Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
loabi viyas
ލޯބި

ލޯބި ވިޔަސް… 1 ވަނަ ބައި

Shaila Level 110 Stories
April 11, 2021 4 Mins Read
2 Comments

“ނަޒާ ބޭނުންވާގޮތަށް އަހަރެން ކަންތައް ކޮށްދިނީމެވެ. ފަހަރުގައި ވެސް އެއީ އަހަރެން ބޭނުންވި ގޮތެއްނޫނެވެ. ދުވަހެއްގެ ކޮޅުންވެސް އުންމީދު ކުރި ކަމެއް ނޫނެވެ. ނަމަވެސް ދުވާ މަހެއްގެ ނަގުލުގައި ނުހިފެހެއްޓޭނެ ވާހަކަ އަހަރެންގެ މަންމަ ތަކުރާރުކޮށް ބުނަމުން ދެއެވެ. ގާތްގަނޑަކަށް 10 ވަރަކަށް އަހަރު އެކީގައި އުޅުމަށްފަހު ނަޒާ އަހަންނާ ވަކިވެގެން ދިޔުމުން އަހަރެންގެ ދިރިއުޅުން ފަށާނެ ހިސާބެއް ވެސް އަހަރެންނަކަށް ނޭނގުނެވެ. ހިތަށް ލިބިފައިވާ ބަޔާންކުރަން ދަތި ހިތްދަތިކަމުން އަރައިގަނެވޭނީ ކިހިނެއްކަމެއް ވެސް އަހަރެންނަކަށް ނުވިސްނުނެވެ.  ނަޒާ ވަކިވެގެން ދިޔަ ނަމަވެސް އަހަރެންގެ ދިރިއުޅުން ހުއްޓުނީ ނޫންކަން އަހަރެން ޤަބޫލު ކުރަމެވެ. ކައިވެނީގެ ގޮށް މޮހާލަން ނަޒާ ވިސްނީ އަހަރުމެންގެ ދަރިފުޅާ މެދުގައިވެސް، ވިސްނާ ލުމެއްނެތިއެވެ. މިކަމުން އަރައި ގަންނަން އަހަންނަށް ކުރެވުނު ހުރިހާ ކަމެއް ކުރާނަމެވެ. ކިތަންމެ ދެރަވިޔަސް ހިތް ކުދިކުދި ވިޔަސް އެހެން މީހުންގެ ކުރިމަތީގައި އަހަރެން އުފާވެރި މޫނެއް ދައްކާނަމެވެ. އަހަރެންގެ ދަރިފުޅާއި މަންމަ އަށްޓަކައެވެ. އަހަރެންގެ އަމިއްލަ ނަފްސަށްޓަކައެވެ. ދިރިއުޅެވޭތޯ މަސައްކަތް ކުރާނަމެވެ.”

އާތިފް ގޭގެ ދޮރާށި ހުޅުވާލާފައި މަޑު ހިނގުމެއްގައި އެތެރެއަށް ވަދެގެން ދިޔައެވެ. އިސްދަށަށް ޖަހާލައިގެން މަޑުމަޑުން އޭނާގެ ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ. ގޯތިތެރޭގައި ހުންނަ ބޮޑު ޖަނބުރޯލު ގަސް ވެސް އާތިފްގެ ހިތާމައިގައި ބައިވެރި ވާކަހަލައެވެ. ގަހުގެ ފަތެއް ވެސް ވަޔާ ހެލިނުލައެވެ. ޖަނބުރޯލުގަސް ދަށުގައި ބަހައްޓާފައިވާ ހަ ޖޯލި ހިމެނޭ ޖޯލިފައްޗަކީ އާތިފާއި ނަޒާހާ އެންމެ ގިނައިން ބައްދަލު ކޮށް ވައުދާއި އަހުދުތައް ވެފައިވާ ތަނެވެ. ހަނދުވަރުގެ އަލީގައްޔާއި ކަޅުފޮއެ މޫސުމުގެ އަނދިރީގައި ވެސް މެއެވެ. އާތިފްގެ ކޮޓަރި ހުންނަނީ ގެއާ ވަކިން ނެވެ. ކޮޓަރިއަށް  ވަކިން ވަދެވޭ ގޮތަށް ހުންނައިރު އާތިފް މަންމަގެ ދުވަސްވީ ގެ ހުންނަނީ އާތިފްގެ ކޮޓަރިއާ ގާތްގަނޑަކަށް 5 ވަރަކަށް ފޫޓް ދުރުގައި އާތިފުގެ ކޮޓަރީގެ ދޮރުމައްޗަށް ވާގޮތަށެވެ. އެ ބޮޑު ގޯތީގެ މެދުގައި ދިގަށް އާތިފްގެ ކޮޓަރި ހުރިއިރު ކޮޓަރީގެ ދޮރުކައިރީގައި އާތިފުގެ މަންމަ ޒުލޭހާ ހުއްޓެވެ. އާތިފު ފެނުމުން މަންމަ ޒުލޭހާގެ ހިތް ކުދިކުދިވި ކަހަލައެވެ. ދަރިފުޅަށް އަނިޔާވެރިވި ނަޒާހާއާ ދޭތެރޭގައި ހިތުގައި ރުޅިވެރިކަމެއް ފުރަތަމަ ފަހަރަށް އުފެދުނެވެ. “އަހަރެންގެ ދަރިފުޅަށް އެ ހާލު ޖައްސާފައި އޭނައަށްވެސް ވަކި އުފަލަކު ނޫޅެވޭނެ” ލޮލުގެ ތެރެއަށް ޖަމާވެފައިވާ ކަރުނަތައް ފޮހެލަމުން ޒުލޭހާއަށް ހިތާހިތުން ކިޔާލެވުނެވެ. ޒުލޭހާ ދެލޮލުގެ ނޫރު ފަދައިން ލޯބިވާ  ދަރިފުޅަށް ބަލަން ހުރީ ފެންކަޅި ވެފައެވެ. އާތިފް ދެރަވާނޭވަރު ޒުލޭހާއަށް އިހުސާސް ކުރެވެއެވެ.

