Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ބަދު ނަސީބުގެ ހިޔަނި އެޅުމުން (28)

Dheem&Eekku Level 410 Stories100 Login500 Login
May 18, 2021 9 Mins Read
0 Comments

“އެ..އެއީ… އެއީ.. އަޒާން.. މަރުވެގެން އެއުޅެނީ އަޒާން” ދާނިޝް އެހެން ބުނުމުން އެތަނުގައި ތިބި އެންމެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

“އަޒާންއޭ؟” ނިހާއަށް އަނގަމަތީ އަތް އަޅާލެވުނެވެ.

“އާން.. ވަރަށް އިހާނެތިކޮށް އޭނާ މަރާލާފަ އެއޮތީ” ދާނިޝް އެހެން ބުނެފައި އެތަނުގައި ނުހުންނަން އެތެރެއަށް ވަނެވެ. ކޮޓަރިއަށް ވަދެފައި ދާނިޝް ބާރަށް ދޮރު ޖެހިއެވެ. އަދި ފާރުގައި ގޮއްމުށުން ޖެހިއެވެ. ހީވަނީ އޭނާ އައިސްފައިވާ ރުޅި ފާރަށާ ދޮރުފަތަށް ބާލުވަނީ ހެނެވެ. މުށިގަނޑުމަތީ އިށިީންދެ ދާނިޝް ދޮރުފަތުގައި ލެގިގަތެވެ. އަދި އޭނާގެ ދެއަތްތިލަ ތެރޭ މޫނު ފޮރުވާލިއެވެ. ދާނިޝްގެ ހިތްވަނީ ޝަކުއާއިން ބަރާވެފައެވެ.

އެހެން ނުވާންވީ ސަބަބެއް ނެތެވެ. ދާނިޝްއާ ރައްޓެހިވެގެން އުޅެ ޔީޝާ އެހެން މީހަކާ ގުޅުން ބާއްވަނީކަން ޔަގީންވުމުން އެހިތަށް ކެތްވާނީ ކިހިނެއް ހެއްޔެވެ. ދާނިޝް ޔީޝާދެކެ ވީ ތެދުވެރި ލޯބީގައި ކޮޅުފައިން ޖެހުމަށްފަހު އަޒާން ކަހަލަ ވިޔާ ނުދާ ކުއްޖަކު ޔީޝާ އިސްކުރީ ދާނިޝްގެ ފަރާތުން ކޮންކަމެއް އުނިވެގެން ހެއްޔެވެ. ޔީޝާއެކޭ މިޒާމާނުގެ އެހެން އަންހެން ކުދިންނެކޭ ތަފާތެއް ކޮބާހެއްޔެވެ. ޔީޝާއަކީވެސް އެއްވެސް އަހްލާގެއް ނެތް މީހެއް ނޫންހެއްޔެވެ. ދާނިޝް ނުކުރާ ކަންތަށް އޭނާގެ ބޮލުގައި އަޅުވާ މައްސަލަ ޖެއްސީ އޭނާ ކައިރިން ރުޅިވެގެން އަޒާން ކައިރިއަށް ދާން ހެއްޔެވެ.

އަޒާންގެ މަރާ ބެހޭ މައްސަލަތަށް ބަލާ ނިމި އޭނާގެ ހަށިގަނޑު ވަޅުލެވެން ހަމަ ޖެހުނީ އެރޭ އިޝާ ނަމާދުން ފާބައިގެނެވެ. އަޒާންގެ ޒަނާޒާގައި ބައިވެރިވުމަށް މިސްކިތަށް މީހުންތަށް ގިނަވެފައި ވިއެވެ. ކަށުނަމާދަށްފަހު ވަލީދުއާއި ދާނިޝް ގަބުރުސްތާނު ފާރުކައިރީ މަޑުކޮއްލިއެވެ. އޭރު އަޒާން ވަޅުލުމުގެ މަސައްކަތް ކުރިއަށް ދަމުން ދިޔައެވެ. އެހިސާބުގައި ކުރިއަށްވުރެ މިހުންވެސް މަދުވާން ފަށައިފިއެވެ.

ދާނިޝް ދައްކަމުން ދިޔަ ވާހަަކައަށް އާންހޫން ލައްވާލަމުން ވަލީދު އިނީ ދުރު ބަލަހައްޓައިގެނެވެ. އޭރު ވަލީދުގެ ސިކުނޑީގައިވެސް ސުވާލުތަކެއްވަނީ ފުނި ޖެހިފައެވެ. ބޮލުގައި އޮތް ތާކިހާ ރީތިކޮށްލަމުން ވަލީދު މަތިބަލާލީ މަތިން އެއްޗެއް އުދުހިފައި ދިޔަހެން ހީވެގެނެވެ. އޭރު ގަބުރުސްތާނު ތެރޭހުރި ބޮޑު ޖޭމުގަސް މަތީގައި ވާލުތަކެއް ބުރަކަށް އުދުހެމުން ދިޔަ މަންޒަރު ފެނުނެވެ. މިއީ ދާނިޝްމެން ގޭންވެސް ފެނިފައިވާ މަންޒަރެކެވެ. ވަލީދު ހެޔޮ އެއްޗެއް ކިޔަވާލުމަށްފަހު އެދިމާލުން ނަޒަރު ދުރުކުރަން މަސައްކަތް ކުރިއެވެ. އެއްލިކަޅިއަކުން ގަބުރުސްތާނު ތެރޭ ހުރި ހިނަވާގޭ ފުރާޅުމަތީގައި ހުރި ޒަބޫރިޝް ފެނިފައި ވަލީދުގެ އަތް ފައި ފިނިވިއެވެ. އޭނާގެ ހިތުގެ ތެޅުންވެސް ހިނދުކޮޅަކަށް ހުއްޓުނެވެ. އެދިމާ ނުބަލަން މަސައްކަތް ކުރިއަސް ވަލީދުގެ ހިތް އެކަމަށް ދެކޮޅު ހަދަމުން ދިޔައެވެ. އެދިމާލުން ނަޒަރު ދުރުކޮށްލަން އޭނާއަށް އުނދަގޫވިއެވެ.

“ކޯއްޗެއް ފެންނަނީތަ ތިބަލަނީ؟” ވަލީދު އަނގައިން ނުބުނެގެން ދާނިޝް ވަލީދުއަށް ގޮވާލިއެވެ. ވަލީދު ދެންވެސް އަނގައިން ނުބުނުމުން ދާނިޝް ވަލީދު ބަލަން ހުރިދިމާއަށް ބަލާލިއެވެ. ދާނިޝްއަށްވެސް ފުރާޅުމަތީ ހުރި ޒަބޫރިޝް ފެނުނެވެ.

