“ތިއީ އަޅުގަނޑުވެސް އެންމެ އަޖައިވާ ކަމަކީ” އެހެން ބުނުމަށްފަހު އަނެއްކާ އެހެން ވީޑިއޯ އެއް ޕްލޭ ކޮށްލިއެވެ. އޭގެން ފެންނަ ގޮތުން އެ ސައިކަލް ބާރު ދުވެލީގައި ގޮސް ވެއްޓެނީ މޫދަށެވެ. އެއީ މާލެ ވަށައިގެންވެސް އޮންނަ އެންމެ ފުން ހިސާބެވެ. އެހާ ބާރު ދުވެލީގައި ދިއުމުން ސައިކަލް ގޮސްޖެހެނީ ފުދޭވަރަކަށް ބޭރަށެވެ. ފައިސަލްއާއި ރޭޝަމްއަށް އެކަކު އަނެއްކަކަށް ބަލާލެވުނެވެ.
*******
“ކިހިނެއް ހީވަނީ” ބޭރަށް އެތަނުން ބޭރަށް ނިކުމެ ފައިސަލް ރޭޝަމްއާއި ދިމާލަށް ބަލާލިއެވެ. “އަޅުގަނޑަށް ހީވަނީ މިއީ ޕާސަނަލް ކަމެއްހެން” ރޭޝަމްއަށް ހީވާ ގޮތް ހާމަ ކުރިއެވެ. ފައިސަލް ބުމަ އަރުވާލީ ތިހެން ތި ބުނީ ކީއްވެހޭ އަހާލާ ގޮތަށެވެ. “ފުރަތަމަ އެސައިކަލް އިންނަނީ ތަންކޮޅެއް ދުރުގައި ޕާކްކޮށްގެން.. ރޫނާ މެން ފެންނަ އިރަށް ސައިކަލް ބާރު ސްޕީޑްގައި އައިސް އެމީހުންގެ ގައިގައި ޖައްސަނީ.. އޭގެ އިން މީހާ ހެލްމެޓް އަޅައިގެން އަދި ސައިކަލުގައި ބޯޑެއް ނެތް… ކިހިނެއްތޯ ސަރއަށް ހީވަނީ” ރޭޝަމް އަހާލިއެވެ. “އަހަރެންނަށް ވެސް ތި ހުރިހާ ކަމެއް ފާހަގަ ވި.. ދެން އެކަމަކު ހިތަށް އެރީ ކާކު ބާއޭ ހިލްމީއާއި ޖައްސާލާނީ.. ” ފައިސަލް ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. “މިކަމާއި ޖަނާންގެ ކިޑްނެޕްއާއި އެއްވެސް ގުޅުމެއް ވެދާނެހެން ހީވޭތޯ” ރޭޝަމް އަހާލިއެވެ. ފައިސަލް ބަލާލީ ރޭޝަމްއާއި ދިމާލަށެވެ. “އަޅުގަނޑު ނުބުނަން ޖަނާން ބުނީ އެކޭ.. ނޫނީ ޖަނާންގެ ފަރާތުން އެއްވެސް މައުލޫމާތެއް ކިޑްނެޕް ކުރި މީހުންނަށް އެނގުނީއެކޭ.. އެކަމަކު ސަރ.. އެއީ ޕްރޮފެޝަނަލް ހިޓެއް.. އަޅުގަނޑު ނުބުނާން އެއީ ރާއްޖޭ މީހެކޭވެސް.. އެހާ މޮޅަށް ރާވައިގެން.. އެސްކޭޕް ޕްލޭންވެސް މޮޅު.. ސައިކަލް ގޮސް މޫދަށް ވެއްޓުނީމަ ކާކުތޯ ބަލާލީ އެތަން” ރޭޝަމް ވާހަކަ ދެއްކިއެވެ. ކިތައްމެ ގަބޫލު ކުރަން ބޭނުން ނުވިޔަސް ފައިސަލްއަށްވެސް މިހާރު ހީވަނީ މިއީ އެއްކަމެއް ހެންނެވެ.
“ކޮބާތަ ޕްރޮފެޝަނަލް ހިޓަކީ” ދެމީހުން ބަލާލީ ނިހާންގެ އަޑު އިވުމުންނެވެ. “ނިހާން މިތަނުގައި ކީއްކުރަނީ.. ކޮބާ ހިލްމީ..” ފައިސަލް ހައިރާންކަމާއި އެކު ވާހަކަ ދެއްކިއެވެ. “ކިހިނެއްވާނީ.. ކުއްލިއަކަށް އޭނަގެ އަންހެނުންނާއި ދަރި ގެއްލުނީ.. ކުއްލިއަކަށް..” ނިހާން ވާހަކަ ދެއްކިއެވެ. “ދެން މިތަނުގައި ކީއްކުރަނީ ތި..” ފައިސަލް އަނެއްކާވެސް އަހާލިއެވެ. “އެމީހުން ރޫނާގެ ހަށިގަނޑު އަދި ކުޑަ ދަރިފުޅުގެ ހަށިގަނޑު އެބަ ގެންދޭ އާސަހަރައަށް.. އެއްވެސް މީހަކު ބޭނުމެއްނުވޭ މާގިނަ އިރު އެމީހުން ފަސްމތީގައި ބަހައްޓާކަށް… އަޅުގަނޑު މިއައީ މިކޮޅުން ކުއްޖަކު ކައިރީގައި ކުޑަ ކަމަކު ކިޔާފަ އޮތީމަ އެކަން ނިމިއްޖެތޯ ބަލާލަން” ނިހާން ދެފަރާތް ބަލާލަމުން ބުނެލިއެވެ. “އަހަރުމެން ވީޑިއޯ ބަލައިފިން” ފައިސަލް ބުނެލިއެވެ. އެވަގުތު ނިހާން ފައިސަލްއާއި ދިމާލަށް ބަލާލިއެވެ.
