Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
loabi viyas
ލޯބި

ލޯބި ވިޔަސް… 4 ވަނަ ބައި

Shaila Level 110 Stories
April 22, 2021 4 Mins Read
0 Comments

“އޭ..! މަބުނީ ނަޒާ އެވަރަށް ފާޑުފާޑުގެ ފޮޓޯ އިންސްޓަގްރާމް ކޮށްފަ ހުންނައިރުވެސް އޭނަ ފިރިސޮރާއެކު ފޮޓޯއެއްނުފެނޭ..  ކީއްވެބާއޭ މަގޭ ހިތަށް އަރާ..”

ކޮފީ މޭޒުމަތީގައި ދެއަތް ބާއްވާލަމުން މަހުދީ އޭނާގެ ހިތުގައި އޮތް އެއްޗެއް ހާމަކުރިއެވެ.

**************************

ޖަވާބެއް ދިނުމުގެ ބަދަލުގައި އަތީފު ޚިޔާރުކުރީ ހިމޭން ކަމެވެ. ލޮލުގައި އިން އަވި އައިނުގެ ސަބަބުން އެ ލޮލުގައި ވި އަސަރު މަހުދީއަށް ވަނީ ސިއްރުވެފައެވެ. ކިތައްމެ ދުވަހެއް ވިޔަސް ނަޒާހާގެ ނަން އަޑުއިވުމުން އަދިވެސް އެ ހިތުގައި ވާ ވޭނީ ރިހުން އިތުރުވެއެވެ. ހިތުގައި ނަޒާހާއަށް ދެވިފައި ވާ މަގާމު އަދިވެސް އޮތީ އެގޮތުގައެވެ. އޭނާ ލޯބިވި ހަމައެކަނި އަންހެންކުއްޖަކީ ނަޒާއެވެ. އަދިވެސް އެ ހިތް އެދި ރޮނީ ނަޒާއަށެވެ. ރޭދުވާ ވޭނާއެކު ގުނަމުންދަނީ އަދިވެސް ނަޒާ އަންނާނެ ދުވަހަކަށެވެ. އެ ހިތުގައި ވަނީ ނަޒާއަށްޓަކައި ހެޔޮ ދުޢާއެވެ.

“އަހަރުމެން ދެ މީހުން މުސްކުޅި ވަންދެން ވެސް، އުޅޭނީ އެކީގައި.. އެއްވެސް މީހަކަށް މި ދޭތެރެއަކަށް ނުވަދެވޭނެ..” ކައިވެނީގެ ހަފްލާ ނިންމާލުމަށްފަހު އެނބުރި ކޮޓަރިއަށް ވަދެވުމާއެކު ލޯބިވާ ފިރިމީހާގެ ހަށިގަނޑުގައި ނަޒާ ބައްދާލިއެވެ. އާތިފުގެ މޭގައި ބޯޖައްސާލިއެވެ. އާތިފުވެސް އަނބިމީހާގެ ގައިގައި ބައްދާލުމަށް ފަހު، ނިތްކުރީގައި ބޮސްދިނެވެ. އާތިފަށް ކުލަވަމުން ދިޔައީ ނިއުޅެމުންދިޔަ މާޒީއެވެ.

“ކިހިނެއްވީ؟؟ އަދިވެސް ހިތަކުން ނުފިލާދޯ! ހިނގާބަ އެހެން ކަމަކާ އުޅެމާ..” މަހުދީ ބެލީ ދުރުދުރުން އާތިފް ހިތުގައި އޮތް އެއްޗެއް އޮޅުންފިލުވައި ލެވޭތޯއެވެ.

