Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނިކަން ލޯބިން- 2

SomeOne Level 210 Stories
March 5, 2021 4 Mins Read
1 Comment

ހަމުގެ ކުލަ ދޮން އެ ރީތި މޫނުގެ ދެ ކޯތާފަތާއި ކަރުދޮށްވަނީ ރަތް ކުލައިން ކިލަނބުވެފައެވެ. ތުނބުޅި ހުރީ ތުނިކޮށް ކޮށާލާފައެވެ. ލޮލުގެ ކުލަ އަޅި ބޮޑު ދެލޮލެވެ. ފަން ރީތި އިސްތަށިގަނޑެކެވެ. އޭނާލައިގެން ހުރި މަޑު ނޫކުލައިގެ ޓީޝާޓުގައިވެސް ރަތްކުލަ ހޭކިފައި ހުއްޓެވެ. އޭނާގެ ގައިން ދުވަމުން ދިޔަ މީރު މަޑުމަޑުވަހުން އަހަރެންގެ ހިތް ފުރެގެން ދިޔައެވެ. އެއީ ހަމަ ‘ޓޮމް ފޯޑް” ނޫން އެހެން ވަހެއް ނޫނެވެ.

“ނުވެސް ތެދުވާނަންތަ؟ އެހާ ލުޔެއް ނޫނޭ!”

އަހަރެންނަށް ހަމަހޭވެރިކަން ވީ އެޒުވާނާގެ އަޑުންނެވެ. ގަތް ލަނދުން ފުންމައިގެން ތެދުވީމެވެ. އަދި ފަސް އެނބުރި ބަލާވެސް ނުލާ ކުރިއަށް ހިނގައި ގަތީމެވެ. އަވަސް ހިނގުމެއްގައި ކުދި ގޯޅިތަކުން އަޅަމުންދިޔައީ އެ ޒުވާނާ ފަހަތުން އައިސް ‘ބޮނޑިއެއް”ދިންކަމުގައިވިޔަސް  ހެޔޮކަމުގައި ހިތުލައިގެންނެވެ. އަހަރެން ގެއަށް ވަންނަމުން ފަހަތް ބަލާލީމެވެ. އެ ޒުވާނާ ފަހަތުން އާދޭތޯ ބަލާލުމަށް އޮތް ޝައުގުވެރިކަން މާ ބޮޑުވީމައެވެ. ނަމަވެސް ކުޑަވަރެއްގެ ދެ ކުދިން ފިޔަވާ އެ މަގުމަތިން އިތުރު މީހަކު ފެންނާކަށް ނެތެވެ.

އަހަރެން ގެއަށްވަދެ ފުރަތަމަވެސް ބަލާލީ ފާރުގައި އިން ގަޑިއަށެވެ. އޭރު 11:30 ވެއްޖެއެވެ. ބަދި ފަރާތަށް ނުކުތްއިރު ބަދިގެ ނިންމާފައި ތަށިތައް ދޮންނުމުގައި އެންމެންއުޅެއެވެ. އަހަރެން ފެނުމާއިއެކު “މީ އަންހެން ކަނބަލަކޭ” ކިޔާފައި އެތަނުން މީހަކު ހަޅޭއްލަވައިގަތެވެ. އަހަރެން ހެމުންހެމުން ގޮސް ޖޯލީގައި އިށީނދެލީމެވެ.

” ޔާއްތާ! ކޮބާ ލަޒާނިޔާ ހަދަން މާލޭން ގެނައި އެއްޗެހި؟ އެ ހަދާބާ!” އަހަރެންނާއި އެކު ގޮސް ހުރި އަހަރެންގެ ދެބެންގެ ދެދަރި ކުއްޖެއް ޅަގޮތް ދައްކަމުން ބުނެލިއެވެ.

“އޭން؟ކޮންނިޔާ އެކޭ؟ ތީ މިރަށު މީހުން ކާއެއްޗެއް ނޫން! ” ފަހަރިގެ ބޮޑުދައިތަ އެހެން ބުނުމާއިއެކު އެތަނުގައި ތިބި އެންމެން ހޭން ފަށައިފިއެވެ.

“ތެދެއް ޔާ! ދޭބަލަ އެހަދަން.. އަދި ވަގުތު އެބައޮތެއްނު” އަހަރެން ގޮސް ކޮޓަރިއަށްވަދެ މާލޭން ގެންދިޔަ އެއްޗެހި ހިފައިގެން ލަޒާނިޔާ ހެދުމުގެ މަސައްކަތް ފެށީމެވެ. އެކަން ނިމުން އިރު މެންދުރު 12:30 ވެއްޖެއެވެ. އޭރު އެހެން މީހުން ވެގެން ކާން ހަދާނިމެނީއެވެ.

