ތަމަންނާ 17
އަހަރެން ނުކުތުމުން ކާރުވީ އެކޮޅުގައި ކަމަށް ބުނެ ހިނގައިގަތުމުން އަހަރެންވެސް ރީޙާން ފަހަތުން ހިނގައިގަތީމެވެ. ކާރަށް އަރައި ދުއްވާލުމަށްފަހުވެސް އެއްވެސް ވާހަކައެއް ރީޙާން ނުދައްކައެވެ. އަހަރެންވެސް އެއްވެސް ވާހަކައެއް ނުދައްކާ ފޯނާއި ކުޅެން އިނީއެވެ. އަހަރެން ފޯނާއި ކުޅެން އިނަސް އަހަރެން ވިސްނަމުންދިޔައީ ރީޙާން އާއި ދޭތެރޭގައެވެ. އަހަރެންނަށް ހޭވެރިކަންވީ ރީޙާން ފައިބަންވީނޫންހޭ ބުނުމުންނެވެ. އަހަރެން ކާރުން ފައިބައިގެން ރީހާން ފަހަތުންގޮސް ކުރިމަތިން ހުރި ރެސްޓޯރަންޓަށް ވަނީމެވެ. ރީޙާން މޭޒެއްގެ ކައިރީ ހުރި ގޮޑިއެއް ފަހަތަށް ދަމާލުމަށް އިށީންނާށޭ ބުނުމުން އަހަރެން އިށީނީމެވެ. ކުރިމަތިން ހުރި ގޮޑީގައި ރީޙާން އިށީނެވެ. ވޭޓަރު މެނޫ ގެނައުމުން ރީޙާން އެއްޗެއްސައް އޯޑަރ ކުރިއެވެ. “އަހަރެން މިރޭ ތަމަންނާއި އެކު ކާންވެގެން އެއްވެސް އެއްޗެއް ނުކައި މިއައީ” ރީޙާން މިހެން ބުނެ އަހަރެންނަށްވެސް އޯޑަރ ކުރިއެވެ. “ބޯން ގެންނާނީ ކޯންޗެއް” ރީޙާން މިހެން އެހުމުން “ފުރެޝް އޮރެންޖު ޖޫހެއް ކަމުގައި އަހަރެން ބުނީމެވެ.
“އަޅުގަނޑު ތަމަންނާއާއި ބައްދަލުކޮށްލަން ބޭނުންވީ މާލެ ތެރޭގައި މިދުވަސްކޮޅު ހިނގި މާރާމާރީއަކާއި، މީހަކު މަރާލުމުގެ ކަންތައްތަކެއްގެ، އިންވެސްޓިގޭސަނުން އެނގިގެންދިޔައީ މިކަންތައް ހިނގި ގޮތާއި ތަމަންނާގެ ވާހަކަ އެއްގައި ވާގޮތަކާއި އެއްވެސް ތަފާތެއް ނެތި ހިނގާފައިވާކަން، (ސީދާ ޕޮއިންޓަށް ދިޔުން ރަނގަޅުވާނެތީ، ސީދާޕޮއިންޓަށް ދާނަން.) އިންވެސްޓިގޭސަން ޓީމަށް ފުރަތަމަ ސަސްޕެކްޓް ކުރެވުނީ ތަމަންނާއަށް، ނަމަވެސް ބެލި ބެލުމުން އެނގުނީ ތަމަންނާ ދިރި އުޅެނީ ލަންޑަނުގައި ކަމަށް، ވީމަ ބައެއް މައުލޫމާތު އޮޅުން ފިލުވާލަން ތަމަންނާއާއި ގުޅަން ޕޮލިހުން ބޭނުންވާތީ ތަމަންނާގެ ނަމްބަރ ހޯދަން ކުރި މަސައްކަތުގެ ތެރެއިން އެނގުނީ ތަމަންނާ މިވަގުތު މާލޭގައި ހުރިކަން، ދެން ތަމަންނާ ޕޮލިހަށް ހާޒިރު ކުރަން ބޭނުންވާތީ އިންވެސްޓިގޭސަންް ޓީމުން އެކަން ހުށައެޅުމުން އެއީ ރަނގަޅުކެމެއް ނޫންކަމުގައި ކަމިސަނާރ އޮފް ޕޮލިސް ލަފާދެއްވި، އަދި ބުނުއްވީ ބޭރުން ތަމަންނާ އާއި ބައްދަލުކޮށް ވާހަކަދެއްކުމަށް، އެހެންވެ އަޅުގަނޑު ބައްދަލުކުރަން ބޭނުންވީ، ބައްދަލުކުރަން ބުނި ވަގުތަށްވުރެ ކުރިން އަދި މިގޮތައް ބައްދަލު މިކުރީ އިންވެސްޓިގޭސަން ޓީމްގައި ހިމެނޭ ބައެއް މީހުނަށް މިކަން އަންގަން އަޅުގަނޑު ބޭނުންނުވާތީ، ތަމަންނާ ކީކޭތޯ މިކަމުގައި ބުނަނީ؟ މީގެން ކަމެއްގެ އެއްވެސް އިސާރާތެއް ތަމަންނާއަށް އެއްވެސް ގޮތަކުން ލިބިފައި ވޭތޯ؟ އަހަރެން ޖަވާބުގައި ބުނީމެވެ. ” އަޅުގަނޑު ކީކޭތޯ ތިކަމުގައި ބުނާނީ؟ އަޅުގަނޑުގެ ވާހަކަތައް ވަރަށް ގިނަމީހުން ކިޔާނެ، އަދި އެ ހުރިހާ އެންމެންނަކީ އަޅުގަނޑަށް އެނގޭބައެއް ނޫން، ތިކަމެއް ހިނގައިގެން އުޅޭވާހަކަ އަޅުގަނޑުވެސް ނޫހުން ދެކުނިން، ނަމަވެސް ތިކަން ހިނގާފައިވާނީ އަޅުގަނޑުގެ ވާހަކައަކާއި އެއްގޮތައްކަން އަދި މިއެނގުނީ.” ” މި މައްސަލައާއި ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަން ޖެހިދާނެ، އެހެންވެއްޖެ ނަމަ އަޅުގަނޑު ގުޅާނަން” ރީޙާން މިހެން ބުނުމުން އަހަރެން އާއެކޭ ބުނީމެވެ.
ކާތަކެތި އައުމުން ކެއުމަށް އިންސާފުކުރަމުން ދިޔަ އިރުވެސް އެކި އެކި ވާހަކަ ދެކެވުނެވެ. މައްސަލައާއި ބެހޭގޮތުން ރީޙާން އިތުރަށް އެއްވެސް ވާހަކައެއް ނުދައްކައެވެ. އަހަރެންގެ ދިރިއުޅުމާއި ބެހޭގޮތުން ރީޙާން ވަރަށް ގިނަކަންތައް އޮޅުންފިލުވިއެވެ. އަދި އަހަރެންގެ މަސައްކަތާއި ބެހޭގޮތުން ވަރަށް ގިނަ ސުވާލު ކުރިއެވެ. ރީޙާން ގެ ހުރިހާ ސުވާލަކަށް އަހަރެން ޖަވާބު ދިނީމެވެ. “ތަމަންނާގެ ޕާރސަނަލް ކަންތައްތަކާއި ގުޅޭ ގޮތުން ވަރަށް ގިނަވާހަކަ އަޅުގަނޑަށް އޮޅުންފިލުވައި ދީފިން، އަދި އެންމެ ކުރަންބޭނުންވާ ސުވާލު ކުަރަން ހިތްވަރު ނުލިބިގެން މިއުޅެނީ” ރީޙާން ކުަރަން ބޭނުން ސުވާލެއް ކުރުމަށް އަހަރެން ބުނީމެވެ. “ތަމަންނާގެ ބޯއިފުރެންޑެއް ނުހުރޭތަ؟” ރީހާން މިސުވާލު ކުރީ އިސްޖަހައިގެން އިނދެއެވެ. އަހަރެން ވަގުތުން ނުހުރެއޭ ބުނީމެވެ. “މިހާތަނަށް ހިތްކިޔާވަރު މީހަކާއި ދިމާނުވަނީ” އަހަރެން ބުނީމެވެ. ރީޙާން އެއަށް އެއްވެސް އެއްޗެއް ނުބުނެއެވެ. އަދި ރީޙާން އާއި އެ ސުވާލު ކުރަން އަހަރެން ހިތައްއެރިއެވެ. ނަމަވެސް އެވަގުތު ކުރަން ބޭނުން ނުވީއެވެ. ކައިނިމިގެން ވަރަށް ގިނައިރު ވާހަކަދައްކަން ތިބީމެވެ. މިހެންތިއްބާ ރީޙާންއަށް ފޯނެއް އައުމުން ފޯނުން ވާހަކަދެއްކުމަށްފަހު ދާންވީނޫންހޭ ބުންޏެވެ. އަހަރެން އުޅޭ ބިލްޑިންގ ކައިރިއަށް ބޭލުމަށްފަހު ދަނީއޭ ބުނެ ރީޙާން ނައްޓާލިއެވެ. އަހަރެން ގޮސް އެޕާރޓްމަންޓަށް ވަން އިރު މާޔަން އާއި އެމޭލިއާ ސިޓިންގރޫންގައި ތިއްބެވެ. އަހަރެން މާޔަންއަށް ގޮވައިލުމަށްފަު ވަނީ ކޮޓަރިއަށެވެ. އެއްޗެހިބަދަލްކޮށްލައި ހެދުމަށްފަހު ބޭރަށް ނުކުމެ ސޯފާގައި އިށީނީމެވެ. “ދޮންތަ ހާދަ ރީތިވެލައިގެން ކޮންތާކަށް ގޮސްލާފަ ތިއައީ؟ ރައްޓެއްސަކަާއި އެކު ޑިނާރ އަކަށް ގޮއްސަކަމުގައި އަހަރެން ބުނީމެވެ. މާޔަން އިތުރު ސުވާލެއް ނުކުރެއެވެ.
