Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
loabi viyas
ލޯބި

ލޯބި ވިޔަސް… 3 ވަނަ ބައި

Shaila Level 110 Stories
April 17, 2021 4 Mins Read
0 Comments

ތަފާތު ވާހަކަތަކުގައި ތިން މީހުން ތިބެ ކައި ނިންމާލައިފިއެވެ. ހަމްނާ އަނގައިން ވެސް ނުބުނެ އިނީއެވެ. އާތިފާއި މަހުދީ ވެސް އަތް ދޮވެގެން އައިސް އިށީނެވެ. އޭރު ޒީނާއާ ހަމްނާ އުޅުނީ ތަށިތައް ދޮވެއެވެ. އާތިފު އަބަދުވެސް ޒީނާއާ މަހުދީގެ ކެއްކުމަށް ތަޢުރިފު ކުރެއެވެ.

******************************

“ވަރަށް މީރު އިނގޭ! ކަލޭވާންވީ ޝެފަކަށްހެން މަށަށް ހީވަނީ..” އާތިފު ލޯ ހިމަކޮށްލަމުން މަހުދީއަށް ނަޒަރެއް ދިނެވެ.

“މިހާރުވެސް ޝެފެއްނުމީ.. ހެހެހެ.. ކޮންމެހެން ނުޖެހެއެއްނު އޭގެ ޔުނީފޯމެއްލާކަށް!” މަހުދީވެސް އާތިފާ ބައިވެރިވެލިއެވެ. ސަކަރާތް ޖެހުމުގައި މަހުދީ ހުންނާނީ އަބަދުވެސް އެންމެ ކުރީގައެވެ. މަހުދީއަކީ އެންމެންނާ ވެސް ގުޅޭ ސަކަ މިޒާޖެއްގެ ޒުވާނެކެވެ. އޭނާ ކިތަންމެ ސަކަރާތް ބޮޑު ނަމަވެސް، ސީރިއަސް ވާންޖެހޭ ހާލަތްތަކުގައި އެހާމެ ސީރިއަސް ވެސް ވާނެއެވެ.

“ކޮބައިތަ ފޯއް ތަބައް؟” ބަދިގެއާ ދިމާލަށް ބަލައިލަމުން މަހުދީ ގޮވާލީ ޒީނާއަށެވެ.

“ހަމް.. މި ފޯއް ތަބައް ގެންގޮސް ދީބަލަ ދޮންބެ އަތަށް!” އައިސް އަލަމާރި މަތީގައި ހުރި ފޯއް ތަބަކަށް އިޝާރާތް ކޮށްލަމުން ސިންކު ތެރޭގައި ހުރި ތަށިތައް ދޮންނަން ހުރި ޒީނާ ހަމްނާއަށް ބުނެލިއެވެ.

ޒީނާ ދޮވެފައި ބަހައްޓާ ތަށިތައް ފޮހެން ހުރި ހަމްނާ، އަތުގައި އޮތް ތުވާލި ކޮޅު ބާއްވާފައި ހިނގައިގަތެވެ. ފޯއް ތަބައް ހިފައިގެން ބޭރަށް ނިކުތްއިރު މަހުދީ އިނީ ފޯނެއްގައެވެ. އާތިފު އިނީ ޖޯލި ކުރިމަތީގައި ހުރި ދިގު ގޮނޑިއާ ޖެހިގެން ހުރި ގޮނޑިއެއްގައެވެ. ހަމްނާ ގޮސް ގުދުވެލާފައި ދިގު ގޮނޑިމަތީގައި ފޯއް ތަބައް ބަހައްޓަމުން އާތިފުގެ މޫނަށް ނަޒަރު ހިންގައިލިއެވެ. އެ ރީތި ދެ ލޮލާއި ފިރިހެން ވަންތަ އެ މޫނު އެހައި ކައިރިން ފެނުނު މީ ފުރަތަމަ ފަހަރެވެ. ހަމްނާގެ މެއަށް ހީވީ ފިނިފެން އެއްޗެއް އޮއްސާލި ހެންނެވެ. ފާޑަކަށް މުޅިމީހާ ފިނިވާން ފެށިއެވެ.

