އެކުއްޖާ 2 – 36
* ނީޝަލް އޮތީ ފުންނިންޖެއްގެ ތެރޭގައެވެ. އޭނާގެ ސިކުނޑި ފިލްމެއް ފަދައިން ދައްކަމުން ދިޔަ މަންޒަރުތައް ނީޝަލްއަށް ފެންނަމުން ދިޔައެވެ. އޭނާ ހަނދާން ނެތިފައިވީ ހުރިހާ ކަމެކެވެ. *
ފަތިހު ހޭލައިގެން ސައި ތައްޔާރު ކުރަން ހުރި އަވްލީންއަށް އިއްޔެރޭ ލިޔާންގެ ފަރާތުން މިސްކޯލެއް ލިބިފައިވާކަން އެނގުނީ ތަންކޮޅެއް ފަހުންނެވެ. ކައިޔަން ސައިބޯން އިށީނުމުން އަވްލީން ދިޔައީ ކޮޓަރިއަށެވެ. އެތެރެއިން މަޑު ފިޔާތޮށި ކުލައިގެ ގަމީހެއް ލާފައި ކަޅުކުލައިގެ އޮފީސް ޕޭންޓްސް އާއި އެކީގައި ބެގީ ކޮށްލިއެވެ. ނޭވީބްލޫ ކުލައިގެ ޝޯލް ފަރުވާތެރިކަމާއި އެކީގައި އަޅާފައި އަތް ދަބަސް ހިފައިގެން އަވްލީން ނުކުތެވެ. އަދި ކައިޔަން އާއި ބައިވެރިވެގެން ސައިބޯން ފެށިއެވެ.
ކާރަށް އަރާފައި އަވްލީން ބެލީ ލިޔާންއަށް ގުޅާލެވޭތޯއެވެ. ހޮސްޕިޓަލަށް ގޮސްފައި ދެން ގުޅާކަށް ވަގުތެއް ނުވާނެކަން އިނގޭތީއެވެ. “ކާކަށް..؟” މަޑުމައިތިރި އަޑަކުން ކައިޔަން އެއްސެވެ. “ލިޔާން ގުޅާފައި އޮތީމައި..” އަވްލީން ޖަވާބުދާރީވިއެވެ. ހިނދުކޮޅެއް ނުވަނީސް ލިޔާން ފޯނު ނަގައިފިއެވެ. “އަވް… ވީހާވެސް އަވަހަކަށް މިކޮޅަށް އާދޭ.. އެނޫނީ ކަންތައްތައް ވަރަށް ކަޑަވާނެ..” ލިޔާންގެ އަޑުގައި ހުރި ހާސްކަމުން އަވްލީން ކަންބޮޑުވާގޮތްވިއެވެ. ”ވަޓް..؟” ފޯނު ސްޕީކަރަށް ލާފައި ހުރުމުން ކައިޔަންއަށް ވެސް ލިޔާންގެ އަޑު އިވުނެވެ. ކައިޔަންގެ މޫނުމަތީގައިވާ ކުލަވަރު ހެކިދެނީ އޭނާ ވެސް ހާސްވާން ފެށިކަމެވެ.
“ގެސް ވަޓް..؟ ރާއްޖޭގައި އަވްމެންނާއި ދެކޮޅަށް ހުރީ ރޫހާން އެކަންޏެއް ނޫން.. މާޔާ ވެސް އައިސްފި…” ލިޔާން ދިން ހަބަރުން އަވްލީންއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. “ކީކޭ..؟؟؟” އަވްލީން އާއި ކައިޔަންއަށް އެއް އަޑަކުން ހެން އެހުނެވެ. “އާނ ކައި.. އަވް.. އެ ދެމީހުންވެސް މިކޮޅުގައި އެބައުޅޭ.. އިއްޔެރޭ އިޒްކާން އަދި ހޫރީންމެން އައުން ލަސްވެގެން ހައިނާ އާއި ރަނޫ ބުނެގެން އެމީހުން ހޯދަން ވެގެން އަހަރެން ނުކުތީ.. އެވަގުތު އަހަރެންނަށް ދުއްވާފައި ގޮސް ސީދާ އެރުނީ މާޔާ އާއި ރޫހާންގެ ކުރިމައްޗަށް.. އަހަރެން މީ މިކަމާއި އެހާ ރިލޭޓެޑް މީހެއް ވެސް ނޫން.. އެކަމަކު އަހަރެން އެވަގުތު ގަތްބިރު ބުނެދޭކަށްވެސް ނޭނގޭ..” ލިޔާންގެ އަޑުންވެސް އޭނާ އެހުރީ ނުތަނަވަސްވެ ބިރުގަނެފައިކަން އަންގައިދެއެވެ. ލިޔާން އެވަރަކުން އެ ބިރުގަންނަނީ ނީޝަލްއަށް މާޔާ ގޮތެއް ހަދާފާނެތީއެވެ. އެންމެ ގާތް އެކުވެރިޔެއްގެ ދަރިފުޅުކަމުން ލިޔާންއަށް ނީޝަލް އެހާ ބޮޑަށް ނޭނގުނަސް ލޯބިވަނީ ބައްޕައެއް ފަދައިންނެވެ.
“އަހަރެމެން މާދަމާގެ ފްލައިޓުން ތިކޮޅަށް ދެވޭތޯ ބަލާނަން އިރާދަކުރެއްވިއްޔާ..” ކޮންޕެނީ މަތިންވެސް ކައިޔަން ހަނދާން ނެތުނެވެ. ކޮންޕެނީއަށްވުރެވެސް ދަރިފުޅު ހުރިހާ ގޮތަކުންވެސް އޭނާއަށް މުހިންމެވެ. އަވްލީން ހާސްވެގެން ތެޅިގަތެވެ. މާޔާއާއި ރޫހާންގެ ކިބައިން ނީޝަލް ވީހާވެސް އަވަހަކަށް ސަލާމަތްކުރުމުގެ ނިޔަތުގައި އަވަސް އަރުވާލައިގެން އަވްލީންއަށް ނެގުނީ ނުބައި ފިޔަވަޅެއްކަން ރޭކާލައިފިއެވެ. ރާއްޖޭގައިވެސް ނީޝަލްއަށް މާޔާގެ ކިބައިން ވަކި ރައްކަލެއް ނެތެވެ.
“ކައި ދެން އަހަރެމެން ކިހިނެތް ހަދާނީ..؟؟ މާޔާ ކޮންމެފަދަ ގޮތެއް ވެސް ހަދާފާނެ.. އެއީ އިރަކު ނައިލް ވެސް މަރާލަން މަސައްކަތްކުރި އަންހެނެއް.. އޭނަ އެއްވެސް ކަމެއް ކުރާކަށް ބިރެއް ނުގަންނާނެ.. ފަހެއް ނުޖެހޭނެ..” އަވްލީން ހާސްވެގެން ގޮސް ތެޅެނީއެވެ. އެރީތި ދެލޮލުން ކަރުނަ ފާއްދާލާފައިވާއިރު ތުންފަތް ދިޔައީ ތުރުތުރު ލަމުންނެވެ. “އަވް… އަހަރެމެން މިހަފްތާ ނިމެންވާއިރަށް ހުންނާނީ ނީޝް ގާތުގައި.. އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ.. އަހަރެން ޖޯން އާއި ވާހަކަ ދައްކާލާނަން.. އަވްވެސް ޗުއްޓީ ނަގާ..” ކައިޔަން ކިޔައިދިނެވެ.