އާތިފް ކޮޓަރިއަށް ވަދެ ދޮރު ލައްޕަންދެން ޒުލޭހާ ބަލަން ހުއްޓެވެ. ޒުލޭހާ ދެލޯ ފޮހެލުމަށްފަހު  ގޭތެރެއަށް ވަނެވެ.

ތަރުތީބުން އެއްޗެހިތައް އަތުރާލެވިފައިވާ އެގޭގައި ވަނީ ހަމަހިމޭން ކަމެވެ. ކޮންމެ ދިމާލަކުން ވެސް ފެންނަނީ ފަޅުކަމެވެ. މާމަ ދަރިފުޅު އައިދިން ނިދާފައި އޮތުމުން ގޭތެރޭގައި ވާ ފަޅުކަން އިތުރުވެފައި ވެއެވެ. ނަޒާހާ ވަރިވެގެން ދިޔައީ، އެ ދެމީހުންގެ ދަރިފުޅު، ދުވަހަކުވެސް އަނބުރާ ނުގެންދާގޮތަށް ކޯޓު މެދުވެރިކޮށް އާތިފާ ހަވާލު ކޮށްފައެވެ.

ސިޓިންރޫމްގައި ހުރި މޭޒުމަތީގެ ކަނެއްގައި ޒުލޭހާ ޤުރުއާން ކިޔަވަން ގެންގުޅޭ ހަތިމާއި ބައެއް ދުޢާ ފޮތްތައް ފިޔަވައި އިތުރު އެއްވެސް އެއްޗެއްނެތެވެ. މޭޒު ކައިރީގައި ދެ ގޮނޑި ބަހައްޓާފައި ވާއިރު މޭޒުގެ ދަށުގައި އައިދިންގެ ކުޅޭ އެއްޗެހި އަޅާފައިވާ ވަށިގަނޑެއް ހުއްޓެވެ. ކުޑަކުއްޖަކު ގޭގައި އުޅުނަސް ގޭތެރޭގެ ތަރުތީބު ވަކި ގަވާއިދު ތަކެއްގެ ދަށުން ހިފެހެއްޓިފައި ވެއެވެ. ޒުލޭހާއަކީ ސާފުތާހިރު ކަމަށް މުޅި ރަށަށް މަޝްހޫރު މީހެކެވެ. އެހެންނަމަވެސް ގޭތެރެއިން ވެސް ފެންނަނީ ހުސްކަމެވެ. ގޭތެރޭގައި ވަނީ ދެ ކޮޓަރިއެވެ. ގޭގެ ބިއްދޮށު ފަރާތު ދޮރުން ނިކުންނައިރު ގެއާ ގާތްގަނޑަކަށް ތިން ފޫޓް ދުރުމިނުގައި ބަދިގެއާއި ކާގެއެވެ. ފިރިމީހާ އަމްޖަދް ނިޔާވިފަހުން 13އަހަރު ވަންދެން އެ ގޭގައި އުޅެމުން ދިޔައީ ޒުލޭހާ އާއި އޭނާގެ ހުރި ހަމައެކަނި ދަރިފުޅެވެ.