“އެއީ ކޯއްޗެއް؟” ދާނިޝްގެ އަޑު ނުކުތީ ވަރަށް މަޑުންނެވެ.

“އެދިމާ ނުބާލާ ދާނިޝް.. އަވަހަށް ދުރުބަލާ” ވަލީދު އެހެން ބުނެފައި ދާނިޝްގެ އަތުގައި ކޮއްޓާލިއެވެ. އެކަމު އަދިވެސް ދެމީހުންނަށް އެދިމާ ބެލެނީއެވެ. ދާނިޝްއަށާއި ވަލީދުއަށް ހަމަހޭވެރިކަން ވެރިވީ ޒަބޫރިޝް ފުރާޅުމަތިން ހިނަވާގޭ ބިއްދަށަށް ފުންމާލުމުންނެވެ.

“ހިނގާ މިތަނުން ދާން..” ދާނިޝް ވައި އަޑުން ބުނެލިއެވެ.

“ނޫނޭ.. ކަށުކަމާ ކެމީގެ ހުރިހާ ކަމެއް ނިމުނީމަ ދާންވާނީ” ވަލީދު އެހެން ބުނުމުން ދާނިޝްއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ.

އަޒާންގެ ގަބުރު ވަޅުލުމަށްފަހު އެންމެންތަށް އެތަނުން ދާން ފެށިއެވެ. އެންމެންތަށް އެތަނުން ގެއްލެން ވާއިރަށް ދާނިޝްވެސް އަދި ވަލީދުވެސް އެތަނުގައި ނުހުންނަން ގެޔަށް ދާން ބޭނުންވިއެވެ. ވަލީދު ސައިކަލަށް އަރާ ހަމަ ޖެހިލިވަގުތު މަހާނަތަކު ތެރެއިން އަޒާން ވަޅުލާފައި އޮތް ދިމާއަށް ދިޔަ މަހްލޫގު ފެނުނެވެ. ވަލީދު ބަލަން ހުއްޓާ އޭތި ގޮސް ހުއްޓުނީ އަޒާންގެ މަހާނަ ޖަހާތާ އިން ފިލާ ކޮޅު ކައިރިއަށެވެ. ދެން އޭތި އެތަނުގައި ކުރިކަމެއް ނޭނގުނީ ދާނިޝް ސައިކަލު ދުއްވާލުމުންނެވެ.

ކޮޓަރީގައި ދިއްލާފައި ހުރި ބޮކީގެ ފަނޑު އަލީގައި ވަލީދު އިނީ ފުން ވިސްނުމެއްގައެވެ. މޭޒުމަތީ އުޅަންބޯށި ވިއްދާލާފައި ދެއަތުތެރޭ ބޯހިފަހައްޓާލައިގެން ހުރީރު އިރު އިރުކޮޅާ އޭނާގެ މޫނުގެ ކުލަވަރު ބަދަލުވަމުން ދިޔައެވެ. ފުން ނޭވާއެއް ލާ ކޮންމެފަހަރަކު ނިތަށް ޖަމާވެފައިވާ ރޫތަކަށް ވާންވެފައި އަނެއްކާވެސް ނިތަށް ރޫތަށް ގިނަވަމުން ދެޔެވެ. މަރުވެފައި އޮށްވާ ފެނުނު ފިރިހެންކުއްޖާގެ މަރަކީ އާދައިގެ މަރެއް ނޫންކަން އޭނާގެ ހިތް ބުނަމުން ދިޔައިރު އޭނާ ވަޅުލި ވަގުތު މިގޭތެރެއިން ފެންނަ ޖިންނި އެތަނުގައި ހުއްޓާ ފެނުނީ ކީއްވެކަމެއް ވަލީދުއަކަށް ނުވިސްނުނެވެ. އަނެއްކާ މިމަރާ އެޖިންނީގެ ގުޅުމެއް އޮތީހެއްޔެވެ. އެޖިންނީގެ މަގުސަދަކީ ޔީޝާއަށް ވާއިރު އަނެއްކާ ދަންވަރު ވަގުތު އަޒާންގެ ސިފާގައި އޭނާއަށް އެފެންނަނީ  އެޖިންނި ނޫން ބާއޭ ވަލީދު ހިތަށް އެރިއެވެ. އެރޭގެ ބާކީ އޮތް ވަގުތު ތަކުގައި ވަލީދު އިނީ އެފިކުރެއްގައެވެ.

ވަލީދުއެކޭ އެއްފަދައިން ދާނިޝްވެސް އެރޭ އޮތީ ނުނިދިފައެވެ. ގަބުރުސްތާނު ތެރެއިން ފެނުނު އެއްޗާހުރެ ދާނިޝްގެ ހިތަށް ވެރިވި ބިރުވެރިކަމެއް އަދިވެސް ފިލާ ގޮތެއް ނުވެއެވެ. އެނދުގައި އޮތް އިރުވެސް އިރުއިރު ކޮޅާ ފަރާތް ފަރާތް ބަލާލެވެނީ ސިހޭވަރުންނެވެ. މިގޭތެރޭވެސް ރޫހާނީ ކަމެއް އުޅޭކަމަށް ވަލީދު ބުނެފައި ވުނުމުން ދާނިޝް އަބަދުވެސް ހުންނަނީ ހިތް ނުތަނަވަސް ވެފައެވެ. އަޒާންގެ މަރާއެކު އެތަށް ބިރުވެރިކަމެއްގެ ހަބަރު ލިބުމުން ދާނިޝްގެ ހިތަށް ހަޖަމު ކުރަން ދަތިވީއެވެ. މާދަމާ ވަލީދު ކައިރިން ހުރިހާ ކަމެއް އޮޅުން ނުފިލުވަނީސް އެހިތަށް ހަމަޖެހުމެއް ނުލިބޭނެކަން އެނގުމުން މާދަމާ އިރުއެރުމާއެކު އެންމެ ފުރަތަމަ ކުރާނެ ކަމަކަށް ދާނިޝް އެކަން ހަމަޖެއްސިއެވެ.

