
މި ހިތުން މަޤާމޭ މި ދެނީ 20
މޭޒުމަތީ ހުރި ފޯން ރިންގް ވުމުން ޒިއާމް ފޯން ނަގާ ކަންފަތުގައި ޖައްސާލީވެސް އެ ޚިޔާލުގައި އިނދެއެވެ.
“ހެލޯ؟” ފޯނުގެ އަތްގަނޑު ދުރަށް ޖައްސާ ބަލާލާފައި އަނެއްކާވެސް ކަންފަތާ ކައިރިކޮށް ޒިއާމް ތަންކޮޅެއް ބާރަށް ގޮވާލީ ކުރިން ދެފަހަރު ހެލޯއޭ ބުނުމުންވެސް އެ ކޮޅުން ޖަވާބެއް ނައުމުންނެވެ.
“ޒެޑް!”
ފުންމައިގެން ޒިއާމްއަށް ގޮނޑިން ތެދުވެވުނެވެ. އަނެއްކާވެސް ކަންފަތާ ދުރުކޮށް ފޯނުގެ އަތްގަނޑަށް ޒިއާމްއަށް ބަލާލެވުނީ ގަބޫލު ކުރަން ދަތިވެގެންނެވެ. އެ ނަމުން ޒިއާމްއަށް ގޮވާނީ އެންމެ މީހެކެވެ.
“ޒެޑް…؟ ޒިއާމް…؟” ދެވަނަ ފަހަރަށް އެ އަޑު އިވުމުންވެސް ޒިއާމްއަށް ގަބޫލެއް ނުކުރެވުނެވެ.
“ދިސް އިޒް ނޮޓް ފަނީ!” ހިތްހަމަ ނުޖެހުމާއެކު ޒިއާމް އަޑަށް ބާރުލާފައި ބުނި އިރު ޒިއާމްގެ ހިތުގެ ތެޅުން އަވަސްވެފައި ވިއެވެ.
“އައި ނޯ… ޒެޑް… މީ އަހަންނޭ” އެ އަޑާ އައިދަންގެ އަޑާ އެއްވެސް ތަފާތެއް ނެތްކަން ޒިއާމްއަށް އެނގޭ އިރުވެސް ގަބޫލެއް ނުކުރެވުނެވެ.
“ނުވާނެ އެހެންނެއް… އައި ސޯ ޔޫ… ހިމް…” ޒިއާމްއަށް ބުނެވުނެވެ. އެއާއެކު ޒިއާމްގެ ހަނދާނަށް އައީ ހާފިޒްއާ އެކު ކުރި ދަތުރުގައި ކަންތައް ވީ ގޮތެވެ.
“ލިސްން ޓު މީ ޒެޑް…” އެކޮޅުން ދެއްކި ވާހަކަ އަޑު އަހަން ޒިއާމް ހުއްޓެވެ. ފަނަރަ މިނަޓް ފަހުން އެ ފޯން ބޭއްވި އިރު ޒިއާމްގެ ލޮލުން ކަރުނަ އާދެއެވެ.
ޒިއާމްއަށް ގެއަށް ދެވުނު އިރު އަށެއް ޖަހަނީއެވެ. ޒިއާމް ލަސް ވެގެން މައިރާ ދެ ފަހަރަށް ގުޅި އިރު އެއް ފަހަރުވެސް ޒިއާމް ފޯނަށް ޖަވާބެއް ނުދެއެވެ. ގެއަށް ވަން ގޮތަށް ޒިއާމް ވަނީ ފާހާނާއަށެވެ. ފެން ވަރައިގެން ނިކުތް އިރު އެނދުގައި މައިރާ އިނެވެ.
“މައި. މާދަމާ ހެނދުނު ފުރަން ޖެހިއްހެ. ކުއްލިއަކަށް ދާން ޖެހުނީ. ފޮށި ރެޑީ ކޮށްލައްޗޭ” ޒިއާމް ބުންޏެވެ.
“ކޮން ތާކަށް؟ ކޮން އިރަކުން އާދެވޭނީ؟” ޒިއާމްއަށް ބަދަލެއް އައިސްފައި ހުރި ކަން ފާހަގަ ކުރެވިފައި އިން މައިރާ ލަސްލަހުން އަހާލިއެވެ.
“އާދެވޭނެ ދުވަހެއް އަދި ނޭނގެ” ޒިއާމް ބުންޏެވެ.
