Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނިކަން ލޯބިން-10

SomeOne Level 210 Stories
March 14, 2021 5 Mins Read
0 Comments

ލައިތް މޭޒުމަތީގައި އޮތް އަހަރެންގެ އަތުގައި ހިފާ އޭނަގެ އަތުތެރެއަށް ލިއެވެ.

” އާޔާ! އަހަރެންދެކެ ލޯބިވޭތަ” ލައިތް އެހެން އަހާލީ އަހަރެންގެ މޫނަށް ބަލަން އިނދެއެވެ.

“ނިކަން ލޯބިވޭ” އަހަރެން ދިނީ ވަރަށް ސާދާ ކުރު ޖަވާބެކެވެ.

“އަހަރެންނަށް އިންތިޒާރު ކުރާނަން ދޯ” ލައިތް އެހެން ބުނެލުމާއިއެކު ސިހިފައި އަހަރެން ލައިތްގެ މޫނަށް ބަލާލީ ސުވާލުތަކުން ފުރިގެންވާ ނަޒަރަކުންނެވެ.

“ތާކަށް ދަނީތަ؟ ދެން އިތުރަށް އަހަރެން ހިތް ނުތަޅުވާ ބުނެބަލަ” އަހަރެން އަވަސް އަވަހަށް އެހެން ބުނިއިރު ވެއިޓަރުވެސް ކޮފީ ގެނެސް މޭޒުމަތީގައި ބަހައްޓަނީއެވެ.

“އަހަރެން ފުރަތަމަ ދުވަހުވެސް ބުނަން އުޅުނިން. އެކަމަކު އެހަށް ބޭނުންވީ އިތުރަށް ވިސްނާލަން. އެކަމަކު މިކަމަކީ އަހަރެން ކުރަމުން އައި ވަރަށް ދިގު އިންތިޒާރެއް. އެހެންވީމާ އަހަރެން އާޔާ ކައިރީ ދެ އަހަރު ދުވަހު މަޑުކުރަން ބުނީ.”ލައިތް ވާހަކަ ދައްކަމުން ދިޔައިރު އެއްވެސް ބަހެއް ނުބުނެ ލައިތްގެ އަތުގައި ހިފާލައިގެން އޭނާގެ މޫނަށް ބަލަހައްޓައިގެން އަހަރެން އިނީމެވެ.

“އަހަރެން އަބަދުވެސް ބޭނުންވި ރާއްޖެއިން ބޭރުގައި ދިރިއުޅެން. ބޭރުގައުމެއްގައި ބޮޑު ބޯޓެއް ދުއްވާލަން. ދުރު ގައުމުތަކަށް ދަތުރު ކޮށްލަން. އަހަރެން އީދު ޗުއްޓީއަށް ދިޔައީ އެމިރޭޓްސް ގެ ޑުބާއީ ގައި އޮޕަރޭޓްކުރާ ފްލައިޓްއަކަށް  ސިޓީލާފަ. އޭރު އަހަރެންނަކަށް ނޭގެ ތިފަދަ ކުއްޖަކާ ދުވަހުކުވެސް ދިމާވާނެކަމެއް. ކުއްޖެއްދެކެ ލޯބި ވެވިދާނެކަމެއް. އެ ދުވަހު ފަޅުރަށުގައި ހުއްޓާ ބޮސް ގުޅީ އެޕްލިކޭޝަން އެޕްރޫވްވި ވާހަކަ ބުނަން. އަދި އޮފަ އެކްސެޕްޓެންސް ލެޓަރ މާދަމާގެ ނިޔަލަށް އެކޮޅަށް ފޮނުވަންޖެހޭ. އަހަރެން އެވާހަކަ އެއްވެސް މީހެއްކައިރީ ނުބުނެ މަޑު މިކުރީ  އަހަރެންނަށްވެސް ހުދު އަހަރެން މިހާރު ބޭނުންވާ ކަމެއް ނޭގޭތީ. ހިތަށް މި އަރަނީ އެ ފުރުސަތު ދޫކޮށްލަން. އެކަމަކުއެކަމަކީ އަހަރެން އަބަދުވެސް ދެކެމުން އައި ހުވަފެނެއް. އަހަރެން އާޔާވެސް ބޭނުން. އެ ފުރުސަތުވެސް ބޭނުން. ދެ އަހަރު ނީނދެ މަޑުކުރަން ބުނީވެސް އެމީހުން ފުރަތަމަ ހަދަނީ 2 އަހަރު ކޮންޓްރެކްޓްއަކަށް ވީމަ. އާޔާ ބުނެބަ. އަހަރެން ކިހިނެއް ހަދަން ވީ؟”

“ހެހެ. އަހަރެން ލައިތް އާ ގުޅުނީ ދެއަހަރު ވަންދެން ނީނދެ އުޅެން އެއްބަސް ވެގެންނެއްނު. ދޭ. އެޗީވް ޔުއަރ ޑްރީމްސް. އަހަރެން ލައިތްއަށް އިންތިޒާރު ކުރާނަން. ކޮން އިރަކުން ފުރަން ޖެހެނީ” އަހަރެން ލައިތް ގެ ހުވަފެން ވިއްސި ވިހާލި ކޮށްލާކަށް ބޭނުންމެއްނުވެއެވެ. ނަމަވެސް އަހަރެންގެ ހިތަށް ތަދުވިއެވެ.  ދެ އަހަރު ދުވަސް އެއްގޮތަކަށްވެސް ނުފެނި ލައިތްއާއި ދުރުގަ އުޅުމަކީ އަހަރެންނަށް ކުރެވިދާނޭ ކަމެއް ހެއްޔެވެ؟ އަދި ދެމީހުން އެކީ އުޅެން ފެށިތާ މަސްދުވަސް ނުވެއެވެ. ލައިތް އަށް ޑުބާއީ އިން އެހެން އަންހެންކުއްޖަކު ލިބިވެސް ދާނޭ ނޫންހެއްޔެވެ.

މި ހުރިހާ ޚިޔާލުތަކާއިއެކީވެސް އަހަރެންބެލީ މޫނުމަތިން ހިނިތުންވުމެއް ދެއްކޭތޯއެވެ.

“ތިނެއް ނުވަތަ ފަސް ވަރަކަށް ދުވަސް ތެރޭ ފުރަން ޖެހޭނެ. ވަރަށް ދިގު ދަތުރުތައް ކުރަން ޖެހޭނެ. ދެތިން ދުވަސް ޚަބަރެއް ނުވެވެސް ހިނގައިދާނެ” ލައިތް އެހެން ބުނެލީ އަހަރެންގެ މޫނަށް ބަލާލާފައެވެ.

“ހާދަ އަވަހަކަށޭ ދޯ ފުރަން ޖެހެނީ! ނަސީބެއްނު އެންމެން ކައިރީ އަހަރެމެން ގުޅުމުގެ ވާޙަކަ ނުބުނެ ވި އޮތްކަން ދޯ! ދެން އޯކޭވާނެ. ލައިތް އަހަރެން ދޫކޮށްނުލާހާ ދުވަހަކު ލައިތްގެ މީހެއްގެ ގޮތުގައި އަހަރެން ހުންނާނަން. ދެޓްސް އަ ޕްރޮމިސް” އަހަރެން  ގެ ހިތް ރޮނީއެވެ. އުމުރުން 24 އަހަރު ވީއިރު އަދި އަލަށްވެސް ގުޅުނު ލޯބިވެރިޔާ މަހެއްވެސް ނުވެ އަހަރެންނަށް ގެއްލެނީއެވެ.

“އާޔާ! ހިނގާ މެރީކޮށްގެން  އަހަރެންނާ އެކީ ދާން” ލައިތްއަށް ކިއޭ ނުކިއޭއެއްވެސް ނޭނގޭ ކަހަލަ އެވެ

“3 ދުވަސް ތެރޭގައި މީހަކާ އިންނާނީ ކިހިނެއް؟ ކުރިން ބުނިނަމަތާ ދޮންއާ އެކީ އިނދެވޭނީވެސް. އެހެން ނޫނަސް އަހަރެންނަށް އަދި ރާއްޖެ ދޫކޮށްފަ ދެވޭކަށް ނެތް.ލައިތް އަށް އެނގޭނު އެކަން. އެއްއަހަރުކޮށްފައި ޗުއްޓީ ލިބޭނެ އެއްނު . އޭރުން އާދޭ އިންނަން” އަހަރެންގެ ޚިޔާލުފާޅުކުރީމެވެ.