ހޮސްޕިޓަލްގައި އިންއިރުވެސް އަވްލީންއަށް ނިޔަފަތި ކެވެނީއެވެ. ޕޭޝަންޓުންނަށް ވެސް ސަމާލުކަން ދެވުނީ އިންތިހާއަށް ކުރި މަސައްކަތުންނެވެ. ލަންޗްބްރޭކަށް އަވްލީން ސޭންޑްވިޗަކާއި އޮރެންޖް ޖޫސް ގަނެގެން ދިޔައީ ބޭރުގައި ހުރި ބެންޗަކަށެވެ. އެތެރޭގައި ހުރުމުން އޭނާ ނޭވާ ހާސްވާހެން ހީވާތީއެވެ. އޮރެންޖް ޖޫހުން އެތިފޮދެއް ދޫކޮށްލާއިރަށް ރަނާގެ ފަރާތުން ކޯލެއް ލިބުނެވެ. ހިތްހަމަޖައްސާލަންވެގެން އަވްލީން ކޯލްގައި ބައިވެރިވިއެވެ. ހައިނާވެސް އޭރު ކޯލްގައި އިނެވެ.
“ހޭ އަވް..” ރަނާ ގޮވާލިއެވެ. ރަނާގެ ފަހަތުގައިވާ މަންޒަރު ހުރިގޮތުން ރަނާ އެހުރީ ސެލޫންގައި ކަން އެނގެއެވެ. ހައިނާ އިނީ ގޭގައެވެ. އޭނާގެ އޮފް ދުވަސް ކަމަށް ވާތީއެވެ. “ހޭ..” އަވްލީންގެ އަޑު ނުކުތީ ތުރުތުރުއަޅާ ހާލުގައެވެ. “އަހަންނަށް އިނގޭ މިވަގުތު އަވް ތިހުރީ ވަރަށް ހާސްވެފައި ކަން.. އެކަމަކު އަވް ހިތްވަރު ކޮށްލާ.. އަހަރެމެން މިހުރީނު..؟ އިންޝާ ﷲ ނީޝްއަށް ދެރަގޮތެއް ނުވާނެ..” ރަނާ ހިތްވަރު ދިނެވެ. ”ހިތްވަރު ކުރެވޭނީ ކިހިނެތްތަ ރަނޫ..؟؟ ނީޝްއަށް އެގޮތަށް ދިމާވީ ހަމަ އަހަންނާއި ހެދި.. ނީޝްގެ ހަނދާންތައް ވަކިވެގެންދިޔަ ހާދިސާގައި ވަނީ ހަމަ އަހަރެންގެ އިހުމާލު..” އަވްލީންގެ ދެލޮލުން ކަރުނަތައް އޮހިގެންފިއެވެ. ރަނާމެންނަށް އެ ހާދިސާ ރަނގަޅަށް ސާފުކޮށްދީފައި ނުވާތީ އަވްލީން ނިންމީ އެ ވާހަކަ އަލިފުން ޔާއަށް ކިޔައިދޭށެވެ. ނަމަވެސް ޚުދު އަވްލީންއަށް ވެސް ކޮންމެވެސް ވަރަކަށް ސިއްރުވެފައިވާ ބައިތަކެއް އެ ހާދިސާގައި ވެއެވެ.
*********
ވިއްސާރަ ދުވަހެކެވެ. ދޭތެރެއަކުން ގުގުރާލާއިރުގައި ހީވަނީ އެތައްހާސް ސްޕީކަރަކުން ޕްލޭ ކުރާ ބިރުވެރި އަޑުފައްގަނޑެއް ހެންނެވެ. ހިނދުކޮޅަކުން ހިނދުކޮޅަކުންހެން ވިދާލާއިރު ކަޅު ވިލާތަކުން އަނދިރި ކޮށްފައިވާ މާހައުލު ދަނީ އަލިވެގެންނެވެ.
“މަންމާ.. އަހަރެން އޯކޭތަ މިރޭ ސްކޫލްގައި ބާއްވާ ފަން ނައިޓަށް ދިޔަސް..؟” ހޮޓް ޗޮކްލެޓް ބޯން ސޯޅަ އަހަރުން ފުރެން ގާތްވެފައި އިން ނީޝަލް އަވްލީންގެ ގާތު އަހާލިއެވެ. ގުގުރިއެއް ޖަހާލީ އެވަގުތެވެ. އަޑުގަދަވެގެން ޓީވީއަށް ގެއްލިފައި ހުރި ނައިލްވެސް މޫނު ހަދާލައިފިއެވެ. “މިރޭ ހާދަ އަނދިރިއެއް ވާނެޔޭ.. އަދި އެ ވާރޭވެސް ވެހެނީ.. ނީޝް ލާން ދަނީ ކާކު..؟ ބައްޕަވެސް މިރޭ ޑިއުޓީގައި.. މަންމައަކަށް ނުފެނޭ މިރޭ ދާކަށް..” އަވްލީން ހިތްހަމަނުޖެހުން ފާޅުކުރިއެވެ. “އަޅެ އެ ދެން އޯކޭވާނެޔޭ މަންމާ.. މަ ވެސް ދާނަމޭ މިރޭ… އެހެންނޫނަސް އަހަރެމެންނަށް ދެވޭނެއްނު ބަހުގައި ވެސް..؟” ޓީވީ ނިއްވާލާފައި އައި ނައިލް އެރީ ނީޝަލްގެ ކޮޅަށެވެ. “ޔަގީންތަ ދޮންތައާއެކީ ނައިލްއަށް ބަސްއަހައިގެން ހުރެވޭނެކަން..؟” އަވްލީން އަހާލިއެވެ. ނައިލް އަކީ ހަލަނި މިޒާޖެއްގެ ކުއްޖަކަށް ވާތީއެވެ.
“އާނއެކޭ.. މަ ދޮންތަ އާއެކީ ހުންނާނަމޭ..” ނައިލް ނީޝަލްގެ އަތުން ހޮޓްޗޮކްލެޓް ތަށި ދަމައިގަތެވެ. “މީހަކު ދޮންތި ގެންގޮސްފިއްޔާޔޯ..؟” އަވްލީން އެއްސެވެ. ސީރިއަސްކޮށެއް ނޫނެވެ. ނައިލް ދޭ ޖަވާބު އަޑުއަހާ ހިތުންނެވެ. “އޯ ޕްލީޒް މޯމް.. މިރޭ ދޮންތަ އާއި އެކީގައި ދާން ފިރިހެނެއް އެބަ ހުއްޓޭ..” ނައިލް ވަރަށް ގަދަވެފައި ބުނެލިއެވެ. “ކާކުތަ..؟ އަނެއްކާ ޖޯން ސީނާ ނޫންބާ..؟” ނީޝަލް ހީނގަތެވެ. ޖެއްސުމަށެވެ. ”ނޫނެކޭ މަށޭ މަށޭ..!!” ނައިލް ރުޅި މޫނު ހެދިއެވެ.
