“ހިނގާ އެއްޗެއް ކަމާ.. މިތާ ހުންނަ ސްޓޯލަކުން ވިއްކާނެ ލުއިކާނާލާ ކަހަލަ އެއްޗެހި..” އެސަރަޙައްދުގައި ތަފާތު ކާތަކެތި ވިއްކޭ ގޮތަށް ހަދާފައި ހުރި ތަނެއް ދައްކާލަމުން މާޔާ ބުނެލިއެވެ. ދިޔާންއަށް ވެސް އެޚިޔާލު ކަމުދިޔުމާއެކު ހަތަރު މީހުން އެދިމާއަށް މިސްރާބުޖެހިއެވެ.
ލިލިއަން އާއި މާޔާ އައިސް ކްރީމް ގަތް އިރު ދެ ފިރިހެނުން ގަތީ އައިސް ކޮފީއެކެވެ. ލިލިއަން އާ ޚިލާފަށް މާޔާ އަކީ ނުހަނު ފަސޭހަައިން އެންމެނާ ގުޅޭ މިޒާޖެއްގެ އަންހެން ކުއްޖެކެވެ. ނަތީޖާއެއްގެ ގޮތުން ކުޑަ ވަޤުތު ކޮޅެއްގެ ތެރޭގައި ދިޔާން އާއި ގުޅުން ބަދަހިވެގެން ދިޔައެވެ.
މާޔާއާ އެކި ވާހަކަ ދައްކަމުން ދިޔަނަމަވެސް ދިޔާންގެ ސަމާލުކަން ހުއްޓިފައިވަނީ ލިލިއަން އަށެވެ. ލިލިއަންގެ ބަސްމަދު މިޒާޖު ފެނި އެ އަންހެން ކުއްޖާއާ މެދު އިތުރަށް ދިޔާންގެ ހިތުގައި ޝައުޤުވެރިކަން އުފެދެމުން ދިޔައެވެ.
“ސޯ…..ދިޔާން ކިހާ ދުވަހަކު މިކޮޅުގަ ހުންނަނީ..؟” މާޔާ ސުވާލު ކޮށްލިއެވެ.
“ގާތް ގަނޑަކަށް އެއް މަސް ދުވަސް ވަންދެން.. ” ދިޔާން ތެދު ތެދަށް ޖަވާބު ދިނެވެ. މީގެ އެއްމަސް ދުވަސް ފަހުން އޭނާ މާލޭގައި ހުރުން ކޮންމެހެންވެސް މަޖުބޫރެވެ.
“ކާކު ޖެޓްސްކީ ދުއްވަން ދާނީ..؟” ސަދޫފް ވޯޓަރ ސްޕޯޓް ސަރަހައްދުގައި ހުރި ރަޙުމަތްތެރިއަކާ ވާހަކަ ދައްކަން ހުރުމަށްފަހު އައިސް ބުންޏެވެ.
” ބޭނުންންންން..” މާޔާ ފުންމައިގެން ތެދުވަމުން ހާމަކުރިއެވެ. މާޔާގެ ކެތްމަދުވެފައިވާ މޫނުފެނުމުން ސަދޫފް ގާތަށް ހިނި އަންނަ ގޮތްވިއެވެ.
“ދިޔާން..ލިން..؟” ލިލިއަން އާއި ދިޔާންގެ މޫނަށް ބަލާލަމުން މާޔާ ޖެޓްސްކީ ދުއްވަން ދާނަންތޯ ސުވާލު ކުރިއެވެ.
ލިލިއަން ދެފަރާތަށް ބޯ ހޫރުވާލީ ހަވީރުގެ ވަޤުތު މޫދަށް ދާން ބޭނުން ނުވުމުންނެވެ.
“އެހެން ފަހަރަކުން…” ދިޔާންވެސް ލިބުނު ދަޢުވަތު އަނބުރާ ރައްދުކުރަމުން ބުނެލިއެވެ.
ސަދޫފް މާޔާއަށް އައުމަށް އެދި ހަނާއަޅާލުމުން އޭނާއަށް ބަލައިލެވުނީ ލިލިއަންގެ މޫނަށެވެ. ލިލިއަން ދިޔާން އާއެކު އެކަނި ހުރުމަށް އުނދަގޫ ވެދާނެތީއެވެ.
” ގޯ.. ހޭވް ފަން.. ” މާޔާގެ ކަންބޮޑުވެފައިވާ ނަޒަރު އަމާޒުވެފައި ވުމާއެކު ލިލިއަން ބުންޏެވެ. ދިޔާން އާއެކު އެކަނި އިންނަން ބޭނުން ނުވި ނަމަވެސް އޭނާއަކީ އެކުވެރިޔާގެ އުފާތަކަށް ހުރަސް އަޅާހާ އަމިއްލަ އެދުން ބޮޑު މީހެއް ނޫނެވެ.
