Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
loabi viyas
ލޯބި

ލޯބި ވިޔަސް… 2 ވަނަ ބައި

Shaila Level 110 Stories
April 14, 2021 4 Mins Read
0 Comments

މަންމާ.. ނަޒާ މީހަކާ އިންނަނީ!” އާތިފަށް ބުނެވުނީ އެ ހިސާބަށެވެ. އާތިފްގެ އަޑު ފަޅައިގެން ދިޔައެވެ. މަންމަގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ ރޮމުން ގިސްލަމުން ގެންދިޔައީ ކުޑަކުއްޖެއް ފަދައިންނެވެ.

***************************************

ތިން ރުއް ހުރާ ރިސޯޓުގެ ހުދު ދޮންވެލި ގޮނޑުދޮށުގައި އެއްފަރާތެއްގައި ހިތުގެ ބައްޓަމަށް އަތުރާލާފައި ވާ ކުދި އުއްބައްތިތަކުން ޒީނަތްތެރި ކުރެވިފައި ވާއިރު ފަނޑު އަލިކަމެއް މުޅި ތަނަށް ފެތުރިފައި ވެއެވެ. އުއްބައްތި ހިތުގެ މެދުތެރެއަށް ވާގޮތަށް  ބަހައްޓާފައި ވާ ކުޑަ މޭޒުގެ ދެ ފަރާތުގައި ނަޒާހާގެ ދެމަފިރިން ތިއްބެވެ. ހަށިގަނޑުގެ ބައްޓަމަށް ހިފާލެވިފައި ވާ  ކަކުލާ ހަމައަށް ދާ ރަތްކުލައިގެ ހެދުމުގައި ނަޒާހާގެ ވަނާތައް ފާޅުވާން ހުއްޓެވެ. ލައިގެން ހުރި ކަރު ބޮޑު ހެދުމުގެ ސަބަބުން މޭމަތިން ބައެއް ހާމަ ވެއެވެ. ކުރުކޮށް ކޮށާލެވިފައި ވާ އިސްތަށިގަނޑުގެ އެއްފަރާތުގައި ހުދުކުލައިގެ ފިނިފެންމަލެއް ޖަހާލާފައި ވާއިރު، ލޭ ކުލައިގެ ތުންފަތަށް ވެރިވެފައި ވާ ހިނިތުންވުމުން ނަޒާހާގެ ރީތިކަން އިތުރަށް ފުރިހަމަވެއެވެ. އެ ކުޑަ ހަފްލާ ރާވާފައި ވަނީ، ވަރަށް ވެސް، ފުރިހަމަ އަށެވެ. ތީމެއްގެ ގޮތުން ރަތް ކުލައާއި ހުދުކުލަ ބޭނުންކޮށްފައި ވާއިރު ބަލާލި ކޮންމެ ދިމާލަކުން ފުރިހަމަކަން ހާމަވަމުން ދެއެވެ. ހުދުކުލައިގެ މޭޒުމަތީގައި ރަތްކުލައިގެ ލޭސް ފޮތިގަނޑެއް އަޅާފައި އޭގެމަތީގައި ބަހައްޓާފައި ވާ ޓްރޭ ތެރޭގައި ކޭކު އޮތެވެ. އެ ހުދުކުލައިގެ ކޭކުގައި ފޮންޑެންޓު ބޭނުންކޮށްގެން ޑިޒައިން ކޮށްފައި ވަނީ، ރަތްކުލައިގެ ކުދިކުދި ހިތް ތަކަކުންނެވެ. ޓްރޭ ކައިރީގައި ބޮޑު ރަތް ފިނިފެން މަލެއް ބާއްވާފައި އޮތެވެ. ކުޑަ ތަންކޮޅެއް ދުރުގައި،  ރަތް ކުލައިގެ ފުއްޕާ ހަންތަކާއި ހުދު ކުލައިގެ ފުއްޕާހަންތައް އަތުރާލެވިފައި ވާއިރު ދެ ފަރާތު އަރިމަތީގައި ބަހައްޓާފައި ވާ ދެ މޭޒުމަތި ފަޅު ފިލުވާލެވިފައި ވަނީ، ތަފާތު ބުއިންތަކާއި ފޮންޏާއި ކުޅީގެ ކެއުން ތަކުންނެވެ. ހަފްލާއަށް ދައުވަތު ދެވިފައި ވާ މީހުންނަށް ހާއްސަކޮށް ހުދުކުލައިގެ ގޮނޑިތައް އަތުރާލެވިފައި ވެއެވެ.

