ތަމަންނާ 15-16
މާޔަން އައުމުން ހަތަރުމީހުން ކާން ދިއުމަށް ނުކުތީމެވެ. އެމޭލިއާ ކައިރީ މާޔަން ގެ ސައިކަލަށް އަރަން ބުނަމުން އަހަރެން ޒިޔާންގެ ސައިކަލަށް އެރީމެވެ. ކޮންތާކަށްތޯ ދާނީ މާޔަން ޒިޔާން ކައިރީ އެހިއެވެ. ދާންވީތަން ބުނަމުން ޒިޔާން ނައްޓާލިއެވެ. މާޔަންވެސް އަހަރުމެން ފަހަތުން ނައްޓާލިއެވެ. އަހަރެންނަށް ފޯނެއް އައެވެ. އަހަރެން ފޯންބަލާލީ ރެސްޓޯރެންޓް ކައިރިއަށް ފައިބާފައެވެ. ގުޅާފަ އޮތީ ނީންތައެވެ. އަހަރެން ރެސްޓޯރެންޓަށް ވަންނަމުން ނީންތައާއި ގުޅީމެވެ. ނީންތަ ގުޅީ އެއްޗެއް ކައިފިތޯ ބަލަންށެވެ. އެއްޗެއްކާން ދާންވެގެން، ދާންނޭނގޭނެތީ މާޔަން އަށް ގުޅައިގެން ގެނައިތަނުން ޒިޔާންވެސް އައީމަ ހަތަރުމީހުން މިހާރު ރެސްޓޯރެންޓަށް ވަންނަނީކަމުގައި އަހަރެން ބުނީމެވެ. ޒިޔާންގެ ވިޔަފާރި ފެށުންފާހަގަ ކުރުމުގެ ގޮތުން ބާއްވަން ހަމަޖެއްސި ޕާޓީ މިއަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާގޮތައް ނިންމިވާހަކަ ޒިޔާން ބުނުމުން ދެން އޮތް ދެދުވަސް ތެރޭ ތައްޔާރުވޭވޭނެތޯ މާޔަން ސުވާލުކުރިއެވެ. ކައިނިމިގެން އިރުކޮޅަކު މަޑުކޮށްލުމަށްފަހު ގެއަށް ދިއުމަށް ނައްޓާލީމެވެ. އަހަރެންގެ ފުލެޓް ހުންނަ އިމާރާތް ކައިރިއަށް އަހަރެން ބޭލުމަށްފަހު ޒިޔާން ނައްޓާލީ މާލެއެވެ. މާޔަން އަހަރުމެންނާއި އެކު މައްޗައް އެރީއެވެ. އަހަރެން ފުރަތަމަ ދިޔައީ ނަމާދު ކުރަންށެވެ. ނަމާދުކޮށް ނިންމާލުމަށްފަހު ބޭރަށް ނިކުތްއިރު މާޔަންއާއި އެމޭލިއާ ސިޓިންގރޫމްގައި ތިބުމުން އަލަމަމާރިން ފެންފުޅިއެއް ނަގައިގެން އަހަރެންވަނީ އެނބުރި ކޮޓަރިއަށެވެ.
ދުވަސްތައް ހިނގަމުންގޮސް މިރެއަކީ ޒިޔާންގެ ޕާޓީބޭއްވުމަށް ހަމަޖެހިފައި އޮތްރެއެވެ. އަހަރެންވެސް ޕާރޓީއަށްދާން ބަލާއަންނަންވާއިރަށް އެމޭލިއާ ކައިރީ ތައްޔާރުވުމަށް ބުނުމަށްފަހު ތައްޔާރުވާންފެށީމެވެ. އަށެއްޖަހާއިރު ބަލާއަންނާނެ ވާހަކަ މާޔަން ބުނެފައި އޮތުމުން އަންނަންވާއިރަށް ތައްޔާރުވެގެން ހުރުމުގެ ބޭނުމުގައެވެ. ޕާރޓީ އޮތީ ޒިޔާންގެ އޮފީސް ހުންނަ އިމާރާތުގެ ޓެރަސްގައެވެ. އެއިމާރާތަކީވެސް ރިޔާޒުބެގެ އިމާރާތެކެވެ. ތައްޔާރުވެގެން އައިސް ސޯފާގައި އިށީނދެލައިގެން އިންދައި އެމޭލިއާވެސް ތައްޔާރުވެގެން ނިކުތެވެ. އެވަގުތު ނީންތަ ގުޅާފައި މާޔަން ހުޅުމާލެއަށް