“ހަމް… ކޮންއިރަކުން ގެއަށް ދަނީ؟” ހަމްނާ ސިއްސައިގެން ދިޔައީ މަހުދީގެ އަޑަށެވެ.

މަހުދީއަށް ހަމްނާގެ އެ މަންޒަރު ފެނި އެއީ ފެހި ސިގުނަލެއްކަން ޔަޤީންވެ ހިތާ ދިމާލު މޭމަތީގައި އަތް އަޅާލެވުނެވެ. ނޭނގޭ އުފާވެރިކަމެއް ހިތު ތެރޭގައި ދައުރުވެލިއެވެ.

“މޮޔަވީތަ؟” އާތިފަށް މަހުދީގެ ހަރަކާތްތައް ފެނުނީ އޭނާ ގެއަށް ދިއުމަށްޓަކައި ތެދުވި ގަޑީގައެވެ.

” ދަނީތަ؟ ” މަހުދީވެސް ކުރީ ސުވާލެކެވެ.

” އާނ.. މާދަމާ ހެނދުނު އެބަޖެހޭ ކުޑަމިހާ ގޮވައިގެން މޫދަށް ގޮސްލަން، ތަންކޮޅެއް އަވަހަށް އޮށޯތީމައެއްނު އަވަހަށް ތެދުވަން ފަސޭހަވާނީ..” އާތިފު ހިނގައިގަންނަމުން ބުނެލިއެވެ.

“އާނ.. އަހަރެން ކިތަންމެ އަވަހަށް އޮށޯތަސް، ލަހުން އޮށޯތަސް ޒައިކް ހޭލާނެ މުނާޖާ ކޮނޑު އަޅައިގެން، އޭނަ ހޭލުމަށްފަހު ލާހިކެއްނޫން ދެން އެއްވެސް މީހަކަށް ނިދާކަށް.” އައިދިންއަށް ވުރެން އެއް އަހަރު ދޮށި ޒައިކުގެ ވާހަކަ މަހުދީ ބުންޏެވެ.

އާތިފަށް ހޭލެވުނީ ޑްރެސިންގ ޓޭބަލް މަތީގައި އޮތް ފޯނުގެ އެލާމުގެ އަޑަށެވެ. ތެދުވެގެން ގޮސް ފާހާނާއަށް ވަދެ ތާޒާ ވެލައިގެން ނިކުމެ ހަރުގަނޑުގައި ތުވާލި އަޅުވާލިއެވެ.

“ދަރިފުޅާ!”

މަޑުމަޑުން ދޮރުގައި ޓަކިޖަހާލަމުން ޒުލޭހާ ގޮވައިލިއެވެ. އާތިފު ގަވައިދުން ފަތިސް ނަމާދަށް ހޭލާއިރުވެސް، ކޮންމެ ރެއަކުވެސް އެ ދޮރުގައި ޓަކި ޖެހުމަކީ ޒުލެހާގެ އާދައެވެ. އާތިފު ތެދުވެ އުޅޭ ވާހަކަ ބުނުމުން ޒުލޭހާ އެނބުރި ކޮޓަރިއަށް ދާނެއެވެ.

އާތިފު އައިދިން ގޮވައިގެން މޫދުން އައިސް ބޭރުގައި ހުރި ފެންއިސްކޫރަށް ގުޅާފައި ވާ ހޮޅިން އައިދިން ގަޔަށް ފެންޖަހަމުން ގެންދިޔައެވެ. އައިދިންވެސް ފުމެފުމެފައި  އެއްފަހަރު އުފަލުން ހަޅޭއްލަވައިގަނެފައި އަނެއްފަހަރު އައިސް އާތިފުއަތުން ފެން ހޮޅި އަތުލައިގެން އަމިއްލައަށް މުޅިގަޔަށް ފެން ޖަހަޖަހާފައި އަނެއްފަހަރު އާތިފު ގަޔަށްވެސް ފެންޖަހައިފާނެއެވެ. މޫދަށްގޮސް ކިތަންމެ ގިނަ އިރަކު އުޅުނަސް އައިދިންގެ ރުހުމުގައި ގެއަށް ގެންނާކަށް ލާހިކެއްނޫނެވެ. ފެން ވަރުވަން ވެއްދިޔަސް ގިނަފަހަރު ނެރެންޖެހޭނީ ގަދަކަމުންނެވެ.

