ދޫކޮށްނުލާނަމޭ ކަލާ 2 – 2
ޔަންްހާ އެންމެ ފުރަތަމަވެސް ކޮޓަރިއަށް ވަދެފައި އިސްތަށުގަނޑު ނަގައި އެނދު މައްޗަށް ވައްޓައިލިއެވެ. ޔަންހާ އުޅެނީ އިސްތަށިގަނޑެއް ޖަހައިގެންކަން އިނގެނީ ކިޔާރާއަށާއި ރުކައިންއަށާއި ދާއިންއަށާއި މާއިޝްގެ އިތުރުން ޔަލީނާއަށާއި އަޒްލާންއަށެވެ. ޔަންހާ ތުވާލި ހިފައިގެން ފާޚާނާއަށް ވަދެ ފެންވަރައިލައިގެން ނިކުމެ ޑްރެސިން ޓޭބަލް މަތީގައި އޮތް ފޯނުން ގަޑި ބަލައިލިއެވެ. އެއިރު ގަޑިން ހަތަރު ގަޑި ފަންސާސް ހަތެކެވެ! ޔަންހާ އަވަސްއަވަހަށް އިސްތަށިގަނޑުން ފެންހިއްކައިލުމަށްފަހު ހެޔާރ ޑްރައިއާރއަކުން އިސްތަށިގަނޑު ހިއްކައިލިއެވެ. އެއަށްފަހު އަލަމާރިން ކަކުލާއި ހިސާބަށްއަރާވަރުގެ ހުދު ކުލައިގެ ހެދުމެއްނަގައި އޭތި އިސްތިރިކޮށްލައިގެން ލިއެވެ. ދެން އެއަށްފަހު އޭނާގެ އިސްތަށިގަނޑުގައި ހުޅިއެއް ޖަހައިލުމަށްފަހު ކަޅުކުލައިގެ އިސްތަށިގަނޑު ޖެހިއެވެ. ދެން މޫނުގައި ފުއްކޮޅެއް ޖަހައިލުމަށްފަހު ތުންފަތުގައި ލިޕްގްލޮސްކޮޅެއް އުނގުޅައިލައި ފޯނު ހިފައިގެން ކޮޓަރިން ނިކުތެވެ. އެއިރު ރުކައިން ފޯނުން ލަވައެއް އަޑުއަހަން އިނެވެ.
“ރުކައިން! ހިނގާ ދާން! ފަސްގަޑި ފަނަރަވެއްޖެ މިހާރު!” ޔަންހާ ރުކައިންގެ ކޮނޑުގައި ކޮއްޓައިލަމުން ފޯނުގެ ލޮކްސްކްރީނުން ގަޑި ބަލައިލުމަށްފަހު ބުންޏެވެ.
“ޕިސް ޕިސް.. ސާބަސް ޔަންއަށް!” ރުކައިން ޕިސް ޕިސް ލައްވައިލިއެވެ.
“ވަޓް؟” ޔަންހާ ދެބުމަ ކައިރިކޮށްލަމުން އެއްސެވެ.
“އަދި ކިރިޔާ ހަތަރު ގަޑި ފަންސާހޭ!” ރުކައިން ސޯފާގެ ކުރިމަތީގައި ހުރި ޓީ.ވީގެ މަތީގައި ހުރި ގަޑި ދައްކައިލަމުން ބުންޏެވެ.
“އޯހް ޝިޓް! އަހަރެން ހަނދާން ނެތުނިއްޔޭ! ފޯނުގެ ގަޑި ހަމަނުކޮށް އިންނާނީ. ސޯ ސޯ ސޮރީ. ދެން… މާކުރިން ރީތިވެގެން ހުރީމަ ހިނގާބަލަ ކެފޭއަކަށް.” ޔަންހާ ބުންޏެވެ.
