މި ހިތުން މަޤާމޭ މި ދެނީ 21
“އަހަންނަށް ހުވަފެނެއްތަ މި ފެންނަނީ؟” އައިދަން ގައިގައި ބައްދާލައިގެން ހުރެ މައިރާ އަހާލީ އެއީ ހަގީގަތެއް ކަން ޔަގީން ނުވެފައި ހުރި ކަހަލަ ގޮތަކަށެވެ.
“ހުވަފެނެއް ނޫން” އައިދަން ޖަވާބުދިނެވެ.
އެއާއެކު މައިރާ އައިދަންއާ ދުރަށް ޖެހިލާ އައިދަންގެ މޫނަށް ބަލާލިއެވެ. އެއް އަތް ހިއްލާ އައިދަންގެ މޫނުގައި ޖައްސާލިއެވެ. މައިރާ ރޯން ފެށީ ދެނެވެ.
“އައިދަން… ތީ ހަމަ އައިދަންތަ؟” ރޮމުން މައިރާ އަހާލިއެވެ. ބޯ ޖަހާލަމުން އައިދަން ކުރިއަށް ޖެހިލާ ދެ އަތުން މައިރާ ގެނެސް މޭގައި ޖައްސާލިއެވެ.
އެ ހުރިހާ އިރު އެ މަންޒަރު ބަލަން ހުރި ޒިއާމް ލޯ މަރާލަމުން އަނެއް ފަރާތަށް އެނބުރި ގޮނޑީގައި ހިފަހައްޓާލިއެވެ. އައިދަންއާ މައިރާއަށް އެކަކު އަނެކަކު ފެނުމުން ވީ ގޮތް ހިތާ ސިކުނޑީގައި ތަކުރާރުވަމުން ދިޔައެވެ. އެހެން ހުރެފައި ޒިއާމް ސިހުނީ ޒައިނާ އައިސް ޒިއާމްގެ ކޮނޑުގައި އަތް ޖައްސާލުމުންނެވެ.
އައިދަންގެ މޭގައި ބޯ ޖައްސާލައިގެން ރޯން ހުރި މައިރާގެ ހިތަށް ޒިއާމްގެ ނަން އައީ ކުއްލިއަކަށެވެ. ވަގުތުން އައިދަންއާ ދުރަށް ޖެހިލާ ދެ ލޯ ފޮހެލިއެވެ. މޭޒު ކައިރީ ޒައިނާއާ ޒިއާމް ތިބި އިރު ޒިއާމް ހުރީ އެ މީހުންނަށް ފުރަގަސް ދީގެންނެވެ. ކުށްވެރި އިހުސާސަކާއެކު މައިރާއަށް އިސް ޖަހާލެވުނެވެ. އެހެން ހުރެފައި ހިތަށް އެރި އެއްޗަކުން މައިރާއަށް އެއްފަހަރު ޒިއާމްއަށް، އަނެއް ފަހަރު އައިދަންއަށް ބަލާލެވުނެވެ. މީހަކު ބުނުމަކާ ނުލާ ކުއްލިއަކަށް ޒިއާމް ކުރި ދަތުރުގެ މަގްސަދު މައިރާއަށް ވިސްނުނީއެވެ. އެ ދުވަހު އޮފީހުން އައިސް ފުރަން ވަންދެން ޒިއާމްގެ މިޒާޖަށް އައިސްފައި ހުރި ބަދަލުގެ އަސްލު މައިރާއަށް ވިސްނުނެވެ. އެ ދުވަހު ޒިއާމްއަށް ދެން ބޭނުން ވި ޚަބަރުގެ މަތިން ހަނދާންވެ މައިރާއަށް ބަނޑުގައި އަތް ޖައްސާލެވުނެވެ.
ލޮލުން އައި ކަރުނައާއެކު މައިރާއަށް ބަލާލެވުނީ އައިދަންއަށެވެ. ބަނޑުގައި އަތް ޖައްސައިގެން ހުރި އިރު، އައިދަންއަށް ބަލާލުމުން މައިރާ ހަނދާންވީ ވަކިވެ ގޮސްފައިވާ ދަރިފުޅު މަތިންނެވެ. އެއާއެކު މޫނުގައި އަތް އަޅާލި މައިރާ ހުރި ދިމާލަށް ތިރިވިއެވެ.
“މައި…” ކައިރީ އިށީނދެ މައިރާގެ ގައިގައި އައިދަން ބައްދާލަން އުޅުނެވެ. ނަމަވެސް މައިރާ އައިދަންއާ ދުރަށް ޖެހުނެވެ.
“އައިދަންއަކަށް ނޭނގޭނެ… އެ ދަރިފުޅުވެސް އަހަންނާ ވަކިވެގެން ދިޔައީ… ޒިއާމް…! އަހަރެން… އަހަރެން…” މައިރާއަށް ވާހަކައެއް ނުދެއްކުނެވެ.
މައިރާގެ ދުލުން ޒިއާމްގެ ނަން ބުނުމާއެކު ޒިއާމް އައިސް މައިރާގެ އަނެއް ފަރާތުން އިށީނެވެ.
“ޒިއާމް…؟” ސުވާލުން ފުރިގެން ވީ ބެލުމަކުން މައިރާ ޒިއާމްއަށް ބަލާލިއެވެ.
“އައިމް ސޮރީ…” ޒިއާމްއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ.
ލޮލުން ފައިބައިގަތް ކަރުނައާއެކު މައިރާ ޒިއާމްގެ އަތްތިލައިގައި ހިފާލަމުން އަތުގައި އޮތް ޕްލާސްޓިކްކޮޅު އެ އަތަށް ލިއެވެ. އެއަށް ބަލާލި ޒިއާމްގެ މޭގައި ނޭވާ ތާށިވި ކަހަލައެވެ.