ޖެހިގެން އައި ދުވަހުގެ ހެންދުނެވެ. އޮޓޯ މެޝިނަށް އަޅާފައި ހުރި ހެދުންތަށް ދޮވެނިމުނުކަން އެނގޭ “ބީޕް” އަޑު އިވުމާއެކު ފޯނަށް ގެއްލިފައި އިން ޔީޝާ ކޮޅަށް ތެދުވިއެވެ. ހިކިފައި ހުރި ހެދުންތަށް ވަށިގަނޑަށް އަޅާލައިގެން އޭނާ ނުކުތީ މެދުގޯތި ތެރޭ ހުންނަ ހެދުން އަޅުވާ ބޮޑު ހަރުކައިރިއަށެވެ. ހެދުންތަށް ހިއްކަން އަޅަން ހުރީރު ޔީޝާ އިނީ ފުންވިސްނުމެއްގައެވެ. އަޒާން މަރުވި ހަބަރު ލިބުނު ފަހުން ޔީޝާގެ ހާލަކީ މިއީއެވެ. ބަސްމަދުވެފައި އަބަދުވެސް ހުރެވެނީ ހިޔާލަކަށް ގެއްލިފައެވެ.

އަޒާން މަރުވެފައި އޮތް ގޮތް ފެނުމުން ޔީޝާގެ ސިކުނޑިއަށް އަސަރު ކުރުވާފިއެވެ. އޭނާއަށް މިހާރަކަށް އައިސް މާޒީ މަތިން މާބޮޑަށް ހަނދާން ކުރެވެނީއެވެ. އޭނާގެ ދިރިއުޅުމަށް އަންނަ ކޮންމެ ފިރިހެން ކުއްޖަކުވެސް އެފަދަ ކަމަކާ ހުރެ މިދުނިޔެއާ ވަކިވެގެން ދަނީއެވެ. އަޒާންއަކީ އޭނާގެ ދިރިއުޅުމުގެ މުހިންމު މީހަކަށް ނުވިނަމަވެސް އެއީ އޭނާގެ ހަޔާތަށް އައިސްފައިވާ ކުއްޖެކެވެ. މިއީ އަމިއްލަ ބަދުނަސީބު ބާއެވެ. ފިރިހެނަކު ފަރާތުން އޭނާއަށް އުފަލެއް ނެތީބާއެވެ.

ޒުވާން ފުރައަށް އަޅާ ފިރިހެން ކުދިންނާ ލޯބިގެ ގޮތުން ގުޅުން ބާއްވަން ފެށީންސުރެން އޭނާގެ ހަޔާތަށް އަންނަނީ ހިތާމައަކަށް ފަހު ހިތާމައެކެވެ. ވާނުވާ ނޭނގޭ މައްސަލަތަކެކެވެ. ލޯތްބަކީ އޭނާގެ ނަސީބުގައި ލިޔެވިފައިވާ އެއްޗަކީ ނޫން ކަންނޭނގެއެވެ.

އެފަދަ ހިޔާލުތަކެއްގައި ޔީޝާ ހުރީރު މިހާރު އަބަދުވެސް ފޮރުވިފައިވާ އޭނާގެ ކަނާއަތް އުޅަންބޯއްޓާ ހަމައަށް ހާމަވެފައިވާ ކަމެއްވެސް ޔިޝާއަކަށް ރޭކާ ނުލިއެވެ.

ބޭރުން ވަދެގެން އައި ވަލީދުއަށް ހަރުކައިރީ ހުރި ޔިޝާ ފެނުނީ އެވަގުތުއެވެ. ޔީޝާ ކައިރިންލާފައި ދަމުން ވަލީދު ޔިޝާއަށް ނަޒަރެއް ހިންގާލިއެވެ. ވަކި ކަމެއް ފާހަގަ ވެގެން ނޫނީ ފާހަގަ ވޭތޯއެއްވެސް ނޫނެވެ. ނަމަވެސް އެއްލި ކަޅިއަކުން ޔީޝާގެ އަތުގައި ހުރި ނިޝާން އޭނާެގެ ލޮލުގައި އަޅައިގަތެވެ. ކުރިންވެސް އެކަހަލަ ނިޝާނެއް ފެނުނު ކަމަށް ބުނެ ސިކުނޑީގެ ކޮންމެވެސް ހިސާބެއްގައި ކޮށައިގަތުމުން ވަލީދު ހުއްޓުނެވެ. އަދި ޔީޝާ ކައިރިއަށް ޖެހިލިއެވެ.

“ޔީޝާ..؟” ވަލީދު ގޮވާލުމުން ޔީޝާ ސިހުނެވެ. އަދި ހީލާފައި ކިހިނެއްވީހޭ އަހާލިއެވެ.

“އަތަށް ކިހިނެއްވެފަ މިހުރީ؟” ވަލީދު ވާހަކަ އިތުރުނުކޮށް އޭނާގެ ސުވާލު ހާމަކުރިއެވެ. ވަލީދު އެހެން އެހުމުން ޔީޝާ އަވަހަށް ހެދުމުގެ އަތް ތިރި ކޮށްލިއެވެ. އަދި ކަމެއް ނުވެޔޭ ބުނެލިއެވެ.

“ތިއީ އާދައިގެ ކަމެއް ނޫން.. އެހެންވެ މިއަހާލީ” ވަލީދު ބުނެލިއެވެ.

“ތިބުނީ؟ ނޭނގުނު” ޔީޝާ ހުސް ވަށިގަނޑު ހިއްލާލަމުން ބުނެލިއެވެ.

“ބުނެދީފާނަންތަ ތިއީ ކިހިނެއް ވެފަ ހުރި ކަމެއްކަން.. އާދައިގެ ކަމެއް ނޫނޭ މިބުނީ އެތަން ހުރިގޮތުން ތިއީ ވަރަށް ނުރައްކާ ކަމަކަށް ވެދާނެތީ” ވަލީދު ބުނެލިއެވެ.

“އަހަންނަކަށް ނޭނގެ މިއީ ކިހިނެއް ވީކަމެއް ކަމެއް” ޔީޝާ ދޮގުހެދިއެވެ. މިއީ ދާނިޝް ބާރަށް ހިފުމުން އޭނާއަތަށް ވީގޮތެކޭ ބުނުމުން ގަބޫލު ކުރާނީ ކާކުހެއްޔެވެ. ހުދު ދާނިޝްވެސް ގަބޫލު ނުކުރިއެވެ.

“މީހަކު ހިފާފަ ހުރިތަނެއް ދޯ ތިއީ.. ބުނެބަލަ ތިއީ ކޮންއިރަކު ކާކު ހިފުމުން ވީގޮތެއް ކަން” ވަލީދު އިތުރަށް ސުވާލު ގިނަގުރަން ފެށުމުން ޔީޝާއަށް އުނދަގޫވިއެވެ.

