އަޒާންގެ ނޭވާ ކުރުވާން ފެށިއެވެ. ދެލޯ ބޮޑުވެ ދޫވެސް ބޭރުވާން ފަށައިފިއެވެ. ދެލޮލަށް ލޭކުލަ އަރާ މުޅި މޫނުމަތިވެސް ރަތްވެއްޖެއެވެ. އަމިއްލަ ނިކަމެތިކަމާއެވެ. އަމިއްލަ ސަލާމަތަށް އެދި ގުޑާވެސް ނުލެވިފައި އޮތްވާ އަޒާންގެ އެންމެ ފަހުނޭވާއާ އެކު އޭނާގެ ފުރާނަވެސް ހަށިގަނޑާ ވަކިވެއްޖެއެވެ. ހަށިގަނޑުގެ ވިންދުތަށް މަޑުޖެހި ހަށިގަނޑު ދެމުނެވެ. ބިމަށްވުރެ 10 ވަރަކަށް ފޫޓު މަތީގައި އެލި އެލި އޮތް އަޒާންގެ ފުރާނަ ނެތް މަސްގަނޑަށް ބަލަހައްޓައިގެން ހުރެފައި ޒަބޫރިޝް ގަހުން ފުންމާލިއެވެ. އަދި އަނދިރީގެ ތެރެއަށް ވަދެ ލޯމަތިން ޣައިބުވިއެވެ.
******
އަޒާންގެ މަރަށްފަހު ސައްވީސް ގަޑީރުވެސް ނުވަނީސް އޭނާ ގެއްލިގެން އުޅޭ ހަބަރު މުޅި ރަށުގައި ފެތުރިއްޖެއެވެ. އަޒާންއަކީ އަހުލާގެއް ނެތް ޒުވާނެއް ނަމަވެސް އޭނާގެ މައިންބަފައިންނަކީ ރަށުގެ ގިނަ ބަޔަކު ދަންނަ މީހުނަށް ވާތީ ރަށުގެ ގިނަބަޔަކު އޭނާ ހޯދުމުގައި ބައިވެރިވިއެވެ. ފުލުހުންނާއި ރަށުގެ ރައްޔިތުންގެ އެހީއާއެކު އަޒާން ފެނޭތޯ މުޅި ރަށުތެރެ ބަލަން ފެށިއެވެ. ނަމަވެސް ދެދުވަސް ފާއިތުވިއިރުވެސް އަޒާންގެ ހަބަރެއް އެމީހުނަކަށް ނުވިއެވެ. އަޒާން ގެއްލުނު ދުވަހު އޭނާއާ ބައްދަލުވެފައިވާ މީހަކުވެސް ނެތެވެ. މިހާރު ގިނަބަޔަކު ދެން އަޒާން ނުފެންނާނެ ކަމަށް ބުނެ އުންމީދުވެސް ކަނޑާލާފިއެވެ. އަޒާން މޫދަށް ގެންބި މަރުވީއޭވެސް ބައެއް މީހުން ބުނަންފެށިއެވެ.
ފަތިސް ނަމާދުން ފައިބައިގެން ހަދީޖާ ބޭރަށް ނުކުތީ އިރުއަރާ މަގުގައި މީހުންތަށް ގިނަވާން ވާއިރަށް ކުނި ޓައްޕު އުކާލަން ދާށެވެ. ބަރޯއަށް ކުނި ޓައްޕު އެރުވުމަށްފަހު ހަދީޖާ ވަލާ ދިމާއަށް ހިނގާގަތެވެ. ގަސްތަކު ތެރެއިންލާފައި ހިނގަމުން ގޮސް ހަދީޖާ މަޑުކޮށްލިއެވެ. އާންމުކޮށް މީހުން އައިސް ނޫޅޭ ހިސާބަށް ކުނި ޓައްޕު އުކާލާފައި އެނބުރި ގަސްތަކު ތެރެއިން ނުކުންނަނިކޮށް ގަސްތަކު ތެރޭގައި ބަޔަކު އުޅޭއަޑު އިވުނެވެ. މިހާ މައިރާ ވަލަށް ވަދެ އެއުޅެނީ ކޮންބައެއް ބާއޭ އޭނާ ހިތަށް އެރިއެވެ. މަގަށް ނުކުތުމުގެ ބަދަލުގައި ހަދީޖާ އެދިމާއަށް ހިނގާގަތެވެ.
