މެންދަމުގެ އަރާމު ނިދީގެ ފޮނި މީރު ކަން އިހުސާސް ކުރެވެމުން ދާ ވަގުތެވެ. ނިދިން ބަރުވެ ތަތް ވެފައިވާ ދެ ލޯ މަޑުމަޑުން ހުޅުވެމުން ދިޔައެވެ. އަނދިރިކަން ވެރިވެފައިވާ ކޮޓަރި ތެރެއަށް އަލްޔަޝް ނަޒަރު ހިންގާލިއެވެ. ކައިރީގާ އޮތް ކުޑަ ފޯނު ދިއްލާލަމުން އޭގެ އެހީގައި ގަޑި ބަލައިލިއެވެ. ގަޑިން އޭރު 2:15 ހިގަނީއެވެ. އަލްޔަސް އަށް ހޭލެވުނީ ކަރުހިއްކައިގަނެގެނެވެ. މަޑު މަޑުން އެނދުން ތެދުވި އަލްޔަޝް ކޮޓަރިން ނުކުންނަން ހިނގައިގަތީ ފެން ފޮދެއް ބޯލުމުގެ ނިޔަތުގައެވެ. […]
އަލްޔަޝް ބިރުގަންނަނީ ރަނާނީންވެސް އެހެންމީހުން ފަދައިން އަލްޔަޝް އާ މެދު ދެކޭގޮތް ބަދަލު ވެދާނެތީއެވެ.އަލްޔަޝް އަށް ހީވީ ހިނގަމުން ދިޔަ ދުނިޔެ ހުއްޓުނު ހެންނެވެ. ************************ ސްޓާފްރޫމް ދޮރުމަތީ ހުއްޓިލައިގެން ހުރި އަލްޔަޝް އިނތިޒާރު ކުރަމުން ދިޔައީ ސްޓާފްރޫމް ތެރެއަށް ވަތް ހުދާމިސް ނުކުންނާނެ އިރަކަށެވެ.އަލްޔަޝް އަށް ފަހަތުން ގޮވާލި ތޫލި އަޑާއެކު ހީވީ ކަންފަތު ތޫރިވެސް ފަޅައިގެން ހިނގައިދާނެ ހެންނެވެ.އަލްޔަޝް ފަހަތަށް އެނބުރުނީ އެއީ ލަމާނީކަން ޔަގީންވާ ހާލުގައެވެ.”އަލްޔަޝް”އަލްޔަޝްގެ ކުރިމައްޗަށް ހުއްޓުނު ލަމާނީ އެދޮން މޫނަށް ނަޒަރު ހުއްޓާލަމުން ބުނެލިއެވެ.”އާލް ކީއްވެތަ މަށާ ވާހަކަ ނުދައްކަނީ؟ ރަނާނީން ނޫނަކަސް ހަމަ މަވެސް އާލްގެ ފްރެންޑަކަށް ހެދިދާނެއްނު!!” ލަމާނީގެ ތޫލި އަޑު އިއްވާލުމާއެކު އަލްޔަޝްގެ މޫނު އަނެއްފަރާތަށް އަނބުރާލިއެވެ.ލަމާނީގެ އެ ތުއި ކަމާއި ފޮނިކަމަށް އަލްޔަޝްގެ ސަމާލުކަމެއް ނުހޯދުނެވެ.”އާލް ޕްލީޒް މަށާ ވާހަކަ ދައްކަބަލަ…..އިހައް މަޑުކޮށްބަލަ އާލް ޕްލީޒް”ދުރަށް ހިނގައިގެން އަލްޔަޝްގެ އަތުގައި ހިފާލަމުން އާދޭހުގެ ރާގުގައި ލަމާނީ ބުނެލިއެވެ.”ގައިގައި އަތް ނުލާ ދުރުގަ ހުރެގެން ވާހަކަ ދައްކާ.. މީ ސްކޫލޭ..”ލަމާނީގެ އަތް ފޮޅުވާލަމުން މިހެން ބުނިއިރު އަލްޔަޝް ހުރީ ރުޅި އައިސް ރަތްވެފައެވެ.”އާލް ރީތިކޮން މަށާ ވާހަކަ ދައްކަން މަޑުކުރިނަމަ މިހެންނެއް ނުވިސް ދޯ…އޭރުން….”ލަމާނީގެ ޖުމްލަފުރިހަމަ ނުވަނީސް އަލްޔަޝް ވާހަކަ ދައްކަން ފެށިއެވެ.”މަ ރަނާނީން އާ ވާހަކަ ދައްކާ ރަނާނީން ކިތަންމެ ގާތްކުރިޔަސް ލަމާނީއާ އެގޮތަށް ވާހަކަ ދައްކާކަށް ބޭނުމެއް ނޫނޭ……ކުރިންވެސް ބުނީމެއްނު މަށާވާހަކަ ނުދައްކާށޭ މަމީ ލަމާނީހާ މާތް މީހެއް ނޫނޭ އެނގެއެއްނު އެކަން”މަޑުމަޑުން ވާހަކަ ދައްކަން ބޭނުންވިނަމަވެސް އެކަން ކާމިޔާބު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން އަލްޔަޝްއަށް ޖެހުނެވެ.ހަގީގަތުގައި އަލްޔަޝް އާ ހިތުން ރުހުމުން ވާހަކަ ދައްކާ ކޮންމެ މީހަކަށް އަލްޔަޝްވެސް ވާހަކަ ދައްކަން ބޭނުމެވެ.އެކަމަކު ލަމާނީ ފިޔަވައެވެ.އާއެކެވެ.ލަމާނީގެ މައިންބަފައިން އަލްޔަޝްދެކެ އަންނަ ރުޅިއަކީ ވަންހަނާވެފައިވާ ކަމެއް ނޫނެވެ.އެމީހުން އަލްޔަޝް އާމެދު ދެކޭގޮތާ އަލްޔަޝް އާ ލަމާނީ ވާހަކަ ދެއްކުން މަނާކޮށްފައި ވާކަން ހުދު އަލްޔަޝްއަށް ވެސް އިނގެއެވެ.ވީއިރު ލަމާނީ ކޮންމެހެން އަލްޔަޝް އާ ވާހަކަ ދައްކަން ޖެހޭހެއްޔެވެ؟އަދި އަމުދުން އަލީ ހަންމާނު ދަރިއަކަށް ވުމުން ވަކިން އަލްޔަޝް ލަމާނީދެކެ ފޫހިވެއެވެ.އޭނާގެ މުއްސަނދިކަމާއި ބޮޑާކަމާއި ކިބުރުވެރިކަން ރަށުމީހުންގެ ހިތުން ވަނީ މަތީ ޖާގައެއް ހޯދާފައެވެ.އެފަދަ ބޮޑު މުއްސަނޖެއްގެ ދަރިއަކާ އަލްޔަޝްފަދަ ނިކަމެއްޗަކާ އެކަށީގެނެއް ނުވެއެއް ނޫންހެއްޔެވެ؟”ދެން ދޭ މިތަނުން..ބުނެފީމެއްނު ވާހަކަ ދައްކާކަށް ބޭނުމެއްނޫނޭ” ކުރިމަތީހުރި ލަމާނީއަށް އަލްޔަޝް މިހެން ބުނުމާއި އެކު ތުންދަމައިގެން ހުރެ ޖެހިލިބާރު ވައިރޯޅި އެއްފަދައިން ލަމާނީގޮސް ކުލާހަށް ވަނެވެ.އެހާފަސޭހައިން ލަމާނީ ދިޔުމުން އަލްޔަޝް ހުރީ ހައިރާންވެ އަލްތަރީސްވެފްއެވެ.”ސާބަހޭ ކަލޯ އެމަންޖެ ހުތް ކޮށްލީ ދޯ” ޝަދަފްގެ އަޑުއިވުމާއި އެކު އަލްޔަޝްގެ އަޅިކުލައިގެ ނަޒަރު ޝަދަފްއަށް އަމާޒުކޮށްލިއެވެ.ހުދު ޔުނީފޯމުގައި ހުރިއިރު ބެގީ ކޮށްފައިވުމުން އަލްޔަޝްގެ ރީތިކަން އިތުރަށް ފުރިހަމަވެގެން ދެއެވެ.ފަޓުލޫނުގެ ޖީބަށް އަތްޖަހާލައިގެން ހުރެ ދެ ކޮނޑު މައްޗަށް ހިއްލައިލީ ޝަދަފްގެ ޖުމްލައަށް ނޭނގެއޭ ބުނާފަދަ ގޮތަކަށެވެ.”