“އޭޒް ޔޫ ވިޝް މައި ލިޓިލް ޕްރިންސެސް!” ރުކައިން ސޯފާއިން ތެދުވެ ލާނެތްކަމާއިއެކު އެހެން ބުނުމަށްފަހު ޔަންހާއަށް އެއްލޯ މަރައިލިއެވެ.
“ވަޓް؟ ޔޫ….. ފައިން.. ދެން ޔޫއަރ މައި ޕްރިންސް.” ޔަންހާވެސް ކަޑަ ނުވާންވެގެން ދެލޯ ބޮޑުކޮށްލަމުން ބުންޏެވެ.
“ދެންވެސް ހިނގާ ދާން.. އެހެން ނޫނީ ދެވޭއިރު ހުންނާނީ ފަސްގަޑި ބައިވެފަ.” ރުކައިން ލައިގެންހުރި ޖިންސުގެ ޖީބުން ސައިކަލުގެ ތަޅުދަނޑި ނަގަމުން ބުންޏެވެ.
“ހޫނ! ހިނގާ..” ޔަންްހާ ދޮރު ކައިރިއަށްގޮސް ރުކައިންއަށް ދޮރު ހުޅުވައިދިނެވެ.
“ތެންކްސް ހަނީ!” ރުކައިން ދޮރުން ނިކުންނަމުންވެސް ޔަންހާ އާއި ދިމާއަށް ބަލައިލަމުން ލާނެތް ގޮތަކަށް ބުންޏެވެ.
“މައި ޕްލެޝާރ.” ޔަންހާ ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު ގެއިން ނިކުމެ ދޮރު ލައްޕައި ތަޅުލިއެވެ.
އޭނާ ފަހަތަށް އެނބުރުނުއިރު ރުކައިން ސައިކަލުގައި އަރައިގެން ޔަންހާގެ އިންތިޒާރުގައިއިނެވެ. ޔަންހާގޮސް ސައިކަލަށް އެރުމާއިއެކު ރުކައިން ސައިކަލު ދުއްވައިލިއެވެ. ސައިކަލު ދުއްވަން އިނދެގެންވެސް ރުކައިން ޔަންހާ އާއި ދިމާއަށް އިރުކޯކޮޅާ ބަލާތީ އޭނާ ހުންނަނީ ރަކިވާގޮތް ވެފައެވެ. ރުކައިންއަށް މިކަން އެނގުމާއިއެކު ކުއްލިއަކަށް ސައިކަލުގެ ސްޕީޑް ބާރުކޮށްލިއެވެ. ކުއްލިއަކަށް އެހެން ހެދުމުން ޔަންހާ ދިޔައީ ސިއްސައިގެންނެވެ. އެހެންކަމުން އޭނާއަށް ރުކައިންގެ މެދު ހަށީގައި ބައްދައިލެވުނެވެ. މިހާރު އެދެމީހުންނާއި ދިމާއަށް ބަލައިލާ ކޮންމެ މީހަކަށްވެސް ހީވާނީ އެދެމީހުންނަނީ ދެލޯބިވެރީން ހެންނެވެ. ދާންވީ މަންޒިލާއި ހަމައަށް ދެވެންދެންވެސް ޔަންްހާއަކަށް އެއްވެސް ތަނެއް ގުޑިލާކަށް ނުކެރުނެވެ. ޔަންހާ ރުކައިންގެ މެދުހަށިން ދޫކޮށްނުލާތީ އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައިކަން ވެސް އޭނާގެ ތުންފަތުގައި ދުވެލައިފައިވި ރީތި ހިނިތުންވުމުންވެސް ދޭހަވެއެވެ. ކެފޭ އާއި ހިސާބަށް އާދެވުމާއިއެކު ޔަންހާ ވަގުތުން ސައިކަލުން ފޭބިއެވެ. ޔަަންހާ ފޭބުމާއިއެކު ރުކައިން ސައިކަލު ޕާކްކޮށްފައި އެބަ އަންނަންކަމަށް ބުނެ ދިޔައެވެ. ޔަންހާ ކެފޭގެ އެތެރެއަށްވަދެ ހަ މީހުންނަށް އިށީންދެވޭ ވަރުގެ މޭޒެއްގެ ކައިރީގައި އިށީނެވެ. އެއް މިނެޓުހާއިރު ތެރޭގައި ރުކައިންވެސް އައިސް ޔަންހާ އިށީނދެއިން ގޮނޑި ކައިރީގައިހުރި ގޮނޑީގައި އިށީނެވެ.