ނައްޓާލި ވާހަކަ ބުންޏެވެ. އަހަރެން އެމޭލިއާ އާއި ދިމާކޮށްލުމުގެ ގޮތުން މާޔަން ބަލާ އަންނަވާހަކަ ބުނީމެވެ. އެމޭލިއާ ހަމައެކަނި ހިނިތުންވެލުންފިޔަވާ އިތުރު އެއްޗެއް ނުބުނެއެވެ. މާޔަން ގުޅާފައި ތިރިއަށް އައުމަށް ބުނުމުން ތިރިއަށް ދިއުމަށްޓަކައި ނުކުތީމެވެ. ބޭރަށް ނިކުތްއިރު މާޔަން އަދި ނާދެއެވެ. އިރުކޮޅެއްފަހުން މާޔަން އައުމުން އަހަރުމެން ދެމީހުންގޮސް ކާރަށް އެރުމުން ކާރުދުއްވާލިއެވެ. ކާރުގޮސް ގޭކައިރިއަށް މަޑުކުރިއިރު ނީންތަ ދޮރުމަތީ ހުއްޓެވެ. ނީންތަ ކާރަށް އެރުމުން ކާރުގޮސް އޮފީސް ބިލްޑިންގެ ދޮރުމަށްޗައް މަޑުކޮށްލުމުން އަހަރުމެން ކާރުންފާބައި މައްޗައް އަރައިފީމެވެ. މާޔަން ދިޔައީ ކާރު ޕާކުރަންށެވެ. ޓެރަސް އަށް އެރި އިރު ފުދޭވަރަކަށް ގިނަމީހުން އެތަނުގައި ތިއްބެވެ. އަހަރުމެން ފެނުމުން ޒިޔާން އައިސް އަހަރުމެނާއި ބައްދަލު ކުރިއެވެ. ތަންކޮޅެއް ދުރުގައި ރިޔާޒުބެ ބަޔަކާއި ވާހަކަދައްކަން ހުއްޓެވެ. ޒިޔާން އެތަނުގައި ތިބި ބައެއްމީހުނަށް އަހަރުމެން ތަޢާރަފްކޮށްދިނެވެ. އަދި އަނެއްފަރާތުގައި ހުރިމީހަކުކައިރިއަށް ދިއުމަށްފަހު “މީ ޑީސީޕީ ރީޙާން،” “ރީހާން މީ އަހަރެންގެ ދޮންތަ ތަމަންނާ” މިހެންބުނެ ޑީސީޕީ ރީޙާން ތަޢާރަފުކޮށްދިނެވެ. ރީޙާން އެވަގުތު ރީޙާން ކައިރީ ހުރި އަންހެންކުއްޖަކު އަމިއްލައަށް އަހަރެންނަށް ތަޢާރަފް ވިއެވެ. “އަހަރެން މީ އިންސްޕެކްޓަރ ތާނިއާ” އަހަރެން ތަމަންނާއޭ ބުނެ ސަލާމްކޮށްލީމެވެ. “ތާނިޔާ އެއީ އަހަރެންގެ ކޮށްކޮ ތާނިޔާ ބާ!” އަހަރެންނަށް ހިތާހިތާ ބުނެލެވުނެވެ. އޭނާ ތާނިޔާއާއި ވައްތަރެވެ. އަހަރެން އެއްގޮތަކަށްވެސް ތާނިޔާ ނުދެކޭތާ ހައަހަރުވީއެވެ. ނަމަވެސް އަހަރެންގެ ކޮއްކޮ ތާނިޔާނަމަ އަހަރެންއެނގޭނެއެވެ. އެއީ އަހަރެންނަށް މާބޮޑު ބަދަލެއް އަހިސްފައި ނުވާތީއެވެ. އެވަގުތު ރީޙާން އަހަރެންނާއި ވާހަކަދެއްކިއެވެ. އެމޭލިއާއާއި ނީންތަ އެހެންދިމާއަކަށް ދިޔައެވެ.
ރީޙާން. ކޮންއިރަކުންތޯ ބައްދަލު ކޮށްލާނީ؟ އަހަރެން: ސަންޑޭ ކިހިނެއްވާނެތޯ؟ ކޮންތާކަށްތޯ ދާންވީ. ރީޙާން: ތަމަންނާގެ ގެއަށްގޮސް ބައްދަލުކޮށްލުން އޯކޭތޯ. އަހަރެން: އޯކޭ އަޅުގަނޑުގެ މައްސަލައެއްނެތް. ރީޙާން: ސަންޑޭގަ އަޅުގަނޑު ގުޅާލާނަން ގަޑިއެއް ހަމަޖައްސާލަން، ކިހިނެއްވާނެތޯ؟ އަހަރެން: އޯކޭ. ރީޙާން އާއި ވާހަކަދެއްކުމަށްފަހު އަހަރެން ނީންތަމެންކައިރިއަށް ދިޔާމެވެ. އެތަނުގައި ހުއްޓައި ދޮރުން ވަދެގެން އައީ ތަންޙާއެެވެ. ތަންޙާ އައީ ސީދާ އަހަރުމެން ކައިރިއަށެވެ. އައިގޮތައް އައިސް އަހަރެންނަށް ގޮވާލަމުން އަހަރެންގައިގައި ބައްދާލިއެވެ. “ދޮންތަ ބައްދަލުވެލަން ގުޅާނަމޭ ބުނީމަ އަހަރެން ނުގުޅީ، މިހާރު ފަސްދުވަސްވީ ދޮންތަ މާލެއައިފަހުން.” ސަކުވާގެ ރާގެއްގައި ތަންޙާ ބުނެލިއެވެ. އަދި އަހަރެންނަށް ނުގުޅިގެން އުޅެނީކަމުގައި ބުނަމުން މާޔަންއަށް ގޮވާލުމަށްފަހު މާޔަންއާއި ދިމާއަށް ހިނގާގަތީމެވެ. އަހަރެން މާޔަންއާއި ވާހަކަ ދައްކަން ހުއްޓާ ތާނިޔާ އާއި އެކު ތަންޙާ އައިސް އަހަރުމެންގެ ކައިރިއަށް ހުއްޓެމުން އަހަންނަށް ތާނިޔާ ތަޢާރަފް ކޮށްދިނެވެ. އަހަރުމެން ދިމާވެއްޖެ ކަމުގައި ބުނަމުން ތާނިޔާ ހިނގާގަތެވެ. ތަނިޔާ އަށް އަހަރެން އެނގި ތާނިޔާ އަހަރެންނާއި ވާހަކަދައްކަން ބޭނުންނުވަނީކަން އެވަގުތު އަހަރެންނަށް އެނގުނެވެ. ތަންޙާ: ދޮންތަ މިފެމެލީއާއި ގުޅުން އޮވޭތަ؟ ތަންޙާ މިހެން އެހުމުން އަހަންނާއި މިފެމެލީއާއި ގުޅޭގޮތުން ތަންޙާއަށް އެއްވެސް އެއްޗެއް ނޭނގޭކަން އެނގުނެވެ. އަދި އޮޅުންފިލުވައިދެން ބޭނުންނުވާތީ ނީންތަ އެއީ ރަށުމީހެއް ނޫންހޭ ބުނެ ނިންމާލީމެވެ. ތަންޙާ: އަހަރެން ވޯރކް ކުރަނީ މި އޮފީގަ. އަހަރެން އެހެންތަ ހޭ ބުނުންފިޔަވާ އިތުރު އެއްޗެއް ނުބުނަމެވެ. އަހަރެން ތަންޙާ އާއި ވާހަކަ ދައްކަން ހުއްޓައި މާޔަން އަހަރެންނަށް ގޮވައިލިއެވެ. މާޔަން ގޮވާލީ ދޮންތާ އޭ ކިޔާފައެވެ. މިހެންކިޔާ ގޮވައިލުމުން ތަންޙާ ފާޑަކަށް މާޔަންއާއި ދިމާލަށް ބަލާލުމަށްފަހު އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. މާޔަންގޮވާލުމުން އަހަރެން ވަރަށް ހިތްހަމަޖެހުނެވެ. އެއީ ތަންޙާ ކައިރީން ދާންބޭނުންވެފައި ހުރުމުންނެވެ. އެވަގުތު އަހަންނަށް ޖީ ފެނުނެވެ. އަދި ޖީއަށްވެސް އަހަރެންފެނިގެން އަހަރެންކައިރިއަށް އައެވެ. މާޔަން އަހަރެންނަށް ގޮވާލީ ޖީ އަހަރެން ކޮބާތޯ އެހުމުންކަމުގައި ބުންޏެވެ. އަހަރެން ޖީއާއި ވާހަކަ ދައްކައިލަން އިރުކޮޅަކު ހުރީމެވެ. ޖީ ގިނައިން ދެއްކީ ތަންޙާ އުޅޭގޮތުގެ ވާހަކައެވެ. ތަންޙާ އަކީ އަހަރެން ކޮއްކޮއެއްކަން އެނގިގެނެއް ނޫނެވެ. ތަންޙާ އަކީ ޒިޔާން ގެ ލޯބިވެރިޔާ އަށް ވާތީއެވެ.