މައިރާ އައިސް ޒިއާމް ކައިރީ ހުއްޓި ޒިއާމްގެ މޭގައި ބޯ ޖައްސާލިއެވެ. ބުނާ ހިތުން ކެތް މަދުވެފައި ހުރި ނަމަވެސް އެ ޚަބަރު އިހަށް ނުދީ މައިރާ ލަސްކޮށްލީ ކޮންމެވެސް ކަމަކާ ޒިއާމް ކަންބޮޑުވެފައި ހުރިހެން ހީވާތީއެވެ.
“ކާން ހިނގާ” ދެ އަތުން މައިރާގެ ކޮނޑުގައި ހިފާ ދުރުކޮށްލާފައި ޒިއާމް ބުންނެވެ. އަދި މައިރާ ބުނާ އެއްޗަކަށް މަޑުކުރުމެއް ނެތި ކޮޓަރިން ނިކުތެވެ.
އެރޭ ނިދަން ވަދެފައިވެސް މައިރާ ކައިރިވެލާ އިރަށް ވަރަށް ވަރުބަލި ކަމުގައި ބުނެ އަނެއް ފަރާތަށް އެނބުރި ޒިއާމް ލޯ މަރާލިއެވެ. ހައިރާން ވެފައި މައިރާއަށް ޒިއާމްއާ ދިމާއަށް ބަލަން އޮވެވުނެވެ. އެރޭ ޒިއާމްއަށް ވެފައި ހުރި ގޮތެއް ނުވިސްނިފައި މައިރާއަށް ނުނިދިފައި ފަތިސް ވަންދެން އޮތެވެ. ނަމާދަށް ގޮވުމުން މައިރާއަށް ވުރެ ކުރިން އެނދުން ތެދުވީ ޒިއާމްއެވެ. މުޅި ރޭ ލޯ މަރައިގެން އޮތަސް ޒިއާމްވެސް ނުނިދާ ކަން މައިރާއަށް އެނގެއެވެ.
ހައެއް ޖަހަން ވީ އިރަށް ޒިއާމް ތައްޔާރުވިއެވެ. ކުރަން އުޅޭ ދަތުރާ ބެހޭ ގޮތުން ރަޒާނާމެންނަކަށްވެސް އެއްވެސް ތަފްސީލެއް ޒިއާމް ނުދެއެވެ. އެ ދުވަހު ޒިއާމްއާ މައިރާ ސައި ބުއީ ރަޒާނާމެންނާ އެކުއެވެ. ސައި ބޮއެގެން ޒިއާމް ފޮށި ބަލާ މައްޗަށް ދިޔުމުން މައިރާވެސް ޒިއާމްއާ އެކު ދިޔައެވެ.
“ޒިއާމް…” ކޮޓަރިން ނިކުންނަން ޒިއާމް ދޮރު ހުޅުވާލުމުން މައިރާ ގޮވާލިއެވެ.
ޒިއާމް ހުއްޓިފައި ބަލާލިއެވެ.
“އަވަހަށް އަންނައްޗޭ” ޒިއާމް ކައިރިއަށް އައިސްފައި މައިރާ މަޑުމަޑުން ބުންޏެވެ.
“އައި ލަވް ޔޫ” ޒިއާމް ބުނެލިއެވެ. ބޯ ޖަހާލި މައިރާއަށް އެ ވަގުތު ރޮވުނީއެވެ. ފޮށި ބަހައްޓާފައި ޒިއާމް މައިރާ ގައިގައި ބައްދާލިއެވެ. ޒިއާމްގެ ތުންފަތުގައި ބޮސްދިނީ މައިރާއެވެ. ނަމަވެސް ދުރަށް ދާން ބޭނުން ނުވެ ދެވަނަ ފަހަރަށް ކައިރި ވީ ޒިއާމްއެވެ.
“ވަރަށް މިސް ވާނެ… ވީ ވިލް ބީ ވެއިޓިންގް ފޯރ ޔޫ” މައިރާ ބުންޏެވެ.
“އައި ލަވް ޔޫ!” އަނެއްކާވެސް ޒިއާމް ބުނެލީ އެހެންނެވެ. މައިރާ އެބުނީ ކީކޭ ކަމެއް ޒިއާމްއަކަށް ނޭނގެއެވެ. ހިތާ ސިކުނޑީގައި ވީ ޚިޔާލުތަކުގެ ސަބަބުން މައިރާ އެ ބުނި އެއްޗަކާ މެދު ޒިއާމްއަށް ވިސްނައެއް ނުލެވެއެވެ.