“ސޯ… ދައިޝްމެން އަންނާނެތަ؟” ދެމީހުންގެ ދޭތެރޭގައި ވި ހިމޭންކަން ފޫ ދުއްވައިލައި އެންމެ ފުރަތަމަ ވާހަކަ ދެއްކީ ރުކައިންއެވެ.
“އާނ! އަންނާނަމޯ ބުނި. އެހެންވީމަ މި ގަޑީގަ މިތަނަށް އަންނާށޭ ބުނެ މެސެޖުކޮށްލާފަ އިންނާނީ.” ޔަންހާ ފޯނު ހުޅުވައިލަމުން ބުންޏެވެ.
“އެހެން؟” “ހޫމްމްމްމް..” ދެންވެސް އެދެމީހުން ދެމެދު ވަށައިލީ ހިމޭންކަމެވެ. އިރުކޮޅެއް ފަހުން ވެއިޓަރެއް އޯޑާރ ނަގަންއައެވެ.
“ފައިވް މިލްކް.. އަމްމްމް.. އެކްސްކިއުޒް.” ޔަންހާ ބުނަން އުޅުނު ވާހަކަ މެދުކަނޑައިލީ މާއިޝްގެ މެސެޖެއް އައިސްފައި އިނުމުންނެވެ.
“އެކްޓުއަލީ.. ސެވެން މިލްކް ކޮފީ. ދެޓްސް އޯލް.” ޔަންްހާ ފޯނުގެ ސްކްރީނަށް ބަލަންހުރެ ބުންޏެވެ.
“ސެވެން؟ ހާދަ ގިނައޭ. އެކީތް.. ވެއިޓް.. އެހެން ދެ މީހަކު އަންނަނީދޯ؟” ރުކައިން އެއްސެވެ.
“އާނ! މާއިޝް ދެންމެ ފޮނުވި މެސެޖުގަ އެހެން އޮތީ.” ޔަންހާ ފޯނު ނިއްވައިލަމުން ދެކޮނޑު އަރުވައިލުމަށްފަހު ބުންޏެވެ.
ދިހަ ވަރަކަށް މިނެޓު ފަހުން އޯޑަރު ކުރި ކޮފީ ތަށިތައް ގެނައެވެ. ވެއިޓަރ ތަށިތައް ބަހައްޓަމުންގޮސް ޔަންހާ ކައިރީގައި ބަހައްޓަން އުޅުނު ކޮފީ ތަށި ބަހައްޓަން އުޅުނު ގޮތަކުން ބަންޑުންވެ އެއްބައި ޔަންހާގެ ހެދުމަށް ވެރުނެވެ. ޔަންހާއަށް ވަގުތުން ކޮޅަށް ތެދުވެ ވެއިޓާރ އާއި ދިމާއަށް ބަލައިލިއެވެ.
“ވަރަށް ބޮޑަށް ސޮރީ. އެގަޑީގަ ކޮފީ ހޫނުކޮށް ހުންނަ ވައްތަރު ހުންނަނީ. އެހެންވެ މެޑަމް ގަޔަށް ވެރުނީ. ވަރަށް ބޮޑަށް ސޮރީ. އެކޮޅުގަހުރި މޭޒަށް ދޭ.” ވެއިޓާރ އެހެން ބުނުމުން ރުކައިން ތެދުވެ ޔަންހާގެ އަތުގައި ހިފައިލަމުން ވެއިޓަރ ދެއްކި މޭޒު ކައިރިއަށް ދިޔައެވެ.
