ވަރުދާ-2
“ކޮންކުއްޖަކަށްތަ އަލްތާފް މިސްކިތުގައި ބަލަހައްޓައިގެން ހުރީ” އަނަސް ބޯކިބާކޮޅެއް ކައިލައިފައި އެހިއެވެ. އަލްތާފް އަނަސް އެހެންބުނުމުން ހުއްޓުންއެރިއެވެ. ލަދުގަތެވެ. ކާންއިން ބޯކިބާކޮޅު އަނގަޔާއި ދުރުކޮށްލިއެވެ. ސައިފޮދެއްބޮއެލައި ހިންދިރުވައިލިއެވެ.
“އަހަންނަކަށް ނޭނގެ އެއީ ކޮންކުއްޖެއްކަމެއް” އަލްތާފް ޖަވާބުދިނެވެ. އެއަށްފަހު އަނެއްކާވެސް ސައިފޮދެއް ބޮއެލިއެވެ.
އަދި އެހިއެވެ. “އަނަސް އޭނަ ދަންނަންތަ؟”
“ކާކު” އެއީ އަންހެންކުއްޖެއްގެ އަޑެވެ. އަޑު އައީ ކާކޮޓަރި ދޮރުމަތިންނެވެ. އަލްތާފް ފަހަތްބަލައިލިއެވެ. އެއީ ކޮއްކޮ އަފާފެވެ.
“ކޮއްކޯ” އަލްތާފް މަޑުން ގޮވައިލިއެވެ. އަފާފް ކާކޮޓަރިތެރެއަށް ވަނެވެ. “ޢީދު މުބާރިކް ބޭބޭ” އަފާފް ބޭބެޔަށް ޢީދުގެ ތަހުނިޔާކިޔެވެ. އަލްތާފްވެސް ކޮއްކޮއަށް ޢީދުގެ ތަހުނިޔާކިޔެވެ.
“ކާކު ވާހަކައެއްތަ ތިދައްކަނީ؟” އަފާފްއެހިއެވެ.
“އެއީ އެއްވެސްވާހަކައެއް ނޫން” އަލްތާފް އެވާހަކަ ފޮރުވިއެވެ.
“އެއްވެސް ވާހަކައެއްނޫނޭ؟ މިހާރު ބޭބެ އަހަންނަށް ސިއްރުކުރައި ވާހަކަވެސްހުރޭދޯ” އަފާފް ހިތްހަމަނުޖެހުނެވެ.
“ހޫން ދެން އެވާހަކަ ކިޔައިދޭނަން ފަހުން” “އިށީނދެބަލަ ސައިބޯން” އަލްތާފް އަފާފް ކާމޭޒުދޮށުގައި ސައިބޯން ބޭންދިއެވެ.
“މަންމާ މިއޮއްއައީ ކޮއްކޮ” އަލްތާފް ގޮވައިލިއެވެ. އާމިނާ އައިސް އަފާފްއަށް ސައިއަޅައިދިނެވެ. “މަންމަ ސައިބުއީތަ؟” އަފާފް އެހިއެވެ. އާމިނާ ހިނިތުންވެ އާއެކޭބުނެ ޖަވާބުދިނެވެ.
“އައްސަލާމްޢަލައިކުމް” މީހަކު ސަލާން ގޮވައިލި އަޑުއިވުނެވެ. އެއީ އަންހެނެއްގެ އަޑެވެ. “އައްސަލާމްޢަލައިކުމް” ދެވަނަފަހަރަށްވެސް އެމީހާ ސަލާންގޮވިއެވެ. އާމިނާ ގޮސް ގޭގެ ދޮރުހުޅުވައި ސަލާމްގެ ޖަވާބުދިނެވެ. “ވަޢަލައިކްމުއްސަލާމް”
ދޮރުމަތީ ހުރީ އަލްތާފްގެ އެކުވެރި ސައުދާއެވެ. ސައުދާ އެގެޔަށް ވަދެ ކާކޮޓަރިދޮރުމައްޗަށް ގޮސް ޢީދުމުބާރިކޭ ގޮވައިލިއެވެ.އަލްތާފް އާއި އަފާފްއާއި އަނަސްވެސް ސައުދާއަށް އީދުމުބާރިކްކިޔެވެ.