” ހެޕީ ސިކްސް މަންތުސް ބޭބް!”

މޭޒުމަތީގައި އޮތް ނަޒާހާގެ އަތްމަތީގައި  ޒަހީންގެ އަތް ބާއްވާލަމުން މަޑުމަޑުން ބުނެލިއެވެ.

” ތޭންކުސް ހަބީ!”

ނަޒާހާގެ އަނެއް އަތް ގެނެސް ޒަހީންގެ އަތްމަތީގައި ބާއްވާލަމުން އެ މޫނަށް ބަލައިލިއެވެ.

“ލެޓްސް ޑާންސް!” ގޮނޑިން ތެދުވެ ނަޒާހާގެ އަތުގައި ހިފާލަމުން ޒަހީން އެދުނެވެ.

ރަތް ގަމީހަކާއި ހުދު ފަޓުލޫނެއް ލާފައި ހުރިއިރު، ބަލައިލި ކޮންމެ މީހަކަށް ޒަހީންގެ ވަރުގަދަ ޝަހުސިއްޔަތު ހާމަވާނެއެވެ.

ވަކި ހާއްސަ ދުވަހަކާއި ގުޅުވައިގެން ނޫނަސް މިފަދަ ޕާޓީތަކާއި އަގު ބޮޑު ހަދިޔާތައް ޒަހީންގެ ފަރާތުން ނަޒާހާއަށް ލިބިލިބި ހުރެއެވެ. އުފަލުގެ ކޮޅެއްވެސް ނެތެވެ. ނަޒާހާ އެދިއެދި ހުރި ފަދަ މުއްސަނދިކަމެއް ލިބުނީތީ އޭނާ ހުންނަނީ އުފަލުން ނަށަނަށައެވެ. ވޭތުވެދިޔަ ހަ މަސްތެރޭގައި، ދުނިޔޭގެ ތަފާތު މަންޒިލްތަކައް ދަތުރު ކުރެވިއްޖެއެވެ. އިތުރު ދަތުރުތައް އަދިވެސް އޮތީ ކުރިއަށެވެ. އިރުއިރުކޮޅާ ރީތި ފޮޓޯއެއް ނަގައި އިންސްޓަގްރާމަށް ދޫކޮށްލައެވެ. އެފަދަ ކޮންމެ ފޮޓޯއަކަށް ލިބެމުންދާ ތަފާތު ކޮމެންޓްތަކާއި ލައިކުތަކުން އޭނާގެ ހިތް އުފަލުން ބަންޑުންވެއެވެ. ނަޒާހާގެ ކޮންމެ ފޮޓޯއަކަށް ކޮމެންޓްކޮށް ލައިކުދޭ މީހުންގެ ތެރޭގައި އެންމެ ކުރީގައި އުޅެނީ ޝިފާންއެވެ. ޝިފާނަކީ ޒަހީންގެ ވަރަށް ގާތް ރަހުމަތްތެރިއެކެވެ. ވިޔަފާރީގެ ރޮނގުން ޒަހީނަށް ވުރެން ކުޑަ ތަންކޮޅެއް ފަހަތުގައި އުޅުނެއްކަމަކު އޭނާއަކީ ވެސް ކާމިޔާބު ޒުވާން ވިޔަފާރިވެރިއެކެވެ. ދިގު އިސްކޮޅަކާއި ކަސްރަތީ ހަށިގަނޑެއް ލިބިފައި ވާ ރީތި ފިރިހެނެކެވެ. އެފަދަ ރީތި ފިރިހެނެއް ނަޒާހާގެ ފޮޓޯތަކަށް އެގޮތަށް ކޮމެންޓް ކުރުމަކީ ނަޒާހާ އޭނާގެ އަމިއްލަ ނަފްސާ މެދު ނުހަނު ފަހުރުވެރިވާ ކަމެކެވެ.