ނޭނގެއޭ…އެހެންވެ އެއްނު އެދިޔައީ ތުންގަނޑު ބިމުގަ ޖައްސައިގެން….. މަ ހިތަށް އަރާ ހަންމާމު އެހާ މުއްސަނދި އިރުވެސް ކަލޭ ކީއްވެބާއޭ ލަމާނީ ދެކެ ތިހާ ތި ރުޅި އަންނަނީ ހަމަ ހުވާ މަމީ ކަލޭނަމަ އެއްފަހަރުން ސެޓުކޮށްލީމުސް އެމަންޖެ އެހާ ރީތި”ޝަދަފް އަނގައިން އަޑެއް ލައްވާލަމުން ބުނެލިއެވެ.”މަށެއް ނޫޅެމޭ މޮޔަވެގެންނެއް އޭނަ އެއުޅެނީ މަށާ ރަނާ ދުރުކުރުވަން”ބިންމަތީގައި އޮތް ކުޑަ ދަނޑިކޮޅެއް ގާ ފައިން ޖަހާލަމުން އަލްޔަޝް ބުނެލިއެވެ.ހީވަނީ ހިތުގައި ވާހައި ރުޅިވެރިކަމެއް އެ ދަނޑިކޮޅަށް ބޭލިހެނެވެ. ********************************************************************** ލިލީހައުސް ގެއާ އަރާ ހަމަވި އަލްޔަޝްއަށް ހުއްޓެވުނެވެ.ގޭތެރެއިން ނުކުމެގެން ދިޔަ ނުދަންނަ ފިރިހެނާ ފެނުމާއެކު އަލްޔަޝްއަށް ނުބައި ގޮތެއް ވިއެވެ.ނޭނގޭ ބިރުވެރި ކަމަކުން ހިތް ތެޅިގަތެވެ.އެ ފިރިހެން މީހާ ދިޔަ ދިމާލަށް ބަލަން ހުރެފައި އަލްޔަޝް ބޮޑެތި ފިޔަވަޅުތަކެއް ނަގަމުން ގޮސް ސިޓިންރޫމް ތެރެއަށް ވަނެވެ.އޭރު މާހިރާ ޓީވީ ބަލަން ގޮނޑީގައި އިށީނދެލައިގެން އިނެވެ.”އެއީ ކާކު؟”އަވަސް ވެފައި އޮތް ހިތަކާއި އެކު އަލްޔަޝް މާހިރާ އަށް ބުނެލިއެވެ.ނަމަވެސް އަލްޔަޝްގެ އެ ސުވާލަށް މާހިރާގެ ސަމާލުކަމެއް ނުހޯދުނެވެ.މާހިރާ އިނީ ވަރަށް ނަލަވެލައިގެންނެވެ.އަލްޔަޝް ދެވަނަ ފަހަރަށް އެ ސުވާލު ތަކުރާރު ކޮށްލީ ހުޅުވާފައި ހުރި ފޮށި ޓީވީ ކުރިމައްޗަށް އަރަމުންނެވެ.އެއާއެކު މާހިރާ ފުންމައިގެން ގޮނޑިން ތެދުވިއެވެ.”އެއީ ކާކު ހެއްޔޭ؟؟؟ ހެޔޮނުވާނެ މަންމާ ތިހެން ނޫޅެބަލަ މީހުން ހުރިހާ މަލާމާތެއް ކުރަނީ އަހަންނާއޭ…ކިހިނެއް އަހަރެން އަބަދު މިހެން އުޅޭނީ ގެއިން ނުނިކުމެ ކިހިނެއް އުޅޭނީ މަންމާ ހެޔޮނުވާނެ އަހަންނަށް ޓަކާ ތިއުޅުން ދޫކޮށްލާ….. މަންމަ ބޭނުން ވަރަކަށް އަހަރެން މަންމަ އަށް ލާރިހޯދައިދޭނަން…. މަސައްކަތް ކުރާނަން… ފިހާރައިން ލިބޭ މުސާރަ އެއްކޮށް މަންމައަށް ދޭނަން… އެ މަދިއްޔާ ސުކޫލަށް ނުގޮސް އިތުރަށް މަސައްކަތް ކުރަން ހިނގައިދާނަން….. މަންމަ ތިއުޅުން ދޫކޮށްލާ”އަލްޔަޝްގެ އަޑު ކުރެހިގެން ދިޔައެވެ.”އަލްޔަޝް ބުނަންތަ ވާހަކައެއް މިގޭގަ އުޅެން ބޭނުމިއްޔާ އަހަރެންގެ ކަންތަކާ ނުބެހި ހުރޭ…..މީހުން ކިޔާ އެއްޗެހި އަލްޔަޝް އަޑުއަހަނީއެއްނު….އަހަންނަށް ހެޔޮ މީހުން ކޮންމެއެއްޗެކޭ ކިޔަސް…އަހަރެން ލާރި ހޯދާނީވެސް އުޅޭނީވެސް އަހަރެން ބޭނުން ގޮތަކަށް” ޝަހާދަތް އިނގިލި މޭގައި ޖައްސާލަމުން މާހިރާ މިހެން ބުނެލިއިރު އެއަޑުގައި ވަނީ ރުޅިވެރިކަން އެކުލެވިފައެވެ.ހަރުފިޔަވަޅު ތަކެއް އަޅަމުންގޮސް ކޮޓަރިއަށްވަން މާހިރާ އަށް ބަލަން ހުރި އަލްޔަޝް ގެ އަޅިކުލައިގެ ދެލޯ ކަރުނައިން ފުރިގެން ދިޔައެވެ.ހިތްވަރު ކުރަން މަސައްކަތް ކުރިނަމަވެސް އެކަން ކުރުންވީ އުނދަގޫ ކަމަކަށެވެ.ކޮޓަރިއަށް ދިއުމަށް ފަސް އެނބުރުނު އަލްޔަޝް ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ.އަލްޔަޝް އާ ފަސްވަރަކަށް ފިޔަވަޅު ދުރުގައި ހުއްޓިލައިގެން ހުރި އިވީން ފެނުމާއެކު އިސްޖަހާލެވުނެވެ.ކަރުނަތަށް ހިނދާލަން މަސައްކަތް ކުރެވުނީ އިހްތިޔާރަކާ ނުލައެވެ.”ދޮންބޭ…ދޮންބެވެސް ރަނގަޅުވާނީ މަންމަ ކަންތަކާ ނުބެހުނިއްޔާ….. މީހުން ކިޔާ އެއްޗެހި މަށަށް ވެސް އަޑު އިވޭ… އެހެނޭ ކިޔާފަ މަންމަ އިސްލާހުވާނެތަ؟ނުވާނެ..ރަންގަޅުވާނީ އެއްޗެކޭ ނުބުނިއްޔާ …އެއީ ނުވިސްނޭވަރު ބޭބީއެއް ނޫނޭ”އިވީންގެ އަޑުގައި ނުރުހުން އެކުލެވިފައި ވިއެވެ.މިފަހަރުވެސް އިވީންއަށް ގޯސްވީ އަލްޔަޝް ހެއްޔެވެ؟ ބާރު ހިނގުމުގައި ކޮޓަރިއަށް ގޮސްވަން އަލްޔަޝް ބަންލާފައި ދޮރު ލެއްޕިއެވެ.އެއާއިއެކު ހީވީ ގެވެސް ކުދިކުދި ވެގެން ބިމަށްފޭބި ހެނެވެ.އަލްޔަޝް ދެލޯ މަރާލުމާއެކު ކަރުނަތަށް އޭގެ މަގާމު ދޫކޮށް އޮހިގަތީ އެޔެއް މިޔެއް ބެލުމެއްނެތިއެވެ. ލޯބިވާ ކޮއްކޮ އެހެން ބުނުމާއިއެކު ހީވީ އަލްޔަޝްގެ ހިތް ކުދިކުދިވެ ފޮތިފޮތި ވިހެންނެވެ.ކޮއްކޮ އިވީންގެ ހިތަށް ހަމަ އަސަރު ނުކުރަނީ ބާއޭ….މަންމަ އުޅޭ ގޮތާއި މެދު ނުވިސްނަނީ ބާއޭ….އަލްޔަޝްގެ ހިތަށް މިފަދަ ވަހުމްތަށް ވަންނަމުން ދިޔައިރު ކަނާއަތުން މޭގައި އަތް ޖައްސާލެވުނީ މެޔައްބާރު ވަމުން ދާ ކަހަލަ އިހްސާސް އެއް ކުރެވުމުންނެވެ.ލޯބިވާ ކޮއްކޮ ފާފައިގެ ތެރެއަށް ވެއްޓޭކަށް އަލްޔަޝް ބޭނުމެއްނޫނެވެ.އަލްޔަޝް ބޭނުމީ އިވީން އަލްޔަޝް ހިނގާ މަގުން ހިނގުމަށެވެ.މަންމަ އަޅަމުންދާ ކަޅު އަނދިރި ގިނަ ގޯޅިތަށް އިވީން އިހްތިޔާރު ކޮށްފާނެތީ އަލްޔަޝް ބިރުގަނެއެވެ.