“ސީދާ އެއް އަހަރުވާތަނުން ނާދެވިދާނެ. ދެ އަހަރު ކޮންޓްރެކްޓެއް ވީމަ ދެ އަހަރު ތެރޭ އެއްފަހަރު އާދެވޭނީ.” ލައިތް ބުނެލިއެވެ.

އެވަގުތު އަހަރެންގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ މަންމައެވެ.

“ދަރިފުޅާ ތިކޮޅު ރެޑީތަ؟ އެމީހުން ފެރީއަށް އަރަނީއެ.” ފޯނު ނެގުމާއިއެކު މަންމަ ބުނެލިއެވެ.

“ލައްބަ މަންމާ! އަހަރެމެންވެސް މި ކޮޅުން މި ނައްޓާލަނީ. ރޫމް ހުރިހާކަމެއް ރެޑީ. ނަމާދުކުރާ އެއްޗެއްސާ ކިރުތައްޓާވެސް ލާފަ ހުންނާނީ”

“އޯކޭ! އަވަހަށް އާދޭ. މަންމަމެން މިދަނީ ރޫމަށް. ދަރިފުޅުވެސް ގެއަށް ދެވުނީމަ މަންމައަށް ގުޅާލާތި” މަންމަ އެހެން ބުނެލުމަށްފަހު ފޯނު ބޭއްވިއެވެ. މަންމަ އާއި ބައްޕަ ތިބީ މާލޭގެ ގެސްޓް ހައުސްއަކުން ރޫމެއް ނަގައިގެންނެވެ. ކެއުމުގެ ކަންކަން ހަމަޖައްސަނީ ގެއިންނެވެ.

ލައިތް ބިލް ގެންނަން އިޝާރާތްކޮށްލުމުން ވެއިޓަރު ބިލް ގެނައެވެ. އަވަހަށް ބިލް ދައްކާލުމަށްފަހު އަހަރެމެން ނުކުންނަން ހިނގައިގަތީމެވެ.

“އެކަމާ ނުވިސްނާ. ލައިތް އަށް ލިބޭ ކުރިއެރުމަކީ އަހަރެންނަށް ވެސް ލިބޭ ފަޚުރެއް. އަހަރެން ލައިތްގެ މީހެއްގެ ގޮތުގައި ހުންނާނަން” އަހަރެން މިރޭ ހިނގައިގަތީ ލައިތްގެ އަތުގައި ހިފައިގެންނެވެ.

“އަހަރެންވެސް އާޔާ ނޫން ކުއްޖެއް ބޭނުމެއްނޫން. ޕްލީސް އަހަރެންނަށް އިންޒާރުކުރައްޗޭ” ލައިތް އަހަރެންގެ އަތަށް ބާރަށް ފިތާލީއެވެ.

އަހަރެން ލައިތްގެ މޫނަށް ބަލާލާފައި ހީލީމެވެ. އިތުރު ވާޙަކައެއް ނުދައްކާ ލައިތްގެ އަތުގައި ހިފާލައިގެން ގޮސް އަހަރެމެން ދެމީހުންފެރީއަށް އެރީމެވެ.

ގެއަށް ވަދެވުމާއި އެކު މަންމައަށް ގުޅާ ގެއަށް ދެވުނު ވާހަކަ ބުނެލުމަށް ފަހު ފޯނު ބޭއްވީމެވެ. ދޮން ނެތުމުން ކޮޓަރި ވަރަށް ފަޅެވެ. ފެންވަރާލައިގެން އެނދުގައި ޖައްސާލާ މިރޭ ދެކެވުނު ވާހަކައާއި ދޭތެރޭ ވިސްނަން ފެށުނެވެ. ކިތަންމެ ހަމަޖެހޭކަން ލައިތް އަށް އަހަރެން ދެއްކި ނަމަވެސް އަހަރެން ގެ ހިތް ނުތަވަސްވަނީއެވެ. ދެ އަހަރު ދުވަހު އެތަނުގައި އުޅޭއިރު ހާދަ އަންހެން ކުދިންނެއް ފެންނާނެއެވެ. ލައިތްގެ ހިތް ހަމަ ބަދަލު ވެދާނެއެވެ. އެހެން ކުއްޖަކު ކަމުގޮސްދާނެއެވެ. މި ފަދަ އެތަކެއް ޚިޔާލުތަކެއްގައި ފަތިސްވަންދެން އަހަރެންނަށް އޮވެވުނެވެ.

