“އަހަން ދޮން ކަލޯ އަދިވެސް ނަމާދަށް ދާކަށް ތައްޔާރެއް ނުވަންތަ.. މިހާރު އެއޮތް ބަންގިވެސް ގޮވީނުން” ކުރު ސޯޓަކާ ޓީސާޓުގައި ހުރި ދާނިޝް ފެނުމުން ވަލީދު ބުނެލިއެވެ. ނަމަވެސް ދާނިޝް އަނގައިން ނުބުނިތާ ފަސްއެނބުރި ވަލީދުއާ ދިމާއަށް ބަލާވެސް ނުލިއެވެ. މީގެ ކުރިން ދާނިޝް އެގޮތަށް ކަންތައް ކޮއްފައި ނުވުމުން ވަލީދު ކުޑަކޮށް ހައިރާންވިއެވެ. ނަމަވެސް ދާނިޝްއަށް އޭނާގެ އަޑު ނީވުނީ ކަމަށް ހީކޮށް އަޅައެއް ނުލައެވެ.
“ވަލީދުބޭ..” މިސްކިތާ ދިމާއަށް ހިނގާގަތް ވަލީދު ހުއްޓުން އެރީ ފަހަތުން އިވުނު ދާނިޝްގެ އަޑަށެވެ. ފަސްއެނބުރި ބަލާލިއިރު ހުދުކުލައިގެ ގަމީހަކާ ކަޅު ޖިންސެއްގައި ހުރި ދާނިޝް ފެނުމުން ވަލީދު ސިހުނެވެ. އޭރު ނަހުވާންވެސް ނުކުމެގެން އާދެއެވެ.
“އަން… އާން” ވަލީދު އާގަންނަމުން ހީލިއެވެ. އެއްފަހަރު ދާނިޝްއަށް އަނެއްފަހަރު ތަންކޮޅެއް ކުރީގައި ހުރެ ހިނގަމުން ދިޔަ ފިރިހެން ކުއްޖާއަށް ވަލީދު ބަލާލިއެވެ. ހަމަގައިމުވެސް ކުރިން ވަލީދުއަށް އެފެނުނީ ދާނިޝްކަން ވަލީދުއަށް ޔަގީނެވެ. އެކަމު އެއްވަގުތަކު ދެތަނެއްގައި މީހަކަށް ހުރެވޭނެ ހެއްޔެވެ.
“ކިހިނެއްވީ؟.. ކޯއްޗެއް ހާދަވަރަކަށް ތި ބަލަނީ” އެއްވެސް މީހެއް ނެތް ހުސް މަގުގެ ކޮޅަށް ބަލަން ހުރުމުން ދާނިޝް އަހާލިއެވެ.
“އެހެރަ ދާ ކުއްޖާއަށް މިބަލާލީ..” ވަލީދު ޔަގީން ކޮށްލުމުގެ ގޮތުން ބުނެލިއެވެ. ވަލީދު އެހެން ބުނުމުން ނަހުވާންއާއި ދާނިޝް އެކަކު އަނެކަކު މޫނަށް ބަލާލިއެވެ. އެދެމީހުން މަގުގެ ކޮޅަށް ބަލާލިއިރު މީހެއް ކީއްކުރަން މީހެއްގެ ހިޔަނިވެސް ފެންނަން ނެތެވެ.
ވަލީދުއަށް އެފެންނަ މީހާ އެދެމީހުނަށް ނުފެންނަކަން އެނގުމުން ވަލީދުގެ ނިތަށް ރޫގިނަވިއެވެ. ނަމަވެސް ދެވަނަ ސިކުންތު ވަލީދު ހޭން ފަށާފައި ބޯހޫރާލަމުން ކުރިއަށް ހިނގާގަތެވެ.
“އަހަރެމެނަށް ނުފެންނަ މީހަކު ވަލީދުބެއަށް ފެނުނީބާ.. ފަންޑިތަ ހަދާމީހުނަށް ހަންޑި ފެންނާނެ” ވަލީދު ދިޔަ ދިމާ ބަލަން ހުރެފައި ދާނިޝްގެ ކަންފަތް ބުޑުގައި ނަހުވާން ބުނެލިއެވެ.