ހުރި ހަމައެކަނި ކޮއްކޮ މަންމައާއި ބޭބެ ފަދައިން މަގު ގެއްލިދާކަށް އަލްޔަޝް ބޭނުމެއްނޫނެވެ.އިވީން އަށްޓަކައި އަލްޔަޝް އެހުރީ ޖާނުން ގުރުބާންވާން ތައްޔާރަށެވެ.އެންމެ ފަހަރަކުވެސް އިވީން އަލްޔަޝް އާއިމެދު ވިސްނާލާނެ ނަމައެވެ.އިވީން އަށްޓަކައި އަލްޔަޝްގެ އަތުކުރި ވަނީ އޮޅާލާފައެވެ.އުންމީދާއެކު ކިތަންމެ ބޮޑު ހިތާމައަކާއިވެސް އިވީން އަށްޓަކައި އަލްޔަޝް ކުރިމަތި ލާނެއެވެ.އެކަމަކު މިގޮތަށް ކަންތައް ވެދާނެ ބާއޭ…… އިވީން އަލްޔަޝް ފަދަ ރަނގަޅު ކުއްޖަކަށް ވެދާނެ ބާއެވެ.މާހިރާ ފަދައިން އިވީންވެސް އަނދިރިކަމާއި ފާފައިގެ ގޯޅި ނާޅާ ހިނގައި ދާނެބާއެވެ. ******************************************************************************* ސްޓޭޝަން ދޮރުމަތީ ހުއްޓިލައިގެން ހުރި އާލިމް ގާތުގައި ފުލުސް އޮފިސަރަކު ހުއްޓިލައިގެން ހުއްޓެވެ.އެދެމީހުން ދައްކަމުންދިޔަ ވާހަކަތަށް ނޭނގޭ ހާލު މަގުމަތިންދާ ގިނަ ބައެއްގެ ސަމާލުކަން އާލިމް މެންނަށް ދަނީ ހުއްޓެމުންނެވެ. މަގަށް ނުކުމެގެން އައި އާލިމް އިރު އިރު ކޮޅާ ފަސްއެންބުރި ފަހަތަށް ބަލައިލައެވެ.ހީވަނީ އެ ފުލުސް އޮފިސަރު ސްޓޭޝަން ދޮރުމަތީ ހުރިތޯ ބަލާހެނެވެ.އާލިމް ދާން ބޭނުންވާ ހިސާބަށް ދެވުނީ ކަންނޭނގެއެވެ.މަގުގެ ދެފަރާތް ބަލާލަމުން މަގުގެ އަރިމަތީ ހަދާފައިވާ ޕިކަޕު ގަރާޖެއްގެ ތެރެއަށް ދެމުގަތީ ހަށިގަނޑަށް އަވަސް ހަރަކާތް ތަކެއް ގެންނަމުންނެވެ.ގަރާޖު ތެރެއަށް ވަދެވުމާއި އެކު އާލިމް އޭނާ ލައިގެންހުރި ފަޓުލޫނު ޖީބުގައިވާ ފޯނުނަގާ ހަތް ނަންބަރު ޖަހާލަމުން ޑައިވް ކޮއްލިއެވެ.ކަންފަތުގައި ފޯނު ޖަހައިގެން ހުރި އާލިމްގެ ނަޒަރު ހުއްޓިފައިވަނީ ކުރިމަތިން ފެންނަމުން ދިޔަ ބޮޑު މަގަށެވެ.ދެތިން ފަހަރު ރިންގު ވުމާއިއެކު އެކޮޅުން ފޯނުނެގީ ފިރިހެނެކެވެ.”ހެލޯ”އާލިމް އަށް ބުނެވުނީ މިހާ ހިސާބަށެވެ.”ބްރަދަރ ކައޭ ދޫކޮށްލީ…. އެމީހުންނަކަށް ނުހިފެހެއްޓުނު ދޯ” ފޯނުގެ އަނެއް ފަރާތުން ވާހަކަ ދައްކަން ފެށި ޒުވާނާ އާލިމްއަށް ބުނެލިއެވެ.”ހެހެ… އެމީހުންނަށް ހިފެހެއްޓޭނެ ތަ؟ އެމީހުންނަށް ވުރެވެސް މަ ސިކުންޑި މާ ރަނގަޅޭ ބްރޯ ކުށެއް ކުރިއްޔޭ ކިޔާފަ ފޯރީގަ ދެއަތް ފުރަގަހަށްލާ ބިޑި އަޅުވައިގެން ގެންދާނެ…. އަނެއް ދުވަހު ދޫކޮށްލާނެ… މަ ހިތަށް އަރާ އެސޮރުމެން ފުލުހުންނޭ ކިޔާފަ ނޫ ޔުނީފޯމު ލައިގެން ގައުމަށްޓަކައޭ ކިޔާފަ އެތިބެނީ ކީއްކުރަން ބާއޭ…. ބޮލުގަ އެ އިންނަނީ މީދާ ކޭ އުނބެއް އެކަމަކު އަދި މާ ފޮނިވެގެން އުޅޭނެ”އާލިމްގެ ވާހަކައާއި އެކު ފޯނުގެ އަނެއްފަރާތުން ވާހަކަދައްކަމުން ދިޔަ ޒުވާނާގެ ހުނުމުގެ އަޑު އިވިގެން ދިޔައެވެ.”އޭދެން ކައޭ އާދެބަޔަ މަ މިހުރީ އެއްކައެތާ” އާލިމް މިހެން ބުނެލަމުން ފޯނު ކަނޑާލިއެވެ.އާލިމް ހުރި ގަރާޖް ކުރިމައްޗަށް އައިސް ހުއްޓާލި ސައިކަލު ފެނުމާއި އެކުއާލިމް ސައިކަލާއި ކައިރިއަށް އައެވެ.” ބުރަދަރ މަ ހިއެއްނުކުރަން ކަލޭ ދެން އެހާ އަވަހަށް ފެންނާނެކަމަކަށް.އެހެންނު ވާނީ އެތިކޮޅާއެކީ ވިއްޔަ ދޯ ގެންދިޔައީ.ކައޭ ކިހިނެއްތަ އެހާ ފަސޭހައިން ސަލާމަތްވީ” ސައިކަލުގައި އައިސް މަޑުކޮށްލި ޒުވާނާއާލިމް ސައިކަލާ ގާތް ވެލުމާއި އެކު ވާހަކަދައްކަން ފެށިއެވެ.” ކަލޯ މަށަށް އެމީހުން ދިނީ ވަރުގަދަ ފަތުވާއެއް މަކައިރީ ބުނީ ބޭނުމީ އަބަދު ތިކަހަލަ ކުށް ކޮށްގެން ޖަލުގަ އޮންނަން ހޭ ނޫނީ އިސްލާހު ވާން ހޯ…. ހުކުމް އިއްވަންދެން ރަށަށް ފޮނުވިދާނޯ. ކަލޯދެން މަށަކަށް ނޭނގެ އެކީ ހުރިހާ އެއްޗެއް. ކައެއަށް ދެން އިނގެއެއްނު މަ ވަރަށް އެކްޓު ބޮޑުވާނެކަން މަ ބުނީ މަ ބޭނުމީ އިސްލާހުވާށޭ” އާލިމް ވާހަކަ ދައްކަމުން ދިޔައިރު އޭނަގެ މޫނު މަތީ ވީ ކާމިޔާބީގެ ފޮނި އަސަރުތަކެވެ.”ދީބަލަ ފެގެއް “ސައިކަލަށް އަރަމުން އާލިމް ބުނެލިއެވެ.”އަހަރުން ބަސްޓު ކޮއްލި މީހަކު ފެނިއްޖެއްޔާ ހުވާ މިބުނީ އެމީހަކު ކޮށާލާނަން”އެ ޒުވާނާ ސައިކަލު ސްޓާޓް ކޮށްލަމުން ބުނެލިއެވެ.ތުނބުގައި ސިނގިރޭޓު ޖަހާލަމުން އެތެރެއަށް ދަމާލި އާލިމް ދެވަނަ ސިކުންތުގައި ނޭފަތާއި އަނގައިން ދުންތަށް ބޭރު ކޮށްލިއެވެ. *************************************** މެންދަމުގެ ވަގުތެވެ.އަރާމު ނިންޖަކުން ނިދާފައި އޮތް އަލްޔަޝް އަށް ހޭލެވުނީ ކަރު ހިއްކައި ގަނެގެންނެވެ.މަޑުމަޑުން އެނދުން ތެދުވެގެން ގޮސް ކޮޓަރިން ނުކުން އަލްޔަޝް އަށް ހުއްޓެވުނެވެ.ހީވީ ދެފައިގައި ކަސްތޮޅު އެޅުނު ހެންނެވެ.މުޅި މީހާ ގަނޑުވެ ދެލޯ ބޮޑުވެގެން ދިޔައީ ކުރިމަތިން ފެނުނު މަންޒަރުގެ ސަބަބުންނެވެ.އެފަދަ މަންޒަރެއް ކުރިން ފެންނާނެ ކަން އިނގުނު ނަމަ އަލްޔަޝްގެ ހިޔަނި ވެސް ކޮޓަރިން ބޭރަށް އެޅުނަކަ ނުދިނީހެވެ. (ނުނިމޭ)
