ތަމަންނާ 9
މާޔަންގެ އަސްލުނަމަކީ ޔާނިޝް އެވެ. މާޔަން އެއީ ޒިޔާން ޔާނިޝް އަށް ލޯބިންކީ ނަމެކެވެ. ކާރުން ފާބައިގެންގޮސް ކުރިމަތިން ހުރިދޮރުން ވަދެވުނީ ބޮޑުހޯލަކަށެވެ. ކުރިމަތީ ބޮޑުކައުންޓަރެއް ހުއްޓެވެ. ކައުންޓަރުގައި ތިބީ އިމާރާތުގެ ސެކިޔުރިޓީ ބަލަހައްޓާ މުވައްޒަފުންނެވެ. ފޮށިތައްދަމަމުންގޮސް ލިފްޓަށް އެރުމަށްފަހު ސާޅީސް ވަނަ ބުރިއަށް ދިއުމަށް ލިފްޓް ހިނަގާލިއެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭ ލިފްޓްގޮސް ސާޅީސްވަނަބުރިއަށް ހުއްޓުމުން ލިފްޓުންފާބައިގެން ފޮށިތައްދަމަމުން މާޔަންގެ ފަހަތުން ހިނގާގަތީމެވެ. ތަންކޮޅަކަށް ހިނގުމަށްފަހު އެޕާރޓްމަންޓެއްގެ ދޮރަށް ތަޅުދަނޑި ޖަހާ މާޔަން ދޮރުހުޅުވާލިއެވެ. ތަނަވަސް ބޮޑުއެޕާރޓްމަންޓެކެވެ. ބޮޑު ސިޓިންގްރޫމް ޒީނަތްތެރިކުރުމުގެ ގޮތުން އެކިކަހަލަ ކުރެހުންތައް ހުރި ބޮޑެތި ތަސްވީރުތަށް ފާރުަގައި ވަރަށްތަރުތީބުން ހަރުކުރެވިފައިވެއެވެ. ބޮޑު ސޯފާއެއްގެ ކުރިމަތީ ބޮޑުޓީވީއެއް ބަހައްޓާފައި ހުއްޓެވެ. ކާމޭޒު ހުރީ ސިޓިންގްރޫމް ގެ އެއްފަރާތުަގެއެވެ. ހީވަނީ ބަދިގެއާއި ސިޓިންގްރޫމް ވަކި ކުރުމުގެ ގޮތުން އެތަނުގައި ކާމޭޒު ބަހައްޓާފައި ހުރިހެނެވެ. “އެއްޗެއްކާން އުޅެންވީނުން” މާޔަން ބުންޔެވެ. ” އާ ތަމަންނާ އެހުރީ މާލެއިން އެއްޗެއްކޭ ގޮތަށް ނުކާ. ބޯޓްގަވެސް ހޮޑުލެވިދާނެތީ އެއްވެސް އެއްޗެއް ނުކަ ހިނގާ އިހަށް ފުރެޝްވެލައިގެން އަންނަން.” ނީންތަ މިހެން ބުނަމުން ކޮޓަރިއާއި ދިމާއަށް ހިނގާގަތެވެ. އަހަރެން ހަދާނެ ގޮތެއްނޭނގިގެން ހުރިހެން މާޔަންއަށް ހީވެގެން ” ދޮންތަ ހިނގާ ރޫމަށް” މިހެން ބުނަމުން ފޮށިހިފައިގެން މާޔަން ހިނގާ ގަތުމުން މާޔަންގެ ފަހަތުންގޮސް ކޮޓަރިއަށް ވަނީމެވެ. “މީ ދޮންތަގެ ކޮޓަރި، ފުރެޝް ވެލައިގެން އެއްޗެއް ކާން އާދޭ” މިހެން ބުނުމަށްފަހު މާޔަން ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. އަހަރެންވެސް ދޮރު ލައްޕާލުމަށްފަހު ފާޙާނާއަށް ވަދެ ފުރެޝް ވެލައިގެން ބޭރަށް ނުކުތީމެވެ.