“ނޭނގެ..” ޔިޝާ އެހެން ބުނެފައި ވަށިގަނޑު ހިފައިގެން އެތަނުން ދިޔުމަށް ހިނގާގަތެވެ.

“ވިސްނާލާފަ އަވަަށް ހަގީގަތް ބުނެލުން ރަނގަޅު.. މާލަސްވެއްޖެއްޔާ މިކަމުން ސަލާމަށް ވުމުގެ ފުރުސަތުވެސް ކުޑަވެދާނެ” ވަލީދު އެހެން ބުނެފައި ހިނގާގަތެވެ. ދާނިޝްމެންގެ ބަޔަށް ވަދެގެން ދިޔަ ވަލީދުއަށް ބަލަން ހުރެފައި ޔީޝާ ހިނގާގަތް އިރު އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. ވަލީދު އެހެން އެެބުނީ ކީއްވެހެއްޔެވެ. ކޮންކަމަކުން ސަލާމަތް ނުވެވިދާނެ ވާހަކަ ހެއްޔެވެ. ޔީޝާއަކަށް ނުވިސްނުނެވެ.

 

އެރެއެވެ. ރަށަށް ދާން ނިންމާފައިވާ ދުވަސް ކައިރިވަމުން ދާ ވަރަކަށް ޔީޝާގެ ހިތަށް އުނދަގޫވަމުން ދިޔައެވެ. އޭނާ ދެން ރަށަށް ދާން އެއުޅޭނީ އެނބުރި ނާންނަ ގޮތަށެވެ. އިތުރަށް ކިޔަވަން ބޭނުންވިއަސް ދެންދާނީ މާލެއަށެވެ. ދާނިޝްއާ ރުޅިވުމަށްފަހު އެގޭގައި ހުންނާކަށް ޔީޝާއަކަށް ފަސޭހައެއްވެސް ނޫނެވެ. ނަމަވެސް ރަށަށް ދާންވެސް އޭނާ ފަސްޖެހެވެނީއެވެ. އޭނާ ދާނިޝްގެ ދިރިއުޅުމުން އެއްކޮށް ގެއްލޭނެތީއެވެ. އެގުޅުން އުމުރަށް ކެނޑިގެން ދާނެތީއެވެ. އެދެމެދު އޮތް ގުޅުން މިހެން ހަމަ ނިމިގެން ދާނީ ބާއެވެ. ދާނިޝް ދެން އޭނާ ބޭނުން ނެތީހެއްޔެވެ. ދާނިޝް އޭނާ ދެކެ ލޯބި ނުވަނީ ހެއްޔެވެ.

އެނދުމަތީގައި ގުޅައަކަށް ހުރި ހެދުންތަށް ފައްޖަހަން ޔީޝާ އިނީ އެހިޔާލެއްގައެވެ. ހުރިހާ ހެދުނުންތަށް ފައްޖަހާ ނިމުމުން އާންމުކޮށް ޔީޝާ ލައި ނޫޅޭ ހެނދުންތަށް ދަބަހަށް އަޅަން ފެށިއެވެ. ޗުއްޓީ ނިމެން ކައިރިވުމުން ޔައީޝް ރަށަށް ދާން ބޭނުންވާތީ ޔީޝާވެސް ނިންމީ ޔައީޝްއާއެކު ރަށަށް ދާށެވެ.

ކުރަން ހުރި މަސައްކަތް ނިމުމުން ޔީޝާ ފޫހިގޮތަކަށް ކޮޓަރިން ނުކުމެ ސޯފާގައި އިށީނެވެ. އޭރު އަފާ ނޫޑުލީސް ކެއްކުމުގައި އުޅެއެވެ. އަފާއަށް އެހީއެއްވާން ދާން އުޅިފައިވެސް ހިޔާލު ދޫކޮއްލީ ކެއްކުމުގައި ޔީޝާގެ އެއްވެސް އެހީއެއް އަފާ ބޭނުން ނުވާނެ ކަން އެނގޭތީއެވެ. ފޯނަށް ބަލަން އިން ޔީޝާ ސިހުނީ އެބައިގެ މައިދޮރުގައި މީހަކު ޓަކި ދިން ހެން ހީވެގެނެވެ. މިގަޑީގައި ދޮރުގައި ޓަކިދޭނީ ކާކުބާއޭ ޔީޝާ ހިތަށް އެރިއެވެ. އޭރުވެސް މިސްކިތުގައި އިޝާނަމާދު ކުރާ އަޑު އިވެމުން ދާތީ ޔައީޝްވެސް އަދި ނާންނާނޭ ކަން ޔީޝާއަށް އެނގެޔެވެ. ދޮރާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރީރުވެސް އިތުރަށް އެއަޑު ނީވުމުން އެއީ އޭނައަށް ހީވި ގޮތެއް ކަމަށް ޔީޝާ ނިންމިއެވެ. ނަމަވެސް ދެވަނަ ސިކުންތު މީހަކު ވަރަށް ބާރަށް ދޮޮރުފަތުގައި ޖެހި އަޑު އިވުނެވެ. އެއަޑުން ޔީޝާ ސިހިފައި ކޮޅަށް ތެދުވެވުނެވެ.

ދޮރު ހުޅުވަން ދިޔުމުގެ ކުރިން ޔީޝާ އަފާއާ ދިމާއަށް ބަލާލިއިރު އަފާއަށް އެއަޑު އިވުނު ހެނެއް ހިޔެއް ނުވެއެވެ. އެކަމު އެހާ ބާރަށް މީހަކު ދޮރުގައި ޖެހީރު އަފާއަށް އަޑުނީވި ހަމައެކަނި އޭނާއަށް އިވެންވީ ކީއްވެކަމެއް ޔީޝައަކަށް ނުވިސްނުނެވެ.