“ރުކައިން.. އަހަރެން އެބަ އަންނަން ފާހަނައަށް ގޮސްލާފަ.” ޔަންހާ މިހެން ބުނުމާއިއެކު ރުކައިން ބޯ ޖަހައިލިއެވެ.
ޔަންހާ ރިޕްރެޝަންއަށްގޮސް ފާޚާނާ ހުންނަ ދިމާ އަހައިލުމަށްފަހު ފާޚާނާއަށް މިސްރާބު ޖެހިއެވެ. ފާޚާނާއަށް ވަދެ އެތަން ރަނގަޅަށް ދޮވެލައިގެން ނިކުމެ އަނެއްކާވެސް ރުކައިން އިންނަ މޭޒާއި ދިމާއަށް މިސްރާބު ޖެހިއެވެ. ރުކައިން އިންނަ ހިސާބަށް ދެވުމުގެ ކުރިން މީހެއްގެ ގައިގައި ޖެހިފައި އޭނާ ވެއްޓެން ދިޔައެވެ. އޭނާ އާއިއެކު އޭނާ ގައިގައި ޖެހުނު އަންހެން ކުއްޖާވެސް ވެއްޓެން ދިޔައެވެ. އެވަގުތު އެކުއްޖާގެ އަނގައިން ތޫލި ހަޅޭކެއްގެ އަޑު އިވިގެން ދިޔައވެ. މިއަޑަށް އެމީހުންނާއި ފުރަގަސްދީގެންއިން ރުކައިން ސިހިފައި ފަހަތަށް ބަލައިލިއެވެ. ޔަންހާ ފައިން ކޮންމެވެސް ގޮތަކުން ކޮންޓްރޯލް ކޮށްލުމާއިއެކު އޭނާ ވެއްޓުމުން ސަލާމަތްވިއެވެ. ރުކައިން ކުޑަކޮށް ދުވެލައިފައި ޔަންހާ ކައިރިއަށް އައިސް މަޑުކޮށްލިއެވެ.
ޔަން އޯކޭދޯ؟” ރުކައިން ނިކަން ސީރިއެސްކަމާއިއެކު އެއްސެވެ. ޔަންހާ ބޯ ޖަހައިލުމަށްފަހު ދެން ބަލައިލީ ވެއްޓިފައި އޮތް ކުއްޖާއަށެވެ.
ޔަންހާ އެކުއްޖާ އާއި ދިމާއަށް އަތް ދިގުކޮށްލިއެވެ. އެ ކުއްޖާ އެއަތަށް ބަލައިލުމަށްފަހު އަތުގައިހިފައި ތެދުވިއެވެ. ދޮންދޮން ޔަންހާ އާއި އެއްވަރުގެ ޅޫފަތި ހަށިގަނޑެއްގެ ވެރި މި ކުއްޖާ ބޮޑަށް ވައްތަރީ ޔޫރަޕް ހިސާބެއްގެ ކުއްޖަކާއެވެ. އެއީ އޭނާއަށް ޤުދުރަތުން ލިބިފައިވި ރަތް ކުލައިގެ އުނަގަނޑާއި ހަމައަށް އަރާ ރާޅުބާނީ ދިގު އިސްތަށިގަނޑާއި އައިސް ބްލޫކުލައިގެ ކަޅީގެ ސަބަބުންނެވެ.
“އަމް ރިއަލީ ރިއަލީ ސޮރީ..” އެކުއްޖާ އިނގިރޭސިން ވާހަކަދެއްކި ގޮތުންވެސް އެއީ ރާއްޖޭގެ ކުއްޖެއް ނޫންކަން އެނގުނެވެ.