”ނައިލް އަދި ތިއުޅެނީ މޫނުގައި އެންމެ އިސްތައްޓެއް ވެސް ނުފަޅައިގެން..” ނީޝަލް އަނެއްކާވެސް ހޭންފެށިއެވެ. މިފަހަރު އަވްލީންގެ ގާތަށް ވެސް ހިނިއައެވެ. ނައިލް މޫނު ކުނިކޮށްލާފައި ގޮސް އަނެއްކާވެސް ޓީވީ ހުޅުވާލިއެވެ. “ދަންޏާ ލަސްނުކޮށް ގެއަށް އަންނަން ޖެހޭނެ.. އެހެންކުދިން އެތާ މަޑުކުރަނިއްޔޭ ކިޔާފައި މަޑުނުކޮށް ގެއަށް އަންނާތި އެންމެ ލަސްވެގެންވެސް ދިހަގަޑި ބައިވުމުގެ ކުރިން..” އަވްލީން ބުނެލިއެވެ. ”އެއްކަލަ މަންމަ.. އޯލްވޭސް ގިވިންގ ކަރފިއުޒް..” ނައިލް ބުނެލިއެވެ. “އޯކޭ ދިޔަސް…” އަވްލީން އެހެން ބުނެލުމުން އެތަނަށް ހީވީ ބޮޑު އީދު އައިހެންނެވެ. ނައިލް އާއި ނީޝަލް އަތާއަތް ޖެއްސެވެ.
“ހައި އާންޓް އަވްލީން..” ކުއްލިއަކަށް ރޫހާން އައިސް އެގެއަށް ވަނެވެ. ”އަނހަ ރޫހާން..؟ ހާދަ ނުވަގުތެއްގައި ތިއައީ..؟ ވާރޭ ވެހޭއެއްނު އެބަ..؟؟” އަވްލީންގެ ހިނިތުންވެފައި އެއްސެވެ. ކުރީ އަހަރު މާޔާ އެގެއިން ބޭރުކޮށްލުމަށްފަހު ވެސް ރޫހާން ބަރާބަރަށް އެގެއަށް އައިސް އުޅެއެވެ. އަވްލީންގެ ހިތް ރޫހާން އާއި ދޭތެރޭ ސާފެވެ. އެއީ މާޔާގެ ރޭވުންތަކުގެ ތެރޭގައި ރޫހާންވެސް އުޅޭކަން އަވްލީންއަށް ފަހުމު ނުވާތީއެވެ.
”ދެން މިގެއަށް ނައިހެއް ނުހުރެވޭނެއްނު..؟” ލައިގެން ހުރި ވާރޭކޯޓު ބާލަމުން ރޫހާން ބުނެލިއެވެ.
މިރެއަށް އޮތް ޕްލޭންތައް ރޫހާންއަށް ނީޝަލް ކިޔައިދިނެވެ. “ވަރަށް ކަޑަދޯ މާޔާ އާންޓް ރޫ މިރޭ ނުފޮނުވާތީ..” ނީޝަލް ބުނެލިއެވެ. “ނޫން… އައި ހޭވް އަދަރ ޕްލޭންސް ފޮ ޓުނައިޓް…” ރޫހާން ބުނެލިއެވެ. އެ އަޑުގައިވާ މަކަރުވެރިކަން ނީޝަލް ނުވަތަ އަވްލީންއަށް ވަގުތު ފާއިތުވުމުގެ ކުރިން ރޭކާލިނަމަ ކިހާ ރަނގަޅެއް ވީހެވެ.
ނީޝަލްމެން ޕާރޓީއަށް ދިޔަފަހުން އަވްލީން ކޭތަށިތައް ނެގީ ކައިޔަން މިރޭ ބިޒީކަމުން ގެއަށް ކާން ނާދެވޭނެ ވާހަކަ ބުނުމުންނެވެ. ނިންމަން ޖެހޭ ބައެއް މަސައްކަތްތައް ހުރުމުން އަވްލީން ފައިލްތަކާއި ލެޕްޓޮޕް ހިފައިގެން މޭޒުދޮށުގައި އިށީނީ މަސައްކަތްތައް ނިންމުމުގެ ބޭނުމުގައެވެ. އެ މަސައްކަތްތައް ނިންމުންއިރު ގަޑިން ނުވަގަޑި ބައިވެއްޖެއެވެ. ނީޝަލްމެން ގަޑިއެއްހާއިރު ތެރޭގައި އަންނާނެކަން އިނގޭތީ އަވްލީން އިށީނީ ކުޑަކޮށް ޓީވީ ބަލާށެވެ. އާފަލު ކޮށާ ތައްޓަކަށް އަޅާފައި އަވްލީން ބަލަން ޚިޔާރު ކުރީ ކޮމެޑީ ޓީވީ ޝޯއެކެވެ.
ޝޯ ނިމުނީ އެގާރަ ޖަހަން އުޅެނިކޮށެވެ. އަވްލީން ފޯނު ނެގިއެވެ. ނައިލް އާއި ނީޝަލް އަދިވެސް ނާންނާތީ އަވްލީން ހައިރާންވިއެވެ. ފޯނު ހިފައިގެން ދެކޮޅުދެކޮޅަށް އަވްލީންއަށް ހިނގެން ފެށުނެވެ. ދޭތެރެ ދޭތެރެއިން ބެލްކަނިން ބޭރަށް ބަލާލެވެނީ ނައިލް އާއި ނީޝަލް މިހާރު ހުންނާނީ އަންނަ މަގުމަތީގައިހެން ހީވާތީއެވެ. ނަމަވެސް ދެމީހުންކުރެ އެކަކުގެވެސް ހިލަމެއް ނުވާތީ އަވްލީން ނީޝަލްގެ ނަންބަރަށް ގުޅިއެވެ. ނަމަވެސް އަންގަނީ ފޯނު ނިއްވާލާފައިވާކަމެވެ. އަވްލީން ދެން ގުޅީ ނައިލްއަށެވެ. ރިންގުގެ އަޑު އިވުނީ ނުހަނު ގާތުންނެވެ. ކާމޭޒު މަތީގައި އޮތް ނައިލްގެ ފޯނު ފެނިފައި އަވްލީންއަށް ބޯހޫރާލެވުނެވެ.