“މައި…” ޒިއާމްއަށް ގޮވާނުލެވެނީސް މައިރާ ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާ ތަޅުލިއެވެ. އިން ތަނުން ތެދުވެ ޒިއާމް އަތުގައި އޮތް ޕްރެގްނެންސީ ކިޓަށް ބަލާލިއެވެ. އޭގައި އިން ރަތްކުލައިގެ ދެ ރޮނގު ފެނުމުން ހިތުގެ ތެޅުން އިންތިހާއަށް އަވަސް ވެގެން ދިޔައެވެ. އުފަލުން ހިތް ނަށާލި ނަމަވެސް ނުތަނަވަސް ކަމެއްވެސް ހިތަށް ވެރިވެގެން ދިޔައެވެ. އެ ވަގުތުގެ ޙާލަތު ހިތަށް އެރުމުން ޒިއާމްގެ ލޮލުން ކަރުނައައެވެ. ދެ އަތުގެ ތެރެއަށް މައިރާ ގެންނަން ބޭނުން ވެގެން ހިތް ތެޅިފޮޅިގަތް ކަހަލައެވެ. އެހެން ނަމަވެސް ޒިއާމްއަށް ބަލާލެވުނީ ކައިރީގައި ހުރި އައިދަންއަށެވެ.
ޒިއާމްއާ އެކު ތެދުވި އައިދަން ޒިއާމްގެ އަތުން އެ ކިޓް ނަގާ ބަލާލިއެވެ. އެއާއެކު އައިދަންގެ ހިތުގައި ސުވާލުތައް އެނބުރިގަތެވެ.
“މައިރާ ބަނޑުބޮޑު…؟” ހިތުގައި އުފެދުނު ސުވާލުތަކުގެ ތެރެއިން އައިދަންއަށް ކޮށްލެވުނީ އެންމެ ސުވާލެކެވެ.
އެހާ ދުވަސް ވީ އިރު އެގޭގައި މައިރާ ހުރީ ކީއްވެ ހެއްޔެވެ؟ މައިރާ ކައިވެންޏެއް ކުރި ވާހަކައެއް ޒިއާމް ނުބުނެއެވެ. އެ އެޕާޓްމެންޓްގައި މައިރާ އުޅޭ އިރު އެ ތަނުގެ ތަޅުދަނޑި ޒިއާމް އަތުގައި އޮތީ ކީއްވެ ހެއްޔެވެ؟ މައިރާ ބަނޑު ބޮޑީ ހެއްޔެވެ؟ އެހެން ވިޔަސް އެ ކިޓް މައިރާ ޒިއާމްގެ އަތަށް ދިނީ ކީއްވެ ހެއްޔެވެ؟
“ޝީ ގޮޓް މެރިޑް؟” އައިދަން އަހާލިއެވެ. ޖަވާބުގައި ޒިއާމް ބޯޖަހާލީއެވެ.
މައިރާގެ ކައިވެނީގެ ވާހަކަ އައިދަން ގާތު ޒިއާމް ނުބުނީ ކީއްވެ ހެއްޔެވެ؟ މައިރާ އެހެން ކައިވެންޏެއް ކުރި އިރު ދިރިއުޅެނީ އަދިވެސް އެ އެޕާޓްމެންޓްގައި ހެއްޔެވެ؟ އެކަމަކު އެ ތަނުގެ ތަޅުދަނޑި ޒިއާމް އަތުގައި އޮތީ ކީއްވެ ހެއްޔެވެ؟ ބެލް ޖަހާލުމެއް ނެތި، މައިރާއަށް ގުޅާލުމަކާ ނުލާ ޒިއާމް އެ ތަނަށް ވަނީ ކީއްވެ ހެއްޔެވެ؟ އެ ހުރިހާ ކަމަކަށް ވުރެ އައިދަންގެ ހިތަށް އުނދަގޫ ކުރީ އެ ޕްރެގްނެންސީ ކިޓް މައިރާ ޒިއާމްގެ އަތަށް ދިނުމުންނެވެ. އޭގެ މާނައަކީ ކޮބާ ހެއްޔެވެ؟
ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން އައިދަންއަށް ޒިއާމްއާ ދިމާއަށް ބަލާލެވުނެވެ.
“ޝީ އިޒް ޔޯ ވައިފް!” އައިދަން ކުރީ ސުވާލެއް ނޫނެވެ.
ޒިއާމް އަނެއްކާވެސް ބޯ ޖަހާލިއެވެ.
“ތީ… ޒެޑްއަކީ މައިރާގެ ފިރިމީހާ؟ ޒެޑް މެރީ ކުރީ މައިރާއާ؟” ހައިރާންކަން އެކުލެވިފައިވި އަޑަކުން އައިދަން އަހާލީ އެކަން ޔަގީން ކުރަން ބޭނުން ވެގެންނެވެ.
“މައިރާއަކީ އަހަރެންގެ އަންހެނުން، އަހަރެން މީ މައިރާގެ ފިރިމީހާ” ޒިއާމް އެންމެ ފަހުން ބުންޏެވެ.
ހައިރާން ވީ ވަރުން ބުނާނެ އެއްޗެއް ނޭނގިފައި ޒިއާމްއާ ދިމާއަށް ބަލަހައްޓައިގެން އައިދަން ހުރީއެވެ.
ދެ އަތުން ބޮލުގައި ހިފާ ލޯ މަރާލަމުން އައިދަން އަނެއް ފަރާތަށް އެނބުރުނެވެ. އެއްޗެއް ނުބުނެ ގޮސް ސޯފާގައި އިށީނދެ މޫނުގައި ދެ އަތް އަޅައިގެން އިރުކޮޅަކު އިނެވެ.
“ކޮން އިރަކު… ކޮން އިރަކު މެރީ ކުރީ؟” އެހެން އިނދެ އައިދަން އަހާލިއެވެ.
“އެއް އަހަރާ ހަތްމަސް ވަނީ” ޒިއާމް ޖަވާބުދިނެވެ.
“ޒެޑް ގޮޓް މެރިޑް! އެވެސް މައިރާއާ…” އެއީ އައިދަންއަށް ގަބޫލު ކުރަން ދަތިވި ކަމެކެވެ.
އައިދަން ބުނި އެއްޗަކަށް ޒިއާމް ޖަވާބެއް ނުދިނެވެ.
