މާލެއަށް އިރު އަރައިިފިއެވެ. މީހުންތައް ގޭގެއިން ނިކުމެ ވަޒީފާތަކށާއި އެހެނިހެން ތަންތަނަށް ދާން ފަށައިފިއެވެ. އަހރެންވެސް ސައިކަލުގައި މިސްރާބުޖެހީ އޮފީހާއި ދިމާއަށެވެ. އޮފީސް ކައިރީގައި ސައިކަލު ޕާކްކޮށްލުމަށްފަހު ވަނުމާއިއެކު އެއްވާހަކައަކަށް އިވެންފެށީ ޗައިނާއިން ފެނުނު ނުރައްކާތެރި ގައިން ގަޔަށް އަރާ ވައިރަސް އެކިއެކި ޤައުމުތަކަށް ފެތުރެން ފެށި ވާހަަަކައެވެ.

އަހަރެންނަކީ މިކަހަލަ ވާހަކަތައް ޤަބޫލުކުރާ މީހެއް ނޫނެވެ. އަހަރެން ހީކުރަނީ ފަރުވާ ނުލިބޭ ބައްޔެއް އުޅޭ ވާހަކައަކީ ފުލޯކު ވާހަކައެއް ކަމަށެވެ. އެހެންކަމުން މި ވާހަކައަށް ފަރުވާ ބެހެއްޓުމެއްނެތި ގޮސް އަހަރެން މަސައްކަތްކުރާ ކެބިންއަށްވަދުނީމެވެ.

މިގޮތަށް ދުވަސްތައް ފާއިތުވެގެން ދެއެވެ. އެއީީީީ މާރޗު 8 ވަނަ ދުވަހެވެ. އަހަރެން ރޭގަނޑު ގޭގެ ސޯފާގައި އިށީނދެ ޓީވީ ހުޅުވައިލީމެވެ. އަހަރެންގެ ލޮލުގައ އެންމެ ފުރަތަމަވެސް އަޅައިގަތީ ‘ރާއްޖެއިން ކޮވިޑްއަށް މީހަކު ފައްސިވެއްޖެ’ މި ޚަބަރެވެ. އަހަރެންގެ ހިތަކަށް ބިރުގެ ކަންފުޅެއްވެސް ނުވަނެވެ. ކޮންމެ ދުވަހަކުވެސް ދިޔައީ ކޮވިޑްއަށް ފައްސިވާ މީހުންގެ ޢަދަދު އިތުރުވަމުންނެވެ. އެހެންކަމުން ސަރުކާރުން ހަރުކަށި ފިޔަވަޅެއްއަޅައި މުޅި މާލެ ފުރަބަންދަކަށް ގެނައެވެ. އަހަރެންނަކަށް ބޭރަށް ނިކުންނާކަށް ބައްޕަ ހުއްދައެއް ނުދިނެވެ. އެހެންކަމުން އަހަރެންހުރީ ރުޅިއައިސްގޮސް ރަތްވެފައެވެ. ފުރަބަންދަށް ލުޔެއް ދިނުމާއިއެކު އެންމެ ފުރަތަމަ ބޭރަށް ނިކުތް މީހުންތަކުގެ ތެރޭގައި އަހަރެންވެސް ހިމެނޭނެކަން ޔަޤީނެވެ.

