Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ބަދު ނަސީބުގެ ހިޔަނި އެޅުމުން (29)

Dheem&Eekku Level 410 Stories100 Login500 Login
May 22, 2021 11 Mins Read
2 Comments

“ދާނިޝް ކިހިނެއްވީތަ؟ ކީއްވެތަ ތިރޮނީ.. ބުނެބަލަ” ޔައީޝް ހައިރާނުގެ ނަޒަރަކުން ބަލާލާފައި ޔީޝާ މަސަލަސް ކުރަން ގާތްކޮށްލިއެވެ. ދާނިޝް ދެންމެގައި ކަންތަށް ކުރިގޮތް ކިޔައިދޭން ޔީޝާ އަނގަ ހުޅުވާލިއެވެ. ނަމަވެސް ދުލު ކުރީ އޮތް ބަސްތައް އަރުތެރެއަށް ވިރިގެން ދިޔައީ ގޭތެރެއިން ނުކުމެގެން އަންނަ ދާނިޝް ފެނިފައެވެ.

ދާނިޝް މިތާ އެކުރަނީ ކީއްހެއްޔެވެ. މިހާއަވަހަށް ދާނިޝްއަށް އާދެވުނީ ކިހިނެއް ހެއްޔެވެ. ގައިމު ދާނިޝް ގެޔަށް އަންނަތަން ޔީޝާއަށް ނުފެނި ނުދާނެއެވެ. ސުވާލުން ސިކުނޑި ފުރެމުން ދިޔައިރު ޔީޝާއަށް އެންމެ ފުރަތަމަވެސް ބަލާލެވުނީ ދާނިޝްގެ ބޮލަށެވެ. ދާނިޝްގެ ބޮލަކު މިހާރު ހަލާކުވެފައި ހުރިތަނެއް ނެތެވެ. ލެޔެއްވެސް ނާދެއެވެ. ލައިގެން ހުރީވެސް ދެންމެ ފެނުނު އިރު ލައިގެން ހުރި ގަމީހާ ޖިންސެއްވެސް ނޫނެވެ. މިވީގޮތެއް ޔީޝާއަކަށް ނުވިސްނުނެވެ.

“ކިހިނެއްވީ ޔީޝާ؟” ޔީޝާ ހުރި ރޮނީކަން އެނގުމުން ދާނިޝްވެސް ކަންބޮޑުވުމުގެ ރާގަކަށް އަހާލެވުނެވެ. އަދި ޔައީޝްއާ ދިމާއަށް ބަލާލާފައި ބޮލުގެ އިޝާރާތުން ވެގެން އުޅޭނީ ކީއްތޯ އެހިއެވެ. ޔައީޝްއަށްވެސް ދޭނެ ޖަވާބެއް ނޭނގުނެވެ. ދާނިޝް ފެނުނު ގޮތަށް ހުއްޓުން އެރި ޔީޝާ އަދިވެސް އެހުރިގޮތަށް ހުރީއެވެ.

“ޔީޝާ؟” ދާނިޝް އަނެއްކާވެސް ގޮވާލިއެވެ. ދާނިޝް ކައިރިއަށް އަންނަން ފެށުމުން ޔީޝާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. މުޅި މީހާ ހުރީ ހުދުވެފައެވެ. އަތްފައި ފިނިވެފައެވެ. ޔީޝާގެ ހިތަށް އަރާ ފާބަމުން ދިޔަ އެއްޗެހިން އޭނާގެ ހިތް ބިރުގަނެއްޖެއެވެ. ސިކުންތަކުވެސް އެތަނުގައި މަޑުނުކޮށް ޔީޝާ ދުވެފައި ކަހަލަ ގޮތަކަށް ސިޑިއާ ދިމާއަށް ދުއްވައިގަތެވެ.

ދޮރުން އެތެރެއަށް ވަތް ޔީޝާ ފެނިގެން އަފާވެސް ސުވާލު ކުރަން ފެށިއެވެ. ނަމަވެސް އެއިން އަޑެއް ޔީޝާއަކަށް ނީވެއެވެ. އަވަހަށް ގޮސް ކޮޓަރިއަށް ވަދެ އެނދަށް އެރިއެވެ. އަފާގެ އެނދުގެ އެއްކޮޅުގައި ދެފާ ކުރުކޮށްގެން އިނދެ ޔީޝާއަށް ރޮވެމުން ދިޔައެވެ.

“އެއީ ކާކު..؟ އެއީ ދާނިޝް އެއް ނޫން.. ދާނިޝް އެއްނޫން” ޔީޝާއަށް ކިޔެމުން ދިޔައެވެ. އޭނާ މިރޭ ބޭރަށް ދިޔައީ އަސްލު ދާނިޝްއާ އެކީ ނޫންކަމަށް އޭނާގެ ސިކުނޑި ބުނަމުން ދިޔައެވެ. ނަމަވެސް ދާނިޝް ނޫނިއްޔާ އެއީ ކާކު ހެއްޔެވެ. ދާނިޝްގެ ސިފާގައި އެހުރީ ކީއްވެ ހެއްޔެވެ.. އެއީ ޖިންނިއެއް ހެއްޔެވެ.

“ޔީޝާ ކިހިނެއްތަ ވީ؟ ވާހަކަ ދައްކަބަލަ؟” ކޮޓަރި ތެރެއަށް ވަދެގެން އައި އަފާއަށް ދެފާ ކުރުކޮށްގެން އެނދަށް އަރާއިން ޔީޝާ ފެނުމުން އައިސް ކައިރީގައި އިށީނެވެ.

“ޔީޝާ… ދެން ހަމަ ވާހަކައެއް ނުދައްކާނަންތަ..؟ އެކަމު ވެގެން އުޅޭ ގޮތެއް ނޭންގެންޏާ ކިހިނެއް ހެލްޕު ވެވޭނީ” އަފާ ޔީޝާއަށް ވިސްނަ ދެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ޔީޝާ ވާހަކަ ދައްކާތޯ ކުރެވުނު ހުރިހާ ކަމެއް ދިޔައީ ފެނަށެވެ. ޔީޝާ ވާހަކަ ނުދެއްކިތާ އިސް އުފުލާ ބަލާވެސް ނުލައެވެ. ޔީޝާ ހަމަ ޖެހިލަން ވަގުތު ކޮޅެ ދޭން އަފާވެސް އިތުރު ސުވާލުތަކެއް ނުކުރެއެވެ. ފަހުން ޔީޝާ ކައިރީ ހުރިހާ ކަމެއް އަހަން ގަސްތު ކޮށްގެނެވެ.

އަފާގެ އުނގުގައި ބޯއަޅައިގެން އޮވެ ޔިޝާއަށް އިރުކޮޅަކުން ނިދުނެވެ. އަވަސްވެފައިވާ ނޭވާ ހަމައަކަށް އެޅި ފުން ނިދީގެ ތެރެއަށް ގެނބިގެން ދިޔައެވެ. ހާސްކަމެއް ތެރޭ ތިބި ޔައީޝްއާއި ދާނިޝް ކައިރިއަށް އަފާ ނުކުތީ ދެނެވެ.

“ޔީޝާ ވާހަކައެއް ނުދެއްކި.. އަހަރެން އަދި މާދަމާ އެއްޗެއް އެނގޭތޯ ބަލާނަން. މިހާރު އޮތީ ނިދިފަ” ޔީޝާ ކޮބާހޭ އެއްއަޑުން ދެފިރިހެނުން އެހުމުން އަފާ ބުނެލިއެވެ.

