Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނިކަން ލޯބިން- 01

SomeOne Level 210 Stories
March 3, 2021 4 Mins Read
1 Comment

ނޯޓް: މި ވާހަކައަކީ އަޅުގަނޑު ވާހަކަ.ކޮމް އަށް ލިޔުނު ވާހަކައެވެ.

 

” ޢީދު އައީ ހިނިތުންވަމުން.. މީރުވަހުން ޖައްވު ހުވަނދުލަމުން”

“ރީތިވިހާ ލަވަކިޔަމުން….. މާމަލުގާ ނަލަ ކުލަ ޖައްސަމުން”

ހަމަ ހަގީގަތުގައިވެސް ޢީދު ދުވަސް އަހަރެމެންނާ ބައްދަލުކުރަނީ މޫނުމައްޗަށް ރީތި ހިނިތުންވުމެއް ގެނެސް ދެމުންނެވެ. މާމަލުގައި ރިތި ކުލަ ނުޖެހުނު ނަމަވެސް ،ގައިމުވެސް އެދުވަހުގެ މެންދުރު ވެގެން ދާއިރުގައި ރަށުގެ ގިނަމީހުންގެ މޫނާއި ގައި ހުންނަނީ އެކި ކުލަތަކުން ޖަރީވެފައެވެ.

އާދެ، 2002 ވަނަ އަހަރުގެ ޢީދު ދުވަސް ވެސް އަހަރެމެންނާ ބައްދަލު ކުރީ މިފަދަ ހިނިތުންވުމަކައިގެންނެވެ. ޢީދު ނަމާދުން ފައިބައިގެން މަގުތައްމަތީ ހިނގާފައި ދާއިރުގައި ޢީދާއި ގުޅޭ ފޯރި ގަދަ ލަވަތައް އިވެމުން ދެއެވެ. އެފަހަރުގެ ޢީދު ފާހަގަ ކުރުމަށް ޢާއިލާގެ 4 މީހުންނާއި އެކު އަހަރެން ހުރީ ކ.ދިއްފުށީގައެވެ. މިސްކިތުން ފައިބައިގެން އަހަރުމެން ތިބޭ ގެއާއި ހަމައަށް ނުދެވެނީސް އެކި ގޭގެއިން ނާސްތާކޮށްކޮށް ބަނޑު ފުރިއްޖެއެވެ. އެކި ގޭގެއިން ހެނދުނުގެ ސަޔަށް އިންސާފު ކުރުމަށް ދެމުން ދިޔަ ދަޢުވަތަށް ނޫނެކޭ ބުނަން ނުކެރެނީ އެ ރަށަކީ އާއިލާ ގިނަ ބަޔަކުވެސް ދިރިއުޅޭ ރަށަކަށްވާތީއެވެ.

ޢީދު ދުވަސް ފާހަގަކުރުމަށް އަހަރެމެން ދިއްފުށްޓަށް ދިޔައީ ޢީދު ދުވަހުގެ ކުރީ ދުވަހުގެ އިރު އޮއްސުނު ފަހުންނެވެ. އަހަރެމެން ތިބުމަށް ހަމަޖެހިފައި ހުރި ގެއަކީ މާގިނަބަޔަކު އުޅޭ ގެއެއް ނޫނެވ.އަހަރެން ބޮޑުބޭބެގެ އަންހެނުންނާއި 3 އަހަރުގެ ދަރިފުޅު އާލީ ފިޔަވައި އެގޭގައި ދިރިއުޅޭކަން އަހަރެންނަށް އެނގިފައި އޮތީ ފަހަރިގެ މަންމައާއި ބައްޕަ ގެ އިތުރުން ފަހަރިގެ ބޭބެ އާއި އަންހެނުން ނެވެ.  އެގެއަކީ 5 ކޮޓަރި ހުންނަ ބޮޑު ގެއެއްނަމަވެސް އަހަރެމެން ތިބީ އެއްކޮޓަރީގައެވެ.

