Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ބަދު ނަސީބުގެ ހިޔަނި އެޅުމުން (25)

Dheem&Eekku Level 410 Stories100 Login500 Login
May 5, 2021 6 Mins Read
0 Comments

ބޭރުން އޭނާގެ  ނަމުން ގޮވަމުން ދިޔަ އަފާއާއި ޔައީޝްގެ އަޑަށް ބީރު ކަންފަތެއް ދީގެން ހުރެ ޔީޝާ އޭނާ ހިތް ފުރޭވަރަށް ރޯލިއެވެ. އޭނާގެ ހިތުގެ އުދާސްތަކާ ޝަކުވާތަށް އޭނާއަށް ބޭރުކުރެވޭނީ މިހެން ނޫން ހެއްޔެވެ. އޭނާ ޝަކުވާ ކުރާނީ ކާކު ކައިރީ ހެއްޔެވެ. އޭނާގެ ސިކުނޑި ތޮރުފަމުންދާ ސުވާލުތަކުގެ ޖަވާބު ދޭނީ ކާކުހެއްޔެވެ.

****

ސޯޅަ ވިލޭރެއެވެ. ވަލީދު އިންތިޒާރު ކުރަމުން އައި ވަގުތު ކުޑަތަން ވަމުން ދިޔަވަރަކަށް އޭނާގެ ހިތް ނުތަނަވަސް ވާން ފެށިއެވެ. ކޮޓަރީގައި ދިއްލާފައި ހުރި ފަނޑު އަލީގައި ވަލީދު އިނީ މޭޒުކައިރީގައި ފޮތެއް ބަލާށެވެ. ކަރުދާސްތައް ރަތްވެ ގިނަ ސަފްހާތަށް ވީދި ނެއްޓިފައި ހުރި ބޯފޮތުން ވަލީދު އެއްޗެއް ހޯދަނީއެވެ. ފޮތުގެ އެއް ކޮޅުން އަނެއްކޮޅަށް ދެތިން ފަހަރު ބެލުމަށްފަހު ވަލީދު އެ ހޯދަމުން ދިޔަ ޞަފްހާ ފެނުނެވެ.  ޝަހާދު އިނގިލި ޖައްސައިގެން ވަލީދު އަކުރަކަށް ފަހު އަކުރެއް އަދި ފޮޅުވަތަކަށް ފަހު ފޮޅުވަތެއް ކިޔަން ފެށިއެވެ.

ތިން ސަފްހާއާ ހަމައަށް ކިޔުމަށްފަހު ވަލީދު ފޮތް ލައްޕާލިއެވެ. އަދި ދެލޯމަރާލުމަށް ފަހު ކޮންމެވެސް އެއްޗެއް ކިޔަވާލާ ތުންތަޅުވާލިއެވެ. އަދި މޭޒުމަތީ ފޮތިކޮޅަކަށް ލާފައި އޮތް 4 ހިލަކޮލަށް ފުމެލިއެވެ. ކޮޓަރިިން ނުކުތުމުގެ ކުރިން ވަލީދު އޭނާގެ އުނަގަނޑުގައި އަތް ޖައްސާލިއެވެ. އޭނާގެ ހަށިރައްކަލަކަށް އަޅާފައިވާ ތަވީދު އޮތް ކަން ޔަގީން ކޮއްލުމަށެވެ. ބޭރަށް ނުކުތުމުގެ ކުރިން ވަލީދު  އަދި އެއްފަހަރު ވިސްނާލިއެވެ. ކުރަން މިއުޅެނީ ބޮޑުކަމެކެވެ. ފަށައިފިނަމަ ފަސްއެނބުރުމެއް ނެތެވެ. އަދި އޭނާ ކުރަން މިއުޅޭ ކަންތައް ކާމިޔާބު ނުވެއްޖެ ނަމަ އޭގެން ނުކުމެދާނެ ހިތި ނަތީޖާއާ މެދުވެސް ފިކުރުކުރެވެން ފެށުނެވެ. މިގޭގެ ހަތަރު ފާރުތެރޭ ބާރު ފޯރުވަމުން އެދަނީ އާދައިގެ ޖިންނިއެއް ނޫންކަން ވަލީދުއަށް އެނގެޔެވެެ. އޭތީގެ ސޫރަ ފެނިފައިވެސް ވަލިދުއަށް އެކަން ޔަގީންކުރެވުނެވެ. އެހާ ބާރުގަދަ ޖިންނިއެއް މިގެއަށް ވެރިވެގަނެގެން އެއުޅެނީ ކީއްވެކަން ވަލީދު ބަލަން ބޭނުމެވެ. އޭތީގެ މަގްސަދު ނޭނގި މިގޭ މީހުން އޭތީގެ ކިބައިން ސަލާމަތް ނުކުރެވޭނެތީއެވެ.