އަހަރެންބޭރަށް ނުކުތްއިރު ނީންތައާއި މާޔަން ސޯފާގައި ވާހަކަދައްކަން ތިއްބެވެ. އަހަރެންފެނުމުން ތެދުވެގެން އަހިސް ކާމޭޒު ކައިރީ އިށީންނަމުން ” އަވަހަށް އެއްޗެއްކާން އަންނާށޭ” ނީންތަ ބުންޏެވެ. އަހަރެންގޮސް މޭޒުކައިރީ އިށިނުމުން ” މަންމައަށް ކަމުދާ އެއްޗެހި އޯޑަރުކޮށްގެން ގެނައީ، ދޮންތައަށްވެސް ކަމުދާނެކަމަށް މިބަލަނީ” ހިނިތުންވެލަމުން މާޔަން ބުންޏެވެ. “ދޮންތަ ޖާރނަލިޒަމް ކިޔެވުމުގެ ވިސްނުންއައީ ކިހިނެއް؟” ނޫސްވެރިކަމަށާއި ލިޔުންތެރިކަމަށް ސައުގު ހުންނާތީ ހަމަ ހިތައްއެރީ އެރޮނގުން ކުރިއަށް ދާން. އަހަރެން މާޔަންއަށް ޖަވާބުދިނީމެވެ.” ދޮންތަ މިހާރު ވާހަކަ ފޮތެއް ނެރެގެން ވިއްކަންފަށާފި. ވަރަށް ހަލުވިކަމާއި އެކު ވިކެމުންވެސް އެބަދޭ” ނީންތަ މިހެން ބުނުމުން ” ހޫމް ދޮންބެ ބުނި ދޮންތަ ފޮތް ރެލީސްކުރިވާހަކަ. އަދި އެހެންވާހަކައެއްވެސް ނެރުމުގެ މަގުމަތީގައި އުޅޭ ވާހަކަ ” މާޔަން މަންމަ ދެއްކިވާހަކައަށް ޖަވާބުދެމުން ބުންޏެވެ. ” ލިޔުންތެރިކަމުގެ މަސައްކަތް ތީވަރަށް ބުރަމަސައްކަތެއް” މާޔަން ވާހަކަދެއްކިއެވެ. ކެއުމުގެ ކަންތައް ނިންމާލުމަށްފަހު އަހަރެން މޭޒުމަތި ހަމަޖައްސާ ލީމެވެ. “ތަމަންނާ މިއަދު މެންދުރަށް ކޯންޗެއް ހަދާނީ؟ މެންދުރު އެއްޗެއްކައިގެން ބޭރަށް ނުކުމެލަންވާނެ. މާޔަން ފުރީވާނެތަ؟” ނީންތަ ވާހަކަ ދައްކަމުން މާޔަން އާއި ސުވާލުކުރިއެވެ. “ކޮންތާކަށް ދާން މަންމަ ތި ވިސްނަނީ؟” ކުޑަކޮށް ބޭރުތެރެ ތަމަންނާއަށް ދައްކާލަން ނުކުންނަންކަމަށް” ނީންތަ މާޔަންއަށް ޖަވާބު ދިނެވެ.