ފޯނުގެ ރިންގުވާ އަޑަށް ބަންޑުން އޮށޯވެ އޮތް އާތިފް ވަރުބަލިކަމާ އެކު އަރިއަކަށް ޖެހިލައި ޖީބުގައި އޮތް ފޯނު ނަގައި ބަލާލިއެވެ. ބިރެއް ފެނިގެން ތެޅިގަތް ފަދައިން ފުންމައިގެން ތެދުވިއެވެ. އަވަސް އަވަހަށް ފާހާނާއަށް ވަދެ މޫނު ދޮވެލިއެވެ. ބަންޑުން އޮށޯވެ އޮވެ މާގިނައިން ރުއިމުގެ ސަބަބުން މުޅި މޫނާއި ދެލޯ ވަނީ ދުޅަވެފައެވެ. ރުއިމުގެ ސަބަބުން ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބިއްޖެއެވެ. ފާހާނާއިން ނުކުމެ މޫނު ފޮހެލުމަށްފަހު، ތުވާލި އެންދުމަތީގައި ބާއްވާފައި ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓިހުރެ އަތުން ބޮލުގެ ތަރުތީބެއް ނެތް އިސްތަށިތައް ރީތިކޮށްލިއެވެ. ހިތާމާގައި ދުވަސް ތަކެއް ހޭދަކުރަމުން ދިޔަ ކަމުގައި ވިޔަސް، އާތިފްގެ ފިރިހެންވަންތަ ކަމަށް ބަދަލެއް ނާދެއެވެ. ދިގު އިސްކޮޅަކާއި ރީތި ހަށިގަނޑެއްގެ ވެރިއެކެވެ. އަޅިކުލައިގެ އެ ދެލޮލުގެ ޖާދޫގައި ޖެހި އެތައް އަންހެން ކުއްޖެއް ދީވާނާ ވެފައި ވެއެވެ. ނަމަވެސް، އާތިފްގެ އެ ފިރިހެން ވަންތަކަމުގައި ފަރުދާއެއް ލެވިފައި ވާ ކަހަލައެވެ. ހަޔާތައް ކުރިމަތިވެފައި ވާ ގަދަ ކޮޅިގަނޑުގައި ދެވޭ ނުދެވޭ އެއް ނޭނގޭ ހާލުގައި ދުވަސްތައް ވޭތިކުރަން ޖެހުމަކީ އާތިފްގެ ހިތަށް ކުޅަދާނަ ވާވަރުގެ ވޭނެއްނޫނެވެ.

އާތިފް ފޯނަށް ގުޅީ އޭނާގެ ސުޕަވައިޒަރެވެ. ފޯން މިސްވުމުން އާތިފް ގުޅިއެވެ.

“ހަލޯ!” އެކޮޅުން ބުންޏެވެ.

“ހަ ހަލޯ.. އަ..އަޅުގަނޑު ފާހާނާގަ” އާތިފަށް ވާހަކަ ދެއްކުނީ ވަރަށް އުނދަގުލުންނެވެ. ކިތަންމެ ހަމަޖެހޭކަން ދައްކަން މަސައްކަތް ކުރި ނަމަވެސް، އެކަން ކުރެވޭ ގޮތެއް ނުވިއެވެ. ހީވަނީ ކަރުގައި މީހަކު ހިފާ ބާރު ކޮށްގެން ހުރި ހެންނެވެ. އަރު ބެދޭގޮތް ވެ ލޯ މަށްޗަށް އަނދިރި ވާހެން ހީވިއެވެ. ހަށިގަނޑުން ވަރު ދޫވާހެން ހީވިއެވެ. މުޅި މީހާ ތުރުތުރު އަޅަންފެށިއެވެ. މަޑުމަޑުން ފާރުގައި ބުރަކަށި ޖައްސާލައިގެން ފޯން ކަންފަތުގައި ޖަހާލައިގެން އުޑުފައިން އިށީނެވެ.

“އަރ ޔޫ އޯލް ރައިޓް؟” ޒިފާފް ބުންޏެވެ.

” އޭރު ފާހާނާގައި އުޅުނީމަ ފޯނު ނުނެގުނީ”

އާތިފް ބޭނުންވީ މައުޟޫ ބަދަލު ކޮށްލާށެވެ. އޭނައަށް ކަމެއްވެގެން އުޅޭކަން އަންގަން ބޭނުން ނުވީއެވެ.