“ކަލޭމެން ދޯ؟ ބަޔަކު އުޅޭއަޑު އިވިގެނޭ މިއައީ” ހަދީޖާ ގަސްތަކު ތެރެއަށް ވަތްއިރު އެދިމާގައި ހިކިފަން ހޮަވަން ތިބި މެދު އުމުރުގެ ދެއަންހެނުން ފެނިފައި ހަދީޖާ ބުނެލިއެވެ.
“ހަދީޖާ މިހާރު ފަންގެވެސް ވިނެ ނުލަން ދޯ.. މިހާރުވެސް އެއީ ހާދަ އަގު ބޮޑުކޮށް ވިކޭ އެއްޗެކޭ..” ބަދޫރަ ބުނެލިއެވެ.
“ކިހިނެއް ފަންގި ވިންނާނީ.. އަހަރެމެން ފަން ހޮވަން އަންނަންވާއިރަށް ކަލޭމެން ދެމީހުން ވަލުގަ ހުރިއްޔާ ހިކިފަނެއް ހޮވާ ހުސްކުރާނެ.. އިރު ނާރަނީސް އައިސް ހިކިފަންކޮޅު ހޮވާ ބަޔަކުވެސް މިއެނގުނީ” ހަދީޖާ ރައްދުގައި ބުނެލިއެވެ.
“މިހާ މައިރާ އައިސްގެން ނުނީ ނެތޭނުން މިކަމެއް ވާކަށް.. އެހެން ނޫނަސް އިރު އެރީމަ ކުރާނެ އެހެންކަންތަށް ގިނަކަމުން ވަލަށް ވަދެވެނީކީވެސް ނޫން” ޒުބޭދަ ބުނެލިއެވެ.
“ތެދެއް ތިބުނީ.. މާމަ ދަރިން ލިބުމަށްފަހު ދެން އެހެން ކަމެއް ކުރާނެ ވަގުތެއް ނުވާނެ.. ހަދީޖާވެސް އާދެބަލަ ފަންކޮޅެއް ހޮވާލަން.. ކަލޭ ފަން ބޭނުން ނުވިއަސް އަހަރެމެނަށް އަތެއް ދިއްކޮށްލަބަލަ” ބަދޫރަ ބުނެލިއެވެ.
“އާން މިފަހަރު ކަލޭމެނަށް ފަން ހޮވާދޭނަން.. މިތާކު މިހާރު ނުވެސްނެތޭނުން ފަނެއް.. އަހަރެން މިދަނީ އެދިމާއަށް” ހަދީޖާ ބުނެލިއެވެ.
“އޭ.. ދިމިއާކު ނެތޭނުން ރުކެއްވެސް.. އެހެރަ ކަށިކެޔޮ ފީނި ބިއްދަށަށް ކަންނޭނގެ ދާންވީ..” ކަތިވަޅި އަތަށް ހެޔޮވަރު ކޮއްލަމުން ހިނގާގަތް ހަދީޖާއަށް ބަދޫރަ ބުނެލިއެވެ. ކުރީގައި ހުރެ ހަދީޖާ ހިނގާގަތުމުން ބަދޫރައާއި ޒުބޭދަވެސް އެތަނުގައި ހުރި ފަންތައް ހޮވާލާފައި ބަރޯއަށް އަޅާލައިގެން ހިނގާގަތެވެ. އެމީހުން ހިނގާގަތް އިރު ހަދީޖާ އެތަނަކުން ފެންނަންވެސް ނެތެވެ.
އެދިމާލުގާ ހިކިފަން އެބަހުރިހޭ އަހަމުން އެދެމީހުން ހަދީޖާއާ ހަމަކުރަން ހިނގުން އަވަސްކޮއްލިއެވެ. ނަމަވެސް ގަސްތަކުތެރެއަށް ނުވެސް ވަދެވެނީސް ގަސްތަކު ތެރެއިން އިވުނީ ހަދީޖާ ހަޅޭލަވައިގަތް އަޑެވެ.