“އިޓްސް އޯކޭ.. އޯކޭ ދޯ.. އައި މީން… އާރ ޔޫ އޯކޭ؟” މިކުއްޖާއަށް ގެއްލިފައިހުރި ޔަންހާއަށް ދިވެހިން ވާހަކަ ދެއްކުނު އިރުވެސް ނޭނގުނެވެ.
“އޯކޭވާނެ. އަހަރެންނަށް އިނގެޔޭ ދިވެހި.” އެކުއްޖާ ލުއި ހީލުމަކާއިއެކު ބުންޏެވެ.
“އޯހް.. އަހަރެންް ހީކުރީ ނޭނގޭކަމަށް. ރާއްޖެ ކުއްޖެއްތަ؟” ޔަންހާ އެކުއްޖާ ވެއްޓުނު އިރު ތިރިއަށް ވެރުނު ފޮތްތައް ނަގަމުން އެއްސެވެ.
“ނޯ. ރައްޖެ ކުއްޖެއް ނޫން. އެކަމަކު ރާއްޖޭގަ އުޅޭ ހިތަވާތީ އަދި ރާއްޖެއަށް އަންނަ ހިތުން ދިވެހި ދަސްކުރީ.” އެ ކުއްޖާ ބުންޏެވެ.
“ހިޔާރ ޔޫ ގޯ.” ޔަންހާ އެ ފޮތްތައް ނަގައި އެ ކުއްޖާ އާއި ދިމާއަށް ދަރައިލަމުން ބުންޏެވެ.
“ތެންކިއު ޑިއާރ… އޮހް. ނީޑް ޓު ގޯ.. ބާއި.” އެ ކުއްޖާ އަތުގައ އަޅައިފައި އޮތް އެޕަލް ވޮޗްއަށް ބަލައިލަމުން އެފޮތްތައް ހިފައިގެން ބާރަށް ހިނގައިފައި ކެފޭއިން ނިކުންނަން ހިނގައިގަތެވެ.
ޔަންހާ ކައިރީގައިހުރި ރުކައިންއަށް ބަލައިލުމަށްފަހު މޭޒު ކައިރިއަށްގޮސް އިށީނެވެ. ފަހަތުން ރުކައިންވެސް ގޮސް ޔަންހާ ކައިރީ އިށީނެވެ.
“އެ ކުއްޖާވެސް އެ އުޅެނީއެއްނު އިސްތަށިގަނޑެއް ނުޖަހާ. އެކުއްޖާގެ ވެސް އެއޮތީ ހަމަ ރެޑް ހެޔާރއެއް. ދެން ކީތްވެ ޔަން ތި އުޅެނީ އިސްތަށިގަނޑު ޖަހައިގެން.” ރުކައިން އެކުއްޖާ ދިޔަ ދިމާއަށް ޢިޝާރާތްކޮށްލުމަށްފަހު ބުންޏެވެ.
“އައި ހޭޓް ވެން ޕީޕަލް ސްޓެއާރސް އެޓް މީ.” ޔަންހާ ތުން ދަމައިލަމުން ބުންޏެވެ.
“ޔޫ ޖަސްޓް ހޭވް ޓު ގެޓް ޔޫޒް ޓު އިޓް ޔަންންން! ޕްލީޒް.. ޖަސްޓް ފޯރ މައި ސޭކް.. ތި އިސްތަށިގަނޑު ނުޖަހާ އުޅެފާނަންތަ؟” ރުކައިން އާދޭހާއިއެކު ބުންޏެވެ.
“އަހަރެން ތިކަމާ ވިސްނާނަން.” ޔަންހާ މިހެން ބުނެ އަނެއް ފަރާތައް މޫނު އަނބުރައިލިއެވެ. ނަމަވެސް ސިހުނީ ފަހަތުން މީހަކު ‘ޔަން’ އޭ ކިޔައި ކަންފަތް ބުޑު ގައި މަޑު މަޑުން ހަޅޭލަވައިގަތުމުންނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