މަޑުމަޑުން ކެހިގެން ދިޔަ ކުޑަދޮރުން އެތެރެއަށް ޒަބޫރިޝް ފުންމާލިއިރު ހީވަނީ ކުޑަ ރާމާމަކުނެއް ހެނެވެ. މުށިގަނޑުމަތީ އޭތީގެ ހަތަރު މޮށްގަނޑު ޖަހަމުން ހިނގާފައި ގޮސް އެނދުކައިރީ ހުއްޓުނެވެ. ޔީޝާ ނިދާފައި އޮތް އެނދުކައިރީ ހުރެ ޒަބޫރިޝް ހިންދެމިލި އިރު އޭނާ ހުރީ އާދައިގެ އިންސާނެއް ހެނެވެ.

ފުންނިދީގައި އޮތް ޔީޝާގެ މޫނަށް ބަލަހައްޓައިގެން ހުރީރު ޒަބޫރިޝްގެ މޫނުމަތީ ވަނީ ރުޅިވެރިކަމެވެ. ޔިޝާއަށް އަށް އެދުންވެރިވެފައިވާ ހިތް ޔީޝާގެ ހަށިގަނޑު މިލްކު ކުރުމަށް ބާރު އަޅަމުން ދިޔަނަމަވެސް އޭނާ މިރޭ އެހުރީ ޔީޝާ ދެކެ ރުޅިއައިސްފައެވެ. މަޑުމަޑުން ޔީޝާގެ ގައިމަތީ ހަތަރު މޮށްގޮނޑު ޖަހާލިއެވެ. ޒަބޫރިޝްގެ ވަރުގަދަ ބޮޑު ދެއަތްތިލައިން ޔީޝާގެ ކަރުގައި މަޑުމަޑުން ހިފާލިއެވެ. ޔީޝާގެ އޮމާން ކަނދުރާގައި ފިރުމާލުމަށް ފަހު ޒަބޫރިޝްގެ ދެއަތްތިލަ ބާރުވެގެން ދިޔައެވެ. ޒަބޫރިޝްގެ އަތަށް ބާރުލަމުން ދިޔަވަރަކަށް ޔީޝާގެ ނޭވާހޮޅި ބެދެން ފެށިއެވެ. ޔީޝާގެ ނޭވާ އަވަސްވެ ކުރުވާން ފެށިއެވެ. މަރު ކުޑަތަންވަމުން ދިޔަ އިހްސާސެއް ކުރެވެން ފެށުމުން ޔީޝާއަށް ދެލޯ ތަގުލި ކޮށްލެވުނެވެ. އޭނާގެ ދިގުއިނގިލި ތަކުން ބެޑު ސީޓުގައި ހިފާ ބާރުކޮއްލެވުނެވެ. ޔީޝާގެ ދެފަޔާއެކު މުޅި ހަށިގަނޑުވެސް ބާރުބާރަށް ތުރު ތުރު އަަޅަން ފެށިއެވެ. އަމިއްލަ ބާރާއެކު ހަށިގަނޑު ގުޑާވެސް ނުލެވިފައި އޮތް ޔީޝާގެ ކަންފަތުގައި ބަރު ވައި އަޑަކުން ޒަބޫރިޝް ގޮވާލިއެވެ. ހޫނު ނޭވާއެއް ޔީޝާގެ ކަނދުރާއަށް އެޅިގެން ދިޔުމާއެކު ޔީޝާއަށް ދެލޯ ހުޅުވާލެވުނެވެ. އޭނާގެ މޫނާ ޖެހޭ ނުޖެހޭ ހިސާބުގައި ހުރި ދާނިޝް ފެނިފައި ޔީޝާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ބިރުގަތް ވަރުން މުޅިގައިން ހީބިހި ހިލިގެން ދިޔައެވެ. ކުރިމަތީ ފެންނަން ހުރީ ދާނިޝްގެ ސޫރަނަމަވެސް އެމީހާގެ މުޅި ހަށިގަނޑު ހީވަނީ ކަޅުފޮއެ ރެޔެއްގެ އަނދިރި ހެނެވެ. އެއީ ދާނިޝްއެއް ނޫނޭ ޔިޝާގެ ހިތް ގޮވަމުން ދިޔައެވެ. ބިރުން އޮތް ނަމަވެސް ޔީޝާއަށް ދެލޯ މަރާކަށް ނުކެރުނެވެ. އޭތީގެ ކަނޑެއްފަދަ އަނދިރި ދެލޮލަށް ޔީޝާ ގެނބެމުން ދާފަދައެވެ. އޭތީގެ އެއްވެސް ހަރަކާތެއް ނެތް ނަމަވެސް އޭނާގެ ކަރަށް ބާރުވަމުން ދިޔައެވެ. މިއީ އަސްލެއް ނޫންކަމަށް އޭނާގެ ހިތުގެ އެއް ހިސާބަކުން ބުނަމުން ދިޔައިރު އަނެއްކާ މިއީ ފެންނަ ހުވަފެނެއް ހެން ހީވާން ފެށިއެވެ. ނަމަވެސް އޭނާ މިހާރު މިއޮތީ ނިދާފައި ނޫންކަން ޔިޝާއަށް އެނގެޔެވެ.  ހޭލާ ހުއްޓާ ހުވަފެން ފެންނާނެހެއްޔެވެ.

“ޔީޝާ ތިއީ އަހަރެންގެ މިލްކެއް.. އަހަރެންގެ ހައްގެއް” އެ ވަރުގަދަ އަތުން ސަލާމަތް ވުމަށް ތެޅި ފޮޅެމުން ދިޔަ ޔީޝާ ސިހުނީ މުޅި ކޮޓަރި ތެރޭ ގުގުމާލި ބާރު އަޑުންނެވެ. ވަގުތުން ޔީޝާގެ ހަތަރެސްފައި ފިނިވެގެން ދިޔައެވެ.

“ތިއީ ކާކު..؟”  އެ ސުވާލު އޮތީ ޔީޝާގެ ހިތު ތެރޭގައެވެ. ނޭވާ ކުރުވެފައި ވުމުން ޔީޝާއަކަށް ވާހަކައެއް ނުދެއްކުނެވެ.

“މި ދެމެދަށް ވަންނަ ކޮންމެ މީހެއްގެ ދުވަސް ދުއްވާލާނަން. އަހަރެން ބުނާގޮތް ނެހެދެންޏާ ޔީޝާގެ ދުވަސްވެސް ދުއްވާލާނަން. މިރޭ ޔީޝާ ކުރި ކުށުގެ އަދަބުވެސް ޔީޝާއަށް ދޭނަން. އަހަރެންގެ އެދުމަށް ހުރަސް އަޅާ ކޮންމެ މީހެއް ނިމިގެން ދާނީ ވަރަށް އަނިޔާވެރިކޮށް ” ދެތިން ސިކުންތަކަށް ފަހު ޔީޝާގެ ކަންފަތް ބުޑުގައި އެއަޑު އިވިގެން ދިޔައެވެ. އެއަޑު ކުރިއަށްވުރެ މަޑު ނަމަވެސް ޔީޝާގެ ތެޅެމުން ދިޔަ ހިތަކަށް ހަމަ ޖެހުމެއް ނުލިބުނެވެ.

ޔިޝާގެ ގައިމަތީ އޮތް ޒަބޫރިޝް ޔީޝާއާ ގާތްވާން ފެށިއެވެ.އޭނާގެ ހޫނު ނޭވާ ޔީޝާގެ ކަނދުރާއަށް އެޅެމުން ދިޔައިރު ޔީޝާ ބިރުން ތުރު ތުރު އަޅަނީއެވެ. ޒަބޫރިޝް ބޭނުންވާގޮތެއް ހަދަންދެން ޔިޝާއަށް މަޑުން އޮތުން ނޫންގޮތެއް ނެތެވެ. އިނގިލި ކުރިވެސް ހަލުވާ ނުލެވިފައި ޔީޝާ އޮތް އިރު ހީވަނީ ޗޭނު ތަކަކުން ކަސްތޮޅު އެޅުވިފައި ވާހެނެވެ.