އިރުކޮޅެއް ނުވަނީސް ބެލްކަނިން މީހެއްގެ ހިލަންވީހެން އަވްލީންއަށް ހީވިއެވެ. ފަރުވާތެރިކަމާއި އެކީ ފިޔަވަޅު ނަގަމުން ގޮސް އަވްލީން ބެލްކަނި ހުޅުވާލިއެވެ. ހިނިތުންވެގެން ހުރި މާޔާ ފެނިފައި އަވްލީންގެ ހިތް ބިރުގަތެވެ. ނުތަނަވަސްކަން ވެރިވެ މީހާ އުދާސްވާން ފެށީވެސް ވިސްނާނުލާ ހުއްޓައެވެ. “މިތާ ކީއްތި ކުރަނީ..؟” އަވްލީންއަށް އެ ޖުމްލަ ބުނެވުނީވެސް ގަދަކަމުންނެވެ. ޖަވާބުދޭ ޚިޔާލެއް މާޔާ ނުކުރިއެވެ. އަޑުގެ ކޮޅަށް މާޔާ ހޭންފެށިއިރު ހީވަނީ އަސްލުވެސް މޮޔަވެފައި ހުރި މީހެއް ހެންނެވެ. އަވްލީން އިހުނަށްވުރެ ބިރުގަތެވެ. މާޔާ އެއުޅެނީ ކޮންމެވެސް ރޭވުމެއް ރާވައިގެންކަން އަވްލީންއަށް ނަގައިގަނެވުނެވެ.
ހީނހީނފައި މާޔާ ބެލްކަނީގައި އެތެރެއަށް ވަދެވޭހެން ހުރި ދޮރުން ބޭރަށް ނުކުތެވެ. އެ ހީނގަތުމަކީ އަވްލީންއަށް އެ ލިބެން އުޅޭ ބަރުދާސްތު ކުރަން ދަތި ދެރަ ހަބަރަށް މަލާމާތް ކުރުމުގެ ގޮތުން މާޔާ ހީގަތް ހީގަތުމެއްކަމަށް އަވްލީން ހީވެސް ނުކުރިއެވެ.
މާޔާ ދިޔަފަހުން އަވްލީންއަށް ސޯފާގައި އިނދެވުނީ ވިސްނުމެއްގެ ތެރޭގައެވެ. ނީޝަލް އާއި ނައިލް ނައުމާއި އެކީގައި މާޔާގެ މި ކުއްލި ފެނުން ވެގެން ދިޔައީ އަވްލީންގެ ހާސްކަން އެތައް ދަރަޖައަކަށް މައްޗަށް ޖައްސާލި ކަމަކަށެވެ. ފާރުގައި ހަރުކޮށްފައިވާ ބޮޑުގަޑިން ބާރަ ޖެހުމުން އިވޭ “ޑިންގޑޮންގ” ގެ އަޑާއި އެކީ މީހަކު ދޮރުގައި ތަޅައިގަތް އަޑު އަވްލީންގެ ކަންފަތުގައި ޖެހުނީ އެއްފަހަރާއެވެ. އެއީ ނީޝަލްމެންނަށް ވެދާނެތީ އަވްލީން އަވަހަށް ދޮރު ހުޅުވިއެވެ. އަވްލީން ކުރި ހީގެ އެއްބައި ރަނގަޅެވެ. ނަމަވެސް ނައިލް ހުރީ ތެމިފޯވެގެން ކަމުން އަވްލީންގެ ހިތުގައި ސުވާލު އުފެދުނެވެ. ނައިލް އަރައިގެން ހުރި ބޫޓުވެސް ނުބާލާ ފްރިޖުދޮށަށް ދިޔައެވެ. އަދި ނެގި ފެންފުޅީގައި ތުންޖަހާ އަވަސްއަވަހަށް ބޯންފެށިއެވެ.
ނައިލްގެ ފަހަތުން ނީޝަލް އެތެރެއަށް ނުވަނުމުން އަވްލީން ބޭރު ބަލާލިއެވެ. ނީޝަލް ނެތްކަން އަވްލީންއަށް ފާހަގަވީ ދެނެވެ. “ނައިލް.. ކޮބާ ދޮންތަ..؟؟؟” އަވްލީން ކަންބޮޑުވެފައިވާ ރާގަކަށް އަހާލިއެވެ. “ދޮންތަ.. ދޮން.. ދޮންތަ ގެއްލިއްޖެ..” ކުރުވެފައިވާ ނޭވާއާއި އެކީގައި ނައިލް ދިން ޖަވާބުން އަވްލީންގެ އަތްފައި ފިނިވެގެން ދިޔައެވެ. “ދޮންތަ.. ދޮންތަ ގެއްލުނީއޭ..؟ ދެކުދިން ސަމާސާ ނުކުރޭ އިނގޭ…” އަވްލީން ހީކުރީ އެއީ ސަމާސާއެއް ކަމަށެވެ. “ނޫނެކޭ މަންމާ މީ ހަމަ އަސްލޭ…” ނައިލް ހުރީ އިންތިހާއަށް ކަންބޮޑުވެފައެވެ. “އަހަރެން ހުރީ އެކުވެރިންނާއި އެކީގައި ދުރުގައި ވާހަކަ ދައްކަން.. ދިހަގަޑި ދިހައެއް ވާއިރަށް އަހަރެން ގޮސްފިން ދޮންތަ ހޯދަން ބަހަށް ދާންވެގެން.. އެކަމަކު ދޮންތަ ފެންނާކަށް ނެތް.. ޒެލީ އާއި އެމީލް ކައިރީ އެހީމައި ބުނި ދޮންތަ ގޮސްފިޔޯ.. އަހަންނަށް ވުރެ ކުރިން ދޮންތަ ބަހަށް ދިޔައީ ކަމަށް ހީކޮށްފައި މުޅިި އެތަން ބަލާފައި އަހަރެން ދިޔައީ ބަސްސްޓޮޕަށް.. އެކަމް ދޮންތައެއް ނެތް އެތާކުވެސް.. އެހެންވެ ބަސް އައުމުގެ ކުރިން އަށް ބްލޮކް ދުވެފައި މަ މި އައީ މަންމަ ކައިރީ މިވާހަކަ ބުނަން..” ނައިލް އަވަސް އަވަހަށް ކިޔައިދިނެވެ. “ދެން..؟؟ ޕްރިންސިޕަލް ކައިރީ އެވާހަކައެއް ނުބުނުއްވަންތަ..؟” ހިތްއަވަސްވެފައި ހުރެ އަވްލީން އެއްސެވެ. އެ ސުވާލަށް ޖަވާބު ދޭން އަނގަ ހުޅުވާލާފައި ނައިލް އިސްޖަހާ ދުރު ބަލާލިއެވެ. “ނައިލް.. މަންމައަށް ކަމެއް ސިއްރު ކުރަނީތަ..؟” އަވްލީންއަށް ޝައްކެއް ވެގެން އެއްސެވެ. “މިރޭ ބޭއްވީ ފަން ނައިޓެއް ނޫން.. މިރޭ އޮތީ ޕާރޓީއެއް.. ސަޓަރޑޭ ނައިޓެއް މީ.. ރޭގަނޑު ގަޑި ވީމައި ގާރޑުން ފިޔަވާ އެކަކުވެސް ނޫޅޭނެ.. އެއީ އަމް.. އާޝާގެ ބާރތްޑޭ ޕާރޓީ…” ނައިލް އެހެން ބުނުމާއި އެކީ އަވްލީންގެ ދެ ބުމަ ކައިރިވިއެވެ. “ކޮން އާޝާއެއް..؟” އަވްލީން އެހެން އަހާލީ ޔަގީން ކުރުމުގެ ގޮތުންނެވެ. “އާޝާ.. އާޝާ ސުހޭލް..” އިސްޖަހައިގެން ހުރެ ނައިލް އެހެން ބުނުމުން އަވްލީންގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އާޝާގެ ބައްޕަ ސުހޭލަކީ ފްރާންސްގައި ހުރި ގިނަ ބާރތައް ހިންގާ އަދި ހިއްސާވެސް އޮންނަ މީހެކެވެ. އާޝާ ބާއްވާ ޕާރޓީ ތަކުގައި ގިނަ އަދަދެއްގެ އަލްކޮހޯލް ބޭނުން ކުރާކަން އަވްލީންއަށް ވަނީ އެނގިފައެވެ. “ކީއްވެގެން މަންމަ ކައިރީގައި ނުބުނީ..؟ މަންމަ ބުނިން ދޯ އެކަހަލަ ޕާރޓީތަކަށް ދާކަށް ނުވާނެޔޭ..؟ ދަރިފުޅު އެތަނުން ބުއިމެއް ބުއިންތަ..؟” އަވްލީންގެ ރުޅިވެރިކަން އެކުލެވޭ އަޑުގައި ހާސްކަމެއްވެސް ވިއެވެ. “ނޫން ނޫން އަހަރެން ބުއީ ސްޓްރޯބެރީ ލެމޮނޭޑް..” ނައިލްގެ އެ ޖަވާބުން އަވްލީންގެ ރުޅި ކުޑަކޮށް ފިނިވިއެވެ. “ދަރިފުޅު ތި ތެތް އެއްޗެހި ބަދަލު ކުރޭ.. މަންމަ އެބަ ދޮންތަގެ އެކުވެރިންނަށް ގުޅަން..” އަވްލީން އެހެން ބުނުމުން ނައިލް އަވަހަށް ކޮޓަރިއަށް ދިޔައެވެ. އަވްލީން ހާސްވެފައި އޭނަ ދަންނަ ނަންބަރުތަކަށް ގުޅަން ފެށިއެވެ.
ނައިލް ލައިގެން ހުރި ގަމީހާއި ފަޓްލޫން ބާލާފައި އާދައިގެ ޖިންސަކާއި ކޮޓަން ސްވެޓަރއެއް ލައިގެން ބޮލުގައި ވޫލްހެޓެއް އަޅާފައި ބޭރަށް ނުކުތްއިރު އަވްލީން އޭނާ ލައިގެން ހުރި ހެދުމާއި ޖިންސް މަތިން ދިގު ކޯޓެއް ލަނީއެވެ. ”މަންމަ ކޮންތާކަށް ދަނީ..؟” ނައިލް އަހާލައިފިއެވެ. “ޕޮލިސް ސްޓޭޝަންއަށް.. ދަރިފުޅުވެސް އާދޭ..” ނީޝަލްގެ އެކުވެރިންގެ ފަރާތުން އެއްވެސް އަލިމަގެއް ނުފެނުމުން ގޭގެ ދޮރު ރަނގަޅަށް ތަޅުލާފައި ކުޑައެއް އަޅައިގެން އަވްލީން ނައިލް ގޮވައިގެން ނުކުތެވެ. ކާރެއް ހުއްޓުވައިގެން އެ ތޫފާނީ ރޭގައި ޕޮލިސް ސްޓޭޝަނަށް ދާން މިސްރާބު ޖެހިއިރު ނީޝަލްއަށް ކަމެއް ނުވޭތޯ އަވްލީން ދިޔައީ ދުއާކުރަމުންނެވެ. ހިތުގެ ކަނަކުން ނީޝަލް ގެއްލުމުގައި މާޔާގެ އަތެއް ވެޔޭ އަވްލީންގެ ހިތް ބުނަމުން ގެންދިޔަ ނަމަވެސް އެ ހިޔާލުތަކާއި ދުރުވެވޭތޯ އަވްލީން ބެއްޔެވެ. ކައިޔަންއަށް ވެގެން އުޅޭ ގޮތް މެސެޖެއްގެ ޒަރިއްޔާއިން އަންގާލާފައި ވީހާވެސް އަވަހަކަށް ޕޮލިސް ސްޓޭޝަންއަށް އައުމަށް އެދުނެވެ.
ރިޕޯޓް ކޮށްފައި އަވްލީން އާއި ނައިލް ހުރީ ބޭރުގައި މަޑުކޮށްލައިގެންނެވެ. ވެހެމުން ދިޔަ ވާރޭގެ ތެރެއަށް ނަޒަރު ހުއްޓާލައިގެން ހުރި އަވްލީންގެ ދެލޮލުގައި ވަނީ ރިހުމެވެ. ހުރިހަމައެކަނި އަންހެން ދަރިފުޅު ވީނުވީއެއް ނޭނގި ގެއްލުމުން އަސަރު ނުކުރާނީ ކޮން މަޔަކަށް ހެއްޔެވެ.؟ ކައިޔަން ކާރުގައި އައިސް އަވްލީން ގާތަށް އައީ ބާރު ސްޕީޑެއްގައެވެ. ކައިޔަންވެސް ހުރީ ހާސްވެގެން އަނެއް އަތަށް އެޅޭވަރުވެފައެވެ. ފްރާންސްގެ ފުލުހުން ނީޝަލް ހޯދުމުގެ މަސައްކަތް ފަށައިފފިއެވެ. ލިބުނު މައުލޫމާތުގެ އެހީގައި ސްކޫލާއި އެތަން ކައިރީ ތަންތަން އެމީހުން ދިޔައީ ވެވުނު ވަރަކުން ހޯދާ ފާސްކުރަމުންނެވެ.
“މޭމް..” ފުލުހެއް ގޮވާލި އަޑަށް އަވްލީން ބަލާލިއެވެ. “ވީ ހޭވް ފައުންޑް ޔުއަރ ޑޯޓަރ.. ވީހާވެސް އަވަހަށް ހޮސްޕިޓަލް ސެއިންޓް އެލޯއީއަށް ދުރުވެ ވަޑައިގަތުން އެދެން.. ޝީ ވޯޒް އިންވޯލްވްޑް އިން އަ ވެރީ ޑޭންޖަރަސް އެކްސިޑެންޓް އެންޑް ޝީ ހޭޒް މޭޖަރ އިންޖަރީސް..” އެ ފުލުސް މީހާގެ ޖުމްލަ ނިމޭއިރަށް އަވްލީންއަށް ހީވީ މުޅި ދުނިޔެ އެނބުރިގަތްހެންނެވެ. ތިހެންނެއް ނުވާނޭ ބުނެ ހަޅޭއްލަވައިގަނެވުނެވެ. ކައިޔަން އަވްލީން އާއި ނައިލް ގޮވައިގެން ސެއިންޓް އެލޯއީ ހޮސްޕިޓަލަށް ދާން ދުއްވާލިއެވެ.