“އައްދެ.. ދެ ބަފައިން ފެންކުޅެނީތަ؟؟” ގޭތެރެއިން ނިކުމެގެން އައި ޒުލޭހާއަށް އާތިފާއި އައިދިން ފެނުމުން ހިނިތުންވެލިއެވެ.

“ދަރިފުޅު އާދޭ ސައިބޯން..! އައި.. އާދޭ މާމަޔާއެކީ ފެންވަރަންދާން!” ޒުލޭހާ ކައިރިވުމުން އައިދިންގެ އަތުގައި އޮތް ފެންހޮޅި ޒުލޭހާއާ ދިމާލަށް ދިއްކޮށްލިއެވެ. ޒުލޭހާ ހެމުން ހެމުން ގޮސް ގޭތެރެއަށް ވަނީ، ފެން ޖަހައިފާނެތީ ބިރުން އުޅޭމީހެއް ފަދައިންނެވެ. މަންމަ ދުވެފައި ދިޔަގޮތުން އާތިފު ކައިރިއަށް ވެސް، ހިނިއައެވެ.

” ހޯހޯ.. ދޫނީ..!” އާތިފުގެ ޝަހާދަތް އިނގިލި ތަޅުވާލީ ނޫނެކޭ ބުނާފަދަ ގޮތަކަށެވެ. އައިދިން ހެމުން ހެމުން  ފެންހޮޅި އާތިފްއާ ދިމާލަށް ދިއްކޮށްލިއެވެ.

“ދެން ނިމުނީ..! ހިނގާ ފެންވަރައިގެން ތިއްތިވާންދާން!” ކިތަންމެ އިރެއްވިޔަސް އައިދިން އަމިއްލައަށް ދާން ބޭނުން ނުވާނެކަން އާތިފަށް އިނގެއެވެ.

***********************************

“ދެން ކޮންއިރަކުން އަހަރުމެން ބޭބީއެއް ހޯދާނީ؟؟”

ނަޒާހާ ހިތުގެ އެދުން ހާމަ ކޮށްލީ އުނގުމަތީގައި ބޯ އަޅާލައިގެން އޮތް ޒަހީންގެ މޫނުގައި ފިރުމާލަމުންނެވެ.

ޖަވާބު ދިނުމުގެ ބަދަލުގައި ޒަހީން ޚިޔާރު ކުރީ ހިމޭން ކަމެވެ. އެ އަޑު ޒަހީނަށް ނީވޭ ކަހަލައެވެ. ޓީވީން އަންނަ ފުޓުބޯޅަ މެޗެއް ބަލާން ސޯފާގައި އޮށޯވެލައިގެން ނަޒާހާގެ އުނގުގައި ބޯ އަޅާލައިގެން އޮތް ޒަހީން، އޭނާގެ ދަތްދޮޅީގައި އަޅުވާލެވިފައި ވާ ނަޒާހާގެ އަތުގައި ހިފާލުމަށްފަހު، އެ އަތްތިލައިގައި ބޮސްދިނެވެ. ޒަހީންގެ އެފަދަ ލޯބިވެތި ހަރަކާތްތަކުން ނަޒާހާގެ ހިތް އުފާ ކޮށްދިނުމަކީ ޒަހީންގެ އާދައެކެވެ. ނަމަވެސް، ފަހަކަށް އައިސް ނަޒާހާއަށް ފާހަގަ ވި ކަމަކީ ދަރިއެއް ބޭނުންވެގެން އެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ޒަހީން އެކަމުން ރެކި ގަންނަ ގޮތެވެ. މީގެ ކުރިން އެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ބުނަނީ އަދި އަވަސް ކަމަށެވެ. ދެ މީހުން އެކީގައި ވަގުތުކޮޅެއް ހޭދަ ކޮށްލާފައި ފަހުންވެސް ދަރިއަކު ހޯދިދާނެ ކަމަށެވެ.