“ކިހިނެއްވީ؟ ކޯއްޗެއް ފެނުނީ؟” ހަދީޖާގެ އަޑަށް ސިހިފައި ބަދޫރައާ ޒުބޭދަ އެދިމާއަށް ދުއްވައިގަތެވެ. އެދެމީހުނަށް އެތަނަށް ދެވުނުއިރު ހަދީޖާ އޮތީ ބިންމައްޗަށް ވެއްޓިފައެވެ. އޭރުވެސް ހަދީޖާ ހަޅޭލަވަމުން ދިޔައެވެ.
“ކިހިނެއްތަ ވީ؟ ކީއްވެތަ ތިޔަ ހަޅޭލަވަނީ؟” ހަދީޖާގެ ކައިރިއަށް ތިރިވަމުން އެމީހުން އަހަން ފެށިއެވެ. ހަދީޖާ އަނގައިން ނުބުނެ އޭނާގެ ޝަހާދު އިނގިލި ދިއްކޮށްލީ މައްޗަށެވެ. އޭރު އެއަތުގައި މަޑު ތުރުތުރެއްވަނީ އުފެދިފައެވެ.
ކޯއްޗެއްހޭ ބުނެފައި ހަދީޖާ ދެއްކި ދިމާއަށް ބަލާލި ޒުބޭދައަށާ ބަދޫރައަށްވެސް ހަޅޭލަވައިގަނެވުނެވެ.
“މާތް ކަލާކޯ.. އެއޮތީ މީހަކު ދަންޖައްސާފަ.. މިތާ ނުވާނެ ހުންނާކަށްވެސް… ހިނގާ އަވަހަށް ދާން.. އެއޮތީ އިންސާނެއް.. ހިނގާ މިތަނުން ދާން” ބިރު ގަތްވަރުން ބަދޫރައަށް ކިޔޭ ނުކިޔޭ އެއްޗެއްވެސް ނޭނގުނެވެ. ހަދީޖައާއި ޒުބޭދަގެ އަތުގައި ހިފާ ދަމަމުން ވަލުން ނުކުމެވޭތޯ ދުއްވާގަތެވެ. ގަސްތަކު ތެރެއިން ނުކުތްއިރު ޒުބޭދަގެ ހެޔަަށްވެސް ވަނީ ގޮތެއްވެފައެވެ. ތިންމީހުން ހުރީ ބިރުން ހަލާކުވެފައެވެ. އިރުތަކެއް ނުވެ މުޅިރަށުގައި ވަލުގައި ދަންޖައްސާފައި އޮތް މީހާގެ ހަބަރު ފެތުރިއްޖެއެވެ.
ނާޒިޔާއާއި ވަލީދު ސިޓިން ރޫމުގައި ވާހަކަ ދައްކަން ތިބިއިރު ދާނިޝް އިނީ ކާގޭ މޭޒުކައިރީގައެވެ. ފޯނަށް ނަޒަރެއް ދީގެން އިނދެ ކޮފީ ކޯވަރަކަށް ފަހު ކޯވަރެއް ބޮމުން ދިޔަ ދާނިޝް އިންތިޒާރު ކުރަމުން ދިޔައީ ވަލީދު އެތަނުން ތެދުވާނެ އިރަކަށެވެ. ދާނީޝްގެ އިންތިޒާރަށް ނިމުމެއް އައީ ނިހާ ގޮވުމުން ނާޒިޔާ ނިހާގެ ކޮޓަރިއަށް ދިޔުމުންނެވެ. ނާޒިޔާ ދިޔުމުން ވަލީދުވެސް އިތުރަށް އެތަނުގައި ނުހުރެ އޭނާ އުޅޭ ބަޔަށް ދާން ހިނގާގަތެވެ. ވަލީދު ބޭރަށް ނުކުންނަތަން ފެނުމުން ދާނިޝް އަވަހަށް ހުސްޖޯޑު ސިންކު ތެރެއަށް ލުމަށްފަހު ވަލީދު ފަހަތުން ހިނގާގަތެވެ.
“ވަލީދުބޭ.. މަޑުކޮށްބަލަ..” ވަލީދުއާ ހަމަކުރަމުން ދާނިޝް ގޮވާލިއެވެ.
“އަހަން ދޮންކަލޯ.. ކަމަކުތަ؟” ދާނިޝް އޭނާއަށް ގޮވި ބޭނުން ނޭނގޭތީ ވަލިދު އަހާލިއެވެ.