“އެ ހުރިހާ ދުވަހު… ކުއްޖަކާ ރައްޓެހި ނުވެ ހުރެފަ… މެރީ ކުރަން ބޭނުން ނުވެ ހުރެފަ…” ދެންވެސް ވާހަކަ ދައްކަމުން ދިޔަ އައިދަން ބުނަމުން ދިޔަ އެއްޗެއް ކުއްލިއަކަށް ހުއްޓާލާފައި ޒިއާމްއަށް ބަލާލިއެވެ.
“ޒިއާމް… ވޯޒް އިޓް ހަރ؟ ޒެޑް އެ ހުރިހާ ދުވަހު ލޯބިވީ މައިރާ ދެކެތަ؟” ހިތަށް އެރި ބަސްތައް އައިދަން ދުލުން ބުނެލިއެވެ.
ޒިއާމް ދެންވެސް ޖަވާބެއް ނުދިނެވެ.
“އޯހ މައި ގޯޑް!” އެއް އަތުން އިސްތަށިގަނޑުގައި އަތްފުނާ އަޅާލަމުން އައިދަންއަށް ބުނެވުނެވެ.
އައިދަންއާ ދިމާއަށް ޒިއާމް ބަލާލިއެވެ. އެއާއެކު ޒިއާމްގެ ހިތުން އަޑުއައެވެ. ޒިއާމްއަށް ދެން މައިރާ ދޫކޮށެއް ނުލެވޭނެއެވެ. ދެވަނަ ފަހަރަށް އެ ކަމެއް ޒިއާމްއަކަށް ނުކުރެވޭނެއެވެ. އެހެން މީހަކަށް މައިރާ ދޫކޮށްލާކަށް ދެން އެ ހިތަކަށް ކެތެއް ނުވާނެއެވެ. އެއަށް ވުރެ މަރުވުންވެސް ޒިއާމްއަށް މާ ރަނގަޅެވެ. އުމުރުގައި ފުރަތަމަ ފަހަރަށް އައިދަންއާ ދެބަސް ވާން ޖެހުނަސް ޒިއާމްއަކަށް ފަހަތަކަށް ނުޖެހެވޭނެއެވެ. ފުން ނޭވައެއް ލަމުން ޒިއާމް ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.
“އެ ހުރިހާ ދުވަހު ޒެޑް ލޯބި ވީ މައިރާ ދެކެ. އަހަރެން މައިރާއާ ރައްޓެހިވީމަ ޒެޑް ދިޔައީ އެހެންވެ. އަހަރެން އެ ވަރަށް އެހީމަ ނުބުނީ އެއީ މައިރާ ވީމަ. ގޯޑް! އެ ހުރިހާ ދުވަހު ޒެޑް ކުރިމަތީގަ އަހަރެން…” ޒިއާމްގެ ހިތުގައި ހިނގަމުން ދިޔަ ޚިޔާލުތަކުގެ ހިލަމެއް ނުވެ ހުރި އައިދަން އަމިއްލަ ނަފްސާ ވަހަކަ ދައްކަމުން ދިޔައެވެ. ހުރިހާ ކަމެއް ވިސްނުމުން އައިދަންއަށް އަމިއްލަ ނަފްސު ދެކެ ރުޅި އާދެވުނެވެ. ޒިއާމްގެ ހިތުގެ ޙާލު ނޭނގި ހުރެ އެ ހިތަށް އައިދަންގެ ފަރާތުން ލިބުނު އަނިޔާއަށް ޓަކާ މާފަށް އެދެން ބޭނުން ވިއެވެ.
“ޒެޑް، އައި ޑިޑްންޓް ނޯ… ހިތަށްވެސް ނާރާ… އެންޑް އައި ހަރޓް ޔޫ ސޯ މަޗް… ކީއްވެ ނުބުނީ؟ އެއް ފަހަރުވެސް ޒެޑް ބުނި ނަމަ އަހަރެން ކިތަންމެ ލޯބި ވިޔަސް މައިރާއަކާ ނީންނާނަން… އެ ގޮތަށް އަހަރެން ޒެޑްއަށް ހަރޓްއެއް ނުކުރާނަން… މައިރާއަށް ވިސްނޭނެ… ތީ މައިރާގެ ބެސްޓް ފްރެންޑެއްނު؟ އޭނައަށް އެނގުނު ނަމަ އޭނައަށްވެސް ވިސްނޭނެ… ކީއްވެ ނުބުނީ؟ އަހަރެން ކިހާ ވަރަކަށް ސުވާލު ކުރިން…” ޒިއާމް ކުރިމަތީ ހުއްޓިފައި އައިދަން ޝަކުވާ ކުރިއެވެ.
ހައިރާންވެފައި ޒިއާމްއަށް އައިދަންއާ ދިމާއަށް ބަލަން ހުރެވުނެވެ. އައިދަންގެ ވާހަކަ ހުރީ ޒިއާމް ހީކުރި ގޮތަކަށް ނޫނެވެ. އެއްޗެއް ނުބުނެވިފައި ޒިއާމްއަށް ހުރެވުނީ އެހެންވެއެވެ.
“ޒިއާމް!” ޒިއާމްގެ ކޮނޑުގައި ހިފާލަމުން އައިދަން ގޮވާލިއެވެ.
“ތިހެންވެ ނުބުނީ. އަހަރެން ދެރަވާ ވަރުގެ ކަމެއް އައިދަން ނުކުރާނެ ކަން އެނގޭތީ. ހަމަ އެހެން އައިދަން ދެރަވާނެ ކަން އެނގޭތީ ނުބުނީ” އައިދަންގެ ވާހަކަ އަޑު އިވުމުން އައިދަންއާ ކުރަން ތައްޔާރުވަމުން ދިޔަ ހަނގުރާމައިގެ ހުރިހާ އަސަރެއް ޒިއާމްގެ ހިތާ ސިކުނޑިން ފިލައިގެން ދިޔައެވެ.
“އައި އެމް ސޯ ސޮރީ ބްރަދަރ…” އައިދަން މާފަށް އެދުނެވެ.