ބޭރަށް ނިކުންނައިރު އަނގައާއި ނޭފަތް ރަނގަޅަށް ނިވާވާނެހެން މާސްކު އެޅުމަށާއި ގިނަގިނައިން އަތްދޮވެ ސެނެޓައިޒާލުމަށާއި މަޖުބޫރީ ޙާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމަށް ސިއްޙީ މާހިރުންކުރި އާދޭސްތަކަށް އަހަރެން ދިނީ ބީރު ކަންފަތެކެވެ. ކުރީގައި އުޅުނުހެން ދުވާލު ހަތަރު ދަމު އޮފީހުގައި އުޅެއުޅެފައި ރޭގަނޑު ބާރަ ޖަހަންދެން ކެފޭ ރެސްޓޯރެންޓުތަކުގައި އުޅެން ފެށީމެވެ. އުފަލާއިއެކު މަޖާނަގަމުން މުޅި މާލެ ތެރޭގައި ދުވެބޭލީ ހިތުގައި ކުޑަވެސް ބިރުވެރިކަމެއް ނެތިއެވެ. ދައްތަ އާއި ބައްޕަ ދިން ނަސޭޙަތްތަކަށް ވެސް ބީރު ކަންފަތެއް ދިނީމެވެ. ފަހުންވާނެ ގޮތް ވިސްނައިލުމެއް ނެތިއެވެ. ބިރުގެ ކަންފުޅެއްވެސް ނެތިއެވެ. ފަރުޟު ފަސް ނަމާދު އަޅާ ތާނގައި ކުރަނީވެސް ހާހަކުން ފަހަރަކުއެވެ. ޤުރުއާންވެސް ކިޔަވައިަލނީ ހިތަށް އެރިއްޔާއެވެ. ސިއްޙީ މާހިރުންނާއި އާއިލާ މީހުން ދިން ނަޞޭޙަތާއި ކުރި އާދޭސްތަކަށް ބީރުކަންފަތެއް ދެވުމުން ނަތީޖާ ވަރަށްވެސް ހިއްޗެވެ!

ދެ މަހެއްހާ ދުވަސް ފަހެވެ. އެއްދުވަހަކު އަހަރެން ނިދައި ހޭލިއިރު ހުރީ ވަރަށް ގަދައަށް ހުން އައިސް ރޯގާ ޖެހިފައެވެ. މަކަން ދައްތައަށް އެނގުމާއިއެކު ފްލޫ ކްލިިނިކްއަކަށް ކޮވިޑް ޓެސްޓުކުރަން ދިއުމަށް ނަޞޭޙާތްތެރިވިއެވެ. އަހަރެންވެސް އެކަމަށް އެއްބަސްވީ އަހަރެން ކޮވިޑަށް ފައްސިނުވާނެކަމުގެ ޔަޤީންކަން ހިތުތެރޭގައި އޮތީމައެވެ. ނަމަވެސް ފަހުންވާނެ ގޮތް އެއްވެސް އިންސާނަކަށް އިނގޭނެ ހެއްޔެވެ؟

ފްލޫ ކްލިނިކްއަށް ގޮސް ގެއަށްއައި ވަގުތު ސިޓިން ރޫމްގައި ކާރެއް ހިފައިގެން ކުޅެންއިން ތަން ފެނުމާއިއެކު ހިނިތުންވެލަމުން ގޮސް ކޮއްކޮ ކައިރީގައި އިށީނދެ ކުޑަކޮށް ވާހަކަ ދައްކައިލުމަށްފަހު ބައްދައިލީމެވެ. ދެން އަހަރެން މިސްރާބުޖެހީ ބައްޕަގެ ކޮޓަރި އާއި ދިމާއަށެވެ. ބައްޕަގެ ކޮޓަރިއަށް ވަތްއިރު ބައްޕަ ޚަތިމު ހިފައިގެން ޤުރުއާން ކިޔަވަންއިނެވެ. މަންމަ މި ދުނިޔެ އާއި ވަކިވި ހިސާބުން ފަށައިގެން ބައްޕަގެ ކަމަކީ އަބަދު ޤުރުއާން ކިޔެވުމާއި ނަމާދު ކުރުމެވެ. އަހަރެން ބައްޕަ އާއި ކުޑަކޮށް ވާހަކަ ދައްކާ ހަދައިލުމަށްފަހު ގޮސް ވަނީ ކޮޓަރިއަށެވެ.

ދެދުވަސް ފަހެވެ. އަހަރެން އެނދު މަތީގައި އޮއްވައި ސިހުނީ ފޯނަށް މެސެޖެއްއައި އަޑަށެވެ. އަހަރެން ހަމަޖެހިލައިފައި ފޯނު ހުޅުވައިލީ އެޗް.ޕީ.އޭ އިން އައިއްސައިން މެސެޖަކަށް ވީމައެވެ. މެސެޖު ކިޔައިލުމާއިއެކު އަހަރެންގެ އަތުން ފޯނު ދޫވިއެވެ. ދެލޮލުން ހޯސްލައިފައި ކަރުނަތައް އަންނަން ފެށިއެވެ. ނަމަވެސް ހަޤީޤަތް ވާނީ ހަޤީޤަތަށެވެ. އެއްވެސް މީހަކަށް އެކަމެއް ބަދަލެއް ނުކުރެވޭނެއެވެ.