“ލަވް ޔޫ!” ޒިއާމް ނިކުމެގެން ދަންދެން ބަލަން ހުރެފައި ބަނޑުގައި އަތް ޖައްސާލަމުން މައިރާ ބުންޏެވެ.
ޓަރމިނަލް އިން ނިކުމެ ބޭރުގައި ތިބި މީހުންގެ ތެރެއިން ދަންނަ މޫނެއް ފެނޭތޯ ޒިއާމް ބަލާލިއެވެ.
“ޒެޑް!” ފަހަތުން އަޑު އިވުމުން އެ ދިމާއަށް ޒިއާމް އެނބުރުނެވެ. ލަސް ލަހުން ހިނގާފައި ގޮސް ޒިއާމް ހުއްޓުނީ އެ ޒުވާނާ ކުރިމަތީގައެވެ. ކުރިއަށް ވުރެ ހަމުގެ ކުލަ ދޮންވެފައި، ހަށިގަނޑު ހިކިފައި ހުއްޓަސް އެއީ ހަމަ އައިދަންއެވެ.
“އައިދަން…” ޒިއާމްއާ އައިދަން އެކަކު އަނެކަކު ގައިގައި ބައްދާލީ އެކުއެކީގައެވެ. އެއާއެކު ދެ މީހުންގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ.
އައިދަންއާ އެކުގައި ހުރި މީހާ އައިދަންގެ ބުރަކަށީގައި ޖަހާލަމުން ބޭރަށް އިޝާރާތް ކޮށްލިއެވެ.
“ޒެޑް، މީ އާފާގު އިނގޭ. ހިނގާ ދާން” އައިދަން ދުރަށް ޖެހިލާ ލޯ ފޮހެލާފައި ބުންޏެވެ.
ޓެކްސީއެއްގައި ތިން މީހުން ގޮސް ފޭބީ އާދައިގެ ގޮތަކަށް ހަދާފައި ހުރި ގެއެއް ކުރިމައްޗަށެވެ. ޒިއާމްމެން ގޯތި ތެރެއަށް ވަނުމުން ކުޑަ ދެ އަންހެން ކުދިން ދުވެފައި ނިކުތެވެ. އެ ކުދިންގެ ފަހަތުން ޒުވާން ދެ އަންހެން ކުދިން ނިކުތެވެ.
އެ މީހުންނާ އެކު ޒިއާމްމެން ގޭތެރެއަށް ވަދެ ގޮނޑިތަކުގައި އިށީނެވެ. އެހެން އަންހެނަކު ތަބަކެއްގައި ތިންތަށި ފެން ގެނެސް ޒިއާމްމެން ކުރިމަތީ ބެހެއްޓިއެވެ.
“މީ ސޯފިޔާ، އާފާގުގެ އަންހެނުން، މި ތިބީ އެ މީހުންގެ ދެ ކުދިން، ސަބާއާ ޒީބާ. އެއީ ސޯފިޔާގެ ދެ ކޮއްކޮ، ޖީހާންއާ ލައިލާ” އައިދަން އެ މީހުން ޒިއާމްއަށް ތަޢާރަފް ކޮށްދިނެވެ.
“މީ އައިދަން ދަންނަ ބައެއްތަ؟” ޒިއާމް އަހާލިއެވެ.
“މީ… މި ހުރިހާ ދުވަހު އަހަރެންގެ އާއިލާ” އައިދަން ބުންޏެވެ.
“އައިދަން… އަހަންނާ ބޭބެ އައިން މިކޮޅަށް. އެ ލިސްޓަގަ އައިދަންގެ ނަން އިން… އެ ތަނަށް ގޮސް ބޮޑީވެސް… ކިހިނެއްތަ ވީ؟ ކީއްވެ މިހާ ދުވަސް ވީ އިރު ކުރިން އައިދަން ނުގުޅީ؟” ފެންތަށި ބޯލާފައި ތަށި ބައްހައްޓާފައި އައިދަންއަށް ބަލާލަމުން ޒިއާމް އެދުނީ އެ ހަ އަހަރު ތެރޭ ވީ ކަންތައްތައް ކިޔާދިނުމަށެވެ.
