ބައެއްގެ ވާހަކަ ދެއްކުމުގެ އަޑު އިވިގެންދިޔުމާއެކު ދިޔާން ރަނގަޅަށް މަގަށް ނަޒަރު ހިންގާލިއެވެ. ހަމައެކަނި ފަނޑު އަލިކަމެއްވާ އެމަގުން ހިނގާފައި ދިޔަ އަންހެންކުއްޖާއާއި އޭނާގެ ފަހަތުން އަންނަމުން ދިޔަ ތިން ޒުވާނުން ދިޔާންގެ ލޮލުގައި އަޅައިގަތެވެ. ކޮންމެެވެސް ވާހަކަތަކެއް ދެއްކުމަށްފަހު އެތިން ޒުވާނުން އަންހެންކުއްޖާއާ ދިމާއަށް ހޭން ފެށިތަން ފެނުުމުން ދިޔާންގެ ދެބޮމަ ގޮށްޖެހިގެން ދިޔައެވެ. އެމީހުންގެ ކިބައިން އެ އަންހެންކުއްޖާ ސަލާމަތް ކޮށްދެން ދިޔާން ބޭނުންވިއެވެ.
ފަހަތުން އައިސް އެ އަންހެންކުއްޖާގެ ކައިރީ ހުއްޓުމަށްފަހު ދަންނަ މީހަކު ފަދައިން ހިނިތުންވެލަމުން އެންމެ އަވަހަށް ހިތަށް އައި އެއްޗެއް ދިޔާން ބުނެލީ މާބޮޑު ވިސްނުމެއްނެތިއެވެ.
******
ދިޔާންގެ ނަޒަރު އަމާޒުވެފައިވީ ހައިރާންކަމާއެކު އޭނާއަށް ބަލައިލި އަންހެންކުއްޖާގެ މޫނަށެވެ. ތަފާތު ރީތިކަމެއް ލިބިފައިވާ އެ އަންހެންކުއްޖާގެ މޫނު ނުހަނު ގާތުން ފެނުމާއެކު ދިޔާން ކުޑަ ވަޤުތުކޮޅަކަށް ހުއްޓުން އެރިއެވެ. އެހެނަސް ދެވަނަ ސިކުންތުގައި މޫނުމައްޗަށް ވެރިވި ސިހުން ފޮރުވާލަމުން ރަޙުމަތްތެރިކަމުގެ ނަޒަރެއް ހިއްސާކުރިއެވެ.
“މިއީ ކާކުތަ އަދި..” ކުއްލިއަކަށް އެމީހުންގެ މަޖާ ކުރުން ފަނިވުމާއެކު ތިންފިރިހެނުންގެ މޫނުން ހިތްހަމަ ނުޖެހުން ފެނިގެން ދިޔައެވެ.
ބަސްމޮށުންތެެރިކަމަކާ ނުލާ ދިޔާން އެތިން ޒުވާނުންނަށް ވަކިވަކިން ބަލައިލިއެވެ. ދިޔާންގެ ނަޒަރު އަމާޒުވި ތިން ޒުވާނުންގެ ގައިން އެވަޤުތު ހީބިހި ހިލިގެން ދިޔައެވެ. ދިޔާންގެ ތޫނު ބެލުމުން ތަފާތު ހޫނެއް އެމީހުންނަށް އިޙްސާސްވެގެން ދިޔައެވެ.
“ހިނގާ ދަމާ..” ލިލިއަންގެ އަތުގައި ހިފައިގެން ދިޔާން ކުރިއަށް ހިނގައިގަތެވެ. ނަސީބަކުން ތިން ޒުވާނުންގެ ފަރާތުން އިތުރު އުނދަގުލެއް ކުރި މައްޗެއްނުވެއެވެ. އެމީހުންނަށް ނުފެންނާނެހެން މަގުން ގޯޅި އެޅުމާއެކު ލިލިއަން ދިޔާންގެ އަތް ފޮޅުވާލިއެވެ.