“އަންނާނަން އަހަރެންވެސް ނަމާދުކޮށްލައިގެން” އަހަރެން ނޫން  އެންމެން އޭރު މެންދުރު ނަމާދުކޮށް ނިމިއްޖެއެވެ. ކުޑައިރުއްސުރެ ނަމާދުކުރުމާއި ޤުރުއާން ކިޔެވުމަކީ އަހަރެންގެ މައިން ބަފައިން އަހަރެންނާއި ދޮންދައްތަ އަށް ބާރުއަޅާކަންކަމެވެ. އެހެންކަމުން މިއަދާ ހަމައަށްވެސް އެންމެ އިސްކަމެއް ދީގެން މައިންބަފައިން ކައިރީގައި ނެތްނަމަވެސް އަހަރުމެން އަޅުކަންތައް ބަރާބަރަށް އަދާކުރަމެވެ.

ކުޑަކޮށް ސާފުތާހިރުވެގެން ނަމާދުކޮށް ނިމިގެންވެސް އަހަރެން ކޮޓަރީގައި މަޑުކޮށްލީ މަންމަމެންނަށް ގުޅާލާފައި ދިޔުމަށްޓަކައެވެ. އަހަރެންގެ މަންމަ އަކީ ހދ.ހަނިމާދޫ ސްކޫލް ޓީޗަރެކެވެ. އެހެންކަމުން މަންމަ އާއި ބައްޕަ ދިރިއުޅެމުންދަނީ ރަށުގައެވެ. ދޮންތަ މާލޭގައި އޮފީހެއްގައި ޒިންމާދާރު ވަޒީފާއެއް އަދާކުރާއިރު އަހަރެންނަކީ ވެސް ސަރުކާރު އޮފީހެއްގެ އެސިސްޓެންޓް ޑިރެކްޓަރެކެވެ.އަހަރެންނާއި ދޮންދައްތަ މާލޭގައި ދިރިއުޅެނީ މަންމަ އެއްބަނޑު ދައްތައަކާއި އޭނާގެ ފިރިމީހާ އަދި 15 އަހަރުގެ ދަރިފުޅު ލައިބާ ގެ އިތުރުން ބޮޑުބެއާއި ފަހަރި އަދި އާލް ކައިރީގައެވެ. އަހަރެމެން ދިރިއުޅެނީ 3 ކޮޓަރީގެ ބޮޑު އެޕާޓްމަންޓެއް ކުއްޔަށް ނަގައިގެންނެވެ. އަހަރެމެން ދިއްފުށްޓަށް އައި ދަތުރަކީވެސް ފަހަރި އާއި އެކު އައިދަތުރެކެވެ. ފަހަރި ސްކޫލް ބަންދުވުމާއިއެކު ރަށަށް ދިޔަނަމަވެސް އަހަރެމެން އައީ އަހަރެންނަށް ޗުއްޓީ ހަމަޖެހުމުންނެވެ.އަދި  ބޮޑުދައިތަ ފިރިމީހާއަށް މި ދަތުރުގައި ބައިވެރި ނުވެވުނީ ޗުއްޓީ ނުލިބުމުންނެވެ.

މަންމައާއި ވީޑިއޯ ކޯލް ކޮށްގެން އެތަށް ވާހަކައެއް ދައްކަން އޮތުމަށްފަހު ބޭރުން ގޮވާލި އަޑު އިވުމުން ފޯނު ބޭއްވުމަށްފަހު ކޮޓަރިން ނުކުތީމެވެ.

“މިއޮއް އަންހެންވެރިން ކާން އެރީ! އާދޭ ކާން” އަހަރެންގެ ބޮޑު ދައިތަ އޭނާގެ ބާރު އަޑުން ގޮވާލިއެވެ.

އަހަރެމެން އެންމެން ކާން ތިބިގެން އެކި ވާހަކަ ދެއްކީމެވެ. ފަހަރިގެ މަންމަ އާއި ބޮޑުދައިތަ ސަކީނާއާއި އޭނާގެ ދެ ކުދިން ޝިއުނާ އަދި ޝައުމާވެސް އަހަރެމެންނާއި އެކު ކެއުމުގައި ބައިވެރިވިއެވެ.