ދެމީހުން ކިތަންމެ އެކުގައި އުޅުނަސް މިހާރު އާތިފު އެއްގޮތަކަށް ވެސް ނަޒާގެ ވާހަކައެއް ނުދައްކައެވެ. މަހުދީ ވެސް ގަސްދުކޮށްގެން ހުރީ އެހެންވެ އެ ވާހަކަ ނުދައްކާށެވެ. އެހެން ނަމަވެސް މިހާރަކަށް އައިސް އޭނައަށް ނަޒާގެ ވާހަކަ ތަންކޮޅެއް ގިނައިން ދެއްކޭކަން ހަނދާންވިއެވެ. އެކަމުގެ ސަބަބުން އާތިފް ދެރަވާނެވަރު މަހުދީއަށް އިހްސާސް ކުރެވުނެވެ. ހައްތަހާވެސް އެ ކަހަލަ ވާހަކަ ދެއްކެނީ އާތިފުގެ ގެއްލިފައިވާ އުފާވެރިކަން އަނބުރާ ހޯދައިދެވޭތޯއެވެ.

“މަށަށް ގޯސް އެއްޗެއް ބުނެވުނީތަ..؟ ސޮރީ މޭން..”

މަހުދީ ހިތުގައި ޖެހުނެވެ.

“ނަޒާއާ ނުލާވެސް އަހަރެން ދިރިއުޅޭނަން.. އަދި.. އަދިވެސް ނަގާނެ ދުވަސް ކޮޅެއް.. އެއަށްފަހު އަހަރެން ހަމަޖެހިލާނަން.. އަލުން ކުރީގައި އުޅުނު ކަހަލަ ލައިފެއް ލިބިވެސްދާނެ ފަހުން.. ގޯޑްސް ނޯ..” އާތިފު ގޮނޑިން ތެދުވެ ހިނގައިގަތެވެ.

 

“ކޮންއިރަކުން؟  މިހާރުވެސް ލަސްވެއްޖެ.. ހިނގާ ރަނގަޅު ކުއްޖަކު ހޯދަން”

މަހުދީ ސީދާ އޭނާ ބޭނުންވާ މައުޟޫއަށް ދިޔައެވެ. މަހުދީ ވެސް ތެދުވެގެން ގޮސް އާތިފާ އަރާ ހަމަކުރިއެވެ.

“ސީރިއަސް ކޮށޭ.. އެބަހުރި ވަރަށް ރަނގަޅު ކުއްޖެއް..”

މަހުދީ އާތިފުގެ ކޮނޑަށް އަތް ވައްޓާލަމުން އާތިފާ އެއްވަރަށް ހިނގަމުންދިޔައެވެ.

“ގެވެހި، ޢިއްފަތްތެރި، ތެދުވެރި، ތައުލީމީ، ރީތި، މިހުރިހާ ސިފައެއް އެކަކުގެ ގައިން ފެނުން މީ މި ޒަމާނުގައި ދަތިކަމެއް” އާތިފުގެ ފަރާތުން ޖަވާބެއް ނުލިބުމުން މަހުދީ އިތުރު ކޮށްލިއެވެ.

“ހެ ހެ ހެ.. މިހާރު މަށަށް އިންނާނެ ކުއްޖަކުވެސް ހޯދީތަ..؟؟” އާތިފު ހިނިގަނޑެއް ޖަހާލީ އެ ވާހަކައަށް މާ ބޮޑު ޝައުގެއް ނެތްކަން އަންގައިދިނުމުގެ ގޮތުންނެވެ.

“އަދި ދުވަސް ކޮޅެއް ދީ!” އާތިފް އެއްކޮލުން ހީލިއެވެ.

އާތިފު އިތުރަށް އެއީ ކާކުތޯވެސް  އޮޅުން ފިލުވަން ބޭނުންނުވީމައި މަހުދީ ވެސް އެ ވާހަކަ އެ ވަގުތަށް ހުއްޓާލިއެވެ.

************************

“މާ މުހިއްމު ކަމެއް  އޮތީތަ މިރޭ.. ނުވައެއް ޖަހާއިރަށް ރެޑީވާށޭ ތިބުނީ..؟؟” ފުރަގަހުން ޒަހީންގެ މެދު ހަށީގައި ބައްދާލަމުން ނަޒާ ސުވާލު ކޮށްލިއެވެ.