މަޑު ފިޔަވަޅުތަކުގައި ޔީޝާ ދޮރާ ދިމާއަށް ހިނގާގަތެވެ. އަދި ދޮރުގެ ތަންޑު ނައްޓާލާފައި ދޮރުން ބޭރަށް ބޯދިއްކޮށްލާ ދެފަރާތް ބަލާލިއެވެ. އެއްވެސް މީހަކު ނުފެނުމުން ޔީޝާ އެނބުރި އެތެރެއަށް ވަންނަން އުޅެނިކޮށް އޭނާއާ ނުހަނު ކައިރިން ހިޔަންޏެއް ހުރަސް ކުރިހެން ޔީޝާއަށް ހީވިއެވެ. ކުއްލިއަކަށް ސިހިފައި ޔީޝާއަށް އެދިމާއަށް ބަލާލެވުނެވެ. ނަމަވެސް އެތަނުގައި މީހެއް ހިލަމެއް ނުވާއިރު މީހެއްގެ ހިޔަނި ފެންނަންވީ ސަބަބެއް ނެތެވެ. ފުން ވިސްނުމެއްގައި އެދިމާ ބަލަން ހުރެފައި އެނބުރުނު ވަގުތު އޭނާގެ ކައިރީ ވިއްދާފައި ހުރި ދާނިޝް ފެނި ޔީޝާއަށް ބިރުން ހަޅޭ ލަވައި ގަނެވުނެވެ. އޭނާ ރަނގަޅަށްވެސް ބިރުގަނެއްޖެއެވެ.

“ކިހިނެއްވީ؟” އެތެރެއިން އަފާގެ އަޑު އިވުނެވެ.

“ކަމެއްނުވޭ؟” ޔީޝާ އެހެން ބުނެފައި ނުރުހުމުގެ ނަޒަރަކުން ދާނިޝްއާ ދިމާއަށް ބަލާލިއެވެ. އެކަމު ނަމާދުންވެސް ނުފާބަނިީސް ދާނިޝް މިތަނުގައި އެކުރަނީ ކީއްބާއޭ ޔީޝާ ހިތަށް އެރިއެވެ. މިރޭ ދާނިޝް ނަމާދަށް ނުދަނީ ހެއްޔެވެ.

“ކީއްތިކުރަނީ މިތާގަ؟ ދާނިޝްތަ ދެންމެ މިދޮރުގަ ތެޅީ؟” ޔީޝާ އަހާލިއެވެ.

“ހިނގާބަލަ އަހަންނާ އެކީ..” ޔީޝާގެ ސުވާލަށް ޖަވާބެއް ދިނުމެއްނެތި ދާނިޝް ބުނެލިއެވެ.

“އަހަރެން ނޫޅެން ދާކަށް.. އަހަރެމެން ދައްކަން ޖެހޭނެ ވާހަކައެއްވެސް މިހާރަކު ނޯންނާނެ” ޔީޝާ ބުނެލިއެވެ.

“ހިނގާބަލަ ޕުލީޒް…” ޔިޝާ އެތެރެއަށް ވަންނަން އުޅެން ހެދުމުން ދާނިޝް އޭނާގެ އަތުގައި ހިފާ ހުއްޓުވިއެވެ.

“ކޮބާ ބޭނުމަކީ؟ އަހަރެމެން މިހާރު މިއީ ނުދަންނަ ދެމީހުނެއްނު.. މިދެމެދު އެއްވެސް ގުޅުމެއް ނުވާއިރު އަހަރެން ދާނިޝްއާ އެކީ ތަންތަނަށް ދިޔުމަކީ ރީތި ކަމެއްނޫން” ޔީޝާ ބުނެލިއެވެ.

“ހަމަ އެންމެ ފަހަރަކު.. ދެން އަހަރެން ޔިޝާ ކައިރީ ކަމަކު ނޭދޭނަމޭ” ދާނިޝް އެހެން ބުނުމުން ޔީޝާ ވިސްނާލިއެވެ. މިފުރުސަތުގައި ދާނިޝް ކައިރީ ޔީޝާ ދައްކަން ބޭނުންވާ ހުރިހާ ވާހަކައެއް ދައްކަންވީއެވެ. އަދި އޭނާ ރަށަށް ދާވާހަކަވެސް ދާނިޝް ކައިރީ ބުނަން ބޭނުމެވެ. އެދެމެދުގައިވި ހުރިހާ ގުޅުމެއް ކަނޑާލާއިރު ޔީޝާ ބޭނުމީ ރީތި ގޮތުގައި ވަކިވުމެވެ. އިތުރަށް އެގުޅުމަށް ފުރުސަތެއް ނުދެވޭނޭ ގޮަތަށެވެ.

“އޯކޭ..” ޔީޝާ އެހެން ބުނެފައި ދާނިޝްގެ ފަހަތުން ހިނގާގަތެވެ.

 

އާންމުކޮށް އިޝާއިން ފާބައިގެން މިސްކިތުގައި ކިޔަވަން އިންނަ ވަލީދު މިރޭ ގެއަށް އައީ ފާހަނައަކަށް ދާން ޖެހިގެނެވެ. މިސްކިތާ ގެއާ އެހާ ދުރު ނޫންކަމުން ވަލީދުއަށް ފަސްމިނެޓު ތެރޭ ގެއަށް އާދެވިއްޖެއެވެ. ގޭގެ ދޮރާށިން ވަނުމުގެ ކުރިން ވަލީދު މަގުގެ ކޮޅަށް ނަޒަރެއް ދެވުނީ ބޭއިހްތިޔާރުގައެވެ. އޭރު ކުރީގައި ހިނގާފައި ދިޔަ ދެމީހުން އޭނާއަށް ފެނުނެވެ. ފުރަގަހުން ފެނުނު ކަމުގައިވިއަސް އެއީ ދާނިޝްއާއި ޔީޝާކަން ވަލީދުއަށް އެނގުނެވެ. އަޅައި ނުލާ އެތެރެއަށް ވަންނަން ހިނގާގަތް ވަލީދުގެ ހިތަށް އަނެއްކާވެސް ހައިރާންކަން ލިބުނެވެ. އޭނާ މިސްކިތުން ފާބައިގެން އައިރު މިސްކިތު ބޭރު ފާރުކައިރީ ޔައީޝްއާއެކު ދާނިޝްވެސް ހުރިތަން އޭނާއަށް ފެނުނެވެ. މިހާއަވަހަށް އައިސް ޔީޝާ އާއެކު އޭނާ އެދަނީ ކޮންތާކަށް ހެއްޔެވެ. އެކަމު މިހާއަވަހަށް ދާނިޝް އައީ ކިހިނެއް ހެއްޔެވެ. ސައިކަލުވެސް ހުރީ ގޭތެރޭގައެވެ. އެހެން ނޫނަސް ވަލީދުއަށް ނުފެނި ދާނިޝްއަށް ގެޔަކަށްވެސް ނާދެވޭނޭކަން ވަލީދުއަށް ޔަގީނެވެ.