“ކުޑަ ވާހަކައެއް ބުނެލަން.. ކުރީދުވަހު ޔީޝާގެ ބޭބެ ބުންޏޭނުން ޔިޝާއަށް އަޑެއް އިވުނު ވާހަކަ.. ބޭބެ މިގޭގަ ފެންކިޔެވި ރޭ.. އެރޭ އަހަންނަށްވެސް އިވުނު އަޑެއް.. ކުޑަދޮރުގަ އެއްޗެއް ޖެހުނު އަޑު” ދާނިޝް ބުނެލިއެވެ.
“އެހެންތަ..؟ ތިވާނީ ހީވިގޮތެއް ކަމަށް” ވަލީދު ހީލަމުން ބުނެލިއެވެ.
“ހީވިގޮތެއް ނޫން.. އެރޭ އަހަންނަށް ވަރަށް ފާޑެއްގެ އެއްެޗެއްވެސް ފެނުން.. ކަޅު އެއްޗެއް އަހަރެން ކޮޓަރި ކުޑަދޮރު ހުރަސްކުރަނިކޮށް ފެނުނީ.. އަހަރެން ފުރަތަމަ ހީކުރީ ބުޅަލެއް ކަމަށް،.. އެކަމު ބުޅަލަކަށް ވުރެ އެތަށްގޮތަކުން އޭތި ބޮޑު” ދާނިޝް އެހެން ބުނުމުން ވަލީދު ހާސްވިއެވެ.
“ވަލީދުބެ އެއްޗެއް ސިއްރު ކުރަނީތަ..؟ ތެދަށް ބުނެބަލަ.. ގައިމު މީގެ ކުރިއަކުން މިގޭތެރޭ އެކަލަހަ ކަމެއް ނުވޭ.. ވަލީދުބެ އެރޭ ހަމައެކަނި ފެންކިޔެވީކީ ނޫން ދޯ.. އަހަރެން ދުށިން ވަލީދުބެ ބިންމަތީގައި އެއްޗެއް ވަޅުލަނިކޮށް” ދާނީޝް އޭނާއަށް އެނގޭ މިންވަރު ހާމަކުރިއެވެ.
“ދާނިޝް.. މިވާހަކަ ދައްކާނީ މިތާކު ނޫން.. އަދި މި ވަގުތަކުވެސް ނޫން..” ވަލީދު ބުނެލިއެވެ.
“ހިނގާބަލަ ބޭރަށް.. އަހަރެން ބޭނުން ހުރިހާ ކަމެއްވެސް އެނގެން” ވަލީދު އެހެން ބުނުމުން ދާނިޝްއަށް އެގޭތެރޭ ބޮޑުކަމެއް ހިނގާކަމުގެ ޝައްކުު ކުރެވުނެވެ.
ދާނިޝް ކުރުނުކޮށް އާދޭސްކުރަން ފެށުމުން އެންމެ ފަހުން ވަލީދު އޭނާއާ އެކު މަގުމަތީގައި ހުރި ޖޯލިފައްޗަށް ދިޔައެވެ.
“ދެން ކިޔާދީބަލަ” ދާނިޝް ހުރީ ވަލީދުގެ ވާހަކަ އަޑު އަހާހިތުން ކެއްމަދުވެފައެވެ.
“ދާނިޝް.. ދާނިޝްއަށް ތިހީވީ ރަނގަޅަށް.. އެރޭ ފެންކިޔެވުމުގަ ބަދަލުގަ ބޭބެ އެހެންކަމެއްވެސް ކުރީން.. އެކަމު އެއީ މިގޭމީހުނަށް ރައްކަލަކަށް.. މިގޭތެރޭ އިންސާނުން ނޫން އެހެން މަހްލޫގަކު އެބައުޅޭ.. އެކަމު އޭތީގެ ބޭނުމެއް އަދި ބޭބެއަކަށް ނޭނގޭ.. އެރޭ ބޭބެ ކުރިކަމަކީ ގޭތެރޭގަ.. މިބުނީ މިގޭ މީހުން ދިރިއުޅޭ ތަނުގެ ހަތަރު ފާރުން އެތެރެއަށް އޭއްޗަށް ނުވަދެވޭނޭ ގޮތް ހެދުން.. ދާނިޝްމެންގެ ކޮޓަރީގަޔާ ގޭތެރެއަކު އޭއްޗަކަށް އެއްވެސް ބާރެއް ނުފޯރުވޭނެ.. އެކަމު ބޭރުގެތެރޭގަ އޭތީގެ އުނދަގޫ ފޯރަފާނެ.. ” ވަލީދު އެހެން ބުނުމުން ދާނިޝް އިނީ ގަބޫލު ނުކުރެވިފައެވެ.