“ނޫން..” ޔީޝާގެ ކޯތާފަތުގައި ޒަބޫރިޝްގެ ކުރަކިވެފައިވާ ތުންފަތް ބީހިލުމާއެކު ޔިޝާއަށް ބާރަށް ރޮވުނެވެ. އޭތީގެ މަގުސަދު ޔިޗާއަށް ދެނެގަނެވުނެވެ. އޭތީގެ ބީހުންތަކުން ދާނިޝްއާ އެކު އޭނާ ހޭދަކުރި ރޭގެ މަތިން ހަނދާންވާން ފެށިއެވެ. އެރޭވެސް ކުރެވުނީ އެފަދަ އިހްސާސެކެވެ. އެބީހުމުގައިވެސް އެއްގޮތްކަމެއް ހުއްޓެވެ. ޔީޝާގެ ކަރުނުން ފުރިފައިވާ ދެލޮލަށް ބަލަން ހުރެފައި ޒަބޫރިޝް ޔީޝާގެ ޓީސާޓު ފަސްބައިގައި ހިފާލީ ވަރަށް ބާރަށެވެ. ޓީސާޓުގެ ފަސްބައި މުށުތެރެއަށް ބޮނޑި ކޮއްލީރު މިރޭ ޔިޝާއާ ދޭތެރޭ އެއްވެސް ހަމްދަރުދީއެއް ޒަބޫރިޝްގެ ހިތަކު ނެތެވެ. ދެވަނަ ފަހަރަށް އޭނާއަށް އަނިޔާއެއް ދޭން ނުކެރޭނޭ ވަރަށް ޔީޝާއަށް އަދަބުދޭން ޒަބޫރިޝް ބޭނުންވިއެވެ.

ދެފަރާތަށް ބޯހޫރަމުން ޔިޝާ ނޫނެކޭ ބުނަމުން ދިޔައެވެ. ނަމަވެސް ޔީޝާގެ ކަރުނައަކުން އޭނާގެ ހިތަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. ޔީޝާ ލައިގެން ހުރި ޓީސާޓުގައި އެއްއަތުން ހިފާލުމަށްފަހު ޒަބޫރިޝް އޭނާގެ އަނެއް އަތުން ޔީޝާގެ ދެއަށް ގެންގޮސް ބޮލާ ދިމާލުމަތީ ހައްޔަރު ކޮށްލިއެވެ. ޔީޝާއާ އިތުރަށް ގާތްވެލުމަށް ޒަބޫރިޝް އޭނާގެ ހަށިގަނޑު ގުދުކޮށްލިއެވެ. ނަމަވެސް ދެވަނަ ސިކުންތު ފާހާނައިގެ ދޮރު ހުޅުވުމާއެކު ކޮޓަރިތެރެ އަލިވެގެން ދިޔައެވެ. އެއާއެކު ޔީޝާއަށްވެސް ދެލޯ ހުޅުވާ ބޮޑުކޮށްލެވުނެވެ. ފާހަނަ ދޮރުމަތީ ހުރި އަފާއަށް ބަލާލާފައި ޔީޝައަށް ވަށައިގެން ބަލާލެވުނެވެ. އެތާކު އެދެމީހުން ފިޔަވާ އެހެން މީހަކު ނެތެވެ.

“ޔީޝް ކިހިނެއްވީ؟” ހުއްޓުން އަރާފައި ހުރި ޔީޝާ ކައިރިއަށް ޖެހިލަމުން އަފާ އަހާލިއެވެ. ނަމަވެސް ޔީޝާ އަނގަޔަކުން ނުބުންޏެވެ. އަފާ އަނެއްކާވެސް އެހުމުން ޔީޝާ އަނގައިން ބުނަން މަސައްކަތް ކުރިއެވެ. ނަމަވެސް ވާހަކަ ދައްކަން އަނގަ ހުޅުވާލިތަނާ އޭނާގެ ބޮލަށް އެރީ ތޫނު ތަދެކެވެ. ހީވަނީ މުޅި ގައި އަކުނިވަޔަށް ދަމައި ގަތްހެެވެ. ގައިގައި މަޑު ތުރު ތުރެއް އުފެދުނެވެ. އެޔާއެކު ޔީޝާ ހަމަހޭވެރިކަން ނެތިގެން ދިޔައެވެ. މޫނުމައްޗަށް އަނދިރިވެގެން އެނދުމައްޗަށް ދެމުނީއެވެ.

“ޔީޝާ..!! ޔީޝާ ކިހިނެއްވީތަ.. ޔައީޝް.. ދާނިޝް!!” ޔީޝައަށް ވީގޮތުން އަފާ ބިރުން ހަޅޭލަވައިގަނެވުނެވެ. ހަބަރު ހުސްވެފައި އޮތް ޔީޝާގެ ހަށިގަނޑުގައި އުފެދިފައިވާ ތުރު ތުރުއެޅުން އިތުރަށް ބޮޑުވެ މުޅި ހަށިގަނޑު ތެެން ފެށީރު އަފާއަށް ޔީޝާ ހިފަަހައްޓާލެވެނީ ކިރިޔަ ކިރިޔާއެވެ.  ހުމާ ފިހި ފިހިއޮތް ޔީޝާގެ ހަށިގަނޑު ދޮން ކޮށްފައި އޮތް ދަގަނޑު ގަނޑެއް ފަދައެވެ.

އަފާ ގޮވާއަޑަށް ސިޓިން ރޫމުގައި ތިބި ދާނިޝްއާއި ޔައީޝް ދުވެފައި އައެވެ. އެދެމީހުނަަށް ޔީޝާ ފެނުމާއެކު ހާސްވެފައި ކިހިނެއްވީހޭ އަހާލެވުނެވެ. ނަަމވެސް އަފާއަށް ބުނެލެވުނީ ހަމައެކަނި ނޭނގޭ ކަމަށެވެ. އޭނާ ފާހަނައަށް ވަތް އިރުވެސް ޔީޝާ އޮތީ ރީތިކޮށް ނިދާފައެވެ. ކުއްލިއަކަށް ޔީޝާއަށް މިހެން މިވީ ކިހިނެއް ކަމެއް އަފާއަކަށް ނޭނގުނެވެ.

 

ވަގުތުން ޔީޝާ ހޮސްޕިޓަލަށް ގެންދެވުނެވެ. ހުން މައިތިރި ކުރަން ބޭސް ދީ އައިވީއެއްވެސް ގުޅާފިއެވެ. އައިވީ ހުސްވެ ބޭހަށް ގަޑި ހަމަވިއިރުވެސް ހުން މަޑުވާ ގޮތެއް ނުވިއެވެ. ނަމަވެސް ކުރިއަށްވުރެ ރަނގަޅުހެން ހީވެއެވެ. ޔީޝާގެ އެނދުގެ މަގަތުގައި ހުރި ގޮނޑިއެއްގައި އަފާ އިން އިރު ޔައީޝްއާއި ދާނިޝް އިރު އިރުކޮޅާ އޭނާ އޮތް ވޯޑަށް ބޯކޮއްޕާލާފައި ދެޔެވެ. ނިހާއާއި ނަހުވާންވެސް އައިސް އުޅުނެވެ. ނާޒިޔާވެސް އިރުކޮޅަކު އިނދެލާފައި މިހާރުވީ ގެޔަށް ގޮހެވެ.