ކޮންމެ ގޮތަކަށް ކަންތައް ނިމިގެން ދިޔަޔަސް ވަލީދު އޭނާގެ މަސައްކަތް ފަށަން ބޭނުންވިއެވެ. އޭނާއަށް އެނގިހުރެ މިގޭ މީހުނަށް އޭތީގެ ފަރާތުން ގެއްލުމެއް ލިބޭކަށް ވަލިދު ބޭނުމެއް ނޫނެވެ. ވަލީދުގެ މަސައްކަތަށް ބޭނުންވާނެ ސާމާނުތައް އަސްކަނި ދަށުގައި ބެހެއްޓުމަށް ފަހު ވަލީދު މެދުގޯތި ތެރޭ ހިނގަން ފެށިއެވެ. ގޭގެ ބިއްދަށު ފަރާތާއި ގަސްތަކު ތެރޭގައި ހިނގަމުން ދިޔަ ވަލީދު އެކުރާ ކަމެއް ފެންނަ މީހަކަށް ނޭނގޭނެއެވެ. އެ މަހްލޫގު އެގޭތެރޭ ނެތްކަން ޔަގީން ކުރުމަށް ފަހު ވަލީދު އެނބުރި އަސްކަނި ދަށަށް ވަނެވެ. އަދި ފޮތިކޮޅަށް ލާފައި އޮތް ހަތަރު ހިލަކޮޅު ނެގިއެވެ. އަދި ގޭތެރޭގެ ހަތަރު ފާރު ބޭރު ކަނުގައި ވަޅުލިއެވެ. އަދި ބިއްލޫރި ތަށީގައި ހުރި ކިޔެވި ފެން ފޮދުން ފެން ގޮށްޓަކަށް ފަހު ފެން ގޮށްޓެއް ނަގާ ގޭގެ ވަށައިގެން ބުރިވާލިއެވެ.

ވަލީދު ކޮޓަރިއަށް ވަދެ ދޮރު ތަންޑު އެޅުވިއެވެ. އަދި ފާހަނައަށް ވަދެ ވުޟޫ ކޮއްލުމަށްފަހު އައިސް ހަތިމު ހިފައިގެން އެނދުމަތީގައި އިށީނެވެ. ކުޑަ ހިނދުކޮޅަކަށް ފަހު ވަލީދު ސިއްސައިގެން ދިޔައީ ވަރަށް ބާރަށް ކުޑަދޮރެއް ޖެހުނު އަޑަށެވެ. ވަލީދުއަށް އެއަޑު އިވުނު ނަމަވެސް އެނދުމަތިން ތެދުވާކަށް ނޫޅެއެވެ. ވަލީދު ހުންނާނީ އެގޭގެ ހުރިހާ ދޮރުތަކެއްގައި ތަންޑު އަޅުވާފައިކަން ޔަގީން ކޮށްފައެވެ. އެހެން ކަމުން ދެންމެ އެއިވުނު އަޑުން މިގެއަށް ވަދެ ނުކުމެވާ މަހްލޫގު އެނބުރި އައީކަން ވަލީދުއަށް އެނގުނެވެ. އޭނާއަށް އެއުޅެނީ ގޭތެރެއަށް ނުވަދެވިގެނެވެ. ވަލީދުގެ މަސައްކަތްވެސް މިވަގުތަށް ކާމިޔާބު ވެއްޖެކަން ވަލީދުއަށް ޔަގީންވިއެވެ. ނަމަވެސް އެ ކިޔެވެލީގެ ބާރު ހުންނާނީ މަދު ދުވަސްކޮޅަކަށެވެ. އެއީ ވަގުތީ ހައްލެކެވެ.

“ސަކަރާތެއްނު މިރޭ ބޭރަށް ނުދެވުނީމަ..” ކާމޭޒު ކައިރީ ގޮނޑިއެއްގައި އިން ޔައީޝް ކުސްތަޅާލިއެވެ.