“ޔޫ ލުކް ސޯ ހޮޓް” އެންމެ ފަހުން ނަޒާހާ އިންސްޓަގުރާމަށް އަޕްލޯޑް ކުރި ފޮޓޯއަށް ވަގުތުން އެ ލިބުނު ކޮމެންޓް ފެނުމާއެކު ފޯނު ހިފައިގެން ދެއަތް ފުޅާކޮށްފައި ކޮޓަރި ތެރޭގައި އެނބުރެން ފެށިއެވެ. އަދި ބާރަށް ދުވެފައި ގޮސް، އެނދު މައްޗަށް ވެއްޓިގަތެވެ. ފޯނު ނަގައި މޭ މަތީގައި ޖައްސާލިއެވެ. އެ ވަގުތު އޭނާގެ ދެލޮލުން ކަރުނައައެވެ. އެހެނަސް އެއީ އުފާވެރިކަމުގެ ކަރުނައެވެ.

“ކިހިނެއް މިވީ؟ މީ ކޮންކަމެއް؟” އަމިއްލަ ލޮލުގައި އަތް އުނގުޅާލުމަށްފަހު އަތުގައި ހުރި ކަރުނަތަކަށް ބަލާލަމުން ނަޒާހާ ބުނެލިއެވެ.

ތެދުވެގެން ގޮސް ލޯގަނޑުގެ ކުރިމައްޗަށް ހުއްޓިލައިގެން ހުރެ ފަހުރުވެރިކަމާއެކު އަމިއްލަ ހަށިގަނޑަށް ނަޒަރު ހިންގާލިއެވެ. ކިރިޔާ ނިވާވާ ވަރުގެ ހުދު ކުލައިގެ ކުރުކުރު ސޯޓު ކޮޅަކާއި މަޑު ނޫކުލައިގެ އޮފް ޝޯލްޑަރ ޓޮޕްކޮޅެއް ލައިގެން ހުރިއިރު ބަނޑުން ބައެއް ހާމައަށް ފެންނާން ހުއްޓެވެ. ލައިގެންހުރި ހުދު ކުލައިގެ ސޯޓް އަދިވެސް އިތުރަށް ތިރިކޮށްލުމަށްފަހު، ލޯގަނޑު ކުރިމަތީގައި ހުރެ ފޮޓޯއެއް ނެގިއެވެ.

***************************************

“ކޮބާ ދެން މި ނިމުނީނު މިއަދަށް.. ހިނގާ އަވަހަށް  ކޮފީއެއް ބޯލަން! ޑިންގީ ނައްޓާލަންވާއިރަށް ކޮފީއެއް ބޯލައިގެން ފެންވަރައިގެން ދެވޭހާއިރު އެބަ އޮތެއްނު..”  އެ މީހުންގެ ބެލުމުގެ ދަށުގައިވާ 10ވަނަ ކޮޓަރި ސާފުކޮށް ނިމުމުން ކުނިތައް ޑަސްބިނަށް އަޅާލަމުން މަހުދީ ބުންޏެވެ.

މަހުދީއަކީ އާތިފްގެ އެންމެ ގާތް އެކުވެރިޔާއެވެ. ދެ މީހުން ބޮޑުވީ އެކީގައެވެ. ސްކޫލު ދައުރު ނިންމީ އެކީގައި އެއް ކުލާހެއްގައެވެ.  ހުރަވި ރިސޯޓުގައި ވަޒީފާއަށް ވެސް، އައީ ދެ މީހުން އެކީގައެވެ. އެކުގައި ދެންއުޅުނު ގިނަ ކުދިން ގުޅުނީ ފުލުހުންގެ ވަޒީފާއާއެވެ. އާތިފާއި މަހުދީ ޚިޔާރު ކުރީ ރިސޯޓު ދާއިރާއެވެ. ދެ މީހުން ވަޒީފާއަށް އައީ އެއްދުވަހުއެވެ. ދެ މީހުން ޒަވާޖީ ހަޔާތް ވެސް، ފެއްޓީ އެކުއެކީގައެވެ. އެކަކަށްޓަކައި އަނެކަކުގެ ހިތުގައި ވަނީ އޯގާތެރިކަމާއި ލޯތްބާއި ޤަދަރެވެ. އެކަކަށް ލިބޭ އުފަލާއި ހިތާމަ ތަކުގައި އަނެކަކު ބައިވެރިވެއެވެ.