“ދެން އެރޭ އަހަންނަށް އިވުނީ އޭތީގެ ސަބަބުން އިވުނު އަޑެއްތަ..؟ އެކަމު ކީއްވެ އަހަންނަށާ ޔިޝާއަށް އެކަނި އިވުނީ” ދާނިޝް ސުވާލު ކުރިއެވެ. ދާނިޝްގެ މިސުވާލަށް ދޭނެ ޖަވާބަކާ މެދު ވަލީދު ވިސްނާލިއެވެ. ހަގީގަތް މިވަގުތު ބުނާކަށް ވަލީދު ބޭނުމެއް ނުވިއެވެ. އެކަމު އެ ޖިންނީގެ ގުޅުމެއް އޮންނަނީ ހަމައެކަނި ދާނިޝްއަށާއި ޔީޝާ އަށްކަން ވަލީދުއަށްވެސް މިހާރު ޔަގީންވެއެވެ. ވަލީދުއަށް ދޭނެ ޖަވާބެއް ނޭނގިފައި ހުއްޓާ ދެމީހުންގެ ސަމާލުކަން ހުުއްޓުނީ އެމަގުންލާފައި ދިޔަ ދެފިރިހެނެއް އަޑުގަދަކޮށް ދައްކަމުން ދިޔަ ވާހަކައަށެވެ.
“އޭ ހުސޭނުބޭ ކޮންކަމެއް ލާގަތީ ހާދަ ހާސްވެފަ ތިހުރީ” ދާނިޝް އެމީހާއާ ދިމާއަށް ބުނެލިއެވެ.
“ހާސްވާނެއްނު.. މިއުޅެނީ މީހަކު މަރުވެގެންނޭނުން” ހުސޭނުބެ ބުނެލިއެވެ.
“މަރުވެގެނެއް ނޫން.. މަރާލާގެން.. އެއީ އޭނާ އަމިއްލައަށް ކޮށްފަ ހުރި ކަމެއް ނޫން” ދެން ހުރި މީހާ ބުނެލިއެވެ.
“ކާކު މަރުވެގެން މިއުޅެނީ؟” ދާނީޝް އަހާލިއެވެ.
“ނޭނގެ.. މީހުނަކަށް އޭނާގެ މޫނެއް އެހާ ސާފެއް ނުވޭ.. ބައެއް މީހުން އެބަކިޔާ އެއީ ކުރީދުވަހު ގެއްލިގެން އުޅުނު ކުއްޖާއޭވެސް.. ކިހިނެއް އެކުއްޖާއަށް ހަދާފަ އެއޮތީ.. މަރާލީރުވެސް މުޅި ރަށަށް ފަލީހަތް ކޮށްލާފަ” ހުސޭނު އެހެން ބުނެފައި ބޯހޫރާލަމުން ހިނގާގަތެވެ.
“އަޒާން…؟ ހަމަ އަސްލުވެސް އަޒާންބާ؟” ދާނީޝްެ ނިތަށް ރޫގިނަވިއެވެ. އަޒާންއަކީ އޭނާއާ ގާތްމީހެއް ނޫން ކަމުގައިވިއަސް ދާނިޝް ކުޑަކޮށް ހާސްވިއެވެ.
“ދަންނަ ކުއްޖެއްތަ..؟ ހިނގާބަލަ އެދިމާއަށް. ވެގެން އުޅޭގޮތެއް ބަލާލަން” ވަލީދު އެހެން ބުނުމުން ދާނިޝް ބޯޖަހާލާފައި ސައިކަލު ނެރުނެވެ.