******
އަހަރެން ހުރީ އަހަރެންނަށް އަލަށް ލިބުނު ގޭގައެވެ. މެންދުރުގެ ހޫނު ގަދަ ވަގުތެއް ކަމުން ލައިގެން ހުރި ޓީޝާޓް ބޭލީމެވެ. އަދި ލައިގެން ހުރި ޖިންސް ރަނގަޅު ކޮށްލަމުން އަތުގައި އޮތް ޑާޓް ބޯޑާއި ސީދާ ކޮށްލުމަށްފަހު ދޫކޮށްލީމެވެ. އެވަގުތު ދިޔަ ބާރު މިނުގައި އެޑާޓް އެރީ ބޯޑުގެ މެދަށެވެ. ހިނިތުންވުމެއް ރައްދުކޮށްލަމުން ދެވަނަ ޑާޓްވެސް ސީދާކޮށްލީމެވެ. “ކޮބާ ކިހިނެއްތަ” އިވުނު އަޑުން ހިތަށް ލޮޅުމެއް އެރިލެން ވަރުގަދަ ކަމުން ސީދާކޮށްލަން އުޅުނު ޑާޓް އަތުން ދޫވިއެވެ. އެވަގުތު އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނެވެ. މީހާ ހަމަޖެހެމުން ފަހަތަށް ބަލާލިއިރު ރޭޝަމް ހިނިތުންވެލައިގެން ބަލަހައްޓައިގެން ހުއްޓެވެ. އަހަރެން ކަސްރަތު ކުރަން ފެށުމުން މީހާގެ ހަށިގަނޑުވަނީ ރީތި ވާން ފަށާފައެވެ. ހަށިގަނޑު ވަރުގަދަވެ މީހާގެ ބަނޑުގައި ‘ސިކްސް ޕެކް’ އެއް ވަނީ ލާފައެވެ. ބައިމަތި ފުޅާވެ ހަށިގަނޑު ވަނީ ދެމިލާފައެވެ. ރޭޝަމް ބަލަހައްޓައިގެން ހުރި ގޮތުން އަހަރެންގެ ހިތް ހީވީ ހުއްޓުނު ހެންނެވެ. ވަގުތުން ކައިރީގައި އޮތް ޓީޝާޓް ނަގާ ބޮލަށް މަހާލީމެވެ. “އަހަރެންނަށް ހީވަނީ މިގޭގައި ބޮޑު ތަޅު އަޅުވަންވީހެން.. ނޫނީ ވަރުގަދަ ބެލްއެއް.. އޭރުންތާ ވަންނަ އިރު ހުއްދަ ހޯދަން އެނގޭނީ” އަހަރެން ނުސީދާ ގޮތަކަށް ނުރުހުން ފާޅުކުރީމެވެ. ރޭޝަމް ހީލިއެވެ. “ކިހިނެއްތަ ހާލު” އަހަރެން ބުނި ޖުލްމަ އަޑު އިވުނު ކަމަށް ނުހަދާ ރޭޝަމް އަހާލިއެވެ. “އޯކޭ..” އަހަރެން ހަދާ އެންމެ ބޮޑު ދޮގު ހެދީމެވެ. ރޭޝަމް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އެކަން އެނގި އަހަރެން އައިސް ހުއްޓެލީ ހުރިހާ އެއްޗެއް ބެހެއްޓިފައި ހުރި މޭޒު ކައިރީގައެވެ.
“އެހެން މީހުން އައުމުގެ ކުރިން އަހަރެން މިއައީ ޖަނާންއާއި ވާހަކަ ދައްކާލަން ކަމަށް” ރޭޝަމް އަހަރެން ކައިރިއަށް ހުއްޓިލަމުން ވާހަކަ ދެއްކިއެވެ. އަހަރެން މަސައްކަތް ކުރީ ރޭޝަމްއާއި ހަތަރުކަޅި ހަމަނުކޮށްވޭތޯއެވެ. ހަތަރުކަޅި ހަމަވެއްޖެނަމަ އަހަރެންގެ އަމިއްލަ ނަފްސް ކޮންޓްރޯލް ނުކުރެވޭނެކަން އެނގޭތީއެވެ. “ޖަނާންއެއް ނޫނޭ ޖައިލަމް.. ޝަމްވެސް ވެއްޖެއެއްނުން ނަން ރަނގަޅަށް ކިޔަން” އަހަރެން މޭޒުމަތީގައި ހުރި ލިޔުންތަކަށް ބަލަމުން ބުނެލީމެވެ. އެވަގުތު ރޭޝަމްއައި އެ ލިޔުންތަށް ދުރުކޮށްލިއެވެ. “އަހަރެންނަށް ވާހަކަ ދައްކަން ޗާންސް ދީބަލަ” ރޭޝަމް އަހަރެންނާއި ފުދޭވަރަކަށް ކައިރީގައި ހުއްޓެލިއެވެ. “އަބަދުވެސް ވާހަކަ ދައްކަނީ ޝަމްއެއްނުން.. މިހާރުވެސް ވާހަކަ ދައްކަބަލަ” އެތަނުން ދުރަށް ޖެހި ރޭޝަމްއަށް ފުރަގަސްދެމުން އަހަރެން ބުނެލީމެވެ. އެވަގުތު ރޭޝަމް އަހަރެންގެ މުލައްދަޑީގައި ހިފެހެއްޓިއެވެ. އަހަރެން ދެލޯމަރާލީމެވެ. ފުންކޮށް ނޭވާއެއް ލުމަށްފަހު ރޭޝަމްއާއި ދިމާލަށް ބަލާލީމެވެ. އަހަރެންގެ ހިއްސުތަށް އެވަގުތު ހުއްޓުން އެރިއެވެ. އެ އަޑިއެއް ނޭނގޭ ދެލޮލުގެ ތެރެއަށް އަހަރެންނަށް ފީނައިގަވުނީ އެއްވެސް އިހްތިޔާރެއް ނެތިއެވެ. މަޑުމަޑުން ރޭޝަމްއާއި ދިމާލަށް އެބުރި އޭނައާއި ކައިރިއަށް ފިޔަވަޅެއް އަޅާލެވުނީ ބޭއިހްތިޔާރުގައެވެ.
“އަހަރެންނަށް ޝަމް ނުކިޔަށޭވެސް ކިތައް ދުވަހު ޖަނާން ކައިރީގައި ބުނީ” ރޭޝަމްގެ އަޑު އަހަރެންނަށް އިވުނީ ކިރިޔާއެވެ. “ޖަނާން ތި ކިޔަނީ ކީއްވެ” އަހަރެންވެސް އެހެން ހުރެ ސުވާލު ކޮށްލީމެވެ. “ޖަނާން އަހަރެން ބުނަން މިއުޅެނީ”އެހާ ހިސާބަށް ރޭޝަމްއަށް ބުނެވުމާއި އެކު އަހަރެން ރޭޝަމްގެ އަނގަމަތީގައި އިނގިލި ޖައްސާލީމެވެ. “ތި ބުނަން އުޅޭ އެއްޗެއް އެނގޭ.. އެކަމަކު ކީއްކުރަނީ… އަޑު ނާހާ ހިތެއް ވިއްޔަ” އަހަރެން މޭމަތީގައި އަތް ޖައްސާލަމުން ބުނެލީމެވެ. އެވަގުތު ދެމީހުން ސިހިގެން ދިޔައީ ވަރަށް ބާރަށް އަޑެއް އިވުމުންނެވެ. އޭރު ނިހާން ފާޑަކަށް ހިނިއައިސްފައި މޭޒު މައްޗަށް ވައްޓާލި ބޮޑު ބަރު ހިފައިގެން އަހަރުމެން ދެމީހުންނާއި ދިމާލަށް ބަލަން ހުއްޓެވެ. އަހަރެން ސިހިފަައި ފަހަތަށް ޖެހިލީ އޭރު އަހަރެންނަށް ހުރެވުނީ ރޭޝަމްއާއި ވަރަށް ކައިރީގައި އެގުމުންނެވެ. “އާޝިގީ 3 ނިމިއްޖެއްޔާ އަހަރުމެންގެ މަސައްކަތް ފަށަމާ..” ނިހާން ބުނެލިއެވެ. އެވަގުތު ރޭޝަމް ލަދުން މުޅި މޫނު ރަތްވެގެން ދިޔަތަން އަހަރެންނަށް ފެނުނެވެ. އަހަރެންނަށްވެސް ހީލެވުނެވެ.