“ނޯ! މާފަށް އެދެން ޖެހޭ ވަރުގެ ކަމެއް އައިދަން ނުކުރޭ. އަހަރެން ވަރަށް މަސައްކަތް ކުރިން މައިރާ ދެކެ ވާ ލޯބި ހިތުން ފޮހެލަން. ވަރަށް މަސައްކަތް ކުރިން އެ ގޮތަށް މައިރާއާ މެދު ނުދެކެން. ފަހުންވެސް ޓްރައި ކުރިން ދުރުގަ ހުންނަން. އައިދަންއަކަށް ނޭނގޭނެ އަމިއްލަ ނަފްސާ އަހަރެން ހަނގުރާމަ ކުރި ވަރެއް. އެކަމަކު އަހަންނަކަށް ކާމިޔާބެއް ނުވި. މައިރާ ދެކެ ވެވުނު ލޯބި ހިތުން ފިލުވައެއް ނުލެވުނު. އެހެން ވިޔަސް އެއީ އައިދަންގެ އަމާނާތެއް ކަމަށް ހިތަށް ވިސްނައިދޭން އުޅުނިން. ވަރަށް ދުވަހު ހުރިން ދުރުގަ. ދުވަހަކުވެސް ކުރަން ހިތަށްވެސް ނާރާ ކަންތައް ކުރިން މައިރާގެ ހިޔާލު ހިތުން ފޮހެލަން. އައި ކުޑްންޓް. އައި ލަވް ހަރ އައިދަން، އައި ލަވް ހަރ ޓޫ މަޗް… އައި ކާންޓް ލެޓް ހަރ ގޯ… އައި ޖަސްޓް ކާންޓް…” ޒިއާމްގެ ހިތުގައި އެހާ ދުވަސް ވަންދެން މައިޜާއާ މެދު ވީ އިހުސާސްތައް، ފުރަތަމަ ފަހަރަށް އައިދަންގެ ކުރިމަތީ ޒިއާމް ހާމަ ކުރިއެވެ. މައިރާއާ ދެން ވަކި ވާން ޖެހިއްޖެ ނަމަ ޒިއާމްއަށް ނޫޅެވޭނެ ކަން އެނގޭތީއެވެ.
އެއްޗެއް ނުބުނެ ޒިއާމް ގައިގައި އައިދަން ބައްދާލިއެވެ.
އައިދަން ވިސްނާލިއެވެ. ޒިއާމް އެ ދެއްކި ވާހަކައާ މެދު އައިދަންގެ ހިތުގައި އެއްވެސް ޝައްކެއް ނެތެވެ. އެ ފަދަ ކަންތައްތަކަކީ އެއްވެސް މީހެއްގެ ބާރު ހިނގާ ކަންތައްތަކެއް ނޫނެވެ. އައިދަންގެ ހިތުގައި ވާ އެއްޗެއް އެނގެނީ އައިދަންއަށެވެ. ޒިއާމްއާ ޙިއްސާ ނުކޮށް އައި ވާހަކަތައް ބުނެދޭން ވީ ވަގުތު އައީ ކަން އައިދަންއަށް ވިސްނުނެވެ.
އައިދަންއާ އެކު ޒިއާމް ސޯފާގައި އިށީނެވެ.
“ޒިއާމް… އަހަރެން އޭރު ހިއެއް ނުކުރަން މައިރާ ނޫން ކުއްޖެއް ދެކެ ދެން ލޯބި ވެވިދާނެ ކަމަކަށް. އެކަމަކު… ސޯ މަޗް ހޭޒް ޗޭންޖްޑް… އެކޮޅުގަ މި ވާހަކަތައް ކިޔާނުދެވުނީ، ކަންތައް ކުރެވުނު ގޮތުން ގިލްޓީ ވީ ވަރުން… ޒެޑް، އައި ގޮޓް މެރިޑް…” އައިދަން ލަސްލަހުން ކިޔާދޭން ފެށިއެވެ.
އެ ހާދިސާގައި އައިދަންއަށް ލިބުނު އަނިޔާގައި ނުހިނގިފައި އޮތް އިރު އައިދަންގެ ހުރިހާ ކަމެއް ކޮށްދިނީ ޖީހާންއެވެ. އަމިއްލައަށް ތެދުވެ ހިނގާ އުޅެވެން ފެށީ އެހެން އޮންނަތާ ހަތްމަސް ވީ ފަހުންނެވެ. އެ ހުރިހާ ދުވަހު، އެއްވެސް ޝަކުވާއެއް ނެތި އައިދަންއަށް ބޭނުންވި ކޮންމެ ކަމެއް ކޮށްދިން އަންހެން ކުއްޖާއާ މެދު އައިދަންގެ ހިތުގައި ޚާއްސަ މަގާމެއް އުފެދުނީ އަމިއްލަ ދިރިއުޅުމުގެ އެއްވެސް ކަމެއް ނޭނގި ހުރެއެވެ. ފަސް އަހަރު ވީ އިރު ހިތުގައި ވީ އެއްޗެއް ހާމަ ނުކޮށް ހުރި އައިދަން ޖީހާންގެ ކައިވެންޏަށް އެދުނީ، އިޚްތިޔާރެއް ނެތި އެ ދެމެދުގައި ހިނގި ގާތް ގުޅުމަށް ފަހުއެވެ. އެ ހުރިހާ ދުވަހު އެ މީހުންނާ އެކު ދިރިއުޅެމުން އައި އައިދަންއަށް ސޯފިޔާއާ އާފާގު އިތުބާރު ކުރިއެވެ. އައިދަންއަކީ ކާކުކަން ނޭނގޭ އިރުވެސް ދެކޮޅު ނުހަދާ އައިދަންއާ ޖީހާންގެ ކައިވެނި ކޮށްދިނީ އެހެންވެއެވެ. އެ ކައިވެންޏަށް އަހަރެއް ވީ ތަނާ ހުރިހާ ކަމެއް ހަނދާން ވުމުން އެއްވެސް ކަމެއް ސިއްރު ނުކޮށް ޖީހާންއަށާ އެ އާއިލާއަށް އައިދަން ކިޔާދިނެވެ.