ދާނިޝްއަށާއި ވަލީދުއަށް އެދިމާއަށް އާދެވުނުއިރު މުޅި ހިސާބު އޮތީ މީހުނުން ފުރި ބާރުވެފައެވެ. އަޑުގަދަ ކޮށްލައިގެން އުޅޭ މީހުންތަކު ތެރޭގައި އަޒާންގެ މަންމައާއި ބައްޕަ ބިންމައްޗަށް ވެއްޓި ހޭރެމުން ދިޔައެވެ. ހަބަރު ހޯދަން އައިސްގެން އުޅޭ ނޫސްވެރިން ފޮޓޯ ނަގާ ވީޑިއޯ ކުރާތީ ފުލުހުން އެކަންތަށް މަނާކުރަމުން މީހުންތަށް މައިތިރި ކުރަމުން ދިޔައެވެ. ނަމަވެސް އެއީ ބޭކާރުކަމެއް ފަދައެވެ. ބައެއް މީހުން ފުލުހުންގެ ތެރެއިން ވަދެގެން ގޮސް ދަންމަޅީގައި އެޅިފައި އޮތް އަޒާންގެ ހަށިގަނޑުގެ ފޮޓޯ ނަގަން ފެށިއެވެ.
ދާނިޝް އާއި ވަލީދު މީހުންތަކާ ތަންކޮޅެއް ދުރުގައި އެއްކައިރީގައި މަޑުކޮށްލިއެވެ. އޭރުވެސް އެއެންމެންގެ ހަޅޭކަށް ވުރެ ބާރަށް އަޒާންގެ މަންމަގެ ވޭނީ ރުއިމުގެ އަޑު އިވެމުންދެޔެވެ. އެއަޑު އިވޭ މީހުންތަށްވެސް ހަމްދަރުދީގެ ނަޒަރަކުން ބަލާލާފައި އިސްޖަހާލައެވެ. އަމިއްލަ ދަރިއަކު އެފަދަ ހާލެއްގައި އޮށްވާ ފެނުމުން މަޔެއްގެ ހިތަށް ކެތް ވާނީ ކިހިނެއް ހެއްޔެވެ. އެވަގުތު ދާނިޝްގެ ދެލޮލުންވެސް ކަރުނަ ހިލޭގޮތްވިއެވެ. އަޒާންއާ މެދު އޭނާގެ ހިތް މުޅިން ސާފު ނޫންކަމުގައިވިއަސް އެފަދަ ގޮތަކަށް އަޒާން މިދުނިޔެއާ ވަކިވެގެން ދިޔުމުން ދާނިޝް ދެރަވިއެވެ.
ދުރުގައި ހުރީރުވެސް ދާނިޝްއަށް އަޒާން ފެންނަމުން ދިޔައެވެ. ބަރަހަނާ ހާލުގައި އެލި އެލިއޮތް އަޒާންގެ އަތާ ފައިގައިގަ އެކި ޖަހަމްތަށް ފެންނަން ހުއްޓެވެ. އޭނާގެ ދެލޯ ބޭރުވެފައި ދޫވެސް ވަނި އަނގައިން ބޭރުވެފައެވެ. މަރުވިފަހުން ދުވަސްކޮޅެއް ވެފައި ވާކަން އެނގެނީ އޭނާގެ ހަށިގަނޑު ހަރު އަރާފައި އޮތުމުންނެވެ.
ފުލުހުންގެ އެހީއާއި އެކު އަޒާންގެ ހަށިގަނޑު ބިމާހަމައަށް ތިރި ކުރެވުނެވެ. ސްޓުރެޗާ މަތީގައި އަޒާން ބާއްވާފައި ގައިމަތީ ހުދު ފޮތިގަނޑެއް އަޅާ ނިވާ ކޮށްލިއެވެ. އަވަހަށް އެންބިއުލާންސަށް އެރުވުމަށް އަވަސްވެގަތެވެ. މީހުންތަށް އެއްފަރާތް ކުރަމުން އެމްބިއުލާންސް އާ ހަމައަށް ގެނައި ސްޓުރެޗާއަށް ވަލީދު ބަލާލިއެވެ. ޖެހިލި ބާރު ވައިރޯޅިއާއެކު އަޒާންގެ ގައިމަތީ އޮތް ފޮތިގަނޑު އެއްފަރާތަކަށް ކެހުނީ އެވަގުތުއެވެ. އެއްލި ކަޅިއަކުން އަޒާންގެ ކަނދުރާއާއި އަތްތިލަ އޭނާއަށް ފެނުނެވެ. ކަރުގައި ދަންމަޅި އެޅިފައި ހުރިިތަނުން ކަނޑައިގެން ގޮސްފައިވާއިރު އެތަން ވަނީ ގަދަ ކަޅު ކުލައިގައެވެ. އޭނާގެ އަތުގައިވެސް އަތް ތިލައެއްގެ ބައްޓަމަށް ކަޅުވެފައި ހުރިތަނެއް ހުއްޓެވެ. އެތަނުގައި ހުރީ ފާޑެއްގެ ހަރު ބިހިތަކެއް ނަގާފައެވެ. އަޒާން އޮތް ސްޓުރެޗާ އެމީހުނާ ކައިރިން ލާފައި ދިޔަވަގުތު ވަލީދު އަޒާންގެ މޫނަށް ބަލާލިއެވެ. ވަގުތުން އޭނާއަށް ލިބުނީ ހައިރާން ކަމެކެވެ. އެމޫނުމަތީގެ ސިފަ ކޮންމެވެސް ވަރަކަށް ގެއްލިފައި ވީނަމަވެސް އެއީ މީގެ ކުރިން ފެނިފައިވާ މޫނެއްކަން އޭނާއަށް ޔަގީންވިއެވެ.
