވާ ހުރިހާ އެއްޗެއް ނާޒިމާ ހުރީ ތައްޔާރުކޮށްފައެވެ.

” ދައްތަ ވަރަށް މީރު ކާއެއްޗެހި.. ނާއި ވަރަށް މިސްވެފަ ހުރީ ދައްތަ ކައްކާ އެއްޗެހި މަތިން…  ” ކާ އެއްޗިއްސަ ތައުރީފް ކުރަމުން ނައިރާ ބުނެލިއެވެ.

” ދެން ކޮންމެ ދުވަހަކު ނާއި އަށް ލިބޭނެ ދައްތަ ކައްކާ އެއްޗެހި.. ” ނާޒިމާ ހެވިލާފަ ބުނެލިއެވެ.

އެންމެން ކައި ނިމިގެން އެތަނުން ތެދުވިއެވެ. މުބީންއާއި ޒާހިރު އޮފީހަށް ދިޔުމަށް ނުކުތެވެ. ނައިރާއި ޝަހުމާ އެކީ ޝަހުމާގެ ކޮޓަރިއަށް ގޮސް ވަނެވެ.

” ކޮބާތަ ތި ދައްކަން އުޅުނު އެތި.. ” ކެންމަދުވެފަ ހުރި މީހެއްހެން ޝަހުމާ ބުނެލިއެވެ. ނައިރާ އޭނަގެ ދަބަހުން އެފޮތް ނެގިއެވެ.

” ހަނދާން އެބަ ހުރިތަ މިފޮތް މަތިން.. ” ނައިރާ ފޮތް ދައްކާލަމުން އެހިއެވެ.

“ތީ ނައިރާގެ ނޯޓް ފޮތްދޯ…  އެންމެން ސްކޫލްގެ ފަހުދުވަހު ތީގަ ސޮއިވެސް ކުރިއެއްނުން.. ” ޝަހުމާ ހަނދާން ކޮށްލަމުން ބުނެލިއެވެ.

” އާނނ.. މިފޮތުގައި ހަމަ އެކަނި ސޮއި ކުރަން ދިނީ އެންމެ ކުލޯޒް ފްރެންޑްސުން އަތަކަށް ނުން.. މީގަ ލިޔަފަ ހުރި ހުރިހާ އެއްޗެއް މަ އެދުވަހު ކީ ހަނދާން އެބަހުރި.. އެކަމު މި އެއް އޭރަކު ހަމަ ގައިމުވެސް ނެތް… ” ނައިރާ އޭނަ އަށް ފެނުނު ގޮތްނޭނގޭ ލިޔުންކޮޅު ޝަހުމާ އަށް ދައްކާލަމުން ބުނެލިއެވެ.

ޝައުގުވެރިކަމާ އެކީ ޝަހުމާ އެ ލިޔުންކޮޅު ކިޔާލިއެވެ. ކިޔަމުން ދިޔަ ވަރަކަށް އޭނަގެ ލޯ ބޮޑުވަމުން ދިޔައެވެ.

” އޯ މައި ގޯޑް! އިޓްސް ސޯ ކްރީޕީ… ” ޝަހުމާ މޭގާ އަތް އަޅާލަމުން ބުނެލިއެވެ.

” ޔާ!! މަށަށްވެސް ތިހެން ހަމަ ވީ.. ކާކު ކޮން އިރަކު ލިޔުނު އެއްޗެއް ކަމެއްވެސް ނޭނގޭ.. ” ނައިރާ ހުރީ ކުޑަކޮށް ހާސްވެފައެވެ.

” ދެން ތީ އެކަމު މީގެ ފަސް އަހަރު ކުރީގެ ކަމެއްހެން ހީވަނީ.. އެމީހާ ނާއި ވީތަނެއް ނޭނގިގެން މޫވް އޮން ކުރީ ކަމަށްވެސް ވެދާނެ.. ތިހާ ލޯބިވާ މީހެއްނަމަ ނާއި އާ މީޓްކޮށް ލޯބިވެސް ހުށައަޅާނެތާ.. ތީވެދާނެ އޭރުގެ ކޮންމެވެސް ކުލާސް މޭޓެއް ޖެއްސުމަށް ކުރި ކަމެއް ކަމަށްވެސް.. ދެން ތިޔާ ދޭތެރޭ ވިސްނާފަ ބޯނުގޮށްވާތި ”

ނައިރާ ހަމަޖައްސާލަން ޝަހުމާ ބުނެލިއެވެ. ސްކޫލް ދުވަސްވަރު ނައިރާގެ ފަހަތުން ލައްކަ ފިރިހެން ކުދިންނެއް އުޅުނެވެ. ނާއި ބުނާ ގޮތުގާ އޭނަ ރަށްޓެހިވާނީ އިންނަންބޭނުވާ މީހާ އާއެވެ. އެމީހަކު އަދި އަދައްވެސް އޭނައަކަށް ނުފެނެއެވެ. އެކަމާ ޝަހުމާ ވަރަށް ދިމާ ކުރެއެވެ. ކިތަންމެ ރަނގަޅު މުއްސަދި ކުދިންވެސް ނައިރާއަށް ލޯބި ހުށައަޅާފައިވެއެވެ. އެ އެންމެންގެ ވެސް ކޮންމެވެސް މައްސަލައެއް އުޅެއޭ ކިޔާފަ އެކަމުން ރެކި ގަނެއެވެ.