އިރުކޮޅެއް ނުވެ ހިލްމީ އާއި ފައިސަލްވެސް އެތަނަށް އައެވެ. “ޖައިލަމްގެ ޓްރެނިން ފެށިތާ މިހާރު ފަސްމަސް ވެއްޖެ.. އަހަރެން ހީކުރަން ޓްރެނިންގެ ސަބަބުން ޖައިލަމްއަށް އެތައް ކަމެއް ދަސްވެއްޖެ ކަމަށް” ފައިސަލް އެހެން ބުނުމާއި އެކު ނިހާން ކަރުކެހިލިއެވެ. “މިހާރު އަހަރެންނަށް ހީވަނީ އަހަރުމެންގެ ޓާގެޓްގެ ވާހަކަ ދައްކަން ވީހެން” އެހެން ބުނެ ފައިލްއަކުން ފޮޓޯއެއް ނަގާ އަހަރެންނަށް ދިއްކޮށްލިއެވެ. “ތިއީ ނާޝިދު.. އޭނައަކީ އާދައިގެ މީހެއް” އަހަރެން ފައިސަލްއާއި ދިމާލަށް ބަލާލީ މީގެ މައްސަލައަކީ ކޮބާހޭ ބުނެލާ ގޮތަށެވެ. “އެކަމަކު ތިއީ އެކްސްޓްރީމެސްޓް އެއް” ފައިސަލް އޭނަގެ ޖުމްލަ ފުރިހަމަ ކުރިއެވެ. އަދި ހިލްމީ އާއި ދިމާލަށް ބަލާލިއެވެ. “އަހަރުމެންނަށް މައުލޫމާތު ލިބުނު ގޮތުގައި އޭނަ އަކީ ދީނި ގޮތުން ހައްދު ފަހަނަ އަޅާފައިވާ މީހުންގެ ތެރެއިން މީހެއް.. އަދި އަހަރުމެންގެ ރާއްޖެއަށް ހުރި ތްރެޓްއެއް” “ކޮންމެ އެކްސްޓްރީމެސްޓް އަކީ ތްރެޓްއެކޭ ނުބުނެވޭނެ… އެއީ އެމީހަކު ގަބޫލު ކުރާ ގޮތްތަކެއް.. އަހަރުމެންނަށް އެ އެއްޗެހި ބަދަލެއް ނުކުރެވޭނެ” އަހަރެން ހިލްމީގެ ވާހަކަ އާއި ދެކޮޅު ހަދަމުން ބުނެލީމެވެ. “ޖައިލަމްގެ މަސައްކަތަކީ އޭނަގެ އެ ހިޔާލު ތަކަށް ދެކޮޅު ހެދުމެއް ނޫނޭ.. އޭނައާއި އެއްބަސްވުން.. އަހަރުމެންނަށް މައުލޫމާތު ލިބުނު ގޮތުގައި އޭނަ ރާއްވާ އެބަ ރާއްޖެއިން ބޭރު ބަޔަކާއި ގުޅިގެން ރާއްޖެއަށް ހަމަލަދޭ.. އެއީ މައްސަލައެއް.. އަހރެން ބޭނުންވަނީ ޖަނާން އޭނައާއި އެކު މަސައްކަތް ކޮށް އޭނަގެ އިތުބާރު ހޯދާ.. އަހަރުމެންނަށް ލިބިފައިވާ މައުލޫމާތަކީ ކިހާ ބޮޑު ތެދެއްތޯ ބަލާ.. އެއީ ތެދެއްކަމުގައި ވާނަމަ އެކަން ހުއްޓުވުން” ފައިސަލް ބުނެލިއެވެ. “ކުރު ގޮތަކަށް ބުނާނަމަ އަހަރެން އެމީހާގެ އިތުބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފަންވީ” އަހަރެން ބުނެލީމެވެ. “އެއްވެސް މައްސަލައެއް އުޅެނީތަ” އަހަރެން އެހެން އަހާލި ގޮތުން ފައިސަލް ސުވާލު ކޮށްލިއެވެ.
“އާ ވަރަށް ބޮޑެތި.. ފުރަތަމަ އަހަރެން ހީކުރީ ނުރައްކާތެރި އޭ ބުނީމަ ރާއްޖެއިން ބޭރަށް އަންޑަކަވަރ އެއްގެ ގޮތުގައި އަހަރެން ފޮނުވަނީ ކަމަށް.. ދެވަނަ ކަމަކީ އަހަރެންނަކީ ކިތައްމެ ބަޔަކަށް އަނިޔާ ނޫނީ ދެރަ ދެވިފައިވީ މީހެއްނަމަވެސް މީހެއްހެ އިތުބާރެއް ބްރޭކް ކުރާނެ މީހެއް ނޫން” އަހަރެން އެންމެންގެ މޫނަށް ބަލާލީމެވެ. “އެހެންވެ ދޯ މައިންބަފައިން އެހާ އިތުބާރު ކުރީމަ އެމީހުންގެ އިތުބާރުގައި ކޮޅުފައިން ޖެހީ” ފައިސަލް ބުނެލިއެވެ. އަހަރެން ފައިސަލްއާއި ދިމާލަށް ބަލާލީމެވެ. ވަގުތުން މީހާ ރުޅިގަދަވިއެވެ. އޭނައަކީ ކޮންމެ މީހަކަށް ވިޔަސް އިރު އިރު ކޮޅާ އަހަރެން ކުރި ކަންތަކުގެ ވާހަކަ އެގޮތަށް ދެއްކުމުގެ ޙައްގެއް ނު އޮންނާނެއެވެ. ވަގުތުން އެތަނުން ދެތުވެ އަހަރެންނަށް ހަދަފައިވާ ކޮޓަރިއާއި ދިމާލަށް ހިގައިގަތީ އަތް މުއްކަވާ ލައިގެން ހުރެއެވެ. ދެލޯ ފެންކަޅިވީ އެއްވެސް ބާރެއް ނެތިއެވެ. “ސީރިއަސްލީ ސަރ.. ކޮންމެ މީހަކުވެސް ކުށެއް ކުރެވޭނެ.. އޭގެ މާނައެއް ނޫން އެއީ އަހަރުމެން އަބަދު އެވާހަކަ ގޮވާށެކޭ” ރޭޝަމް ވާހަކަ ދެއްކި އަޑު އިވުނެވެ.