“ސޮރީ.. އައި ތޯޓް ޔޫ މައިޓް ނީޑް ހެލްޕް..” ލިލިއަންގެ ރުޅިވެރި ބެލުން އަމާޒުވެފައި ވުމުން ދިޔާން އޭނާގެ މަޤުސަދު އަންގައިދެވޭތޯ މަސައްކަތް ކުރިއެވެ.
“ނޯ ތެންކްސް.. އަހަރެންނަށް އަހަރެންގެ އަމިއްލަ ކަންކަން ބެލެހެއްޓޭނެ” ލިލިއަން ދިޔާންގެ އެހީއެއް ބޭނުން ނުވާކަން ސާފުކޮށް ހާމަކުރިއެވެ.
“އޯކޭ.. ބީ ސޭފް..” ބުނާނެ އިތުރު އެއްޗެއް ނުވިސްނުމާއެކު ނުތަނަވަސްކަމާއެކު ދިޔާން ފުއްކިބައިގާ އަތް ހިންގާލިއެވެ. ލިލިއަން ވަކި ޖަވާބެއް ނުދީ ދިޔާން ފަސްދީ ހިނގައިގަތެވެ. އެ ގޮތް ނޭނގޭ އަންހެން ކުއްޖާ ލޯމަތިން ގެއްލެންދެން ދިޔާން އަށް ބަލަހައްްޓައިގެން ހުރެވުނެވެ. ރައްކާތެރި ކަމާއެކު އޭނާ ގެއަށް ދިޔަކަން ކަޝަވަރު ކުރަން ބޭނުންވި ވަރުން ފަހަތުން ދާންވެސް ދިޔާންގެ ހިތް އެދުނެވެ. އެހެނަސް އެ އަންހެންކުއްޖާގެ ލޮލުގައިވީ ރުޅިވެރިކަން ސިފަވުމުން ދިޔާން އޭނާގެ އަމިއްލަ ނަފްސު ހުއްޓުވިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ދިޔާން އުޑު މައްޗަށް ނަޒަރު ހިންގާލިއެވެ. ވިދާ ބަބުޅަމުން ދިޔަ ތަރިތަކަށް ބަލައިލި ދިޔާންގެ ލޮލުގައި ކުރެހިގެން ދިޔައީ އެ ގޮތް ނޭނގޭ އަންހެންކުއްޖާގެ ސޫރައެވެ.
********
އިމާރާތްތަކުގެ ކުރެހުމަށް ގެންނަންޖެހޭ ބައެއް ކުދި ކުދި ބަދަލުތައްް ނޯޓުކޮށް އިތުރަށް ކުރަން ހުރި މަސައްކަތްތައް ނިންމުމަށްފަހު ދިޔާން ހިންދެމިލިއެވެ. ހަވީރު ވަމުން އައުމާއެކު ގެއަށް ދިޔުމުގެ މަޤްސަދުގައި ޓެކްސީއަށް ގުޅުމަށް އޭނާގެ ޕީއޭ ކައިރިން ދިޔާން އެދުނެވެ.
“ކިހިނެއްްތޯ މިރަށުގެ ހުރިހާ ކަމެއް..؟ ދަތިވާ އެއްވެސް ކަމެއް އެބައޮތްތޯ..؟” ކައިރީގައި ހުއްޓުނު ސަދޫފް ދިޔާން ކުރެން ސުވާލު ކުރިއެވެ. ތަހުޒީބީ މާޙައުލެއްގައި ދިރިއުޅުން ބައްޓަން ވެފައިވާ މީހަކަށް ކުއްލިއަކަށް ރަށްފުށުގައި ދިރިއުޅެން ޖެހުމުން އުނިވެދާނެ ކިތަންމެ ކަމެއް ހުންނާނެކަން ސަދޫފް ދަނެއެވެ. ޕްރޮޖެކްޓްގެ އެސިސްޓެންޓް މެނޭޖަރުގެ ހައިސިއްޔަތުން މަޝްރޫޢު ފަރުމާކުރާ ކޮމްޕެނީގެ ވީ.ޕީ ބޭނުންވާ ކޮންމެ ކަމެއް ކޮށްދިނުމަކީ އޭނާގެ މަސްޢޫލިއްޔަތެއް ކަމަށް ސަދޫފް ދެކުނެވެ.