ނީޝަލްގެ ދެ ސާރޖަރީއެއް ހަދަން ޖެހޭކަމަށް އެކޮޅުން ބުންޏެވެ. ނީޝަލް ސާރޖަރީއަށް ވެއްދިއިރުވެސް އަވްލީންގެ ހިތް ޑަންޑަންލާފައި ތެޅެމުން ދިޔައެެވެ. އެތައްއިރެއް ވީފަހުން ނީޝަލްގެ ދެ ސާރޖަރީވެސް ކާމިޔާބުވީކަމުގެ ހަބަރު ލިބުމުން އަވްލީންއަށް ހަމްދު ކުރެވުނެވެ. އިތުރަށް ދެން ބުނަން އިނގޭނީ ނީޝަލް ހޭއެރުމުން ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. ނީޝަލް ޕްރައިވެޓް ރޫމަކަށް ބަދަލު ކުރުމުން އަވްލީންމެންނަށް ނީޝަލް ދެކުމުގެ ނަސީބު ލިބުނެވެ. ނީޝަލް ދެކިލާފައި އަވްލީން ބޭނުންވިވަރަށް ވުރެ އަވަހަށް ނުކުންނަން ޖެހުނީ ނީޝަލް ފެނުނު ފުލުސް އޮފިސަރ ޖެކްގެ ފަރާތުން ވީގޮތް އޮޅުންފިލުވަން ވެގެންނެވެ.
“އަންގާފައިވާ ފަދައިން އަހަރެން އެ އަންހެން ކުއްޖާ ހޯދަން ދުއްވީ.. ސްކޫލް ޕާރޓީއަކުން ގެއްލުނޭ ބުނީމައި އަހަރެން ދިޔައީ ސްކޫލް ކައިރިއަށް.. ކިޑްނެޕް ކޭސް އަކަށް ވެދާނެކަމުގެ ޝައްކު އަހަރެންގެ ހިތުގައި ހިނގަން ފެށީމައި އަހަރެން ދިޔައީ ފަޅު އިމާރާތްތައްވެސް ޗެކް ކުރަމުން.. އަހަރެންނާއި އަހަރެންގެ ޕާޓްނަރ އޮފިސަރ ޖޯޝް އިމާރާތެއްގެ ފަހަތް ޗެކްކޮށްފައި ސެމެޓަރީ ހުންނަ ދިމާއަށް ދިޔަ ވަގުތު ފެނުނީ އެތާ ވީދައިގެން ގޮސްފައިވާ ރަތް ހެދުމެއް ލައިގެން ހުރި އަންހެން ކުއްޖެއް.. އެ ކުއްޖާގެ ފަހަތުގައި މުޅިން ކަޅު ލައިގެން ހުރި މީހެއް އަހަރެން ދެކުނިން.. ކައިރިއަށް ޖެހިލީމައި އެއީ ޅަވަރެއްގެ ފިރިހެން ކުއްޖެއްކަން އެނގުނު.. އެދެމީހުންގެ މެދުގައި ހިނގި ކޮންވަރޒޭޝަންއަށް ބިނާކޮށް އެ އަންހެން ކުއްޖާ އެ ދުވަނީ އެ ފިރިހެން ކުއްޖާގެ އަތްދަށުން ސަލާމަތްވެގެންކަން ވެސް އެނގުނު.. އޭރުވެސް އަހަރެމެންނާއި އެދެކުދިންނާއި ދޭތެރޭ ހުރި ދުރުމިން އަދިވެސް ބޮޑު.. އެދެކުދިން ވާހަކަ ދެއްކީ ވަރަށް ބާރަށް.. ވާރޭވެސް ވެހޭތީއާއި އެކީ… އަހަރެން ދިޔައީ އެ ފިރިހެން ކުއްޖާ އަތުލައިގަންނަން.. އޮފިސަރ ޖޯޝް ދުއްވައިގަތީ އެ އަންހެން ކުއްޖާ ސަލާމަތް ކުރަން.. އެކަމަކު…..” އޮފިސަރ ޖެކް އޭނަ ދައްކަން ހުރި ވާހަކަ މެދުކަނޑާލިއެވެ. “އެކަމަކު..؟” އެވާހަކަތައް އަހަން ހުރި ކައިޔަން އެއްސެވެ. “އަހަރެން އެ ކުއްޖާ އާއި އަރާ ހަމަވާން އުޅެނިކޮށް އެދިމާލަށް ވަރަށް ބާރަށް ދުއްވާފައި އައި ކާރެއްގައި އެ އަންހެން ކުއްޖާ ޖެހުނީ.. އެ ކުއްޖާ ވިއްސައިގެން ގޮސް ޖެހުނީ ސެމެޓްރީ ބޮޑު ކުރަން އެއްކޮށްފައިވާ ގާތަށް މައްޗަށް.. އެންޑް ވޯރސް، އެ އަންހެން ކުއްޖާ އެ ގާތަކުގެ މައްޗަށް ވެއްޓުނީ ހޮޅިދަނޑިއެއްގައި ބޯ ނިކަން ބާރަށް ޖެހުނު ފަހުން..” އޮފިސަރ ޖޯޝް އިސްޖަހައިގެން ހުރެ އެވާހަކަތައް ކިޔައިދިނުމުން އަވްލީން ހިތްފުރެންދެން ރޯލަން ބޭނުންވިއެވެ. ނަމަވެސް ޑޮކްޓަރު އައިސް ގޮވުމުން އޮފިސަރ ޖެކް އަދި ޖޯޝް އާއި ވަކިވެފައި އަވްލީން އާއި ކައިޔަން ޑޮކްޓަރުގެ ފަހަތުން ހިނގައިގަތެވެ. “އެންޑް މޭމް..” ފަހަތުން އަނެއްކާވެސް ޖެކްގެ އަޑު އިވިފައި އަވްލީން ފަހަތް ބަލާލިއެވެ. “މިއޮތީ ޕްރައިމް ސަސްޕެކްޓްގެ ފޮޓޯއެއް.. އަހަރެމެންނަށް އޭނަ އަތެއް ނުވި.. އެކަމް ފޮޓޯއެއް ނެގުނު..” ޖެކް އަވްލީންގެ އަތަށް ލައިދިނީ ސިޓީއުރައެކެވެ.