ޕާރޓީގެ ކަންތައް ނިމިގެން އެންމެން ދާންފަށައިފިއެވެ. އެންމެން ގޮސްނިމުމުން އެތަނުގައި ތިބީ އޮފީހުގެ ބައެއްމީހުނާއި ގޭމީހުނެވެ. ތަންޙާވެސް މަޑުކޮށްގެން ހުއްޓެވެ. އަހަރެން ނީންތަކައިރީ އަހަރުމެން ދަނީކަމުގައި ބުނެ މާޔަންއާއި އެކު ހިނގާގަތީމެވެ. ތަންޙާ ޒިޔާން ކައިރީ ހުރުމުން އަހަރެން ޒިޔާން އާއި އަޅާނުލާ ނުކުމެގެން ދިޔައީއެވެ. ތިރިއަށް ފޭބި އިރު ރިޔާޒުބެ މަގުމަތީ ހުއްޓެވެ. މާޔަން ކާރު ނަގައިގެން އެބަ އަންނަމޭ ކިޔާފަ ދިއުމުން އަހަރުމެން އެތާ މަޑުކޮށްލައިގެން ތިއްބާ، ރިޔާޒުބެ އަހަރުމެންކައިރިއަށް އައިސް ވާހަކަ ދައްކަން ފެށިއެވެ. އަހަރެން ހުރީ ވަރަށް މޫޑް ސަކަރާތްވެފައެވެ. ރިޔާޒުބެއަށް އެކަން ފާހަގަ ކުރެވިގެން އަހަރެންނާއި ސުވާލު ކުރިއެވެ. އަހަރެން ބޮލުގައި ރިއްސަނީކަމަށް ބުނެ އެވާހަކަ ކުރުކޮށްލީމެވެ. އަހަރުމެން އެކޮޅަށް ނައްޓާލަނީތޯ؟ ރިޔާޒުބެ އެހިތަނުން ރިޔާޒުބެއަށް ފޯނެއް އައިސްގެން ރިޔާޒުބެ ދަނީއޭ ބުނެ އެތެރެއަށް ވަނެވެ. ކާރު އައުމުން އަހަރުމެން ކާރަށް އަރާ ނައްޓާލީމެވެ. އަހަރެން ހުރީ އެކަނިވެލަން ވަރަށް ބޭނުންވެފައެވެ. މާޔަން އަށްވެސް އަހަރެންނަށް ކޮންމެވެސް ކަމެއްވެއްޖެކަން ފާހަގަ ކުރެވިގެން އަހަރެންނާއި ސުވާލުކުރިއެވެ. އަހަރެން އިތުރު ތަފްސީލަކަށް ނުދާންވެގެން ވީގޮތެއް ނޭނގި ކުއްލިއަކަށް މޫޑް ގޯސްވީކަމުގައި ބުނީމެވެ.މާޔަން އިތުރު ސުވާލެއް ނުކުރެއެވެ. އަހަރުމެން އުޅޭ ބިލްޑިންގ ކައިރިއަށް ކާރު މަޑުކޮށްލުމަށްފަހު ދުއްވާލަން ދާންވީތޯ މާޔަން އެހިއެވެ. އަހަރެން ޖައްސާލަން ބޭނުންވާވާހަކަ ބުނުމުން މާޔަން އާއި އެމޭލިއާ ބުރެއްޖަހާލަން ދިޔަސް އޯކޭތޯ އެހުމުން އާނއެކޭ ބުނުމަށްފަހު އަހަރެން ކާރުން ފާބައިގެންގޮސް އެޕާރޓްމަންޓްއަށް ވަދެ އަވަހަށް އެނދުގައި ޖައްސާލުމަށްޓަކައި ތައްޔާރުވެލީމެވެ. އެކިއެކި ކަންތަކާއި ދޭތެރޭ ވިސްނަން އޮއްވާ ނިދިއްޖެއެވެ. ފަތިހު ތެދުވެ ނަމާދުކޮށްލައިގެންވެސް ނިދީއެވެ.
ހޭލެވިގެން ގަޑި ބަލާލިއިރު ދިހައެއްޖަހާފިއެވެ. ތެދުވެ ފާޚާނާއަށް ވަދެ ތައްޔާރުވެލައިގެން ބޭރަށް ނުކުމެ ކޮފީއެއް ގިރާލައިގެން އައީ ކޮޓަރިއަށެވެ. ބޭރުގަ މަޑުކުރާހިތް ނުވެގެނެވެ. އަވަގުތު ޒިޔާން ގުޅިއެވެ. ނަމަވެސް ފޯނަށް ޖަވާބުދޭހިތެއް ނުވިއެވެ. ފޮތެއްނަގައިގެން ފޮތްކިޔަންފެށީމެވެ. އެކަންވެސް ކުރާހިތް ނުވެގެން ފޮތްބޭއްވީއެވެ. އަހަރެންނަށް މިވަނީ ކީއްބާއޭ، ހިތާ ސުވާލުކޮށްލެވުނެވެ. އެއްވެސް ކަމެއް ކުރާހިތެއް ނުވިއެވެ. ހުންނަނީ ފޫހިވެފައެވެ. ފޯން ނަގާ ޤުރުއާން ކިޔަވަންފަށައިފީމެވެ. ކިޔަވަމުން ދިޔަވަރަކަށް ހަމައަކަށް އެޅެމުންދިޔައެވެ. މުޅިން ހަމައަކަށް އެޅުމުން ކިޔެވުން ނިންމާލިތަނާ ރީޙާން ގުޅިއެވެ. އަދި މިރޭ ކޮފީއަކަށް ދިއުމަށް ދައުވަތު ދިނެވެ. އަހަރެންވެސް