“މި ގޮލާ މިހިރަ ވައްޓާލާ ފޮޓޯތަކެއް ދޯ” ކޮފީ މޭޒު ދޮށުގައި ފޯނާ ކުޅެން އިން މަހުދީ މަޑުމަޑުން ބުނެލިއެވެ.

“ނަޒާތަ؟ ހެހެ..” އެއްކޮލުން ހީލަމުން އާތިފު މަހުދީއަށް ބަލައިލިއެވެ.

“ކަލޭ އަދިވެސް އޭނަ ފޮލޯ ކުރަން ދޯ..؟” މަހުދީ ސީދާ އާތިފުގެ މޫނަށް ނަޒަރު ހިންގާލިއެވެ.

“ނޫނޭ އެހެނެއް ނޫން.. އެކަމަކު ދެން ފެންނާނެތާ ދޯ! މަޝްހޫރު މީހުން..” ކޮފީ ޖޯޑުން ކޯވަރެއް ބޯލުމަށްފަހު މޭޒުމަތީގައި ބަހައްޓަމުން އާތިފު ބުންޏެވެ.

“ހިނގާ ނައްޓާލަމާ ދޯ! ޑިންގީ އަންނާނެ މިހާރު” ގޮނޑި ދުރުކޮށްލުމަށްފަހު މަހުދީ ތެދުވިއެވެ.

***************************************

ޑިންގީގައި 10 ވަރަކަށް މިނެޓުން ރަށަށް ދެވިއްޖެއެވެ. ދެ ޒުވާނުން ގެއަށް ދިޔަ މަގުމަތީގައި ތަފާތު ވާހަކަތައް ދެކެވުނެވެ. މާދަމާއަކީ އާތިފްގެ އޮފް ދުވަސް ކަމަށްވާތީ މިރޭ މަހުދީމެން ގެއަށް އައުމަށް މަހުދީ ދައުވަތު ދިނެވެ. ދޭތެރެއަކުން މަހުދީމެން ގޭގައި ކޮންމެވެސް ކެއުންގަނޑެއް ބާއްވާނެއެވެ. އެހެންނަމަވެސް، އާތިފް އޭނާގެ އޮފް ދުވަހެއްގައި ނޫނީ އެގެއަށް ދަނީ މަދު ފަހަރެއްގައެވެ.

ބަރާބަރު 8:30 ވީއިރު އާތިފު މަހުދީމެންގެ ގޭގެ ދޮރާށި ހުޅުވާލާފައި އެތެރެއަށް ވަނެވެ. “އާދޭ! އަދޭ!” ޖޯލީގައި އޮތް މަހުދީ އަތުން އިޝާރާތް ކޮށްލީ ކުރިމަތީގައި ހުރި ގޮނޑި ދައްކާލަމުންނެވެ. ޖެހިގެން ހުރި ޖޯލީގައި އިން މަހުދީގެ އަންހެނުން ތެދުވެގެން ބަދިގެ ފަރާތަށް ދިޔައެވެ. ޒީނާ ތެދުވެގެން ދިއުމުން ޒީނާ އިން ޖޯއްޔާ ޖެހިގެން ހުރި ޖޯލީގައި އިން ހަމްނާ ބަލާލީ ކުރިމަތީގައި ހުރި ގޮނޑީގައި އިން އާތިފްގެ މޫނަށެވެ. އޭރު އާތިފް އިނީ އޭނާގެ ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ. ހަމްނާ ތެދުވެގެން ބަދިގެއާ ދިމާލަށް މިސްރާބު ޖެހިއެވެ. ހަމްނާގެ ފަހަތުން ކަހަލަ ގޮތަކަށް މަހުދީ ވެސް ދިޔައީ ޒީނާ ކައިރިއަށެވެ. ޒީނާއާއި ހަމްނާ ތަށިތައް ހިފައިގެން ބޭރަށް ނިކުތުމުން، ފަހަތުން މަހުދީ އައީ ބަދިގޭގައި ހުރި ދިގު ގޮނޑި ހިފައިގެންނެވެ.