ޝަދަފްގެ ހިތުގައި އޭނަގެ މަންމައާއި ބައްޕައަށް ވީ ނުރުހުން ފާޅުކޮށްލިއެވެ.އެއާއެކު ހީވީ އަލްޔަޝްގެ ހިތުގައި ނޭނގޭ އަތަކުން ވިކާލި ހެންނެވެ.ހިނދުކޮޅަކަށް ނަމަވެސް އެމޫނުމަތީވި ރީތި ހިނިތުންވުން ފިލައިގެން ދިޔައީ އެހެންވެއެވެ.ޝަދަފްގެ އެ ޖުމްލަތަކުންނެވެ. ********************** “ދެން ނިދަން އޮތްނަމަ” “ދޯ” އަލްޔަޝްގެ ޖުމްލަ އަށް އިތުރުކޮށްލަމުން ރަނާނީން ދޯއެއްދިނެވެ.”ނިދަން އޮވޭވަރެއްތަ؟” ޝަދަފްގެ ކުޑަވެފައިވާ ދެލޯ ގަދަ ކަމުން ހުޅުވާލަމުން ބުނެލިއެވެ.”އަނެއްކާ މަންމަ ޝަދް އަށް ކީއްކުރީ؟” ރަނާނީން ބުމަ މައްޗަށް އަރުވާލަމުން ބުނެލިއެވެ.”މަ މަންމަ އާހެދީނޫންތަ!” “މަންމަ ކިހިނެއްހޭ ހެދީ؟” ޝަދަފްގެ ޖުމްލަ ނުނިމެނީ ރަނާނީން ބުނެލިއެވެ.އަލްޔަޝް އިނީ ހިމޭނުންނެވެ. “ހުވާ މިބުނީ މަ މަންމަ ހީވަނީ މަ ކުލާހަށް ނައިސް ދާނެތީ އެހެން ކަމެއްހެން. ބައްޕަ ހީވަނީ މަ ނިދާފާނެތީ ކޮޓަރީގެ ދޮރުތައް ވެސް ވައްޓާލަފާނެހެން. މަށަކަށް ހިއެއްނުވޭ މަ އެންމެ ދުވަހަކު ސުކޫލަށް ނައިސް ހައްޓަކަސް ޓެސްޓް އިން ފެއިލް ވެދާނެ ހެނެއް” ޝަދަފްގެ ހިތުގައި އެމީހުންނާމެދު ވީ ހިތްހަމަ ނުޖެހުން ފާޅުކުރަމުން ދިޔައެވެ.ޝަދަފް އަށް ހާދަ ނުވިސްނެއެވެ.އަލްޔަޝްގެ ހިތް މިހެން ބުނަނީ ކީއްވެ ކަމެއް ނޭނގެއެވެ.ދުނިޔޭގައިވި އެންމެ ބޮޑު ހަދިޔާ އަކީ އެއީ އެވެ.އެންމެ ބޮޑު ނިއުމަތަކީވެސް އެއީއެވެ.ރިވެތި އަހުލާގުގެ އޯގާތެރި ލޯބިދޭ މަންމަ އެއް ލިބުމެވެ.ހީވާގި ކެރޭ ހިތްހެޔޮ ބައްޕައެއް ލިބުމެވެ.އެދެމީހުންގެ ފުރިހަމަ ލޯބިލިބޭނީ ނަސީބުގަދަ ދަރިއަކަށް ނޫންހެއްޔެވެ؟އެކަމަކު ޝަދަފްއަށް އެވަރުވެސް ނުވިސްނެއެވެ.ޝަދަފް ހާދަހާވާ މޮޔައެވެ.އަލްޔަޝް އަށް ވެސް އެހާ ރަނގަޅު މާތް ހިތްހެޔޮ މަންމައެއް ލިބުނުނަމައެވެ.އަބަދު ލޯބިން ފިރުމައިދީ އޯގާތެރި ކަމާއެކު ދަރިފުޅާއޭ ގޮވާލާނެ ހިތްހެޔޮ މަޔަކު ލިބުނުނަމައެވެ.ބައްޕަ….. މި ލަފުޒު ހިތަށް އެރުމާއެކު އަލްޔަޝްގެ ލޮލަށް ޖަމާވި ކުލަނެތް ކަރުނަތަށް ހިނދާލީ ކުޅަދާނަ ކަމާއެކުގައެވެ. **************************** ކުލާހުގެ ވަގުތު ނިމުމާއެކު ޝަދަފް ދުވެފައި ކުލާހުން ނުކުތެވެ.އެއް ކޮނޑުގައި ދަބަހުގެ ވާގަނޑު އަޅުވައިގެން ބާރު ސްޕީޑުގައި ކުލާހުން ނުކުތް ޝަދަފް ލޯމައްޗަށް ގެއްލޭކަށް މާ ގިނަ އިރެއް ނުނެގިއެވެ.ޔަގީނުންވެސް ޝަދަފް އެހުރީ ވަރަށް ނިދިއައިސްފައެވެ.އަލްޔަޝް އާއި ރަނާނީން ކުލާހުން ނުކުތީ އެކުއެކީގައެވެ.އަތުގައި އޮތް ކުޑައިން ބިންގަނޑުގައި ޖައްސަމުން ދިޔަ އަލްޔަޝް ދިޔައީ ކައިރީގައި ހުރި ރަނާނީން އާއި ވާހަކަ ދައްކަމުންނެވެ.ތަފާތު އެކިކަހަލަ ވާހަކަ ދައްކަމުން ގޮސް ރަނާނީން ހުއްޓުނީ ހަމަ ކުއްލިއަކަށެވެ. “ކިހިނެއް ވީ؟” އަލްޔަޝް ސުވާލުގެ ނަޒަރަކުން ރަނާނީން އަށް ބަލާލަމުން އެހިއެވެ.ދެލޯ ހަނިކޮށްލަމުން ހެވިފައި ހުރެ ރަނާނީން ދުރު ދައްކާލިއެވެ.އެއާއެކު އަލްޔަޝް އެދިމާލަށް ބަލައިލިއެވެ.އޭރު ކަޅި އަޅައިގެން ލަމާނީ އަލްޔަޝް މެނަށް ބަލަން ހުއްޓެވެ.އޭނަ ގާތުގައި ހުރި ކުއްޖެއް ކައިރީ އެތަށް ވާހަކަތަކެއް ދައްކަމުން ދިޔައިރު ލަމާނީގެ މޫނުމައްޗަށް ތަފާތު ކުލަވަރު އަރާފައިބަމުން ދިޔައެވެ.”ދެން ރަނާ އިނގެއެއްނު އޭނަގެ ގޮތް ދޯ”އަލްޔަޝް ރަނާނީންގެ އަތުގައި ހިފާލީ ހަމަ ގަސްތުގައެވެ.އެމަންޒަރު ފެނުމާއެކު ލަމާނީއަށް ގޮތްތަކެއް ވާނޭކަން އިނގިހުރެއެވެ.ސްކޫލުގެ ގޭޓުން ނިކުމެވުމާއެކު ދެކުދިން އެކަކު އަނެކަކަށް ވަދާއުގެ ހިނިތުންވުން ރައްދުކޮށްލިއެވެ.ދެކުދިންވެސް ފަސްއެނބުރި ހިނގައިގަތީ ގެއަށް ދިއުމަށެވެ.”އާލް!! އިހަށް މަޑުކޮށްބަލަ” ފަސް އެނބުރި ހިނގައިގަތް ރަނާނީން އަލްޔަޝް އާއި ދިމާލަށް އެނބުރިލަމުން ގޮވާލިއެވެ.ރަނާނީން އަލްޔަޝް އާއި ދިމާލަށް ހިނގައި ގަތުމުން އަލްޔަޝް ހުރި ފިޔަވަޅުމަތީ ހުރީއެވެ.އަލްޔަޝް ގާތަށް އައި ރަނާނީން އަލްޔަޝް އާއި ވާހަކަ ދައްކަންފެށިއެވެ.”