އެ ދުވަހު އައިދަން ގުޅި ވަގުތުން ފެށިގެން ޒިއާމްއަށް އެންމެ އިރުކޮޅަކަށްވެސް ހަމަނުހެޖެވެއެވެ. ހަދަން ވީ ގޮތެއް ނުވިސްނިފައި އިރު އޮއްސެންދެން ޒިއާމް އޮފީހުގައި އިނެވެ. ބަންގި ގޮވުމުން މިސްކިތަށް ގޮސްފައި ދެންވެސް ގެއަށް ދާން ބޭނުން ނުވާތީ އިޝާ ނަމާދު ވަގުތު ވަންދެން މިސްކިތުގައި އިނީއެވެ. ގެއަށް ގޮސްވެސް މައިރާއާ ކުރިމަތިލާނެ ހިތްވަރެއް ޒިއާމްއަކަށް ނުލިބުނެވެ. އެއްވެސް މީހެއް ގާތު އެއްވެސް އެއްޗެއް ނުބުނެވުނީ ބުނާނެ ގޮތެއް ނުވިސްނިގެންނެވެ. އެކަކަށްވެސް އެ ދަތުރުގެ ހަގީގީ މަގްސަދު ނާންގާ ޒިއާމް އައީ އެހެންވެއެވެ.
“އައިދަން!” ޒިއާމް ގޮވާލީ އައިދަން އެއްޗެއް ނުބުނެ އިނުމުންނެވެ.
އައިދަން ޖަވާބެއް ނުދީ ލައިގެން އިން ޓީޝާޓު ބޭލިއެވެ. ކަނާއަތު ކޮނޑާއެކު މޭމަތިން ބަޔަކާ ބުރަކަށީގައި އެކީ ކަހަލަ ގޮތަކަށް ހުރި ލަކުނުތައް ފެނުމާއެކު އެއީ ފިހިފައި ފަސޭހަވެފައި ހުރި ޒަޚަމްތަކެއް ކަން ބުނާކަށް ޒިއާމްއަކަށް އުނދަގުލެއް ނުވިއެވެ. އޭގެ އިތުރުން އައިދަންގެ ނިތްކުރިމަތިން ވާތްފަރާތު ބުމައިގެ މެދާ ހިސާބުން ފެށިގެން ބޮލުގެ ތެރެއަށް ވާ ގޮތަށް ހުރި ލަކުނަށް ބަލާލުމުން އައިދަންގެ ބޮލަށްވެސް ބޮޑު އަނިޔާއެއް ވެފައި ހުރިކަން އެނގެއެވެ. އެ ދުވަހު ކަންތައް ވީ ގޮތް އައިދަން ކިޔާދޭން ފެށިއެވެ.
ބެޓެރި ހުސްވާން ކައިރިވެފައި އޮތް ފޯނުގެ ޗާޖަރު ނުގެނެވޭ ކަން އައިދަން ހަނދާންވީ ބްރިޖްގެ މެދެއްހާ ހިސާބުގައި ޓެކްސީ މަޑުކޮށްގެން އޮއްވައެވެ. ދުއްވާ އެއްޗެހި ގިނަވެފައި އަވަހަކަށް ކުރިއަށް ނުދެވޭނެ ކަން އެނގޭތީ، ފޯން ނިވުމުގެ ކުރިން މައިރާއަށް ގުޅާލަން ވެގެން އައިދަން ޓެކްސީއިން ފޭބީ ދުއްވާ އެއްޗެހީގެ އަޑު ގަދަކަމުންނެވެ.
އެ ހާދިސާ ހިނގީ އައިދަން ފޭބިތާ ފަސްމިނަޓްވެސް ނުވަނީހެވެ. މައިރާގެ ފޯނަށް ނުގުޅިގެން ކަންބޮޑުވެފައި ހުރި އައިދަން ސިހުނީ އިވުނު ބާރު އަޑުންނެވެ. އެ ދިމާއަށް އެނބުރިނުލެވެނީސް ގައިގައި އައިސް ޖެހުނު އެއްޗަކާއެކު އައިދަން ވެއްޓުނީ ތިރީގައި އޮތް ކޯރަށެވެ. ހޭލެވުނީ އެތައް ދުވަހެއް ފަހުންނެވެ. ކައިރީގައި ހުރީ ނުދަންނަ އަންހެނެކެވެ. ދާނެ އެހެން ތަނެއް ނެތުމުން އެ އަންހެން މިހާއާ އެކީ އައިދަން ދިޔައީއެވެ. އެ ދުވަހުގެ ފަހުން އަދިވެސް އުޅެނީ އެ މީހުންނާ އެކުގައެވެ.
