5 އަހަރު ކުރި … އަހަންނަށް ތައްޔާރު ވެވޭނެ އެންމެ ފުރިހަމަ އަށް ތައްޔާރު ވެވުމަށްފަހު ލޯގަނޑު ކުރިމަތީ ހުރި އަހަރެންގެ ސޫރައަށް ބަލާލީމެވެ. އެހިނދު އެތަކެއް ޝަކުވާއެއް އަހަރެންގެ ހިތުތެރޭ އެނބުރި ގަތެވެ. އަހަރެންގެ އުމުރުގެ އެހެން ކުދިން ފަދައިން އަހަރެން ރީތި ނޫނީ ކީއްވެހެއްޔެވެ؟ ހާމުގެ ކުލަ ކަޅު ވެފަ އަހަރެންގެ މުޅި މޫނު މަތީ ބިހި ނަގާފައި ހުއްޓެވެ.ކިތަންމެ ރީތި ވާން މަސައްކަތް ކުރިޔަސް އަހަރެން ރީއްޗެއް ނޫނެވެ. ކްލާހުގައި އުޅޭ އެއްމެން ކުދިން ކުދިންނާއި ރައްޓެހި ވެގެން އުޅޭ އިރު އަހަރެންނާއި އަނގައިން ބުނެލާނެ ފިރިހެން ކުއްޖެއް ވެސް ނުވެއެވެ. މިރޭ އަހަރެން ތައްޔާރު ވެގެން މިހުރީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ 18 ވަނަ އުފަންދުވަހުގެ ޕާޓީއަށް ދާށެވެ.އެހެނަސް އަހަރެންނަށް އަހަރެންގެ ފުށުން އެންމެ ރީތި ކަމެއްވެސް ނުފެނުނެވެ. މިރޭވެސް އެންމެންގެ މަލާމާތާއި އަހަރެން ކުރިމަތިލާން ޖެހޭނެ ކަން ގައިމެވެ. އެހެނަސް ހިތްވަރު ކޮށްލާފައި އަހަރެން ސާނީގެ ގެއަށް ދިއުމަށް ހިނގައިގަތީމެވެ. އަހަރެން ހީކުރި ވަރަށް ވުރެ ޕާޓީގައި މީހުން މަދެވެ. ކުރިމައްޗަށް ވައްޓާލެވިފައިވާ އަހަރެންގެ ޝޯލްގެ އެއް ކަނުގައި ހިފަހައްޓައިގެން އަހަރެން އިނީ އެތަނުން ދެވޭނެ އިންތިޒާރެއްގައެވެ. މީހުން ކިތަންމެ މަދަސް ނުދަންނަ ބައެއްގެ ތެރޭގައި އެހާ ގިނައިރު އިންނަން އަހަރެން ހުރީ ޖެހިލުންވެފައެވެ. ބައެއް ފަހަރު އެންމެން އަހަރެންނާއި ދިމާލަށް ބަލާހެންވެސް ހީވެއެވެ. އަހަރެންނޭ ކިޔައިގެން ޖެހިގެން ހުންނަ މީހާ ކައިރީ ސިއްރުން ވާހަކަ ދައްކާހެންވެސް ހީވެއެވެ. އެކަހަލަ ހިޔާލުތަށް ކުރެވެން ފެށުމުން އަހަރެން ބަލާ އަންނާނެ ކަމަށް ބުނި އަހަރެންގެ ކުޑަ އިރުން ފެށިގެން އެކުވެރި ރާވީގެ ފޯނަށް ގުޅާ ލަސްވާތީ ޝަކުވާ ކޮށްލީމެވެ. ” ކޮބާތަ. މިހާރު ކޮންއިރެއް މި އަންނަނީ މި އަންނަނީ އޭ ކިޔާތާ. އެކަނި ދަނީ ދެން މި.” އަހަރެން ހާސްވެފައި ހުރިވަރުން ފަތިވަރަކަށް ހުރިހާ އެއްޗެއް އަމުނާލީމެވެ. ” މި އައީއޭ. އަސްލު ފްރެންޑެއް ގޮވައިން އަންނާތީ ލަސްވީ. ނިކުމޭ އިނގޭ.” މިހެން ބުނުމަށްފަހު ރާވީ ފޯނު ކަނޑާލިއެވެ. އަހަރެން ބުނާނެ އެއްޗެއް އަޑު އަހާކަށް އޭނާ މަޑެއް ނުކުރިއެވެ. ނުދަންނަ މީހަކު ގޮވައިން އައުމުން އަހަރެން ހިތްހަމަ ނުޖެހޭނެކަން އޭނާއަށް ރަނގަޅަށް އިނގޭނެއެވެ. ވީއިރު އޭނާގެ ރައްޓެއްސެއް ގޮވައިން އެއައީ ކީއްކުރަން ހެއްޔެވެ؟ ގެނައި ދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު އަހަރެން ހަލުވި ފިޔަވަޅު ތަކާއެކު އެގެއިން ނިކުތީ އައިސްފައިވާ ރުޅީގެ ބޮޑުކަމުން ސާނީ ކައިރީ ދަނީ އޭ ވެސް ބުނެ ނުލައެވެ. އެގޭ ދޮރުމަށްޗަށް ނިކުމެ ދެފަރާތް ދެފަރާތް ހޯދާލުމަށްފަހު ރާވީ ފެނުމުން އޭނާ ހުރި ދިމާލަަށް އަހަރެން ބާރަށް ހިނގައިގަތީމެވެ. އޭނާ އާއި ދިމާލަށް އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު އޭނާ ކައިރީ ހުރި ޒުވާނާ ފެނި ބުނަން އުޅުނު އެތި ވެސް އަހަރެން ހަނދާން ނެތުނެވެ. އަރުތެރެ ބެދުނު ކަހަލަ އިހުސާސެއް ކުރެވުނެވެ. ކަޅި ޖަހާނުލާ އެ ސޫރައަށް ބަލަން އަހަރެންނަށް ހުރެވުނެވެ. ދިގު އިސްކޮޅެކެވެ. ހަމުގެ ކުލަ ދޮން ނޫނަސް ރީއްޗެވެ. ޒަމާނާ އެއްގޮތަށް ސްޓައިލްކޮށް ލެވިފައިވާ އިސްތަށިގަނޑެކެވެ. ގަމީހުގެ އަތްކުރި އުޅަބޮއްޓާ ހަމައަށް އޮޅާލެވިފައިވާއިރު ފެޝަނަށް ލޯބިކުރާ ކުއްޖެއްކަން ކިތަންމެ ރީއްޗަށްވެސް އިނގެއެވެ. އަހަރެން ބަލަން ހުރިކަން އިނގިގެން ކަންނޭގެއެވެ. ފޯނާ ކުޅެން ހުރި އެ ޒުވާނާ ފޯނުން ނަޒަރު ވަކި ކޮއްލާ އަހަރެންނާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. މަޑު ބްރައުން ކުލައިގެ އެ ދެލޮލުގެ އެތެރަށް އަހަރެން ފީނައިގެން ފަދައެވެ. ” ހާދަ ވަރަކަށް ތި ބަލަނީ …” ރާވީ އަހަރެންނާ ދިމާކުރާ ރާގަކަށް އެހެން ބުނެލިއެވެ. އަހަރެންނަށް ހޭވެރިކަންވެ ހަމަބިމަށް ފޭބުނީ އެއަޑަށެވެ. އޭރު އެ ޒުވާނާވެސް ހުރި ހިނިއައިސްފައެވެ. ހީލާ އިރު އޭނާގެ ކޮލަށް އެ އެޅޭ އަޑިކޮޅުން މީހާ އިތުރަށް ފުރިހަމަ ވެފައި ރީތި ކަމަށް ދައްކައެވެ. ” ޖުމާ، މީ ރައުލް. ރައުލް، ޖުމާ ” ރާވީ އަހަރެމެން ދެމީހުން އެކަކު އަނެކަކަށް ތައާރަފު ކޮށްދިނެވެ. ” ރައުލް…” އަހަރެން ހިތާއިހިތުން އެނަން