“މައިރާއަކީ އަހަރެންގެ އަނތްބަކަށް ފުރަތަމަ ވީ އަންހެން ކުއްޖާ، އަހަރެންގެ ފުރަތަމަ ދަރިފުޅުގެ މަންމަ. އެހެން ވިޔަސް މިހާރު އަހަރެންގެ ހިތުގަ އޭރު މައިރާ ދެކެ ވެވުނު ލޯތްބެއް ނެތް. ދަރިފުޅަށް ކަންތައް ވީ ގޮތުން ވަރަށް ދެރަވޭ، ހިތަށް އަރާ އެހެން ގޮތަކަށް ވީ ނަމައޭ. އެކަމަކުވެސް ކޮންމެ ކަމެއްވެސް ވާނީ އެކަމެއް ވާން ހުރި އެންމެ ރަނގަޅު ގޮތަކަށް. އަހަންނާ މައިގެ މެދުގަ އެއްވެސް ގުޅުމެއް މިހާރަކު ނެތް، އެހެން އެވީ ޒެޑްއާ މައި ގުޅެން އޮތީމަ ކަންނޭނގެ. ކުރިން ހުރީ މައި ބޭނުން ވާ ގޮތެއް ހަދަން ނިންމައިގެން، އެކަމަކު ހުރިހާ ކަމެއް ބަދަލުވެއްޖެ. ކުރިން މިހެން ބުނަން ނުކެރިފަ ހުރީ، އެކަމަކު މިހާރު ބުނެވިދާނެ. ޒެޑް، އައި ލަވް ޖީހާން” އިސްޖަހައިގެން ހުރެ އައިދަން ވާހަކަ ދެއްކީ ކުށްވެރިއަކު ފަދައިންނެވެ.
“އައި ހޭވް ޓު ޓޯކް ޓު ހަރ…” ވިސްނަން އިނދެފައި ޒިއާމް ބުނެލިއެވެ.
“ގޯ! ދޭ މައި ކައިރިއަށް. އޭނަ އެ ދިޔައީ ވަރަށް ހަރޓް ވެގެން، ކޮންފިއުޒް ވެގެން. އަހަރެން އައީމަ… އެއީ ޒިއާމްގެ ވައިފް. އަހަރެން މީ މާޒީ. ތީ މިހާރު މައިގެ ހުރިހާ އެއްޗަކީ. އެންޑް ޝީ އިޒް ޕްރެގްނަންޓް. ކުރިން ވީ ގޮތުން ދެރަވެ ބިރުވެސް ގަނެފަ ހުންނާނީ. އަހަރެންގެ ހިތުގަ ޒެޑްއާ މެދު ދުވަހަކުވެސް ބުރައެއް ނުވާނެ. ކަންތައް މިވީ ހަމަ އެންމެ ރަނގަޅަށް. މައި ދެކެ ޒިއާމް ލޯބި ވާ ވަރަށް އަހަންނަށްވެސް ނުވެވުނު. އެހެންވެ އެހެން މީހަކު އަހަރެންގެ ލައިފްއަށް ގެނެވުނީ. އައި ވިޝް ޔޫ ބޯތް އޯލް ދަ ހެޕިނެސް އިން ދަ ވްރލްޑް! ދޭ ދެން. ޝީ ނީޑްސް ޔޫ މިހާރު” އައިދަން ޒިއާމްގެ ބުރަކަށީގައި އަތް ޖައްސާ ކޮޓަރިއާ ދިމާއަށް ކޮއްޕާލިއެވެ.
އަނެއްކާވެސް އައިދަން ގައިގައި ބައްދާލާފައި ޒައިނާއަށް ބަލާލާފައި އަޒްމަން ތިރީގައި ހުރި ވާހަކަ ބުނެފައި ކޮޓަރިއާ ދިމާއަށް ދިޔަ އިރު ޒިއާމްގެ ހިތުން ބޮޑު ބުރައެއް ލުއިވެފައި ވާ ފަދަ އިހުސާސެއް ކުރެވުނެވެ.
“ޒެޑް! ކޮންގްރެޗުލޭޝަންސް މޭން!” ޒިއާމްގެ ކޮނޑުގައި ހިފާ ހުއްޓުވާފައި އަތުގައި އޮތް ޕްރެގްނެންސީ ކިޓް ޒިއާމްގެ އަތަށް ލައިދެމުން އައިދަން ހިނިއައިސްފައި ބުންޏެވެ.
އަތްތިލަ ލައްޕާލާފައި ޒިއާމް ކޮޓަރިއާ ދިމާއަށް ދިޔައެވެ.
“ދެން ހުރިހާ ކަމެއް ހަނދާން ނައްތާލާފަ މުޅި ރޭ އެހެން ކަމެއް ކުރާނީއެއް ނޫން… އަހަރުމެން ތިރީގަ ތި ދެ މީހުންގެ އިންތިޒާރުގަ ތިބޭނަން” ޒިއާމް ކޮޓަރީގެ ތަޅުގައި ހިފާލުމާއެކު އައިދަން ދިމާކުރާ ރާގަކަށް ބުނެލިއެވެ.
“ގެޓް ލޮސްޓް!” ހިނި އައިސްފައި ޒިއާމް ބުނެލިއެވެ.
ޒިއާމް ދޮރުގައި ޓަކި ޖަހާލުމުން އައިދަން ޒައިނާއާ ދިމާއަށް އެނބުރުނެވެ.
“ސޯ ތީ މައިގެ ނިއު ބެސްޓް ފްރެންޑްތަ؟” ދޮރާ ދިމާއަށް އިޝާރާތް ކޮށްލާ، ޒައިނާއާ އެކު ދަމުން އައިދަން އަހާލިއެވެ.
“ތިހެންވެސް ބުނެވިދާނެ، އެކަމަކު އަސްލު އަހަންނަކީ އާރާގެ ސިސްޓަރ އިން ލޯ. އަޒްމަންއަކީ އާރާގެ ދޮންބެ” ޒައިނާ ކިޔާދިނެވެ.
“އެހެންތަ؟ އާރާ ކޮބާ؟” ދޮރުން ނިކުންނަމުން އައިދަން ސުވާލު ކުރި އަޑު ޒިއާމްއަށް އިވުނެވެ.
“މައި…؟” އެތެރެއިން ޖަވާބެއް ނުލިބުމުން ޒިއާމް ދެވަނަ ފަހަރަށްވެސް ޓަކި ޖަހާލަމުން ގޮވާލިއެވެ.