އަހަރެން ދިޔަ ގޮތަށް އެނދުގައި އިށީދެލީމެވެ. ދެލޯ މަރާލި އވަގުތު ކަރުނަތައް އެއްވެސް ހިފެހެއްޓުމެއް ނެތި އޮހިގަތެވެ. ދެއަތުން ދެލޯ ފުހެލީމެވެ. އަހަރެންގެ ކުށަކީ އެއީއެވެ. މައިންބަފައިން އަހަރެންނަށް އެހާ އިތުބާރު ކުރުމުން އަހަރެންނަށް އޭނގެ އަގު ވަޒަން ނުކުރެވުމެވެ. ނަމަވެސް މިހާރު ދެން އަހަރެންނަށް ކުރެވޭނީ ކީއްހެއްޔެވެ. އެވަގުތު މީހަކު ޖަހާފައިވާ ފޮތިގަނޑު ތަޅުވާލިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ އިންދާ ރޭޝަމް އެތަނަށް ވަނެވެ. އައިސް އަހަރެން ކައިރީގައި އެނދުގައި އިށީދެލިއެވެ. “ޖަނާން” “އަހަރެން ގަބޫލު ކުރަން އަހަރެން މައިންބަފައިންގެ އިތުބާރު ގެއްލުވާލި ކަން.. އެހެންވެގެން ނޫންތަ އަހަރެން އެކަން ކުރަން ފަސްޖެހެނީ.. އަހަރެންނަށް އެނގޭ އެއީ ކިހާ މުހިއްމު އެއްޗެއްކަން ދިރިއުޅުމަށް.. މީހެއްގެ އިތުބާރު ގެއްލިއްޖެނަމަ ދެން އޮންނާނީ ކޮން އެއްޗެއް.. އެވެސް އިންސާނެއް… އަހަރެން ކިހިނެއް” އެހާ ހިސާބަށް ބުނެވުނު ތަނާ ރޭޝަމް އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. “ޖަނާން.. ޖަނާން ތިއީ ޖަނާންގެ ގޮތުގައި ވަރަށް ރަނގަޅު މީހެއް.. ކޮންމެ މީހަކަށްވެސް އެކަން އެނގޭ..” ރޭޝަމް ބުނެލިއެވެ. “އެކަމަކު މި މީހަކު އޭނަގެ ގޮތުގައި ވަރަށް ގޯސް މީހެއް.. މީހުން މެނިޕިއުލޭޓް ކޮށް.. ޒުވާނުން މަގު ފުރައްދަމުން ގެންދާ މީހެއް.. ދީނުގެ ނަމުގައި ދޮގު މައުލޫމާތު ދީ ހަދާމީހެއް.. ސަރުކާރާއި އަހަރުމެންނާއި ދެކޮޅަށް އެތަށް އަޑު ތަކެއް އުފުލާ މީހެއް.. މިކަހަލަ މީހުން ގިނަ ވާނަމަ މި ކުޑަ ދިވެހި ރާއްޖޭގެ އަގު ވެއްޓޭނެ..” އެހެން ބުނަމުން އަހަރެން އަތަށް ފައިލް ލައި ދިނެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ އިނުމުން އިރުކޮޅަކު އެހެން އިނުމަށްފަހު އެތަނުން ރޭޝަމް ނިކުތެވެ. އަހަރެން ނާޝިދުގެ ފޮޓޯއަށް ބަލާލީމެވެ.
********
އަހަރެން ސިހިގެން ދިޔައީ ބޮޑު ދޮރު ހުޅުވުނު އަޑަށެވެ. އެވަގުތު ދޮރު ހުޅުވާލާފައި މީހަކު އެއްޗެއް އެއްލިއެވެ. އަދި އެހާ އަވަހަށް ދޮރު ލައްޕާލިއެވެ. އަހަރެން ބަލާލި އިރު އެއީ ފޮތެކެވެ. އަހަރެން ހިނިތުންވެލީމެވެ. ނާޝިދުއަކީ ފައިސަލްމެން ކިޔައިދިން ކަހަލަ މީހެކެވެ. އެއައްވުރެއްވެސް އޭނަ މާ ނުބައެވެ. ނަމަވެސް އެމީހުންނަށް އަހަރެންނެއް ނޭނގެއެވެ. އަހަރެންގެ ބޭނުންވާ ކަންތައް މިގޮތަށް ވަމުން ދާނަމަ މިކަމުން ސަލާމަތްވާކަށް މާ ގިނަ ދުވަހެއް ނުނަގާނެއެވެ. އަހަރެން ފޮތް ހުޅުވާލީމެވެ. އަދި މިތަނަށް އެންމެ ފުރަތަމަ ގެންނަ ދުވަހުން ފެށިގެން ހުރިހާ ކަމެއް ލިޔަން ފެށީމެވެ.
***********
“ތީގެ މާނައަކީ އެމީހަކު ގަސްދުގައި ހިލްމީގެ އާއިލާ ދުއްވާލީއޭތަ” ނިހާން ހައިރާން ކަމާއި އެކު އަހާލިއެވެ. “ފެންނަނީ އެގޮތަށް..” ރޭޝަމް ބުނެލިއެވެ. “ދެޓްސް ބޭޑް” ނިހާން ބުނެލިއެވެ. “ވަރަށް… އަހަރެންނަށް ހީވަނީ މިކަމަކީ ހަމަ ޖަނާންގެ ގެއްލުމާއި ވެސް ގުޅުން ހުރި ކަމެހެން.. ކޮންމެވެސް ގޮތަކުން.. އަވަހަށް އެގޮތެއް ހޯދަންވީ” ފައިސަލް ބުނެލިއެވެ. “ޖަނާންއަކީ މަރުވިޔަސް އޭނައަށް އެނގޭނެ އެއްޗެއް ބުނާނެ ކުއްޖެއްނޫން” ނިހާންއަށްވެސް އެހާ ޔަގީންކަން ޖަނާންއަށް އޮތެވެ. “ތި ވާހަކަ ދައްކާނީ ފަހުން.. ހިގާ އެހަށް ސަހަރައަށްދަމާ” ފައިސަލް ގަޑި ބަލާލަމުން ބުނެލިއެވެ. “ނާޝިދުއޯ” ސެލްގައި އިން ނާޝިދު ދަައްކާލަމުން ނިހާން ބުނެލިއެވެ. “ބައިިންދާ.. އަހަރުމެން އަންނަން ދެން އިންނާކަށްނުން ޖެހޭނީ” ފައިސަލް އެތަނުން ބޭރަށް ނިކުންނަމުން ވާހަކަ ދެއްކިއެވެ.