ވާހަކަ ދައްކަން ސިޓިންގރޫމްގައި އިރުކޮޅަކު އިނުމަށްފަހު އަހަރެން ނިދަންދަނީއޭ ބުނެ ކޮޓަރިއަށް ވަނީމެވެ. އަވަހަށް ނިދާލުމުގެ ބޭނުމުގައި އޮށޯތީމެވެ. ފޯން ރިންގްވާން ފެށުމުން ފޯނަށް ބަލައިލިއިރު ގުޅަނީ ރީޙާންނެވެ. އަހަރެން ފޯނަށް ޖަވާބު ދިނުމުން، މިހާލަސްގަޑިއެއްގައި ގުޅުނީތީ މާފަށް އެދޭކަމުގައި ރީޙާން ބުންޏެވެ. “ނިދުމުގެ ކުރިން ވާހަކަދައްކާލަން ބޭނުންވާތީ މިގުޅާލީ، ތަމަންނާ ވަރަށް ލަސްވާފަހުންތަ ނިދަނީ؟” އަހަރެން އަބަދުވެސް ވަރަށް އަވަހަށް ނިދަން ކަމުގައި ބުނީމެވެ. ” އެހެންވީމަ އަވަހަށް ނިދާލާ، އަދި މީޓްވެލަންވާނެ، ވަގުތެއް ލިބޭނެތަ؟ މިފަހަރު އޮފިސިއަލް މީޓިންގ އެއްނޫން”……………….. “އޯކޭ ރީޙާން އަށް ވަގުތެއް ލިބިލެއްވީމަ ގުޅާލައްވާ”…… “އޯކޭ ތޭންކްޔޫ ގުޑްނައިޓް” އަހަރެންވެސް “ގުޑްނައިޓް” މިހެންބުނެ ފޯންބޭއްވީމެވެ. އަހަރެން ފޯންބޭއްވީ ވަރަށް އުފަލުން ހުރެއެވެ. އެއީ ރީޙާން އަދި މީޓްވާންވާނެކަމަށް ބުނުމުންނެވެ. ރީޙާން އާއި މީޓްވުމުގެ ކުރިން ޒިޔާން ކައިރިން ރީޙާން އާއި ބެހޭ މައުލޫމާތު ހޯދަން ހިތައްއެރިއެވެ. ނަމަވެސް އެއީ ރަނގަޅު ކަމެއްކަމަށް ނުފެންނާތީ އެކަން ނުކުރަން ނިންމީމެވެ. އަހަރެން ބޭނުންވާ ސުވާލުތައް ދެންމީޓްވާއިރަކުން ރީޙާން ކައިރީ އަހަން ނިންމީމެވެ. އެއީ އަހަރެން ބޭނުންވަނީ މީހަކާއި ރައްޓެހިވަންޏާ ސީރިއެސް ކަމެއްގެ ގޮތުގައި ކުރާށެވެ. މިކަހަލަ ޚިޔާލްތަކެއްގެ ތެރޭ އޮއްވާ އަހަރެންނަށް ނިދިއްޖެއެވެ. ފަތިހު ހޭލުމަށްފަހު އަދިވެސް ނިދާލަން ބޭނުންވާތީ ނިދާލީއެވެ. ދެން ހޭލެވުނީ ދިހައެއްޖަހާއިރުއެވެ. ހޭލެވުނު އިރު ރީޙާން ގެ ގުޑްމޯރނިންގ މެސެޖްއެއް އިނުމުން ވަރަށް އުފަލުން ހުރެ އަހަރެންވެސް މެސެޖްއެއް ފޮނުވާލީމެވެ. ފާޚާނާއަށް ވަދެލުމަށްފަހު ކޮފީއެއް ބޯން ބޭރަށް ނުކުމެ ކޮފީއެއް ގިރައިގެން ކޮފީ ބުއިމަށް ސޯފާގައި އިށީނީމެވެ. އެވަގުތު އެމޭލިއާ ބޭރުން އައިސް ވަނުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެމޭލިއާ ގުޑްމޯރނިންގ އޭ ބުނަމުން އައިސް ސޯފާގައި އިށީނެވެ. ކޮންތާކަށްގައްސަތޯ އަހަރެން އެހުމުން މިއައީ މިތާކައިރީ ހިނގާލާފައި ކަމުގައި އެމޭލިއާ ބުންނެވެ. މިއަދު މޫދަށް އެރެން ދާންވީނޫންހޭ އެމޭލިއާ ބުނުމުން އަހަރެންވެސް އެކަމަށް އެއްބަސްވެ އެކެއްޖަހާކަށް ހާއިރު ކިހިނެއްވަނެތޯ އެހުމުން ރަނގަޅުވާނެ ކަމުގައި އެމޭލިއާ ބުންޏެވެ. އަހަރެން މާޔަން އަށް ގުޅާފައި އެކެއްޖަހާކައްހާއިރު ސުވިމްކޮށްލަން މޫދައްދައްދާން އައުމަށް ބުނުމުން އެހާއިރަށް އަންނާނާނެވާހަކަ މާޔަން ބުންޏެވެ.
މާޔަން އަންނަންވާއިރަށް އަހަރުމެން ތައްޔާރު ވެލީމެވެ. އިރުކޮޅަކުން މާޔަން އައިސް ގެއަށްވަނެވެ. “ރެޑީވެގެންދޯ ތިޔަތިބީ، އަހަރެންވެސް ތައްޔާރުވެލައިނަން” މިހެން ބުނުމަށްފަހު މާޔަން ގެނައި ދަބަސް ހިފައިގެން ކޮޓަރިއަށް ވަނެވެ. މާޔަން ތައްޔާރުވެލައިގެން ނުކުމެ ދާންވީނޫންހޭ ބުންޏެވެ. ތިރިއަށް ފޭބުމަށްފު ހިނގާގަތީމެވެ. ދާންޖެހޭ ހިސާބު ތަންކޮޅެއް ދުރުވާނެކަން މާޔަންގެ ވާހަކައިން އަހަންނަށް އެނގުނެވެ. އެތައްދުވަހަކަށްފަހު މޫދަށް އެރިލެވުމުން އަވަހަށް ގެއަށް ދާހިތެއްނުވިއެވެ. ހޫނު ދުވަހެއްކަމުން، މޫދުގައި އުޅޭއިރު ހަށިގަނޑަށް ވަރަށް އަރާމް އިޙުސާސްތަކެއް ކުރަމުންދިޔައެވެ. އިރުގަނޑެއް މޫދުގައި ހޭދަ ކުރުމަށްފަހު ގެއަށް ދިއުމަށް ހިނގާގަތީމެވެ.