“ވަލީދުބެ ކޮންމެވެސް ކަމެއް ކުރާތީއޯ.. ނާޒިޔާ ދައްތަ ބުނި ކޮންމެސް މިރޭ ބޭރަށް ނުދާތިވޭ.. ދެން އިނގިދާނެތާ މާދަން ނާޒިޔާ ދައްތަ ކައިރީ އެހީމަ ވަލީދުބެ އެކުރާ ކަމެއް” އަފާ ބުނެލިއެވެ.

“ޔީޝްއަށް އިނގޭތަ އެމީހާ އެކުރާ ކަމެއް” ސޯފާގައި އިން ޔީޝާއަށް ޔައީޝް ބުނެލިއެވެ.

“އަހަންނަށް ކިހިނެއް އިނގޭނީ..” ޔީޝާ ބޯހޫރާލާފައި ބުނެލިއެވެ.

“ދާނިޝްވެސް ބުނެދާނެއްނު ޔީޝް ކައިރީ.. އެހެންވެ މިއެހީ” ޔައީޝް އެހެން ބުނުމުން ޔީޝާގެ ނިތަށް ރޫގިނަވިއެވެ. ދާނިޝްގެ ނަން އިވުމުން އޭނާގެ ގޯސްވެފައިވާ މޫޑު އިތުރަށް ހަރާބުވިއެވެ.

ޔީޝާއަށް އައި ބަދަލު ފެނުމުން އަފާ ޔައީޝްއާ ދިމާއަށް ބަލާލާފައި ބޯހޫރާލީ އިތުރަށް އެވާހަކަ ނުދައްކާށޭ ބުނާފަދައިންނެވެ. ހައިރާންވެފައި ޔައީޝް ވައި އަޑުން ކިހިނެއްވީހޭ އަހާލިއެވެ. ޔީޝާ ހުއްޓާ އެވާހަކަ ނުދައްކަން އަފާ ފަހުންނޭ ބުނެ ވާހަކަ ކުރުކޮށްލިއެވެ.

ޓީވިން ދައްކަމުން ދިޔަ ފިލްމު ނިމުނު އިރު ޔީޝާ ހުރީ ނިދިއަންނަ ގޮތްވެފައެވެ. އެމީހުންގެގެ އަމިއްލަ ސަކަރާތުގައި ތިބި ޔައީޝްއަށާއި އަފާއަށް ރޭގަނޑުގެ ސަލާމް ކިޔުމަށް ފަހު ކޮޓަރިއަށް ދިޔުމަށް ހިނގާގަަތެވެ. ނަމަވެސް ތަންކޮޅަކަށް ނުދެވެނީސް ޔީޝާ ސިހުނީ އޭނާގެ ކަންފަތް ބުޑުގައި ބާރު އަޑުފަށްގަނޑެއް އިވުމުންނެވެ. ހީވަނީ އެތައް ބައިވަރު ދޮރު ތަކެއް އެއްފަހަރާ ބާރަށް ޖެހުމުން އިވުނު އަޑެއް ހެނެވެ. ސިހުނު ވަރުން ޔީޝާއަށް ފަރާތް ފަރާތް ބަލާލެވުނެވެ.

“ކިހިނެއްވީ ޔީޝް؟” ހަރަކާތް ހުއްޓިފައި ހުރި ޔީޝާ ފެނުމުން އަފާއަށް އަހާލެވުނެވެ.

“ދެންމެ އެއިވުނީ ކޮން އަޑެއް؟” ޔީޝާ އަހާލިއެވެ.

‘ކޮން އަޑެއް؟ މިތާކުން ނީވޭ އަޑެއް” އަފާ ބުނެލިއެވެ.

“އެކަމު ދެންމެ.. އަޅާ ނުލާ އެވާނީ ހީވި ގޮތެއް ކަމަށް..” ޔީޝާގެ ހިތުގައި އެއަޑާމެދު ސުވާލު އުފެނު ކަމުގައިވިއަސް އިތުރަށް އެވާހަކަ ނުދެއްކީ ނިދިއައިސްފައި ހުރުމުންނެވެ. ފަހަރެއްގައި އެމީހުން ވާހަކައިގައި ތިބުމުން އެއަޑު ނަގައި ނުގަނެވުނީ ކަމަށް ވެދާނެއެވެ.