އާއެކެވެ! ތިޔަ ހީފުޅު ކުރެއްވީ ރަނގަޅަށެވެ. އަހަރެން ކޮވިޑަށް ފައްސިވީއެވެ. އަނެއް ދުވަހު އަހަރެންގެ ޙާލު ބޮޑުވެގެން ކަަރަންޓީން ފެސެލިޓީއަކަށް ގެންދެވުނެވެ. އޭގެ ދެދުވަސް ފަހުން ޚަބަރު ލިބުނުގަތުގައި އަހަރެންގެ ބައްޕަ އާއި ދައްތަގެ އިތުން ލޯބިވާ ކޮއްކޮވެސް ކޮވިޑްގެ ޝިކާރައަކަށް ވީ ޚަބަރެވެ. ނަމަވެސް އަހަރެން ކެތްކުރީމެވެ. އެއީ އަހަރެން ކުރި ކުށަކަށް ވާތީއެވެ. އެމީހުންނަށް އެހެން ވީ އަހަރެންނާއި ހެދިއެވެ. އަހަރެންނަށް ކުރިން ވިސްނުނު ނަަމައެވެ. އޭގެ ދެ ހަފްތާ ފަހުން އަހަރެންނަށް ލިބުނީ ހިތް ހަލާކުކޮށްލި ޚަބަރެކެވެ. ބައްޕަ އާއި ކޮއްކޮ އާއި ދައްތަ ނިޔާވި ޚަބަރެވެ. انا الله وانا اليه راخعون! އަހަރެންގެ ހުރިހާ އުންމީދެއް އެދުވަހު ފުނޑުފުނޑުވި ކަހަލައެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އެދުވަހު ވަރަށް ރުއީމެވެ. ކަރުނަ ހުސްނުވެއެވެ. ނަމަވެސް މިއީ ހަމަ އަހަރެން ކުރި ކުށުގެ ނަތީޖާއެވެ. އަހަރެންނަށް ކުރިން ވިސްނުނު ނަމައެވެ.

އެކުވެރީންނެވެ! ނިކަން ވިސްނަބަލާށެވެ! ތިމާ ކުރާ ޢަމަލުތަކުން މި ބަލި ޖެހެނީ ކިތަށް މީހުންނަށްކަން ވިސްނާލިން ހެއްޔެވެ؟ ހަލާކުކޮށްލަނީ ކިތަށް މީހުންގެ ދިރިއުޅުންކަން ވިސްނާލީން ހެއްޔެވެ؟ ތިމާ އާއި ހެދި އެހެން މީހުން ތަޙައްމަލްކުރަން ޖެހެނީ ކިހާ ވޭނެއްގައިކަން ވިސްނާލީން ހެއްޔެވެ؟ ދުނިޔެއިން ދަނީ ކިތައް މީހުންގެ ދިރިއުޅުންކަން ވިސްނާލިން ހެއްޔެވެ؟ މި ވާހަކައިން ޢިބުރަތް ޙާސިލުކުރާށެވެ! ތިމާގެ ޢަމަލުތައް އިޞްލާޙު ކުރާށެވެ! ޞިއްޙީ މާހިރުން ދެއްވާ ނަޞޭޙަތްތަކާއި އާދޭސްތަކަށް ޢަމަލު ކުރާށެވެ! ނުބައި މަގުން އެއްކިބާވާށެވެ! މާތް ﷲ ގެ ޙަޟްރަތުން ކޮވިޑްގެ މި ވަބާއިން ރާއްޖެ އާއި މުޅި ދުނިޔެ ސަލާމަތްކޮށް ދެއްވުނެ އެދި ދުޢާ ކުރާށެވެ! އިންޝާﷲ، މާތް ﷲ މި ވަބާއިން މުޅި ދުނިޔެ ސަލާމަތްކޮށް ދެއްވާނެއެވެ!

ޔާﷲ! އަޅަމެންގެ ރާއްޖެ އާއި ދުނިޔެ ކޮވިޑްގެ މި ނުރައްކާތެރި ވަބާއިން ސަލާމަތްކޮށްދެއްވައި މި ބަލީގައި ނިޔާވި މީހުންނަށް ހެޔޮ ރަޙްމަތް ލައްވާންދޭވެ! އާމީން!

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!