******

ހެނދުނު ގަޑިން 8 ޖެހިއިރު ޝާދިން ހުރީ އޮފީހުގައެވެ. އަތް ދިގު މަޑު ނޫ ކުލައިގެ ގަމީހަކާ ގަދަ ނޫ ކުލައިގެ ފަޓުލޫނެއް ލާފައި، އަދި މުށި ކުލައިގެ ކޮޅަށް ހިމަ އޮފީސް ބޫޓުގައި ހުރި އިރު ޝާދިން ވަރަށް ސްމާރޓެވެ.

އިސްކޮޅުން ދިގުވެފައި ހަށިގަނޑު ވަރުގަދަކޮށް ހުރުމުން އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. މޫނުގައި ހުރި ލަކުނުތައް ނެތް ނަމަ ޝާދިން އަކީ އަންހެން ކުދިންގެ ހިތްތައް ކަތިލާނެ މީހެއްކަން ހަމަ ޔަގީނެވެ. މިހާރުވެސް އޭނައަށް އަންހެންކުދިން ލޯބި ހުށަހަޅާވަރު މަދެއް ނޫނެވެ.

އަވަސް ހިނގުމެއްގައި އޮފީހަށް ވަނެވެ. އެވަގުތު އޮފީހުގެ ސްޓާރފުން އެލާޓަށް އައެވެ. އެންމެން އެމީހުންގެ ކޮނޑިތަކުގައި ހަމަ ޖެހިލިއެވެ. އަދި ޝާދިން ފެނުމުން ހެނދުނުގެ ސަލާމް ގޮވާލިއެވެ. ޖަވާބު ދެމުން ޝާދިން އޭނަގެ ކެބިންއަށްވަނެވެ. ބޮޑު އެކެބިންގެ އެއްފަރާތެއްގައި އެގްޒެކެޓިވް މޭޒެއް ހުރި އިރު ކުރި މަށްޗަށް ވާގޮތަށް ސޯފާއެއް ހުއްޓެވެ. ކެބިންއަށް ވަންނައިރު މޫނުޖެހޭ ފާރުވަނީ އެއްކޮށް ބިއްލޫރިޖަހާފައެވެ. ނުވަ ވަނަ ފަންގިފިލާ ކަމުން ބޭރުން ފެންނަ މަންޒަރު ވަރަށް ހިތްގައިމެވެ. އަޅިކުލައާއި ވަކަރު ބޭނުން ކޮށްގެން ޑިޒައިން ކުރެވިފައިވާ އެކެބިން ވަރަށްވެސް ފުރިހަމައެވެ.

އެއީ މާލޭގެ ނަން މައްޝޫރު ކުންފުންޏެކެވެ. މުތީ މޯލްޑްވްސް ޕވޓ. ލޓޑ. އަކީ އަލީ އާމިރް ގެ ބުރަ މަސައްކަތުން ކޮޅަށް ޖަހާފައިވާ ވިޔަފާރިއެކެވެ. އެ ކުންފުންޏަކީ އެކި ކަހަލަ ކުދި އަދި ބޮޑު ވިޔަފާރިތަށް ކުރާ ކުންފުންޏެކެވެ. ކުދި ވިޔަފާރިތަށް ފެށުމަށް ފަންޑުކޮށްދިނުމާ ވިޔަފާރިތަށް ގެންދަންވީގޮތް އެމީހުންގެ ބެލުމުގެ ދަށުން ދެއެވެ. ބަނގުރޫޓު ވަމުންދާ ކުންފުނިތަކުގެ ހިއްސާ ގަނެ އެކުންފުނިތަކުން މަންފާނެރެއެވެ. ރިއަލް އެސްޓޭޓް މަސައްކަތުން ފެށިގެން ގޮސް ކޮންސްޓްރަކްޝަން މަސައްކަތްވެސް ކުރެއެވެ. މިހާރު އަލީ އާމިރު ވަނީ އޭނަގެ އެންމެ ބޮޑު ދަރި ޝާދިން އާމިރުއާއި އޭނަގެ ވިޔަފާރި ހަވާލު ކޮށްފައެވެ.