ލެޕްޓޮޕުން ކުޑަ މަސައްކަތެއްގައި އިން ދާނިޝްވެސް ސިއްސައިގެން ދިޔައީ ކުޑަދޮރުގައި އެއްޗެއް އައިސް ޖެހުނު އަޑަށެވެ. ކުރަމުން ދިޔަ މަސައްކަތް ހުއްޓާލާފައި ދާނިޝް ކުޑަދޮރު ކައިރިއަށް ޖެހިލިއެވެ. ކުޑަދޮރުން ބޭރު ބަލާލަން އުޅެފައިވެސް އެނބުރި މޭޒުކައިރިއަށް ހިނގާގަތީ މިރޭ އެއްވެސް ދޮރެއް ނުހުޅުވުމަށް ވަލީދު ބުނެފައި ވާތީއެވެ. ނަމަވެސް ދެވަނަ ފަހަރަށް ދާނިޝް ސިހިގެން ދިޔައީ ކުޑަދޮރު ހުރަސް ކޮށްފައި ދިޔަ ކަޅު އެއްޗެއް ފެނުމުންނެވެ. ދެލޯ ބޮޑުވެފައި ދާނިޝް އެދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ. އެހެން ހުއްޓާ ދާނީޝް ސިހުނީ އޭނާގެ ކޮޓަރި ދޮރު ހުޅުވުނު އަޑަށެވެ.

ސިހިފައި ފަހަތް ބަލާލިއިރު ދޮރުމަތީ ހުރީ ނަހުވާންއެވެ.

“ކޯއްޗެއް ތި ހޯދަނީ؟” ދާނިޝްއާ އަރާ ހަމަވަމުން ނަހުވާން ބުނެލިއެވެ.

“އެއްޗެއް ނުހޯދަން.. ކީއްތިކުރަނީ ނިދަން ނުގޮސް.. މިހާރު އެއޮށް 10 ޖަހަނީނުން” ދާނިޝް އަހާލިއެވެ.

“މިހާރު ސްކޫލުވެސް ބަންދޭނުން.. ހިނގާބަލަ މެޗެއް ޖަހާލަން ދާން” ނަހުވާން ބުނެލިއެވެ. ނަހުވާންއާ އެކީ ކޮޓަރިން ބޭރަށް ނުކުންނަމުން ދާނިޝް އަދި އެއްފަހަރު ކުޑަދޮރާ ދިމާއަށް ބަލާލިއެވެ. ދެންމެ އެފެނުނީ ކޯއްޗެއް ބާއޭ ދަނިޝް ހިތަށް އެރިއެވެ.

“އެވާނީ ކަޅު ބުޅަލެއް ކަމަށް.. އެކަމު.. ބުޅަލެއް އެހާ ބޮޑުވެދާނެ ބާ.. އެވާނީ އަހަންނަށް ހީވިގޮތެއް ކަމަށް..” ދާނިޝް އޭނާގެ ސިކުނޑިއަށް ވިސްނަދިނެވެ.

 

ދުވަސްތަކަކަށް ފަހު އެރޭ ޔީޝާއަށް ނިދިފައި އޮތްވާ ފެނުނީ ހުވަފެނެކެވެ. އެއީ ރަށުގައި ހުންނަ އޭނާގެ އަމިއްލަ ގޭ މަގެވެ. ޔީޝާ ބާރު ފިޔަވަޅުތަކުގައި ކުރިއަށް ދުވަމުން ދިޔައެވެ. އޭނާ ދުވަމުން ދިޔައީ ދާނޭ ވަކިދިމާލެެއް އެނގިގެނެއް ނޫނެވެ. މަންޒިލެއް ނެތި ޔީޝާ ވައިސޫރިއެއްހެން މަގުގައި ދުވަމުން ދިޔައީ މީހަކާ ފިލަން ބޭނުންވާ ފަދައަކުންނެވެ. ފަސްބެލުމެއް ނެތި ދުވަމުން ދިޔަ ޔީޝާ ހުއްޓުނީގަޔާ ދިމާއަށް އެއްޗެއް ފުންމާގަތްހެން ހީވެގެންނެވެ. އެއީ ކޯއްޗެއް ކަމެއް ޔީޝާއަކަށް ނޭނގުނެވެ. އޭތީން ރެކިގަތުމަށް ޔީޝާ މަގުގެ އެއްފަރާތަށް ޖެހިލިއެވެ. އަރިއަޅާލާފައި ޔީޝާ ބިންމައްޗަށް ވެއްޓުނެވެ. ބިންމަތިން ތެދުވުމަށް ވެލިގަނޑުގައި އަތް ވިއްދާލިއިރު އޭނާގެ އަތް ޖެހުނީ ތެތް އެއްޗެއްގައެވެ. އެއީ ކޯއްޗެއް ތޯ ބަލާލަން ލޯހުޅުވާލި ޔީޝާ ސިހުނީ އޭނާގެ ކަނާތް ފަރާތަށް، އޭނާއާ ނުހަނު ކައިރިއަށް ވެއްޓިފައި އޮތް އޭނާގެ ކުރީގެ ލޯބިވެރިޔާ އަހުނަފްގެ ފުރާނަ ނެތް މަސްގަނޑެވެ. އޭނާގެ ބޭރަށް ނުކުމެފައިވާ ދެލޯވަނީ ސީދާ ޔިޝާގެ މޫނާ ދިމާއަށެވެ. އޭނާގެ ކަރުގައި އިރާގެން ގޮސްފައިވާތަނުން އޭރުވެސް ހުއްޓުމެއް ނެތި ލޭއަންނަމުން ދެއެވެ. ކަރުގައި އޭނާގެ ދަންމަޅިވެސް އޮތެވެ. އަހުނަފުގެ ހަށިގަނޑުގެ ބައެއް ތަންތަނުން މަސްތަށް ވަނީ ނުބައިވާން ކައިރިވެ ފުޅަ އަޅާފައެވެ. އެހަށިގަނޑު ހީވަނީ މަރުވިފަހުން ތިން ހަތަރު މަސްވެފައި ވާހެނެވެ. ނަމަވެސް އަދިވެސް ހުއްޓުމެއް ނެތި ލޭއަންނަމުން ދެޔެވެ.