“ފާތިމަތު ނީޝަލް.. އެ އެކްސިޑެންޓްގައި އޭނާއަށް ވަނީ ބައިވަރު ގެއްލުންތަކެއް ލިބިފައި.. ސްޕެޝަލީ އޭނާ ކާރެއްގައި ޖެހިފައި ވިއްސައިގެން ގޮސް ވެއްޓިފައި ވަނީ ގާފުންޏެއްގެ މައްޗަށް.. އެވެސް މެޓަލް ހޮޅިދަނޑިއެއްގައި ޖެހިފައި.. އެންމެ ބޮޑަށް އަނިޔާވެފައި ވަނީ އޭނާގެ ބޮލަށް.. އަޅުގަނޑުމެންނަށް އިތުރު ޓެސްޓްތައް ހަދަން އިނގޭނީ ޕޭޝަންޓް ހޭއެރުމުން.. ވީ ވިލް ޓްރައި އަވަރ ބެސްޓް..” ޑޮކްޓަރ އެހެން ބުނުމުން އަވްލީން ނުރޮއި ކެތްތެރިވިއެވެ. އަދި ކައިޔަންގެ ފަހަތުން ބޭރަށް ނުކުތެވެ. އަތުގައި އޮފިސަރ ޖެކް ދިން ސިޓީއުރަ އޮތްކަންވެސް ހަނދާންވީ ދެނެވެ. އަވްލީން ސިޓީ އުރައިގެ ތެރޭގައި އޮތް ފޮޓޯ ނެގިއެވެ. ފޮޓޯގައި ހުރި މީހާ ފެނިފައި އަވްލީންގެ ނޭވާވެސް ހިނދުކޮޅަކަށް ތާށިވިއެވެ. ކައިޔަން އެ ފޮޓޯއަށް ބަލާލާފައި އަވްލީންގެ މޫނަށް ބަލާލިއެވެ. ދެ މޫނުން ފެންނަނީ ރުޅިވެރިކަމެވެ. ”މިވެސް މާޔާގެ ކަމެއް ދޯ…؟؟؟” ފޮޓޯއިން ފެންނަން ހުރީ ރޫހާންގެ މޫނެވެ.
“އަހަރެން އަވް ކައިރީ ބުނިންދޯ އެ ރޫހާން ގެއަށް ނުވައްދާށޭ… އެއީ އެ ނުލަފާ މާޔާ ޝަރީފްގެ ދަރިއޭ.. މާޔާ ރޫހާން މިކަމުގެ ތެރެއަށް ވައްދަފާނެކަމުގެ ޝައްކު އޭރުވެސް އަހަރެންގެ ހިތުގައިވިޔޭ.. ޝަލްއަށް މާޔާމެންގެ ހަގީގަތް ކުރިން ބުނެދެވުންނަމަ..” ކައިޔަންގެ އަޑުގައިވީ ދެރަވީކަމުގެ އަސަރެވެ.
“ޕޭޝަންޓް ހޭއަރައިފި..” ނަރުހެއްގެ އަޑުއިވިފައި ފެންކަޅިވީ ދެލޯ ފުހެލާފައި އަވްލީން ރޫމާއި ދިމާލަށް ހިނގައިގަތެވެ. ކައިޔަންވެސް ރުޅިން ފުފިފައި ހުރެ ރޫމަށް ވަނެވެ. އޭރު ދެ ނަރުހަކާއި ޑޮކްޓަރު އެތެރޭގައި ހުއްޓެވެ. ނީޝަލް ފެންނައިރަށް އަވްލީންގެ ލޮލުން ބަންޑުންވާން ކައިރިވެފައިވާ ކަރުނަތައް ކޯތާފަތުގައި ބޮސްދީފައި ތިރިއަށް ނީރާލަން ފަށައިފިއެވެ. އެއް އަތް ބިންދައިގެން ގޮސްފައިވެއެވެ. ނީޝަލްގެ ބުރަކަށްޓަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކުން ނީޝަލްއަށް ހަރަކާތްތެރިވެ އުޅެން ވަރަށް އުނދަގޫވާނެކަމަށް ޑޮކްޓަރު ވަނީ އަންގާފައެވެ. އިތުރުން ނީޝަލް ރަނގަޅުވާން ފެށިހާ އަވަހަކަށް ފިޒިއޮތެރަޕީ ދޭން ފަށަންވެސް ވަނީ އަންގާފައެވެ. ނީޝަލް އޮތީ އެނދުގައި އޮށޯވެގެންނެވެ. ”އިޓްސް އަ މިރެކަލް.. އެފަދަ ބިރުވެރި އެކްސިޑެންޓެއް ދިމާވުމުން ކޯމާއަކަށް ނުގޮސް އަވަހަށް ހޭއެރިކަމީ ހަމަ މިރެކަލްއެއް..” ޑޮކްޓަރު ވެސް ހުރީ އަޖައިބުވެ އަންތަރީސްވެފައެވެ. ނީޝަލްގެ ކަޅި ދެފަރާތަށް ހަރަކާތް ކުރަމުން ގެންދިޔައެވެ. އޭނާ އޮތީ ފަރާތް ފަރާތް ބަލާށެވެ. އޮވެވުނުތަން ނޭނގެނީ ފަދައެވެ. “ޝަލް ދަރިފުޅާ…” އަވްލީން ގޮވާލައިފިއެވެ. ނީޝަލް އަވްލީންގެ މޫނަށް ބަލާލައިފިއެވެ. އެ މޫނުން އުފާވެރިކަމުގެ މިންވަރެއްވެސް ނުފެނުމުން އަވްލީންގެ ހިނިތުންވުން ފަނޑުވިއެވެ. “ބޭބީ… ޝަލް..؟” ކައިޔަންއަށް އަވްލީންގެ ހާސްކަން ފާހަގަވީ ކަންނޭނގެއެވެ. ނިކަން މަޑުމައިތިރި ލޯބިވެތި އަޑަކުން ކައިޔަން ނީޝަލްއަށް ގޮވާލައިފިއެވެ. ނީޝަލް އެންމެންގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅެއް ވަންދެން އިނެވެ. “މަންމަ.. މަންމަ ދޯ..؟” ޔަގީންކުރާފަދަ ރާގަކަށް ނީޝަލް އަހާލައިފިއެވެ. “އާނ ޝަލް މީ މަންމަ..” އަވްލީން ނީޝަލްގެ ސަލާމަތުން އޮތް އަތުގައި ހިފާ ބާރުކޮށްލަމުން ބުނެލިއެވެ.
“އެއީ ކާކު..؟؟ މިހުރީ ކޮން ބައެއް..؟؟” ކައިޔަންއަށާއި ކައިރީގައި ހުރި ޑޮކްޓަރާއި ނަރުހުންނަށް އިޝާރާތް ކޮށްފައި ނީޝަލް އެއްސެވެ. “ދަރިފު..” ކައިޔަންގެ އަޑު ކެނޑުނެވެ. ކަންބޮޑުވެފައި ކައިޔަން ޑޮކްޓަރާއި ހަތަރުކަޅި ހަމަކުރީ މިވެގެން އުޅެނީ ކީއްކަން އެނގެން ބޭނުންވާފަދަ ގޮތަކަށެވެ. “ސާރޖަރީ ނިންމާލާފައި ރޫމަށް ޕޭޝަންޓް ބަދަލުކުރި އިރުވެސް އަޅުގަނޑުމެންނަށް ހީވި މިފަދަ ގޮތެއް ވެދާނެޔޭ.. އަޅުގަނޑާއި އެކީގައި ބޭރަށް ދުރުވެލައްވަފާނަންތޯ..؟” ޑޮކްޓަރު އެތެރޭގައި ހުރެ އެވާހަކަ ބުނަން ނުނިންމީ މަސްލަހަތަށް ބަލާފައެވެ.
