ވަރުދާ-3
”އެތެރެއަށްވަދޭ” އާމިނާ އެންގިއެވެ. އަފާފް ވަރަށް ދެރަވެފައި ގޭތެރެއަށް ވަނެވެ. ”ހެދުން ބަދަލުކޮށްގެން ދާންވާނީ” އާމިނާ ގޮވައިލިއެވެ. އެ ހިސާބުން އަފާފް ހުއްޓިއްޖެއެވެ.ވަރަށް އުފާވެއްޖެއެވެ.އަފާފް ގޮސް ޅަކުއްޖެއްހެން މަންމަ ގައިގައި ބައްދައިލިއެވެ.
އިޙްތިޔާރަކާއި ނުލައި އަލްތާފްއަށް ބުނެވުނު ބަހަކުން އަލްތާފް ލަދުގަތްކަމަކު އޭނަ އުފާވެސްވިއެވެ. ދެވަނަފަހަރަށް އެ އަންހެންކުއްޖާ ފެނުނީމައެވެ. ބައްދަލުވެވުނީމައެވެ. އެ ކުއްޖާ އަލުން ފެނިދާނެކަމަކަށް އަލްތާފް ހިއެއްނުކުރެއެވެ. އަދި އޭނަޔާއި ވާހަކަދައްކަން ކެރޭނެކަމަކަށްވެސް ހިއެއްނުކުރެއެވެ. އާއެކެވެ. މާގިނަވާހަކައެއް ނުދެއްކެއެވެ. އެކަމަކު ވާހަކަދެއްކިއްޖެނޫންހެވެ.
ސައުދާގެ އެކުވެރިއެއްކަން އެނގިއްޖެއެވެ. ނަން އެނގިއްޖިއެވެ.
ނަމަކި ވަރުދާއެވެ. މާނައަކީ ފިނިފެންމަލެވެ. އެފަދަ ރީތި އަންހެންކުއްޖަކަށް ކިޔަން އެހައި ފުރިހަމަނަމެއް އެނޫނީ ކޮބައިހެވެ. އަލްތާފް ސައުދާގެ ގެއިން ނިކުމެ މިހާރު އެދަނީ އޭނަގެ ގެޔަށެވެ. ކުޑަކުދިންނާއި ޒުވާނުންނާއި އަންހެނުންނާއި ފިރިހެނުން މަގުތައްމަތީ ކުލަކުޅެން އުޅޭތަން އެހެންދާއިރު ފެނެއެވެ. ވަކި ހިސާބަކަށް އަލްތާފްއަށް ދެވުނުތަނާ އަންހެނުންގެ ބަޔަކު އޭނަގެ ގަޔަށް ކުލަޖެހިއެވެ. އަލްތާފް ހިތަށްއެރިއެވެ. ހެދުން ބަދަލުކުރެވުނުކަން ނަސީބެވެ.
އަލްތާފްއަށް ގެޔަށް އާދެވިއްޖެއެވެ. ގޭގައި މީހަކު ނޫޅެއެވެ. އަލްތާފް ހިތަށް އެރިއެވެ. މަންމައާއި ކޮއްކޮ ކޮބައިބާވައެވެ. ގޭތެރެ ހޯދައި ހޯދައި އެމީހުންނެއް ނުފެނުނެވެ. އަލްތާފް އަނެއްކާވެސް ފެންވަރައިލައި ކުރިންލީ ގަމީސްލިއެވެ. އަދި އަނަސްއަށް ގުޅައިލިއެވެ. “ހަލޯ އޭ މަށަށް އަނެއްކަ އޭނަ
ފެނިއްޖެ” އަލްތާފް ބުނެލިއެވެ. “ކާކު؟” އަނަސް އެހިއެވެ.
“މިސްކިތުން ދުށްކުއްޖާ މިއައީ އޭނަޔާއިއެކު ސައިބޮއެގެން”
އަލްތާފް ބުނެލިއެވެ. ” ކީކޭ ސައިބޮއެގެންނޭ” އަނަސްއަށް އަހައިލެވުނެވެ. ދެން އަލްތާފް ހުރިހާ ވާހަކައެއް ރަގަޅަށް ކިޔައިދިނެވެ. އަނަސް ހިނިގަނޑެއްޖަހައިލިއެވެ.
“ދަރިފުޅާ” އާމިނާ އަލްތާފްގެ ކޮޓަރި ދޮރުހުޅުވައި އެތެރެއަށް ވަނެވެ. ” މަންމަ ކޮންތާކުން ތިއައީ ؟ ކޮބާ ކޮއްކޮ؟” އަލްތާފް އެހިއެވެ. ” މަންމަ މިއައީ ފިހާރައިން ކޮއްކޮވީ ކުލަކުޅެންގޮސް” އާމިނާ ޖަވާބުގައި ބުނެލިއެވެ.