އެއްވެސް މަޑުޖެހުމެއްނެތި ދައުވަތު ޤަބޫލް ކުރީމެވެ. އަދި މިކޮޅަށް އައިސް ގުޅާށޭ ބުނެ ފޯންބޭއްވީމެވެ. ކޮންމެވެސް އެއްޗެއް ކެއުމުގެ ބޭނުމުގައި ބޭރަށް ނުކުމެ ޕާންފޮއްޗެއް ޓޯސްޓް ކޮށްލުމަށްފަހު އޮމްލެޓްއެއް އަޅައިގެން މޭޒުކައިރީ އިށީނދެ ކާންފެށީމެވެ. ކުއްލިއަކަށް ރީޙާން އާއި ދޭތެރޭ ވިސްނާލެވުނެވެ. ސަންޑޭގަ ގުޅާނަމޭ ބުނެފައި މިރޭކޮފީއަކަށް ދާންބުނީތީ އެކަމާއި ވިސްނާލެވުނެވެ. “މައްސަލައެއް ނެތްތާއެވެ. ރީތި ސްމާރޓް ޒުވާނެކެވެ.” ހިތާހިތާ މިހެން ބުނެލެވުނެވެ. އަހަރެންނަށް ރީޙާން ވަރަށް ކަމުދެއެވެ. ވާހަކަދެއްކުމުގައިވެސް ވަރަށް އޯގައިތެރި ގޮތެއް ހުރެއެވެ. އަންހެންކުދިން ހިތްދަމާގަންނާނެ ހުރިހާ ސިފަތަކެއް ރީޙާންގެ ހުރެއެވެ. ކޮފީއަކަށް ދާން ބުނާނީ ރީޙާންގެ ހިތުގައިވެސް ކޮންމެވެސް އެހެންކަމެއް އަހަންނާއި ދޭތެރޭ އޮތީމަ ކަންނޭގެއެވެ. މިކަހަލަ ވިސްނުމެއްގައި އިންދާ ސިއްސައިގެން ދިޔައީ އެމޭލިއާ ނުކުމެ “ގުޑުމޯރނިންގ” އޭ ބުނެ އަހަރެން ކޮނޑުގައި އަތްބާއްވާލުމުންނެވެ. އަހަރެންވެސް ޖަވާބު ދިނުމަށްފަހު ކޮފީއެއް ބޯން އުޅޭށޭ ބުނީމެވެ. އެމޭލިއާ ކޮފީގިރައިގެން އައިސް އިށީނދެ ވާހަކަދައްކަން ފެށިއެވެ. އެމޭލިއާ: އަހަރެން މާޔަންއަށް ޔެސް އޭ ބުނެފިން. އަހަރެންނަށް ވަރަށްކަމުދާ ސިފަތަކެއް މާޔަންގެ ހުންނަނީ. މާޔަން ބުނި މެލޭއަށް ފުރުމުގެ ކުރިން ބައްޕައާއި މަންމަ ކައިރީވެސް ބުނާނަމޯ އަހަރެންނާއި މެރީ ކުރަން ބޭނުންވާ ވާހަކަ. އަހަރެން ޖަވާބެއް ދިނީމަ ދޮންބެ ކައިރީވެސް ބުނާނަމޭ ބުނި. އަހަރެން: މާޔަން އަކީ ވަރަށް ރަނގަޅު ކުއްޖެއް. އަދި އަހަރެން ވަރަށް ލޯބިވާ ކުއްޖެއް. ހީކުރަން މާޔަން އަށް ލަޑެެއް އެމޭލިއާ ނުދޭނެކަމަށް. މާޔަން ވަރަށް ސީރިއެސްކޮށް އެމޭލިއާއާއި ލޯބީގެ ގޮތުން ގުޅުނީ. އެމޭލިއާ: އަހަރެންނަށްވެސް މާޔަން ދެކެ ވަރަށްބޮޑަށް ލޯބިވެވިއްޖެ. ދުވަހަކުވެސް ވަކިވާކަށް ބޭނުމެއްނޫން. އަހަރެން މާޔަންއަށް ޖަވާބުދިނީ މަމްކައިރީވެސް އަހާފަ. އަހަރެން މިހުރީ މާޔަންއަށްޓަކައި ކޮންމެފަދަ ޤުރުބާނީއެއް ވާންޖެހުނަސް އެކަމަށްވެސް ތައްޔާރަށް. މާޔަން އަހަރެންކައިރީ ވަރަށް ގިނަ ވާހަކަ ދައްކައިފި. މާޔަން ބުނީ މާޔަން މީގެ ކުރިން ދުވަހަކުވެސް ނުވިސްނަމޯ ކިޔަވައި ނުނިމެނިސް ކުއްޖަކާ ލޯބީގެ ގޮތުން ގުޅޭކަށް. އަދި ބުނި މާޔަންއަށް ވަރަށް މުހިއްމުވާނެޔޯ މާޔަންގެ ފެމެލީ. މާޔަންދެކެ ލޯބިވާފަދައިން މާޔަންގެ ފެމެލީ އެންމެންދެކެ ލޯބިވާންޖެހޭނެއޯ. އެހެން ނުވަންޏާ މާޔަން އަހަރެންދެކެ ކިތަންމެލޯބިވިޔަސް ޖެހޭނީ ވަކިވާންށޯ. ދެން އަހަރެން ބުނިން ތިކަން ތިގޮތައް ވާނެ ވާހަކަ. މާޔަންގެ މަންމައާއި ބައްޕަވެސް އަހަންނަށް ވަރަށް ކެއާރ ކުރެއެއްނުން. އަހަރެން: އުއްމީދުކުރަން ހުރިހާކަމެއް ތިގޮތައް ކުރިއަށްދާނެ ކަމަށް.