ދެންވެސް ޖަވާބެއް ނުލިބުނެވެ. ޒިއާމް އަދިވެސް ޓަކި ޖަހަލާފައި ތަޅުދަނޑިން ތަޅު ހުޅުވާލާފައި ވަނެވެ.
އެތެރޭގައި އޮތީ އަނދިރިކަމެވެ. މައިރާގެ ނަމުން ގޮވާލަމުން ޒިއާމް ބޮކި ދިއްލާލިއެވެ. ކޮޓަރީގައި މައިރާ ނެތްކަން އެނގުމުން ޒިއާމް ފާހާނާ ދޮރު ކައިރިއަށް ދިޔައެވެ. މާގަނޑުން ފެން ފައިބާ އަޑު އިވުމުން ޒިއާމްއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. ޓަކި ޖަހާލަމުން ޒިއާމް އަނެއްކާވެސް މައިރާއަށް ގޮވާލިއެވެ. ދެންވެސް މައިރާ އެއްޗެއް ނުބުންޏެވެ. ޒިއާމް އެނދުގައި އިށީނީ މައިރާއާ ވާހަކަ ދައްކާފައި ނޫނީ ނުދާން ވެގެންނެވެ.
ވިހި މިނަޓް ވީ އިރުވެސް މައިރާ ނުނިކުތުމުން ޒިއާމް ކަންބޮޑުވިއެވެ. އޭރުވެސް މާގަނޑުން ފެން ފައިބާ އަޑު އިވެއެވެ. ދެ ފަހަރަކު މައިރާއަށް ގޮވާލާފައި ތަޅުދަނޑިން ތަޅު ހުޅުވައިގެން ޒިއާމް ވަނެވެ.
ދޫކޮށްފައި ހުރި މާގަނޑު ދަށުގައި، ދެ އަތުން ފައިގައި ހިފާލައިގެން ކަކުލުގައި ބޯ ޖައްސައިގެން ލައިގެން ހުރި އެއްޗެއްސާއެކު ތެމި ފޯވެފައި އިން މައިރާ ފެނި ޒިއާމްގެ ހިތުގެ ތެޅުން އިންތިހާއަށް އަވަސްވެގެން ދިޔައެވެ. މައިރާގެ ނަމުން ގޮވާލަމުން ޒިއާމް މާގަނޑު ބަންދު ކޮށްފައި މައިރާގެ މޫނު ހިއްލާލިއެވެ. ރޮއެރޮއެ ރަތްވެ ދުޅަވެފައި ވާ ލޮލުން އޭރުވެސް ކަރުނ ތެމި ފޯވަި ފޯވަފައި ހިއްލާލިއެވެ. ން އިން މައިރާ ފެނި ޒިއާމްގެ ހިތުގެ ތެޅުން އަ އަންނަމުން ދިޔައެވެ.
ދެ އަތް މައްޗަށް މައިރާ ނަގައިގެން ޒިއާމް ތެދުވުމާއެކު ޒިއާމްއާ ދުރަށް ދިޔުމަށް މައިރާ ތެޅިގަތެވެ.
“މައި!” ކުރިއަށްވުރެ ބޮޑަށް މައިރާ ގެނެސް މޭގައި ޖައްސާލަމުން ޒިއާމް ގޮވާލިއެވެ.
“ދޫ ކުރޭ!” ރުއިމުގެ ތެރެއިން މައިރާ ބުނެލިއެވެ.
“ޝްޝްޝް…!” ޒިއާމް ބުނެލިއެވެ.
ފާހާނާއިން ނިކުތް އިރު ޒިއާމްވެސް ހުރީ ތެމިފައެވެ. އެނދު ކައިރީ މައިރާ ބަހައްޓާފައި ޒިއާމް ތުވާލި ހިފައިގެން އައި އިރު މައިރާ އިނީ އެނދު ކައިރީ އޮތް ކާޕެޓް މަތީ އިށީނދެގެންނެވެ. ޒިއާމް މައިރާގެ ގައި ހިއްކަން ފެށިއެވެ. އިރުއިރުކޮޅާ ޒިއާމްއާ ދުރަށް ދާން މައިރާ އުޅެއެވެ. އެހެން ނަމަވެސް ޒިއާމް އެހެން ވިޔަކަނުދިނެވެ.
މައިރާ ލައިގެން އިން ހެދުމުގެ ތިރީގައި ޒިއާމް ހިފާލީ ތެތް އެއްޗެހި މައިރާގެ ހަށިގަނޑާ ވަކިކޮށްލާށެވެ.
“ޒިއާމް ދޭ…” ޒިއާމްގެ އަތް ފޮޅުވާލަމުން މައިރާ ބުންޏެވެ.
“ކޮންތާކަށް އަހަރެން ދާންވީ؟” ޒިއާމް އަހާލިއެވެ.
“ނޭނގެ” ޒިއާމްއާ ދުރަށް ޖެހިލި މައިރާއަށް އަނެއްކާވެސް ރޮވުނީއެވެ.
“ތި އެއްޗެއްސާއެކީ މާ ގިނަ އިރު ހުންނަން ވެއްޖެއްޔާ ރޯގާ ޖެހިދާނެ. ޗޭންޖް ކޮށްލަން ވީނު؟” މަޑުމައިތިރިކަމާ އެކު ޒިއާމް ބުންޏެވެ.
އެއްޗެއް ނުބުނެ މައިރާ ތެދުވިއެވެ. ނަމަވެސް ތެދުވުމާއެކު ދެފައިގެ ވަރު ދޫވެގެން ކަހަލަ ގޮތަކަށް މައިރާ ވެއްޓެން ދިޔައެވެ. ޒިއާމް ތެދުވެ މައިރާ ހިފެހެއްޓިއެވެ. އަދި މައިރާ ލައިގެން ހުރި އެއްޗެހި ބޭލުމަށް ފަހު ހިކި ތުވާއްޔެއް މައިރާ ގައިގައި އޮޅާލަދިނެވެ. އޭރުވެސް މައިރާއަށް ގިސްލެވެއެވެ.