އާލް ދީބަލަ އާލްގެ ހިސާބު ފޮތް ރަނާ އަދި ހިސާބު ފިލާވަޅު ނުނިންމާތީވެ”ލޯ މައްޗަށް ވެއްޓުނު އިސްތަށިކޮޅު ކަންފަތް ދަށުގައި އަޅުވާލަމުން ރަނާނީން ބުނެލިއެވެ.”އޫމްމްމް މިރޭ މަ ފިހާރައަށް ދާނަން. އެގަޑީގައި އަންނަން ވީނު ފަތްބަލާ އޯކޭތަ އެގޮތް؟” އަލްޔަޝް ބުމަ ހިއްލާލަމުން އަހާލިއެވެ.ރަނާނީން ބޮލުގެ އިޝާރާތުން ޖަވާބުދެމުން ގެއާ ދިމާލަށް ހިނގައިގަތެވެ.މިއޮތްހާ ދުވަހު އެކީގައި އުޅުނު އިރުވެސް އަލްޔަޝް މިގޮތަށް ކަންތަށް ކުރަނީ ކީއްވެކަމެއް ރަނާނީން އަކަށް ނޭނގެއެވެ.އަލްޔަޝް އަތުން އެއްޗެއް ހޯދަންވެގެން ބުންޏަސް އަލްޔަޝް ހައްތަހާވެސް ބުނާނީ ތިމަންނަ ޑިއުޓީގައި އިންނައިރަށް ފިހާރައަށް އަންނާށޭއެވެ.އަލްޔަޝް ސުކޫލަށް ނުގޮސް ކިތަންމެ ގިނަ ދުވަހެއް ވިޔަސް އަލްޔަޝް އަށް ވީ ކީއްތޯ ބަލާލަންވެސް އެގެއަށް ދިއުން އަލްޔަޝް އޮންނަނީ މަނާ ކޮށްފައެވެ.އެގެއަށް ދިއުން ހަމައެކަނި މަނައީ ރަނާނީން އަކަށް ނޫނެވެ.ލަޔުމް އާއި ޝަދަފްއަށްވެސް މެއެވެ.ގެއާދިމާލަށް ހިނގަމުން ދިޔަ ރަނާނީންގެ އަތުގެ ހިމަހޯލިތަކެއް ފަދަ އިނގިލިތަކާ ކުޅެމުން ދިޔައިރު ރަނާނީންގެ ހިތުގައި ފުނިޖެހެމުން ދަނީ ޖަވާބު ދޭން ނޭނގޭ މި ސުވާލުތަކެވެ.ތެދެކެވެ.ރަނާނީން އާއި އަލްޔަޝް އެހާ އެކުވެރި އިރުވެސް އަލްޔަޝް ގެ ނޭނގޭ އެތަކެއް ސިއްރު ތަކެއްވެއެވެ.އެރީތި މޫނުމަތިން އުފާވެރިކަން ދުވަހަކުވެސް ނުފެނެއެވެ.ނަމަވެސް އެހަޔާތުގެ ފުރަގަހުގައި ވަނީ ކޮންފަދަ ހިތާމައެއް ތޯ އަލްޔަޝް ގާތު އަހާލާކަށެއް ރަނާނީން އަކަށް ނުކެރެއެވެ.މިރަށު މީހުން ކިޔަނީ ހަމަ އަސްލުގާވެސް ތެދެއްބާއެވެ. ރަނާނީންގެ ސިކުނޑި ބާރުވަމުން ދިޔައީ މިފަދަ ތަފާތު ސުވާލު ތަކުންނެވެ.ކޮންމެވެސް ވަރެއްގެ ހަގީގަތެއް އެކުލެވިގެން ނުވާނަމަ މީހުންވެސް އެވަރަކަށް އެވާހަކައެއް ނުދައްކާނެތާއެވެ.އަޑެއްކިއްޔާ ރެނދެއް ލާނެއެވެ.ބައެއް ފަހަރު އެއީ ތެދެކޭ ހީވާއިރުވެސް ޔަގީން ނުވާތީ އަލްޔަޝް ގާތު އަހަން ފަސްޖެހެވެނީއެވެ.ފަހަރުގައި އަލްޔަޝްގެ ހިތާމަ އަކީ އެއީކަމަށްވެސް ވެދާނެއެވެ.އެކަމަކު ހިތްބުނަނީ އަލްޔަޝް އަކީ އެފަދަ ކުއްޖެއް ނޫނެވެ.އެފަދަ ގޯސްކަމެއް އަލްޔަޝް އެއް ނުކުރާނެއެވެ.މިގޮތަށް ހިތްބުނަނީ ކީއްވެގެން ކަމެއް ހުދު ރަނާނީން އަކަށްވެސް ނޭނގެއެވެ.ކުރެވޭ އިތުބާރާއި ޔަގީންކަން ބޮޑީކަންނޭނގެއެވެ. ********************************** އަލްޔަޝް ސުކޫލަށް ދާން ނުކުތްއިރު މަގުތަކުގައި ހެދިފައިވާ ފެންކޮޅުތަށް މިހާރު ވަނީ ބޮޑެތިވެފައެވެ.ގެއާ ދިމާލަށް ހިނގަމުން ދިޔަ އަލްޔަޝް މަސައްކަތްކުރަމުން ދިޔައީ އެއިން ފެންގަނޑަކަށް ނާރާ ގެއަށް ދެވޭތޯއެވެ.މަދުމަދުން ނަމަވެސް މަގުތަކުގައި އުޅެމުން ދިޔަ މީހުންގެ ނުރުހުމުގެ ނަޒަރު އަލްޔަޝްއަށް ހުއްޓެމުން ދާކަން އަލްޔަޝްއަށް އިނގެއެވެ.އެމީހުން ކިތަންމެ ނުރުހުން ވިއަސް އަލްޔަޝް އަށް ގެއިން ބޭރަށް ނުނިކުމެ ނުހުރެވޭނެ ނޫންހެއްޔެވެ؟ އެމީހުން އެހާ ރުޅިއަންނަނީ އަލްޔަޝް އަކީ މާހިރާގެ ދަރިއަކަށް ވީމައެވެ.އެކަމަކު އެއީ އަލްޔަޝް ގެ ކުށެއް ހެއްޔެވެ؟ މާހިރާ ދެކެ އަންނަ ރުޅި ކޮންމެހެން އަލްޔަޝް އަށް ބާލަން ޖެހޭހެއްޔެވެ؟ ލިލީހައުސް ގޭތެރެއަށް ވަދެގެން ދިޔަ އަލްޔަޝް އަށް ހުއްޓެވުނީ އިވީންގެ ހުނުމުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ.އިވީންގެ ކޮޓަރީގައި އިތުރު މީހަކު އުޅެނީ ބާއެވެ.އިވީންގެ ކޮޓަރީގެ ތަޅުގައި ހިފާލާފައިވެސް އަލްޔަޝްއަށް ދޮރު ހުޅުވާލާކަށް ނުކެރުނެވެ.އިވީންގެ ކޮޓަރީގައި ޓަކި ޖަހަން ހިއްލައިލި އަތް ތިރިކޮށްލަން ޖެހުނީ ގެއަށް ވަދެގެން އައި މާހިރާ ފެނުމުންނެވެ.އޭރު އިވީންގެ ކޮޓަރިން ހުނުމާއި ވާހަކަ ދައްކާއަޑު އިވެމުން ދިޔައެވެ.ނަމަވެސް އިވެނީ ހަމައެކަނި އިވީންގެ އަޑެވެ.މަހިރާ އެއައީ ފިހާރައިންކަން އިނގެނީ އޭނަގެ ދެއަތުގައި ވީ ކޮތަޅު ތަކުންނެވެ.”ދަރިފުޅާ އާދޭ ސައިބޯން” މާހިރާގެ އަތުގައި އޮތް ބިސްކޯދު ކޮތަޅު ދިއްކޮށްލަމުން ބުނެލިއެވެ. މާހިރާގެ ބަހަށް އެއްޗެއް ނުބުނެ އަލްޔަޝް ގޮސް ކޮޓަރިއަށް ވަނެވެ.އެގޮތަށް މަންމަ ދަރިފުޅާއޭ ކިޔާ އަލްޔަޝް އަށް ގޮވާކަށް އަލްޔަޝް ބޭނުމެއް ނޫނެވެ.މަންމަގެ ލާރިން ހޯދާ އެއްޗެއް ބޭނުން ކުރާކަށް އަލްޔަޝް ބޭނުމެއް ނޫނެވެ.އަމިއްލައަށް މަސައްކަތް ކޮށް ލާރި ހޯދަނީ އެހެންވެއެވެ.