ހިތަށް އެރި އެއްޗަކުން ވަލީދުއަށް އެއީ ދާނިޝް ނޫންކަން ޝައްކުވިއެވެ. އެމީހުން ދިޔަ ނުދިނުމަށް ވަލީދު ހިތް ބުނެލުމުން ވަލީދު މަގަށް ނުކުމެ އެދިމާ ބަލާލިއެެވެ. ނަމަވެސް އޭރު އެމަގަކުން ޔީޝާމެނެއް ފެންނާކަށް ނެތެވެ. ހާސްކަމެއް ތެރޭ ވަލީދު އެތެރެއަށް ވަނެވެ. ސިޑިން ލާފައި މައްޗަށް އެރި ވަލީދު ކުރިއަށް އެޅި ފިޔަވަޅު މަޑުޖެހުނެވެ. އެގޭތެރޭގެ އިމުން އެތެރެއަށް ރޫހާނީ ބާރަކު ވަދެފިކަން އޭނާގެ ހަވަނަ ހިއްސު ބުނެލުމުންނެވެ. ފަންޑިތައާ ސިހުރުން ކުރިއަރާފައިވާ ވަލީދުއަށް މިކަހަލަ ހީވުންތަށް ގިނަފަހަރަ ސީދާވާތީ އޭނާ ހަދާފައިވާ ފަންޑިތާގެ ބާރު މިހާރު ކެނޑިއްޖެކަން އޭނާއަށް ވިސްނުނެވެ. ޔީޝާ ގޭތެރޭ ހުއްޓާ އެޖިންނިއަށް އޭނާ އެހާ ފަސޭހައިން އެގެންދެވުނީ އެހެންވެކަންވެސް ވަލީދުއަށް ޔަގީނެވެ.

 

“އަހަރެެން މިއުޅެނީ ރަަށަށް ދާން.. ދެންއެނބުރި ނާންނާނަން” ޔީޝާ ވާހަކަ ދެއްކީ ކައިރީގައި އެހުރީ ދާނިޝްގެ ސިފަޖެހިގެން ހުރި ޒަބޫރިޝް ކަން ނޭނގޭ ހާލުއެވެ.

“ކޮން އިރަކުން؟” ޒަބޫރިޝް އަހާލިއެވެ.

“ވަރަށް އަވަހަށް..” ޔީޝާ އެހެން ބުނުމުން ޒަބޫރިޝްގެ ތުންފަތްމަތީ ފަތަހައިގެ ހިނިތުންވުމެއް ފަވާލިއެވެ. ނަމަވެސް ދެވަނަ ސިކުންތު އެ މޫނު ފުސްވެގެން ދިޔައެވެ. ޔީޝާ ރަށަށް ހިނގައްޖެ ނަމަ ދެން އޭނާއަށް ޔީޝާއާ ގާތްވާނެ ފުރުޝަތު މަދުވެދާނެތީއެވެ. ދާނިޝްގެ ސިފައިގައި ދެން ޔީޝާ ކައިރިއަށް ނާދެވޭނެތީއެވެ

“ކީއްވެ ރަށަށް ދަނީ.. ދެމީހުން ދޭތެރޭ ކިރިޔާ މައްސަލައެއް ޖެހިލާއިރަށް ރަށަށް ދާން ޖެހޭތަ.” ޒަބޫރިޝް ބިންމަތީގައި އިށީނެވެ. އަދި ބިންމަތީގައި އަތުން ޖަހާލަމުން އޭނާ ޔީޝާއަށް އިޝާރާތް ކޮއްލިއެވެ. ކޮޅަށް ހުރި ޔީޝާވެސް އައިސް އާދައިގެ ދުރުމިނެއް ބަހައްޓާފައި ބިންމަތީގައި އިށީނެވެ.

ޔީޝާ ދުރުގައި އިށީނުމުން ޒަބޫރިޝް އައިސް ޔީޝާގައިގައި ޖެހޭ ނުޖެހޭ ވަރަށް ކައިރިވިއެވެ. ޔީޝާއަށް ކުޑަކޮށް އުނދަގޫވިއެވެ. ކުޑަކޮށް ދުރު ވެލެވުނީވެސް އެހެންވެއެވެ. ކުރިން ދާނިޝްއާ ގާތްވެގެން އުޅުނުހެން އުޅޭކަށް މިހާރު ޔީޝާ ބޭނުމެއް ނޫނެވެ.

“ރުޅިންތަ އަދިވެސް ތިހުންނަނީ؟” ޒަބޫރިޝް އަހާލިއެވެ.

“ދާނިޝްއަށް އެނގޭނުން އަހަރެން ރުޅިއަންނަން ޖެހުނު ސަބަބު.. ދާނިޝް ތިކަހަލަ ވިޔާނުދާ ކަމެއް ކޮށްފަ އިތުރު ދޮގުތަކެއް ނެހެދިނަމަ މިހިސާބަށް މައްސަލަ ނުދިޔައީހެއްނު.. އަހަރެން ބޭނުމެއްނޫން އިތުރަށް މިވާހަކަ ދައްކާކަށް” ޔީޝާ ބުނެލިއެވެ.

“ސަމާސާއެއްވެސް ކޮށްލެވެން ނޯވޭތަ.. އަހަންނަށް އަދިވެސް އެރޭގެ ހަދާންތަކުން ގައިން ހީބިހި ނަގާވަރުވޭ.. ޔީޝާއަކަށް އެހެނެއް ނުވޭތަ” ޒަބޫރިޝް ބުނެލިއެވެ.

ޔީޝާ ހައިރާންވެފައި ކުރިމަތީހުރި ދާނިޝްގެ ސޫރައަށް ބަލާލިއެވެ. ދާނިޝް އަމިއްލައަށް އިސްވެ އެރޭގެ ވާހަކަ ދެއްކި މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އޭނާ އެއްވެސް ކަމެއް ހަނދާން ނެތްކަމަށް ހެދި އެރޭ އެއްވެސް ކަމެއް ނުކުރަން ކަމަށް ބުނެ ވާހަކަ ދައްކާފައި މިހާރު އެދައްކަނީ ކޮންވާހަކައެއް ހެއްޔެވެ. އެރޭ ކުރެވުނު ކަންތަށް ކުއްލިއަކަށް ހަނދާންވީހެއްޔެވެ.

“މިއޮށް ހުރިހާ ދުވަހު ދޮގުހަދާފަ މިހާރު އެކަމަށް އެއްބަސްވާނީތަ.. ދާނިޝްއަށް ހީވަނީ ކޮންމެ ކަމަކީ ސަމާސާއެކޭތަ..” ޔީޝާ ކޮޅަށް ތެދުވިއެވެ.