“ހުރިހާ ކަމެއްވެސް ވަރަށް ބަރާބަރު.. ހަމައެކަނި މައްސަލައަކީ މިރަށުގަ ހިނގާލަން ވެސް ނޭނގޭކަން.. ރޭގަ ތަންތަން ބަލާލަން ކަމަށް ބޭރަށް ނިކުމެފަވެސް މަގުއޮޅިދާނެތީ މާ ދުރަށް ދާކަށް ނުކެރުން..” ދިޔާން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. ރޭގައި ދިމާވި ހާދިސާ އެވަޤުތު ހަނދާން ވުމާއެކުވެސް ސިފަވެގެން ދިޔައީ އެ އަންހެން ކުއްޖާއެވެ. ނަމަވެސް އެ ހާދިސާ ސަދޫފް އާ ހިއްސާ ކުރުމުގެ ވިސްނުމެއް ދިޔާންގެ ނެތެވެ.
“އެހެންތޯ.. އެހެންވެއްޖިއްޔާ މިއަދު ހަވީރު ކިހިނެއްތޯވާނީ ބޭރަށް ނިކުމެލަން.. ރަށުގެ ތަންތަން އަޅުގަނޑަށް ދައްކާލެވިދާނެ..” ދިޔާން ބޭނުންނަމަ ރަށު ތެރެ ބަލާލަން ދިޔުމަށް ސަދޫފް ޚިޔާލު ދިނެވެ. އެ ޚިޔާލާ ނުހަނު ގަޔާވި ދިޔާން ވަޤުތުން އެއްބަސްވިއެވެ. ހަތަރެއް ޖަހާކަން ހާއިރު ދިޔާން ހުންނަ ހޮޓެލް ކައިރިން ބައްދަލުވަން އެއްބަސް ވުމަަށްފަހު ދެމީހުން ވަކިވެލިއެވެ.
******
“ސަރ ވަރަށް ގިނައިން ރާއްޖެ ތެރެއަށް އައިސް އުޅެންތޯ..؟” ހަވީރު ރަށުތެރެ ބަލާލަން ނިކުމެ އުޅުމުގެ ތެރެއިން ސަދޫފް ދިޔާން އާ ސުވާލު ކުރިއެވެ.
“ވަރަށް މަދު ފަހަރަކު ރަށް ރަށަށް އާދެވެނީ.. މިފަހަރުވެސް މީ.. ވަރަށް ކުއްލިއަކަށް ރޭވުނު ދަތުރެއް..” ދިޔާން ކަމެއް ހަނދާންވި ބީދައިން ދެފަރާތަށް ބޯހޫރުވާލަމުން ބުންޏެވެ.
“އަދި އެއްކަންތައް..ސަރ ނުކިޔަސް ރަނގަޅުވާނެ.. މިއީ މަސައްކަތު ވަޤުތެއްވެސް ނޫނެންނު.. މިގަޑީގަ ހަމައެކަނި ބޭނުމީ ރަޙުމަތްތެރިއެއް..” ދިޔާން ހިނގުން މަޑުޖައްސާލަމުން ސަދޫފް އާ ދިމާއަށް ބަލައިލިއެވެ. ކުޑަކޮށް ހައިރާންވި ސަދޫފް އާގަންނަމުން ކަހަލަ ގޮތަކަށް އެއްބަސްވިއެވެ. އެވަޤުތު ދިޔާން ހިނިތުންވެލަމުން ސަދޫފްގެ ކޮނޑަށް އަތް ވައްޓާލައިގެން ހުރެ ވާހަކަ ދައްކަން ފެށިއެވެ.