އަހަރުމެން އެކިއެކި ވާހަކަ ދެއްކުމުގައި ވަރަށް ގިނައިރު ވަންދެން ތިބީމެވެ. މިހެންތިއްބާ ބެލްޖަހާލިއަޑު އިވުމުން އެމޭލިއާ ދޮރުހުޅުވަން ދިޔައެވެ. އެމޭލިއާގެ ފަހަތުން ވަދެގެން އައީ ޒިޔާން އެވެ. ޒިޔާން: ދޮންތައަށް ގުޅާ ގުޅާ ފޯން ނުނަގައިގެން މިއައީ؟ ކިހިނެއްވީ؟ އަހަރެން: ފޯން ކޮޓަރީގަ ބޭއްވިފަ އޮތީ. ވަރަށް ގިނަ އިރުވެއްޖެ މިތާ ވާހަކަދައްކަން ތިބޭތާ. ޒިޔާން:މަންމަވެސް ގުޅާގުޅާ ނުގުޅިގެން އަހަރެންނަށް ގުޅާފަ ހުޅުމާލެއަށް ދާށޭ ބުނީމަ މިއައީ. ދޮންތަ ގުޅާބަލަ މަންމައަށް.
އަހަރެން ކޮޓަރިއަށް ވަދެ ފޯންނަގައި ނީންތައަށް ގުޅާލުމުން ޒިޔާން އާއި އެކު ކާން އެކޮޅަށް އައުމަށް ނީންތަ ބުންޏެވެ. އަހަރެން ބޭރަށް ނުކުމެ އެމޭލިއާ ކައިރީ ބޭރަށް ދާން ތައްޔާރުވުމަށް ބުނުމަށްފަހު ތައްޔާރުވެގެން އެބަ އަންނަމޭ ޒިޔާން ކައިރީ ބުނުމަށްފަހު ކޮޓަރިއަށް ވަނީމެވެ. ތައްޔާރުވެގެން ނިކުތް އިރު އެމޭލިއާ ތައްޔާރުވެގެން ސޯފާގައި އިނެވެ. އަހަރެން ދާންހިނގާށޭ ބުނަމުން ދޮރާއި ދިމާއަށް ހިނގާގަތީމެވެ. ތިރިއަށް ގޮސް ކާރަށް އެރުމަށްފަހު މާލެ ދިއުމަށް ދަތުރު ފެށީމެވެ. ދިޔަ ދަތުރުމަތީ އަހަރެން އެއްވެސް ވާހަކައެއް ނުދައްކަމެވެ. ކާރުގެ ސީޓްގައި ރަނގަޅަށް ހަމަޖެހިލައިގެން ލޯމަރާލައިގެން އިނީއެވެ. “ދޮންތާ ގެއަށް އާދެވިއްޖެ” ޒިޔާން މިހެން ބުނުމުން ލޯހުޅުވާލިއިރު ކާރު އޮތީ ގޭ ދޮރުމަތީއެވެ. އަހަރުމެން ދެމީހުން ކާރުން ފޭބުމުން “ދަނީ” އޭ ބުނެ ޒިޔާން ކާރު ދުއްވާލިއެވެ. އަހަރުމެން އެތެރެއަށް ވަން އިރު ރިޔާޒުބެއާއި ނީންތަ ސިޓީންގ ރޫމްގައި ތިއްބެވެ. އަހަރުމެން ފެނުމުން “އަވަހަށް ކާން ހިނގާށޭ، ވަރަށް ބަނޑުހައިވެފައިއޭ” ބުނަމުން ރިޔާޒުބެ ތެދުވިއެވެ. ހަތަރުމީހުން ގޮސް މޭޒުކައިރީ އިށީނީމެވެ. އިށީންނަމުން މާޔަން ކޮބާތޯ އަހަރެން އެހީމެވެ. މާޔަންވީ ބޭރުގައި ކަމަށް ނީންތަ ބުންޏެވެ. އަހަރެން ފުރަނީ ކޮން އިރަކުންތޯ ރިޔާޒުބެ އެހިއެވެ. އަދި ފަނަރަވަރަކަށް ދުވަސް ފަހުންކަމަށް އަހަރެން ބުނީމެވެ. ކައިނިމުމުން އެންމެންގޮސް ސިޓިންގރޫމްގައި އެކިއެކި ވާހަކަދައްކަން ތިއްބައި މާޔަން އައިސް ގެއަށްވަނެވެ. އެވަގުތު އަހަރެންނަށް ގޮވާލުމަށްފަހު ނީންތަ ކޮޓަރިއާއި ދިމާއަށް