ލިލިއަންގެ ފަރާތުން ލިބުނު ފެހި ސިގްނަލާއެކު މާޔާ ސަދޫފް އާ ދިމާއަށް ދުއްވައިގަތެވެ. ލައިފް ޖެކެޓު ލަމުންދިޔަ އެކުވެެރިޔާއަށް ލިލިއަންގެ ނަޒަރު ދެވިފައިވާ އިރު އޭނާގެ ކައިރީ ހުރި ދިޔާންގެ ނަޒަރު ހުއްޓިފައިވަނީ ލިލިއަން އަށެވެ. އޭނާއަކީ ލަދެއްނެތި ފެންނަހާ އަންހެން ކުއްޖަކާ ދިމާއަށް ކަޅި ޖަހާ ނުލާ ބަލަން އިންނަ މީހެއް ނޫނެވެ. އެއީ އޭނާގެ ފިކުރާއި ޠަބީއަތާ މުޅިން ފުށުއަރާ ކަމެކެވެ. ނަމަވެސް ލިިލިއަންގެ މޫނުން ނަޒަރު ވަކިކޮށްލަން ދިޔާން އަށް އުނދަގޫވިއެވެ.
އެ މޫނުގައިވާ ކޮންމެ ތަފްސީލެއްގެ ހިތްގައިމުކަން އޭނާގެ ހިތާ ކުޅެމުން ދިޔައެވެ.
މީހެއްގެ ތޫނު ބެލުން އޭނާގެ މޫނަށް އަމާޒުވެފައިވާހެން ހީވެ ލިލިއަން އޭނާ ކޮނޑާދިމާއަށް މޫނު އަނބުރާލިއެވެ. ދިޔާންގެ ލޮލާ ނަޒަރު އަމާޒު ވުމާއެކު ލިލިއަން އަވަސް އަވަހަށް އިސްޖަހާލިއެވެ. ކީއްވެކަމެއް ނޭނގި އޭނާގެ ހިތް ބާރު ބާރަށް ތެޅެން ފެށިއެވެ.
“ރޭގަ ވީ ކަންތަކާ އަދިވެސް ރުޅި އައިސްފަތަ..؟” ދިޔާން މަަޑު މަޑުން ސުވާލުކޮށްލިއެވެ.
ދިޔާންގެ އޮމާން ފިރިހެންވަންތަ އަޑު އިވުމާއެކުވެސް ލިލިއަންގެ ލޯލިތަައް ކޮޅަށް ޖެހިގެން ދިޔައެެވެ. ކުއްލިއަކަށް އޭނާއަށް އަންނަމުންދިޔަ ބަދަލުތަކާއެކު ލިލިއަންގެ ރުޅިވެސް އިތުރުވަމުންދިޔަ ފަދައެވެ.
ދިޔާން އާ ދިމާއަށް ހަޅޭއްވަލައިގަންނަން ހިތުގެ ކަނަކުން އެދުނު ނަމަވެސް ލިލިއަން އޭނާގެ އަމިއްލަ ނަފްސު ހިފެހެއްްޓިއެވެ. ދިޔާންގެ ސުވާލަށް ޖަވާބެއްގެ ގޮތުން ދެފަރާތަށް ބޯ ހޫރުވާލަމުން ލިލިއަން އަނެއްކާވެސް އޭނާގެ ނަޒަރު ކުރިމަތީގައި އޮތް މާ ސިންގާ ކަނޑަން ހުއްޓާލިއެވެ.
ލިިލިއަންގެ ޖަވާބުން ދިޔާން އަށް ހިނިތުންވެލެވުނެވެ. އިތުރު ވާހަަކައެއް ދެއްކުމެއްނެތި ދިޔާންވެސް ފެންނަމުންދިޔަ މަންޒަރުތަކައް ނަޒަރު ހުއްޓާލިއެވެ.
އިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު ލިލިއަން ދިޔާންގެ މޫނަށް ވައްކަޅިން ބަލާލިއެވެ. އޭރު ދިޔާން އިނީ ކުޅެން އުޅެމުންދިޔަ ކުޑަކުދިންތަކަަކަށް ބަލަހައްޓައިގެން ހިނިތުންވެފައެވެ. އެމަންޒަރު ފެނުމާއެކު ލިލިއަންގެ ހިތަށް ފިނިވެގެން ދިޔައެވެ. ދިޔާން އާއެކު އެކަނި އިންނަން ޖެހުން އޭނާ ހީކުރިހާ އުނދަގޫކަމަކަށް ނުވިއެވެ. ޤަބޫލުކުރަން ބޭނުން ނުވިއަސް ދެމީހުންގެ ދެމެދުގައިވާ ހަމަހިމޭންކަން އޭނާގެ ހިތަށް ހިތްހަމަ ޖެހުން ގެނެސް ދެމުން ދިޔައެވެ. އޭނާ އާ ދިމާވި އެހެން ފިރިހެނުން ފަދައިން ފެންނައިރަށް އޭނާއާ ބެހޭ ހުރިހާ މަޢުލޫމާތެއް ހޯދާ އޭނާއާ ގާތްވާން ދިޔާން ނޫޅުނު ކަމައްޓަކައި އޭނާ އުފާވިއެވެ.
އިރުކޮޅެއްފަހުން މާޔާއާއި ސަދޫފް ލިލިއަން މެން އިށީނދެ ތިބި ތަނާ ކައިރިއަށް އަންނަތަން ފެނުނެވެ.
“ހިނގާ ދަމާ.. އިރުއޮއްސޭނެ އިރުކޮޅަކުން..” ސަދޫފްގެ ވާހަކައާއެކު އެންމެން ރަށު ތެރެއާ ދިމާއަަށް ހިނގައިގަތެވެ.
މަޑު ހިނގުމެއްގައި ހިނގަމުން އައިސް އެންމެންގެ ފިޔަވަޅުތައް ހުއްޓުމަކަށް އައުމާއެކު ދިޔާންވެސް އޭނާގެ ހިނގުން މަޑު ޖައްސާލިއެވެ. ކުރިމަތިން ދަންނަ ގެޔެއް ފެންނަން ހުރިހެން ހީވުމުން ދިޔާން ރަނގަޅަށް ބަލައިލިއެވެ. ހުދުކުލައިގެ ލިލީ މާތައް ލޮލުގައި އަޅައިގަތުމާއެކު ދިޔާން އަށް އެއީ ކޮން ގެއެއްކަން ފާހަގަ ކުރަން އެނގުނެވެ.
އިތުރުކަމަކާމެދު ނުވިސްނިގެން އުޅެނިސް ލިލިއަން އެގެއާ ދިމާއަށް ހިނގައިގަތްތަން ދިޔާންގެ ލޮލުގައި އަޅައިގަތެވެ. މާޔާ އަތް ހޫރާލުމާއެކު ލިލިއަންވެސް ހިނިތުންވެލަމުން އެ ޢަމަލު ނަކަލު ކޮށްލިއެވެ. ހައިރާންކަމާއެކު ބަލަން ހުރި ދިޔާން އަށް ލޮލުގެ ހިމަކޮޅުން ލިލިއަން ބަލާލިއެވެ. އެއަށްފަހު މަޑު ކުރުމެއްނެތި ލިލިއަން ގޭތެރެއަށް ވަދެގެން ދިޔައެވެ.
އޭނާގެ ޝަޢުޤުވެރިކަން އަތުލި ގެޔަކީ ލިލިއަން ދިރިއުޅޭ ގެއަށް ވެދާނެކަމަކަށް ދިޔާން އެއްވެސް ވަރަކަށް އުންމީދެއް ނުކުރެއެވެ. ދިމާވި އިއްތިފާޤަށް ހިނިތުންވެލަމުން ދިޔާން ދެފަރާތަށް ބޯހޫރުވާލިއެވެ.
ލިލިއަންގެ ގެއާ އެއްގޯޅި ދޫކޮށްފައި ހުރި ގެސްޓް ހައުސް އާ ހަމައަށް އާދެވުމާއެކު ސަދޫފް އާއި މާޔާ އޭނާއާ ވަކިވިއެވެ. އިންތިހާއަށް ވެފައި ހުރި ވަރުބައްޔާއެކު ދިޔާން އޭނާގެ ކޮޓަރިއަށް ވަދެވުމާއެކު ސޯފާއަށް ވެއްޓިގަތެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ބަންގި ގޮވަން ކައިރިވެފައި ވުމުން ގެސްޓް ހައުސް ކައިރީ ހުރި މިސްކިތަށް ދިޔުމަށް ދިޔާން ތައްޔާރުވާން ފެށިއެެވެ.