“މިހިރީ ކުރުނބާ” ޔީޝާ އޮތް އެނދު ކައިރިއަށް އައި ދާނިޝް މުޙާތަބު ކުރީ އަފާއަށެވެ. ދާނިޝް ވަދެފައި ނުކުމެގެން ދަމުން ޔިޝާއަށް ބަލާލިއެވެ. ޔީޝާވެސް އިނީ ދާނިޝްއާ ދިމާއަށް ބަލާށެވެ. ނަމަވެސް އެބެލުމުގައި ހުރީ ޖެހިލުންވުމާ ބިރުވެރިކަމެވެ. ޔީޝާ ދާނިޝްއަށް ބަލަނި ބިރެއް ފެނިގެން ބަލާހެނެވެ. ދާނިޝް އެތަނަށް އަންނަ ކޮންމެ ފަހަރަކުވެސް ވާހަކަ ދައްކަނީ އަފާއަށެވެ. ޔީޝާއާ ވާހަކަ ދައްކާކަށް އޭނާ ނޫޅެއެވެ. އޭނާ ވާހަކަ ދައްކާފިނަމަ ޔީޝާވެސް އަނގައިން ނުބުނާނެކަން އެނގޭތީއެވެ. މިހާލުގައި އޮށްވާ ޔީޝާ އިތުރަށް ހިތްހަމަ ނުޖައްސަން ދާނިޝް ކެތްކޮށްލައިގެން ހުރީއެވެ. ޔީޝާއަށް ވީކިހިނެއްތޯއާ މިހާރު ހާލު ކިހިނެއްތޯ އަހާލަން އެހިތް ބޭނުންވެފައިވާވަރު ދެނެ ވޮޑިގެން ވާނީ ހަމައެކަނި ހެއްދެވި ފަރާތަށެވެ.

“ހިނގާ ކުރުނބާ ފެންފޮދެއް ބޯލަން.. ފަހަރެއްގާ ގައިގަ ވަރުޖެހިދާނެ.. މިއައިވީއަކުން ކުރާ ފައިދާއެއް ނެތޭނުން” ތަނަށް ވެރިވެފައިވާ އުދާސްކުރުވަނިވި ހަމަހިމޭންކަން ނަގާލީ އަފާއެވެ.

އަފާގެ އެދުމަށް ހުރަސް އެޅުމެއް ނެތި ޔީޝާ ބޯޖަހާލަމުން ތެދުވެ އެނދުގައި އިށީނެވެ. ބަސްއަހާ ކުޑަކުއްެޖެއް ފަދައިން ހޮޅީގައި ތުންޖަހައިގެން ހުރެ ކުރުނބާ ބޯންފެށީ ބަނޑުވެސް ހައިވެފައި ހުރުމުންނެވެ.

“ޔީޝް ދެން ކިޔައި ދޭންވީނުން” އަފާ އަހާލިއެވެ. ޔީޝާގެ މޫނުގެ ކުލަަވަރު ވަގުތުން ބަދަލުވިއެވެ. އަތުގައި އޮތް ކުރުނބާ ދިއްކޮއްލީ ދެން އިތުރަށް ބޯހިތް ކެނޑިގެންނެވެ.

“އަފާ ނޭނގެ ގަބޫލު ކުރާނެ ކަމެއްވެސް..” ޔީޝާއަށް ބުނެވުނެވެ.

“ޔީޝް ދައްކާ ވާހަކައެއް ގަބޫލުނުކޮށް އަހަރެން ހުރިންތަ.. އަހަރެން މިއީ ޔީޝާގެ ވާހަކަ އަބަދުވެސް އަޑުއަހާ މީހެއްނު.. އެނގޭތަ ރޭގަ ޔީޝް އަށް ކުއްލިއަކަށްވީ ގޮތުން އަހަރެން ބިރުގަތް ވަރު.. ރޭގަ ހުވަފެނެއް ފެނުނީތަ. ޑަކްޓަރު ބުނި ޔީޝްއަށް ފިޓު ޖެހެން އުޅުނީއޭވެސް” އަފާ ބުނެލިއެވެ.

“އަހަންނަށް މިހާރު ވަރަށް ގިނައިން ހުވަފެންފެނޭ.. ވަރަށް ފާޑު ފާޑުގެ ހުވަފެން” ޔީޝާ ބުނެލިއެވެ.

“އަދިވެސް އަހްނަފްގެ ހުވަފެން ފެންނަނީތަ؟” އަފާހީކުރީ ޔީޝާއަށް އަދިވެސް އުނދަގޫ ކުރަނީ އެ ހުވަފެންތަށް ކަމަށެވެ.

“ނޫން.. ދާނިޝްއާ ރައްޓެހިވި ފަހުން އެ ހުވަފެންތަށް ފެންނަނީ ވަރަށް މަދުން އެކަމު.. ދެން އަހަންނަށް ފެންނަން ފެށީ ވަރަށް އެހެންކަހަލަ ހުވަފެނެއް.. ގިނަ ރޭރޭ.. ނޫން.. ކޮންމެ ހުކުރު ވިލޭރެއަކު އަހަަންނަށް އެހުވަފެން ފެނިގެން ހޭލެވޭއިރުު އަހަރެން އޮންނަނީ ހުސްގަޔާ.. ކީއްވެ ކަމެއް ނޭނގެ.. ހުވަފެނުގަ ފެންނަނީ ކޮންމެވެސް މީހަކު އަހަރެން ގައިގަ އަތްލާތަން.. ބައެއް ފަހަރު ރަތްވެފަވެސް ހުރޭ” ޔީޝާ ބުނެލިއެވެ.

“ވަޓް؟؟ ކީއްވެ ކުރިން ނުބުނީ..؟ ޔީޝްއަށް އިނގޭތަ ތިއީ ކިހާވަރެއްގެ ކަމެއްކަން. ތިކަހަލަ ހުވަފެން ފެނުމަކީ ރަނގަޅު ކަމެއް ނޫން” އަފާ އަށް އެހެން ބުނެލެވުނީ ދެލޯ ބޮޑުކޮށްގެން ހުރެއެވެ.

“އަހަންނަކަށް ކުރިއަކު އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެވޭ.. އެކަމު މިހާރު އަހަންނަށް އެބަ ވަރަށް ފާޑެއްގެ އެއްޗެއް ހީވޭ..  އަހަންނަށް ހީވަނީ މިއީ ކޮންމްވެސް ރޫހާނީ ކަމެއްހެން.. އަހަރެން ކުރިއަކުން މިކަހަލަ ކަންތައް ގަބޫލެއް ނުކުރަމޭނުން. އެކަމު މިހާރު އެކަހަލަ ޝައްކެއް އެބަ ކުރެވޭ..” ޔީޝާ ވާހަކަ ކުރިއަށް ދަމުންގޮސް އޭނާއަށް ދިމާވި ހުރިހާ ކަންތަކެއް ތަފްސީލު ކޮށްދެމުން ދިޔައެވެ. އަދި ރޭގައި ވީކަންތަށްވެސް ކިޔައިދިނެވެ.

“ތިހާ ބޮޑުކަމެއް ވެގެން ދިޔައިރު ކީއްވެ އަހަންނަށް އަންގާނުލީ؟ ޔީޝްއަށް އެނގޭތަ މިއީ ކިހާ ބޮޑު ކަމެއްކަން.. ޔީޝް މޮޔައީތަ.. އެންމެ ފުރަތަމަ ތިކަހަލަ ހުވަފެން ފެންނަން ފެށީރު ކީއްވެ ނުބުނީ.. ކަންތައް ގޯހުން ގޯހަށް ދިޔުމުގެ ކުރިން މިކަމުން ސަލާމަތް ވާނެ ޖެހޭނެއްނު” އަފާއަށް ބުނެވުނެވެ. އޭރު އޭނާގެ މޭ ޑަޑަން ލާފައި ތެޅެމުން ދިޔައެވެ.