“މައި…” މައިރާ ރޯ ތަން ބެލުން އެއީ ޒިއާމްއަށް ކެތްވާނެ މަންޒަރެއް ނޫނެވެ. މައިރާގެ މޫނުގައި ހިފާލަމުން ޒިއާމްއާ ދިމާއަށް އަނބުރާލާފައި އެ މޫނު ފޮހެދިނެވެ.
“ޕްލީޒް، ހުއްޓާލަބަލަ!” ޒިއާމް އެދުނެވެ.
“އަހަރެން ހީކުރީ ޒިއާމް އަހަރެން ދެކެ ލޯބިވާ ކަމަށް… ހިއެއް ނުކުރަން… ހިއެއް ނުކުރަން އެހާ ފަސޭހައިން ޒިއާމް އަހަރެން ދޫކޮށްލަފާނެ ކަމަކަށް…” ރުއިމުގެ ތެރެއިން މައިރާގެ އަޑު އައީ ކެނޑެމުންނެވެ.
“ކޮން އިރަކު އަހަރެން މައިރާ ދޫކޮށްލަން އުޅުނީ؟ އަހަރެން މައިރާ ދެކެ ވާ ލޯތްބާ މެދު އަދިވެސް ޝައްކު ވަނީތަ؟” މައިރާ ބުނި އެއްޗަކުން ޒިއާމްގެ ހިތަށް ތަދުވެލިއެވެ.
މައިރާ ޒިއާމްގެ މޫނަށް ބަލާލިއެވެ.
“އައިދަން… އައިދަން ބުނެފިއްޔާ ޒިއާމް ދެންވެސް…” މައިރާ ބުނަން ފެށި ނަމަވެސް ޒިއާމް މައިރާއަށް އެ ފުރުސަތެއް ނުދިނެވެ. މައިރާ ނުވިސްނާ އިންދާ ޒިއާމްގެ ތުންފަތުން މައިރާގެ ބަސް ހުއްޓުވާލީއެވެ. ޒިއާމްގެ މޭގައި މައިރާ އަތް ޖައްސާ ދުރުކޮށްލަން އުޅުނު ނަމަވެސް ޒިއާމް ދޫކޮށެއްނުލިއެވެ.
“ޒިއާމް…” ނޭވާ ހުސްވެދާނެ ހެން ހީވުމުން ޒިއާމް ދުރަށް ޖެހިލި ވަގުތު މައިރާ ގޮވާލިއެވެ. ނަމަވެސް ދެންވެސް ޒިއާމް މައިރާ ވާހަކަ ދެއްކިއަކަ ނުދިނެވެ. ޒިއާމްގެ ހަރަކާތް އަވަސްވެފައި ވީ އިރު އެއްވެސް ކަމަކަށް އިންކާރު ކުރާނެ ފުރުސަތެއް މައިރާއަކަށް ނުދެއެވެ. ލައިގެން ހުރި އެއްޗެހި ގަޔާ ވަކިކޮށްލުމާއެކު އިރުކޮޅަކަށްވެސް ޒިއާމް މަޑުކޮށްނުލައެވެ.
“އަދިވެސް ހީވޭތަ އަހަރެން މައި ދޫކޮށްލަން ބޭނުން ވެދާނެހެން؟” ނޭވާ ހަމައަކަށް އެޅުމާއެކު ލޯ މަރާލައިގެން އޮތް މައިރާގެ ނިތްކުރީގައި ބޮސްދީފައި ޒިއާމް އެހިއެވެ.
ދޭނެ ޖަވާބެއް ނޭނގިފައި މައިރާ ޒިއާމްގެ މޫނަށް ބަލާލިއެވެ.
“ކީއްވެ އެއްޗެއް ނުބުނީ؟” ޒިއާމް އޮތީ މައިރާ ދޭނެ ޖަވާބެއް އަޑުއެހުމަށެވެ.
“ދެން ކީއްވެ އަހަރެން ކައިރީ ނުބުނީ؟ އެއްވެސް އެއްޗެއް ނުބުނެ އައިދަން ގޮވައިގެން އައީ ކީއްވެ؟ ޒިއާމް ހީކުރީތަ އަހަންނަށް އައިދަން ފެންނަ އިރަށް ޒިއާމް މަތިން ހަނދާން ނެތޭނެޔޭ؟ ނޫނީ… އައިދަން ބޭނުން ވާ ގޮތެއް ބަލަންތަ ޒިއާމް ބޭނުން ވީ؟ އެހާ ދުވަސް ކޮށްފަ އައިސް އައިދަން އަހަރެން ބޭނުމޭ ބުނެފިއްޔާ ޒިއާމް އަނެއްކާވެސް ދޫކޮށްލާނީތަ؟” މައިރާގެ އަޑުގައި ވީ ޝަކުވާއެވެ.
“އަހަރެން ބަލަން ބޭނުމީ މައި ބޭނުން ވާ ގޮތެއް އެކަނި، އެހެން މީހަކަށް ބަލާކަށް ބޭނުމެއް ނޫން. އައިދަން ބޭނުން ވިޔަސް ދެން އަހަންނަށް މައި ދޫކޮށެއް ނުލެވޭނެ. އެއަށް ވުރެ މާ ބޮޑަށް ލޯބިވޭ. ދެން މައިއާ ނުލާ އަހަންނަކަށް ނޫޅެވޭނެ. އައި ލަވް ޔޫ ޓޫ މަޗް” ޒިއާމް ބުނެލި އިރު އެއަޑުގައި ވީ ޔަގީންކަމެވެ.