“އަހަންނަށް އިނގޭ ޒަހީން ބޭނުން ނުވަނީކަން އަހަންނަށް ބޭބީއެއް..” ސޯފާއިން ތެދުވެގެން ގޮސް ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލަމުން ނަޒާހާ ނުރުހުން ފާޅު ކުރިއެވެ.

“އަދި ނެތެއްނު ނުހޯދިފައެއް..” ޒަހީން ގޮސް ނަޒާހާގެ ފުރަގަހުން އުނަގަނޑުގައި ދެ އަތް އަޅުވާލުމަށް ފަހު، ޒަހީންގެ ހަށިގަނޑާ ކައިރި ކޮށްލަމުން  ނަޒާހާގެ ކަރުދޮށުގައި ތުންފަތް ޖައްސައިލިއެވެ. ޒަހީންގެ ބޭނުމަކަށްވީ އެ މަޢުޟޫ ބަދަލުކޮށްލައި ނަޒާހާގެ މޫޑް ރަނގަޅު ކޮށްލާށެވެ.

“ދެން ކޮންއިރަކުން.. އަހަންނަށް އިނގޭ ޒަހީން ހަމަ ބޭނުން ނުވަނީކަން.. ދުވަހަކު ވެސް ޒަހީން އިސްވެ ބޭބީއެއްގެ ވާހަކައެއް ނުދައްކާ.. އަހަރެން އެ ވާހަކަ ފެށިޔަސް ޒަހީން ބަލާނެ ކޮންމެވެސް ގޮތަކުން މަޢުޟޫ ބަދަލު ކޮށްލެވޭތޯ.. ބޭނުން ނުވަންޏާ ވެސް ރީތިކޮށް ބުނީމަދޯ އިނގޭނީ.. އޭރުން ހުރެދާނަމޭ އެ ވާހަކަ ނުދައްކާ!”

ޒަހީންގެ މޭގައި އަތްއަޅައި ދުރަށް ކޮށްޕާލަން ނަޒާހާ ކުރި މަސައްކަތް ބޭކާރުވީ ޒަހީންގެ ހުޝިޔާރު ކަމުންނެވެ. ޒަހީން ނަޒާހާގެ ކަނދުރާގައި ދެއަތް އަޅުވާލުމަށްފަހު، ނަޒާހާގެ ތުންފަތަށް ބޮސްދިނެވެ.

“މީހަކަށް ފެނިދާނެ!” މިފަހަރު ވެސް ނަޒާހާއަށް ޖެހުނީ އެ ވާހަކަ ހުއްޓާލާށެވެ.

“ނަޒާ އެއްނު މިތާ ތިހުންނަނީ.. ހިނގާބަ އެތެރެއަށް!” ޒަހީންގެ ދެ ލޮލުގައިވި މަސްތީ އަސަރު ފެނިފައި ނަޒާގެ ޖިސްމު ވެސް ޒަހީނާ ބައިވެރިވުމަށް ގޮވަމުން ދިޔައެވެ.  އެ ލޮލުގައި ވަނީ، ލޯބީގެ ބަދަލުގައި މަކަރުވެރި ކަމެއްބާއޭ ބައެއްފަހަރު ނަޒާގެ ހިތަށް އަރައެވެ. އެ ހިތުގެ އެންމެ ފުނަށް ދަތުރުކުރެވޭނެ ނަމަ، އެ ހިތުގައި އޮތް އެއްޗެއް އޭނާ ހޯދީހެވެ.