“އަހަރެން އެކަހަލަ ކަންތައް ގަބޫލު ނުކުރާތީ ފަރުވާ ކުޑަކުރެވުނީ.. އަފާ.. އަހަންނަށް ހީވަނީ އަހަރެން ކައިރިއަށް ރޭގަނޑު އަންނަނީ އަސްލު ދާނިޝްއެއް ނޫންހެން.. މިއީ ބޮޑު އޮޅުންގަނޑެއް.. ދާނިޝްއަށް އެރޭތަކުގެ އެއްވެސް ކަމެއް ނޭނގެނީ އެހެންވެ” ޔީޝާ އޭނާގެ ހިތުގައި އޮތް އެންމެ ބިރުވެރި ވަހުން ފާޅުކުރިއެވެ. އަފާއަށް ބުނާނެ އެއްޗެއް ނޭނގުނީ އޭނާގެ ހިތްވެސް ބުނަމުން ދިޔައީ އެއްވާހަކައެއް ވީމައެވެ.

“އަފާ.. ދެން ކިހިނެއް ހަދާނީ.. އަހަރެން ވަރަށް ބިރުގަނޭ އެބަ” ޔީޝާ އަފާގެ އަތުގައި ހިފާލިއެވެ. ޔީޝާގެ ގަނޑުފެން ކޮޅެއް ފަދަ ފިނި ދެއަށް ޖެހުމުން އަފާ ސިހުނެވެ. އެކުވެރިޔާ ބިރުގެންފައިވާ ވަރު އޭނާއަށް އަންދާޒާވެސް ނުކޮއްލެވޭނެއެވެ.

“އިތުރަށް ލަސްކޮށްފިނަމަ ގޯސްވެދާނެ.. އަހަންނަށް ފެންނަނީ ވަލީދުބެ ކައިރީ މިވާހަކަ ބުނެލަން. ވަލީދުބެއަށް ފަހަރެއްގަ އެހީއެއް ވެވިދާނެ. ނާޒިޔާ ދައްތަ ބުނި އެއީ ފަންޑިތަ ހަދާ މީހެކޭ” އަފާ އެހެން ބުނުމުން ޔީޝާ ބޯޖަހާލާފައި އެވަގުތަށް ވާހަކަ ކުރު ކޮށްލިއެވެ

ހޮސްޕިޓާ މައި ދޮރުން ނުކުތް ދާނިޝް ޕާކު ކޮއްފައި ހުރި ސައިކަލާ ދިމާއަށް ހިނގާ ގަތެވެ. ސައިކަލު މަތީ އިށީނުމަށްފަހު ޖީބުގައި އޮތް ފޯނު ނަގާލިއެވެ. ނަންބަރުތަށް ހާވަމުން ގޮސް އޭނާ ފިއްތާލީ އާދިލްގެ ނަންބަރަށެވެ. ދެފަހަރަކު ރިންގުވެލިތަނާ އެކޮޅުން ޖަވާބު ދީފިއެވެ.

“މަ ދުނިޔޭގަ ހުރިތޯވެސް ނެތް ތޯވެސް ބަލާ ނުލި މީހަކު މިހާރު ތިގުޅަނީ ކީއްކުރަން” ފޯނު ނެގުމާއެކު އާދިލްގެ ޝަކުވާތަށް ދާނިޝްގެ ކަންފަތަށް އަމުނާލިއެވެ. އާދިލްއަށް ގުޅުމުގެ ކުރިންވެސް އެ ޝަކުވާތަށް އަންނާނެކަން ދާނިޝްއަށް އެނގެޔެވެ. ކަންފަތާ ތަންކޮޅެއް ދުރުގައި ފޯނު ޖައްސާލީވެސް އެހެންވެއެވެ.

“ހިނގާ ކޮފީއަކަށް” ދާނިޝް އެހެން ބުނުމުން އާދިލްގެ އަނގަގަނޑު މައިތިރިވީ ކޮފީއަށް ދިޔުމަކީ ދާނިޝް އާންމުކޮށް ކުރާ ކަމެއް ނޫންވީމައެވެ. ގިނަފަހަރަށް ގެންދަން ޖެހޭނީ ގަދަކަމުންނެވެ. އެކަމު ދާނިޝް އަމިއްލައަށް ދައުވަތު ދިނުމުން އެކުވެރިޔާއަށް ކޮންމެވެސް ކަމެއް ދިމާވީކަން އާދިލްއަށް އެނގުނެވެ.

“ހޫމް.. މިނައްޓާލީ.. އާންމުކޮށް އަހަރެން ދާ ކަޑައަށް ދާނީ” އާދިލް އެހެން ބުނުމުން ދާނިޝް ފޯނު ބޭއްވިއެވެ. އަދި ސައިކަލު ސްޓާޓު ކޮއްލާފައި މަންޒިލާ ދިމާއަށް ދަތުރު ފެށިއެވެ.

“މަށަށް އޭރުވެސް ހީވިއޭ ތިދެމީހުން ދޭތެރޭކަމެއް ވެއްޖެއޭ.. އާން އެހެންޏާ ބިޓެއް ލިބުނު ފަހުން އަހަރެން މަތިން ހަނދާން ނެތުނު މީހެއް ތިއީ.. ހަމަ ބިޓު ކެޓީ އަހަރެން ފެނުނީ” އާދިލް އަދިވެސް ޝަކުވާ ކުރަނީއެވެ.

“ވަރަށް ބޮޑަށް ސޮރީ.. އަސްލު މިދޭތެރެއިން ހަބަރެއް ނުވެވުނީ ހަމަ ބިޒީކަމުން.. އެނގޭނުން ދެން ފައިނަލްތަށް ކައިރިީމަ އުޅޭ ހާލު..” ދާނިޝް ބުނެލިއެވެ.

“ދެން ކޮންމެހެން އުޒުރު ދައްކާނެ ކަމެއް ނެތް.. އެކަމު ކިހިނެއްވީ ކުއްލިއަކަށް ކަލެމެން ދެމީހުން ރުޅިވީ.. ގަބޫލުވެސް ނުކުރެވޭ” އާދިލް ބުނެލިއެވެ.

“މަވެސް މިހުންނަނީ އަސްލު ވާނުވާގަ.. އެކަމު.. ޔީޝް ހަމަ ކުއްލިއަކަށް ބަދަލުވީ.. އަހަރެން ނުވެސް ކުރާ ކަންތަށް އަހަރެންގެ ބޮލުގަ އަޅުވާފަ އޭނަ އަމިއްލައަށް ރުޅިވީ..” ދާނިޝް އޭނާގެ ހިތުގައިވި ޝަކުވާތަށް އެކުވެރިޔާ ކުރިމަތީ ބަނޑުން ކޮއްލިއެވެ.

“މަށަކަށް ހިޔެއް ނުވޭ ހަމަ ހުރެފަ އޭނަ އެފަދަ ބޮޑު ދޮގެއް ހަދާފާނޭ.. އެއީ ސަމާސާ ކުރާ ކުއްޖެއްވެސް ނޫންވިއްޔަ.. އަދި ވަކިން ދާނިޝް ކައިރިން ރުޅިވެފަ އަޒާންއާ ގުޅުމެއް އޮވެދާނެއޭވެސް މަށަކަށް ހިޔެއް ނުވޭ އެއީ އަހަރެން ދަންނަ ގާތް މީހެއް ނޫނަސް.. އޭނަ އެކަހަލަ ކަމެއް ކުރާނެއެކޭ މަގޭ ހިތެއް ނުބުނޭ” އާދިލް އަށް ދާނިޝްގެ ވާހަަކަ ގަބޫލުކުރަން ދަތިވިއެވެ. އާދިލްގެ ވާހަކަ ދާނިޝްއަށްވެސް ގަބޫލު ކުރެވެއެވެ.