“އެ ވާނީ ވަލީދުބެ ސަމާސާއެއް ކޮއްލީކަމަށް.. ހިނގާ ދާން ދެން” ދާނިޝް އެމާ ބޮޑުކަމަކަށް ނަހަދާ ހިނގާގަތެވެ.
އަފާއާއި ޔައީޝް ބޭރަށް ދިޔުމުން އެރޭ ޔީޝާ އޮތީ ފޫހިވެފައެވެ. ދާނިޝްވެސް ކުޑަ މީޓިންއަކަށް ކެމްޕަހަށް ގޮސްފައިވުމުން އެރޭގެ ޕުލޭންތަށްވެސް ކެންސަލްވީއެވެ. އިމްތިހާންތަށް ނިމުމުން ޔީޝާ ދަސްކުރާނެ ފިލާވަޅެއްވެސް ނެތުމުން ފޫހިވެފައި ޓީވީ ހުޅުވާލައިގެން ސޯފާގައި ޖައްސާލިއެވެ. އިރުކޮޅެއްވެސް ނުވެ ޔީޝާއަށް ނިދުނެވެ.
“ޔީޝާ… ޔީޝް” އޭނާގެ ނަމުން ގޮވަމުން ދިޔަ ދާނިޝްގެ އަޑަަށް ޔީޝާ އަށް ހޭލެވުނެވެ. ދެބަ ދޭތެރެޭ އޮތް އިރު ޔީޝާއަށް އޭނާގެ ހަށިގަނޑުގައި މީހަކު އަތްލާ ކަހަލަ އިހްސާސެއް ކުރެވުނެވެ. އެ ފިރުމުންތަކުން އުނދަގޫވެ ޔީޝާގެ ނިދި ފިލައިގެން ދިޔައެވެ. އޭނާގެ މޫނާ ޖެހޭ ނުޖެހޭ ހިސާބުގައި ހުރި ދާނިޝް ފެނި ޔީޝާއަށް ސިހިފައި ތެދުވެވުނެވެ.
“ދާނިޝް.. ކީއްތިކުރަނީ؟” ހަމައެކަނި ފަޓުލޫނުގައި ހުސްގަޔާ ހުރި ދާނިޝް ފެނުމުން ޔީޝާއަށް އަހާލެވުނެވެ. އަދި އަމިއްލަ ހަށިގަނޑަށް ނަޒަރެއް ހިނގާލެވުނެވެ. އޭނާގެ ގައިގައި ފޭރާން ހަމައަށް ހުރިނަމަވެސް އޭނާގެ ޖިންސުގެ ގޮށް ވަނީ ނައްޓާލާފައެވެ. މައްޗަށް ހިއްލިފައިވާ އޭނާގެ ޓީސާޓު ރީތިކޮއްލަމުން ޔީޝާ ތެދުވެ ސޯފާގައި އިށީނެވެ.
“ދާނިޝް.. މޮޔަވީތަ.. އަހަރެން ނިދާފަ އޮތްވާ އަހަރެން ގައިގަ އަތްލަން..” ދާނިޝްގެ ފަރާތުން މިފަދަ އަމަލުތަށް ޔީޝާއަކަށް ގަބޫލެއް ނުކުރެވުނެވެ.
“އެއީ އެވަރު ކަމެއްތަ.. އެހެން ނޫނަސް އަލަކަށް ނޫނެއްނު އަހަރެން ޔީޝާ ގައިގަ މިއަތްލީ.. ” ދާނިޝް ޔީޝާއާ ގާތްވެލަމުން ބުނެލިއެވެ. ނަމަވެސް ދާނިޝް އޭނާގެ ގައިގައި އަތްލުމުގެ ކުރިން ޔީޝާ އޭނާގެ އަތުގައި އަޅާ ކޮއްޕާލިއެވެ.