“އެއީ ޔީޝާއާއެކު އަހަންނަށް ހޭދަކުރެވުނު ރޭތަކުގެ ތެރެއިން އެންމެ ހިތްހަމަޖެހުނު ރެއަކީ.. އަހަރެން އެރޭމަތިން ހަނދާން ނެތޭނީ ކިހިނެއް.. މުޅިހަޔާތުގަވެސް އެންމެ އުފާވެރި ރޭ އެއީ” ޒަބޫރިޝް އެހެން ބުނެފައި ޔީޝާގެ ފަހަތުން މެދުހަށީގައި އޮޅުލާގަތެވެ. ބޭއިހްތިޔާރުގައި ޔީޝާއަށް އަތް ފޮޅުވާލާފައި ދުރަށް ޖެހިލެވުނެވެ.

ޔީޝާ ދުރަށް ޖެހުމުން ޒަބޫރިޝްގެ މޫނުމަތީ ހިތްހަމަ ނުޖެހުމުގެ ކުލަވަރު ފަވާލިއެވެ. ހަށަން ބަނދެލަމުން ޒަބޫރިޝް ބަލާލީ ގަސްތަކާ ދިމާއަށެވެ.

“އަޒާން މަރާލާފަ އޮތީ އެހެރަ ގަސްތަކު ތެރޭ.. ސީދާ މިދިމާލުގަ.. 10 ފޫޓަށް ވުރެ މަތީގައި މޫގަނޑަކުން ގަހެއްގަ އެލުވާފަ.. ވަރަށް ފުރިހަމަކޮށް އޭނާ މަރާލާފަ އެއޮތީ ނޫންތަ.. މިހާރު ޔިޝާއަށް މަގުމަތިން އުނދަގޫ ކުރާނެ މީހެއްވެސް ނޫޅޭނެ.. އަޒާން މަރާލި މީހަކަށް ޔީޝާގެ ހިތް ޝުކުރުވެރިވާން ޖެހޭނެ ނޫންތަ” ދާނީޝް ކުއްލިއަކަށް ދައްކަންފެށި ވާހަކައަކުން ޔީޝާއަށް އުނދަގޫވިއެވެ. އެފަދަ މާހައުލެއްގައި ހުރެ އެކަހަލަ ވާހަކައެއް ދައްކާކަށް ދާނިޝް ބިރެއްވެސް ނުގަނޭހެއްޔެވެ. އަދި މީހެއްގެ މަރަކާ ބެހޭގޮތުން ވާހަކަ ދައްކާއިރު ދާނިޝް ހީވަނީ އުފާ ކުރާހެނެވެ.

“ކޮން ކަހަލަ ވާހަކައެއް ތިދައްކަނީ؟ ކިތަންމެ ވިޔާ ނުދާކޮށް އުޅޭ މީހަކަށްވެސް އެކަހަލަ މަރެއް ހައްގެއް ނުވާނެ.. ވިޔާ ނުދާ މީހެކޭ ކިޔާފަ އެހާ އަނިޔާވެރިކޮށް އޭނާ މާރާލުމުގެ ހައްގެއް އެހެން މީހަކަށް ނޯވޭ.. އަހަރެން އެކަމަކާ އުފަލެއްވެސް ނުކުރަން..” ޔީޝާ ބުނެލިއެވެ.

“ކޮންމެ މީހަކަށް އެކަހަލަ މަރެއް ހައްގެއް ނޫން.. އެކަމު އަހަރެމެން ދެމީހުން ދޭތެރެއަށް ވަންނަ ކޮންމެ މީހަކަށްވެސް އޮންނާނީ އެކަހަލަ ނިމުމެއް..” ދާނިޝް އެހެން ބުނީރު މޫނަށް އަރާ ފޭބި ކުލަވަރު ފެނިފައި ޔިޝާގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. ކުރިމަތީ ފެންނަން މިހުރީ ހަމަ އަސްލުވެސް ދާނިޝް ބާއޭ ޔީޝާ ހިތަށް އެރިއެވެ. އެހެން ހިތަށް އެރުމުން އިތުރަށް ޔީޝާ ޖެހިލުންވާ ގޮތްވިއެވެ.

“އަހަރެން މިދަނީ ގެއަށް.. މިތާގަ އިތުރަށް ހުންނާކަށް ބޭނުމެއް ނޫން” ޔީޝާ އެހެން ބުނެފައި ހިނގާގަތެވެ. ނަމަވެސް ޒަބޫރިޝް އައިސް އޭނާ ހުއްޓުވިއެވެ. ޒަބޫރިޝް ހިފާފާވާލެ ބާރުކަމުން ޔީޝާއަކަށް ގުޑާވެސް ނުލެވުނެވެ.

“އަހަރެން މިރޭ ޔީޝާ ބޭނުން.. ކިހާ ދުވަހެއްވެއްޖެ ތިހަށިގަނޑަށް ކެތް މަދުވެފަ ހުންނަތާ.. ގަދަ ނުދައްކަ ބަސްއަހައިގެން އޮވޭ” ޒަބޫރިޝް އެހެން ބުނެފައި ޔީޝާ ކޮނޑުގައި އަޅާ ކޮއްޕާލަމުން ވެލިގަނޑު މައްޗަށް ވައްޓާލިއެވެ. އަދި ހައިވެފައި އޮތް މިނިކާ ވަގެއްހެން ޔީޝާގެ ގައިމައްޗަށް ޖެއްސި ގަތެވެ.

“ދާނިޝް މޮޔަވީތަ؟ ދުރައްދޭ އަހަރެން ކައިރިން” ޔީޝާ އޭނާގެ ގައިމަތީ އޮތް ހަށިގަނޑު ދުރު ކުރެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ޔީޝާ ކުރަމުން ދިޔަ އާދޭސް އެކަކަށްވެސް ނީވޭ ފަދައެވެ.

“ދާނިޝް ހެޔޮނުވާނެ އަހަރެން ދޫކޮއްލާށޭ!!” ޔީޝާ ދެލޮލުން ރޮނގަކަށް ކަރުނަ ފައިބަމުން ދިޔައެވެ. ދާނިޝްގެ ފަރާތުން އޭނާއަށް މިފެންނަ ކަންތަށްތަށް އޭނާއަށް ގަބޫލުކުރަން ދައްޗެވެ. ދާނިޝް މިހާ އެދުންވެރިވެދާނެ ކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. އޭނާގެ ނުރުހުމުގައި އެ މަގުސަދު ހާސިލް ކުރަން ދިމާކުރީރު އެމީހުން މިތިބީ ހާމައަށް އޮތް ތަނެއްގާކަންވެސް ދާނިޝްއަށް ނޭނގެނީހެއްޔެވެ. މީހަކަށް ފެނިދާނެތީވެސް އޭނާ ހާސްނުވަނީހެއްޔެވެ.