“އަހަންނަކާ ރީތިކޮށް ވާހަކައެއްވެސް ނުދައްކާ މިހާރު.. ރެޔަށް ފަހު އަހަންނާ ދިމާއަށް ބަލަނީވެސް ވަރަށް ފާޑަކަށް.. ހީވަނީ ކަމަކާ ބިރުގަނެފަ ހުންނަހެން.. ނޭނގެ ދެން.. މިހާރު މިހުންނަނީ ހަދާނެގޮތެއްވެސް ނޭނގިފަ” ކޮފީ ތަށީގެ ފުލުގައި ހުރި އެތިފޮދު ބޯލަމުން ދާނިޝް ބުނެލިއެވެ.

“އަޅެ އަފާއާ ވާހަކަ ދައްކާލަގަ.. ޔީޝާ ގެކަންތަށް އެންމެ ބޮޑަށް އެނގޭނެ އެކަކަކީ އެއީ” އާދިލް ހިޔާލު ދިނެވެ. ދާނިޝްވެސް އެކަމާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. އެއަށްފަހު ދެއެކުވެރިން ބިލަށް ފައިސާ ދީފައި ކަޑައިން ނުކުމެގެން ދިޔައެވެ.

ދެރެއާ ތިންދުވަހު ޔީޝާ އެޑުމިޓު ކުރުމަށްފަހު ހޮސްޕިޓަލުން ދޫކޮއްލީ ޔީޝާގެ ހުން ކުރިއަށްވުރެ ރަނގަޅުވުމުންނެވެ. މަރުގެ ހަމަ ހިމޭން ކަމެއް ވެރިވެފައިވާ ސިޓިން ރޫމުގައި އަފާއާއި ޔީޝާ އިނީ ސޯފާގައި އިށީންދެގެންނެވެ. ދައްކާނޭ އިތުރު ވާހަކައެއްވެސް ނެތިފައި ދެމީހުނަށްވެސް އިންތިޒާރު ކުރެވެމުން ދިޔައީ އިޝާ ނަމާދުން ފައިބާނެ އިރަކަށެވެ. އިރުތަކެއް ނުވެ އެމީހުންގެ އިންތިޒާރަށް ނިމުމެއް އައެވެ. ބޭރަށް ހުރި ކުޑަދޮރު ކައިރިއަށް ޖެހިލިއިރު ދޮރާށިން އެތެރެއަށް ވަދެގެން އަންނަ ވަލީދު އަފާއަށް ފެނުނެވެ

“އަހަރެން އެކަނި ދާންވީތަ؟ ޔީޝްއަށް ހުރިހާ އެއްޗެއް ކިޔައިދޭން ފަސޭހަ ވާނެތަ” ޔީޝާއާ ދިމާއަށް އެނބުރިލަމުން އަފާ އަހާލިއެވެ.

“އަހަރެންނަށް ކިޔައިދެވޭނެ.. އެކަމު އަފާ ވާނެ އަހަންނާއެކު ދާން.. އަފާ އަހަރެން ކައިރީ ހުރިއްޔާ އަހަންނަށް ވާހަކަ ދައްކަން ކެރޭނީ” ޔީޝާ އެހެން ބުނުމުން އަފާ ބޯޖަހާލިއެވެ.

ވަލީދު އުޅޭ ބައިގެ ބެލް އަޅާލި އަޑަށް އެތެރެއިން ވަންނާށޭ ބުނެލި އަޑު އިވިގެން ދިޔައެވެ. ދޮރުގެ ތަޅުގައި ހިފާ އަބުރާލިއިރު ދޮރު ހުރީވެސް ތަޅު ނުލައެވެ. އެތެރެއަށް ވަދެގެން ދިޔަ ދެމީހުނަށް ގޮނޑިއެއްގައި އީށިންދެގެން އިން ވަލީދު ފެނުނެވެ. ވަލީދުއިން ގޮތުންވެސް އޭނާ އެއިނީ މާކުރިންސުރެ އެމީހުންގެ އިންތިޒާރުގައިކަން އެނގެޔެވެ.

“މުހިންމު ވާހަކައެއް ދައްކާލަން ބޭނުންވާ ވާހަކަ ބުނެލީމެއްނު.. އެހެންވެ މިއައީ” ވާހަކަ ދެއްކީ އަފާއެވެ.

“އިށީންދޭ.. ” ސޯފާއަށް އިޝާރާތް ކޮށްލަމުން ވަލީދު ބުނެލިއެވެ. އަފާގެ މޫނަށް ބަލާލަމުން ޔީޝާ ސޯފާގައި އިށީނެވެ.

“ލަސްނުކޮށް އަވަހަށް ދައްކަން ބޭނުންވާ ވާހަކަ ފަށަމާ..” ވަލީދު ބުނެލިއެވެ. ވާހަކަ ފަށާނީ ކިހާ ހިސާބުން ކަމެއް ނޭނގިފައި ހުރެފައި ޔީޝާ އޭނާއަށް ދިމާވަމުން އަންނަ ކަންތައްތައް ކިޔައިދޭން ފެށިއެވެ. ޔީޝާގެ ވާހަކަ ނިމުމަކަށް އައިރުވެސް ވަލީދު އަނގަޔަކުން ނުބުނެ އިނީއެވެ. އެވާހަކަތައް އަޑުއަހަން އިންއިރު އޭނާގެ ނިތްކުރިއަށް ރޫތަށް އަރާ ފައިބަމުން ދިޔައެވެ.

“ޔީޝާއަށް ތިހީވީ ރަނގަޅަށް.. ކުރީރޭ ޔީޝާ ބޭރަށް ދިޔައީ ދާނިޝްއާ އެކީއެއްނޫން.. ބޭބެ ދުށިން ޔީޝާ ދަނިކޮށް އެކަމު ކައިރީ ހުރީ ދާނިޝް ނުންކަން ބޭބެއަށް އެނގުނީ ބޭބެ ގެޔަށް އައިރުވެސް ދާނިޝް މިސްކިތް ކައިރީ ހުރިކަން އެނގޭތީ.. އަދި ޔީޝާ ދިޔަތާ އިރުކޮޅެއްވެސް ނުވަނީހުން ދާނިޝް ގެޔަށް އައީ ޔިޝާގެ ބޭބެއާއެކު” ވަލީދު ބުނެލިއެވެ.  ވަލީދުގެ ޖުމްލަ އިވިފައި އަފާއާއި ޔީޝާއަށް އެކަކު އަނެކަކަށް ބަލާލެވުނީ ބިރުން ހުރެއެވެ. އެމީހުނަށް ކުރެވުނު ޝައްކު ޔަގީންވުމުންނެވެ.

“ބޭބެ ދުށިން މިގޭތެރެއިން އޭނަ.. އެއީ ވަރަށް ބާރުގަދަ ޖިންނިއެއް.. ބޭބެއަށް ކުރިއަކުން އެއީ ޔީޝާއާ އަވަލާއިގެން އުޅޭ ޖިންނިއެއް ކަމެއް ނޭނގޭ އެކަމު ބޭބެ ފެންކިޔެވީއޭ ބުނެ ހެދީ ކުޑަ ހަށި ރައްކަލެއް.. އެރޭ ޔީޝާއަށާއި ދާނިޝްއަށް އިވުނީ މިގޭތެރޭގެ ހަތަރު ފާރުތެެރެއަށް އޭނަ ވަންނަން މަސައްކަތް ކުރި އަޑު.. ބިރުވެރި ހުވަފެންތަށް ފެނުމަކީ ޖިންނިއެއްގެ އުނދަގޫ ވާކަމުގެ އެންމެ ފުރަތަމަ އަލާމާތް.. ދެން ޔީޝާއަށް ދިމާވި އެހެން ކަންތައްތަކުން ވެސް އެކަން ވަރަށް ބޮޑަށް ޔަގީންވޭ.. އެންމެ ފުރަތަމަ އެކަހަލަ ހުވަފެން ފެންނަން ފެށީ ކޮންއިރަކު؟” ވަލީދު އަހަލިއެވެ.