“ދާނިޝް.. އަހަރެން ހިތްހަމައެއް ނުޖެހޭ އަހަރެންނަށް ނޭނގި މިތަނަށް ވަންނާކަށް.. އަފާއަށާ ތުއްތުބެއަށް ފެނިއްޖެއްޔާ އެމީހުން ހިތަށް އަރާނީ ކީކޭތަ” ޔީޝާ ނުރުހިފައި ބުނެލިއެވެ.
“އެމީހުން ގެޔަކު ނެތޭނުން..” ދާނިޝް އެހެން ބުނެފައި ޔީޝާގެ އުނަގަނޑުގައި އަތް އަޅުވާލާ އޭނާގެ ގާތަށް ޖައްސާލިއެވެ.
“ދާނިޝް.. ކައިވެނީގެ ކުރިން މިފަދަ އަމަލެއް ހިންގާކަށް އަހަރެން ހިތްހަމައެއް ނުޖެހޭ.. ކުރީރޭ ވީކަންތަށް އެއީ މިސްޓޭކެއް.. މީގެ ފަހުން އަހަރެން ބޭނުމެއް ނޫން” ދާނިޝްގެ އަތުތެރެއިން ރެކި ގަންނަމުން ޔީޝާ ސޯފާއިން ތެދުވިއެވެ.
“އަންހެނުންގެ ބަހަކާ އަމަލަކާ ދިމަލެއް ނުވާނެ.. އަހަންނަށް އެނގޭ ޔީޝާވެސް މިގޮތް ބޭނުންވާކަން.. އެރޭގެ ހުރިހާ ކަމެއްވެސް ކުރީ ޔީޝާ ބޭނުންވެގެނެއް ނޫންތަ..” ދާނިޝް އެހެން ބުނިއިރު އަޑުގައި ނުރުހުމުގެ އަސަރު ހުއްޓެވެ.
“އެރޭގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް.. އަހަރެންް މިބުނީ ދެން އެފަދަ ކަމެއް ކުރާކަށް އަހަރެން ބޭނުމެއް ނޫނޭ” ޔީޝާގެ އަޑު ތަންކޮޅެއް ބާރުވިއެވެ. ޔީޝާ އެހެން ބުނުމުން ދާނިޝް އޭނާއާ ދިމާއަށް އައެވެ. ދާނިޝްގެ މޫނުމަތީ ހުރި ރުޅިވެރިކަމުން ޔީޝާ ކުޑަކޮށް ބިރުގަތެވެ. ދާނިޝް އައިސް ކައިރީގައި ހުއްޓުމުން ޔީޝާއަށް ފަހަތަށް ޖެހިލެވުނީ އެހެންވެއެވެ.
“ތިކަހަލަ އަންހެނުންގެ ގޮތް އަހަރެން ވަރަށް ރަނގަޅަށް ދަންނަމޭ.. ހަނދާން ކުރާތި.. އަހަރެން ބޭނުންވާ ކަމަކަށް ދެކޮޅު ހެދުމުގެ ހައްގެއް ޔީޝާއަކަށް ނޯންނާނެ..” ދާނިޝް އެހެން ބުނެފައި ޔީޝާގެ އަތުގެ މުލައްދަނޑީގައި ހިފިއެވެ. ދާނިޝް ހިފިލެ ބާރުކަމުން ޔީޝާގެ އަތަށް ތަދުވިއެވެ.
“ދާނިޝް.. ދޫކޮށްލާ އަހަރެން އަތުން.. ތަދުވެޔޭ..” ދާނިޝްގެ އަތް ފޮޅުވާލަން އުޅެއުޅެވެސް ޔީޝާއަކަށް ކާމިޔާބެއް ނުވިއެވެ. ދާނިޝް އަތުގެ ބާރާމެދު ޔީޝާ ހައިރާންވިއެވެ. ހީވަނީ ތިން ހަތަރު މިހުން އެއްފަހަރާ އޭނާގެ އަތުގައި ހިފާފައިވާހެނެވެ. އިންސާނެއްގެ އެންމެ އަތެއްގައި އެހާ ބާރު ހުރެދާނެ ބާއޭ ޔީޝާ ހިތަށް އެރިއެވެ.