“ދެ އަހަރު ދުވަހަކީ މާގިނައެއް ނޫން. ދެން ލައިތްގެ އިންތިޒާރުގައި އަހަރެން ހުންނާނީ. ޗުއްޓީއަށް އަންނައިރު ލައިތްގެ ހިތް ބަދަލު ނުވާނަމަ އަހަރެން ލައިތް އާއި އިންނާނީއެވެ”. އަހަރެން ބޭނުންވާ ގޮތް އަމިއްލަ ނަފްސަށް އިއްވާލަ ދިނުމަށްފަހު ތެދުވެ ފަތިސް ނަމާދުކޮށްލައިގެން ބަދިގެއަށް ވަނީމެވެ.

މަންމަމެން ސައިބޯން ގެއަށް އައީ އަހަރެން ރޮށިފިހެ ނިންމާ މަސްހުނި މޮޑެން އުޅެނިކޮށެވެ.

“ގެނޭ މަންމަ އަތަށް. ދަރިފުޅުދޭ އޮފީހަށްދާން ފެންވަރައިގެން ތައްޔާރުވާން.” މަންމަ އަހަރެންނާ ކައިރިވެލާފައި ކޮށަންހުރި ފިޔާއަތުލިއެވެ.

އަހަރެން ކޮޓަރިއަށްވަދެ ފެންވަރާލައިގެން އޮފީހަށްދާން ތައްޔާރުވިއިރުގައި ބޮޑުދައިތަ އާއި ފަހަރި ސައި ތައްޔާރުކޮށް ނިންމާލީއެވެ. އަހަރެން ގޮސް ބައްޕަ އާއި އެކީ ސައިބޯން އިށީނެމެވެ.

“މިއަދު ބައްޕަ ދަރިފުޅު އޮފީހަށް ލައިދޭނީ އެނގޭ” ބައްޕަ އެހެންބުނީ އަހަރެން ހިނގާފައި ދާކަން އެނގޭތީއެވެ. އަހަރެން ލައްބައޭ ބުނެލުމަށްފަހު ސައިބުއިމާގެން ކުރިއަށް ދިޔައީމެވެ. އެދުވަހު އޮފީހުގައިވެސް އެއްވެސް މަސައްކަތެއް ކުރެވޭގޮތެއް ނުވިއެވެ. ރޭގައި ނުނިދާތީ ލޯކައިރިވެސް ވަނީ ދުޅަވެފައެވެ. އެހެން ކަމުން ކުޑަކޮށް ބޮލުގައި ރިއްސަނީކަމަށް ބުނެ ބާރަ ޖެހިއިރު އަހަރެން ގެއަށް ދިޔައީމެވެ. ގެއަށް ދިޔައިރު ދޮން އެއްޗެހި ބަލާއައިސް އުޅެއެވެ. އަދި އަހަރެން ފެނުމާއިއެކު މާކުރިން އައީ ކިހިނެއްވީތޯ ސުވާލުކުރިއެވެ.

“އިއްޔެ ބިޒީކޮށް އުޅުނީމާ ބޮލުގައި ރިއްސާވަރުން މިއައީ. ދޮން ނެތީމަ ނުވެސް ނިދުން ރޭގަ” އަހަރެން އެހެން ބުނެލުމުން ދޮންދައްތަ އައިސް އަހަރެން ގައިގައި ބައްދާލިއެވެ. އަހަރެންނަށް ރޮވުނެވެ. ދޮން ދާތީ ކަމަށް އެހެން މީހުންނަށް ހީވި ނަމަވެސް އަހަރެންގެ ލޮލުން ފޭބީ ރެއިންސުރެ ހިފަހައްޓަމުން ދިޔަ ކަރުނައެވެ. ލައިތް އާއި ގިނަ ދުވަސްތަކަކަށް ވަކިވާން ޖެހޭތީ އެކަމުގެ ހިތާމައިގައި އޮހޮރުނު ކަރުނައެވެ.