ކިޔާލީމެވެ. ގައިމެވެ. ފިރިހެނެއްފެނި މިވަރެއް އަދި އަހަރެންނެއް ނުވަމެވެ. ކީއްވެކަމެއް ހުދު އަހަންނަކަށްވެސް ނޭނގެއެވެ. ހިނިތުންވެލަމުން އަހަރެން އެދެމީހުންނާއިއެކީ ގެއަށް ދާން ހިނގައިގަތީމެވެ. ޔަގީނެވެ. ތަގުދީރު ގައި އަހަރެމެން ދެމީހުންގެ ވާހަކަ ލިޔެވިފައިވާގޮތް އަހަރެންނަށް ކުޑަ ކޮށްވެސް އިނގުން ނަމަ އަހަރެން އަހަރެންގެ ބަސްނާހާ ހިތް މައްޗަށް ބާރު ފޯރުވީހެވެ.
މާގަޑުން ހޯސް ލާފައި ފެންތައް އޮހެމުން އަހަރެންގެ ގައިގައި ބީހެމުން ދެއެވެ. އެއާއި އެއްވަރަށް އަހަރެންގެ ރަތްވެ ދުޅަވެފައިވާ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަށް އެ ފެންތަކާއި އެކުވަމުން ދިޔައެވެ. ފިނިވެ ތުރުތުރު އަޅަ އަޅާ އިން އަހަރެންގެ ހިކި އަނަރޫފަ ފެވައިވާހަށިގަނޑު ބިލިގާ އެތެރޭއިން ފާރުގައި އަހަރެން ލައްކޮށްލީމެވެ. ދެފައި ގެނެސް މޭގައި ލައްކޮށްލާ ދެއަތުން ބައްދާލީމެވެ. ތުރުތުރު އަޅަމުން ދިޔަ އަހަރެންގެ އަތު ތެރޭ އޮތް ކަޓަރު ތިލަޔަށް އަހަރެންގެ ނަޒަރު ހިންގާލީމެވެ. ކުރެވެންމިއުޅެނީ ރަގަނޅު ކަމެއް ހެއްޔެވެ؟ މިނޫން ހަމަ އެއްވެސް މަގެއް އަހަރެންނަށް ނެތީ ހެއްޔެވެ؟ ރޮވެމުން ގިސްލެމުން ދިޔަ ހާލު އަހަރެން އަމިއްލަ ނަފުސަށް އަދި އެއްފަހަރު ނަމަވެސް ވިސްނައިދެވޭތޯ މަސައްކަތަ ކުރީމެވެ. އެހެނަސް އަހަރެންގެ ދިރިއުޅުން ލޯ ކުރިމަތީ ސިފަ ވަމުން ދިޔައެވެ. ކުށެއް ނެތް އަހަރެން ގެ ހަޔާތް އެފުށް މިފުށަށް ޖެހުނު ގޮތް ހަނދާން ވަމުން ދިޔައެވެ. ކުށެއް ވާނަމަ، އަހަރެންގެ ކުށަކީ އިންތިހާ އަށް ލޯބި ވެވުމެވެ. އެ ލޯބީގައި އަހަރެން ގެ އަމިއްލަ ނަފްސު އަހަރެންނަށް ގެއްލުމެވެ. އެ ހުރިހާ ހިޔާލުތަކެއް އަހަރެން ގެ ސިކުނޑި ވަށާލުމާއިއެކީ އަތުގައި އޮތް ތިލަ ބިލިގާ ތެރެއަށް ހޫރާ ލުމަށްފަހު މޫނުގައި ދެއަތް ވަށާލާ އިހުނަށް ވުރެ ބާރަށް އަހަރެން ގިސްލާ ރޯން ފެށީމެވެ… މިއީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ.. އެހެންވީމަ މިސްޓޭކްސް ހުރެދާނެ އިންގޭ.. ވާހަކަ ކަމުދާނަމަ ނުވަތަ ހިޔާލެއް ވާނަމަ ކޮމެންޓް ކޮށްދެއްވާ.. މިއީ ހަގީގީ ހާދިސާ ތަކެއްގެ މަށްޗަށް ބިނާކޮށް ލިޔާ ވާހަކައެއް..