“ޔާގެ ލަޒާނިޔާ އެނގޭ އެންމެ ހިނގީ.. ދެ ޓްރޭ އެއްކޮށް ހުސްކޮށްލައިގެން އެދިއައީ.. ލައިބާއަށް ވެސް އެތިކޮޅެއް ފޮރުވަން ޖެހުނީ. އަދި ވާނެ ފުރުމުގެ ކުރިން ލަޒާނިޔާ ހަދަން.. މިރަށުންވެސް ލިބޭނެ ބީފް އާއި އެއްޗެހި”  ފަހަރި އަހަރެންގެ ކެއްކުމަށް އަބަދުވެސްތައުރީފް ކުރެއެވެ.

“މި ފަހަރުދެން ތިޔަ ނިޔާގެ ރަހަވެސް ނުލިބުނީތާ! އަދި ވާނެ ހަދަން” ފަހަރިގެ މަންމަ ވެސް ފަހަރިއާއި އެއްބައިވެލިއެވެ.

މެންދުރުކައިގެން ޖޯލީގައި އެކި ވާޙަކަ ދައްކަން އެންމެން ތިބީ މާލި ނެރެން ވާއިރަށް ބަނޑުހަމަ ޖައްސާލަން ވެގެންނެވެ. އަހަރެންވެސް އުނދޯލީގައި ހަމަޖެހިފައި އޮށޯވެލީމެވެ. ބޭއިޚްތިޔާރުގައި އަހަރެންގެ ވިސްނުން އެވަގުތު ދަތުރުކުރީ މިއަދު ދިމާވި “ޓޮމް ފޯޑް” އާއި ދިމާލަށެވެ.އެއީ ކާކުބާއެވެ؟ އަހަރެންގެ ހިތް އަދި އެއްފަހަރު ނަމަވެސް އޭނާ ދެކެލުމަށް އެދެމުން ދިޔައެވެ. ރީއްޗަށް ބަލާލުމަށެވެ.

“އަޅެ ދެން ކިހާ ދެރަކަމެއް މީ! މިގޭތެރެއިން ކިރިއާ މިއަދު ސަލާމަތް ވީ! އެކަމަކު މަގުމަތިން ގޮސްގޮސް ހުއްޓަ ކުލަ ކޮތަޅެއް ޖަހައިފިއޭ! ފޯނުވެސް ތެމިއްޖެ! އެހެންވެގެންނޭ އީދަށް ރަށަށް ނާދެވެނީ!” އަހަރެން ހިޔާލީ ދުނިޔެއިން ނުކުމެވުނީ ޒުވާނަކު ކުދި ކިޔަމުން ގޭތެރެއަށްވަދެގެން އަންނަތަން ފެނުނީމައެވެ. އެ ޒުވާނާ ހުރީ ކުލައިން ތެމިފޯވެފައެވެ. އަޑުގައި ރުންކުރު ގޮތެއް ހުއްޓެވެ. އެއީ ހެނދުނު ސައިބޯން އިންތަނުން އެކަކުކަން އަހަރެންނަށް ފާހަގަވިއެވެ. އެވަގުތު އަހަރެންނަށް ހިތާހިތުން ބުނެލެވުނު ” މީދޯ ލައިތް އަކީ! ނަސީބެއްނު ކުލަ ނުހޭކުންކަން”.

“ކަލޯ ދެން އީދު ދުވަސް ދުވަހު ތިހެންވާނީ! ދެން ތެމެން ބޭނުން ނުވަންޔާ ބޭރަށް ނުނިކުމެ ކޮޓަރީގަ އޮވެބަލަ!” ސަކީނާއްތައަށް އެއްޗެއް ނުބުނެ އޮވެވޭ ގޮތެއް ނުވިއެވެ.

އެ ޒުވާނާ އިތުރަށް އެއްޗެއް ނުބުނެ އައިސް ގަސްތަކަށް ފެންދޭ ހޮޅިން ގައިގައި ހުރި ކުލަތައް ފިލުވާލުމަށްފަހު އަލުން ބޭރަށް ނުކުންނަން ހިނގައިގަތެވެ.

“ދޭއް ޖަހާއިރު މާލި ނެރޭނެ! ފޯނާ އެއްޗެހި ބާއްވާފަ ނުކުންނާތީ! އެމީހުން ދެލި ހާކާނެ”! ފަހަރި ހަނދާންކޮށްދިނެވެ. އަހަރެންހުރީ މާއްޔަށްވުރެ އެހެން އެއްޗެއް ހޯދުމަށް މަގުމައްޗަށް ނުކުމެލަން ބޭނުންވެފައެވެ. “ޓޮމް ފޯޑް” އާއި އަދި އެއްފަހަރު ނަމަވެސް ދިމާވޭތޯ އަހަރެން ހިތާހިތުން ދުޢާކުރެވުނެވެ.