ޔީޝާގެ ސިކުނޑި ވިސްނަން ފެށިއެވެ. އެންމެ ފުރަތަމަ އެކަހަލަ ހުވަފެން ފެންނަން ފެށީ މިގޭ މީހުނާ އެކީ ފަޅުރަށަށް ދަތުރު ދިޔަ ދުވަހުން ފެށިގެންކަން ޔީޝާއަށް ހަނދާންވިއެވެ.

“ފަޅުރަށަށް ދަތުރު ދިޔަ ދުވަހުން ފެށިގެން.. އެއީ މިގޭ މީހުނާއެކީ ދިޔަ ދަތުރެއް.. އެދުވަހު ގަސްދަށުގަ ނިދާފަ އޮށްވާ ފުރަތަމަ ފެނުނީ ހުވަފެނެއް.. ވަރަށް ބިރުވެރި ފާޑަކަށް ހުރި އެއްޗެއް އަހަރެން ގައިމަތީ އޮތީ.. ކަޅު ކަޅު އެއްޗެއް.. ފާޑެއްގެ ބިހިތަކެއް.. ބިހި؟” އެހިސާބަށް ދިޔަތަނާ ޔީޝާ ހުއްޓުން އެރިއެވެ. އަދި މަޑުމަޑުން އޭނާގެ ހެދުމުގެ އަތް މައްޗައް ހިއްލާލިއެވެ.

“މިކަހަލަ ބިހިތަކެއްތަ ހުރީ؟” ވަލީދު އަހާލިއެވެ. ޔިޝާއަށް ހަމައެކަނި ބޯޖަހާލެވުނެވެ.

“ކުރީ ދުވަހު މަރުވި ކުއްޖާ.. އަޒާންގެ އަތުގަަވެސް ހުރި ތިކަހަލަ ބިހިތަކެއް.. އެކުއްޖާގެ މަރާ މިކަމާ ގުޅުމެއް ވޭހެން ހިވޭ” ވަލީދު ބުނެލިއެވެ.

“ޔީޝް.. ޔީޝްއަށް ހުވަފެން ފެންނަން ފެށީ ދަތުރުގެ ފަހުން ކަމަށް ވާއިރު.. ޔީޝްގެ ތަވީދުވެސް ގެއްލުނީ އެދުވަހުއެއްނު” މަޑުމަޑުން އިން އަފާ ކުއްލިއަކަށް ބުނެލިއެވެ.

“ތަވީދޭ؟ ކޮން ތަވީދެއް؟” ވަލީދު އަހާލިއެވެ.

“ނޭނގެ.. އެއީ މާމަ އެޅުވި ތަވީދެއް.. އެސްފީނައިން ސަލާމަތް ވާނޭ ކިޔާފަ. ތަވީދު ނުގެއްލޭއިރުވެސް ހުވަފެން ފެނޭ.. އެކަމު އެއީ އަހުނަފްގެ މަރަށްފަހު އަހަންނަށް ލިބުނު ސިހުމަކުން ފެންނަން ފެށި ހުވަފެނެއް” ޔީޝާ ކިޔައިދޭން ފެށިއެވެ.

“އަހުނަފަކީ ކާކު؟” ވަލީދު އަނެއްކާވެސް އެހިއެވެ.

“އެއީ އަހަރެން ކުރިން ރައްޓެހިވި ކުއްޖެއް.. އެކުއްޖާ މަރުވީ ދަންޖެހިގެން.. ދެން އޭގެ ކުރިން ރައްޓެހިވި ކުއްޖާވެސް މަރުވީ އެކްސިޑެންޓެއްގަ” ޔީޝާ އެހެން ބުނުމުން ވަލީދު ހިމޭންވިއެވެ. އިރުކޮޅަކު އޭނާ ވިސްނަން އިނެވެ.

“ޔީޝާގެ މާމައަކީ ސިހުރު ހަދާ މީހެއްތަ؟” ވަލީދު އަހާލިއެވެ.

“ލައްބަ.. ކުރިން ވަރަށް ގިނައިން ސިހުރު ހަދާއުޅޭ. އެކަމު މިހާރު ހުއްޓާލާފިތާ ދުވަސްތަކެއް ވެއްޖެ” ޔީޝާ ބުނެލިއެވެ.

“ޔީޝާގެ މާމަ އެޅުވި ތަވީދަކީ އެސްފީނައިން ސަލާމަތްވާން އެޅުވި އެއްޗެއް ނޫން.. ޔީޝާއާ އަވަލައިގެން އުޅޭ ޖިންނިން ސަލާމަތް ކުރުމަށް.. އެހެންވީމާ އެއީ ޔީޝާ ވަރަށް ކުޑައިރު ޔީޝާ އާ އަވަލައިގެން އުޅޭ ޖިންނިއެއް.. ޔީޝާއާ ގާތްވާ ކޮންމެ ފިރިހެން ކުއްޖަކުގެ ދުވަސް އެދުއްވާލަނީ.. އެއީ އޭތީގެ މަގުސަދަކީ ޔީޝާވީމަ.. އޭއްޗަށް ޔީޝާއާ ގާތްވާނެ ފުރުސަތެއް އެލިބުނީ ޔީޝާގެ އެ ތަވީދު ޔީޝާގެ ހަށިގަނޑާ ވަކިވުމުން.. މިކަމުގެ ހަގީގަތް އެންމެ ރަނގަޅަށް އެނގޭނީ ޔީޝާގެ މާމައަށް..” ވަލީދު އެހެން ބުނުމުން އަފާ އަށާއި ޔީޝާއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. ވަލީދު އެކިޔައިދިނީ އެދެމީހުންގެ ހިތްވެސް ބުނަމުން ދިޔަ ވާހަކަތަކެވެ. ނަމަވެސް ވަލީދުގެ ދުލުން އިވުމުން އެކަންތައް ގަބޫލުކުރަން ދެމީހުނަށްވެސް ފަސޭހަވިއެވެ. ހީވީ އޮޅުން ބޮޅުންވެފައި އޮތް ކަންވާރެއްގެ ގޮށް މޮހާލެވުނު ހެނެވެ.

“ވަލީދުބޭ.. ޔީޝްއަށް ހުވަފެން ފެންނަނީ ހުކުރުވިލޭރޭ.. އެހުވަފެނުން ހޭލެވޭއިރު ޔީޝާ ހުސްގަޔާ ހުރުމާ ގައިގަ ނިޝާން އެހުންނަނީ ކީއްވެ” އަފާ އެކުރީ ޔީޝާވެސް ކުރަން ބޭނުންވެފައި ހުރި ސުވާލެކެވެ. އެކަމު އެސުވާލު ދުލާހަމައަށް ގެންނަން ޔީޝާ ލަދުގަތީއެވެ. ފިރިހެނެއް ކައިރީ އެވާހަކަ އަހަން ޖެހިލުންވީއެވެ. އެކަމު އެސުވާލުތަކުގެ ޖަވާބު ދެވޭނީވެސް ވަލީދުއަށްކަން އޭނާއަށް އެނގެޔެވެ.