“އަނަސްވެސް އެބައިނިންދޯ. އޭ އަލްތާފް ހިނގާ ސައިބޯން”
ސައުދާއެދުނެވެ. “ސައުދާ އާދޭ ސައިބޯން” އަލްތާފް އެދުނެވެ. ސައުދާ އެ އެދުމަށް އިޖާބަދިނެވެ.
އާމިނާ ޓީވީދޮށުގައި އިނދެ ރައީސުލްޖުމްހޫރިއްޔާ މީހުންނާއި އީދުސަލާން ކުރައިތަން ބަލަނީއެވެ.ކައިރީގައި އަފާފްވެސް އިނެވެ.
“މަންމާ!” އަލްތާފް ކޮޓަރިންނިކުމެ އައިސް ގޮވައިލިއެވެ.”ކިހިނެތްވީ ދަރިފުޅާ؟” އާމިނާއެހިއެވެ. “މިދަނީ ސައުދާގެޔަށް ސައިބޯން”
އަލްތާފް ބުނެދިނެވެ.ހީވަނީ ދިޔުމަށް ހުއްދަހޯދަނީހެންނެވެ. އެކަމަކު އެއީ ހަމަ ދާތަނެއްބުނެލަނީއެވެ. އާމިނާ އަލްތާފް ލައިގެންހުރި ހެދުމަށްބަލައިލިއެވެ. މިހާރު އެހެރީ މަޑުނޫކުލައިގެ ޓީޝާޓެއްލައިގެންނެވެ. އަދި ހުރީ ކަކުލާއި ހިސާބަށް އަންނަ ސޯޓެއްލައިގެންނެވެ. “ކީއްވެ ހެދުން ބަދަލުކުރީ؟”އާމިނާ އެހިއެވެ. “މަންމާ މިހާރު ކުލަކުޅި ފެށެންއުޅޭނެ. އެ ގަމީސް ލައިގެންހުއްޓައި މީހަކު ކުލަޖަހައިފިއްޔާ އެ ރީތި ގަމީސް ޙަރާބުވާނެ”
އަލްތާފް ބުނެދިނެވެ.އަލްތާފް އެހެންބުނުމުން އާމިނާގާތަށާއި އަފާފްގާތަށް ހިނިއައެވެ.
މަޑު ހިނގުމެއްގައި ހިނގައިފައި ސައުދާގެޔަށް އާދެވިއްޖެއެވެ.
އަލްތާފް ގޭދޮރުމަތީ ހުއްޓިހުރެ ސަލާންގޮވައިލިއެވެ. “އައްސަލާމްޢަލައިކުމް”
“ވަޢަލައިކުމުއްސަލާމް” ސައުދާގެމަންމަ ހަބީބާ ސަލާމްގެޖަވާބުދީ ގޭދޮރުހުޅުވައިލިއެވެ. “އަހާނ އަލްތާފް ވަދޭ” ހަބީބާ އަލްތާފް އެތެރެއަށް ވެއްދިއެވެ. “އީދު މުބާރިކް” ހަބީބާ ބުނެލިއެވެ. އަލްތާފްވެސް ސައުދާގެމަންމައަށް އީދުމުބާރިކްކިޔެވެ. ގޭގެ ސިޓިންރޫމްގައި ސައުދާގެބައްޕަ ސައީދު އާއި ސައުދާގެބޭބެއިން ޓީވީބަލަންއިނެވެ. ސައީދަށް އަލްތާފް ފެނުމުން ސައީދުވެސް އަލްތާފްއަށް އީދުމުބާރިކް ކިޔެވެ. އަދި ސައުދާގެ ބޭބެއިން އީދުމުބާރިކް ކިޔައި ސަލާންކުރިއެވެ. “ކޮބާ ސައުދާ؟” އަލްތާފް އެހިއެވެ.