ނަމަވެސް އެދުވަސް ނިމިގެން ދިޔައީ އަހަރެންނަށް “ޓޮމް ފޯޑް” ނުފެނިއެވެ. އާއިލާގެ އެހެން މީހުންނާއި އެކު ޢީދު ކުޅިވަރުތައް ބެލުމުގައި އެދުވަސް ނިމިގެން ދިޔައީއެވެ. ކުޑަކޮށް މާޔޫސްވިނަމަވެސް އެކަން އަހަރެން ނުދައްކަމުއެވެ. އަދި 5 ދުވަސް އެބައޮތްތާއެވެ. އަދި ހަމަ ފެނިދާނެ ނޫންހެއްޔެވެ. އެރޭގެ ޝޯ ބަލާ ނިންމާފައި އަހަރެމެންނަށް ގެއަށް އާދެވުނުއިރު 12 ޖަހާ ބޮޑުވެއްޖެއެވެ. ވެފަ ހުރި ވަރުބައްޔާއިއެކު އަހަރެންވެސް އަވަސް ވެގަތީ ނިދާލަން އޮށޯތުމަށެވެ.

ދެން އަހަރެންނަށް ހޭލެވުނީ ފަތިހު 05:30 ގައި  ދޮންދައްތަ ފަތިސް ނަމާދަށް ގޮވުމުންނެވެ. އަހަރެންވެސް މޫނު ދޮވެލާ ރީތިވެލުމަށްފަހު ނަމާދުކޮށްލައިން ބަދިގެ ފަރާތަށް ނުކުތީ ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމަށް އެހީވުމަށެވެ. ނަމަވެސް އަހަރެން ބަދިގެއަށް ދިޔައިރު ހެނދުނުގެ ނާސްތާހުރީ ތައްޔާރުވެ ނިމިފައެވެ. އޭރު ހައެއްޖަހަން އަދި ވަގުތުކޮޅެއް އޮތުމާއިއެކު އަހަރެން ބޭނުންވީ އިރުއަރާމަންޒަރު ބަލާލުމަށް އަތިރި މައްޗަށް ނުކުމެލާށެވެ. މަޑު ހިނގުމެއްގައިގޮސް އަތިރިމަތީގައި ދޮންވެލިގަނޑުމަތީގައި އިށީނީމެވެ. ތެލި ދޮންނަން އޮތް ދެ އަންހެނުން ފިޔަވާ އެވަގުތު އެތަނުގައި އެއްވެސް މީހަކު ނެތެވެ.އެވަގުތުވެސް އަހަރެންގެ ހިތަށް އެރީ “ޓޮމް ފޯޑް” ފެންނާނޭނަމައެވެ. އެހެންނަމަވެސް އެފަދަ ގަޑިއެއްގައި އެހާ ހެނދުނާ ނުހޭލާނޭކަން އަހަރެންގެ ސިކުނޑި އަހަންނަށްވިސްނައި ދެމުން ގެންދިއައެވެ.

ކުޑައިރުކޮޅަކު އެހެން އިނުމަށްފަހު ގެއަށްދާން އަހަރެން ހިނގައިގަތީ އަތިރިމަތިން ލާފައެވެ. ހިޔާލެއް ފިކުރެއްނެތި ހިނގާފައި ދަނީއޭ ބުނެފިނަމަވާނީ ދޮގަކަށެވެ. މަޑުމަޑުން ހިނގަމުން ގޮސް އަހަރެންނަށް ހުއްޓެވުނީ ފަހަތުން މީހަކު “ގުޑް މޯނިން” އޭ ބުނެލި އަޑަށެވެ. އަހަރެން ފަސް އެނބުރި ބަލާލުމާއި އެކު ދެން އެވީ ވާހަކަތަކުގައި ބުނާހެންނެވެ. ކަކުލު ހުޅުން ވާގި ދިޔަހެންހީވިއެވެ. ބަނޑު ތެރޭ ކޮކާ އުދުހެންފެށިއެވެ. މޫނު މައްޗަށް ޖަންބުކުލަ އެރިއެވެ. ދެންވެސް ހިޔާލީ ވާހަކަތަކުގައި އެވާހާ ގޮތެއް އަހަރެންނަށް ވިއެވެ. ވާނީވެސް އެހެންތާއެވެ! ކުރިމަތީ އެހެރީ އަހަރެންގެ “ޓޮމް ފޯޑް” އެވެ. ހަމަ އެ މީރު ސެންޓުގެ ވަހުން މުޅި ޖައްވު އެއްވަސް ކުރުވި ކަހަލައެވެ.