ކޮންމެ އަކަސް ޢީދު ނަމާދަށްފަހު އެކި ގޭގެއިން ސަޔަށް އިންސާފުކޮށް ނިމި އެންމެ ފަހު ގެއިން އަހަރުމެން ގެއަށް ދިޔުމަށް ހިނގައި ގަތީމެވެ. އޭރު ގަޑިން 0930 ވަނީއެވެ. އެގަޑިއަކީ އެރަށުގައި ފެންޖަހާ ކުލަ ޖަހަންފަށާ ގަޑިކަން އަހަރެމެން ނުކުތް އިރުވެސް އެގޭ ސަޢީދާއްތަ އިންޒާރު ދިނެވެ. އަދި ޚާއްސަކޮށް މާނަލަ ވެގެން ރީތި ހެދުން ލައިގެން ތިބިނަމަ ނުރައްކާ ބޮޑުވާނެކަމަށް ވެސް ސަޢީދާއްތަ ބުންޔެވެ. އަހަރެމެން އެކަން އެހާ ބޮޑުކަމަކަށް ނަހަދައި ގެއަށް ދިޔުމަށް މިސްރާބު ޖެހީ ސައިދާއްތަމެން ގެއާއި އަހަރުމެން ތިބިގެއާއި މާދުރުނޫންކަމުން ސަލާމަތުން ދެވޭނެ ކަމުގެ އުންމީދު ބޮޑުވުމުންނެވެ. އެހެންނަމަވެސް މަގުގެ ވަކި ހިސާބަކަށް ނުދެވެނީސް އަހަރެންގެ ދައްތަ ގެ ބޮލަށް ފެންކޮތަޅެއް އަމާޒުވުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ދެން އިވުނީ ފަހަތުން ބަޔަކު ދުވެފައި އަންނަ އަޑެވެ. އަހަރެމެންވެސް ސަލާމަތްވުމަށް ދުއްވައިގެންފީމެވެ. ދިއްފުށްޓަކީ ކުރިންވެސް 2 ފަހަރަކު އަހަރެން ދިޔަ ރަށެއްކަމުން އެރަށުގެ މަގުތައް އަހަރެންނަށް އެނގެއެވެ. އެހެންކަމުން ބަލާކަށް ނުހުރެ ކައިރީގައި އޮތް ކުޑަގޯޅިއަށް ދުވެފައި އަހަރެން ވަނީ އަހަރެން ލައިގެން ހުރި ޢީދު ހެދުން ތެންމާލަން ބޭނުންނުވާތީއެވެ.

ދުވެފައިގޮސް ގޯޅިއަށް އެޅުމާއި އެކު ކުރިމަތިން އައި މީހެއްގެ ގައިގައި ވަރަށްބާރަށް ގޮސް އަހަރެން ލައިގަތެވެ. އަހަރެންނަށްވުރެ އިސްކޮޅުން ދިގު އެޒުވާނާގެ މޭމަތީގައި އަހަރެންގެ ބޮލުން ޖެހުމާއިއެކު “އައުޗް” އޭ ދެމީހުންނަށްވެސް ބުނެވެނެވެ. އަދި ހަމަ އެ ސިކުންތުގައި ފަހަތަށް ޖެހުލުމަށް މަސައްކަތް ކުރިނަމަވެސް ފަހަތަށް އަރިއަޅާލިއެވެ. އެވަގުތު އެ ޒުވާނާ އަހަރެން ނުހިފެއްޓިނަމަ އަހަރެން ނަގަން ޖެހޭނީ ބިންމަތިންކަން ޔަޤީނެވެ. ގަތް ލަދާއެކު ތެންކިޔުއޭ ބުނެލުމަށްފަހު އެމީހާގެ މޫނަށްވެސްބަލާ ނުލާ އަހަރެން ދުއްވައިގަތީމެވެ. އަހަރެން ދުވަމުން ދިޔަ އިރުގައިވެސް އެ ޒުވާނާގެ ގައިން ދުވި “ޓޮމް ފޯޑް” ސެންޓުވަސް ނޭފަތުގައި ހަރުލާފައި ހުއްޓެވެ.އަހަރެން ދުވުން މަޑުޖައްސާލި ގޭތެރެއަށް ވަދެވުމުންނެވެ. އޭރު އަހަރެންނާއި އެކު ދިޔަ އެންމެން ތެމި ފޯވެގެން އައިސް ގެއަށް ވަދެއްޖެއެވެ. ގެއަށް ވަތް އިރުވެސް އަހަރެންގެ މޭ ހުއްޓުމެއްނެތި ބާރަށް ތެޅެއެވެ. ދުވީމައި ވީ ވަރުބަލިންކަމެއް ނުވަތަ މަގުމަތިން ދިމާވި ހާދިސާގެ ސަބަބުންކަމެއް ބުނެދޭކަށް އަހަރެންނަކަށް ނޭގއެވެ.