“ވެއްޖެ ކާކޮޓަރީގައި” ސައީދު ބުނެދިނެވެ. އަލްތާފް އެތަނަށް ދިޔައެވެ. އަލްތާފްއަށް ފެނުނީ މިސްކިތުން ދުށް އެއްކަލަ ރީތި އަންހެންކުއްޖާއެވެ. އެކުއްޖާ އެއިނީ ސައުދާގެ ގޭގައި ސައުދާގެ ކާކޮޓަރީގައެވެ. ސައިބޯށެވެ. ސައުދާއާއި ވާހަކަދައްކާށެވެ. އެކުއްޖާގެ އަޑު ކޮވެލީގެ އަޑުހައި ރީއްޗެވެ. ހީވާގޮތުން ސައުދާއާއި އެކުއްޖާއަކީ ވަރަށްގާތް ދެ ރައްޓެހިންނެވެ. ދެވަނަފަހަރަށް އެ އަންހެންކުއްޖާ ދުށުމުގެ ނަސީބު ލިބުނީތީ އަލްތާފް ﷲއަށް ޝުކުރުކުރިއެވެ. އަލްތާފް ހުރީ އެމީހުންނާއި ތަންކޮޅެއް ދުރުގައެވެ. އެމީހުންނަކަށް މީހަކު އައިކަމެއް ނޭނގެއެވެ. އަލްތާފް ހުރީ އެ އަންހެންކުއްޖާއަށް ބަލަހައްޓައިގެންނެވެ. އެ އަންހެންކުއްޖާއަށް އަލްތާފް ފެނިއްޖެއެވެ. “ސައުދާ އެހެރީ މީހަކު އައިސް'”އެ އަންހެންކުއްޖާ ބުނެލިއެވެ. ސައުދާ އެކުއްޖާ އިޝާރަތްކުރިދިމައަށް ބަލައިލިއެވެ.
“އަހާނ އަލްތާފް އާދޭ” ސައުދާ އިންތަނުން ތެދުވިއެވެ. އެތާނގައި އަލްތާފް އިށީނދެއްޖެއެވެ. ސައުދާ އަލްތާފްއަށް ސައިއެޅިއެވެ. ސަޔަށް ހަދައިފައިހުރީ ކަޓުލަހާއި ކުޅިބޯކިބަލާއި ގަބުޅިބޯކިބަލާއި ތެލުލިބަނބުކޭލައި ޗޮކްލެޓް ކޭކެވެ. “އޭ އެބައާދެ ވަރަށް ރީތި އީދުލަވައެއް” ސައުދާގެ ބޭބެ ސާއިދު އައިސް ބުނެލިއެވެ. “ކޮންލަވައެއް؟” ސައުދާއެހިއެވެ.
އިރުއެރުމުން ދޯދިތަކުން އިއްވައިލީ
ފަރިވެލަމުން ފަރިމާތައް ފޮޅުވައިލީ ސާއިދުލަވައިގެ އެއްބައިކިޔެވެ. ސައުދާ އަވަހަށް އެލަވަ ބަލަން ހިނގައްޖެއެވެ.
އަލްތާފް އެ އަންހެންކުއްޖާގެ ކައިރީގައި އިނދެވުމުން އުފާވިޔަސް އިނީ ލަދުންނެވެ. އަލްތާފް ކަޓުލަސްތަށިން ކަޓުލަހެއްނެގިއެވެ.
ކަޓުލަސް ކައިލައިފައި ސައިފޮދެއްބުޔެވެ. އަދި މަޑުން އަހައިލިއެވެ. “ކޮންނަމެއް ކިޔަނީ؟”
“ވަރުދާ” އެ އަންހެންކުއްޖާ ބުނެދިނެވެ. “ވަރުދާ؟ ވަރުދާ…މާނައަކީ ފިނިފެންމާ. މަންމަ ނަންދީފައިތިވަނީ އެންމެ ގުޅޭނަން. ތިއީ ހަމަ ފިނިފެންމަލެއް”
“ކީކޭ؟” ވަރުދާއަށް ސިހިގެން އަހައިލެވުނެވެ. ހިތުން ވާހަކަދައްކަމުން ދަނިކޮށް އަލްތާފްގެ އަޑުބޭރުވީއިރުވެސް އޭނަޔަކަށް ނޭނގުނެވެ. “ތިއީ ހަމަ ފިނިފެންމަލެއް” އެ އިބާރާތް އަލްތާފްއަށް ބުނެވުނީ އިޙްތިޔާރަކާއިނުލައެވެ. އަލްތާފްއަށް އެކަން ރެއަކާއިލުމުން ވަރަށް ލަދުގަތެވެ. “އެ..އެ..އެއްޗެކޭ ނޫން” އަލްތާފްއަށް ވާހަކަދެއްކުނީ ތުރުރުރުލަމުންނެވެ.