ވަލިދުއަށް ހަނދާންވީ ދެނެވެ. ދާނިޝް ރައްޓެހިވެގެން އުޅޭ ޔީޝާގެ ކޮޓަރިން ނުކުންނަނިކޮށް އޭނާއަށް ފެންނަ ޒުވާނަކީ އެއީއެވެ.
“އަނެއްކާ.. މީނާގެ މަރާ އެ ޖީންނިއާ ގުޅުމެއް ވޭބާ؟” ވަލީދު ސިކުނޑި ކުއްލިއަކަށް ކޮށްލި ސުވާލަކުން އޭނާވެސް ހައިރާންވިއެވެ. އޭނާގެ ކަރާއި އަތުގައި ހުރި ނިޝާނުން އެއީ އާދައިގެ މަރެއް ނޫންކަން ވަލީދުއަށް ހީވާންފެށިއެވެ.
“ދާނިޝް.. އެ ފިރިހެން ކުއްޖާއާ ޔީޝާގެ ގުޅުމަކީ ކޮބާ؟” ވަލީދު އަހާލިއެވެ. ވަލީދު އެހެން އެހުމުން ސުވާލުގެ ނަޒަރަކުން ދާނިޝް ވަލީދުއަށް ބަލާލިއެވެ.
“އެދެމެދު ވަކި ގުޅުމެއް ނޯވޭ.. އެކަމު އަޒާން ވަރަށް ގިނައިން ޔީޝާއަށް ޖެއްސުން ކޮށް ހަދާ މަގުމަތިން” ދާނިޝް ބުނެލިއެވެ.
“އެހެންތަ.. އަޅާ ނުލާ .. ހިނގާ ދެން ގެޔަށް ދާން” ވަލީދު ބުނެލިއެވެ.
“އަނެއްކާ ބޭބެއަށް ޔީޝް ކޮޓަރި ކައިރިން ފެނުނު މީހަކީ އަޒާންތަ؟” ދާނިޝްއަށް ޝައްކުގެ ރާގަކަށް އަހާލެވުނެވެ. ވަލީދު އެއްޗެކޭ ނުބުނެ ބަލަހައްޓައިގެން ހުރީއެވެ. ވަލީދުގެ އަމަލުންވެސް ދާނިޝްގެ ޝައްކު ޔަގީންވިއެވެ. ވަގުތުން ދާނިޝްގެ އަތް މުއްކެވިގެން ދިޔައެވެ.
“ޔީޝާ.. ވަރަށް ބޮޑު ކަމެއް ވެގެންނޭނުން މިއުޅެނީ؟” ސިޑިން ފައިބައިގެން އައި ޔީޝާ ފެނިގެން މެދުގޯތި ތެރޭ ހުރި ޖޯލިފަތީގައި ތިބި ނިހާއާއި އަފާ ބުނެލިއެވެ.
“ކިހިނެއްވީ އަނެއްކާ؟” ޔީޝާވެސް އެމީހުން ކައިރީ އިށީނަމުން ބުނެލިއެވެ.
“ވަލިތެރޭގަ މީހަކު މަރާލާފަ އޮށްވާ ފެނިގެނޭނުން މިއުޅެނީ.. ދަން ޖައްސާފަޔޯ އޮތީ” ނިހާ ބުނެލިއެވެ.