ފެނުނު މަންޒަރުން ބިރުގަތް ވަރުން ޔީޝާ އަވަހަށް އަނެއް ފަރާތަށް އެނބުރުނެވެ. ނަމަވެސް އޭނާގެ ވާތުފަރާތުގައި އޮތް ހުސާމްގެ ހަށިގަނޑު ފެނިފައި ޔީޝާއަށް ކޮޅަށް ތެދުވެވުނެވެ. އަހުނަފްގެ ހަށިގަނޑެކޭ އެއްފަދައިން ހުސާމްގެ ހަށިގަނޑުވެސް ހުރީ ބިރުވެރި ފާޑަކަށެވެ. އޭނާގެ އެއްއަތާއި އެއްފައި ވަނީ ނުއަތަށް ބިންދައިގެން ގޮސްފައެވެ. ބިނދައިގެން ގޮސްފައިވާ ތަނުން ކަށިގަނޑު ބޭރަށް ފެންނަން ހުރީރު އެތަންތަނުން ލޭތައް ބޮކިޖަހަމުން ދިޔައެވެ. އޭނާއަށް މިއޮވެވުނީ ދެ ގަބުރުގެ މެދުގައިކަން އެނގުމުން ޔީޝާއަށް ކޮޅަށް ތެދުވެވުނެވެ. ބިރުގަތްވަރުން އޭނާގެ ދެއަތާ ފައި ވަނީ ފިނިވެފައެވެ. ދުއްވައި ގަންނަވެސް ނޭނގިފައި ހުއްޓާ ޔީޝާއަށް އިވުނީ އޭނާގެ ނަމުން ގޮވާލި އަޑެވެ. އެއީ އޭނާ ދަންނަ އަޑެކެވެ. އަޒާންގެ އަޑެވެ.

އެއަޑާ ދިމާއަށް ޔީޝާ ބަލާލިއެވެ. އޭރު އޭނާގެ ނަމުން ގޮވަމުން މީހަކު ގަސްތަކު ތެރެއަށް ވަދެގެން ދާތަން ފެނުނެވެ. ފަހަތުން ފެނިފައިވެސް އެއީ އަޒާންކަން ޔީޝާއަށް އެނގުނެވެ. އަޒާންގެ ފަހަތުން ދުއްވައި ގަތުމުގެ ކުރިން ޔީޝާއަށް އަދި އެއްފަހަރު ފަހަތް ބަލާލެވުނެވެ. އޭރު އެތަނަކު އަހުނަފްއެއް އަދި ހުސާމް އެއްވެސް ނެތެވެ. އޭގެ ބަދަލުގައި ފަހަތުގައި ވަނީ ތަންދޮރު ވަކި ނުވާވަރުގެ އަނދިރި ކަމެވެ.