“އެންމެ ރަނގަޅު. ވެގެން އުޅޭގޮތް އަޑުއިވިގެން މިގުޅީ. ޗުއްޓީ އިތުރު ކޮށްލަން ބޭނުންވަންޏާ ބުނެލާތި! އަދި އެއް ހަފްތާ އިތުރު ކޮށްލެވިދާނެ. ސިކުނޑި ހަމައަށް އެޅެން ޓައިމް ނަގާނެ. ވަރަށް ހިތްވަރު ގަދަވާން ވާނެ.” ޒިފާފް ވާހަކަ ދެއްކީ އޯގާތެރި ކަމާއެކުއެވެ. ޒިފާފަކީ މީހުންނާ ގުޅޭ ހެޔޮލަފާ މީހެކެވެ. އޭނާގެ ދަށުން މަސައްކަތް ކުރާ މީހުންގެ މެދުގައި ވެސް، ތަފާތު ކުރުމެއް އެއްގޮތަކަށް ވެސް، ނުގެންގުޅޭ ހަރުދަނާ ވެރިއެކެވެ.

****************************************************

ދުވަސްތައް މާޒީއާ އެކުވަމުން ދެއެވެ. އާތިފް އޭނާގެ ރަސްމީ ވަޒީފާ ކަމުގައި ވާ ރޫމް ބޯއީގެ ވަޒީފާގައި އަވަދި ނެތިއުޅެއެވެ. އެހެން ނަމަވެސް، އޭނަގެ ހިތުގައި ނަޒާހާއަށްޓަކައި ދެވިފައި ވާ މަގާމަށް ކުޑަވެސް ބަދަލެއް ނާދެއެވެ. 11 މަހުގެ ދަރިފުޅު އައިދިންގެ ހުރިހައި ކަމެއްގެ ޒިންމާ އާތިފާއި އޭނާގެ މަންމަ ބަލަމުން ގެންދާއިރު، ނަޒާހާ އައިދިން ކޮބައިތޯ ވެސް ބަލައިނުލައެވެ. ނަޒާހާ ބޭނުން ގަޑިއެއްގައި ދަރިފުޅާ ވާހަކަ ދެއްކޭނެއެވެ. ބޭނުން ގަޑިއެއްގައި ދަރިފުޅާ ބައްދަލު ކުރެވޭނެއެވެ. ކޯޓުގައި އެ ދެ މީހުން ވެސް، ވަނީ އެގޮތަށް އިއުތިރާޒް ވެފައެވެ.

އާތިފް ޑިއުޓީ ނިންމާފައި ކޮންމެ ދުވަހަކު ރަށަށްދެއެވެ. ރަށުގައި ހުންނައިރު ގިނަ ވަގުތު ދަރިފުޅާއެކު ހޭދަކުރެއެވެ. މަންމަގެ ލޯބިން ދަރިފުޅު މަހްރޫމު ވެފައިވީ ނަމަވެސް، އެއިން އެއްވެސް ކަމެއް އައިދިން އަށް އުނި ނުވާނޭހެން  އާތިފާއި ޒުލޭހާ މަސައްކަތް ކުރަމުންދެއެވެ. ލޯބިލޯބި ފުށްކޮޅެއްފަދަ އައިދިން މަޑުމަޑުން ބޮޑުވަމުންދެއެވެ. މަންމައަކީ ކާކުކަމެއް ކުޑަކުޑަ އައިދިންއަކަށް ނޭނގެއެވެ. މިހާރު އާތިފްގެ ހުރިހާވެސް އުފަލަކީ ހަމައެކަނި ހުރި ދަރިފުޅެވެ. އެންމެ އިސްކަމެއް ދީގެން ކުރަނީވެސް ދަރިފުޅުގެ ކަންތަކެވެ. އައިދިންވެސް ހުންނަނީ، އޭނާގެ ބައްޕައާ ހެދި މޮޔަވެފައެވެ. އައިދިން ބޮޑުވާ ވަރަކަށް ވައްތަރު ވަނީވެސް  އާތިފާއެވެ. އެހެންނަމަވެސް، އައިދިންއަށް ލިބިފައިވަނީ ނަޒާހާގެ ދެ ލޮލެވެ. ނަޒާހާގެ ލޮލުގައި ހުންނަ ކަހަލަ ޖާދުވީ ބާރު، ކުޑަކުޑަ އައިދިންއަށް ވެސް ލިބިފައިވާ ކަހަލައެވެ.

ނަޒާހާ އެގެއިން ދިޔަފަހުން ފުރަތަމަ ފަހަރަށް އާތިފަށް ގުޅިއެވެ.