ދިޔާންގެ ހަރަކާތްތަކަށް ބަލަން ހުރި ސަދޫފް އަށް ހިނިތުންވެލެވުނެވެ. ޕްރޮޖެކްޓާ ހަވާލުވެހުރި ރާއްޖޭގެ އެންމެ މަޝްހޫރު އާރކިޓެކްޗަރ ފަރމް ‘ކޭ އެންޑް ޑަބްލިޔު’ ގެ ވައިސް ޕްރެޒިޑެންޓް އަންނަ ޚަބަރު ލިބުމުން އޭނާ ނުހަނު ހާސްވިއެވެ. މަޤާމާއި ފައިސާގެ ގޮތުން މަތީގައި ތިބޭ ފަރާތްތަކުގެ ކިބުރުވެރިކަމާއި ބޮޑާކަން އޭނާއަށްވެސް ވަނީ ފެނިފައެވެ. އެހެނަސް ދިޔާން ވެގެން ދިޔައީ އޭނާ ސިފަކުރި ގޮތާއި މުޅިން ތަފާތު މީހަކަށެވެ. މޫނުގައިވާ ހިނިތުންވުމާއި ވާހަކަ ދެއްކުމުގައި ބޮޑާކަމެއް ނުވެއެވެ. މަސައްކަތުގެ މާޙައުލުގައި ގެންގުޅޭ ސީރިއަސްކަމާއި ކަމަށް ބަހައްޓާ ފަރުވާތެރިކަން އެެންމެ ދުވަހަކަުންވެސް ސަދޫފް އަށް ފެނިއްޖެއެވެ. ރާއްޖޭގެ ނަން މަޝްހޫރު ކުންފުންޏަކަށް އެ ފަރމް ވެގެން ދިޔުމުގެ ސިއްރު އޭނާއަށް ދޭހަވެއްޖެއެވެ.
ގިނައިރެއްނުވެ ދެމީހުންގެ ދެމެދުގައި އެކުވެރިކަން އާލާވެގެން ހިނގައްޖެއެވެ. އުމުރުގެ ގޮތުންނާއި ވިސްނުމުގެ ގޮތުން ދެމީހުންގެ ދެމެދުގައި މާބޮޑު ފަރަގެއް ނެތެވެ. ތަފާތު އެކި އެކި ވާހަކަ ދެއްކުމުގައި ދެމީހުން އެކުގައި ވަޤުތުތައް ހޭދަވަމުން ދިޔައެވެ.
“ހިނގާ މިދިމާއިން އަތިރިއަށް ފައިބަން.. މިއީ މިހާރު ރަށުގެ ރައްޔިތުންގެ މެދުގައި އެންމެ މަޤުބޫލު މަންޒިލް.. މިދިމާ ސާފުކޮށް ބާބަކިއު ހަދާނެ އޭރިއަކާ ވޯޓަރ ސްޕޯޓް އޭރިއާ އެއްވެސް ފަހުގެ ކައުންސިލުން ހަދައިފި.. ފަސްގަނޑު ބޮޑުވެފަ މޫދުވެސް އެންމެ ރީތީ މިދިމާގަ..” ތަނާ ބެހޭ ކުޑަ ތަފްސީލެއް ދެމުން ސަދޫފް ދިޔާން ގޮވައިގެން އަތިރިމައްޗަށް ނިކުތެވެ.
މާޙައުލުގައި ހޭލަމޭލަ ވަމުންދިޔަ ކުޑަ ބޮޑު އެންމެންނަަށް ދިޔާން ނަޒަރު ހިންގާލިއެވެ. ހަވީރު ފިންޏަށް ހިނގާލަން ނިކުމެ އުޅޭ މީހުންނާއި ބާބަކިއު ހެދުމަށް ތައްޔާރުވަމުންދިޔަ މީހުން ފެންނަމުންދިޔައެވެ. ބީޗް ވޮލީފަދަ ތަފާތު ކުޅިވަރުތައް ކުޅެން ހަރަކާތްތެރިވަމުން ދިޔަ ޒުވާނުންނާއި ކުޑަކުދިންވެސް މަދެއް ނޫނެވެ. އެންމެންގެ މޫނުމަތިން ފެންނަމުންދިޔަ އުފާވެރިކަމާއި ހިތްހަމަޖެހުން ދިޔާންގެ ހިތަށްވެސް ވާސިލް ވިއެވެ.