*****
ރޭގަނޑު އެކަހަލަ ވަގުތުގައިވެސް މުޅި އާސަހަރަ ސަރަހައްދު ވަނީ ފުރިފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހިލްމީގެ އާއިލާގެ މީހުންނާއި އެމީހުންގެ އެކުވެރިންނެވެ. އަދި އެ އެކުވެރިން ދަންނަ އެކުވެރިންނެވެ. ހިލްމީގެ ޕޮލިސް ހުރިހާ ރައްޓެހިންނެވެ. ކޮންމެ މީހަކުވެސް ބަލަމުން ދިޔައީ ހިލްމީއަށް ހިތްވަރު ދިނުމުގެ ގޮތުން ދެތިން ބަސް ބުނެވޭތޯއެވެ. ހިލްމީގެ ދެލޯ ވަނީ ކޮންމެވެސް ވަރަކަށް ރަތް ވެފައެވެ. މީހާގެ ހަރަކާތްތަށް ކޮންމެވެސް ވަރަކަށް މަޑު ޖެހިފައިވާ ކަން ބަލާލާ ކޮންމެ މީހަކަށްވެސް ފާހަގަ ކުރެވެއެވެ. ނިހާން މަޑު ހިގުމެއްގައި އައިސް ހިލްމީގެ ގޮޑުގައި އަތް ބައްވާލިއެވެ. ހިލްމީ ބަލާލަމުން ފަޑު ހިނިތުންވުމެއް ރައްދު ކޮށްލިއެވެ. ފައިސަލް އައިސް ގޮޑާއި ގޮޑު ޖައްސާ ހިލްމީ އާއި ސަލާމް ކޮށްލިއެވެ. ރޭޝަމް ހިލްމީ އަތުގައި ހިފާލަމުން ހިތްވަރު ކުރުމަށް ބުންޏެވެ.
މާގިނަ އިރަކު ރޫނާގެ ހަށިގަނޑާއި ދަރިފުޅުގެ ހަށިގަނޑު ބާއްވާކަން ހިލްމީ ބޭނުމެއް ނުވިއެވެ. ކަށުނަމާދު ކުރުމަށްފަހު ވަޅުލި އިރު ދިހަގަޑި ބައިވަނީއެވެ. އެންމެން އެކި ތަންތަން ތަނަށް ގޮސް މަޑުމަޑުން އެތަން ހުސްވަމުން ދިޔައެވެ. ރޭޝަމްއާއި ފައިސަލް އަދި ނިހާންވެސް މިސްރާބު ޖެހީ ޕޮލިސް ސްޓޭޝަންއަށް ދިއުމަށެވެ. ހިލްމީއަށް އެތައް ގޮތަކަށް ހިތްވަރު ދިނުމަށްފަހުގައެވެ.
*******
އާދައިގެ މަތިން އަހަރެން މެންދުރު ނަމާދު ކޮށްގެން ދިޔައީ ނާާޝިދު މެންގެއަށެވެ. “ކޮބާ އެއްޗެއް ކައިފިންތަ” އަހަރެން ފެންނަ އިރަށް ނާޝިދު އަހާލިއެވެ. އަހަރެން ދެފަރާތަށް ބޯހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އޭނަ އަންހެނުން ކައިރީގައި ކާން ހެދުމަށް ބުނުމަށްފަހު އަހަރެން ގޮވައިގެން ނިކުތީ އޭގެ ފުރަގަސް ފަރާތަށެވެ. ދެތިން ބޮޑު ގަހެއް އެތަނުގައި ހެދިފައިވާ އިރު އެތަނުގައި ހުރި ބަބުކެޔޮ ގަސް ދޮށުގައި ޖޯލިފައްޗެއް ބަހައްޓާފައި ހުއްޓެވެ. އަހަރުމެންނަކީ އަބަދުވެސް އެކި ކަހަލަ މައުލޫއަށް ވާހަކަ ދައްކާ ބައެކެވެ. ނާޝިދު ކޮންމެ މައުލޫއެއް ނެގި ކަމަށްވިޔަސް އަހަރެން އެންމެ ތަންކޮޅެއްވެސް ދޫނުކޮށް އޭނައާއި ބަހުސް ކޮށް ހަދަމެވެ. “ޖައިލަމްއަށް އެނގޭތަ.. އަހަރެންގެ އެތަށް އެކުވެރިންނެއް އުޅޭނެ.. އެކަމަކު އެއްވެސް މީހަކަށް ނުކެރޭނެ ޖައިލަމް އަހަރެންނަށް ރައްދު ދޭ ގޮތަކަށް ރައްދު ދޭކަން” ވާހަކަ ދައްކަމުން ނާޝިދު ބުނެލިއެވެ. “އަހަރެންނަކީ އަބަދުވެސް އަހަރެންގެ ހިޔާލު ބުނާ މީހެއް…” ހިނިތުންވުމެއް ރައްދު ކޮށްލަމުން އަހަރެން ބުނީމެވެ. “އެހެންވެ އަހަރެން ޖައިލަމްއަށް އިތުބާރު ކުރެވެނީ.. ޖައިލަމްއަކީ ބޭނުންވާ ގޮތެއް ބޭނުންވާ ހިޔާލެއް ވަގުތުން ބުނާ މީހެއް.. އަހަރެން އެބަ ޖެހޭ އަދި ޖައިލަމް ކައިރީގައި ވާހަކައެއް އަހާލަން” ނާޝިދު ބުނެލިއެވެ. އަހަރެން ބަލާލީ ކޮންކަމެއްހޭ އަހާލާ ގޮތަކަށެވެ.