 

ގެއަށް ވަނުމަށްފަހު އަހަރެން ގޮސް ސީދާ ކޮޓަރިއަށް ވަދެ ލައިގެން ހުރި ޢީދު ހެދުން ބާލާ އާދައިގެ ހަރުވާޅަކާއި ޓީޝާޓެއް ލައިގެން އާދައިގެ ކުޑަ ބުރުގައެއް އަޅާލައިގެން ބޭރަށް ބަދިގެ ފަރާތަށް ނުކުތީމެވެ. އެގޭގައި ނިދާބަޔާއި ބަދިގެ ހުންނަނީ ވަކިންކަމުން އެދެމެދުގައި ގަސް އިންދާ ބޮޑު ޖާގައެއް އޮވެއެވެ. އެތަނަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އެލުވާލާފައިވާ އުނދޯލިތަކާއި އެތަނުގައު ހުރި ބޮޑު ގުރާކޮށްޓެވެ.

އަހަރެން ބަދިގެ ފަރާތަށް ދިޔައިރުގައި ފިރިހެންވެރިން ތިބީ ކުކުޅު ކޮށާށެވެ. މެންދުރަށް ކެއްކުމުގެ މަސައްކަތުގައި ހުރިހާ އަންހެންވެރިން ވެސް ވަރަށް ބުރަކޮށް އުޅެއެވެ.ގޭގައި އުޅޭ މީހުންގެ އިތުރުން ބައެއް އަވަށްޓެރިންވެސް އެތަނުގައި ތިއްބެވެ. އަހަރެން ފެނުމާއިއެކު ފަހަރިގެ މަންމަ އަހަރެންނަށް ގޮވާލިއެވެ!

“އާޔާ! ފަހަރި ބުނީ އާޔާ ވަރަށް މީރުކޮށް ކައްކަޔޯ! ނިކަން މީރު އެއްޗެއް ކައްކާލަބަލަ! މެންދުރު ކާން އަންނަތަނުން އިންނާނޭ ރީތި ފިރިހެން ސޮރަކުވެސް ވެދާނެ!”

“ދައްތާ! އަހަރެން ދެން މީހަކާ ނީންދެވިގެން އުޅޭހާ މުސްކުޅިތަ؟ އަދި މި އުޅެނީ 25 އަހަރު ނުވެގެންނޭ”

އަހަރެންވެސް ސަކަގޮތަކަށް އެހެން ބުނެލުމަށްފަހު މެންދުރު ތައްޔާރުކުރުމަށް ކަނޑައެޅިފައިވާ ތަކެތި އޮޅުން ފިލުވީމެވެ. މެންދުރުގެ ކެއުމަށް އޭރު ބަތާއި ކަނޑުކުކުޅު ރިހަ އަދި ބަނބުކެޔޮ ބޮޑިބަތާއި ކަސްޓަޑް ކައްކާ ނިމިއްޖެއެވެ. އިތުރަށް ނުނިމިހުރީ ޑެވިލް ފިޝް އާއި ހަނާކުރި ކުކުޅުގެ އިތުރުން މުގުރިހަ އަދި ސެލެޑް އެވެ. އަހަރެންނަކީ ކުޑައިރުންސުރެ ކައްކާހަދާ މީހެއް ކަމުން،ފަހަރި ކައިރީ އަހައިގެން ތެއްޔެއް ހޯދާލުމަށްފަހު އެއް އުނދުނަށް މުގުރިހަ ކައްކަން އުދީމެވެ. އަދި އަނެއް އުނދުނުގައި ޑެވިލް ފިޝް ތައްޔާރު ކުރަން ފެށީމެވެ. ބޭރުގައި އެހެން މީހުން އެއްޗެހި ކޮށުމުގައި އަވަދިނެތި އުޅެއެވެ.

