އައްސަލާމު ޢަލައިކުމް. މިއީ އަޅުގަނޑު އޮންލައިންކޮށް ލިޔާ ފުރަތަމަ ވާހަކައެވެ. މިވާހަކައިގެ ފުރަތަމަ ބައި މާދަމާގެ މެންދުރުފަހު ތިޔަ އެންމެހާ ލޮބުވެތި ކިޔުންތެރިންނާއި ހަމައަށް ފޯރުކޮށްދެވޭނެ ވާަހަކަ ދަންނަވާލަމެވެ. މައީ އަޅުގަނޑުގެ އަމިއްލަ ޚިޔާލުތަކުގެ މައްޗަށް ބައްޓަންކޮށް ލިޔާ ވާހަކައަކަށް ވާތީވެ މިވާހަކައިގައި ހިމެނޭ އެއްވެސްކަމަކީ އެއްވެސް ފަރާތެއްގެ ދިރިއުޅުމާއި ގުޅުވައިގެން ހާމަކޮށްފައިވާ ކަމެއް ނޫންކަމަށާއި އެފަދަ ކަމެއް ދިމާވެފައިވާނަމަ އެއީ އިއްތިފާޤެއް ކަމުގައި ދަންނަވާލަމެވެ. ކިޔުންތެރިންގެ ފަރާތުން ހުށަހަޅާ ޚިޔާލުތަކަށް އަޅުގަނޑު އަބަދުވެސް އުފަލާއެކު މަރްޙަބާ ކިޔާނެކަމަށްވެސް މި ފުރުސަތުގައި ފާހަގަކޮށްލަމެވެ. -އިޝާ-
އެވަގުތު ގޭގެ ބެލް އަޅާލި އަޑު އިވުމުން އެންމެން ހިމޭންވިއެވެ. “ކާކުބާ؟” ބޮލުގައި ސުވާލުމާކެއް ޖަހައިގެންހުރެ އިޝްޔާ ދޮރުހުޅުވަން ދިޔައެވެ. “ސަޕްރައިޒް!” ދޮރު ހުޅުވަލި ވަގުތު ދޮރުމަތީގައިހުރި އައިހަމް ކާމޭޒުކައިރީ ތިބި އެންމެނަށްވެސް އިވޭވަރަށް ހަޅޭއްލަވައިގަތެވެ. އެއަޑަށް އިލްފް އުރާލައިގެން ހުރި އިޝްރާއަށް ސިހިފައި ދޮރާއި ދިމާއަށް ބަލައިލެވުނު ވަގުތު ދޮރުމަތީގައި ހުރި އައިހަމް ފެނިފައި އެ ރީތި ދެތުންފަތް މަތިން ފަނޑުނުވާ ހިނިތުންވުމެއް ދުވެލިއެވެ. “ބަލާބަަލަ އުޅޭލެއް ވަގުކަން. އަންނަން އުލޭއިރު އަންގާވެސް ނުލައެއްނު!”އައިހަމްގެ ގައިގައި ބޮނޑިއެއް އަޅާލަމުން އިޝްރާ ކުސްތަޅާލިއެވެ. އައިހަމް އަކީ އިޝްރާގެ ބޮޑުދައިތަ އަލީނާގެ ހުރި ހަމައެކަނި ދަރިފުޅެވެ. އައިހަމް ވިހެއުމަށްފަހު އަމީނާ ނިޔާވިދުވަހުންފެށިގެން އިޝްރާގެ މަންމަ އަލީޒާ އައިހަމް ގެންގުޅުނީ އަމިއްލަ ދަރިއެއް ފަދައިން މައެއްގެ ފަރާތުން ލިބެންވާ އެންމެ ފުރިހަމަ ލޯތްބާއި އޯގާތެރިކަން ދީގެންނެވެ. އެކުދިންގެ އުމުރުގައި ހުންނަނީ 2 މަސްދުވަހުގެ ތަފާތެއްކަމުން ދެކުދިންވެސް