*******
އާދުވަހަަކަށް އިރުއެރުމާއެކު ދިޔާންވެސް އޭނާގެ މަސްޢޫލިއްޔަތު އަދާކުރުމައިގެން ކުރިއަށް ދިޔައެވެ. ކުރިންބައިން މެންދުރުގެ ކެއުމަށް އައުމަށް އެދި އޭނާއަށް ސަދޫފް ވަނީ ދަޢުވަތުވެސް ދީފައެވެ. މަސައްކަތުގަައި ބުރަކޮށް އުޅުމާއެކު މެންދުރު ވަޤުތު އައިސް ޖެހުނީ ހަލުވި ކަމާއެކުއެވެ. މެންދުރުގެ ބްރޭކަށް މަސައްކަތްތައް މެދުކަނޑާލުމާއެކު ދިޔާން ބަލާ އައި ޓެކްސީ ރެޑީގައި އޮތެވެ. މަސައްކަތުގެ މާހައުލުން ނިކުމެ އޭނާގެ ޕީއޭ އާ ފައިލްތައް ހަވާލުކުރަމުން ޓެކްސީއާ ދިމާއަށް ދިޔާން މިސްރާބުޖެހިއެވެ. މެންދުރު ނަމާދަށް ތައްޔާރުވެލައިގެން ގެސްޓް ހައުސް އިން ނިކުމެ ނަމާދު ކޮށްލެވުމާއެކު އޭނާ ޓެކްސީގަައި ދަތުރު ފެށީ ސަދޫފް ދީފައިވާ އެޑްރެހަށް ދިޔުމަށެވެ.
ވަށާފާރު ނަގާފައި ހުރި އިމާރާތެއްގެ ދޮރުގެ ކުރިމައްޗަށް ކާރު މަޑުކޮށްލުމާއެކު ދިޔާން ކާރުން ފޭބިއެވެ. ސަދޫފް އަށް ގުޅާލުމާއެކު ގިނައިރެއް ނުވެ ބޭރު ދޮރު ހުޅުވާލުމަށްފަހު އޭނާ ނިކުތެވެ. ދިޔާން އަށް އެތެރެއަށް ވަންނަން އިޝާރާތް ކުރަމުން ސަދޫފް ހިނގައިގަތެވެ.
ވަށާފާރުން އެތެރެއަށް ވަނުމާއެކު ގޭ ދޮރުމަތީގައި އޮތް މަސްފެންގަނޑު ދިޔާންގެ ލޮލުގައި އަޅައިގަތެވެ. މަސްފެންގަނޑުގެ އެއްފަރާތުގައި ހުރި ހިތިގަހެއްގައި ޖޯލި އުނދޯއްޔެއް އެލުވާފައި ހުއްޓެވެ.
“ގޭ ތެރެއަށް ވަންނަމާ..” ގޯތިތެރެއަށް ނަޒަރެއް ދެމުން އައި ދިޔާން އަށް އިޝާރާތް ކޮށްލަމުން ސަދޫފް ބުނެލިއެވެ. ބޯ ޖަހާލަމުން ދިޔާން ސަދޫފް އާއެކު އެތެރެއަށް ވަދެގެން ދިޔައެވެ.
“މިގޭގަ މާގިނި މީހުންނެއް ނޫޅޭނެ.. އަހަރެންގެ ދޮއްޓަށް ހުންނަ ދައްތަ ފިޔަވާ އެއްބަނޑު އެއްބަފާ މީހެއް އަހަރެންގެ ނުހުރޭ.. ދައްތަވެސް މީގެ ދެތިން އަހަރު ކުރިން މީހަކާ އިނދެގެން ދައްތަގެ ފިރިމީހާގެ ގެއަށް ބަދަލުވީ.. މިހާރު މިގޭގަ އުޅެނީ އަހަރެންނާ މަންމައާ ބައްޕަ އެކަނި.. އެކަމަކު މިދުވަސްކޮޅު މަންމައާ ބައްޕަވެސް ވީ މަންމަ ޑޮކްޓަރަށް ދައްކާ ހަދާލަން މާލެ ގޮސް..” ތަނަވަސް ސިޓިންގްރޫމު ހުރަސްކޮށް ކާބަޔަށް ދަމުން ސަދޫފް އޭނާގެ އާއިލާއާ ބެހޭގޮތުން ދިޔާން އަށް ކިޔައިދިނެވެ.
ކާގޭގެ ދޮރު ހުޅުވާލަމުން އެތެރެއަށް ވަތް ދިޔާން ހުއްޓުން އެރީ އޭނާއާ ބައްދަލު ކުރި މޫނުންނެވެ. މޭޒުގައި ތަށިތައް ބަހައްޓަމުން ހިންދެމިލި ލިލިއަންގެ ލޮލާ ދިޔާންގެ ނަޒަރު ބައްދަލުވިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.







Wonderrrrrrr my dhoonigandooooooo… How are youuuuu… Ingihjje dhw mee kaaku kan???? million vhk kiyaalaafa cmnt kohllaanan ISA…. Nd vvvvvv sorry for not commenting to neydhemey vakivumeh.. Cmnt Kiran via irah section in a regular close vefa