އަހަރެން މަސައްކަތުގައި ވަރަށް ޝައުގުވެރިކަމާއި އެކު އުޅެނިކޮށް، ބޭރުގައި އެއްޗެހިކޮށަން ތިބި އަންހެންވެރިން އަހަރެންނަށް ގޮވާލިއަޑު އިވުނެވެ. ކެކި ކެކި ހުރި މުގުރިހަ އެތި ބޭލުމަށްފަހު ޑެވިލް ފިޝް ތެލީގެ ގިނި މަޑުކޮށްލާފައި އަހަރެން ބޭރަށް ނުކުތީމެވެ.

“އޭ އާޔާ! ނިކަން އޭގެން ކުއްޖެއްގައިގަ ކުލަކޮޅެއް އުނގުޅާލަބަ! އަދި އެތިބީ ވަރަށް ރީއްޗަށޭ! އޭނދަ ލައިތް ރުޅިއައިސްދާނެތީ މީގެން މީހަކަށް ކައިރިވާންނުކެރޭނެ” އެތަނުގައި އިން މެދު އުމުރުގެ އަންހެނެއް، އެތާ އެވަގުތު އެއްޗެހިކޮށަން ތިބި ދެ އަންހެން ކުދިންނަށް އިޝާރަތްކޮށް އެހެން ބުނެލލިއެވެ. އަހަރެން އަވަސްވެ ގަތީ ކާކޮޓަރީގައި ތިބީ ކޮންބައެއްތޯ ބަލާލުމަށެވެ.ޒުވާން އުމުރުގެ 4 ފިރިހެން ކުއްޖެއް ސަޔަށް އިންސާފުކުރުމުގައި ތިއްބެވެ.

” އަހަރެން އެކަނި ދާކަށް ނުކެރޭނެ! ތިބުނީ ރުޅި އަންނާނެއޭ! އަނެއްކާ މަ ރަށުން ބާލަފާނެ!” އަހަރެންނަކީ ވެސް ސަކަ މިޒާޖެއްގެ އަނގަ ގަދަ ކުއްޖެކެވެ. އެހެންކަމުން އަހަރެން ނުކެރޭނެ ވާހަކަ ބުނީ ހިތާއި ދެކޮޅަށެވެ. އެތަނުގައި ދެން ޒުވާންކޮށް ތިބީ ފަހަރި ބޮޑުދައިތަގެ ދެ އަންހެން ކުދިންކަމަށްވާ ޝިއުނާ އާއި ޝައުމާއެވެ. ޝިއުނާ ވަގުތުން ފުންމައިގެން ތެދުވިއެވެ.

” އަހަރުމެންވެސް ދާނީއޭ! އެ މީހުން ހިތަކަށް ނާރާނެ ކުލަ އުނގުޅާނެއެކޭ! ކުލަ އުނގުޅާ ގޮތަށް ދުވެފަ ގެއިންނުކުންނަންވާނެ އެނގޭ! ” ޝިއުނާ އާއި ޝައުމާއަކީވެސް ހުސްހަށިބައި ދެ ޒުވާނުންކަމުން ފިރިހެން ކުދި ބަޔަކަށް މި ކަހަލަ ދުވަހެއްގައި ބޮޑިއެއްނުދީ ތިބެން އެކުދިންވެސް ބޭނުންނުވީ ކަންނޭގެއެވެ.

އަހަރެން ބަދިގޭގައި ކުރަންހުރިކަންކަން ފަހަރި އާއި ހަވާލުކުރުމަށްފަހު އަތަށް ކާކުލަ ފުޅިން އެއްބައި އަޅާލާ ފެންފޮދެއް އަޅާ ދެއަތަށް ހާކާލީމެވެ. އަދި ކާގެއަށް މިސްރާބު ޖެހީމެވެ. އޭރުވެސް ބޭރުގައި ރާވަމުން ދިޔަ ރޭވުމުގެ ކުޑަވެސް ހިޔާލެއް ފިކުރެއްނެތި އެ ހަތަރު ޒުވާނުން އެކި ވާހަކައިގައި ތިއްބެވެ.