ގިނައިރު ވީވަރަކަށް ޔީޝާގެ އަތަށް ތަދުވާން ފެށިއެވެ. ހީވަނީ ހަންގަނޑު މަށައިގެން ދިޔުމުން ދިލަ ނަގަނީހެނެވެ. އަތުގައި އަޅަމުން ދިޔަ ވޭނަށް ޔީޝާގެ ދެލޯވެސް ފެންކަޅިވިއެވެ. ނަމަވެސް ޔީޝާގެ ކަރުނައިން މިރޭ ދާނިޝްގެ ހިތަށް އެއްވެސް އަސަރެއް ކުރާހެނެއް ހިޔެއް ނުވެއެވެ.
“ހަނދާން ކުރާތި ޔީޝާ.. މިރޭ އަހަރެން ޔީޝާ އެދުނުހެން މިތަނުން ދިޔަޔަސް ދެނެއް އެހެނެއް ނުވާނެ.. ދެން އަހަރެންގެ ބަހަށް ދެކޮޅު ހެދުމުގެ ފުރުސަތެއްވެސް ޔީޝާއަކަށް ނުދޭނަން.” ދާނިޝް އެހެން ބުނެފައި ބޭރަށް ނުކުމެގެން ދިޔައެވެ. ގޭގެ ދޮރު ބަން ލާފައި ޖެހުނު އަޑަށް ޔީޝާއަށް ހަމަހޭވެރިކަން ވިއެވެ. ދެންމެ ދާނިޝް ބުނެލި ޖުމްލަ އޭނާގެ ސިކުނޑި ތެރޭ އެނބުރެމުން ދިޔައެވެ. ދާނިޝް ޔީޝާއާ ދިމާއަށް އެފަދަ ގޮތަކަށް ވާހަކަ ދައްކަފާނެ ކަމަކަށް އޭނާ ދުވަހަކުވެސް ހިތަކަށް ނާރައެވެ.
މިރޭ ދާނިޝް އޭނާ ކައިރިއަށް އައީ ހަމައެކަނި އެބޭނުމުގަ ހެއްޔެވެ. އޭނާ އެކަމަށް އިންކާރު ކުރުމުން ދާނިޝް ހިތްހަމަ ނުޖެހި ރުޅިއައިސް އެދިޔައީއެވެ. ދާނިޝްގެ ނަޒަރުގައި އޭނާއަކީ އެގޮތަށް އުޅޭ ކުއްޖެއް ހެއްޔެވެ. ޔީޝާގެ ހިތުގައި ދާނިޝްއާ މެދު ޝަކުވާ އުފެދުނެވެ. ނަމަވެސް ދާނިޝްއަށް މިފަދަ ބަދަލެއް އައުމުން އޭނާ ހައިރާންވިއެވެ. ކުރިން ދާނިޝްއަކީ އޭނާގެ އަތުގައި ހިފާލަންވިއަސް ހުއްދަ ނަގާ މީހެކެެވެ. ނަމަވެސް މިރޭ އޭނާ އެކަންތަށް ކުރީ ޔީޝާއަށް ގަބޫލު ކުރެވޭ ގޮތަކަށް ނޫނެވެ.
މީޓިން ނިންމާލާފައި ދާނިޝްއަށް ގެޔަށް އާދެވުނު އިރު 11 ޖަހަން އުޅެއެވެ. ޓައީ ދޫކޮއްލާފައި ލައިގެން ހުރި ގަމީހުގެ ގޮއްތަން ނައްޓަން ފެށިއެވެ. ގަމީސް ބޭލުމަށް ފަހު ކޮޓަރީގެ އެއް ކަނެއްގައި ހުރި ވަށިގަނޑަށް ލުމަށް ފަހު ހަރުގައި އަޅުވާފައި އޮތް ތުވާލި ނަގާ ކޮނޑަށް އެއްލާލިއެވެ. ފާހަނައަށް ވަންނަން ދާން އެނބުރުނު ވަގުތު ހުޅުވާފައި ހުރި ކުޑަ ދޮރު ކައިރީ މީހަކު ހުރިހެން ދާނިޝްއަށް ހީވިއެވެ. ހައިރާންވެފައި ދާނިޝް ކުޑަދޮރު ކައިރިއަށް ޖެހިލިއެވެ. ކުޑަދޮރުން ބޭރަށް ބޮދިއްކޮއްލާފައި ދެފަރާތް ބަލާލިއެވެ. ނަމަވެސް އެތަނަކު އެއްވެސް މިހެއްގެ ހިލަމެއް ނެތެވެ. އެވާނީ ގަސްތަކުގެ ހިޔަނި އެޅުމުން ހީވި ގޮތެއް ކަމަށް ނިންމާފައި ދާނިޝް ފާހަނައަށް ވަނެވެ.