“ކިހިނެއްތަ ދެކެނީ މިހާރުގެ ސަރުކާރާ ދޭތެރޭގައި” އަހަރެންގެ މޫނާއި ދިމާލަށް ބަލަހައްޓައިގެން އިދެ ނާޝިދު އަހާލިއެވެ. އަހަރެން ކުޑަކޮށް ސިހިގެން ދިޔަ ނަމަވެސް އެކަން އެނގުނަކަ ނުދެކެވެ. “ކިހިނެއް ތި ބުނީ” އަހަރެން އަހާލީމެވެ. “ނޭނގެ.. މިހާރު އަހަރުމެންގެ ރާއްޖެއެކޭ ބޭރުގެ ގައުމެކޭ އެއްވަރު… މީހަކު މަރާނުލާ ދުވަހެއް ނުދެއޭ ބުންޏަކަސް ދޮގަކަށް ނުވާނެ.. ވައްކަން ކުރުމާއި މަސްތުވާތަކެތި ބޭނުން ކުރުން ވަނީ ހަމައިން ނެއްޓިފައި.. މިސަރުކާރުން އެކަމަށް އެއްވެސް ފިޔަވަޅެއް ނާޅާ” ނާޝިދު ވާހަކަ ދެއްކިއެވެ. އަހަރެން ހިނިތުންވެލީމެވެ. “ކޮންކަހަލަ ފިޔަވަޅެއް އަޅަންވީ.. އަހަރެން މިހުރީ އަރުވާލާފައެއްނުން” އަހަރެން ނާޝިދުއަށް ހަނދާންކޮށްދިނީމެވެ. “އާ ތި ނޫނެކޭ ނުބުނަމޭ.. އަދި އަހަރެން ޖައިލަމްގެ ތި ގެންނަ ބަދަލަށް ވަރަށް މަރުހަބާވެސް ކިޔަން.. އެކަމަކު މިސާލަކަށް ވައްކަން ކުރާމީހެއްގެ އަތް ކަނޑައިފިއްޔާ.. ޔަގީނޭ ދެން އެހެން މީހުނެއް ވައްކަމެއް ނުކުރާނެކަން” ނާޝިދު ބުނެލިއެވެ. “މާނައަކީ ދީނުގައި ކަނޑައަޅާފައިވާ ހައްދު ތައް ގާއިމް ކުރެވެން ވާނެއޭ” އަހަރެން ނާޝިދުގެ މޫނަށް ބަލާލީމެވެ.
“އާ.. ހުރިހާ ކަމެއްގައި ދީނުގެ އެބަ އޮވޭ ހައްދެއް ކަނޑައަޅާފައި.. ދެން އިތުރު ޤާނޫނާއި ޤަވާއިދު ހަދައިގެން ކީއްކުރަން މިއުޅެނީ” ނާޝިދުގެ ވާހަކައަށް އަހަރެން ހަމައެކަނި ހިނިތުންވުމެއް ރައްދުކޮށްލީމެވެ. “ތިކަމުގައި އަހަރުމެންނަށް ކުރެވޭނީ ކީއް… އަހަރުމެންނަކީ އާއްމު ރައްޔިތުން” އަހަރެން އެކަމާއި އެއްކޮޅަށް ހިފާކަށް ބޭނުމެއް ނުވިއެވެ. “ކަމެއް ކުރެވެން އޮތިއްޔާ އެކަމުގައި ޖައިލަމް ބައިވެރި ވާނަންތަ” ނާޝިދު އަހާލިއެވެ. އަހަރެން ބަލާލީ ކޮންކަމެއްހޭ އަހާލާފަދަ ގޮތަކަށެވެ. “އަހަރެން ޖައިލަމް ނުބައި ދޭތެރެއަކަށް ނުފައްތާނަން… މިކަމަކީ ކުރައްވިތާ ކިތައްމެ ދުވަހެއް ވެފައިވާ ކަމެއް.. އެކަމަކު މިކަމުގައި ޖައިލަމް ދެކޭ ގޮތް ބުނަން އެބަ ޖެހޭ..” އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “އަހަރެން އަބަދުވެސް ނާޝިދު ކުރާ ކޮންމެކަމެއްގައި ބައިވެރި ވާނަން.. އަހަރެންނަށް އެނގޭ ނާޝިދު ދީނުގައި މަނާ ކުރާ ކަމެއް ނުކުރާނެކަން” އަހަރެން އެއްބައި ވީމެވެ. “ތިވީ.. މިރޭ އާދޭ މިގެއަށް.. އަހަރެން އެކުވެރިއަކާ ބައްދަލު ކުރުވާނަން” ނާޝިދު ބުނެލިއެވެ.
*******
އަހަރެންގެ ސިކުނޑީގައި އުތުރިގަތީ ނާޝިދުގެ ހިޔާލުތަކެވެ. އޭނައަކީ އަބަދުވެސް އޭނަ ބުނާ ކަމެއް ބޭނުންވާ ގޮތަށް ނިންމާ މީހެކެވެ. އަހަރެންނަށް އޭނަ ކައިރީގައި އުޅެވުނު ދުވަސްވަރު އޭނަގެ ހުރި ނުލަފާކަން ވަނީ އެގިފައެވެ. ފައިސަލްމެންނަށް އޭނަގެ ގޭމްއެއް އަދި އެގިފައެއް ނުވާނެއެވެ. އެހެންވެއްޖެނަމަ އެމީހުން އޭނަގެ ‘ޓްރެޕް’ ގައި ބަންދުވަމުން ދާއިރުވެސް އެމީހުންނަކަށް ނޭނގޭނެއެވެ. އަހަރެންނަށް ދެފަރާތަށް ބޯހޫރާލެވުނެވެ. މިތާ މީހުން ރާއްވަމުންދާ ރޭއްވުމެއްވެސް އަހަރެންނަކަށް ނޭނގެއެވެ. އަނެއްކާ ފަރީޤް ކޮބާ ހެއްޔެވެ. އެމީހުން އަހަރެންނަށް އަނިޔާ ނުކޮށް އެތިބެނީ ކީއްވެ ހެއްޔެވެ. އަހަރެންނަށް ކާންދީ އަހަރެންގެ ހަށިގަނޑުގެ ވަރު ޖައްސަން އެމީހުން ބޭނުންވަނީ ކީއްވެ ހެއްޔެވެ.