“ކާކު އެއީ؟” ޒިއާމް އަހާލިއެވެ.
“އެއީ ސޯފިޔާގެ މަންމަ. އޭނަ ނިޔާ ވިތާ މިހާރު ދެ އަހަރު ވެއްޖެ” އައިދަން ބުންޏެވެ.
“ދެން…؟ މިހާ ދުވަސް ވީ އިރު އައިދަން ނޭންގީ ކީއްވެ؟ މިހާ ދުވަސް ވަންދެން ނާންގާ ހުރީ ކީއްވެ؟” ހަ އަހަރު ވަންދެން ޒިއާމްމެންނަށް ނާންގާ އައިދަން ހުރީ ކީއްވެ ކަމެއް ޒިއާމްއަކަށް ނުވިސްނުނެވެ.
“ޒެޑް… އަހަރެން ހޭ އެރި އިރު އެއްވެސް ކަމެއް ހަނދާނެއް ނެތް. އެހެންވެ މި މީހުން އަހަރެން ގެންގުޅުނީ. މީ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅޭ ބައެއް. ހަދަން ވީ ގޮތެއް އެ މީހުންނަކަށް ނޭނގޭ. އެ ދުވަހު އެ ކޯރަށް ވެއްޓުނު ގޮތަށް ސޯފިޔާގެ މަންމައަށް އަހަރެން ފެނުނީ. ހޮސްޕިޓަލަށް ގެންދިޔައީވެސް އޭނަ، އެތަނުން މި ގެއަށް ގެނައީވެސް އޭނަ. އެ ދުވަހުން ފެށިގެން އަހަރެން ހުރީ މި ގޭގަ. އަހަރެން މަރުވާން ދޫކޮށްނުލާ އަހަންނަށް ފަރުވާ ދީ އެހީވެ ދިނީ މި މީހުން. އަހަންނަކީ ކާކު ކަން ނޭނގޭ އިރުވެސް އެ މީހުން އަހަންނަށް ވަރަށް ހެޔޮ.
އަހަންނަށް ހުރިހާ ކަމެއް ހަނދާންވީވެސް އެ ކަހަލަ ހާދިސާއެއް ދިމާ ވެގެން. އެ ދުވަހު އަހަރެން ހޭ އެރި ގޮތަށް މި މީހުން ފެނުނީމަ ފުރަތަމަ ބިރުގަތީ. ދެން ހަނދާންވީ އެއީ ކޮން ބައެއް ކަން. އޭރުވެސް އެއްކޮށް ހަނދާނެއް ނުވޭ. މި ވީ ދެ ހަފްތާ ތެރޭ ހުރިހާ ކަމެއް ހަނދާން ވީ. އޭގެ ފަހުން ހަ އަހަރު ވެއްޖެ ކަން އެނގުނީމަ… އަހަރެން ނެތް އިރު ކަންތައް ވީ ކިހިނެއް ބާއޭ ހިތަށް އަރާފަ… ޒިއާމް… މަންމަ… ބައްޕަ… މައިރާ… އަހަރެންގެ ދަރިފުޅު…” އައިދަންއަށް އަނެއްކާވެސް ރޮވުނީއެވެ. ލޯމަތީ އަތް ޖައްސާލަމުން އައިދަން އިސްޖަހާލިއެވެ.
އައިދަންގެ ކޮނޑުގައި ހިފާލި އިރު އައިދަންގެ ހިތުގައި ވާ ސުވާލުތަކަށް ޖަވާބު ދޭނެ ގޮތަކާމެދު ޒިއާމް ވިސްނަމުން ދިޔައެވެ. އެ ސުވާލުތަކުގެ ޖަވާބު ޒިއާމް ދޭނީ ކިހިނެއް ހެއްޔެވެ؟
“ޒެޑް… މަންމައާ ބައްޕަ…؟ ތިއްތަ…؟” ފޮހެވިގެން ގޮސްފައިވި ހަނދާންތައް އަނބުރާ ލިބުމާއެކު ހިތަށް އެންމެ އުނދަގޫ ކުރި ސުވާލުތައް ކުރަން ބޭނުންވި ނަމަވެސް އެ ސުވާލުތައް އައިދަންއަށް ފުރިހަމައެއް ނުކުރެވުނެވެ.