ޔީޝާގެ ގާތަށް ރުޅިއަންނަ ގޮތްވިއެވެ. މިހާރު އެއީ އޭނާ ލޯބިވި ދާނިޝްއެއް ނޫނެވެ. ދާނިޝްއަކީ ވިޔާނުދާ މީހެއްކަން ޔީޝާއަށް މިއަދު ޔަގީން ވެއްޖެއެވެ. އެ ހިތްގައިމު މޫނުގެ ފުރަގަހުގައި ހުރީ ކެހިވެރި އަނިޔާވެރިއެކެވެ. މީހުން މަޅީގައި ޖައްސާ ފަައިދާ ނަގާ ދޮގުވެރިއެކެވެ.

އެއަަތުން ދާނިޝްގެ މޭގައި އަޅާ ކޮއްޕަމުން ޔީޝާ އަނެއް އަތް ދަމާލީ ބިންމަތީގައި އޮތް ގާބުރިއަށް އަތް ފޯރާތޯއެވެ. ޔީޝާގެ ނަސީބުވެސް ރަނގަޅީއެވެ. އަތަށް ގާބުރި ހެޔޮވަރު ކޮށްލާފައި ޔީޝާ ގާބުރި ދާނިޝްއާ ދިމާއަށް މަޅާލިއެވެ. ޔީޝާގެ ފަރާތުން އެފަދަ ކަމަކަށް ނުވިސްނާ ހުރި ޒަބޫރިޝްގެ ބޮލުގައި ގާބުރި ޖެހުމާއެކު އޭނާއަށް ޔީޝާގެ ގައިމަތިން ތެދުވެވުނެވެ. ގާބުރި ޖެހުނު ދިމާއިން ކަޅު ރަތް ކުލައިގެ ލޭ އޮހޮރިގަތީ އެހެނެއް ބަލާފައެއް ނޫނެވެ. ބޮލުގައި އަތް ޖައްސާލާފައި ޒަބޫރިޝްގެ ރުޅި ވެރި ނަޒަރު ޔީޝާގެ މޫނަށް ހުއްޓުނެވެ. އޭނާ ޔީޝާއާ ދިމާއަށް ބަލަން ހުރިގޮތުން ޔީޝާ ބިރުގަތެވެ. އެހާ ބައިވަރު ލޭއަންނައިރުވެސް ދާނިޝްއަށް ހަމަ އެއްގޮތްވެސް ނުވަނީ ހެއްޔެވެ. އާދައިގެ އިންސާނަކަށް އެހާ ބައިވަރު ލޭ އަންނައިރު ކޮޅަށް ހުރެވިދާނެ ހެއްޔެވެ. ހަމަގައިމުވެސް ހަބަރު ހުސްވެގެން ވެއްޓޭނެއެވެ.

ޒަބޫރިޝް ހުއްޓުން އަރާފައި ހުރިވަގުތު ބަލާ ޔީޝާ ތެދުވެ ދުއްވައި ގަތެވެ. ގެޔާ ދިމާއަށް މިސްރާބު ބަހައްޓާގެން ހުރެ ޔީޝާ ދުވަމުން ދިޔައިރު އިރު އިރުކޮޅާ ފަހަތް ބަލާލެވެނީ ދާނިޝް އޭނާގެ ފަހަތުން އާދޭތޯއެވެ. ނަމަވެސް ނަސީބު ދިމާކުރިގޮތުން އޭނާ ފަހަތުން ދާނިޝް އަންނާކަށް ނޫޅެއެވެ. ގެޔާ ހަމައަށް ޔީޝާއަށް ދެވުނު އިރު އޭނާ ހުރީ ރޮވިފައެވެ. މީހާ ހުރީ ދަލުން ފެންވެރިފައެވެ. ފައިގަވެސް ރިއްސައި ގަނެއްޖެއެވެ. ނަމަވެސް ގެޔަށް ނުދެވެނީސް ދުވުން މަޑުކުރާކަށް ޔީޝާ ބޭނުމެއް ނޫނެވެ

“ތު.. ތުއް.. ތުއްތުބޭ” ދޮރާށިން ވަތް އިރު އެންމެ ފުރަތަމަވެސް ފެނުނު ޔައީޝް ފެނުމުން ޔީޝާގެ ބަޑި ފަޅައިގެން ދިޔައެވެ. ޔީޝާ ރޯތަން ފެނުމުން ޔައީޝް ކަންބޮޑުވެފައި ކިހިނެއްވީހޭ އަހަމުން ޔީޝާ ކައިރިއަށް އަޔެވެ.

“ދާނިޝް.. ދާނިޝް އަހަރެން..” ޔީޝާއަށް ގިސްލެވެމުން ދިޔައިރު ރީއްޗަށް ވާހަކަވެސް ނުދެއްކުނެވެ.

“ދާނިޝް ކިހިނެއްވީތަ؟ ކީއްވެތަ ތިރޮނީ.. ބުނެބަލަ” ޔައީޝް ހައިރާނުގެ ނަޒަރަކުން ބަލާލާފައި ޔީޝާ މަސަލަސް ކުރަން ގާތްކޮށްލިއެވެ. ދާނިޝް ދެންމެގައި ކަންތަށް ކުރިގޮތް ކިޔައިދޭން ޔީޝާ އަނގަ ހުޅުވާލިއެވެ. ނަމަވެސް ދުލު ކުރީ އޮތް ބަސްތައް އަރުތެރެއަށް ވިރިގެން ދިޔައީ ގޭތެރެއިން ނުކުމެގެން އަންނަ ދާނިޝް ފެނިފައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dheem&Eekku

Level 410 Stories100 Login500 Login

Other Articles

loabi viyas
Previous

ލޯބި ވިޔަސް… 10 ވަނަ ބައި

Next

ނަފްރަތުން ވެވުނު ލޯބި 21

Next
May 19, 2021

ނަފްރަތުން ވެވުނު ލޯބި 21

Previews
May 18, 2021

ލޯބި ވިޔަސް… 10 ވަނަ ބައި

loabi viyas


All Right Reserved!