*******
ފައިސަލް އާއި ރޭޝަމް އަދި ނިހާން އައިސް އޮފީހުގެ ތެރެއަށް ވަނެވެ. ތިންމީހުން މަޑުކޮށްލީ ނާޝިދު ބައިންދާފައިވާ ސެލް ތެރެ ފެންނަ ގޮތަށް ހުރި ރޫމްގައެވެ. އެ ރޫމްގައި ޖަހާފައިވާ ބިއްލޫރިގަނޑުގެ ސަބަބުން ނާޝިދު ބައިންދާފައިވާ ތަން ރަނގަޅަށް ފެނެއެވެ. “މި މީހާ ހަމަ އެއްވެސް އެއްޗެއް އެނގޭ ކަމަކަށް ނަހަދާ” ފައިސަލް ނާޝިދުއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “މިހާރު އަޅުގަނޑު އެންމެ ހާސްވަނީ ހިލްމީގެ އާއިލާއަށް މި ވީ ގޮތުން” ނިހާން ވާހަކަ ދެއްކިއެވެ. “ތީގެ ޖަނާންގެ އަތެއް” “ނުވާނެ.. ޖަނާންއަކީ ސްޓްރޯގް މީހެއް.. މީހަކު އަދި ބިރެއް ދައްކާލާއިރަށް އޭނަ ނުހެއްލޭނެ” ފައިސަލްގެ ޖުމްލަ މެދު ކަނޑާލަމުން ރޭޝަމް ވާހަކަ ދެއްކިއެވެ. “މިހާރު އަޅުގަނޑުމެން އެންމެ ވޯސްޓް ކޮށްވެސް ވިސްނަން އެބަޖެހޭ” ނިހާން ރޭޝަމްއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ތިބުނީ..” ރޭޝަމް ނިހާންއާއި ދިމާލަށް ބަލާލިއެވެ. “މިބުނީ..” “ނޫން.. ޖަނާން މަރެއްވެސް ނުވާނެ އަދި އޭނަ އަޅުގަނޑުމެންގެ އިންފޮމޭޝަން އެއްވެސް މީހަކަށް ހިއްސާއެއްވެސް ނުކުރާނެ..ކަމޯން ގައިސް.. އެއީ ޖަނާންއޭ.. އަޅުގަނޑުމެން ޓްރެއިން ކުރި ޖަނާން.. ސަރ.. ” ރޭޝަމް މިފަހަރު ނިހާންގެ ޖުމްލަ މެދު ކަނޑާލިއެވެ. “އައި އޭމް ސޮރީ ރޭޝަމް.. ނިހާން އެބުނީ މުހިއްމު ޕޮއިންޓެއް.. މިހާރު އޭނަ ގެއްލުނު ތާ ހަތަރުދުވަސް ފާއިތުވެ ހިގައްޖެ… ކިހިނެއް އެނގެނީ އޭނަ މަރާނުލާނެ ކަމެއްވެސް އެމީހުން..” ފައިސަލް ބުނެލިއެވެ. ރޭޝަމް އެދެމީހުންނާއި ދިމާލަށް ބަލާލަމުން ދެފަރާތަށް ބޯހޫރާލަމުން އެތަނުން ބާރު ހިގުމެއްގައި ނިކުތެވެ.
***********
ގަޑި ތަކުން ދަންވަރު ވިކަން އިއުލާން ކުރަމުން ދިޔައެވެ. ފައިސަލް ކޮފީއެއް ހިފައިގެން ރޫމްގެ ގޮޑީގައި ޖައްސާލިއެވެ. ނިހާންވެސް ޖަނާންގެ ކޮޓަރިން ފެނުނު އެއްޗެހިތަކެއް ބެލުމުގައި އެތަނުގައި ހުއްޓެވެ. ރޭޝަމް މަސައްކަތް ކުރަމުން ދިޔައީ ޖައިލަމްގެ ކޮޓަރިން ފެނުނު އެހެން އެއްޗެހިތަށް ހޭވޭތޯއެވެ. ތިންމީހުންވެސް ސިހިގެން ދިޔައީ ދޮރު ހުޅުވުނު އަޑަށެވެ. “ހިލްމީ” އެތެރެއަށް ވަދެގެން އައި ހިލްމީ ފެނުމުން ނިހާން ކުރަމުން ދިޔަ މަސައްކަތް ހުއްޓާލިއެވެ. ހިލްމީގެ ދެލޯ ވަނީ ރަތްވެފައެވެ. މީހާ ވަނީ މިލާ މޯޅިވެފައެވެ. ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތް ކަހަލައެވެ. “ހިލްމީ މިތަނުގައި ކީއްކުރަނީ” ފައިސަލް ހައިރާންކަމާއި އެކު އަހާލިއެވެ. “މިހާރު މަސައްކަތުގައި ކިހާ ކުރިއަކަށް ދެވިއްޖެތޯ” ހިލްމީ އެއްވެސް ސުވާލަކަށް ޖަވާބު ނުދީ ވާހަކަ ދެއްކިއެވެ. “ހިލްމީ.. ގެއަށް ދޭ އަރާމުކޮށްލަން.. މިރޭ ރެސްޓް ކޮށްލާފައި ހިލްމީ ހަމަޖެހުނީމަ ނިކުތަސް އޯކޭވާނެ” ފައިސަލް ބުނެލިއެވެ. “ރޫނާގެ އެކްސިޑެންޓާއި ބެހޭ ގޮތުން އެއްވެސް އެއްޗެއް އެގިއްޖެތަ” ނިހާންއާއި ދިމާލަށް ބަލާލަމުން ހިލްމީ އަހާލިއެވެ. ނިހާން ބަލާލީ ފައިސަލްއާއި ދިމާލަށެވެ. “އަސްލު..” “ހިލްމީ.. އެވާހަކަ ދައްކާލެވިދާނެ ފަހުންވެސް.. އެކަމަކު މިހާރު ހިލްމީ އަރާމުކޮށްލަން ދޭ..” ފައިސަލް ބުނެލިއެވެ. “އަޅުގަނޑަކަށް ނުވާނެ ސަރ.. އެގެއަށް ދިޔަޔަސް ރޫނާ އާއި ދަރިފުޅުގެ ހިޔާލުތަށް އާވޭ.. ކިހިނެއް އަޅުގަނޑަށް އެގޭގައި އަރާމު ކުރެވޭނީ” ހިލްމީ ގެއަށްދާން ބޭނުންނުވާ އަސްލު ސަބަބު ހާމަ ކުރިއެވެ.
“އަ.. އަހަރެންގެ ރޫމްއަށްދޭ.. އެތަނުގައި އެއްވެސް މީހެއް ނުހުންނާނެ.. ހިލްމީއަށް އަރާމު ކޮށްލެވޭނެ” ފްލެޓްގެ ތަޅުދަނޑި ދިއްކޮށްލަމުން ނިހާން ބުނެލިއެވެ. ހިލްމީ ބަލާލީ އަހަރެންނަށް ތީގެ ނުހިފޭނޭ ބުނެލާ ގޮތަށެވެ. “މައްސަލައެއް ނޫނޭ މިއީ.. ހިލްމީ އަރާމުކޮށްލާފަ ފަހުން އަންނާނީ.. އަހަރެން ދާނަން ފަހުން” ނިހާން ހިނިތުންވުމެއް ރައްދުކޮށްލަމުން ބުނެލިއެވެ. ހިލްމީވެސް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އަދި ތަޅުދަނޑި ހިފައިގެން ބޭރަށް ނިކުތެވެ.