“ދޮންތާ ފެންވަރައިގެން ހަވީރު ސަޔަށް ބޭރަށް ދާންވީނު ” މާޔަން އަހަރެންނަށް ގޮވައިލުމަށްފަހު މިހެން ބުނުމުން އަހަރެންވެސް އެކަމާއި އެއްބަސްވީމެވެ. އަހަރެން ފެންވަރައިގެން ބޭރަށް ނުކުތް އިރު މާޔަންއާއި އެމޭލިއާ ތައްޔާރުވެގެން ސިޓިންގރޫމްގައި ތިއްބެވެ. “ދޮންތަ މީހާރު ހާދަ ސުލޯއޭ، ފެންވަރަން ވައިންފަހުން ކިހާއިރެއް” އަހަރެން މާޔަންއަށް ޖަވާބެއްނުދީ ދާންވީނޫންހޭ ބުނީމެވެ. އެވަގުތު ނީންތަ އަހަންނަށް ގުޅިއެވެ. އަދި ހުޅުމާލެއަށްދާން ނައްޓާލަނީކަމުގައި ބުނުމުން، އަހަރުމެން ހަވީރު ސަޔަށް ބޭރަށް ނައްޓާލަނީ ކަމުގައި ބުނީމެވެ. ހުޅުމާލެއަށް ދެވުމުން ގުޅާނެ ކަމުގައި ބުނެ ނީންތަ ފޯންބޭއްވިއެވެ. އަހަރުމެން ސައިބޯން ދިޔައީ ހިނގާފައެވެ. ސައިބޯން އެހާދުރަށް ހިނގަންޖެހޭތީ އަހަރެން ސަކުވާކުރީމެވެ. ތިންމީހުނަށް އެއްސައިކަލްގައި ނުދެވޭނެއްނޫންހޭ މާޔަން ބުންޏެވެ. ދާންވާނީ ތަންކޮޅެއްކައިރި ތަނަކަށްކަމުގައި ބުނަމުން ހިނގައި ގަތީމެވެ. އަހަރުމެން ރެސްޓޯރަންޓަކަށްވަދެ އެއްޗެއްސައް އޯޑަރ ކޮށްލިތަނުން ނީންތަ ގުޅިއެވެ. އަހަރެން ފޯނަށް ޖަވާބު ދިނުމަށްފަހު މަޑުކޮށްލައްޗޭ ބުނެ މާޔަން އަށް ފޯނުދިނީމެވެ. އަދި މަންމަ އަށް މިތަން ކިޔާދޭށޭ ބުނީމެވެ. އިރުކޮޅަކުން ނީންތައާއި ރިޔާޒުބެ އެތަނަށް އައިސް އަހަރުމަންނާއި ބައިވެރިވިއެެވެ. ސައިބޮއެނިމިގެން އެކިއެކިވާހަކައިގައި އެތާ އިރުގަނޑަކު ތިބުމަށްފަހު ދާންނައްޓާލީމެވެ. ނީންތަވެސް މާލެދާނީ އަހަރެންގެ ގެއަށް ގޮއްސަކަމުގައި ބުނުމުން އަހަރެން ނީންތައަށް ތަޅުދަނޑި ދެމުން އަހަރުމެން އައީ ހިނގާފައި ކަމުގައި ބުނީމެވެ. ނީންތަ ތަޅުދަނޑިހިފައިގެން ނައްޓާލުމުން އަހަރުމެންވެސް ހިނގާގަތީމެވެ.
ގެއަށް ދެވުމުން އަހަރެން ފާޚާނާއަށް ވަދެފައި އެބައަންނަން ކަމުގައި ބުނެ ކޮޓަރިއަށްވަނީމެވެ. އަަހަރެން ކޮޓަރިއަށް ވަނީ ރީޙާން ގުޅައިފައި އިނުމުން ރީޙާން އަށް ގުޅަންވެގެނެވެ. ކޮޓަރިއަށް ވަދެ ރީޙާން އަށް ގުޅާލުމުން ރީޙާން ފޯނުނަގައިފައި ގުޅާލީ މިރޭ މީޓްވެލަން ބޭނުންވާތީކަމުގައި ބުނުމުން، ކޮންގަޑިއެއްގައިތޯ އަހަރެން އެހީމެވެ. އަހަންނަށް ފަސޭހަގަޑިއެއް އޯކޭ ކަމުގައި ރީޚާން ބުނުމުން ނައިން ހާއިރު އޯކޭވާނެ ކަމުގައި ބުނުމުން، ނައިންއަށް އަންނާނެ ކަމުގައި ބުނެ ރީޙާން ފޯންބޭއްވިއެވެ. އަހަރެން ރީޙާން ފޯންބޭއްވުމުން ބޭރަށް ނުކުމެ ނީންތަމެނާއި ބައިވެރިވީމެވެ. އަހަރުމެން ފުރާދުވަސް ކައިރިވާތީ އެވާހަކަ ވަރަށް ދެކެވުނެވެ. އަހަރެންވެސް އަވަހަށް ފުރާކަށް މިހާރު ބޭނުމެއްނޫނެވެ. ނަމަވެސް ކިޔެވުން ފެށެންވާއިރަށް ދާންޖެހޭނެތީ މަޑުކުރެވޭނެ ގޮތެއްވެސް ނެތެވެ. އަހަރެންނަށް ހިތުން މިހެން ބުނެލެވުނެވެ. އިރުކޮޅަކު ވާހަކަދައްކަން ތިބުމަށްފަހު ނީންތައާއި ރިޔާޒުބެ މޭލެދާން ނައްޓާލިއެވެ. އަދި މާދަމާރޭ ޑިނާރއަށް ގެއަށް އަންނަންވާނެކަމަށް ނީންތަ ބުންޏެވެ. އަހަރެން އާއެކޭ ބުނަމުން ނީންތަ މެނާއި އެކު ތިރިއަށް ދިޔާމެވެ. އަހަރެން މިހާރު އިންތިޒާރު ކުރަމުން މިދަނީ ނުވައެއް ޖަހާނެ އިރަކަށެވެ. ގަޑި ހިނގާލެއް ލަސްކަމަށްވެސް ހީވަންފެށިއެވެ. ނީންތަމެން ދިޔުމުން އަހަރެން ގޮސްވަނީ ކޮޓަރިއަށެވެ.
ބަރާބަރު ނުވައެއްޖަހާއިރު ރީޙާން ގުޅިއެވެ. އަދި މިހުރީ ތިރީގައި ކަމުގައި ބުންޏެވެ. އަހަރެން އަވަހަށް ތިރިއަށް ދާން ހިނގާގަތީމެވެ. އަހަރެން ހުރީ އަށްގަޑިބައި ނުވަނީސް ތައްޔާރުވެގެނެވެ. އަހަރެން ކޮޓަރިން ނުކުތް އިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަހަރެން ނަސީބެކޭ ހިތާހިތާ ބުނެލުމަށްފަހު އެޕާރޓްމަންޓް އިން ނުކުމެގެން ތިރިއަށް ދިޔައިރު ރީޙާން ދޮރުމަތީހުއްޓެވެ. ލިފްޓުން ނުކުތްތަނުން މާޔަން ގުޅިއެވެ. “ދޮންތަ ނިދީތަ؟ ކޮޓަރީގައި ޖަހާލީމާވެސް ޙަބަރެއް ނުވެގެން މިގުޅާލީ، އަހަރެންނާއި އެމޭލިއާ ބޭރަށް ނުކުމެލަނީމި، ދުއްވާލަން ދާންވެގެން.” އަހަރެން ވަރަށް ހާސްވެ ހުރެ އާނދާވީނޫންހޭބުނެ ފޯން ކަނޑާލީމެވެ. އަވަހަށް ދާން ހިނގާށޭބުނެ ބާރަށް ހިނގާގަތީމެވެ. ރީޙާންވަރަށް ހާސްވެފައި ހުރިގޮތަކަށް ކިހިނެއްވީހޭ އެހިއެވެ. އަހަރެން ޖަވާބެއްނުދީ، ދޮރުމަތީއޮތް ރީޙާންގެ ކާރަށް އަރައި އިށީނީމެވެ. ރީޙާން ކާރަށް އެރުމުން އަވަހަށް ދާން ބުނުމުން ރީޙާން ކާރު ސުޓާރޓްކޮށް ދުއްވާލިއެވެ. ތަންކޮޅަކަށް ދިއުމުން މަޑުކޮށްލާށޭ އަހަރެން ބުނީމެވެ. ރީޙާން ކާރު އެއްފަރާތެއްގައި މަޑުކޮށްލިއެވެ. “މާޔަން ގޭގައި އެބަހުރި، ބޭރަށް ދާންވެގެން ނުކުންނާތީ، އަވަހަށްދާން ބުނީ. އަހަރެން ބޭނުމެއްނުވެ އަހަރުމެންގެ ގުޅުމެއްއޮތްކަން މާޔަންއަށް އަދި އެނގޭކަށް. މަޑުކޮށްލަން މިބުނީ މާޔަންދާ ދިމާއެއްބަލާލަންވެގެން” މާޔަން ނުކުމެގެން ދުއްވާލީ އަހަރުމެން ތިބިކޮޅު ނޫން އަނެއްކޮޅަށެވެ. އަހަރެން ދާން ހިނގާށޭ ބުނުމުން ރީޙާން ކާރު ދުއްވާލިއެވެ. ކާރުދުއްވަމުން ދިޔައިރު ރީޙާން އެއްވެސް ވާހަކައެއް ނުދައްކައެވެ. އަހަރެންވެސް ފޯނުނަގާ ފޯނާކުޅެންފެށީމެވެ. “ތަމަންނާ ފުރަނީ ކޮންދުވަހަކުން؟ އަހަރެން ފޯނާ ކުޅެން އިނަސް ވިސްނެމުންދިޔައީ ރީޙާން އާއި ދޭތެރޭގައެވެ. “ނެކުސްޓް ސަންޑޭގަ.” އަހަރެން ރީޙާން އަށް ޖަވާބުދިނީމެވެ. ކާރު ޕާރކުކޮށްލުމުން އަހަރެން ކާރުން ފޭބީމެވެ. ފާބައިގެން ރީޙާން ފަހަތުން ގޮސް ރެސްޓޯރެންޓްއަށްވަދެ ގޮޑީގައި އިށީނީމެވެ. ކާއެއްޗެއްސަށް އޯޑަރުކުރުމަށްފަހު ރީޙާން ވާހަކަ ދައްކަން ފެށިއެވެ. ” ތަމަންނާ ފުރަތަމަފެނުނުދުވަހުން ފެށިގެން އަހަރެންނަށް ތަމަންނާއާއި ދޭތެރޭ ވިސްނެން ފެށި، އަހަރެންބޭނުންވާ ހުރިހާ ސިފައެއް ތަމަންނާގެ ފަރާތުން އަހަންނަށް ފެނިއްޖެ.އަދި އަހަރެންނަށް ތަމަންނާދެކެ ލޯބިވެސްވެވިއްޖެ، އަހަރެން ތަމަންނާއާއި ކާވެނި ކުރަންބޭނުން، ޖަވާބެއް ދިނުމުގެ ކުރިން އަހަރެން ގެ ވާހަކަ ކިޔާލަދޭންބޭނުން. އަހަރެންގެ ނަމަކީ އަޙުމަދު ރީޙާން ރަފީޤް. އަހަރެންނަކީ މާލޭގެ ދެމަފިރިއެއްގެ އެންމެ ދޮށީ މީހާ، ދެން ހުންނާނީ އަންހެން ކޮއްކޮއެއް، އަހަރެން މީގެ ކުރިން ކައިވެންޏެއް ކުރިން، ކައިވެނީގައި ހޭދަކުރެވުނީ އެގާރަމަސް. އަހަރެންގެ ދަރިއަކު ނެތް.” މިވާހަކަތައްދެއްކުމަށްފަހު ރީހާން ގޮޑިން ތެދުވެ ޖީބުން ފޮއްޓެއް ނަގާ އަހުޅުވާލުމަށް ފަހު އަންގޮޓިއެއް ނެގިއެވެ. އަދި އަހަރެން ކައިރީ ތަޅުންމަތީ އެއްކަކޫ ޖެހުމަށްފަހު ޕުރޮޕޯސް ކުރިއެވެ. ” ވިލްޔޫ ބީ މައި ލައިފް ޕާރޓްނަރ” އަހަރެންނަށް އެއްވެސް އިޙުތިޔާރަކާއި ނުލާ އަހަރެންގެ އަތްދިއްކޮށްލެވުނެވެ. ރީޙާން އަހަރެންގެ އަތުގައި އަނގޮޓި އެޅުވިއެވެ. އަހަރެން ރީހާން އާއި ވާހަކަ ދެއްކީމެވެ. ރީހާން އަށް އަހަރެން އެނގެނީ ކިހާވަރަކަށްތޯ ސުވާލުކުރީމެވެ. ރީހާން ޖަވާބު ދެމުން ބުންޏެވެ. “ތީ ފާތިމަތު ތަމަންނާ އަލިމަނިކު. ތަމަންނާގެ މަންމަ ވަނީ ތަމަންނާ ވަރަށްކުޑައިރު މިދުނިޔެ ދޫކޮށްފަ، ތަމަންނާގެ އެއްބަޑު ހުންނަނީ ތަމަންނާ އެކަނި. ތަމަންނާ ބައްޕަގެ އިތުރު ތިންދަރިން ތިބޭ. އަންހެންކޮށްކޮ އަކާއި ދެ ފިރެހެންކޮށްކޮ. ތަމަންނާ ޖާރނަލިސަމް މާރސްޓާރސް އަށް ކިޔަވަމުން ދަނީ ގޯލްޑްސްމިތް ޔުނިވަރސިޓީ އޮފް ލަންޑަންގަ، ޒިޔާންގެ ފެމެލީ ތަމަންނާ ގެންގުޅެނީ އެމީހުންގެ ދަރިއެއްގެ ގޮތުގަ، ތަމަންނާ ކިޔަވަން ބޭނުން ހިސާބަކަށް ކިޔަވަން ލަންޑަނަށް ފޮނުވީ ޒިޔާންގެ ބައްޕަ. ކިޔެވުމުގެ އިތުރުން ތަމަންނާ އަކީ ވާހަކަ ލިޔުންތެރިއެއް އަދި މިހާރުވެސް މަސައްކަތް ކުރަމުންދާ ނިއުސް ރިޕޯރޓަރެއް، މިހާރު ތަމަންނާ ލިޔަމުންދާ ވާހަކަ އަކީ “މޯލްޑިވްސް ޕޮލިސް” މިވަރު ރަނގަޅު ދޯ” އަހަރެން އެއްވެސް އެއްޗެއްނުބުނެ ހިނިތިތުންވެލީމެވެ. މިހުރިހާވާހަކައެއް ދައްކާ ނިމުނު އިރު ކެއުންވެސް ނިމިއްޖެއެވެ. “އަސްލު މިރޭ އަހަރެން ވަރަށް އުފާވެއްޖެ. އަހަރެން ވަރަށް ޖެހިލުންވެ ހުރެ ޕުރޮޕޯސް ކުރީ، ތަމަންނާ ދޭނެ ޖަވާބެއް ނޭނގޭތީ” އަހަރެން އެއްވެސް އެއްޗެއް ނުބުނެ އިނީއެވެ. ބިލްދެއްކުމަށްފަހު ދާންވީނޫންހޭ ރީޙާން ބުނުމުން ތެދުވެ ހިނގާގަތީމެވެ. ކުއްލިއަކަށް ރީޙާން ގެއަތް އަހަރެންގެ ކޮނޑުގައި ބޭއްވިއެވެ. އަދި ރީޙާންއާއި ކައިރިކޮށްލުމަށްފަހު “ތޭންކުސް ފޯރ އެކުސެޕްޓިންގ މީ އޭސް ޔޯރ ޕާރޓްނާރ” މިހެންބުނެ ހީލިއެވެ. އަހަރެން އުޅޭ ބިލްޑިންގް ކައިރިއަށް ކާރު މަޑުކޮށްލަމުން މިރޭ ގޫޅާލާނެކަމުގައި ރީޙާން ބުންނެވެ. އަހަރެން ކާރުން ފާބައިގެން ގޮސް އެތެރެއަށް ވަންނަންދެން ރީޙާން ދޮރުމަތީގައި މަޑުކޮށްލައިގެން އޮތެވެ.
އަހަރެން އެޕާރޓްމަންޓްގެ ދޮރު ހުޅުވާލިތަނުން ޒިޔާން ގުޅިއެވެ. “ދޮންތަ ނިދާފަތަ؟ ހުޅުމާލޭގަ ހުރީމަ ތިކޮޅަށް ގޮސްލަންވެގެން” އަހަރެން ޒިޔާން އައުމަށް ބުނުމަށްފަހު ކޮޓަރިއަށް ވަދެ އެއްޗެހިބަދަލްކޮށްލައިގެން ނުކުމެ ސޯފާގައި އިށީނދެ ޓީވީ ހުޅުވާލީމެވެ. އެވަގުތު ދޮރުހުޅުވާލާފައި މާޔަން އާއި އެމޭލިއާ ވަނެވެ. އެމީހުން އަހިސް ސޯފާގައި އިށީނެވެ. ” ދޮންތަ ނިދާފަކަމަށް ނިންމައިގެން އަހަރުމެން މިތިބީ” މާޔަން ވާހަކަ ދެއްކިއެވެ. “ދޮންބެ މިކޮޅަށް އަންނަ ވާހަކަ ބުނީމަ މި އިންނަނީ” އަހަރެން މާޔަންއަށް ބުނީމެވެ. “އެހެންތަ؟ މިހާރު އަންނަނީތަ؟ މާޔަން ސުވާލުކުރިއެވެ.” އާނ މިހާރު އަންނާނެ، ބުނި ހުޅުމާލޭގަ ކަމަށް ހުރީ” “އެހެންވިއްޔާ އަހަރެން ނައްޓާލަނީ، ދޮންބެ އަހަރެންނާ ދިމާއަށް ބުނެފި އަހަރެން އަބަދު ހުޅުމާލޭގަ އުޅޭވާހަކަ” މާޔަން މިހެން ބުނުމުން މާޔަން ބިރުގަންނަވާލުމުގެ ގޮތުން އަހަރެން ޒިޔާންއަށް މާޔަން ހުޅުމާލެގައި ހުރިކަން އެނގޭކަމަށް ބުނީމެވެ. “އަސްލުތަ ދޮންބެ މިކޮޅުގަ ހުރިއްޔާ ތިވާނީ މަގުމަތިން އަހަރެން ފެނުނީކަމަށް” އަވަގުތު ޒިޔާން އައިސް ވަނެވެ. އަދި ބުންޏެވެ. “ކޮބާ ދޮންބެ ބުނީމެއްނު މާޔަން އަބަދު ހޫޅުމާލޭގައޭ އުޅެނީ، ދެން ދޮންބެއަށް ހީވަނީ މާޔަންގެ ކިޔެވުންވެސް ލަންޑަނަށް ބަދަލްކުރަންވީހެން.” ޒިޔާން މިހެން ބުނުމުން “ތިޔައީ ވަރަށް ރަނގަޅު ވިސްނުމެއް، އެހެންވެއޭ އަހަރެން ބުނަނީ ދޮންބެ އަހަރެން ދެކެ ވަރަށް ލޯބިވެއޭ” މިހެންބުނެ މާޔަން ހިނިގަނޑެއް ޖަހާލިއެވެ. ޒިޔާން އަހިސް ސޯފާގައި އިށީނެވެ. “ދޮންތަ ގޮވައިގެން ބޭރަށް ނުކުމެލަންކަމަށް މިއައީ، މިހާރު ތަންކޮޅެއް ލަސްވެއްޖެ ދޯ” އަހަރެން ބޭރަށް ދާން ބޭނުން ނެތުމުން، ވަރަށް ނިދިވެސް އަންނަ ކަމުގައި ޒިޔާން ކައިރީ ބުނީމެވެ. އެވަގުތު ކޮފީހަދަންތޯ އެމޭލިއާ އެހިއެވެ. އެންމެންވެސް ކޮފީ ބޭނުންކަމުގައި ބުނުމުން އެމޭލިއާ ކޮފީހަދަން ހިނގާގަތުމުން މާޔަންވެސް އެމޭލިއާ އާއި އެކު ދިޔައެވެ. “އަސްލު ވާހަކައެއް ދައްކާލަން މިއައީ، ދޮންތައާއި އެކަނި ވާހަކަ ދައްކަން ބޭނުންވާތީ ބޭރަށް ދާވާހަކަ ބުނީ، ދޮންތައަށް މާދަމާ އޮފީހަށް ޖައްސާ ލެވިދާނެތަ؟ ދޮންތަ ތައްޔާރުވަލައިގެން ގުޅީމަ މާޔަން ފޮނުވާނަން ބަލާ، މެންދުރެއް ހާއިރު ރަނގަޅުވާނެ” “އޯކޭ ދޮންތަ ރެޑީވެގެން ގުޅާނަން” އަހަރެން ބުނީމެވެ. ކޮފީގެނައުމުން އެންމެން ކޮފީބޯން ތިބެގެން އެކި އެކި ކަންކަމާއި ގުޅޭގޮތުން ވާހަކަ ދެކެވުނެވެ. އެވަގުތު ރީޙާން އަހަންނަށް ގުޅިއެވެ. އަހަރެން ފޯނަށް ޖަވާބުދެމުން “އައި ވިލް ކޯލް ޔޫ ބިޓް ލޭޓާރ” އޭ ބުނެ ފޯން ކަނޑާލީމެވެ. އިނގިރޭސިން ވާހަކަ ދެއްކީ ސުވާލެއް އަޔަސް ކައިރީގައި ތިބި މީހުނަށް އޮޅުވާލަން ފަސޭހަވާނެތީއެވެ. ކޮފީ ބޮއެނިމުމުން މާޔަން ދާކަށް ނުވޭހޭ ބުނެ ޒިޔާން ތެދުވެގެން ހިނގާގަތެވެ. އަދި އަހަރެންނާއި އެމޭލިއާއަށް ގުޑްނައިޓް ކިއުމަށްފަހު ނުކުމެގެން ދިޔުމުން އަހަރެންވެސް ނިދަން ދަނީކަމަށް ބުނަމުން ތެދުވެގެން ކޮޓަރިއަށް ހިނގާގަތީމެވެ.
ކޮޓަރިއަށް ވަނުމަށްފަހު ނިދަން ތައްޔާރުވެލައިގެން އެނދުގާ ހަމަޖެހިލަމުން ރީޙާން އަށް ގުޅާލީމެވެ. ރީހާން ފޯނަށް ޖަވާބު ދިނުމަށްފަހު ގުޅުނީ މާ ބިޒީ ގަޑިއެއްގަތޯ އެހިއެވެ. ވީގޮތް ރީޙާން އަށް ކިޔައިދިނުމުން ދުވަހަކުވެސް އެމީހުނަށް ނާންގާނަންތޯ އަހާލަމުން ހިނިގަނޑެއް ޖަހާލިއެވެ. އަދި އަހަރެން ލަންޑަނަށް ދާއިރު ދާން ޗުއްޓީނަގަންތޯ އެހުމުން އެގޮތް ރަނގަޅު ނުވާނެ ކަމުގަޔާއި އަހަރެން އެކޮޅަށް ދާފަހުން އަޔަސް އޯކޭ ކަމުގައި ބުނީމެވެ. “އަހަރެން އެކޮޅަށްދާގޮތައް ވަރަށް ބިޒީކޮށް އުޅެންޖެހޭނީ، އެހެންވީމަ ދުވަސްކޮޅެއް ފަހުން އައީމަ އަހަރެންނަށް ވަގުތެއް ލިބޭނީ، ރީޙާން އެކޮޅަށް ގޮސް އަހަރެންގެ މަސައްކަތާއި ހެދި ރީޙާން އަށް ވަގުތު ނުދެވިދާނެ” “އެހެންތަ! އެކޮޅަށް ދިޔާމަ އަހަރެންނަށް ވަގުތުދޭނަން ދޯ” ޒިޔާން ލާނެތް ފާޑަކަށް މިހެން ބުނުމުން، “މިހާރުވެސް ވަގުތަށް އެދެފިއްޔާ ވަގުތު ދެމެއްނު” އަހަރެން ބުނީމެވެ. ރީޙާން އާއި ވާހަކަ ދައްކަން އޮތްއިރު ވަގުތު ދިޔަގޮތެއްވެސް ނޭގުނެވެ. ގަޑިބަލާލެވުނު އިރު ދެގަޑި ބައިވަނީއެވެ. “ދެން ނިދަންވީނު،” އަހަރެން މިހެން ބުނުމުން “އާނ ވަރަށް ލަސްވެއްޖެ ދޯ، އަދި ނަމާދަށް ހޭލަންޖެހޭނެ ދޯ” ރީޙާން ބުންޏެވެ. ” ނޫން ޗުއްޓީގަ މިހުރީ، ގުޑްނައިޓް އިނގޭ” “ހާދަގޮތަކަށް، އޯކޭ ގުޑްނައިޓް ލަވް، އަސްލުވެސް ވަރަށް ލޯބިވެވިއްޖެ އިނގޭ” ރީހާން ބުންޏެވެ. “އަހަރެންވެސް ވަރަށް ލޯބިވެއޭ” ބުނެ ފޯންކަނޑާލީމެވެ. ފޯންބޭއްވުމުންވެސް ވަރަށް އުފާވެރި އިޙުސާސެއް އަހަރެންނަށް ކުރެވުނެވެ. އަދި ރީޙާން އާއި ދޭތެރޭ ވިސްނަން އޮވެވުނެވެ. ރީޙާން ގެ އަލަތު ކައިވެނި ކުރިއަށް ނުގެންދެވުނު ގޮތެއް އޮޅުން ފިލުވަންޖެހޭނެ އަމުގައި އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. މިރޭވެސް އެސުވާލު ކުރަން ހިތައް އެރިއެވެ. ނަމަވެސް ރީޙާން އެކަމާއި ބެހޭގޮތުން އިތުރު ތަފްސީލެއް ދޭތޯ މަޑުކުރަން ބޭނުންވީއެވެ. ރީޙާން އަކީ އިޙުލާސްތެރި މީހެއްވިއްޔާ އަހަރެން ސުވާލް ނުކުރިޔަސް އެވާހަކަތައް ކިޔައިދެން ޖެހޭނެ ކަމުގައި އަހަރެންގެ ހިތް އަހަރެންނަށް ވިސްނަދިނީއެވެ. މިކަހަލަ ޚިޔާލް ތަކެއްގައި އޮއްވައި ނިދުނު އިރެއްވެސް ނޭގުނެވެ.