މަންމައެއް ކަމަކުއިނގިހުރެ ފާފައިގެ ތެރެއަށް ފުންމާލާކަށް އަލްޔަޝް އަކަށް ނުކެރޭނެއެވެ. *************************** “ހޭ ލަޔުމް…ކީއްވެޔޯ މެނދުރު ފަހު ކުލާހަށް ނައީ”ތިރިކޮށް ރާނާފައިވާ ފާރުބުރި މަތީ އިށީނދެލައިގެން ތިބި ޝަދަފްއާއި ލަޔުމްއާއި އަރާ ހަމަވަމުން އަލްޔަޝް އަހާލިއެވެ.”ކަލޯ މަށަށް ނިދުނީ”އަކުރުތަކަށް ދަމާލަމުން ލަޔުމް ޖަވާބު ދިނެވެ.”ބްރޯ ކަލޭފިހާރަޔައް ތިދަނީ؟ ފޮތް ހިފައިގެން…ސާބަހޭ ކަލެއަށް…….އަދި ކަލޭ ވަކިންމޮޅުވާނެ އަހަރުމެން ދެމީހުންނަށް ދަޅު ދިނިއްޔާ”ޝަދަފް ކައިރީގައި ހުރި އަލްޔަޝްގެ ކޮނޑަށް އަތް ވައްޓާލަމުން ބުނެލިއެވެ.މަގުމަތީގެ ދެފަރާތުގައި ޖަހާފައިވާ ލައިޓުތަކުގެ ފަނޑު އަލިކަން މަގުމައްޗަށް ވެރިވެފައި ވެއެވެ.”ދަޅާއެއްޗެހި ދެވޭނެއެއްނު. މިހާރުވެސް އެއޮށް އަންނަނީ ވިއްޔަ.”ޗޮކެއް ކަނޑާލަމުން އަނދިރި ގޯޅި ގަނޑެއްގެ ތެރޭން ނުކުމެގެން އަލްޔަޝް މެނާ ދިމާލަށް އައި ރަނާނީން ދައްކާލަމުން ލަޔުމް ބުނެލިއެވެ.އަލްޔަޝް އާ ރަނާނީން އާދެމެދު އޮންނަ ގުޅުން ރަނގަޅަށް އިނގި ހުރެވެސް ލަޔުމް އަލްޔަޝް އާ ދިމާކޮއްލިއެވެ.އެއާއެކު ލަޔުމް ދެއްކި ދިމާލަށް ޝަދަފް އާއި އަލްޔަޝް ބަލައިލީ އެކުއެކީގައެވެ. ފިޔާތޮށި ކުލައިގެ އަތްދިގު ކުރުތާއަކާއި އެކު ހުދު ކުލައިގެ ޖިންސް އެއްގައި ހުރިއިރު ރަނާނީން ހީވަނީ ކުޑަކުޑަ ޕަރީއެއްހެނެވެ.ފަންދިގު އިސްތަށިގަނޑު ވަނީ ފަހަތަށް ދޫކޮށްލާފައެވެ.ވަޔާއެކު މިނިވަންކަންމަތީ ވިހުރި ލުމަށެވެ.އެބޮޑު ދެލޮލުގައި ވީ ވިދުން މާ ދުރަށްވެސް އެނގޭފަދައެވެ.ފަނޑު އަލިކަން އެދޮން މޫނަށް އެޅުމާއިއެކު އެދޮން މޫނު އިތުރަށް ވިދާލާކަހަލައެވެ.”އޭ ކަލޯ އަލްޔަޝް! މިހާރު ކަލޭވެސް ކަލޭގެ އަމާ އުޅޭހެން އުޅެން ފެށީ ދޯ”އެވަގުތު އަލްޔަޝްމެން ކުރިމަތިން ހުރަސް ކަނޑާލި ތިން ޒުވާނުންގެ ތެރެއިން އެކަކުބުނެލިއެވެ.”އާދެން މާހިރާގެ ތުއިކަން އެސޮރުވެސް ދަސްކުރާނެތާ! އެހެންވެ އެހެރީ މިހިރަ މަންޖެ ގެނެސް އަލްޔަޝްގެ ތުއިގަނޑު ދައްކާލަނަ”އެތިން ޒުވާނުންގެ ތެރެއިން އެކަކު އެހެން ބުނެލުމާއެކު އެތިންމީހުންގެ ހުނުމުގެ އަޑު ފަޒާގައި ގުގުމާލިއެވެ.އެއާއެކު ރުޅިއައިސް ހުރެ އެމީހުންނާދިމާލަށް ފުންމައިގެން ލަޔުމްގެ އަތުގައި އަލްޔަޝް ހިފަހައްޓައި ލިއެވެ.ހަމައެވަގުތު ކުރިމަތީހުރި ރަނާނީން އަށް އަލްޔަޝްއަށް ބަލާލެވުނެވެ.ދުވަހަކުވެސް މިފަދަ ކަމެއް ރަނާނީން ހުއްޓާ ނުވެއެވެ.އަލްޔަޝް ބިރުގަންނަނީ ރަނާނީންވެސް އެހެން މީހުން ފަދައިން އަލްޔަޝް އާމެދު ދެކޭގޮތް ބަދަލުވެދާނެތީއެވެ.ރަނާނީންގެ މޫނަށް އެރި ކުލަވަރާއެކު އަލްޔަޝް އަށް ހީވީ ހިނގަމުން ދިޔަ ދުނިޔެވެސް ހުއްޓުނުހެންނެވެ. (ނުނިމޭ)
ދޮރާދިމާލަށް ބަލައިލި އަލްޔަޝް ދެވަނަ ސިކުންތުގައި މޫނު އަނެއްފަރާތަށް އަނބުރާލިއެވެ.އިސާހިތަކު އަލްޔަޝްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.ފޫހިކަމުގެ ކުލަވަރުން އެރީތި މޫނުމަތި ބަނަކޮށްލައިފިއެވެ. ************************************************************ “ދަރިފުޅާ އަލްޔަޝް” މާހިރާގެ އަޑުގައި ވަނީ ހިތްހަމަޖެހުމެވެ.”މަންމައަށް ގޮވާލިނަމަ ކާން ތައްޔާރު ކޮށްދީފީމުހޭ” މާހިރާ އަލްޔަޝް އާ ގާތް ވެލަމުން ބުނެލިއެވެ.އެއް ނޭވާއިން ޖޫސްތަށި ދަމާލުމަށްފަހު ތަށި ދޮވެލަމުން ހަރުގައި ތަށި ބައިންދައިލިއެވެ.ކާކޮޓަރިން ނުކުންނަން ހިނގައިގަތް އަލްޔަޝް ގާތު މާހިރާ އަނެއްކައިވެސް ކާން ހަދައިދެންތޯ އަހާލިއެވެ.”އަހަރެން ބަނޑުހައި ވަންޏާ އަމިއްލައަށް ކައްކައިގެން ކައިފާނަން”އަލްޔަޝްގެ އަޑުގައި ނުރުހުން އެކުލެވިފައި ވިއެވެ.”އަލްޔަޝް މަޑުކޮށް ބަލަ މަންމަ ކާންހަދައި ދީފާނަމޭ” އަލްޔަޝް ކުރިއަށް ފިޔަވަޅެއް އަޅާލުމާއެކު އަނެއްކާވެސް މާހިރާ ބުނެލިއެވެ.”އަޑެއް ނީވޭތަ؟ބުނެފީމެއްނު އަހަންނަށް އަމިއްލައަށް ކައްކާ ކާންހަދައިގެން ކެވޭނެއޭ! މީހަކު ކާން އައީމަތަ ކާން ހަދަން ޖެހެނީ. ނުބުނިއްޔާ އެވަރު ކުރަންވެސް ނޭނގެނީތަ؟”. އާއެކެވެ.ގަޑިން މިހާރު މެންދުރުން އަނބުރައި1:30 ވީއެވެ.ކާމޭޒުމަތި ވަނީ ފަޅުކޮށެވެ.މެންދުރު `ކެއުމަށް އެތާ ތައްޔާރު ވެފަ ވާހެނެއް ހިއެއް ނުވެއެވެ.އެ ޖުމްލަތައް އަލްޔަޝް ގެ އަނގައިން ނުކުތް އިރު އޭނާގެ އަޑުވެސް ވަނީ ބާރު ވެފައެވެ.”މަންމަގެ އެހެންދަރިންވެސް އެބަތިއްބެއްނު އެމީހުންނަށް ކާންހަދައިދީ” އެހެން ބުނުމަށް ފަހު ދެފަޔަށް ބާރުލަމުން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.