އެއްޗެހި ހިފައިގެން ދޮންދައްތަ ދިޔުމުން އަހަރެން ނަމާދުކޮށްލައިގެން އޮށޯތީ ނިދާލުމަށެވެ. ލައިތްއަށް މެސެޖް އެއްކޮށްލާ އެކްސެޕްޓެންސް ލެޓަރ ފޮނުވުނުތޯ ބަލާލާ، ކޮންގްރެޓްސް ކިއާލީމެވެ. އިރުކޮޅެއް ނުވެ އަހަރެންނަށް ނިދިއްޖެއެވެ.

 

 

ދެން އަހަރެންނަށް ހޭލެވުނީ އިރުއޮއްސި 0600 ޖެހިފަހުންނެވެ. އޭރު މަޤްރިބް ނަމާދަށް ބަންގިވެސް ގޮވައިފިއެވެ. އަވަސް އަވަހަށް ތެދުވެ ނަމާދުކޮށްލައިން ބޭރަށް ނުކުތްއިރު ގޭތެރޭގައި ވަރަސް މީހުންގިނައެވެ. ހީވަނީ ކަމަކަށް ތައްޔާރުވާހެންނެވެ. ދޮން އާއި ޝާމްބެ އަދި މަންމައާއި ބައްޕަވެސް އުޅެއެވެ. އަހަރެން ފެނުމާއިއެކު މަންމަ ގޮވާލިއެވެ.

“ދަރިފުޅާ! މިހާރު ކިހިނެއް؟”

“ކީއްވެ އަހަރެންނަށް ނުގޮވީ؟” މަންމަ ކުރި ސުވާލަށް ޖަވާބުނުދީ އަހަރެންވެސްކޮށްލީ ސުވާލެކެވެ.

“އެންމެންވެސް ޔާ އަށް ގޮވި. މާ ވަރުގަދައަށް ނިދިފަ އޮތީމަ ނޭނގުނީތި. ބަލާބަލަ ފޯނު. އެހާވަރަށް ގުޅަންވެސް ގުޅިން” އަހަރެންނަށް ޖަވާބުދިނީ ބޮޑުދައިތައެވެ.

އަހަރެން ކޮޓަރިއަށް ވަދެ ފޯނު ހިފައިން ނުކުތީމެވެ. ތެދެކެވެ. ވަރަށް ގިނަ މީހުން ގުޅާފަ ހުއްޓެވެ. ލައިތްވެސް 5 ފަހަރު ގުޅާފައި އިނެވެ. އަހަރެން އަވަސް އަވަހަށް ބޮލުގައި ރިއްސާތީ ނިދުނީކަމުގައި ބުނެ ލައިތްއަށް މެސެޖްއެއްކޮށްލުމަށްފަހު ފޯނު ޖީބަށްލީމެވެ.

“މީ ކޮންފަދަ ކެއްކުމެއްތަ؟ ކަމެއް އޮތީތަ؟” މިފަހަރު އަހަރެން ސުވާލުކޮށްލީ ފަހަރިއާއެވެ.

“ލައިތް ފުރަނީނު ޑުބާއީއަށް ކިޔަވަން. މިއަދު ފެމެލީ ގްރޫޕްގަ ޖެހީ. ކުއްލިއަކަށް ލިބުނު ފުރުސަތެކޯ. އެހެންވެ ފެމެލީ އާ އޭނަގެ ރަށްޓެހިންނަށް ކެއުމެއް ދޭން މިއުޅެނީ” ފަހަރި އެހެން ބުނީ ތަރުކާރީކޮށަން ހުރެފައެވެ.

“އެހެންތަ؟ ކޮން އިރަކުން ފުރަނީ؟” އަހަރެންނަށް އެހެން އަހާލެވުނީ ބޭ އިޚްތިޔާރުގައެވެ.

“ބުނި ދެތިން ދުވަސް ތެރޭވެސް ފަހަރެއްގަ ފުރަންޖެހިދާނެއޭ” ފަހަރި އެހެން ބުނިލިއިރު އަހަރެންގެ މޫޑު އަނެއްކާވެސް ގޯސްވެއްޖެއެވެ. އެހެންނަމަވެސް އެކަން އަހަރެން ފަހަރި އަކަށް ނުދައްކަމެވެ.