ބޮޑުވަމިން އައީ އެކުއެކީގައެވެ. އެހެންކަމުން ދެކުދިންގެ މެދުގައިވެސް އުފެދިފައިވަނީ ދެބެއިންގެ ދެމެދުގައި ވާފަދަ ވަރުގަދަ ލޯބިވެތި ގުޅުމެކެވެ. “ހެހެ! އިޝް އަދިވެސް ބޮޑެއް ނުވޭދޯ! ހަމަ އިޝްއަށް ސަޕްރައިޒެއް ދޭންވެގެން މުބުނެ މިއައީ! އިނގޭވިއްޔާ މިގޭ ކޮންމެ މީހަކު ގާތުގައި ބުންޏަކަސް އިޝްއަށް އެނގޭނެކަން! އެހެންވެގެން އެކަކު ގާތުގައިވެސް ނުބުނީ! ހެހެ.” ހިނިގަނޑެއް ޖަހާަލާ އިލް ފްގެ ކޮލުގައި ހިފާލަމުން އައިހަމް ބުނެލިއެވެ. އަދި އިޝްރާގެ އުރުގައި އިން އިލްފް ނަގައި އުރާލިއެވެ. ‘މިއީ ޔައްތަގެ ދޯ؟” އިޝްޔާ ތަށިތައް ދޮވެލާ ނިންމާފައި އައިސް އެތަނަށް ހުއްޓިލި ވަގުތު އައިހަމް އަހާލިއެވެ. “ދޮންތަގެ ނޫނިއްޔާ ކާކުގެ ދަރިއަކަށް މި ވާނީ؟” އިޝްޔާއަށް ޖަވާބެއް ދެވުމުގެ ކުރިން އިޝްރާ އައިހަމާއި ދިމާލަށް ބުނެލިއެވެ. އެވަގުތު އަޝްޔާއާއި ދިމާލަށް ނިކަން ރަނގަޅު އެއްޗެއް ބުނެލަން އައިހަމްގެ ހިތަށް އެރިއެވެ. “އިޝްވެސް ތިހުރީނު!” ގެއްސުމުން ފުރިގެންވާ ވާފަދަ ލާނެތް ރާގަކަށް އައިހަމް ބުނެލިއެވެ. “މިއޮއް ކުޑަކުޑަ ސޮރު ކޯއްޗެއް މަށާ ދިމާލަށް ކިޔާނަމޭ ހިތައްއަރުވައިގެން އުޅޭ ދުވަހެއްތަ މީ؟ އޭނ! ދޭ ހަމަމިހާރު ދޭ ތި ފޮށ ކޮޓަރިއަށް ލާފައި އަންނަން! ދޮންކަލޯ އުޅުނު ކޮޓަރި އަދިވެސް ހުންނާނެ ދޮންކަލޯއަށް!” އައިހަމްގެ ކަންފަތުގައި ހިފާ އަނބުރާލުމަށްފަހު އިލްފް އަތުލައި އިޝްޔާ އަތަށް ދެމުން އިޝްރާ ބުނެލިއެވެ. އައިހަމްވެސް އިތުރު އެއްޗެކޭ ބުނުމެއްނެތި ފޮށި ދަމަމުން ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެއްސެވެ. “ކޮންއިރަކުންތަ ލައިބްރަރީއަށް ފޮތްތައް ލާން ދަނީ؟ ބުނީމެއްނު މިއަދު 11ގެ ކުރިން ލާންގެހެއޭ! މިހާރު އެއޮއްގެން 10 ގަޑި 15 ވީނު!” ނިދިބުރާންތިކަމުގައި އާފުރިފުރި އިން އިލްފް ގޮވައިގެން އެމީހުންގެ ކޮޓަރިއާއި ދިމާއަށް މިސްރާބު ޖަހަމުން އިޝްޔާ އަހާލިއެވެ. “އިރުކޮޅަކުން ލުބޫ އަންނާނެ! ލުބޫއާއި އެއްކޮށް ދާނީ!” ރީތި ހިނިތުންވުމެއް ދޮންތައަށް ހަދިޔާކުރަމުން އިޝްރާ ބުނެލިއެވެ. “އޯކޭ! ދޮންތަ މިދަނީ އިލްފް ނިންދަވަން! ދާއިރު އައިއްކޮ ގޮވައިގެން އިނގޭ ދާނީ!” އިޝްޔާ ކޮޓަރިއަށް ވަދެ ދޮރުލައްޕާލަމުން އިޝްރާއަށް އަންގާލިއެވެ. އިޝްރާ ބޯޖަހާލިއެވެ. އެވަގުުތު އެތަނަށް އައިސް ހުއްޓިލި އައިހަމް ފެނިފައި އިޝްރާ ސިއްސައިގެން ދިޔައެވެ. “އަޅޭ މަ މީ ޖިންނިއެއްތަ މަ ފެނުނީމައި ސިއްސައިގެންދާން؟” އައިހަމް އެހެން ބުނުމުން އިޝްރާ އައިހަމް ކޮއްޕާ ސޯފައަށް ވައްޓާލިއެވެ. ހެވިފައި އިނދެ އައިހަމް ޓީވީ ރިމޯޓް ނަގައި ޗެނަލް ބަދަލުކުރަންފެށިއެވެ. “އޭ މީހަކު ގޭގެ ދޮރުގައި ބެލްޖަހައިފިއްޔާ ހުޅުވާތި! އިޝް ކޮބާހޭ ބުނެފިއްޔާ އިޝްގެ ރޫމަށް ފޮނުވާލާ! އޯކޭ ލިޓްލް ބްރޯ!” ކޮޓަރިއައި ދިމާއަށް ހިނގައިގަންނަމުން އިޝްރާ އައިހަމަށް ބުނެލިއެވެ. “އުހުން! އޯކޭއެއްނޫން! އަހަރެން މީ އިޝްގެ ހާއްސަ މެއިޑެއްނޫނޭ މިހާ އަރާމުގަ އޮއްވާ ތިހެން އިޝް ބޭނުންވާ ކަމެއް ކުރުވާން ބުނާކަށް!” އައިހަމް ބާރަށް ބުނެލިއެވެ. ޖެއްސުމަށެވެ. އިވުނު އަޑުން ހަތައަކާއި ކުޅުނީމައި އައި ކުޅަނދުރެއްހެން އިޝްރާ އައެވެ. “އަދި އެއްފަހަރު ބުނެބަލަ ތިހެން! މިފަހަރު ރަނގަޅަށް އަރާމުގައި ބާއްވަދޭނަމޭ!” އަރައިގެންހުރި ފައިވާކިބަ ފައިން ދަމައިގަނެ އައިހަމް އާއި ދިމާލަށް މަޅާލަމުން އިޝްރާ ބުނެލިއެވެ. “ނޯނޯ! އިޝް ދޮންތި ޕްލީސް ނުޖަހާތި! ތިބުނި ގޮތައް ހަދާނަމޭ! ސޮރީއޭ! ސޮރީ ސޮރީ!” އައިހަމް އޭނާގެ ދެކަންފަތު ފޫޅުގަނޑުގައި ހިފާފައި ބުނެލިގޮތުން އިޝްރާއަށް މަޖާވެގެން އެނބުރި ކޮޓަރިއަށް ދިޔައެވެ. އައިހަމްވެސް ހިނިއައިސްފައި އަނެއްކާވެސް ސޯފާގައި އިށީން ވަގުތު ބެލްޖަހާލުމާއެކު އިޝްރާގެ ކޮޓަރިން “އައިހަމޫ ދޮރުހުޅުވާ”ށޭ ކިޔާ އިޝްރާ ހަޅޭއްލަވައިގަތް އަޑަށް ސިހިފައި އައިހަމަށް ސޯފާއިން ތެދުވެވުނެވެ. (ނުނިމޭ)