ހިނގާގަތެވެ. އަހަރެންވެސް ވަރަށް ޖެހިލުންވެ ހުރެ ނީންތަ ފަހަތުންގޮސް ކޮޓަރިއަށް ވަނީމެވެ. ކޮޓަރިއަށް ވަނުމުން ސޯފާގައި އިށީނުމަށް ބުނަމުން ނީންތަވެސް އިށީނެވެ. އަހަރެންނަށް ގޮވީ ވާހަކައެއް ދައްކާލަން ކަމުގައި ބުންޏެވެ. “ތަމަންނާ އަހަރުމެން ދެކެނީ އަހަރުމެންގެ ދަރިއެއްގެ ގޮތުގަ، ކަންތައްތައް ކޮންމެ ގޮތަކަށް ބަދަލުވެގެން ދިޔަޔަސް އިންޝާﷲ ތަމަންނާގެ މަޤާމަކީ ހަމަ އެއީ، ރިޔާޒުބެވެސް ބުނެފަ އޮތީ ތަމަންނާ އެކޭ އަނެއް ދެކުދިންނެކޭ (މާޔަން އާއި ޒިޔާން) ތަފާތެއް ނުވާނެޔޭ. މިވާހަކަ މިގޮތައް މިދެއްކުނީ ރޭގަ ކަންތައް ދިޔަގޮތުން ނީންތައަށް އެނގުނު ދަރިފުޅަށް އެހެންގޮތެއް ވެގެންދިޔަކަން ، ކޮންމެވެސް ވަރެއްގެ ހިތްހަމަ ނުޖެހުމެއް އައިކަން. ޒިޔާން އާއި މާޔަންވެސް ދޮންތަ އެކިޔަނީ އެމީހުންވެސް ހަޤީގަތުގައިވެސް އެމީހުން ދައްތައެއްގެ މަޤާމް އެމީހުންގެ ހިތުގެ އަޑިންދީގެން. އެ ދެކުދިންވެސް ދަރިފުޅުދެކެވަނީ އެމީހުންގެ އެއްބަޑު ދައްތައެއް ހުރިނަމަވެސް ވާނެ ލޯބި.” އެވަގުތު އަހަރެންނަށް ރޮވުނެވެ. ރޮވުނީ އުފަލުންކަމެއް ދެރަވެގެން ކަމެއް ބުނާކަށް ނޭނގެއެވެ. ނީންތަ ވަރަށް ލޯބިން އަހަރެންގައިގައި ބައްދާލަމުން ކަރުނަ ފޮހެލަމުން ނުރޯށޭ ކިޔާ ހިތްވަރު ދިނެވެ.” ނީންތަ ވަރަށް ވަރަށް ލޯބިވޭ ދަރިފުޅު ދެކެ، ހަމަ މިގޮތައް ދަރިފުޅުވެސް ނީންތަމެން ދެކެ ލޯބިވާނެކަމަށް ނީންތަ ހީކުރަން.” އަހަރެން ހަމައަކަށް އެޅެން ވަގުތު ކޮޅެއް ނެގިއެވެ. އެވަގުތު ރިޔާޒުބެވެސް އައިސް ކޮޓަރިއަށް ވަދެގެން އައިސް ސޮފާގައި އަހަރެންގެ ކައިރީ އިށީނދެ އަހަރެން ގައިގައި ބައްދާލިއެވެ. އަހަރެންނަށް ވަރަށް ބާރަށް ރިޔާޒުބެ ގައިގައި ބައްދާލެވުނެވެ. “އަހަރެންވެސް ވަރަށް ލޯބިވޭ ނީންތަ އާއި ރިޔާޒުބެ ދެކެ، އަދި ޒިޔާން އާއި މާޔަން ދެކެވެސް. އަހަރެން ބިރުގަންނަނީ މިގޮތައް މިކަންތައް އޮއްވައި ވަކި ހިސާބަކުން މިފެމެލީ އާއި އަހަންނާއި އޮތް ގުޅުން ކެނޑިގެން ހިނގާދާނެތީ، އަހަރެން ވަރަށް ހިތާމަ ކުރަންޖެހޭނެ އެދުވަހަކުން.” އަހަރެންނަށް ވާހަކަ ދެއްކުނީ ރޮމުންނެެވެ.” އިންޝާﷲ ދަރިފުޅާއި އަހަރުމެންނާއި ވަކިވާންޖެހޭ ދުވަހެއް ނާންނާނެ” އަހަރެން ކައިރީ ނުރޯށޭ ބުނެ ހިތްވަރު ދެމުން ރިޔާޒުބެ ބުންޏެވެ.