“ޝިފާން ބުނެގެން ކޮފީއަކަށް ދާންވެގެން.. ދާއިރު ނަޒާވެސް ގޮވައިގެން ދާންވެގެން.. ރެޑީވައްޗޭ ބަރާބަރު ނުވައެއް ޖަހާއިރު ގެއިން ނިކުމެވޭވަރަށް”

ޑްރެސިންގ ޓޭބަލް މަތީގައި އޮތް ޒަހީންގެ ގަޑި ނަގައި އަތަށް ހެޔޮވަރު ކޮށްލިއެވެ.

ނަޒާހާ އިރުކޮޅެއް ވަންދެއް ޒަހީންގެ ބުރަކަށީގައި މޫނު ޖައްސައިގެން ހުރެ ނޭފަތް އެތެރެއަށް ދަމާލިއެވެ. ޒަހީންގެ ޓީޝާޓްގައި ވާ މީރުވަސް ދުވާ ސެންޓްގެ ވަހުން ސިކުނޑިއަށް އާރޯކަން ގެނެސް ނާރުތަކުގެ ލޭ ދައުރުވުން އަވަސް ވެގެން ދިޔައެވެ.

ޒަހީން ނަޒާހާގެ އަތުގައި ހިފާ އޭނައާ ދިމާލަށް ދަމާލިއެވެ. އަދި ގެނެސް މޭމަތީގައި އެމޫނު ޖައްސާލައި ނަޒާހާގެ ބޮލުގައި ބޮސްދިނެވެ.

“ކޯއްޗެއް ނަޒާ..؟؟  ޝިފާން ވޭޓަރަށް ގޮވާލަމުން ދެތަށި ކޮފީއަށް އޯޑަރު ދިނުމަށްފަހު ނަޒާގެ މޫނަށް ނަޒަރު ހިންގާލުމަށްފަހު ލުއި ހިނިތުންވުމެއް ދިނެވެ. ނަޒާވެސް އިނީ ކަޅިޖަހާނުލާ ޝިފާންގެ މޫނަށް ބަލަހައްޓައިގެންނެވެ. ދެ މީހުންގެ ހަތަރުކަޅި ހަމަވި ވަގުތު ނަޒާހާގެ ހަށިގަނޑުގެ ތެރޭގައި ދުލަށް ގެންނަން ނުކުޅަދާނަ އޮއިވަރެއް ދައުރުވިއެވެ. އަވަސް އަވަހަށް އޭނާގެ ނަޒަރު ޝިފާންގެ މޫނާ ވަކި ކޮށްލިއެވެ.

ޒަހީން އިނީ ފޯނަށް މީހަކު މެސެޖު ކުރުމުން އެއަށް ރިޕްލައި ކުރާށެވެ. އެއީ ނަސީބެކޭ ނަޒާހާ ހިތަށް އެރިއެވެ. އެހެން ނޫންނަމަ ޒަހީންއަށް އެ މަންޒަރު ރީތިކޮށް ފެނުނީހެވެ. ހިތާހިތުން ހެއްދެވި ފަރާތަށް ޝުކުރު ކުރިއެވެ.

“ކޮފީ، އޯރ ފްރެޝް ޖޫސް؟؟” ނަޒާހާގެ ފަރާތުން ޖަވާބެއް ނައުމުން ޝިފާން އަނެއްކާވެސް ސުވާލު ކޮށްލިއެވެ.

“ކޮފީ… ބްލެކް” ލޯ ހިމަ ކޮށްލަމުން ޝިފާނަށް ބަލައިލަމުން ތުންފަތުގައި ދަތްއަޅާލިއެވެ.

އޭރުވެސް ޝިފާން އިނީ ނަޒާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. އެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ނަޒާހާއަށް ދައުވަތު ދޭކަހަލައެވެ.

“އަނެއްކާ މި ބަލައި ގަނެވުނީ ނުދޭ ދައުވަތެއްތަ..؟؟” ނަޒާހާގެ މޫނުމަތިން ނުތަނަވަސްކަން ވެރިވިއެވެ.

ވެއިޓަރު ތިން ޖޯޑު ކޮފީ ގެނެސް ބެހެއްޓުމަށް ފަހު، އިތުރު އެއްޗެއް ބޭނުންތޯ ސުވާލުކުރުމުން ޒަހީން ނޫނެކޭ ބުންޏެވެ. އެ ވަގުތު ވެއިޓަރު އެތަނުން ދިޔައެވެ.