މެންދުރަށް ކާން އެއްޗެއް ތައްޔާރުކޮށްލުމަށްފަހު ކުޑަކޮށް ނިދާލުމުގެެ ބޭނުމުގައި ޖައްސާލީމެވެ. ދޮރުގައި ޓަކި ޖަހާލުމަށްފަހު މާޔަން އެތެރެއަށް ވަނެވެ. މާޔަންގެ ފޯންދިއްކޮށްލަމުން ” ދޮންބެ” މިހެން ބުނެލިއެވެ. އަހަރެން ފޯނުގައި ހިފާފައި ހަލޯއޭ ބުނެލުމުން ޒިޔާން ވާހަކަދައްކަންފެށިއެވެ.” ދޮންތަ ދަތުރު ކިހިނެއް؟ މަންމަ ބުނި ބޯޓަށް އެރިގޮތަށް ފެންފޮދެއްވެސް ނުބޮއެއޭ ދޮންތަ އިނީ . ރަނގަޅުތަ ހުރިހާކަމެއް؟” އާނ ރަނގަޅު. ހޮޑުލެވިދާނެތީ އެއްވެސް އެއްޗެއް ނުކެއީ. ބޯޓަށް އެރި ފުރަތަމަ ފަހަރުވީމަ. މިހާރު ގެއަށް އާސް ކެއީމި. މާޔަން ހުރި ކާއެއްޗެހިގެނެސް ރެޑީކޮށްފަ. އަހަރެން ޖަވާބު ދިނީމެވެ. ” އެހެންތަ.މާޔަން ވަރަށް ހުސިޔާރުވާނެ ތިކަހަލަ ކަންތަކުގަ. ބޭރަށް ނުކުމެލަނީ ކޮންއިރަކުން؟” މެންދުރުކައިގެން ބޭރަށް ދާވާހަކަ މަންމަ ބުނި. އަހަރެން ޖަވާބު ދިނީމެވެ. “ދޮންތަ ޓޭކް ކެއަރ އިނގޭ ބާއި. ދީބަލަ މާޔަން އަތަށް” އަހަރެންވެސް” ބާއި ” މިހެންބުނެލަމުން މާޔަން އަތަށް ފޯން ދިނީމެވެ. މާޔަން ނުކުމެގެން ހިނގައްޖެއެވެ. ނިދާލަން އުޅެ ނިދޭގޮތް ނުވުމުން ތެދުވެގެން ގޮސް ސިޓިންގރޫމަށް ނުކުމެފީމެވެ. ދިޔަގޮތަށްގޮސް ބެލްކަނިން ފެންނަ ރީތިވިއު ބަލާލުމަށްޓަކައި ބެލްކަނީގައި ހުއްޓިލީމެވެ. ދުރުދުރުން ފެންނަ ރީތި މަންޒަރުބަލަން ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގުނެވެ. ހޭވެރިކަންވީ ނީންތަ ގޮވާލުމުންނެވެ. “ވަރަށް ރީތި ވިއު ދޯ. ތަމަންނާ އަށް ދެތިންފަހަރަކު ގޮވާލީމަވެސް ރައަކާ ނުލީމަ މިއައީ” ނީންތަ ބުންޏެވެ. ހޫމް ވަރަށް ރީތި ވިއު. ދުރު ވަރަށް ފުސްކޮށް ދޯ ފެންނަނީ. އަހަރެން ނީންތައަށް ބުނީމެވެ. “އާނ އެއީ ފޮގުސަބަބުން ވާގޮތެއް.ހިނގާ ކާން” ނީންތަ މިހެން ބުނުމުން އަހަރެން ކާމޭޒާއި ދިމާއަށް ހިނގާގަތީމެވެ. ނީންތަ ހުރީ ކާން ތައްޔާރު ކޮށްފައެވެ. އަހަރެން ދިޔަ އިރު މާޔަން މޭޒުކައިރީ އިށީނދެ އިނެވެ. “ދޮންތާ އަވަހަށް އާދެބަލަ. ކާއެއްޗެހިން ދުވާ މީރުވަހުން މިހާރު އިނދެވެނީކީވެސް ނޫން. ކިހާ ދުވަހެއް މިހާރު މިކަހަލަ ދިވެހި ކާ އެއްޗެއް ލޮލުންވެސް ނުދެކޭތާ” މާޔަން ޝަކުވާގެ ރާގެއްގައި