މާހިރާ އަކީ ދެބައި އުމުރުގެ އަންހެނެކެވެ.އެހެންނަމަވެސް ބަލާލާފައި ހީވަނީ20،30 އަހަރުގެ ޒުވާން އަނހެނެއް ހެންނެވެ.މޫނުގެ ސާދާކަމާއި އޮމާންކަމުންނެވެ.މޫނުމަތި ޖަރީ ކުރެވިފައި ވަނީ މޭކަޕްގެ އެކިއެކި ކުލަތަކުންނެވެ.އަތާއި ފައި ވަނީ ރަނާއި ރިހި ކުލައިގެ ކެވެލިތަކުން ޖަރީވެފައެވެ.ހީވަނީ ރަނާއި ރިހީގެ އިސްތިހާރެއް ހެނެވެ.ނަމަވެސް ލާ އުޅެނީ ކަޅުކުލައިގެ ގަޔަށް ދޫ ހެދުމެވެ.އަޅަނީ ބޮޑެތި ބުރުގަލެވެ.މި ދޫ ހެދުމުގެ ފަހަތުގައި ވަނީ ކޯއްޗެއް ހެއްޔެވެ؟އަލްޔަޝް މި ކޮންމެ ސިފައްކަށް ނަފްރަތު ކުރެއެވެ.ކޮޓަރިއަށް ވަނުމަށް ފަހު ހަށިގަނޑު ހަމައަކަށް އެޅުވަމަށް އަލްޔަޝް މަސައްކަތް ކުރަމުން ދިޔައެވެ. އެނދުމަތީގައި އޮތް ދަބަސް ނަގާ ކޮނޑުގައި އަޅުވާލިއެވެ.ހަށިގަނޑު ތެދުކޮށް ލަމުން އަދިވެސް އަލްޔަޝް މަސައްކަތް ކުރަނީ ހަށިގަނޑު ހަމައަކަށް އަޅުވާލުމަށެވެ.ހަގީގަތުގައި މަންމައާ އެގޮތަށް ވާހަކަ ދެއްކުމުން ހުދު އަލްޔަޝް ވެސް ވަރަށް ދެރަވެއެވެ.މަންމަގެ އަމަލުތަށް ހުންނަގޮތުން ނުރުހުން ވެވެނީއެވެ.ބާރަށް އެއްޗެއް ބުނެވިއްޖެނަމަ އެކަމާ ހިތާމަ ކުރެވެއެވެ.އެއްޗެކޭ ނުބުނަން އުޅުނަސް ހާލަތާ ވަގުތު އެކަމާ ދެކޮޅު ހަދަނީ އެވެ.އަލްޔަޝް ދެލޯ މަރާލުމަށް ފަހު ދެލޯ ހުޅުވާލިއެވެ.އޭރު މިލިއަން ވާރޭ ތިކިތަށް ފުރާޅުގައި ބޮސްދޭ އަޑު މިއުޒިކެއް ފަދައިން ކޮޓަރި ތެރޭގައި ހަރުލާފައި ވިއެވެ.އަލްޔަޝް ކޮޓަރިން ނުކުންނަން ހިނގައި ގަތެވެ.އޭރު ގަޑިން ދޭއް ޖަހަން ދިހަ މިނެޓަށް ވަނީ ވެފައެވެ.ދޮރު ހުޅުވާލުމަށް ހިއްލައިލި އަތް ތިރިކޮށްލަން ޖެހުނީ ބޭރުން ދޮރު ހުޅުވާ ލުމުންނެވެ.ދޮރުމަތީ ހުރި އަންހެން ކުއްޖާ ފެނުމާއެކު އަލްޔަޝް ގެ ދެލޯ ބޮޑުވިއެވެ. އިސްކޮޅުން ކުރު މި އަންހެން ކުއްޖާ ލާފައިވަނީ ބަނޑާ ހިސާބަށް އަރާ ކުރު ޓޮޕް ކޮޅެކެވެ.ޖިންސް ފޮތީގެ ކުރު ފޮށާކޮޅަކާއި އެކު ލާފައިވާ ޕީޗް ކުލައިގެ ޓޮޕްކޮޅުގެ ސަބަބުން އެދޮން ފަޔާއި އޮމާން އަތް ވަނީ ހާމައަށް ފެންނާށެވެ.ލާފައިވާ ފޮށަޔާއި ބާރު ޓޮޕްކޮޅާ ދޭތެރެއިން ހީވަނީ ދެންމެ ދެންމެ އެ ދޮން ބަނޑު ފެނިދާނެ ހެންނެވެ.ހެދުމުގެ ކަރު ކަނޑާފައި ވާލެއް ބޮޑުކަމުގެ ސަބަބުން ހާމަޔަށް އޮތް މޭމަތި ފަޅު ފިލުވަމުން ދިޔައީ ކަރުގައި އަޅާފައިވާ ރިހި ކުލައިގެ ފަށުންނެވެ.އެ އަންހެން ކުއްޖާގެ ފައިން ފެށިގެން ބޮލާ ހިސާބަށް ބަލައިލުމަށް ފަހު އަލްޔަޝް އަށް އިސްޖަހާލެވުނީ އިޙްތިޔާރަކާ ނުލައެވެ.އަލްޔަޝް އެއްފަރާތަކަށް ޖެހިލަމުން ދޮރުމަތީ ހުރި އިވީން އަށް އެތެރެއަށް ވަނުމަށް ތަން ދެއްކިއެވެ.ގަދަ ރަތް ކުލައިން ފެވިފައިވާ އިވީންގެ ތުންފަތް މަތީ ނަލަ ހިނިތުންވުމެއްވިއެވެ. ހަރު ފިޔަވަޅުތަކެއް އަޅަމުންގޮސް އަލްޔަޝްގެ ކޮޓަރީގެ ފާހާނާގެ ދޮރު ހުޅުވާލަމުން އެތެރެއަށް އިވީން ދެމިގަތެވެ.ނުރުހުންވެފައި ފާހާނާއަށް ވަން އިވީން އަށް ބަލަންހުރި އަލްޔަޝް ފުން ނޭވާއެއް ބޭރު ކޮށްލިއެވެ.އަލީބެގާތުގައި މަސައްކަތް ކޮށްގެން ލިބޭ މަދު ފައިސާ ކޮޅު އެއްކޮށްގެން އަލްޔަޝް ކުރި ފުރަތަމަ މަސައްކަތަކީ އެއީއެވެ.ކޮޓަރި ތެރޭގައި ފާހާނާއެއް ހެދުމެވެ.ގެއާ ވަކިން ހުންނަ ގިފިލިން އެހެން މީހުންނާއެކު ހިއްސާކުރަން އަލްޔަޝް އަށް ވަނީ އުނދަގޫކަމަކަށެވެ.ގިނަ ރޫތަކެއް ނިތްކުރިއަށް އަރުވާލަމުން ކޮޓަރިންބޭރަށް އަލްޔަޝް ނުކުތެވެ.އެކަމާ ކިތަންމެ ނުރުހި ހިތްހަމަނުޖެހުނަސް ލޯބިވާ ކޮއްކޮ ގާތު އެކޮޓަރިއަށް ނުވަނުމަށާއި އެފާހާނާ ބޭނުން ނުކުރާށޭ ބުނާކަށް އަލްޔަޝް އަކަށް ނުކެރޭނެ އެވެ.ކުޑަ ހުޅުވާލަމުން ބޯ ވާރޭތެރެއަށް އަލްޔަޝް ނުކުތެވެ.ސުކޫލާދިމާލަށް މިސްރާބުޖެހި އަލްޔަޝް ބާރަށް ހިނގަން ބޭނުންވިނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ.މަގުތަކުގައި ހެދެމުން ދިޔަ ފެން ކޮޅުތަކުގެ ސަބަބުންނެވެ.ބޮޑެތި ވާރޭތިކިތަށް އައިސް ބިންމަތީގައި ޖެހުމާއި އެކު ބުރައިގެން އަންނަ ވެލިފުއްތަށް އަލްޔަޝްގެ ބޫޓުގައި ތަތްލަމުން ދިޔައެވެ.ހީވަނީ ކަޅު ފޮތިގަނޑެއްގައި އަޅިކުލައިގެ އެސްތަކަކުން ޑިޒައިން ކުރެވިފައިވާހެނެވެ. ************************************** ސުކޫލުގެ ބޮޑުގޭޓު ކުރިމަތީ ހުއްޓުނު އަލްޔަޝް ސުކޫލުގެ މާހައުލަށް ނަޒަރު ހިނގާލިއެވެ.ކުރިއަށް ހިނގަމުންދިޔަ އަލްޔަޝް ގެ ކަނާއަތުން ކުޑައިގައި ހިފަހައްޓާފައި ވާއިރު އޭނާގެ ވާއަތް ވަނީ ފަޓުލޫނުގެ ޖީބަށް ޖަހާލެވިފައެވެ.