އެންމެ ފަހުން އެ މެސެޖް ކުރި މީހަކު މެސެޖް ކޮށްކޮށްފައި ޒަހީނަށް ގުޅުމުން ޒަހީން އިނީ އެ މީހަކާ ވާހަކަ ދައްކާށެވެ. ޝިފާން އިތުރަށް އެއްޗެއް ނުބުނެއެވެ. ނަޒާހާއާއި ޝިފާންއާ ދެ މީހުންވެސް އިރުއިރުކޮޅާ އެކަކު އަނެކަކުގެ މޫނަށް ބަލައިލެވެއެވެ. ހަތަރުކަޅި ހަމަވާ ކޮންމެ ފަހަރަކު ނަޒާ ލުއި ހިނިތުން ވުމެއްދެއެވެ.  ނަޒާ ހިތް ތެޅެނީ އަމަށަކު ވަރަކަށް ނޫނެވެ. އޭނައަށް ޝިފާން ވަރަށް ރީއްޗެވެ. އެކަމު ޝިފާންގެ ފަރާތުން އިޝާރާތެއް  ނުވާތީ، ނަޒާއަށް ވެސް އިސް ނަގަން ނުކެރެނީއެވެ. އެ ކަހަލަ ކަމެއްގެ ސަބަބުން ޒަހީނަށް ޝައްކެއް ވެދާނެތީ ބިރުންނެވެ. އެ މުއްސަނދިކަމާ ވަކިވާން ޖެހިދާނެތީއެވެ. ނަޒާހާގެ އެ ބަސްނާހާ ހިތަށް ވިސްނުނީ މިކަހަލަ ފުރުސަތެއް ދެން ނުލިބިދާނެއެވެ. ފައިވާނުން ފައި ނެގުމަށްފަހު މަޑުމަޑުން ކުރިމަތީގައި އިން ގޮނޑީގައި އިން ޝިފާންގެ ފައި މަތީގައި އޭނާގެ ފައި ޖައްސާލިއެވެ. މުޅި މީހާ ތުރު ތުރުއަޅައި  ފިނިވެ ދާ ހިއްލަން ފެށިއެވެ. އެވަގުތު ޝިފާން އަނެއްކާވެސް ނަޒާހާގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. ނަޒާވެސް މިފަހަރު އެމޫނުން ނަޒަރު ވަކި ކޮށްލާކަށް ނޫޅުނެވެ. ކައިރީގައި ފިރިމީހާ އިންކަންވެސް ހަނދާން ނެތްފަދައެވެ.

” ސޮރީ.. ވަރަށް އާޖެންޓް ކޯލެއް..” ޒަހީން ފޯނު ޖީބަށްލިއެވެ.

ދެމީހުން ސިއްސައިގެން ދިޔައީ ޒަހީންގެ އަޑަށެވެ. އަވަސް އަވަހަށް ނަޒާހާ ފައި ދަމައިގަތެވެ.

ޒަހީންއާ ޝިފާން ވާހަކަ ދެއްކީ ރެސްޓޯރެންޓާ ބެހޭ ގޮތުންނެވެ. ރަސްމީކޮށް ހުޅުވުން އަދި ލަސްވަނީ ގެންނަންޖެހޭ ބައެއް ތަކެތި ނުލިބި ލަސްވާތީ ކަމުގައި ޝިފާން ބުންޏެވެ. ނަޒާ ފޯނު މޭޒުމަތީގައި ބާއްވާލައިގެން އެފްބީ ހާވަން ފެށިއެވެ. ފޯނަށް ނަޒަރު ހުއްޓާލައިގެން އިނަސް އޭނާގެ ސަމާލުކަން ހުރީ ޝިފާންމެންގެ ވާހަކަތަކަށެވެ. ކުއްލިއަކަށް ނަޒާހާ ސިއްސައިގެން ދިޔައީ އޭނާ އުންމީދު ނުކުރާ ފަދަ ކަމެއް ޝިފާންގެ ފަރާތުން ފެނުމުންނެވެ. މޭޒުދޮށުން ޝިފާންގެ ފައިތިލަ ގެނެސް ނަޒާހާގެ ފައިތިލަ މަތީގައި ޖައްސައި ފިއްތާލިއެވެ. ނަޒާހާގެ ގައިން ހީބިހި ނަގައިގެންދިޔައެވެ. ވަގުތުން ޝިފާނަށް ބަލައިލިއެވެ. އެވަގުތު އަނެއްކާވެސް ދެ މީހުންގެ ހަތަރުކަޅި ހަމަވިއެވެ. ޝިފާން ބުމަ އަރުވާލުމަށްފަހު ކުޑަކޮށް ބޯ ހޫރާލީ ކިހިނެއްވީހޭ ބުނާ ފަދަ ގޮތަކަށެވެ. ޝިފާންގެ ލޮލުގައި އެވާ ވިދުންފެނިފައި ނަޒާގެ ތުންފަތަށް ވެސް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