އީދުގެ ދެވަނަދުވަހެވެ. އަލްތާފް އާއި އަފާފް އަދި އާމިނާ ހުރީ ރޯދައަށެވެ. އަލްތާފް ފެންވަރައިލައި ފެހިކުލައިގެ ގަމީހެއްލައި ރީތިވެލައިގެން މެންދުރުނަމާދަށް ދިޔައެވެ. އަލްތާފްއަށް ދެވުނީ މާއަވަހަށެވެ. އެހެންކަމުން ޙަތިމެއްނަގައި ކީރިތި ޤުރުޢާންގެ މޫރިތި އާޔަތްތައް ކިޔަވައިލިއެވެ. ދެން ބަންގި ގޮވަންފެށުމުން ނަމާދަށްއެރިއެވެ. މެންދުރުނަމާދުގެ ޖަމާޢަތުންނިމިގެން ގެޔަށް އަންނަނިކޮށް އަލްތާފްއަށް ސައުދާއާއި ވަރުދާ މަގުމަތިން ހިނގައިފައި ދާތީ ފެނުނެވެ. އެ ދެ މީހުންނަށްވެސް ފެނުނެވެ. ވަރުދާ އަލްތާފްއަށް ބަލައިލައިފައި ހީނލިއެވެ. “އަލްތާފް” ސައުދާ ގޮވައިލިއެވެ. އަލްތާފް އެދެމީހުން ކައިރިޔަށް ދިޔައެވެ.
“ސައުދާ ކޮންތާކަށް ތިދަނީ؟” އަލްތާފް އެހިއެވެ. ” މިދަނީ ފިހާރައަކަށް” ސައުދާ ޖަވާބުދިނެވެ. ” ވަރުދާ ” ވަރުދާއާއި ދިމަ ބަލައިލައިފައި އަލްތާފް ގޮވައިލިއެވެ. އަލްތާފް ގޮވައިލުމުން ވަރުދާއަށްވެސް އަލްތާފްއާއި ދިމަ ބަލައިލެވުނެވެ. އަލްތާފްއަކަށް އިތުރު އެއްޗެއް ބުނާކަށެއް އަދި އަހާކަށެއް ނުކެރުނެވެ. ބުނާނެ އަހާނެ އެއްޗެއް ނުވެސް އެނގުނެވެ. ވަރުދާގެ ރީތި ދޮން މޫނަށް އަލްތާފްއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެ މޫނު ހީވަނީ އަލި ވިދާ ހަނދެއްހެންނެވެ. ވަރުދާއަށްވެސް އަލްތާފްއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ލޮލާއި ލޯ ދިމާވީއެވެ. ހަތަރުކަޅި ހަމަވީއެވެ. އަލްތާފް ހިތަށް އެރިއެވެ. މިއީ އެކުއްޖާއެވެ. މިއީ ﷲ އަހަރެންނަށް އިޙްތިޔާރުކުރެއްވި ކުރިމަގުގައި އަހަރެންގެ ހަޔާތުގެ ބައިވެރިޔާއެވެ. އެހެންނޫންނަމަ އެތައްފަހަރު ތަކުރާރުކޮށް މި އަންހެންކުއްޖާ ފެނި ބައްދަލުވެވެންވީ ކީއްވެހެއްޔެވެ؟. އިއްޔެވެސް ދެ ފަހަރު ފެނުނެވެ. ފުރަތަމަ ޢީދުނަމާދަށް މިސްކިތަށް ގޮސް އުޅެނިކޮށް މިސްކިތުންނެވެ. ދެން ހަމަ އެދުވަހު އެކުވެރިއެއްގެ ގެޔަށް ސައިބޯންދިޔައިރު އަހަރެންނަށް އެގެޔަށް ދެވުނީ ވަރުދާ އެގޭގައި އިންދައެވެ. މިއަދު މިފެނުނީ މިސްކިތުން އަންނަނިކޮށްނެވެ. މިއީ ޢިއްތިފާޤެއްނޫނެވެ. އަހަރެން އެހެންޏާވެސް ޢީދުނަމާދަށް ދަމެވެ. އެފަދަ ރީތި އަންހެންކުއްޖެއް ލޮލުގައި އަޅައިގެންފައެއްނެތެވެ. އީދުސައިތަކަށް ދަމެވެ. ގެއެއްގައި އެހައި ރީތި އަންހެންކުއްޖަކު ސައިބޯކަށެއް ނީނދެއެވެ. މިސްކިތަށް ދާއިރުވެސް މިސްކިތުން އަންނައިރުވެސް ރީތި އަންހެންކުއްޖަކު ނުދެކެމެވެ. އިރުއިރުކޮޅައި ވަރުދާއާއި މިދިމާވަނީ ކީއްވެހެއްޔެވެ؟ ވަރުދާ ފެންނަން އެދެވެނީ ކީއްވެހެއްޔެވެ؟ ވަރުދާ ފެނުމުން އުފާވަނީ ކީއްވެހެއްޔެވެ؟
ސައުދާ ކަރުކެހިލިއެވެ. އެއަޑަށް ދެމީހުން ސިހުނެވެ. ލަދުގަނެވުނެވެ. ”އަނެއްކާ ތި ދެމީހުން… ސައުދާ ބުނީ އެހިސާބަށެވެ. “ކީކޭތަ ކިޔަން ތިއުޅެނީ؟ ހިނގާ ފިހާރައަށް” ވަރުދާ ސައުދާގެ އަތުގައި ހިފިއެވެ. ދެމީހުން އަލްތާފްއާއި އެހިސާބުން ވަކިވެއްޖެއެވެ. އަލްތާފްވެސް ގެޔަށް މިސްރާބުޖެހިއެވެ.