ހޭލެވުނީ ދޮރުގައި މީހަކު ތަޅާ އަޑަށެވެ. ލޯހުޅުވާލުމަށްފަހު ގަޑި ބަލާލީމެވެ. ގަޑިން މެންދުރު އެކެއް ޖަހަނީއެވެ. ކަންނެތްގޮތަކަށް ގޮސް ދޮރުހުޅުވާލީމެވެ. ދޮރުމަތީ ހުރީ ޒިޔާން އެވެ. ” މަންމަ ދޮންތައަށް ގުޅާތާ ވަރަށް ގިނައިރު ވެއްޖެ، ދޮންތަ ފޯން ނުނަގައިގެން މިކޮޅަށް ދާންބުނީމަ މިއައީ ‘ ދޮންތަ ބަލީތަ؟” ޒިޔާން ވަރަށް ކަންތައްބޮޑުވެފަ ހުރި ރާގެއްގައި އެއްނޭވާއިން ހުރިހާވާހަކައެއް ދައްކާލިއެވެ. “ނޫން ތަންކޮޅެއް ލަސްވިފަހުން ނިދުނީ، ޗެނަލްއިން ފޮނުވާފަހުރި މަސައްކަތްތަކެއް ނިންމާލަންވެގެން ނުނިދާ އިނދެވުނީ، އަހަރެން ޒިޔާންއަށް ދޮގެއް ހަދާލީމެވެ، ޒިޔާން ޖައްސާލަންވީނު ، ދޮންތަ ފުރެޝް ވެލައިގެން މި ނުކުންނަނީ، ނުކުމެފަ މަންމައަށް ގުޅާލާނަން.” މިހެން ބުނުމުން ޒިޔާން ސޯފާއާއި ދިމާއަށް ހިނގާގަތެވެ. އަހަރެން ތައްޔާރުވެލައިގެން ނުކުތް އިރު ޒިޔާން އާއި އެމޭލިއާ ކޮފީ ބޯން ސޯފާގައި ތިއްބެވެ. ކޮޓަރިން ބޭރަށް ނުކުތުމުގެ ކުރިން ނީންތައަށް ގުޅައިލީމެވެ. ނީންތަ ބުނީ މެންދުރު ކާން ޒިޔާންއާއި އެކު މާލެ އައުމަށެވެ. އަހަރެން މިދަނީއޭ ބުނެ ފޯންބޭއްވީމެވެ. “ކޮބާ ދޮންތަ ރެޑީ، ހިނގާ ދާން” މިހެން ބުނުމަށްފަހު އެމޭލިއާ ކައިރީ ވެސް ލަންޗައް މާލެ ދާން ހިނގާށޭ ބުނީމެވެ. ޒިޔާން ކޮފީ ނިންމާލުމަށްފަހު ތިންމީހުން ނުކުމެ ކާރަށް އަރައިގެން މާލެ ދިއުމަށް މިސްރާބު ޖެހީމެވެ. “ކޮބާ މާޔަން” އަހަރެން ޒިޔާން އާއި ސުވާލުކުރުމުން “ޒިޔާން ހުޅުމާލެއަށް އަންނަން ނުކުތް އިރު މާޔަން އޮފީހުގައި އުޅޭ ކަމުގައި ޒިޔާން ބުންޏެވެ.” ކާރުގޮސް ގޭ ދޮރުމަށްޗަށް މަޑުކޮށްލުމުން އަހަންނާއި އެމޭލިއާ ކާރުން ފޭބީމެވެ. ޒިޔާން ދިޔައީ އޮފީހަށެވެ. ގެއަށް ވަން އިރު ނީންތައާއި ރިޔާޒުބެ އަހަރުމެންގެ އިންތިޒާރުގައި ސިޓިންގރޫމްގައި ތިއްބެވެ. އަހަރުމެން ފެނުމުން އަވަހަށް ކާން ހިނގާށޭ ބުނެ ނީންތައާއި ރިޔާޒުބެ ހިނގާގަތީ ކާގެއާއި ދިމާލަށެވެ. އެވަގުތު އަހަރުމެންގެ ފަހަތުން މާޔަން “ދޮންތާ” އަހަރެންނަށް ގޮވާލިއެވެ. މާޔަންވެސް އަހަރުމެންގެ ފަހަތުން އަހިސް ކާމެޒު ކައިރީ އިށީންނަމުން އަހަރުމެންގެ ދަތުރަށް ތައްޔާރުވެވިއްޖެތޯ ސުވާލު ކުރިއެވެ. މިހާރު ޕެކިންގގެ ވަރަށް ބޮޑުބައި ނިމިއްޖެ، އަދި ބައެއް ތަކެތި ގަނެލަން ހުރީމަ މުޅިން ނިންމާނުލެވެ. އަހަރެން މާޔަން އަށް ޖަވާބު ދިނީމެވެ. “މިހާރު ފުރަން ދެދުވަހަށް ވީނުން” މާޔަން ބުންޏެވެ. މާޔަން މިރޭ ދޮންތަ ގޮވައިގެން ސޮޕިންގއަށް ދެވިދާނެތަ؟ “އާން ދޮންތަ ރެޑީވީމަ ގުޅާލާ، މިރޭ ސޮޕިންގ ނިންމާލާފަ ހުޅުމާލެއަށް ދާން މިކޮޅުގަ މަޑުކުރަން ވީނުން” މާޔަން މިހެން ބުނުމުން އެއަށް ޖަވާބު ދިނީ ނީންތައެވެ.”އާނ ދޮންތަ ދެން މިރޭ ސޮޕިންގ ކޮށްލައިގެން ހުޅުމާލެއަށް ދާނީ” މިކަހަލަ ވާހަކަ ތަކެއްގައި ތިއްބާ ކެއުމުގެ ކަންތައްވެސް ނިމިއްޖެއެވެ.
ކައިނިމިގެން ތެދުވަމުން ރިޔާޒުބެ އަހަރެެންނަށް ގޮވައިލައިފައި އައުމަށް ބުނުމުން އަހަރެން ތެދުވެގެން ރިޔާޒުބެގެ ފަހަތުން ހިނގައިގަތީމެވެ. ރިޔާޒުބެ ދިޔަގޮތަކަށް ކޮޓަރިއަށް ވަންނަމުން ކޮޓަރިއަށް ވަނުމަށް އަހަރެން ކައިރީ ބުންޏެވެ. އަހަރެން ރިޔާޒުބެ ގެ ފަހަތުން ކޮޓަރިއަށް ވަނުމުން އަހަރެންގެ އަތުގައި ހިފައިގެން ގޮސް ސޯފާގައި އިށީނެވެ. “ދަރިފުޅާ ވާހަކައެއް ދައްކާލަންވެގެން މިގެނައީ، އެމޭލިއާ އަކީ ކޮންކަހަލަ ކުއްޖެއް؟ އޭނަގެ އުޅުން ކިހިނެއް ދަރިފުޅަށް ރަނގަޅަށް އޭނަ އެނގޭތަ؟” އަހަރެން ވަގުތުން ރިޔާޒުބެއަށް ޖަވާބު ދިނީމެވެ.” އެމޭލިއާ އަކީ ވަރަށް ރަނގަޅު ކުއްޖެއްހެން ހީވަނީ، އަހަރެންނަށް އެނގިގެން އެއްވެސް ގޯސްގޮތަކަށް ނޫޅެ، އެކޮޅުގައިވެސް ހަމަ ވަރަށް މަޑުމައިތިރިކޮށް އުޅޭނީ، ބޭރަށްގޮސްވެސް ވަރަށް ނޫޅޭނެ، އެއްޗެއް ގަންނަންޖެހިގެން ނޫނީ ވަރަށް ބޭރަށްވެސް ނުދެ، ފެންނަފެނުމަށް ވަރަށް ރަނގަޅު، ފަހުންވާނެ ގޮތެއް ބުނާކަށް ނޭނގޭ، އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ، ގޯސްވިޔަސް އަހަރެން ބުލޭމް ނުކުރިއްޔާ ވަރަށް ރަނގަޅު، އަދި ވަގުތުވެސް އެބައޮތް ރަނގަޅަށް ބަލަން” ރިޔާޒުބެ ވާހަކަ ދެއްކިއެވެ. “އެކޮޅަށް ގޮސް ތަންކޮޅެއް ރަނގަޅަށް އެމޭލިޔާގެ ކަންތައް ހުންނަގޮތް ބަލާތި، މިވާހަކަ މިދެއްކީ މާޔަން އެމޭލިއާ އާއި ކައިވެނި ކުރަން ބޭނުންވެގެން އެވާހަކަ ރިޔާޒުބެއާއި ދެއްކީމަ”
އަހަރުމެން ފުރުވަން ގޭ އެންމެން އެއަރޕޯރޓަށް ދިޔައެވެ. އެކުގައި ދުވަސްތަކެއް އުޅުމަށްފަހު ފުރައިގެން ދާންޖެހުމުން އަހަރެން ހުރީ ހިތް ނުތަނަވަސް ވެފައެވެ. އަހަރެން މި ދެރަވަނީ ގޭ މީހުނާއި ދުރަން ދާންޖެހުނީމަ ހެއްޔެވެ. ނުވަތަ ރީޙާން އާއި ދުރައް ދާން ޖެހުމުން ހެއްޔެވެ. އަހަރެންގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. ރީޙާންވެސް އެއަރޕޯރޓަށް އަހަރެން ފުރުވަން އަހިސް ހުއްޓެވެ. އެންމެނާއި ސަލާމް ކުރުމަށްފަހު އެތެރެއަށް ވަދެ ޗެކިންގ ނިންމާލީމެވެ. ފުރަން މާގިން ވަގުތު ނެތުމުން ދިޔަގޮތަށް ދިޔައީ ގޭޓަށެވެ. ގޭޓަށް ދިޔަ އިރު ބޯޑް ކުރަން ފާށާފައި ވުމުން ދިޔަގޮތައް ގޮސް ބޯޓަށް އަރާ ހަމަޖެހިލީމެވެ.