ކުލާސް ރޫމުގެ ދޮރުމަތީ ހަދާފައިވާ ސިމެންތި ކުޑަ ފާރުކޮޅުގައި އަލްޔަޝް އަރައިގެން ހުރި ބޫޑު ދެތިން ފަހަރަކު ޖަހާލިއެވެ.ބޫޓުގެ ދަށް ފުށުގައި ހަރުލާފައިވާ ތަތް ވެލިތަށް ފިލުވާލުމުގެ ނިޔަތުގައެވެ.ކުލާހަށް ވަދެގެން ދިޔަ އަލްޔަޝް ކުލާހުގެ އެންމެ ފަހަތުގައި ހުރި ހުސް ޑެސްކުބަރިން ޑެސްކެއް ކައިރީ އިށީނެވެ.ގޮނޑިއަށް ދަބަސް ދޫކޮށްލަމުން އޭގެތެރެއިން ފޮތެއްނަގާ ޑެސްކުމަތީ ބާއްވާލަމުން އެފޮތް ހުޅުވާލިއެވެ.ގޮނޑީގައި ހަމަޖެހިލި އަލްޔަޝްގެ ނަޒަރު ހުޅުވާފައިވާ ފޮތަށް ދިނެއްކަމަކު ކުލާސްތެރޭވަމުންދާ ކަންތައްތައް އަލްޔަޝްއަށް އިނގޭފަދައެވެ. އަލްޔަޝް ކުލާސްތެރެއަށް ވަނުމާއެކު އެއްކުއްޖަކު އަނެއްކުއްޖަކާ ސިއްރުން ވާހަކަ ދައްކަމުން ދިޔަ މަންޒަރު އަލްޔަޝްއަށް ފެންނަމުދިޔައެވެ.ނުރުހުމުގެ ނަޒަރު އަލްޔަޝް އަށް އަމާޒުކުރަމުން މަލާމާތުގެ ރާގުގައި ހެމުންދިޔަކަން ހުދު އަލްޔަޝް އަށްވެސް ފާހަގަކުރެވެމުން ދިޔައެވެ.އެކަމަކު އަލްޔަޝްގެ ސަމާލުކަން މިކަންތަށްތަކަށް ނުހޯދޭނެކަން ގައިމެވެ.އާއެކެވެ.މީދުނިޔޭގެ އާދަ ނޫން ހެއްޔެވެ؟މީ އަލްޔަޝްއަށް އާކަންތައްތަކެއް ނޫނެވެ.އާއެކެވެ.ސުކޫލަށް ވަތް ފުރަތަމަ ދުވަހުންފެށިގެން މިއަދާހަމައަށް ކުލާހަށް އަންނަ ކޮންމެ ދުވަހަކު މިކަންތައްތައް ތަޖުރިބާކުރަން އެބަޖެހެއެވެ.ހަމައެކަނި ކުލާހުގައި ތިބޭ ކުދިންނެއް ނޫނެވެ.ބައެއް ޓީޗަރުންވެސް އަލްޔަޝް އާ އެހެން ކުދިންނާ ތަފާތު ކުރެއެވެ.އަލްޔަޝް ގަބޫލު ކުރާގޮތުގައި މިހުރިހާ ކަމެއްވެސް ދިމާވަނީ ހަމަ އެންމެ މީހެއްގެ ސަބަބުންނެވެ.ކުރާނީ ކީތްހެއްޔެވެ؟ތަގުދީރެވެ. ********************************* ކުލާސްރޫމުގެ ދޮރުން ވަދެގެންއައި ރަނާނީން ފެނުމާއެކުއަލްޔަޝްގެ މޫނުމަތިންއުފާވެރިކަމުގެ ކުލަވަރު ފެނިގެން ދިޔައެވެ.ފަރި ހިނގުމުގައި އައި ރަނާނީން އަލްޔަޝްގެ ގާތު އިށީނެވެ.ފަރުވާތެރި ކަމާއެކު އޭނާގެ ދަބަސް ގޮނޑީގައި ބައިންދާލިއެވެ.”ޕޮއް”ރަނާނީން އަލްޔަޝްގެ ބުރަކަށީގައި ބޮނޑިއެއް އަޅާލަމުން ބުނެލިއެވެ.”އާލް މިހާރުވެސް ފޮތް ކިޔަނީ؟ސާބަހޭ” ކުލާހުގައި ޓީޗަރު ނެތުމުން ރަނާނީން އަލްޔަޝްއާ ވާހަކަ ދައްކަން ފެށިއެވެ.”ހޫމް ދެން މިނޫން ކޮންކަމެއް އޮންނާނީ؟ އިމްތިހާން ފެށެން ބާކީދެމަހެއްނު ދޯ” އަލްޔަޝް ބުނެލިއެވެ.”ދެން ރަނާވެސް ފޮތް ކިޔަމެއްނު؟” އަލްޔަޝް އިތުރު ކޮށްލިއެވެ. ގިނަކުދިންތަކެއްގެ ސަމާލުކަން ހީހީފައި ވާހަކަ ދައްކަން ތިބި އަލްޔަޝް އާއި ރަނާނީން އަށް ހުއްޓެމުން ދިޔައެވެ.ހާއްސަކޮން ނުރުހުންވެފައި ބަލަން އިން ލަމާނީއެވެ.އެކުދިން ހީކުރާގޮތުގައި އެއީ ދެ ލޯބިވެރިންނެވެ.ނަމަވެސް ހަގީގަތަކީ މިއެއްނޫނެވެ.ރަނާނީން އަކީ އަލްޔަޝްގެ އެންމެ ގާތް ތިން އެކުވެރިންގެ ތެރެއިން އެކަކެވެ. ********************************** ތެޅެމުން ފޮޅެމުން ކުލާހަށް ވަދެގެން އައި ޝަދަފްގެ މޫނުމަތީގައި ވަނީ ނިދީގެ އަސަރެވެ.އައިގޮތަށް އައިސް ޝަދަފް އެރީ ޑެސްކު މައްޗަށެވެ.ކަންނެތް ކަމާއެކު ގޮނޑިއަށް ދޫކޮށްލި ދަބަހުގައި އަލްޔަޝް ހިފަހައްޓާލިއެވެ.”ނިދާލަން ސަޅި ދުވަހެއް ބްރޯ”ޝަދަފް އަލްޔަޝް އަށް ބުނެލިއެވެ.”މަ މަންމަ އާހެދި ކުލާހަށް މި އައީވެސް….ބައްޕަވެސް ހީވަނީ މަ ނިދަން އޮވެދާނެތީ އެހެން ކަމެއްހެން” ޝަދަފްގެ ހިތުގައި އޭނަގެ މަންމަ އާ ބައްޕަ އަށް ވީ ނުރުހުން ފާޅުކޮށް ލިއެވެ.އެއާއެކު ހީވީ އަލްޔަޝްގެ ހިތުގައި ނޭނގޭ އަތަކުން ވިކާލިހެންނެވެ.ހިނދުކޮޅަކަށް ނަމަވެސް އެމޫނުމަތީވި ރީތި ހިނިތުންވުން ފިލައިގެން ދިޔައީއެހެންވެއެވެ.ޝަދަފްގެ އެ ޖުމްލަތަކުންނެވެ. (ނުނިމޭ)
ތުނިކޮން ވެހެމުންދިޔަ ވާރޭގެ ތިކިތައް އަލްޔަޝްގެ ގައިގައި ބޮސްދެމުން ދިޔައެވެ.ފަޒާގައި ހިފާލާފައި ވަނީ ހަމައެކަނި ވައިގެ ބޫން އަޑެވެ.މަގުގެ ދެފަރާތުގައި ހެދިފައިވާ ބިޔަ ގަސްތައް ވަޔާއެކު ނަށާލާއިރު ހީވަނީ އަލްޔަޝްއަށް ހަނާއަޅާލާ ހެންނެވެ.ނަމަވެސް މި އެއްވެސް ކަމަކަށް އަލްޔަޝް ގެ ސަމާލުކަން ހުރިހެނެއް ހިއެއްނުވެއެވެ.އެރީތި ދޮން މޫނަށް ވެރިވެފައިވަނީ މާޔޫންކަމާއި ހިތާމަވެރިކަމުގެ އަސަރުތަކެވެ.އަލްޔަޝްގެ ދެމިލާފައިވާ ހެޔޮވަރުގެ އިސްކޮޅާއެކު ލިބިފައިވަނީ ކަސްރަތީ ރީތި ހަށިގަނޑެކެވެ.ހަމުގެ ކުލަ އަލިވެފައި ދޮންއިރު ލިބިފައިވާ ކަޅުކަންގަދަ އެރީތި ބުމައިން އޭނާގެ ފިރިހެންވަންތަކަން އިތުރަށް […]