“ދޮންތާ ކޮންމެސް ލައިތްބެ ގައިގަ ނުހާކާތި” ޝައުމާ ބިރުންހުރެ އެހެން ބުނި އަޑު އަހަރެން އެހީމެވެ. އެހެންނަމަވެސް އަހަރެން އެތަނުން އެބުނާ ލައިތްބެ ފާހަގަ ކުރާނީ ކިހިނެއްހެއްޔެވެ. އެއަށްވުރެ ކުރިން ކާގެއަށް ވަދެ އެ ދެމީހުން އެއް ފަރާތުން އަހަރެން ފުރަހަގަހުން ގޮސް އެންމެ ފަސޭހައިން ހޭކުނު މީހާގެ މޫނުގަ ކުލަ ހާކާލުމަށްފަހު ދުއްވައިގަތީމެވެ. އެތަނުން އެއް ޒުވާނަކު ސަލާމަތްވެ ދުވެފައި ގޮސް ބަދިގެއާއި ކާގެ ގުޅޭ ދޮރުން ބަދިގެއަށް ވަނުމަށްފަހު ދޮރުލެއްޕިއެވެ. އަހަރެމެން ގައިގައި ލެވުނު ބާރަށް ލާފައި ދުއްވާގަތް އިރު އެތަނުގައި ތިބި އެންމެ ސާބަސް ދެމުން ހަޅޭލަވަމުން ގެންދެއެވެ. އަހަރެމެން 3 މީހުން ފަހަތުން 3 ފިރިހެން ކުދިންނަށް ދުއްވާގަނެވުނީ ކުޑަ ތަންކޮޅެއް ފަހުންނެވެ. އޭރު އަހަރެމެން ގޭތެރެއިން ނުކުމެއްޖެއީމެވެ. އަހަރެމެން ޕްލޭން ކުރީ އެކި މީހުން އެކި ދިމާލުން ގޮސް އަހަރެމެން ތިބި ގެއާއި އިންވެގެން ހުރި ގޭތެރެއިން ފާރުމަތިން ގެއަށް ވަނުމަށެވެ. ޕްލޭން ކިތަންމެހާ ވެސް ފުރިހަމައެވެ. އެހެންނަމަވެސް މަގުމައްޗަށް ނުކުތްތަނާ އެހެން ގްރޫޕެއްގެ އަތްދަށުވެ ޝިއުނާ މޫދައްލާން ގެންދިޔަތަން އަހަރެމެން ދުށީމެވެ. އަހަރެންނާއި ޝައުމާ ޕްލޭން ކުރި ގޮތަށް ދެދިމާލަކަށް މިސްރާބު ބަދަލުކޮށްލީމެވެ. އޭރު އަހަރެން ފަހަތުން ދުވެފައި އައި ޒުވާނާ އަހަރެންނާއި ދާދި ގާތްވެއްޖެއެވެ. އަހަރެންނަށް އަތިރިމަގުން ދުވެފައި މީހުން މަދު ހިސާބަކަށް އާދެވުކަންވެސް ރެޔަކާލީ ވަރުބަލިވެގެން ގޮސް ހުއްޓި ފަހަތް ބަލާލުމުންނެވެ. އޭރުވެސް އަހަރެންގެ ފަހަތުން އެ މީހަކު ދުވެފައި އާދެއެވެ. އަހަރެން އަނެއްކާވެސް ދުއްވައިގަތީމެވެ. މާ ދުރަކަށް ނުދެވުނެވެ. އެޒުވާނާ އައިސް ފަހަތުން ބައްދައިގަތެވެ.ނަމަވެސް އެޒުވާނާ އޮފް ބެލެންސް ވެ މަގުމައްޗަށް ވެއްޓުނެވެ. އަހަރެންވެސް އެނބުރެލެވުމާއި އެކު އެ ޒުވާނާ ގައިމައްޗަށް ވެއްޓިއްޖެއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SomeOne

Level 210 Stories

Other Articles

Previous

ރީމާ – 7

Next

ޤާތިލް-7

Next
March 3, 2021

ޤާތިލް-7

Previews
March 3, 2021

ރީމާ – 7

One Comment

  1. redlailacrose says:
    March 3, 2021 at 9:51 pm

    Hi there. could u please comment on my stry loabiveriyeh thi nooney masheh neydhemey and loibahtakai aharen huva maru vs vedhaanamey. Anyways i really like this stry
    Stay safe ? stay home ?

Comments are closed.

Next Episodeނިކަން ލޯބިން- 2←


All Right Reserved!