ދިގުދަތުރަކަށްފަހު ރަންވޭއަށް ބޯޓް ތިރިކޮށްލިއެވެ. އަހަރެން ހުރީ ވަރަށް އަވަހަށް ގެއަށް ދާން ބޭނުންވެފައި ކަމުން ވަރަށް އަވަސް ކޮށްލައިގެން ބޭރަށް ނުކުމެ ޓެކްސީއަކަށް އެރުމަށްފަހު ދާން ވީތަން ބުނެލީމެވެ. ބާރުދުވެލީގައި ކާރުގޮސް މަޑުކޮށްލުމުން ކާރަށް ލާރި ދިނުމަށްފަހު އެއްޗެހިތައް ހިފައިގެން އެޕާރޓްމެންޓަށް ވަދެ ސޮފާގައި އިށީނދެލުމަށް ފަހު ލޯމަރާ ލީމެވެ. އަހަރެންނަނަށް ސިފަވެގެން ދިޔައީ ރީޙާންގެ ތަސްވީރެވެ. އަހަރެންނާއި އެކު އެހެން މީހަކު ހުރިކަމުގެ އިހުސާސްވެސް ކުރެވުނީ އެމޭލިއާ އަހަންނަށް ގޮވާލުމަށްފަހު ފެންތައްޓެއް ދިއްކޮށްލުމުންނެވެ.ފެންތަށީގައި ހިފައި އެއްނޭވާއިން ފެންތަށި ބޮއެލުމަށްފަހު މޭޒު މަތީގައި ތަށި ބެހެއްޓީމެވެ. އެމޭލިއާ އާއި ދިމާލަށް ބަލާލި އިރު ކަޅި ޖަހާނުލާ އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. އެވަގުތު އެމޭލިއާގެ ފޯން ރިނގްވާން ފެށުމުން އަހަރެންނަށް ފޯންގެ ސުކުރީން ދައްކާލުމަށް ފަހު ސޯފާގައި އިށީނެވެ. ގުޅީ މާޔަން އެވެ. އެވަގުތު އަހަރެންނަށް ބޭ އިޙުތިޔާރުގައި އަހަރެންގެ ފޯން ނަގައި ބަލައިލެވުނެވެ. އަހަރެންނަށް އާދެވިއްޖެތޯ ބަލާލަންވެސް ރީޙާން ގުޅާ ނުލައެވެ. ހިތާހިތާ މިހެން ބުނަމުން ފޯން ބަލާލިއިރު ފޯން އޮތީ ފުލައިޓް މޯޑްގައެވެ. އަވަހަށް ގެއަށް އަންނަން ބޭނުންވެފަ ހުރި ވަރުން ފޯން މަތިންވެސް ހަނދާން ނެތުނީއެވެ. ފޯންގެ ފުލައިޓް މޯޑް އޮފް ކޮށްލުމުން މެސެޖްތައް އަންނަން ފެށިއެވެ. ބަލާލި އިރު މާޔަން އަހަންނަށް ގުޅާފަ އޮތެވެެ. ޒިޔާން ނީންތަ އަދި ރީޙާންވެސް ގުޅާފަ އޮތެވެ. އަހަރެން ޒިޔާން އަށް ގުޅާލީމެވެ. އެކޮޅުން ފޯނަށް ޖަވާބު ދިނުމަށްފަހު “ދޮންތަ އަށް ގެއާއި ހަމައަށް ފޯރާފިތޯ ބަލާލަން ވެގެން ގުޅާލީ” ޒިޔާން މިހެން ބުނަމުން ހުރިހާކަމެއްވެސް ރަނގަޅަށް ދިޔަތޯ ސުވާލު ކުރިއެވެ. އަހަރެން ރަނގަޅު ކަމަށް ބުނުމުން އެއްޗެއް ކައިގެން އަރާމް ކޮށްލުމަށް ބުނެ ފޯން ބޭއްވިއެވެ. ނީންތައަށް ގުޅާލުމަށްފަހުވެސް ހުރިހާކަމެއް ރަނގަޅު ކަމުގައި އަދި މިހާރު ގޭގަ ކަމަށް ބުނީމެވެ. އަދި ފަހުން ގުޅާނެކަމަށް ބުނެ ފޯން ބޭއްވީމެވެ. އަހަރެން ސޯފާއިން ތެދުވެ ރެސްޓްކޮށްލަން ދަނީއޭ އެމޭލިއާ ކައިރީ ބުނުމަށްފަހު ކޮޓަރިއާ ދިމާއަށް ހިނގާގަތީމެވެ.
ކޮޓަރިއަށް ވަދެ އެނދުގައި ހަމަޖެހިލަމުން ރީޙާން އަށް ގުޅާލީމެވެ. ފުރަތަމަ ރިންގާއި އެކު ރީޙާން ފޯނަށް ޖަވާބު ދިނުމުން އަހަރެން ކައިރިއަށް ހިނިއައެވެ. “ސާބަސް ރީޙާން އަށް ފޯން ކަންފަތުގައި ޖަހައިގެން ދޯ ތި އިންނަނީ” އަހަރެން މިހެން ބުނުމުން ރީޙާން ހިނިތުންވެލުމަކާއި އެކު ޖަވާބު ދިނެވެ. “އާނ އެހެންނު ވާނީ މިހާރު ކިހާ އިރެއް ގުޅާތާ، ތި އަޑު ނީވި ސޯޅަ ގަޑި އިރު ވީމަ އަހަންނަށް ވާނެ ގޮތް ބޭބީ އިހުސާސް ކޮށްލަބަލަ” އަހަރެންނަށް ރީހާން އާއި ވާހަކަ ދައްކަން އޮތް އިރު ވަގުތު ދިޔަގޮތެއްވެސް ނޭގުނެވެ. ބަނޑުހާކަން އިހުސާސް ކުރެވެން ފެށުމުން ފޯން ބަލާލި އިރު ތިންގަޑި އިރު ވަނީއެވެ. “”ރީހާން އަހަރެން ވަރަށް ބަނޑުހައި ވެއްޖެ. އެއްޗެއް ކާލަން މިދަނީ” ވަރަށް މިސްވޭ، ވަރަށް ލޯބިވޭ” މިހެން ބުނެ ފޯންބޭއްވީމެވެ. ރީހާންވެސް ވަރަށް ހަނދާންވޭ އަދި ވަރަށް ވަރަށް ލޯބިވޭ މިހެން ބުނެ ފޯން ކަނޑާލިއެވެ.
މިފަހަރު ކިޔެވުން ފެށުނުފަހުން އުޅެންޖެހުނީ ވަރަށް އަވަދިނެތިއެވެ. ހަދަންޖެހޭ އެސެސްމެންޓްތައް ގިނަކަމުން ނޭވާލާނެ ވަގުތެއްވެސް ނުވެއެވެ. އަނެއްކޮޅުން ޗެނަލްގެ މަސައްކަތްތައް އޮވެއެވެ. ކިތަންމެ ބުރަކޮށް އުޅެންޖެހުނަސް ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަގުތެއް ހުސްކޮށްލައިގެން ވާހަކަ ލިޔުމުގެ މަސައްކަތްވެސް ކޮންމެވެސް ވަރަކަށް ކޮށްނުލާ ހިތައްހަމަޖެހުމެއް ނުލިބޭތީ އެކަންވެސް ކޮށްނުލައެއް ނުވެއެވެ. ދުވަސްތައް މާޒީއާއި އެކުވަމުންގޮސް ރީޚާން ލަންޑަނަށް އަންނަން ދުވަހެއް ނިންމިއެވެ. ރީޚާން އަންނަ ވާހަކަ ބުނުމުން ވަރަށް ދެރަވިއެވެ. އެއީ އަހަރެން މިހާ ބުރަކޮށް އުޅޭއިރު ރީޚާން އާއި އެއްކޮށް ބޭނުންވާވަރަށް ވަގުތު ހޭދަ ނުކުރެވޭނެތީއެވެ. ރީޚާން އަންނަން އޮތީ ހަފްތާއެއްހާ ދުވަހެވެ. ފަހުން އަންނަން މަޑުކޮށްލާށޭ ބުނާކަށް ހިތެއްނޭދެއެވެ. ކަންތައްވާނެ ގޮތަކަށްދާން ދޫކޮށްލުމަށްފަހު ރީޚާން އަންނަން ވާއިރަށް ތައްޔާރުވާން ފަށައިފީމެވެ. ބޭނުންވާނެ ބައެއްތަކެތި ގަނެ ކުރަންހުރި ކަންތައް ނިންމާލެވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ.