ކުލަކުޅިފެށިއްޖެއެވެ. މަގުތައްމަތީގައި އަންހެނުންނާއި ފިރހެނުންނާއި ޒުވާނުންނާއި ކުޑަކުދީން ކުލަކޮތަޅުޖަހައި ކުލަބަޑިޖަހައި މީހުންގެ ގައިގައި ކުލައުނގުޅަމުންދެއެވެ.
އަފާފް އިނީ ބޭރުޖޯލިފަތީގައެވެ. މަގުމަތީގައި ގުރޫޕެއް ކުލައުނގުޅައި ފޯރިނަގައިތަން ފެނުމުން އަފާފް ހީނލިއެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ ދެ އަންހެނުންނާއި ދެފިރިހެނެކެވެ. އެކަކީ އަފާފް ރައްޓެހި އުޝާއެވެ. އުޝާއަށް އަފާފް ފެނުމުން އަފާފް ގާތަށް އައެވެ. “އާދޭ ކުލަކުޅެން” އުޝާއެދުނެވެ.
“ނޫން. ނުކެރޭނެ” އަފާފް ބުނެލިއެވެ.
“އެޔޯ؟ ކަމްއޯން! އީދޭމިއީ”
އީދޭ މީ ބަލަ ނީނދޭ ތިތާ
ކުލަކުޅެޔޭ މިތާ ކުލަކުޅެޔޭ
އުޝާ ކިޔަންފެށިލަވައިން އަފާފް ގާތަށް ހިނއަންނަގޮތްވިއެވެ. އެވަގުތު އާމިނާ ގޭދޮރު ހުޅުވައިލައި ބޭރަށް ނިކުތެވެ.
“ދަރިފުޅު މިތާތަ؟” އާމިނާއަށް އަފާފް ފެނުމުން ބުނެވުނެވެ.
“މަންމަ މިހޯދަނީ ގޭތެރެ ދަރިފުޅު ކޮބައިތޯ!” އާމިނާ އެވާހަކަ ބުނުމުން އަފާފްއާއި އުޝާގާތަށްވެސް ހިނިއައެވެ.
“ދަރިފުޅާ ފިހާރައަށް ދެވިދާނެތަ؟” އާމިނާ އެހިއެވެ. އަފާފް އިންތަނުން ތެދުވިއެވެ. “ކޯންޗެއް ގަންނަންވީ؟” އަފާފް އެހިއެވެ.
“އާމިނައްތާ އަހަރެން މިކިޔަނީ އަފާފް ކުރެން ކުލަކުޅެން ހިނގާށޭ!” އުޝާ ބުނެލިއެވެ. “ދަރިފުޅު ބޭނުންތަ ދާން؟” އާމިނާ އެހިއެވެ. އަފާފް އާއެކޭބުނެ ޖަވާބުދިނެވެ.
“އެތެރެއަށްވަދޭ!” އާމިނާ އެންގިއެވެ. އަފާފް ވަރަށް ދެރަވެފައި ގޭތެރެއަށް ވަނެވެ. “ހެދުން ބަދަލުކޮށްގެން ދާންވާނީ!” އާމިނާ ގޮވައިލިއެވެ. އެ ހިސާބުން އަފާފް ހުއްޓިއްޖެއެވެ. ވަރަށް އުފާވެއްޖެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



Assalaamu Alaikum Shimhaz? Ali thr Shimhaz thr Ali Shimhaz thr kiyan V ?
Vaahaka varah reethi ngey ?dhen adhi vx ithurah sifa kurun thakaa ibaaraai kurun thah genaeema ithurah vaahaka reethi vaane? hama liyun theri eh v ma lafa ehgge gothun bunelee ?hehe.. Ehgothakah vx goas gothakah hee nukurahchey ?
Alhey haadha banbukeyo kaa bayekeyyy??dhahi vehjje… Ethi kolheh fonuvaalaaba… Anehkka lava kiyan vx molhu kudhin thakekey dhw… Reesh vx v molhu vaane lava kiyan..Hehe n waiting for next part ??
Be safe
Very nice story kon irakun aneh part?