” މިހާރު ވަރުދާއާއި އަލްތާފްއާއި ދެމީހުން ރައްޓެހިތަ؟” ވަކި ހިސާބަކަށް ދެވުމުން ސައުދާއެހިއެވެ. ” އީދުދުވަހު ތިގޭގައި ސައިބޯން އިންދައި އަހަރެންކައިރީގައި އޭނަ އެހި ކޮންނަމެއްހޭ ކިޔަނީ؟ ދެން އަހަރެން ނަންބުނިން” ވަރުދާ ބުނެލިއެވެ. ” އިތުރު އެއްޗެއްނުބުނޭތަ” ސައުދާ އެހިއެވެ. ” އިތުރުއެއްޗެއް ބުނިހެން ހީވި” ވަރުދާ ބުނެލިއެވެ. “ކޯންޗެއް؟” ސައުދާ އެހިއެވެ. ” އަހަރެންނަށް ހީވި އަހަރެންނާއި ދިމާލަށް ތިއީ ހަމަ ފިނިފެންމަލެކޭ ބުނިހެން” ވަރުދާ ބުނެލިއެވެ. ” ކީކޭ؟” ވަރުދާ އެހެންބުނުމުން ސައުދާ ހައިރާންވިއެވެ. ހިތަށް އެރިއެވެ. އަލްތާފް އެހެން ހަމަ ބުނިބާވައެވެ؟.
ހަވީރުވަގުތެވެ. އާމިނާ އާއި އަފާފް ބަދިގޭގައި ރޯދަވީއްލަން ސައިހެދުމުގައި މަޝްޢޫލްވެއުޅެއެވެ. ސަޔަށް ހަދަނީ ހަވާދުލީބިހެވެ. އަލްތާފް ކޮޓަރީގައި ލެޕްޓޮޕުން އެސްފިޔައަށް ލޮގްއިންވެލައިގެން ރީތިވާހަކައެއް ކިޔަން އޮތެވެ. އަލްތާފް ދިވެހިވާހަކަތަކަށް ވަރަށް ލޯބިކުރެއެވެ. ދެންވާނީ ކިހިނެތްބާވައޭ؟ ދެންވާނީ ކިހިނެތްބާވައޭ ؟ ހިތަށް އަރަ އަރައި އަޑުނީއްވައި ހިތުން ވާހަކަ ކިޔަންއޮތެވެ. އަލްތާފްގެ ސަމާލުކަން ކެނޑުނީ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިދިން އަޑަށެވެ.” ހުޅުވައިފައި ވަދޭ” އަލްތާފް ގޮވައިލިއެވެ. އެމީހަކު ދޮރުހުޅުވައި އެތެރެއަށްވަނެވެ. އެމީހަކީ ސައުދާއެވެ. ސައުދާ އަލްތާފްކައިރީގައި ބެޑްމަތީގައި ޖައްސައިލިއެވެ. ” ވާހަކަ ކިޔަނީތަ؟” ސައުދާއެހިއެވެ. އަލްތާފް އާއެކޭ ބުނެލިއެވެ.
“ޔޫ ލައިކް ވަރުދާ ރައިޓް؟” ސައުދާ އެހިއެވެ. ސައުދާ އެހެންބުމުން އަލްތާފްއަށް ހައިރާންވެ ސައުދާއާއި ދިމައަށް މޫނު އަނބުރައިލެވުނެވެ. “ލައިކްވޭދޯ؟” އަލްތާފް އެއްޗެކޭ ނުބުނުމުން އަނެއްކާވެސް ސައުދާއެހިއެވެ. އަލްތާފް ހިތަށް އެރިއެވެ. ސައުދާއަށް އެކަން އެނގުނީ ކިހިނެތްހެއްޔެވެ؟
“ކީއްވެ ތިހެން ތި އެހީ؟” އަލްތާފް އެހިއެވެ. “ތިއީ އަހަރެން ކުރި ސުވާލުގެ ޖަވާބެއްނޫން” ސައުދާ ބުނެލިއެވެ. ” އާނ އަހަރެންނަށް އޭނަ ކަމުދޭ” އަލްތާފް ބުނެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



Alhugandu ge vaahaka ah comment kurythy Shukuriyya Reesha Corona. Faadu kiyumaky libey kuri erumeh. Hehe. So ehchekey hiyyeh nukuran. Call me shimhaz?
Princess here is part three.