“ވަރަށް މުހިއްމު ކޯލެއް.. ވަން މިނެޓް އިނގޭ..” ސަދޫފް އޭނާގެ ފޯނަށް ބަލައިލަމުން ދިޔާން ކައިރި ބުނެލިއެވެ. ހިނިތުންވެލަމުން ދިޔާން ބޯ ޖަހާލުމާއެކު ސަދޫފް އެއްކައިރިއަކަށް ޖެހިލަމުން ފޯނު ނަގާ ވާހަކަ ދައްކަން ފެށިއެވެ. ސަދޫފް ފޯނުން ދައްކަމުން ދިޔަ ވާހަކައަށް ފަރުވާލެއް ނެތި ދިޔާން އޭނާގެ ކެމެެރާ އަތަށް ހެޔޮވަރުކޮށްލިއެވެ. ފޮޓޯ މާގިނައިން ނަގާ ނޫޅުނު ކަމުގައި ވިއަސް ރަށަކަށް އަންނަ އިރު އެތަނުގެ ހިތްގައިމުކަން ހަނދާނެއްގެ ގޮތުގައި ރައްކާ ކޮށްފައި ބަހައްޓަން ދިޔާން ބޭނުންވިއެވެ. އެހެންކަމުން އެކަމަށް ދުރާލައި ރާވައިގެން ދިޔާން ރަށަށް އައީ ކެމެރާއެއް ހިފައިގެންނެވެ. ޤުދުރަތީ ރީތިކަމުގެ އެތައް މަންޒަރެއް ދިޔާން އޭނާގެ ކެމެރާގައި ރައްކާކުރަމުން ދިޔައެވެ.
ކެމެރާގެ ލެންސް ފޯކަސް ކޮށްލުމަށްފަހު ފޮޓޯ ނެގުމަށް ތައްޔާރުވި ދިޔާން ހުއްޓުން އެރީ ކެމެރާގެ ލެންސުގެ ތެރެއިން ފެނުނު މޫނަކުންނެވެ. ހިތްގައިމު ރީތި ހިނިތުންވުމެއް އެ ރީތި މޫނުގައިވާ އިރު ވަޔާއެކު ފަށުވިކޮޅެއްފަދަ ފަން އިސްތަށިގަނޑު ނަަށަމުންދިޔައެވެ. އަޅިފެހި ކުލައިގެ ކަޅިއެއް ލިބިފައިވާ ދެލޮލަށް އިރުގެ ދޯދިތަކުން އިތުރު ވިދުވަރެއް ގެނެސް ދެމުން ދިޔައެވެ. ދިޔާން އަށް ކުޑަ ހިނދުކޮޅަކަށް ދުނިޔޭގެ ހުރިހާ ކަމެއް މަތިން ހަނދާން ނެތުންފަދައެވެ. އެ އަންހެންކުއްޖާގެ ކޮންމެ މަންޒަރެއް ލަސްކޮށްލެވިފައިވާ ފިލްމެއްް ފަދައިން ފެންނަމުން ދިޔައެވެ. އެ އާދަޔާ ޚިލާފު ރީތިކަން ސިފަކޮށްދޭނެ ބަސްތަކެއް ދިޔާންގެ ދުލަކަށް ނައެވެ. ހޫރަލްއީނުންނަކީ ރީިތިކަމުގައި އެފަދަ ދެވަނައެއް ނުވާ ބަޔަކަށް ވާއިރު އެ އަންހެން ކުއްޖާއަށް ލިބިފައިވަނީ އެފަދަ ރީތިކަމެއް ކަމުގައި ދިޔާންގެ ހިތް ބުނެލިއެވެ.
އިޚްތިޔާރަކާ ނުލާ ފޮޓޯ ނަގާ ފިތަށް ދިޔާން އަށް އޮބާލެވުނީ އެ އަންހެން ކުއްޖާއަށް ކެމެރާގެ ލެންްސް ފޯކަސް ކޮށްލަމުންނެވެ. ފޮޓޯ ނެގުމާއެކު ކެމެރާ ދުރުކޮށްލަމުން ދިޔާން ކުރިމައްޗަށް ނަަޒަރު ހިންގާލިއެވެ.