“އަހަރެން ލޯބިވާ ވަރު ޒިއާމްއަކަށް ނޭނގޭތަ؟ މިއަދު އަހަރެން އެހެން ހުރިހާ އެއްޗަކަށް ވުރެ ބޮޑަށް ޒިއާމް ބޭނުން. ކުރިން އެހެން މީހެއް ދެކެ ލޯބި ވިޔަސް މިއަދު އަހަރެން ލޯބި ވަނީ ޒިއާމް ދެކެ. އަހަންނަށް އެނގޭ އެ ގޮތަށް އަހަރެންގެ ކުރިމައްޗަށް އައިދަން ގެނައީ އަހަރެންގެ ހިތުގަ ވާ އެއްޗެއް ބަލަން ކަން. އޭނަ ފެނުނީމަ އަހަރެން ވަރަށް އުފާވި. ބުނެދޭން ނޭގޭހާ ބޮޑަށް އުފާ ވި. އެކަމަކު އެއީ އަހަރެން އައިދަން ދެކެ ލޯބި ވާތީއެއް ނޫން. ފަހަރެއްގަ… ޔޫން ދުނިޔޭގަ ހުރި ނަމަ އަދިވެސް އަހަރެންގެ ހިތުން އައިދަންގެ ލޯބި ނުފޮހެވުނީސް ކަންނޭނގެ،
އެކަމަކު މިއަދު އަހަރެންގެ ދުނިޔެއަކީ ތީ. އަހަރެންގެ ބަނޑުގަ އޮތީ ޒިއާމްގެ ކުއްޖެއް. އެ ހުރިހާ ދުވަސް ވަންދެން އަހަރެން ދެކެ ޒިއާމް ލޯބިވީ ކަން ހަނދާނެއް ނުނެތޭ. އަހަރެން ދެކެ ލޯބި ވާކަން ސިއްރު ކޮށްގެން ހުރެ އަމިއްލަ ހިތަށް ޒިއާމް ދެމުން ދިޔަ އަނިޔާ މަތިން ހަނދާނެއް ނުނެތޭ. ކޮންމެ ކަމެއްގަ އަހަންނަށް ޒިއާމް ވެދިން އެހީތެރިކަން ހަނދާނެއް ނުނެތޭ. ލޯބި ވާކަން ޔަގީން ނުވި ނަމަވެސް މިއަދު އަހަންނަށް ޒިއާމް ދޫކޮށްލާފަ އެހެން މީހެއް ކައިރިއަކަށް ނުދެވޭނެ. އެއަށް ވުރެ މާ ބޮޑަށް އަހަރެން ޒިއާމް ދެކެ ލޯބިވޭ” ޒިއާމްގެ މޭގައި މޫނު ޖައްސާލައިގެން އޮތް މައިރާއަށް އަނެއްކާވެސް ރޮވުނެވެ.
“އެހެން ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ވީ ނަމަވެސް އަހަރެން މި ދަރިފުޅަށް ޓަކާ ނަމަވެސް މައިރާއާ ވަތްކެއް ނުވާނަން. އައި ވުޑް ހޭވް ފޯޓް ހިމް ފޯރ ޔޫ، އައިދަން ކައިރީވެސް ބުނިން ދެން މައި ދޫކޮށެއް ނުލާނަމޭ” މައިރާގެ ބުރަކަށީގައި ފިރުމަމުން ޒިއާމް ބުންޏެވެ.
“ކޮން އިރަކު އައިދަން ކައިރީ އަހަރުމެންގެ ވާހަކަ ބުނީ؟” މައިރާ އަހާލިއެވެ.
“ނުބުނަން، މައި އެ ކިޓް އަހަރެން އަތަށް ދިނީމަ، އެ ފެނިގެން ހުރިހާ ވާހަކައެއް ދެއްކުނީ. މިހާރު އެނގިއްޖެ ހުރިހާ އެއްޗެއްވެސް” ޒިއާމް ބުންޏެވެ.
މައިރާ ތެދުވެ ކައިރީގައި އޮތް ތުވާލި އަލުން ގައިގައި އޮޅާލިއެވެ.
ދެން ވާނެ ގޮތަކާ މެދު މައިރާގެ ހިތުގައި ސުވާލު އުފެދުނެވެ. އައިދަން ދުނިޔޭގައި ހުރީތީ މައިރާ އުފާވެއެވެ. އެއީ ވެދާނެ ކަމަށް ހިތަށްވެސް އަރާފައިވާ ކަމެއް ނޫނެވެ. އެހެން ނަމަވެސް ހާފިޒްއާ ރައިހާނާ އުފާ ވާނެ ވަރު ހިތަށް އަރާފައި މައިރާގެ ހިތްވެސް އުފަލުން ފުރެއެވެ. އައިދަން ވަކިވުމުން އެ މީހުން ކުރި ހިތާމަ މައިރާއަށް ފެނިފައި ވާތީއެވެ. އެހެން ނަމަވެސް ދެން ކަންތައް ވާނެ ގޮތަކާ މެދު ވިސްނާލެވުމުން ހިތުގައި ކަންބޮޑުވުމާއެކު ބިރުވެރި އިހުސާސެއް ކުރެވުނެވެ. އެއްވެސް ސަބަބަކާ ހެދި ދެން ޒިއާމްއާ ވަކި ވާކަށް މައިރާ ނޭދެއެވެ. ކުރިން އައިދަން ދެކެ އިންތިހާއަށް ލޯބި ވީ ނަމަވެސް މިއަދު މައިރާގެ ހިތުގެ ވެރިއަކީ ޒިއާމްއެވެ. އެ ހިތުގައި އައިދަންއާ މެދު އެ ފަދަ އިހުސާސެއް މިއަދު ނުވެއެވެ. ޒިއާމް ނޫން މީހަކަށް ދެން އެ ހިތުން ޖާގައެއް ނުދެވޭނެއެވެ. އައިދަންއާ މައިރާ އެކުގައި އުޅުނު ދުވަސްތަކަކީ ހުވަފެނެއް ފަދަ ދުވަސްތަކެކެވެ. މިއަދު މައިރާ އެ ވަނީ އެ ހުވަފެނުން ހޭލާފައެވެ. އެ ދުވަސްތަކުގެ ހަނދާނެއްގެ ގޮތުގައި ލިބުނު ދަރިފުޅުވެސް ވަނީ ވަކިވެފައެވެ. ވީ އިރު ދެން އައިދަންއާ މައިރާގެ ނަން އެކުގައި ކިޔުމަކީވެސް މައިރާ އެދޭ ގޮތެއް ނޫނެވެ.
“ޒިއާމް… ދެން ކިހިނެއް ވާނީ؟” މައިރާއަށް އަހާލެވުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.