އަހަރުމެން ހުޅުމާލެއަށް ދިޔައީ އިރުއޮއްސުން ފަހުންނެވެ. ރޭގަނޑު ކައިގެންދާން މަޑުކުރުމަށް ނީންތަ ބުންޏެވެ. މިރޭ މާބޮޑުކަމެއް ހަމަޖައްސައިފަ އިނީމަ މަޑުކުރެވެން ނެތިގެން އައީއެވެ. އަހަރުމެން ގޮވައިގެން ހުޅުމާލެއަށް އައީ މާޔަން އެވެ. މާޔަން އަންނާތީ އަހަރެން ހުރީ ވަރަށް ކަންތައްބޮޑުވެފައެވެ. އަހަރެން ރީޙާން އާއި އެކު ބޭރަށް ދާއިރު މާޔަން ހުޅުމާލޭގައި ހުރިއްޔާ ދަނީ ކޮންތާކަށްތޯ އޮޅުންފިލުވާނެތީއެވެ. އެކަން އެހެން އެއްވެސް މީހަކަށް އަންގަން އަހަރެން ބޭނުމެއް ނުވެއެވެ. އަހަރެންނަށް ރީޙާން ދެކެ ލޯބިވެވޭ ކަމުގެ އިޙުސާސް މިހާރު އަހަރެނަށް ކުރެވެއެވެ. ރީޙާން އާއި ބެހޭ އެއްވެސް ކަމެއް ނޭނގި މި ކުރެވެނީ ކޮންކަހަލަ ކަމެއްކަން ވިސްނާލަންވެސް އަހަރެންގެ ސިކުނޑި ބޭނުމެއް ނުވެއެވެ. އަހަރެންގެ ހިތް ބުނަނީ ރީޙާން އަކީ އަހަރެންނަށް ޙާއްސަވެގެންވާ މީހެކެވެ. އިތުރަށް އެއްވެސް ކަމަކާއި ވިސްނުމުގެ ބޭނުމެއް ނެތް ކަމުގައެވެ. އަހަރެންވެސް ހިތުގެ އެބުނުން ޤަބޫލްކޮށް އެކަމާއި އެއްބަސްވެ އިތުރަށް ނުވިސްނާ ކުރިއަށް ދާން ނިންމީއެވެ. މިވަގުތައް ކުރަން ހުރި ކަންތައްތައް ނިންމާލުމަށްފަހު ރީޙާން އަހަރެންނަށް ގުޅާނެ ވަގުތެއްގެ އިންތިޒާރުގައި ކޮޓަރީގައި މަޑުކޮށްލައިގެން އިނީމެވެ.އަށެއްޖަޙައިފިއެވެ. ރީޙާންގެ ހަބަރެއް އަދިވެސް ނުވެއެވެ. އަހަރެން ފޯންނަގައި ރީޙާންގެ ނަމްބަރަށް ގުޅާލީމެވެ. ރީޙާން ފޯނަށް ޖަވާބު ދިނުމުން ކޮފީއަށް ދާނީ ކިހާ އިރަކުތޯ އަހައިލީމެވެ. ކުޑަކޮށް ބޮލުގައި ރިއްސާތީ ޖައްސާލަންވެގެން ބަލާލީ ކަމުގައި ބުނުމުން، ކުޑަ އިރުކޮޅެއްގެ ތެރޭގައި އެބަދަމޭ ރީޙާން ބުންޏެވެ. އަހަރެން ވަރަށް އުފަލުން ފޯން ބޭއްވުމަށްފަހު މޫނު ދޮވެލައި ހަދައިގެން ތައްޔާރު ވެލީމެވެ. އަހަރެން މިއިން ދުވަހަކު ރީތިނުވާވަރަށް ރީތިވެލީމެވެ. އަހަރެން ތައްޔާރުވެ ނިމުން އިރުވެސް ރީޙާން އެއް ނުގުޅިއެވެ. އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅެމުން ދެއެވެ. އަހަރެން ވަރަށް ހާސްވާންފެށިއެވެ. ހަމަޖެހިލެވޭތޯ ބެލްކަންޏަށް ނުކުމެލީމެވެ. ރީތި ހަނދުވަރެއްގެ އަލި ފެންނަންހުއްޓެވެ. ޖެހެމުންދާ މަޑުމަޑު ވައިރޯޅި އަހަރެންގެ ހާސްކަން ފިލުވާލުމަށް އެހީވަމުންދެއެވެ. ރީތި ވައިރޯޅިއާއި ހަނދުވަރުގެ ރީތި އަލިން ހިނދުކޮޅެއްތެރޭ އަހަރެންގެ ހާސްކަން ފިލުވައިލައި ހަމައަކަށް އަޅުވައިލިއެވެ. އެވަގުތު ރީހާން ގުޅިއެވެ. އަދި ތިރީގައި އެބަ ހުރިންކަމުގައި ބުންޏެވެ. ރީޙާންއަށް އަހަރެން އުޅެނީ މިތަނުގައި ކަން އެނގުނީ ކިހިނެއްބާއޭ ހިތާހިތާ ސުވާލުކޮށްލަމުން ތިރިއަށް ދާން ހިނގާގަތީމެވެ. އެޕާރޓްމަންޓުން ބޭރަށް ނުކުތުމަށްފަހު އެމޭލިއާއަށް ގުޅާލައިފައި އަހަރެން ގޭގައި ނެތިން ކަމުގައި ބުނީމެވެ. ގުޅާލާފައި ބުނީ މިވަގުތު އަހަރެން އެމޭލިއާ އާއި ބައްދަލުވާން ބޭނުންނުވާތީއެވެ. ލިފްޓްގެ އެހީގައި ތިރިއަށް ފޭބިއިރު ދޮރުމަތީ އެތެރެއަށް ބަލަހައްޓައިގެން ހެވިފައި ރީހާން ހުއްޓެވެ.
*****
ނުނިމޭ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