ޔީޝާ އަޒާންގެ ފަހަތުން ދުއްވައި ގަތެވެ. ކީއްވެކަމެއް އޭނާއަކަށްވެސް ނޭނގުނެވެ. ވަކި ހިސާބަކަށް ދެވުނުތަނާ ޔީޝާގެ ފިޔަވަޅު ހުއްޓުނެވެ. ހީވަނީ މީހަކު އޭނާގެ ފައިގައި ހިފެހެއްޓި ހެނެވެ. ޔިޝާއަށް ފަޔާ ދިމާއަށް ބަލާލެވުނެވެ. ނަމަވެސް އޭނާގެ ފައިގައި ހިފަހައްޓައިގެން ހުރި މީހަކު އޭނާގެ ލޮލަކަށް ނުފެނެއެވެ. އޭނާއަށް އިހްސާސް ކުރެވެނީ އެއަތުގެ ހޫނުކަމާ ފައިން ނަގަމުން ދިޔަ ދިލައެވެ.

“އަޒާން ނޫން.. ނުދޭ.. ހެޔޮނުވާނެ.. އަޒާން” ޔީޝާ އަޑުގެ ނެތްތަނަށް ގޮވަމުން ދިޔައެވެ. ޔީޝާ ކިތަންމެ ބާރަށް ހަޅޭ ލަވަމުން ދިޔަނަމަވެސް އަޒާން ފަސްއެނބުރި ނުބަލައެވެ. އަޒާންއަށް އޭނާގެ އަޑު ނީވޭަ ފަދައެވެ.

“ޔީޝާ..!!!” ގަސްތަކު ތެރެއަށް ވަދެގެން ދިޔަ އަޒާންއަށް ބަލަން ހުރި ޔިޝާ ސިހުނީ ވަރަށް ކައިރިން އިވިގެން ދިޔަ ބަރު ފިރިހެނެއްގެ އަޑަށެވެ.

“ކާކު..؟” ޔިޝާއަށް އަހާލެވުނެވެ.

“ހަނދާން ކުރާތި.. މިހުރިހާ ކަމެއްވެސް މިދިމާވީ ހަމަ ޔީޝާގެ ސަބަބުން!!” އެއަޑާއެކު ޔިޝާގެ ފައިގައި ހިފާފައިވާ އަތް ބާރުވެގެން ދިޔައެވެ. ޔީޝާގެ ފައިން ނަގާގަތް ދިލައިން އޭނާއަށް ހަޅޭލަވައި ގަނެވުނެވެ. އަދި ގަދަކަމުން އޭނާގެ މެރިފައިވާ ދެލޯ ހުޅުވާލެވުނެވެ.

“ޔީޝާ.. ކިހިނެއް ވީތަ؟” ދަލުން ފޯވެފައިވާ ޔީޝާ އެނދުމަތީގައި އިށީނުމަށް ފަހު ވަށައިގެން ހޯދާލެވުނެވެ. އޭނާއަށް މިފެނުނީ ހުވަފެނެއްކަން އެނގުމުން ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ނަމަވެސް އޭނާގެ ހިތުގެ ތެޅުމެއް މަޑުވާގޮތެއް ނުވިއެވެ.

“ޔީޝް؟” އެނދުކައިރީ ކޮޅަށް ހުރި އަފާގެ އަޑު ޔީޝާއަށް އިވުނީ ދެނެވެ.

“އެން؟” ނިތް ކުރިގައި ހުރި ދާތައް ފުހެލަމުން ޔިޝާ އަހާލިއެވެ.

“ކިހިނެއްވީހޭ ތިހަޅޭލަވަނީ؟ އަހަރެން ހާދަވަރަކަށް ގޮވާފީމޭ.. ހުވަފެނެއް ފެނުނީތަ؟” އަފާ އަހާލިއެވެ.

” ހޫމް.. ” ޔިޗާ ބޯޖަހާލާފައި އަނެއްކާވެސް އޮށޯތެވެ. ދެންމެ އެފެނުނު ހުވަފެނާ ދޭތެރޭ ވިސްނާލެވުނެވެ. އެފެނުނީ ހާދަ ފާޑެއްގެ ހުވަފެނެކޭ ޔީޝާ ހިތަށް އެރިއެވެ. އެފަދަ ބިރުވެރި ހުވަފެނެއް ނުފެންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެހެން ކަމުން މިރޭ ދެން އޭނާއަށް ނުނިދޭނެކަން އެނގުނެވެ.