ބުނެލިއެވެ. ” ދޮންތަ ކައްކާ ރިހަ މީރުވެގެން ބައްޕަވެސް ވަރަށް އެވާހަކަ ދައްކާނެ” ނީންތަ މިހެން ބުނަމުން މޭޒުކައިރީ އިށިނެވެ. އަހަރެންވެސް މާޔަންގެ ތައްޓަށް ބަތް އަޅާދިނުމަށްފަހު އިށީނދެ ކެއުމާއިގެން މަސްއޫލް ވެއްޖައީމެވެ. މާޔަން އަހަރެން ގެ މޫނަށް ބަލަހައްޓައިގެން ފެންކަޅިވެފައި އިނެވެ. “މާޔަން އަދިވެސް ކާކަށް ނޫޅެމެންނު.ކިހިނެއްވެފަ ތި އިންނަނީ” އަހަރެން މާޔަންއާއި ދިމާއަށް ބުނީމެވެ. “ދޮންތަ ކީއްވެ ކުރިން އަހަރުމެންގެ ލައިފަށް ނައީ. ކިހާ އުފާވެރި ވީސް. އަހަރެން މިތަނަށްކިޔަވާކަށްވެސް ނާންނާނަން އެއިރުން” ނަސީބެއްނު ކުރިން ނާދެވުނުކަން. އަަހަރެން ކުރިން އާނަމަ މާޔަން ނުވެސް ކިޔަވާނެއްނު. އަހަރެން ހިނިތުންވެ އިނދެ މާޔަން އަށް ބުނީމެވެ. ” އަސްލުވެސް ވަރަށް އުފާވެރި އިޙުސާސްއެއް ކުރެވުން ވަގުތެއް، ދޮންތަ ބަތް އަޅާދިން ވަގުތު އެއީ.” އެކިއެކި ވާހަކަ ދައްކަމުންގޮސް ކެއުމުގެ ކަންތަށް ނިމިއްޖެއެވެ. ތަށިތަށް ނަގާ، ތަށިތައް ދޮންނަން އަހަރެން ސިންކްކައިރިއަށް ދިޔުމުން ނީންތަ މޭޒުމަތި ސާފުކޮށްލުމަށްފަހު ” ތައްޔާރުވަލައިގެން ބޭރަށް ގޮސްލަންހިނގާ. މިދަނީ ތައްޔާރުވެލަން” މިހެން ބުނުމަށްފަހު ނީންތަ ކޮޓަރިއާއި ދިމާއަށް ހިނގާގަތެވެ.
އަހަރެންވެސް މަސައްކަތް ނިންމާލުމަށްފަހު ކޮޓަރިއަށް ގޮސް ތައްޔާރުވެލައިގެން ނުކުމެ ބެލްކަނީގައި މަޑުކޮށްލައިގެން ހުއްޓާ ” ދޮންތަ ހިނގާދާން” މާޔަން ގޮވާލިއެވެ. އެއިރު ނީންތަވެސް ނުކުމެ ހުއްޓެވެ. ތިންމީހުން ގޮސް ލިފްޓަށް އަރައިގެން ތިރިއަށް ފޭބި އިރު ދޮރުމަތީކާރެއް އޮތެވެ. “މި ކާރަށް އަރާ:” މިހެން ބުނުމަށްފަހު މާޔަން ކާރުގެ ކުރީސީޓަށް އަރާ އިށިނެވެ. ” މާޔަން ކޮންތާކަށް ފުރަތަމަ ދާންވީ؟” ކާރުދުއްވަން އިން މީހާ މާޔަންއާއި ސުވާލުކޮށްލީ ވަރަށްފަރިތަ ކަމާއިއެކު ދިވެހިބަހުންނެވެ. ” މަންމާ ކޮންތާކަށް ދާންވީ؟” މާޔަން ނީންތައާއި ސުވާލުކޮށްލިއެވެ. “ފުރަތަމަ ހިނގާ ރަނގަޅު މޯލަކަށް ދާން. މޯލަކަށްވަދެލާފަ އެހެންދިމާއަކަށްދާނީ. މަންމަ އެބަޖެހޭ އެއްޗެއްގަނެލަންވެސް.” ނީންތަ މިހެން ބުނުމުން އޯކޭ އޭ ބުނެ ބާރަށް ކާރު ދުއްވާލިއެވެ. އެކި ގޮތްގޮތަށް އޮތް މަގުތަކުގައި