“ނުބައި ތަނެއްގައި ދޯ މި އިނދެވުނީ؟” އާތިފު އިށީނދެ އިން ގޮނޑިން ތެދުވެ ގޮނޑި ދުރަށް ޖައްސާލުމަށްފަހު، މަހުދީއަށް ޖާގަ ދިނެވެ. ދިގު ގޮނޑި ބެހެއްޓުމުން ޒީނާއާ ހަމްނާ ތަށިތައް ބެހެއްޓިއެވެ. ހަމްނާ އިރުކޮޅަކާ ނޫންގޮތަކަށް އާތިފަށް ބަލާކަން މަހުދީއަށް ފާހަގަ ކުރެވުމުން ލާނެތް ހިންޏެއް އައެވެ. އަދި ހަމްނާ އާތިފަށް އެ ބަލައިލާ ބެލުމުގައި ކޮންމެވެސް ކަހަލަ ހާއްސަ ކަމެއް ވާނެކަން މަހުދީ ހުރީ ޔަޤީން ކޮށްގެންނެވެ. ޒީނާ ކައިރީގައި ވެސް އެ ވާހަކަ ދައްކަން ހިތަށް އަރައިގެން ހުންނަތާ ދުވަސް ކޮޅެއް ވެއްޖެއެވެ.

“ހާދަ އަވަހަކަށް ތި ނިންމާލީ! އަދި ކާލަބަ އެތިކޮޅެއް!” ފިހެފައިހުރި ކުކުޅު ފައިތަކުން ފައެއްނަގައި ހަމްނާގެ ތައްޓަށްލަމުން ޒީނާ ހިނިތުންވެލަމުން ބުންޏެވެ.

“އޭ! ވަރަށް ފައްކާ އިނގޭ.. ކޮންތާކުން ހޯދި ރަތްމަހެއްމީ؟” އާތިފު އޭނާ ކާންއިން ތަށި ހުސްވުމުން ދިގު ގޮނޑިމަތީގައި ބަހައްޓަމުން މަހުދީއަށް އިޝާރާތް ކޮށްލިއެވެ.

“ހަމްނާ ނިންމާލީތަ..؟ ތި ތަންކޮޅެއް ގިނައިން ކައިގެން ކުޑަކޮށް ފަލަވެބަލަ!”

އާތިފު ބުނި އެއްޗެއް މަހުދީއަށް އަޑުނީވޭ ކަހަލައެވެ. އޭނާ ވާހަކަ ދައްކަން ފެށީ ހަމްނާއާއެވެ. ހަމްނާ ލަދުރަކި ގޮތަކަށް ހީލިއެވެ. ހަމްނާއަކީ މިޒާޖުގައި ވެސް، މަޑުމައިތިރި ބަސް މަދު ކުއްޖެކެވެ.

“ހަމް ބޭނުމެއްނޫނޯ ފަލަވާކަށް.. ދޯ ހަމް؟ ހެހެހެ…” ޒީނާ މަހުދީއާ ބައިވެރިވެލުމުގެ ގޮތުން ހަމްނާ އާ ދިމާ ކޮއްލިއެވެ.

ތަފާތު ވާހަކަތަކުގައި ތިން މީހުން ތިބެ ކައި ނިންމާލައިފިއެވެ. ހަމްނާ އަނގައިން ވެސް ނުބުނެ އިނީއެވެ. އާތިފާއި މަހުދީވެސް އަތް ދޮވެގެން އައިސް އިށީނެވެ. އޭރު ޒީނާއާ ހަމްނާ އުޅުނީ ތަށިތައް ދޮވެއެވެ. އާތިފު އަބަދުވެސް ޒީނާއާ މަހުދީގެ ކެއްކުމަށް ތަޢުރިފު ކުރެއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaila

Level 110 Stories

Other Articles

Previous

އަބަދުވެސް ލޯބިވާނަން 6

Next

ބަދު ނަސީބުގެ ހިޔަނި އެޅުމުން (21)

Next
April 14, 2021

ބަދު ނަސީބުގެ ހިޔަނި އެޅުމުން (21)

Previews
April 14, 2021

އަބަދުވެސް ލޯބިވާނަން 6



All Right Reserved!