“މާ ރަނގަޅަކަށްނު މިވީ..” ނަޒާއަށް ހިތާ ހިތުން ކިޔާލެވުނެވެ. މުޅިމީހާ ފިނިވިއެވެ.

********************

“ވަރަށް މިސްވާނެ އިނގޭ!” ޒީނާ ހަމްނާގެ ގައިގައި ބައްދާލަމުން ބުންޏެވެ.

“އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް އަންނާނަން” ހަމްނާގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ.

“ބޮޑު ޢީދަށް ޗުއްޓީ ލިބޭނެއްނު.. މާގިނަ ދުވަހެއް ނެތޭ ދެން..” މަހުދީ ހަމްނާގެ ކޮނޑުގައި ހިފާލަމުން ޒީނާއަށް ބަލައިލިއެވެ.

މާދަމާއަކީ ޗުއްޓީ ނިންމާލުމަށްފަހު ހަމްނާ އެނބުރި މާލެ ދާން ހަމަޖެހިފައިވާ ދުވަހެވެ. ހަމްނާއަކީ ޒަރީނާއާ ފިރާގުގެ ހުރި ހަމައެކަނި ދަރިފުޅެވެ. ރަށުގައި ހުރި ގޭގެ އެއްބައި ކުއްޔަށް ދިނުމަށްފަހު އަހަރުތަކެއް ކުރިން ފިރާގުގެ އާއިލާ ވަނީ ދިރިއުޅުން މާލެ ބަދަލު ކޮށްފައެވެ. ފިރާގުގެ ދެމަފިރިން މާލޭގައި އަމިއްލަ ވިޔަފާރި ފަށައިގެން އުޅޭތީ، ވަރަށް މަދުން ނޫނީ ރަށަށް ނާދެއެވެ. އެއާ ޚިލާފަށް ހަމްނާ ހުންނަނީ ރަށަށް އަންނަހިތުން މޮޔަ ވެފައެވެ. ސްކޫލުގައި އުޅުނު އިރުވެސް ޗުއްޓީ އެއް ލިބުނިއްޔާ މަންމައާ ބައްޕަ ކައިރީގައި ރޮއެގެން ވެސް އޭނަ ބޭނުންވާނީ ރަށަށް އަންނާށެވެ. ހަމްނާގެ އެދުމުގެ މަތިން ހަމްނާ އެކަނިވިޔަސް ރަށަށް ފޮނުވަނީ އެ މީހުން ހަމްނާއަށް ފުރިހަމައަށް އިތުބާރުކުރާތީއެވެ. ގޭގައި ބައެއްފަހަރު އޭނާ ނިދިޔަސް ގިނަ ވަގުތު އައިސް އުޅޭނީ މަހުދީމެން ގޭގައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaila

Level 110 Stories

Other Articles

Previous

ގެއްލުނު އެކުވެރިޔާ 6

Next

ހިތުގެ ޝަކުވާ… ހަތްވަނަ ބައި

Next
April 22, 2021

ހިތުގެ ޝަކުވާ… ހަތްވަނަ ބައި

Previews
April 22, 2021

ގެއްލުނު އެކުވެރިޔާ 6



All Right Reserved!