“ކޯންޗެއް ހަދާދޭންވީ؟” އަހަރެން އަހާލިމެވެ.

“އާޔާ ޕާސްތާ ހަދާދޭންވީނު. އޮންނާނެ ގަނޑުކުރާބައިގައި ސީފުޑް 2 ޕެކެޓްވެސް. އޭރުން ދެން ގާތްގަނޑަކަށް އެނިމުނީ” ފަހަރި އެހެން ބުނުމާއިއެކު އަހަރެން ޕާސްތާ ކެއްކުމުގެ މަސައްކަތް ފެށީމެވެ.

ރޭގަނޑު 8 ޖެހިއިރު ގެއަށް މީހުން ޖަމާވާން ފަށައިފިއެވެ. ބަދިގެތެރޭގައި މޭޒުމަތީގައި ކާން ތައްޔާރުކޮށް ސިޓިން ރޫމާއިއެކު ގިނަ މީހުންނަށް ތިބެވޭ ގޮތަށް ގޮނޑީ ޖަހާފައި ހުއްޓެވެ. ފާރުގައި ބޮޑުކޮށް “ވީ އިލް މިސް ޔޫ” އޭ ޖަހާފައި އިނެވެ. އަހަރެން ކޮޓަރިން ބޭރަށް ނުކުތީ ލައިތް ގުޅާފައި ނުކުންނަން އެދުމުންނެވެ.” އާދެބަ ބޭރަށް. ތިމޫނު ފޮރުވައިގެންތަ ތިހިރީ” ލައިތްގެ މެސެޖް ކިއާލުމަށްފަހު ކުޑަކޮށް ރީތިވެލައިގެން ބޭރަށް ނުކުމެލީމެވެ. ބަދިގެއަށް ވަދެ ކާތަށިތައް އެއްޗެއހި ހުސްވެފަ ހުރިތޯ ބަލާލާ ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު އަލުން އެތެރެއަށް ވަނީމެވެ.  ދެން އަހަރެން ބޭރަށް ނުކުތީ މެހެމާނުން ގޮސް ގޭ އެންމެން ކާއެރުމުންނެވެ. އަހަރެންވެސް ލައިތްއަށް މަރުހަބާ ކިޔާލުމަށްފަހު ކެއީމެވެ.  ކެއުމުގެ ކަންކަން ނިންމާ ތަންތަން ސާފުކޮށް ނިމުން އިރު 1100 ޖަހައިފިއެވެ. އޭރު މަންމަ އާއި ބައްޕަ އަދި ދޮން އާއި ޝާމްބެވެސް ގެއަށް ހިނގައްޖެއެވެ.

ބޮޑުދައިތަ ލައިބާ ގޮވައިން ކޮޓަރިއަށްވަނީ އަނެއް ދުވަހަކީ ސްކޫލް ދުވަހެއްވީމައެވެ. ބޮޑުބެ އާލީ ނިންދެވުމުގެ މަސައްކަތުގައި އުޅޭ އަޑުއިވެއެވެ. ސިޓިން ރޫމްގައި އެންމެ ފަހުން ތިބީ އަހަރެންނާއި ލައިތް ގެ އިތުރުން ފަހަރިއެވެ. އަހަރެމެން އެކި އެކި ވާޙަކަދެއްކުމުގައި  12 ޖަހަންދެން ތިބީމެވެ.

“ޝާޢީ.. އާލީ ނުނިދިއޭ!” ބޮޑުބެގެ އަޑު އިވުމާއި އެކު ފަހަރު ހެމުން ހެމުން ތެދުވިއެވެ.

“ލައިތް ދިޔައީމާ ދޮރު ތަޅުލައްޗޭ. ފަހަރި މިދަނީ ނިދަން” އެހެން ބުނެލުމަށްފަހު ފަހަރިވެސް ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SomeOne

Level 210 Stories

Other Articles

Previous

ބަދަލުވި ހަޔާތް

Next

އަމާނާތް

Next
March 14, 2021

އަމާނާތް

Previews
March 13, 2021

ބަދަލުވި ހަޔާތް



All Right Reserved!