“ހަލޯ އާތީ! ރަނގަޅުތަ ހުރިހާ ކަމެއް؟ ކޮބާ އައި؟”

ނަޒާހާގެ އަޑުގައިވަނީ އިންތިހާ އުފާވެރި ކަމެވެ. ނަޒާހާގެ އަޑުޖެހުމުން އާތިފްގެ ހިތުގެ އެންމެ ފުންމިނަށް ވެސް ބުނަން ނޭނގޭ ކަހަލަ އިހުސާސްތަކެއް ވެރިވެގެން ދިޔައެވެ. އެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. “ވަރަށްރަނގަޅު.”

ނިއްކުރީގައި މުތީތަކެއް ފަދައިން ބަބުޅަމުން ދިޔަ ދާ ތިކިތައް އެއްއަތުން ފޮހެލަމުން އާތިފް ޖަވާބުދިނެވެ.

“އަހަރެން މާދަން މީހަކާ އިންނަނީ. އެހެންވެ އެ ވާހަކަ ބުނެލަން މިގުޅީ.”   އާތިފް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ނަޒާހާ ފޯނު ކަނޑާލިއެވެ.

އާތިފަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. ބުނެދޭން ނޭނގޭ ކަހަލަ ރިހުމެއް ހިތުތެރޭގައި އުފެދުނެވެ. މި އަޑުއަހަން ދުނިޔޭގައި ނެތްނަމައޭ ހިތަށް އެރިއެވެ. ނުރޯން ވަރަށް މަސައްކަތްމުރިއެވެ. އެލޮލުގެ ތެރެއަށް ޖަމާވަމުން ދިޔަ ކަރުނަތައް ގަދަކަމުން ހިފަހައްޓަން ކުރި މަސައްކަތް ބޭކާރުވިއެވެ.

“ދަރިފުޅާ. އާދޭ ކާން!” ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ޒުލޭހާ ގޮވާލިއެވެ.

“މިދަނީ!” އެނދުމަތީގައި އިށީނދެގެން އިން އާތިފް ބުންޏެވެ. އެ އަޑުގައި ވޭނީ ރިހުމެއް އެކުލެވިފައިވެއެވެ.

ޒުލޭހާއަށް އެކަން ފާހަގަ ކުރެވިގެން ކޮޓަރި ތެރެއަށް ވަދެ އާތިފް ކައިރީގަ އިށީނެވެ.

“ދަރިފުޅާ! ތި ހިޔާލް ތަކާ ދުރަށް ދެވޭނީ ދަރިފުޅުވެސް ހިތްވަރު ކޮށްގެން. މަންމައަކަށް ކެތްވާ ވަރެއް ނޫން”

ޒުލޭހާ ބަޑިފަޅައިގެން ދިޔައެވެ.

” މަންމާ! ނަޒާ މީހަކާ އިންނަނީ.” އާތިފަށް ވެސް ބުނެވުނީ އެ ހިސާބަށެވެ. އަޑު ފަޅައިގެން ދިޔައެވެ. މަންމަގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ ރޮމުން ގިސްލަމުން ގެންދިޔައީ ކުޑަކުއްޖެއް ފަދައިންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaila

Level 110 Stories

Other Articles

Previous

ލޯބިވާ ކޮއްކޮ

Next

ނަފްރަތުން ވެވުނު ލޯބި 4

Next
April 11, 2021

ނަފްރަތުން ވެވުނު ލޯބި 4

Previews
April 11, 2021

ލޯބިވާ ކޮއްކޮ

2 Comments!

  1. Lailac Baby says:
    April 12, 2021 at 1:13 pm

    Nice ?? ??? waiting for next part ???

  2. Boaganvilla says:
    April 12, 2021 at 1:53 pm

    ވާހަކަ ހަމަ ހަބޭސް ކުދި ކުދި ތަންކޮޅު އެބަހުރި އެތަންތަން ފުރިހަމަ ކޮށްލިމާ ހަމަ ވަރަށް ސަޅިވާނެ

    އަދި އަލުގަނޑުލިޔުނަސް މިހާރު ހަމަ އެކަހަލަ މިސްޓޭކްސް ހުރެދާނެ އެކަން
    ޤަބޫލުވެސްކުރަން ޖުމްލަކޮށް ވަރަށް ވަރަށް ރީތި ކުރިއަށް އޮތް ބަޔަށް އިންތިޒާރުކުރާނަން

Comments are closed.

Next Episodeލޯބި ވިޔަސް… 2 ވަނަ ބައި←


All Right Reserved!