“ދޭ އާރ އޯކޭ” އައިދަންގެ ބުރަކަށީގައި ފިރުމާލަމުން ޒިއާމް ޖަވާބު ދިނެވެ.
ހިތަށް ލިބުނު ހަމަޖެހުމާއެކު އައިދަން މަރާލި ލޮލުގެ ތެރެއިން ކަރުނަ ފޭދިގެން އައެވެ.
“އަލްޙަމްދުލިﷲ!” އައިދަންއަށް ބުނެވުނެވެ. އައިދަން އެންމެ ބިރުގަތީ އެހާ ދުވަސް ފަހުން މަންމައާ ބައްޕައާ ބައްދަލު ނުވެދާނެތީއެވެ.
“އަޒްއާ އާލި އޯކޭތަ؟” ލޯ ފޮހެލަމުން ކޮއްކޮމެންގެ ވާހަކަ އައިދަން އެހިއެވެ.
“އެ މީހުންވެސް ރަނގަޅު” ޒިއާމް ބުންޏެވެ.
މައިރާގެ ވާހަކަ އަހަން ބޭނުން ވެފައިވެސް އައިދަން އެ ސުވާލެއް ނުކުރިއެވެ. ލޯ މަރާލަމުން މޭގައި އަތް ޖައްސާލުމާއެކު އިރުއިރުކޮޅާ އެ ހަނދާންތައް ވުމުން ހިތާ ހިތުން ކުރެވޭ ދުޢާ އެ ވަގުތުވެސް އައިދަންގެ ހިތުގައި ވިއެވެ. އެ މީހުން ހެޔޮ ޙާލުގައި ލައްވާށިއެވެ!
“ސޯ ދެން… ކިހިނެއް ހަދަނީ؟ ހުރިހާ އެއްޗެއް ހިފައިގެން އަހަރެން އައީ” ޒިއާމް ބުންޏެވެ.
“މިކޮޅުން ކަންތައް ހަމަޖެހުނުހާ އަވަހަކަށް ދާން ބޭނުމީ” އިސް ޖަހައިގެން އިނދެ އައިދަން އެދުނެވެ.
“އައިދަން… އާރ ޔޫ އޯކޭ؟” އައިދަންގެ މޫނުގައި ހިފާ ޒިއާމްއާ ދިމާއަށް އަނބުރާލަމުން ޒިއާމް އަހާލި އިރު އައިދަންއާ މެދު ކަންބޮޑުވެފައިވާ ވަރު އެ އަޑުން ހާމަވެއެވެ. އެހާ ބޮޑު ހާދިސާއަކުން އައިދަން ސަލާމަތް ވީތީ ޒިއާމް ހެއްދެވި ފަރާތަށް ޝުކުރު ކުރެއެވެ. ހަމަ އެހެން އައިދަންއަށް ދިމާވި ހުރިހާ ކަމެއް އަދިވެސް ކިޔާ ނުދޭހެން ޒިއާމްއަށް ހީވަނީއެވެ.
“ޒެޑް… އަހަންނަކީ ކުރީގެ އައިދަންއެއް ނޫން… ވަރަށް ގިނަ ކަންތައް ބަދަލުވެއްޖެ… އެއްވެސް ހަނދާނެއް ނެތިފައި ހުރި ދުވަސްތަކުގައި އަހަރެންގެ ލައިފްވެސް ބަދަލުވެއްޖެ. މާލެއަށް ދިޔަޔަސް ކުރީގެ ދިރިއުޅުމަށް އަހަންނަށް ނުދެވިދާނެ…” ލަސްލަހުން އައިދަން ވާހަކަ ދައްކަމުން ދިޔަ އިރު އައިދަން ބުނަން އުޅޭ އެއްޗެއް ޒިއާމްއަކަށް ނުވިސްނުނެވެ.
“ކީކޭ ތި ބުނަނީ؟” ޒިއާމް އަހާލިއެވެ.
“ޒެޑް… މައި… މައިރާއާ ބޭބީ ކޮބާ؟” ޒިއާމްގެ ސުވާލަށް ޖަވާބު ނުދީ އިރުކޮޅަކު އިނދެފައި އައިދަން އެހިއެވެ.