އަހަރެންވެސް މަޑު މަޑުން “ގުޑް މޯނިން” އޭ ބުނެލީމެވެ.

“އާޔާ ދޯ؟ ހާދަ ހެނދުނަކާ މިތާ ކީއްތިކުރަނީ” އެ ޒުވާނާ ވާހަކަ ދައްކަމުން މަޑުމަޑުން ހިނގަންފެށިއެވެ.

“ކަ….ކަމެއް ނުކުރަން..” އިސްޖަހާލަމުން މަޑުމަޑުން އަހަރެން ބުނީމެވެ. އަހަރެން މިއޮއް އަނގަ ގަދަ މީހާ ލަދުގަންނަން ދަސްކުރީ ކޮންއިރަކު ކޮންތާކުންބާއޭ އަހަރެން ހިތަށް އެރިއެވެ.

“ވަރަށް ހޯދިން ރޭގަވެސް ފެނޭތޯ. އެންމެ ފަހަރަކު ފެނުނީ އެވެސް އެންމެންނާ އެކީ ހުއްޓާ. އެހެންވެ ނުކެރުނީ ވާހަކަ ދައްކާލަން.” އަހަރެންގެ ހިތް އުފަލުން ނަށަންފެށިއެވެ

“ކިހިނެއްވީ އެއްޗެއް ނުބުނީ؟ އަނެއްކާ ވާހަކަ ދެއްކީމަ ހިތްހަމަ ނުޖެހުނީތަ؟” އަހަރެންވާހަކަ ނުދެއްކުމުން އެޒުވާނާ އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ.

“ނޫނެކެވެ. އަހަރެންގެ ހިތް އުފަލުން ނަށަނީއެވެ. ތިޔަ ޒުވާނާ ދެކިލާ ހިތުން ކެތްމަދުވެފައި ހުންނަތާ ކޮން އިރެއް ހެއްޔެވެ” އަހަރެންގެ ހިތް ވާހަކަ ދައްކަމުން ދިޔަނަމަވެސް އަހަރެންގެ ދުލުން އެންމެ ބަހެއްވެސް ބޭރެއް ނުވެއެވެ.

އަހަރެމެންނަށް ހިނގަމުން ގެ އިންނަ މަގާއި ހަމައަށް އާދެވިއްޖެއެވެ.

” އޮންނާނެ ޓީޝާޓް ނުދޮވެ ބާއްވާފަ. އެދޮވެދޭންވާނެ އެނގޭ! މެންދުރު އަދި ލަޒާނިޔާވެސް ހަދައްޗޭ” ސަކަރާގެއްގައި އެހެން ބުނެލުމަށް ފަހު އަހަރެންގެ “ޓޮމް ފޯޑް” ފަހަތަށް އެނބުރި އައި ދިމާލަށް ހިނގަންފެށިއެވެ. އަހަރެންވެސް އަވަސް އަވަހަށްގޮސް ގެއަށް ވަނީމެވެ. އޭރު ގޭ އެންމެންވެސް ތިބީ ސައި ބޯށެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

SomeOne

Level 210 Stories

Other Articles

Previous

އަންނަންދެން ހުންނާނަން ލޯބިން 24

Next

ލޯތްބަށްޓަކައި އަހަރެން ހުވާ މަރުވެސް ވެދާނަމޭ 2

Next
March 6, 2021

ލޯތްބަށްޓަކައި އަހަރެން ހުވާ މަރުވެސް ވެދާނަމޭ 2

Previews
March 5, 2021

އަންނަންދެން ހުންނާނަން ލޯބިން 24

One Comment

  1. Boaganvilla says:
    March 7, 2021 at 12:40 am

    މީފެންވަރުގެ ރީތި ވާހަކައަކަށްވާނެ މިވާހަކަ ކީ އިރު ހީވީ ވާހަކަ ތެރޭ އުޅެވުންހެން ވަރަށްހަބޭސް ކުރިއަށް އޮތްބަޔަށް ވަރަށް އިންތިޒާރުކުރަން ވަރަށް އަވަހަށް 3ވަނަބައި ކިޔާލަންލިބޭނެކަމަށް އުއްމީދުކުރަން
    All the best ….inshallah you can be a great writer

Comments are closed.

Next Episodeނިކަން ލޯބިން-3←


All Right Reserved!