**********
ހިލްމީ މިސްރާބު ޖެހީ ނިހާންގެ ފްލެޓްއަށް ދިއުމަށެވެ. ނަމަވެސް ވަކި ހިސާބަކުން ހިޔާލު ބަދަލުވިއެވެ. އެންމެ ފަހު ފަހަރަށް ރޫނާއާއި ބައްދަލު ކޮށްލުމަށް ދާން ބޭނުންވިއެވެ. އެހެންކަމުން އާސަހަރަ އާއި ދިމާލަށް ސައިކަލް އަބުރާލިއެވެ. މަޑު ދުއްވުމެއްގައި އާސަހަރަ ކައިރިއަށް ސައިކަލް ޕާކްކޮށްލިއެވެ. އަދި އެތެރެއަށް ވަދެގެން ހިގައިގަތެވެ. އޭރު ސަހަރަ ބަލަހައްޓާމީހާ މިސްކިތުގައި އިދެ ޤުރުއާން ކިޔަވަމުންދާ އަޑު އިވެމުން ދިޔައެވެ. ހިލްމީ މަޑު ހިގުމެއްގައި ގޮސް މަޑުކޮށްލީ ރޫނާ އާއި ދަރިފުޅު ވަޅުލާފައިވާ މަހާނަ ކައިރީގައެވެ. މުޅިތަނުގައި ވަނީ ނާމާންކަމެވެ. ހޮޅިބުރި ޖަހާފައިވިނަމަވެސް ހެދިފައިވާ ގަސްތަކުގެ ސަބަބުން ސަހަރަ ތެރެއަށް އަލިކަން ވަނީ ވަރަށް ކުޑަކޮށެވެ. ހިލްމީ މަހާނަ ކައިރީގައި ހުއްޓި ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. އެވަގުތު ދެލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަތަށް އޮހިގަތެވެ. ދެލޯމަރާ ބާރުކޮށްލަމުން އަންހެނުންނާއި ދަރިފުޅުގެ ފާފު ފުއްސެވުން އެދި ދުޢާ ކޮށްލިއެވެ. އެވަގުތު ފަހަތުގައި ހުރި ގަސް ގަނޑު ހެލިލިއެވެ. އެއަޑަށް ކުޑަކޮށް ސިހިފައި ހިލްމީ ފަހަތަށް ބަލާލިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ފެންނަން ނެތުމުން އަނެއްކާވެސް މަހާނަ އާއި ދިމާލަށް ބަލާލިއެވެ. ދެވަނަ ފަހަރަށް އެއަޑު އިވުމުން ހިލްމީ ފަސްޖެހޭ ގޮތްވިއެވެ. އެހެންކަމުން އަވަހަށް އެތަނުން ބޭރަށް ނިކުންނަން ހިގައިގަތެވެ. ބޭރަށް ނިކުންނަމުން ފަހަތަށް ބަލާލީ ފަހަތުން މީހަކު އަންނަހެން ހީވީމައެވެ. ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އޭރު މިސްކިތުގައި ކިޔަވަން އިންމީހާގެ އަޑުވަނީ ކެނޑިފައެވެ.
ހިލްމީ އެވަރަށް ނުވިސްނާ ހިގައިގަތީ ބޭރަށް ނިކުންނަންވެގެންނެވެ. އެވަގުތު ހިލްމީގެ ލޮލުގައި އަޅައިގަތީ ދޮރުގެ ކުރިމަތީގައި ޕާކްކޮށްފައިވާ ވޭނެއެވެ. އެވަގުތު އަނެއްކާވެސް ފަހަތުން އަޑެއް އިވިގެން ހިލްމީ ފަހަތަށް އެބުރިލަން އުޅުނެވެ. ނަމަވެސް މިފަހަރު ފަހަތް ފެންނަ ވަރެއް ނުވިއެވެ. އެއްޗެއްގެ ހަމަލާއެއް އެރީ ހިލްމީގެ ބޮލަށެވެ. އެވަގުތު ހިލްމީ ވެއްޓުނެވެ. ފަހަތު ހުރި މީހާ ވަގުތުން ހިލްމީގެ އަތުގައި ހިފެހެއްޓިއެވެ. މޫނުމަތީގައި އަޅާފައިވާ ފޮތިގަނޑުގެ ސަބަބުން އެއީ ކާކުކަމެއް ނޭނގެއެވެ. އެމީހާ އަތުގައި ހިފެހެއްޓުމާއި އެކު ގަސްތަކު ތެރޭގައި ފިލާ ތިބި ދެމީހުން އައިސް ހިލްމީގެ ފައިގައި ހިފެހެއްޓިއެވެ. އަވަސް ހަރަކާތާއި އެކު ހިލްމީ ނަގާ ވޭނުގެ ފަހަތުބައި ހޮޅުވާލަމުން އެތެރެއަށް އެއްލިއެވެ. އަދި އަވަސްކަމާއި އެމީހުން ވޭނަށް އެރިއެވެ. އެވަގުތު ވޭން ނައްޓާލިއެވެ.
ނުނިމޭ….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.




hurihaa kudin kihinetha… mibaives kamudhaane kamah heekuran.. hurihaa kudinge coment thakah maruhaba 🙂
thank u avahah up kohdhiniythiy.v v reethi mibaives net prt kon irakun fantasy
Mi v kihineh fantasy??? Alhe ehen hedhyma dhera…
Vvv vvvvvv habeys vvvvvv intresting story. ..
Thnx ingey ….. Fantasy kihineh thr mi v…. Ekm vs v v salhi….. Konirakun thr next prt up kohdhenyyy….
Vaahaka vrh reethi. Kon irakun next part????
Avas koh up kohlla bala please. Vaahaka varah reethi
V ufaa vejje thankoklheh avahaha miburu up khdhineemaa… thank u fantasy…nd v reethi mi vaahaka… adhi mifaharu ehen prt thakaa thafaathu kameh faahaaga kurevijje… miburu mi prt dhigu kan faahaga kurevunu…hehe thankx 4 tht too.. 🙂 I’ll wait 4 the nxt prt…hope u’ll up it soon as possible…. 😛
Avaha up kohdhehche..cant wait
vvvv lowbi mivaahaka ……thikur aamasahkathah saabas …..u tha best…ingey bunelaa haa avahah up kosheh nudhe veyee kan…mikahala reethi vaahakaeh liyan v ginavaguthu nagaane kah igey…but masahkah kurahchy .next part avahah up kohdhen……
hiyaalu rangalhu boa rangalhu soreh liyaa vaahaka eh mee … salhi
hurihaa kudinge lobi coment thakah v bodah shukuriyya 🙂
aneh bai veehaaves avahah up kureveytho massaki kuraanan.. 🙂
Varah reethi mi vaahaka
Vvv salhi next part avahah up kohdhehchey
Hageegai mi vaahakaige 3rd part konirakuntho up kurany