“ދަންޖައްސާފައޭ؟.. އަނެއްކާ ކާކުއެއީ؟” ދަންޖައްސާފައޭ ބުނުމުން ޔީޝާގެ ގައިން ހީބިހި ނަގައިގަތެވެ.
“ނޭނގެ ކާކުކަމެއް.. މަށަށްވެސް ކުއްޖަކު ފޮޓޯއެއް ފޮނުވާފަ ބުނީ މިއީ ދަންނަ ކުއްޖެއް ހޭ.. އެކަމު އެފޮޓޮއަކުންވެސް އެހާ ސާފެއް ނޫން” ނިހާ އެހެން ބުނުމުން އަފާ އެފޮޓޯ ދައްކަ ބަލާށޭ ބުނެލިއެވެ.
ތަންކޮޅެއް ދުރުން ނަގާފައި ހުރި އެ ފުސް ފޮޓޯގަނޑު ފެނުމުން ޔީޝާއަށް އެންމެ ފުރަތަމަވެސް ހަނދާންވީ އަހުނަފް މަތިންނެވެ. އަހްނަފްގެ މަރަށްފަހު މިކަހަލަ ފޮޓޯއާއި މީހުން މަރާ ބިރުވެރި ފިލްމު ބެލުމަކީ ޔިޝާއަށް ވަރަށް އުނދަގޫކަމެކެވެ.
“އަޅޭ އެމީހާ ގައިގަ ފޮތިފުކެއްވެސް ނެތޭ.. އިންސާނަކަށް އެކަހަލަ ގޮތެއް ހަދާލާއިރު މީހުންގެ ހިތަކަށް އެއްވެސް އެއްޗެއް ނާރާ ދޯ” އަފާއަށް ބުނެލެވުނެވެ.
“ބައެއް މީހުން އެބަކިޔާ އެއީ އިންސާނަކު ކޮށްފަ ހުރި ކަމެއް ނުނޭ.. އެހާ ދިގު ގަހެއްގަ ކިހިނެއް އެމީހާ އެލުވާނީވެސް” ނިހާ ބުނެލިއެވެ.
“އަހަންނަށް ހީވަނީ އެއީ ކޮންމެވެސް ޕާޓޭ ގުރޫޕު ގަނޑަކު ކޮށްފަ ހުރި ކަމެއްހެން.. ކޮންމެވެސް ޒާތީ ހަސަދައެއް ފިލުވާލީ ކަންނޭނގެ” އަފާ އެހެން ބުނުމުން ނިހާވެސް ބޯޖަހާލިއެވެ.
“މަންމަވެސް އަހާލާފިން މިހިސާބު މީހެއް ކައިރީ އެއީ ކާކުތޯ.. އެކަމު އެމީހާއަކަށްވެސް ނޭނގުނު.. މަރުވެފަ އޮތް މީހާ ފެނުނީ އެހެރަގޭ ޒުބޭދަ މެންނަށޯ.. އެތިން މީހުން މިހާރު ހާލު ދެރަވެގެން ގެންގޮސްފި ސިއްހީ މަރުކަޒަށް” ގޭތެރެއިން ނުކުމެގެން އައި ނާޒިޔާ ބުނެލިއެވެ. ޏާޒިޔާ އިތުރު އެއްެޗެކޭ ބުނަންވާއިރަށް ގޭގެ ދޮރާށި ހުޅުވާލި އަޑު އިވިގެން ދިޔައެވެ.
“ދަރިފުޅާ ދާނިޝް.. ތިއައީ އެތަނަށް ގޮސްފަތަ؟” ނާޒިޔާ އަހާލިއެވެ. ނާޒިޔާއަށް ބާލާލާފައި ބޯޖަހާލަމުން ދާނިޝް އެތާ ހުރި ޔީޝާއަށް ބަލާލިއެވެ. ޔީޝާ ފެނުމުން އޭނާގެ އަތް އަނެއްކާވެސް މުއްކެވުނެވެ.
“ކާކުތަ އެއީ؟” އަފާ އަހާލިއެވެ.
“އެ..އެއީ… އެއީ.. އަޒާން.. މަރުވެގެން އެއުޅެނީ އަޒާން” ދާނިޝް އެހެން ބުނުމުން އެތަނުގައި ތިބި އެންމެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