“މައިރާ އެބަ އުޅޭ… އައިދަން—” ފުން ނޭވައެއް ލަމުން ޒިއާމް ކިޔާދޭން ތައްޔާރުވިއެވެ.
“ބޭބީ ކޮބާ؟ ކޮން ކަހަލަ ކުއްޖެއް؟ ކޮން ނަމެއް ކިޔަނީ؟” އައިދަން އަހާލީ ކެތް ނުކުރެވިފައި އިން މީހަކު ހެންނެވެ.
“އައިދަން…” ޒިއާމް ފަސްޖެހުނެވެ.
“ޒެޑް…؟” ޒިއާމް ފަސްޖެހުމުން އައިދަން ގޮވާލިއެވެ.
“ޔޫން… އިސްމާޢީލް ޔޫން އައިދަން. އެ ކުއްޖާ މި ދުނިޔެއަށް ނޭވައެއް ނުލާ. އިޓް ވޯޒް އެ ސްޓިލްބަރތް” ޒިއާމް ބުންޏެވެ.
ގަބޫލު ނުކުރެވިފައި އިންހެން ޒިއާމްއާ ދިމާއަށް ބަލަހައްޓައިގެން އައިދަން އިނެވެ.
“އައިދަން…” އައިދަންގެ ކޮނޑުގައި އަތްޖައްސާލަމުން ޒިއާމް ގޮވާލިއެވެ.
އެއާއެކު އަނެއްކާވެސް މޫނުގައި އަތް އަޅާލި އައިދަންއަށް ރޮވުނީއެވެ. މައިރާއާ މެދު އެ ހިތުގައި ވި ކަންބޮޑުވުން އިތުރުވެގެން ދިޔައެވެ. އައިދަންގެ މަރުގެ ޚަބަރު ލިބުނުތާ ގިނަ ދުވަސްތަކެއް ނުވެ ދަރިފުޅާ ވަކި ވާން ޖެހުމުން މައިރާއަށް ވާނެ ގޮތް އައިދަންއަށް އިހުސާސް ކުރެވުނެވެ. އެ ހުރިހާ ކަމަކަށް މައިރާ ކެތްކުރީ ކިހިނެއް ބާއޭ ހިތަށް އެރިއެވެ. ދެންވެސް އައިދަންގެ ފަރާތުން މައިރާއަށް ލިބޭނީ އެފަދަ ޚަބަރެކެވެ.
“އައިދަން…” ޒިއާމް ތެދުވެގެން އައިސް އައިދަންގެ ކޮނޑުގައި ހިފާލިއެވެ. އެއާއެކު އައިދަން ޒިއާމް ގައިގައި ބައްދާލިއެވެ.
“އައިމް ސޯ ސޮރީ ޒެޑް… އައިމް ސޯ ސޮރީ… އަހަންނަކަށް ނޭނގެ، އެއްވެސް ކަމެއް ވީ އެނގިގެންނެއް ނޫން… މި ހުރިހާ ދުވަސް ވީ އިރު އަހަންނަކީ ކާކު ކަމެއްވެސް ނޭނގެ… ހަނދާން ވީ އިރު ހަ އަހަރު ވެއްޖެ… ދަރިއަކު ލިބި ވަކިވެގެން ދިޔަ އިރުވެސް ނޭނގުނު… ނުވެސް ފެނުނު… މަންމައާ ބައްޕަ އުޅުނު ގޮތެއްވެސް ނޭނގެ… އައިމް ސޯ ސޮރީ…” ރޮމުން އައިދަން މާފަށް އެދެމުން ދިޔައެވެ. އެ އަޑު އަހަން ހުރި ޒިއާމްއަށްވެސް ރޮވުނެވެ. އެކަކު އަނެކަކު ގައިގައި ބައްދާލައިގެން ތިބި އިރު އައިދަންގެ ބުރަކަށީގައި ޒިއާމް ފިރުމަމުން ދިޔައެވެ. ކުޑަ ކުއްޖަކު ފަދައިން ޒިއާމް ލައިގެން ހުރި ގަމީހުގައި ހިފާ ބޮނޑި ކުރަމުން އައިދަން ބާރަށް ރޮމުން ދިޔައެވެ.