“ޕޭޝަންޓާއި އެ ކުރިމަތިވީ ވަރަށް ބޮޑު އެކްސިޑެންޓެއް ދެއްތޯ..؟ މައުލޫމާތު ލިބުނު ގޮތުން ޕޭޝަންޓްގެ ބޯ ހޮޅިދަނޑިއެއްގައި ވަރަށް ބާރަށް ޖެހުނުކަން ވަނީ އެނގިލައްވާފައި.. ހާރ ހެޑް ވޯޒް ޑެމޭޖްޑް ސިވިއަރލީ.. ވަރަށް ގެއްލުން ލިބުނު.. އެހެންވީމައި ޕޭޝަންޓްގެ މެމޮރީ ވަނީ ލޫޒްވެފައި.. އިޓްސް ގޮއިންގ ޓު ބީ ވެރީ ޑިފަރެންޓް.. ޕޭޝަންޓް ކުރިއަށް އޮތް ދުވަސްތައް ގުނަމުން ދާއިރު ފަހަރެއްގައި ހަނދާންތައް އާވަމުން ވެސް ހިނގައިދާނެ.. އެއީ ވެސް ވެދާނެ ގޮތެއް.. އެކަމް އެކަން ނުވެ ވެސް ހަމަ ހިނގައިދާނެ.. ޝީ ވިލް ނީޑް އަ ލޮޓް އޮފް ގައިޑެންސް.. ގާތްތިމާގެ މީހުން ވަކިކުރަންވެސް ނޭނގިދާނެ..” ޑޮކްޓަރުގެ އެ ޖުމްލައިން އަވްލީންއަށް ހީވީ އޭނަގެ ގައިން ވާގިނެތުނު ހެންނެވެ. ކައިޔަން އަވްލީންގެ ގައިގައި ބާރަށް ހިފޭއްޓިއެވެ. އަވްލީންގެ ހަނދާނަށް އައީ އޭނާ އާއި ކައިޔަންގެ ޒުވާން ދުވަސްވަރެވެ. ކައިޔަންގެ ހަނދާންތައް އޭނާ އާއި ވަކިވެ ދިޔުމުން މުޖާހިދު (ކައިޔަންގެ ދޮންބައްޕަ) އޭގެ ފައިދާ ނަގައިގެން އުޅުނު ގޮތެވެ. ނަމަވެސް ވަގުތު ފާއިތުވުމުގެ ކުރިން މުޒައިނާގެ އެހީތެރިކަމާއި އެކީގައި ކައިޔަން އަނބުރާ ގެނެވުނު ގޮތެވެ. އަވްލީންގެ ދެލޯ ފުރުނެވެ. މިރޭ އޭނަޔަށް ރޮވޭނީ ކިތައް ފަހަރު ކަންވެސް ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ.
“އަވްލީލީ.. އަވް ހަނދާންވޭތަ މަގޭ ހަނދާންތައް ދިޔަ ދުވަސްތައް މަތިން..؟ އޭރު މަގޭ ހަނދާންތައް އަނބުރާ ގެންނަން ވެގެން އަވް އެރޭ ހެދި މެޖިކް ހަދާބަލަ..! ޝަލް.. މައި ޕުއަރ ބޭބީ.. މިހުރިހާ ކަމެއްވެސް ވީ މާޔާއާއި ހެދި.. އަހަރެން ދުވަހަކުވެސް އޭނަޔަށް މައާފެއް ނުކުރާނަން..!” ކައިޔަން ދެރަ އާއި އެކީގައި ރުޅިއައިސްހުރެ ބުނެލިއެވެ. “އަވް އަޅެ އެ މެޖިކް ހަދާބަލަ.. މޭބީ ޝަލްގެ މެމޮރީޒްވެސް އަނބުރާ އައިސްފާނެ..” ކައިޔަން އަނެއްކާވެސް ބުނެލިއެވެ. އަވްލީން ރޮއިލަރޮއިލާ ހުރީއެވެ. އަވްލީންގެ ފަރާތުން ޖަވާބެއް ނުލިބޭނެކަން އިނގޭތީ ކައިޔަން ޑޮކްޓަރާއި ކުރިމަތިލިއެވެ. ތެރަޕީ ނުވަތަ އެހެން އެއްވެސް ގޮތަކުން އެ ހަނދާންތައް އަނބުރާ އަންނާނެ ގޮތެއް އޮތްތޯ އެހުމަށެވެ. ޑޮކްޓަރު އެކަން ތަފްސީލުކޮށް އޮޅުންފިލުވައިދޭން ފެށިތަނާ އަވްލީން އިސްދަށަށް ޖަހާލާފައި ދެލޯ ފުހެލިއެވެ. އަދި ނުހަނު ހިތްވަރު ކޮށްފައި ކައިޔަންގެ މޫނަށް ބަލާލިއެވެ. “ތެރަޕީ އެންޑް ޓައިމް.. ޕޭޝަންޓް ރަނގަޅުވާހާ އަވަހަކަށް އެކަން ކުރެވިދާނެ އިނގޭތޯ.. އެކަމަކު އަޅުގަނޑަށް ބޮޑަށް ބުރަވެވެނީ އެކަން ނުކުރަން.. އެހެން ހައްދަވައިފިނަމަ އެކްސިޑެންޓް މަތިން ހަނދާން އާވެ ޕޭޝަންޓް ޓްރައުމާއެއް ތެރެއަށް ގޮސްދާނެ… ނަމަވެސް އެކަން ކުރައްވާނަމަ ވަގުތު ވީހާވެސް ރަނގަޅަށް ބޭނުންކޮށްފިނަމަ ތިއީ ކުރެވިދާނެކަމެއް.. އެކަމަކު އަޅުގަނޑަކަށް އެއްވެސް ޔަގީންކަމެއް ނުދެވޭނެ..” ޑޮކްޓަރު ކިޔައިދިނެވެ. “އަދި އިތުރުން ތެރަޕީ……..”
“ނޫން ތިކަން ކޮށްގެންނެއް ނުވާނެ..!!” ޑޮކްޓަރުގެ ވާހަކަ މެދުކަނޑާލީ ދެން އަވްލީން ބުނެލި ޖުމްލައެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.





V salhi mi baivex masha allah ??? Kon iraku anehbai , ??? so curiously waiting ??? tc lv u ??
ވަރަށް ރީތި މިބައިވެސް ޔޫންްް ސިސް ❤️??????
މީ ޔޫހާ?
އަޅުގަނޑު ވެސް އެބަ ކިޔަން ވާހަކައެށް އެސްފިޔަ ސައިޓްއަށް މިހާރު ސަބްމިޓް ކޮށްފިން
ހިތި ނިމުން މިވާހަކަ ޔޫން ސިސް ކިޔާނޭ ކަމަށް އުއްމީދީ ކުރަން