10 ވަރަކަށް މިނެޓު ފަހުން ދާނިޝް ފާހަނައިން ނުކުތީ ތާޒާ ވެލައިގެނެވެ. ނިދަންލާ ސޯޓު ލުމަށްފަހު ދާނިޝް އޭނާގެ ބޮލުގެ އިސްތަށިގަނޑު ހިއްކަން ފެށިއެވެ. ލޯގަނޑު ކުރިމަތީހުރި ދާނިޝް އަނެއްކާވެސް ސިހުނީ އޭނާގެ ފަހަތުން ހިޔަންޏެއް ހުރަސް ކޮއްލިހެން ހީވެގެނެވެ. ނަމަވެސް އޭނާ ނޫން އެހެން މީހެއް ނެތް ތަނެއްގައި މީހެއްގެ ހިޔަނި ފެންނަންވީ ސަބަބެއް ދާނިޝްއަކަށް ނޭނގުނެވެ.
ކުޑަދޮރު ލައްޕާލުމަށްފަހު ދޮރު ފޮތިގަނޑު ދަމާލަމުން ދާނިޝް އައިސް އެދުގައި އޮށޯތެވެ. އަދި ފޯނުނަގާ ޔީޝާގެ ނަންބަރަށް ގުޅާލިއެވެ. ދެފަހަރަކު ރިންގުވެފައި ޔީޝާ ފޯނު ކަނޑާލިއެވެ. ޔީޝާ ފޯނު ކަނޑާލުމުން ދާނިޝް ހައިރާންވިއެވެ. ދެވަނަ ފަހަރަށް ގުޅުމުންވެސް ޔީޝާ ފޯނު ކަނޑާލިއެވެ. ހައެއްކަ ފަހަރު ގުޅުމުންވެސް ޔީޝާ ފޯނު ނުނެގުމުން ދާނިޝް ނިތް އަރުވާލާފައި ނިދަން އޮށޯތެވެ. މާދަން ހެނދުނުން ޔީޝާއާ ވާހަކަ ދައްކާނީއޭ ހިތަށް އަރާފައި ދާނިޝް ދެލޯ މަރާލިއެވެ
ދާނިޝް ކޮޓަރިއާ ދިމާލުގައި ހުރި ބޮޑު ގަހުގެ ގޮފިގަނޑުގައި އިށީންދެއިން ޒަބޫރިޝް މަޑު މަޑުން ތިރިއަށް ފޭބިއެވެ. އޭތީގެ ދިގު ހަތަރު މޮއްގަނޑުން ހިނގާފައި އައިސް ކުޑަދޮރު ކައިރީ ހުއްޓިލިއެވެ. ދާނިޝްއާ ދިމާއަށް ބަލަން ހުރި ޒަބޫރިޝްގެ އަތް މުއްކެވިގެން ދިޔައެވެ.
“ޔީޝާއަކީ ހަމައެކަނި އަހަރެންގެ މިލްކެއް،،، އަހަރެމެން ދެމެދަށް ވަންނަ ކޮންމެ މިހެއްގެ ދުވަސް ދުއްވާލާނަން.. ” ޒަބޫރިޝްގެ ދުލުން އެބަސްތަށް ބޭރުވެގެން ދިޔައިރު އޭނާގެ ދެލޯވެސް ވަނީ ލޭއަރާ ރަތްވެފައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