ހުކުރު ދުވަސްކަމުން ޖެހިގެން އައި ދުވަހުގެ މެންދުުރު ކެއުމަށް ނާޒިޔާ އެންމެނަށް ދައުވަތު ދިނެވެ. ޔީޝާ އާއި އަފާ ދިޔައިރު ޔައީޝްއާއި ދާނިޝްމެން ކައިނިމިގެން ސިޓިން ރޫމުގައި ތިއްބެވެ. އެމީހުން ދައްކަމުން ދިޔައީ ރޭގައި ވަލީދު ކުރި ކަންތަކާ ބެހޭގޮތުންނެވެ. އެމީހުން ކުރަމުން ދިޔަ ސުވާލުތަކަށް ވަލީދު ޖަވާބުދެމުން ދިޔައީ ހަގީގަތް އޮޅުވާލަމުންނެވެ. ހަގީގަތް އެނގި އެމީހުން ބިރުގަންނާކަށް ވަލިދު ބޭނުމެއް ނުވިއެވެ. އެހެން ކަމުން އެއީ ހަމަ ފެންކިޔަވާލީކަމަށް ބުނެ ވަލީދު ދޮގުހެދިއެވެ.

“ރޭގަ ޔީޝްއަށް އިވުނު ކޮންމެސް އަޑެއް.. އެކަމު އަހަރެމެނަކަށް ނީވުނު” ރޭގެ ހަނދާންވެގެން ޔައީޝް ބުނެލިއެވެ.

“ކޮން އަޑެއް؟” ވަލީދު އެހެން އެހީރު މޫނުމައްޗަށް ގޮތް ނޭނގޭ ކުލަވަރެއް ވެރިވިއެވެ.

“ނޭނގެ.. ޔީޝްއަށް އެކަނި އިވުނީ. އަޅުގަނޑަކަށްވެސް އަދި އަފާއަކަށްވެސް ނީވުނު އެއަޑެއް” ޔައީޝް ބުނެލިއެވެ.

“އެހެންތަ..؟ އެވާނީ ހީވި ގޮތެއްކަމަށް..” ވަލީދު އެހެން ބުނުމުން ދާނިޝް އިސްއުފުލާލާ ވަލީދުއާ ދިމާއަށް ބަލާލިއެވެ. ރޭގައި އޭނާއަށް އިވުނު އަޑާ ކުޑަދޮރު ހުރަސް ކުރާތަން ފެނުނު އެތިީގެ ވާހަކަ ބުނަން ވީބާއޭ އޭނާގެ ހިތަށް އެރިއެވެ. މިގޭތެރޭގައި ކޮންމެވެސް ކަމެއް އެބަ ހިނގާކަން ދާނިޝްގެ ހިތް ބުނެލީ ކީއްވެކަމެއް ނޭނގެއެވެ. އަދި އެކަމެއް ވަލީދުއަށް އެނގޭހެންވެސް ދާނިޝް އަށް ހީވިއެވެ.

ދާނިޝް އެވާހަކަ ދައްކަން ބޭނުންވެފައި ވީނަމަވެސް އަނގައިން ނުބުނެ މަޑުންހުރީ ވަލީދުއާ އެކަނި ބައްދަލުކޮށްފައި އެވާހަކަ ކިޔައި ދޭށެވެ. އެހެން ނުނީ އޭނާގެ ސުވާލުތަކަކަށް ވަލީދު ތެދަކަށް ޖަވާބެއް ނުދޭނެއެވެ.

 

އެރޭގެ ވަގުތެކެވެ. ދާނިޝް އިޝާއިން ފާބައިގެން އައިރު ޔީޝާ އިނީ ޖޯލިފަތީގައެވެ. އެތެރެއަށް ވަނުމުގެ ބަދަލުގައި ދާނިޝް ޔީޝާ ކައިރީ އިށީނެވެ. ދާނިޝް އިށީނުމާއެކު ޔީޝާ ތެދުވެފައި ދުރުގައި ހުރި ޖޯލިފަތީގައި އިށީނެވެ. އޭރުވެސް އޭނާގެ ދެލޯ ހުއްޓިފައިވަނީ އަތުގައި އޮތް ފޯނަށެވެ. ޔީޝާ ދުރަށް ޖެހިލުމުން ދާނިޝް އިތުރަށް ކައިރިވާކަށް މަސައްކަތެއް ނުކުރެއެވެ. އޭގެ ބަދަލުގައި އޭނާ އިން ޖޯލީގައި ރީތިކޮށް ހަމަ ޖެހިލިއެވެ.