އެސުވާލަށް ޖަވާބެއް ދޭން ވަލީދު ޖެހިލުންވިއެވެ. ޖިންނިއާއެކު ޖިންސީ ގުޅުމެއް ހިންގުނީކަން އެނގިއްޖެއްޔާ ބިރުނުގަންނާނީ ކާކުހެއްޔެވެ. ނަމަވެސް ޔީޝާއަށް ހަގީގަތް ކިޔައިދޭން ޖެހެޔެވެ. އެކަން އެނގުން އޭނާއަށް ހައްގެވެ.

“ޔީޝާ.. ޔީޝާއަށް އެފެންނަނީ ހުވަފެނެއްހެން ހީވިއަސް އެއީ ހުވަފެނެއް ނޫން.. އޭނަ ޔީޝާގެ ފަރާތުން ޖިސްމާނީ އުފާ ހޯދާ ވަގުތު ޔީޝާއަށް ފެންނަ ގޮތް.. އޭތީގެ މަގުސަދަކީވެސް އެއީ.. އެކަމު ޔިޝާގެ ފަރާތުން އެފަދަ ކަމެއް އޭނާ ބޭނުންވާ ސަބަބެއް ބޭބެއަކަށް ނޭނގޭ.. އަދި ވަކިން އެހާ ކުޑައިރުންސުރެއް ހިޔަނިހެން ޔީޝާގެ ފަސްފަހަތުން އެއުޅޭ ސަބަބެއްވެސް ނޭނގޭ.. ހަގީގަތް ހޯދަން ލަސްވުމުގެ ކުރިން ރަށަށް ދިޔުން މުހިންމު.. މިކަމަށް ހައްލެއް ގެނެވޭނީ ޔީޝާގެ މާމައަށް” ވަލީދު އެހެން ބުނުމުން ޔީޝާގެ ނޭވާ ހުއްޓުނު ކަހަލައެވެ.

“ނޫން.. އެހެނެއް ނުވާނެ..؟ ކިއްވެ؟” ޔީޝާއަށް ބޮލުގައި އަތް އަޅާލެވުނެވެ. ކުރިއަށް ވުރެ ބޮޑަށް ބިރުގަނެއްޖެއެވެ. އެންމެ ފަހަރަކު ނޫނެވެ. އެތަށް ފަހަރަކު ޔީޝާއަށް ޖިންނިއަކާ އެކު ހިންގަން ނުވާނޭ ފަދަ ގުޅުމެއް ހިންގުނީއެވެ. ބިރަށްވުރެ ބޮޑަށް ޔިޝާ ގަތީ ލަދެވެ. އަމިއްލަ ނަފްސުދެކެ ލަދުގަނެއްޖެއެވެ.

“އަންނަ އަނގާރަ ދުވަހުގެ ފެރީގަ ރަށަށް ދާން މިއުޅެނީ.. ދެން އޮތީ ދެތިން ދުވަސް.” ޔީޝާގެ އަތުގައި ހިފާ ބާރުކޮއްލަމުން އަފާ ވާހަކަ ދެއްކިއެވެ.

“ވީހާވެސް އަވަހަކަށް ފުރަންވާނީ.. އިރުއޮށްސެން ވާއިރަށް ރަށަށް ދެވޭވަރުގަ.. އިރުއޮށްސުމަށްފަހު ކަނޑުމައްޗަށް ނާރާތި.. އެއީ ރަނގަޅު ކަމެއް ނޫން.. މާދަމާ މިހާކަށް ހާއިރު މިކޮޓަރިއަށް ވަދެލާ.. ބޭބެ ދޭނަން ތަވީދެއް.. އޭތި ގައިން ވަކި ނުކުރާތި.. އޭތީގެ އުނދަގޫ ޔީޝާއަށް ފޯރާނެ.. ޔީޝާ މިކަންތަށް އަހަންނަށް ކިޔައިދީފި ކަންވެސް މިހާރު އޭއްޗަށް ނޭނގޭކަމެއްވެސް ނޭނގޭ.. މިރޭ ބޭރަށް ނުކުތުން ބުއްދިވެރިއެއްނޫން. ތަވީދު އަޅައިގެން އުޅުނެއް ކަމަކު ވަރަށް ބަލައިގެން އުޅެންވާނީ..” ވަލީދު އެހެން ބުނުމުން ދެމީހުން އެކޮޓަރިން ނުކުތުމަށް ހިނގާގަތެވެ.

“ވަލީދުބޭ.. އަދި އެއްވާހަކަ” ދޮރުން ނުކުންނަން އުޅެފައި ޔީޝާ ހުއްޓުނެވެ.

“ކިހިނެއްވީ؟” ވަލީދު އަހާލިއެވެ.

“ދާނިޝްއަށް މީން އެއްވެސް ކަމެއް ނާންގައްޗޭ.. އަހަރެން ބޭނުމެއް ނޫން އަޒާންއަށް ވީގޮތް ދާނިޝްއަށް ވާކަށް.. އޭތީގެ ކިބައިން ދާނިޝް ސަލާމަތް ކޮށްދިނުމަށް އަހަރެން ދާނިޝްއާ ހުރިހާ ގުޅުމެއް ކަނޑާލަން ޖެހުނު ކަމުގައިވިއަސް އަހަންނަށް އެކަންތަށް ކުރެވޭނެ. ދާނިޝްއަށް ހަގީގަތް އެނގިއްޖެއްޔާ ދާނިޝް އަހަރެންނާ ރުޅިވާކަށް އެއްބަހެއް ނުވާނެ.. އަހަރެން ހޯދަން އަންނާނެ..  ޕުލީސް ދާނިޝް ކައިރީ ނުބުނާތީ.. އަހަންނަށް ވައުދު ވެދީ” ޔީޝާ އާދޭހުގެ ރާގަކަށް ބުނެލިއެވެ.

ވަލީދު އަނގަޔަކުން ނުބުންޏެވެ. ނަމަވެސް ކުޑަކޮށް ބޯޖަހާލިއެވެ. ޔީޝާ ދަނިޝްއަށް އ ެސިއްރުކުރަނީ ވަރަށް ބޮޑު ކަމެކެވެ. ނަމަވެސް އެއީ ދާނިޝްގެ ރައްކަލަކަށް ކަމަށްވަންޏާ ވަލީދު އެކަން ކޮށްދޭނެއެވެ.ދާނިޝްއަށް ކިތަންމެ ބޮޑު އޮޅުވާލުމެއް އޮޅުވާލަން ޖެހުނު ކަމުގައި ވިޔަސްމެއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dheem&Eekku

Level 410 Stories100 Login500 Login

Other Articles

Previous

ނަފްރަތުން ވެވުނު ލޯބި 23

Next

ތިޔަ ލޯތްބަށް އެދެމޭ 2 – 3

Next
May 22, 2021

ތިޔަ ލޯތްބަށް އެދެމޭ 2 – 3

Previews
May 22, 2021

ނަފްރަތުން ވެވުނު ލޯބި 23

2 Comments!

  1. Naa says:
    May 22, 2021 at 1:40 pm

    Alhey naa ah mihaaru heevany naa ah ves story thereyga u lheveyhen
    Dheem and Eekku naa ah varh heevy mee aslu vaahaka eh hen
    Dhen vaany kihineh baaey hithah arany
    survive vaany kitheh meehun baa ey
    Anyway varh varh varh realistic ingey
    Varh Reethi
    Waiting for the next curiously
    Lysm
    Take care???✌

  2. Rainberry says:
    May 22, 2021 at 2:15 pm

    Haadha reecheey. When next part

Comments are closed.

Next Episodeބަދު ނަސީބުގެ ހިޔަނި އެޅުމުން (30)←


All Right Reserved!