ރީޚާން އަންނަން ދެދުވަހަށް ވީތަނުން ދަތުރު ލަސްކޮށްލަން ޖެހުނުވާހަކަ ރީޚާން ބުނުމުން ވަރަށް ދެރަވިއެވެ.އަދި ވަރަށް ރުޅިވެސް އައެވެ. އެއީ އަހަރެން ވަރަށް ބުރަކޮށް އުޅެމުންވެސް ރީޚާން އަންނަން ވާއިރަށް އެތައް ތައްޔާރީތަކެއް ވީފަހުން އެގޮތައް ނިންމީމައެވެ. އިތުރު ވާހަކައެއް ނުދައްކާ އަހަރެން ފޯން ކަނޑާލީމެވެ. ރީޚާން ކުއްލިއަކަށް އިންޑިއާއަށް ދާންޖެހުނީޔޯލައެވެ. އަހަރެން ފޯންކަނޑާލުމުން ރީޚާން ވަރަށްގުޅިއެވެ. އެވަގުތު އަހަރެން އެއްވެސް މީހަކާ ވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ. މެސެޖްކުރުމުންވެސް އެއްވެސް ޖަވާބެއް ދޭކަށް ބޭނުމެއް ނުވިއެވެ. އަހަރެން ރޭގަނޑު ރީޚާން އަށް ގުޅީމެވެ. ފުރަތަމަ ރިންގްއާއި އެކު ރީޚާން ފޯނަށް ޖަވާބު ދިނެވެ. އަދި ފުރަތަމަވެސް ވަރަށް ބޮޑަށް ސޮރީ އޭ ބުނެ ވާހަކަ ދައްކަންފެށިއެވެ. “ބޭބީ އަހަރެންވެސް ވަރަށް ބޭނުން ތިކޮޅަށްދާން، ދާން ބޭނުންވާތީ އަހަރެން އަމިއްލައަށް ދުވަހެއް ނިންމާ އަދި އަބަދު ތިކޮޅަށް ދާ ވާހަކަ ދައްކަނީ، އިންޑިއާއަށް ދިޔުމަކީ އަހަރެންނަށް އެހެން ގޮތެއް ނެތިގެން ކުރަން ޖެހުނު ދަތުރެއް، ވީކެއްގެ ތެރޭ އަންނާނަން، މާލެ އަންނަދުވަހު ނޫން އަނެއް ދުވަހު ތިކޮޅަށް ފުރާނަން” ރީޚާން ވަރަށް ދެރަވެހުރެ އެއްނޭވާއިން ކަހަލަ ގޮތަކަށް ހުރިހާ ވާހަކައެއް ދައްކާލުމުން އަހަރެންވެސް ވަރަށް ދެރަވިއެވެ. އަދި އަހަރެންނަށް ކަންތައް ކުރެވުނު ގޮތުން މާޢާފަށް އެދުނީމެވެ. އިންޑިއާގަ ހުއްޓަސް އަހަރެންނަށް މިހާރު ގުޅާ ގޮތައް ގުޅާހެދުމަށް އެދުނީމެވެ.
ރީޚާން އިންޑިޔާއަށް ދިޔަފަހުން ހަބަރެއް ނުވެ ލަސްވެގެން އަހަރެން ގުޅުމުން ފޯނެއް ނުނަގައެވެ. އަދި މެސެޖްކުރުމުން ޖަވާބު ލިބެނީވެސް ވަރަށް ގިނައިރުވާ ފަހުންނެވެ. ދެތިންދުވަސް މިގޮތައް ދިއުމުން އަހަރެންނަށް ހިތްހަމަ ނުޖެހުން އާދެވެން ފެށިއެވެ. ހިތްހަމަ ނުޖެހިފައި ހުއްޓައި ގުޅާފަވެސް އަހަރެންނާއި ވާހަކަ ދައްކާކަށް ނޫޅެއެވެ.އަހަރެން ދައްކާވާހަކަ އަޑުއަހާކަށް ބޭނުމެއް ނުވިއެެވެ. ހިތްހަމަ ނުޖެހިގެން ފޯން ކަނޑާލީއެވެ. އެހިސާބުން ރީޚާން އާއި ވަކިވުމަށް އަހަރެން ވިސްނަންފެށީމެވެ. އަދި އަނެއްދުވަހު މެސެޖްކޮށްފައި ދެމީހުންގެ ގުޅުން މިހިސާބުން ނިމުނީކަމުގައި ބުނީމެވެ. އަހަރެން އެގޮތަށް މެސެޖް ކުރުމުންވެސް ރީޚާންގެ އެއްވެސް ޖަވާބެއް ނުލިބުނެވެ.
ހަމަ އެދުވަހު އަހަރެންގެ ކައިވެންޔަށް މީހަކު އެހުމުން އެމީހަކާއި ވާހަކަދައްކަން ފެށީމެވެ. މާޒް އަކީ މީގެ ކުރިން އަހަރެން ދެކުނުވެސް މީހެއްނޫނެވެ. ނަމަވެސް އެވަގުތު މީހަކާއި ވާހަކަ ދައްކަން ބޭނުންވާތީ ވާހަކަ ދައްކަން ފެށުނީއެވެ. މާޒް އަކީވެސް ދިރި އުޅުމުގަ ވަރަށް ހިތި ތަޖުރިބާއެއް ކޮށްފައި ހުރި މީހެއްކަމަށް ބުނެ އެވާހަކަތައް ކިޔާދިނުމުން ހަމްދަރުދީވެވުނެވެ. އޭގެ ދެތިން ދުވަސްފަހުން ރީޚާން މާލެ އައެވެ. އަދި އަހަރެންނަށް ގުޅިއެވެ. ގުޅާ ވީގޮތް ކިޔާދިނެވެ. ރީޚާން ގެ ދައްތަ މާސީރިޔަސް ވެގެން އައިސީޔޫއަށް ލީކަމުގައި ބުންޏެވެ. އަދި ހޮސްޕިޓަލް އެތެރޭގަ އުޅޭއިރު ރޭންޖް ނުލިބޭ ވާހަކަ އާއި ގުޅަންވާ ކޮންމެފަހަރަކު ބޭރަށް ނުކުންނަންޖެހޭތީ ނުގުޅެނީކަމުގައި ބުންޔެވެ. ނަމަވެސް ރީޚާން އެދެއްކި ވާހަކަ ތައް އަހަރެންނަކަށް ޤަބޫލް އެއް ނުކުރެވުނެވެ. މިވަގުތު ފޯންބާއްވަނީ ކަމަށް ބުނެ ފޯން ބޭއްވީމެވެ.
މާޒް އަހަރެންނާއި ވަރަށް އަވަހަށް ކައިވެނި ކުރަން ބޭނުންވެއެވެ. އެހެންވެ އަހަރެންވެސް ނީންތަ އާއި ރިޔާޒްބެއަށް ގުޅާ ހުރިހާ ވާހަކައެއް ކިޔާދިނުމަށްފަހު ވަރަށް އަވަހަށް ކައިވެނި ކުރަން ބޭނުންވާތީ މާލެ ދާވާހަކަ ބުނީމެވެ. އަދި ޒިޔާން އަށް ގުޅާފައި އެވާހަކަ ބުނީމެވެ. މާޒް އާއި އަހަރެން މާލެ ދިޔުމަށް ދަތުރު ތައްޔާރު ކުރަން ފެށީމެވެ. ނަމަވެސް އަހަރެންގެ ހިތައް ހަމަޖެހުމެއް ނުލިބެއެވެ. ހުންނަނީ ބުނަންނޭނގޭ އުނދަގޫ ގޮތްތަކެއް ވެފައެވެ. މާޒް އަށްވެސް ރީޚާން އާއި އަހަރެންގެ ގުޅުމުގެ ހުރިހާވަހަކައެއް ކިޔާދިނީމެވެ. އަދި މާޒްއާއި ކައިވެނި ކުރަން އުޅުނަސް އަހަރެން އަދިވެސް ރީޚާން ދެކެލޯބިވާކަމުގައި ބުނީމެވެ. އެކަމާ މާޒް މާބޮޑަކަށް އަޅައެއްނުލައެވެ. ކައިވެނި ކުރީމަ ހުރިހާކަމެއްވެސް ރަނގަޅުވާނެ ކަމަށް ބުނެއެވެ.
ދެމީހުން އެކުގައި މާލެ ދިޔުމަށް ދަތުރުފަށާފީމެވެ. ދިގުދަތުރަކަށްފަހު ރަންވޭއަށް ބޯޓް ތިރިކޮށްލިއެވެ. ބޯޓުން ފާބައިގެން އިމިގްރޭސަން ނިންމުމަށްފަހު ފޮށިތައް އަންނަންދެން މަޑުކޮށްލަން ޖެހުނެވެ. އަހަރެންގެ ނުތަނަވަސްކަން ދިޔައީ އިތުރުވަމުންނެވެ. އެވަގުތު ރީޚާން އަށް ގުޅާލަން ހިތައްއެރިއެވެ. ނަމަވެސް ގުޅަން މޫޑް ނެތުމުން ނުގުޅީއެވެ. ފޮށިތައް ނަގައިގެން ބޭރަށް ނިކުތުމަށް ހިނގައިގަތީމެވެ.އެވީ ވަގުތުތަކުގައިވެސް އަހަރެން މާޒް އަކާއި އެއްވެސް ވާހަކައެއް ނުދައްކަމެވެ. ބޭރަށް ނިކުތްތަނުން ނީންތަ ދުވެފައި އަހިސް އަހަރެންގައިގައި ބައްދާލިއެވެ. އަދި ޒިޔާންވެސް އަހިސް ބައްދާލިއެވެ.
*****
ނުނިމެ