އިތުރު އަންހެންކުއްޖަކާއެކު ހިނގާފައި އައި އެއަންހެން ކުއްޖާ ހުއްޓުނީ ސަފޫދްގެ ކައިރީގައެވެ.
” މާދުރުން ފެނިގެން މިއައީ.. މިތާ ކީއްކުރަނީ އެކަނި..؟” ލިލިއަންގެ ކައިރީ ހުރި އަންހެން ކުއްޖާ ސަދޫފް ކުރެން ސުވާލު ކުރިއެވެ.
” އެކަންޏެއް ނޫނޭ މިއުޅެނީ.. “ސަދޫފް ދިޔާން އަށް ބަލާލުމާއެކު އެ ދެ އަންހެން ކުދިންވެސް ސަދޫފް ބަލައިލި ދިމާއަށް ނަޒަރު ހިންގާލިއެވެ.
ދިޔާންގެ މޫނު ފެނުމާއެކު ލިލިއަންގެ ތުންފަތުގައިވީ ހިނިތުންވުން ވަޤުތުން ފިލައިގެން ދިޔައެވެ. ދިޔާން ފެނުމާއެކުވެސް ހަނދާނަށް އައީ ރޭގައި ދިމާވި ހަނދާނުން ފޮހެލަން ބޭނުންވީ ހާދިސާއެވެ. ސަދޫފް ދެއަންހެން ކުދިން ގޮވައިގެން އައިސް ހުއްޓުނީ ދިޔާން ކުރިމަތީގައެވެ.
“މިއީ އަހަރެންގެ ޖީ.އެފް މާޔާ.. ދެން މިއީ މާޔާގެ ބެސްޓް ފްރެންޑް ލިލިއަން.” ސަދޫފް ލިލިއަން އާއެކު ހުރި އަންހެން ކުއްޖާގެ އަތުގައި ހިފާލަމުން ދެމީހުން ދިޔާން އަށް ތަޢާރަފް ކޮށްދިނެވެ.
“އައިމް… ދަ…ދިޔާން..” ދިޔާން ކުޑަ ހުއްޓުމަކާއެކު އޭނާގެ ނަން ހާމަކުރިއެވެ. މާޔާ އާ ސަލާމް ކޮށްލުމަށްފަހު ދިޔާންގެ ނަޒަރު ހުއްޓުނީ ލިލިއަންގެ މޫނަށެވެ.
ދިޔާން ސަލާމަށް އަތްދިއްކޮށްލުމުން ލިލިއަން އޭނާގެ ފިނިވެފައިވާ އަތްނަގާ ދިޔާންގެ އަތުގައި ހިފާލިއެވެ. ސަލާމް ކޮށްލަމުން ދިޔާނަށް ފުންކޮށް ލިލިއަންގެ މޫނަށް ބަލާލެވުނެވެ. ސަދޫފްގެ ލޯބިވެރިޔާއަށް ލިލިއަން ނުވިކަމުގެ މައްޗަށް އެހިތް އުފާވީތީ ދިޔާން އަމިއްލައަށްވެސް ހައިރާންވިއެވެ. އެހެނަސް އެހާ ރީތި ކުއްޖެއްގެ ލޯބިވެރިއެއް ނުހުރެ ނުދާނެކަން ދިޔާން އަށް އެނގުނެވެ. ހިންދިރުވާލެވުނު ދިޔާން އަށް އެޚިޔާލުން މާޔޫސްކަން ލިބުނީ ކީއްވެކަމެއް ނޭނގުނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.







hlw sis
Masha Allah vrh sali mi part vxx
vrh amajin hama .
keep up the gudu wrk sis
wow vrh cutie lilian and dhiyaan aslu vxx
dhn vaane gothakaa medu vrh curiouse i mean stry kuri ahdhaane gothakaa medu
waitting for itu
stay safe and take gud care
lyssssmmm