ގޮނޑީގައި ހަމަޖެހިލަމުން ޝާދިން މޭޒުމަތީގައި ހުރި ކަރުދާސްތައް ބަލަމުން ދިޔައެވެ. ހަފްތާއެއްވަންދެން އޮފީހަށް ނުނިކުމެ ހުރުމުން މަސައްކަތް ހުރީ ފުނިޖެހިފައެވެ. މޭޒުމަތީގައި ހުރި ކަރުދާސްތަކަށް ގެއްލިފައި ހުރި ޝާދިން އިސް އުފުލާ ބަލައިލީ އޭނަގެ އެސިސްޓަންޓް ނުހާ އައިން ވަނުމުންނެވެ. މާދިގުނުން ލޫޅާފަތި އެއަންހެން ކުއްޖާ ޝާދިންގެ އެސިސްޓަންޓަކަށް އުޅޭތާ ފަސްއަހަރުވީއެވެ.

” ސާރ.. މިއަދުގެ ޝެޑިއުލް ހުރިގޮތް މިކިޔާލަދެނީ.. 10 ޖަހާއިރަށް ފޮރިން މިނިސްޓްރީ އަށް ދާންޖެހޭ، 11 ޖަހާއިރު އޭއައި ކޮންސްޓްރަކްޝަންގެ ބޮޑު މީހާ އާއި އެކު އެބައިން މީޓިންއެއް، 12.30ގަ ބައްޕަމެންގެއަށް ލަންޗަށް ދާންޖެހޭ، 2.30ގަ މިހާރު މަސައްކަތް ކުރަމުންދާ ފިހާރަ ބަލާލަން ދާންޖެހޭ.. ބާކީ ހުރި މީޓިންގްތައް މިހަފްތާއަށް ބަހާލާފަ ވާނީ..” ހީލަމުން ނުހާ ބުނެލިއެވެ. ނުހާގެ މަސައްކަތަށް ޝާދިން އަބަދުވެސް ތައުރީފް ކުރެއެވެ. މިހާތަނަށް ޝާދިންގެ އެސިސްޓަންޓަކަށް އައި އެންމެ ރަނގަޅު ކުއްޖާއެވެ. އަހްލާގު ރަނގަޅުވެފައި ޝާދިން ބޭނުންވާ ގޮތަށް މަސައްކަތް ކުރެއެވެ.

އޮފީސް އެންމެންވެސް ޝާދިންއާއި ކުރިމަތިލާން ޖެހިލުންވެއެވެ. އޭނަގެ މޫނުމަތިން ސީރިއަސްކަން އަބަދުވެސް ފެންނާތީވެ އެއްވެސް މީހަކަށް އެއްޗެއް ބުނަންވެސް ނުކެރެއެވެ. މަދު ފަހަރަކު ނޫނީ ޝާދިން ހެވިފަ ހުއްޓާ ނުފެނެއެވެ. އޮފީހުގެ މަދު ބަޔަކަށް ނޫނީ ޝާދިންއާއި ކުރިމަތިލާކަށް ނުކެރެއެވެ. ނުހާ އަކީ އޭގެ ތެރެއިން އެކަކެވެ.

” ތޭންކްސް! މިއޮތީ މަލްދާ ނުހާއަށް ދިން ހަދިޔާއެއް.. ” ޝާދިން ވަތްގަނޑުން ނެގި ކަރުދާސް ކޮތަޅު ނުހާއަށް ދިއްކުރަމުން ބުނެލިއެވެ. އަދި ބޮޑު ޗޮކްލެޓް ދެ ޕެކެޓް ނަގާފައި އޮފީސް ސްޓާފުންނަ ބަހާލަން ބުނެލިއެވެ. އުފަލުން އެއްޗެހި ހިފައިގެން ޝުކުރު އަދާ ކޮށްފައި ނުހާ އެކެބިންއިން ނުކުތެވެ. އަދި ވަގުތުން ފޯނު ނަގާފައި މަލްދާއަށް ޝުކުރުގެ މެސެޖެއް ފޮނުވާލިއެވެ.

މަލްދާ ކިޔަވަން ހުރި އިރު ނުހާ އަށް އަބަދުހެން ގުޅަންޖެހެއެވެ. އޭނަ ބޭނުންވާ ކަންތައްތައް ހަމަޖައްސައި ދިނުމަށް ޝާދިން ވަނީ ނުހާ ކައިރީ ބުނެފައެވެ. އެއީ އޭނައަށް ޝުކުރު އަދާ ކުރުމުގެ ގޮތުން މަލްދާ ދިން ހަދިޔާއެކެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

MAYA

Level 1

Other Articles

Previous

ހިތުގެ ޝަކުވާ… 14

Next

ނަފްރަތުން ވެވުނު ލޯބި 44

Next
June 13, 2021

ނަފްރަތުން ވެވުނު ލޯބި 44

Previews
June 13, 2021

ހިތުގެ ޝަކުވާ… 14

One Comment

  1. MAYA says:
    June 13, 2021 at 3:55 pm

    Sorry for the late post. Was very busy last few days and couldn’t continue with the writing. Hope you all will like this part too. Lots of love

Comments are closed.

Next Episodeނޭނގޭހޭ ހާދަ ލޯބިވޭ… (4)←


All Right Reserved!