ބާރު ސުޕީޑްގައި ކާރު ދުއްވަމުންގޮސް އުސްކޮށް ހުރި ބޮޑު އިމާރާތެއްގެ ތެރެއަށް ކާރު ވައްދާލިއެވެ. އެއީ އެއިމާރާތުގެ ޕާރކުކުރާ ސަރަހައްދެވެ. ވަރަށް ގިނަވެހިކަލްތައް އެތާ ޕާކުކޮށްފައިވެއެވެ. ކާރު ޕާރކު ކޮށްލުމުން އެންމެން ކާރުން ފޭބުމަށްފަހު ހިނގާގަތީމެވެ. ތަންކޮޅަކަށް ހިނގުމަށްފަހު ލިފްޓަކުން މައްޗައް އެރީމެވެ. ތަނުގެ ބޮޑުކަމާއި މީހުން ގިނަކަމުން އަހަރެން ހުރީ އަޖާއިބުވެފައެވެ. އަހަރެންވެސް އެކިދިމަދިމާ ބަލަމުން އެމީހުންގެ ފަހަތުން ހިނގާފައި ދަނީއެވެ. ކުރީގައި ތިބީ މާޔަންއާއި ކާރު ދުއްވާ މީހާއެވެ. އޭނަ ދިވެހިބަހުން ވާހަކަދައްކާލެއްް ފަރިތަކަމުންނާއި އޭނަގެ ނަމުން އެއީ ދިވެއްސެއްކަން އެނގުނެވެ. ނަމަވެސް ޔަގީން ކޮށްލަން މަޑުމަޑުން ނީންތަ ކައިރި އަހާލީމެވެ. އެވަގުތު ” ލައްބަ މީ ހަމަ ދިވެއްސެއް” ރަމީޒު ޖަވާބުދިނެވެ. އަހަރެން ވަރަށް ލަދުގަތެވެ. ރަމީޒު މިހެން ބުނީ ފަހަތައް ބަލާލުމެއްނެތި ކަމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. ހިނގަމުންގޮސް ނީންތަ ބޭނުންވާފިހާރައަކަށް ވަނެވެ. އެފިހާރާގައި ހުރީ ތަފާތު ބުރޭންޑް ތަކުގެ މޭކަޕް ސާމާނެވެ. ނީންތަ ބޭނުންވާ ދެތިންއެއްޗެއް ނެގުމަށް ފަހު އަހަރެން ބޭނުންވާ އެއްޗެއްވިއްޔާ ނެގުމަށް ބުންޏެވެ. އަހަރެން އެއްވެސް އެއްޗެއް ނުނަގާތީ “ދޮންތަ އެއްވެސް އެއްޗެއް ނުގަންނަންތަ؟” މާޔަން އާއި ރަމީޒު ދޮރުމަތީ ހުރި ކައުންޓަރުކާއިރީ ވާހަކަ ދައްކަން ތިބެފައި އަހަރުމެން ކައުންޓަރު ކާރިއަށް ދިޔަތަނުން އަހަންނަށް ބުންޏެވެ. ފައިސާދެއްކީ މާޔަން އެވެ. އެފިހާރައިން ނުކުމެގެން އެކި ފިހާރަތަކަށް ވަދެ ބަލަމުން ކުރިއަށް ދިޔައީއެވެ. ނީންތަވެސް އިތުރު އެއްޗެއް ނުގަނެއެވެ. “ކޮބާ ދެން ދާންވީދޯ” މާޔަން މިހެން ބުނުމުން ނީންތަ އަހަރެންނާ ދިމާއަށް ބަލާލަމުން އެބަސް ތަކުރާރުކޮށްލިއެވެެ. “ތަމަންނާ އެއްވެސް އެއްޗެއް ގަންނާކަށް ބޭނުމެއް ނޫންތަ؟” ނީންތަ އަހަންނާއި ސުވާލުކޮށްލިއެވެ. އަހަރެން ބޮލުގެ އިސާރާތުން އާނއެކޭބުނީމެވެ. ލިފްޓުން ފާބައިގެން ގޮސް ކާރަށް އަރާ ދުއްވާލިއެވެ.
********
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