“އޭރުން ތިހިތުގައި އޮތީ ކިހާވަރެއްގެ އެއްޗެއްކަން އަހަންނަށް އިނގޭނެ”

ނަޒާހާއަށް ވާހަކަ ދެއްކުނީ ހަމައެކަނި ހިތާހިތުންނެވެ. ކޮންމެ ގޮތެއްވިޔަސް ނަޒާހާ ބޭނުންވަނީ  ވަރަށް ސީރިއަސްކޮށް އެ ވާހަކަ ޒަހީނާ ދައްކާށެވެ.

“ހަމަ އަސްލުވެސް ޒަހީން ދަރިއެއް ބޭނުންތޯ މިފަހަރު އަހަރެން އަހާނަން.. ޒަހީނަށް ޖެހޭނީ ތެދަށް ބުނަން.. އެހެންނޫނީ މަށަކަށް ނަޒާހާއެކޭ ނުކިޔާނެ.”

ނަޒާހާގެ އުންމީދު ފުރިހަމަވާނީ އެ މުއްސަނދި ދިރިއުޅުމަށް ދަރިޔަކު ލިބުނީމައެވެ. ވަރިކޮށްލާ ދުވަހަކުން ވެސް މުއްސަނދިކަމުގެ ހިއްސާއެއް އޭރުން ނަޒާހާގެ އަތުގައި ވެސް އޮންނާނެއެވެ.

“މާދަންވެސް މަށަށްވުރެ ރީތި ޒުވާން ކުއްޖަކު ފެނިގެން ކިހިނެއް އިނގެނީ ވާނެ ގޮތެއް.. އެހާއިރަށް އަހަރެންވެސް ހުންނަންވާނީ ރެޑީގައި”

ހިތާހިތުން ކިތަންމެ ވާހަކައެއް ދެއްކިޔަސް ޒަހީނަށް އަޑު ނީވޭނެކަން ނަޒާހާއަށް އިނގެއެވެ.

“އަންނާނަން ފެންވަރާލައިގެން”

ދެ މިހުން އެކީގައި ލޯބީގެ ވަގުތުކޮޅެއް ހޭދަ ކޮށްލުމަށް ފަހު، ޒަހީން ތެދުވަމުން ނަޒާގެ ނިތްކުރިއަށް ބޮސް ދިނެވެ. އެ ވަގުތު ނަޒާހާ ޒަހީންގެ ކަނދުރާގައި ދެއަތް އަޅުވާލުމަށްފަހު އެ ތުންފަތަށް ބޮސްދެމުން ގަޔާއި ކައިރި ކޮށްލިއެވެ. ވިސްނާނުލައި އޮތް ޒަހީން ވެއްޓުނީ ނަޒާގެ ގައި މައްޗަށެވެ.

“ފެންވަރަން ވެސް ނުފޮނުވަންތަ ތިއުޅެނީ؟”

ނަޒާހާގެ ކަރުދޮށުގައި ޒަހީންގެ ތުންފަތްޖައްސާލިއެވެ. ބޭބީ އެއް ހޯދާ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ވެސް ޒަހީން އޭނާގެ މޮޅެތި ހުނަރުތައް ބޭނުން ކޮށްގެން ނަޒާހާގެ ސިކުނޑި އެހެން ދިމާލަކަށް އަނބުރާލައެވެ.

*************************

“އޭހ.. މަބުނީ ނަޒާ އެ ވަރަށް ފާޑުފާޑުގެ ފޮޓޯ އިންސްޓަގްރާމް ކޮށްފައި ހުންނަ އިރުވެސް އޭނަ ފިރިސޮރާއެކު ފޮޓޯއެއް ނުފެނޭ.. ކީއްވެބާއޭ މަގޭ ހިތައްއަރާ..”

ކޮފީ މޭޒުމަތީގައި ދެއަތް ބާއްވާލަމުން މަހުދީ އޭނާގެ ހިތުގައި އޮތް އެއްޗެއް ހާމަކުރިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaila

Level 110 Stories

Other Articles

Previous

ނަފްރަތުން ވެވުނު ލޯބި 5

Next

ލޯބި 3

Next
April 17, 2021

ލޯބި 3

Previews
April 17, 2021

ނަފްރަތުން ވެވުނު ލޯބި 5



All Right Reserved!