“ޔީޝާ… އަސްލު އަހަރެން ބޭނުމެއް ނޫން މިގުޅުން ކަނޑާލާކަށް.. އަހަރެން ޔީޝާދެކެ ވަރަށް ލޯބިވޭ.. އެކަމު ޔީޝް އަހަރެން ކައިރީ ހަގީގަތް ރީތިކޮށް ނުބުނަންޏާ އަހަރެން ކިހިނެއް ޔީޝްއަށް އިތުރު ފުރުސަތެއް ދޭނީ” ދާނިޝް ބުނެލިއެވެ. ޖަވާބުގައި ޔީޝާ އަނގަޔަކުން ނުބުނެ ބަލާލިއެވެ. ހީވާގޮތުން ޔީޝާ އޭނާއާ ވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ.

“ޔީޝް.. ހެޔޮނުވާނެ.. އަހަރެންގެ އެއްވެސް ކުށެއްނެތި އަހަރެންނަށް ތިހެން ނަހަދާ.. ޔީޝް އަހަރެން ދެކެ ލޯބި ނުވަންޏާ ބުނެބަލަ..” ދާނިޝް ބުނެލިއެވެ.

“އަހަރެން ދާނީޝްދެކެ ވަރަށް ބޮޑަށް ލޯބިވީން.. އަދިވެސް ލޯބިވަން.. އެކަމު އެއީ އަހަރެންނަށް ކުރެވުނު ކުށެއް.. ދާނިޝް ލޯބިވަނީ އަހަރެން ދެކެއެއްނޫން.. އަހަރެންގެ ހަށިގަނޑުދެކެ.. ދާނިޝް އަހަރެންގެ ފަރާތުން ބޭނުންވަނީ އެދުންވެރިކަން.. ތިއީ އަހަރެންދެކެ ލޯބިން އުޅޭ މީހަކު ކަންތައް ކުރާނެ ގޮތެއް ނޫން..” ޔީޝާ އެހެން ބުނެފައި ޖޯލިފަތިން ތެދުވިއެވެ. ޔީޝާ ހިނގާގަންނަން ވާއިރަށް ދާނިޝް އޭނާގެ އަތުގައި ހިފެހެއްޓިއެވެ.

“ހަބަރު ދާރު ދެން ތިއަތުން އަހަރެން ގައިގަ އިނގިލި ކުރިވެސް ޖައްސާ ނުލާތި” ޔިޝާ އެހެން ބުނެފައި ދާނިޝްގެ އަތް ފޮޅުވާލިއެވެ. އެވަގުތު ޔައީޝްއާއި އަފާ ބޭރަށް ނުކުތުމުން ދާނިޝްއަށް އިތުރު އެއްޗެއް ބުނުމުގެ ފުރުސަތު ގެއްލުނެވެ. މާޔޫސްވެފައި ދާނިޝް އަވަހަށް އެތެރެއަށް ވަނެވެ.

“ޔޫ އޯކޭ؟” އަފާ ޔީޝާގެ އަތުގައި ހިފާލިއެވެ. ޔީޝާ ބޯޖަހާލަމުން ގަދަކަމުން ހީލިއެވެ. ޔީޝާ އެހުރީ ދާނިޝް ކަހަލަ ފިރިހެނަކާ ހުރެ އޭނާގެ ކަރުނަ ބޭކާރު ނުކުރަން އަމިއްލައަށް ވައުދުވެފައެވެ. އޭނާގެ ކަރުނައިގެ އަގު ވަޒަން ނުކުރާ މީހަކާމެދު ރުއިމުގެ ބޭނުމެއް ކޮބާހެއްޔެވެ. އޭނާގެ ހިތުން ދާނިޝް ނެރެލިހެން ކުޑަ ދުވަސްކޮޅެއްތެރޭ ދާނިޝްގެ ލޮލު ކުރިމަތިންވެސް އޭނާ ދާނެއެވެ. އޭނާ އެނބުރި ރަށަށް ދިޔުމަށްފަހު ދާނިޝް އެއީ އޭނާގެ މާޒީގެ އަނދިރި ސަފްހާތަކަކަށް ވެގެން ދާނެއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dheem&Eekku

Level 410 Stories100 Login500 Login

Other Articles

Previous

އަބަދުވެސް ލޯބިވާނަން 8

Next

އެކަނިވެރި ދުނިޔެ…

Next
May 6, 2021

އެކަނިވެރި ދުނިޔެ…

Previews
May 5, 2021

އަބަދުވެސް ލޯބިވާނަން 8



All Right Reserved!