“އައިދަން، ހުއްޓާލާ. ހިނގާ މާލެއަށް، މަންމައާ ބައްޕަ ކައިރިއަށް. އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ. ޔޫ އާރ އަލައިވް، މައި ބްރަދަރ އިޒް އަލައިވް. ދެޓް އިޒް އޯލް ދެޓް މެޓަރސް ނައު” އައިދަންގެ ކޮނޑުގައި ހިފާ ދުރުކޮށްލަމުން ޒިއާމް ބުންޏެވެ.
“ޒިއާމް… މިހާ ދުވަސް ވީ އިރު އަހަންނާ މައިރާ…” އެ ވާހަކަ ދައްކަން ބޭނުން ވި ނަމަވެސް ބުނާނެ ގޮތެއް ނުވިސްނިފައި އައިދަން މަޑުކޮށްލިއެވެ.
“އެ ވާހަކަތައް ދައްކާނީ ފަހުން” ޒިއާމް ބުނެލިއެވެ.
ހުރިހާ ކަމެއް ހަމަޖެހުމުން އައިދަން މާލެއަށް ދާން ތައްޔާރުވިއެވެ. ފުރާ ދުވަސް ޖެހުނު އިރު އައިދަން ހުރީ ހާސްވެ ކަންބޮޑުވެފައެވެ.
ގޭ މީހެއް ކައިރީ ޒިއާމް އެއްވެސް ވާހަކައެއް ނުބުނާ ކަން އައިދަންއަށް އެނގުމުން ޒިއާމް ކަންތައް ކުރީ ރަނގަޅަށް ކަމަށް އައިދަން ބުންޏެވެ. މައިރާގެ ވާހަކަ އައިދަން އެހީ ފުރަން އޮތް ދުވަހުގެ ކުރީ ރޭގައެވެ. ޖަވާބު ދޭނެ ގޮތެއް ނުވިސްނިފައި ހުރި ޒިއާމް ހަމައެކަނި ބުނީ އަދިވެސް މައިރާ ހުންނަނީ އެ ގޭގައި، އައިދަންއާ އެކު އުޅުނު އެޕާޓްމެންޓްގައި ކަމެވެ. އެ ޚަބަރުން އައިދަންއަށް ހައިރާންކަމެއް ލިބުނެވެ. ޔަގީން ކުރެވުނީ މައިރާ އަދިވެސް އިތުރު ކައިވެންޏެއް ނުކުރާ ކަމުގައެވެ. އެހެން ނަމަވެސް އިތުރު ސުވާލެއް ނުކުރެއެވެ.
އެ ދުވަސްތަކުގައި ޒިއާމް ކޮންމެ ރެއަކު މައިރާއަށް ގުޅައެވެ. ނަމަވެސް މާ ގިނަ ވާހަކައެއް ނުދައްކައެވެ. ހާލު އަހާލާފައި، ދެވޭނެ ދުވަހެއް ނޭނގޭ ކަމުގައި ބުނެފައި ބާއްވަނީއެވެ. ރަޒާނާއަށް ގުޅާފައިވެސް އެ ދަތުރުގެ އެއްވެސް ތަފްސީލެއް ޒިއާމް ކިޔައެއް ނުދެއެވެ. އަދި އެއްވެސް ގޮތަކަށް ހާފިޒްއަށް ނުވަތަ ރައިހާނާއަކަށް ޒިއާމް ނުގުޅައެވެ.
ފުރުމުގެ ކަންތައް ހަމަޖައްސާފައި ޒިއާމް އަޒްމަންއަށް ގުޅާ ހުރިހާ އެއްޗެއް ކިޔާދިނެވެ. ޒިއާމް އެދުނީ ޒިއާމްމެން ބަލާ އެއަރޕޯޓަށް އަޒްމަން އައިސްދިނުމަށެވެ. އަދި ގޭގައި އަޒްމަންގެ އިތުރުން ޒައިނާވެސް މަޑުކޮށްދިނުމަށް އެދުނެވެ. ހުރިހާ ކަމަކަށް އަޒްމަން އެއްބަސްވިއެވެ.
ޒިއާމްއާ އައިދަން ގެއަށް ވަން އިރު އެ މީހުންނާއެކު އަޒްމަންވެސް ވަނެވެ. އެއަރޕޯޓަށް އަޒްމަން ދިޔައީ ޒައިނާވެސް ގޮވައިގެންނެވެ. ޒިއާމްއާ ވާހަކަ ދައްކާފައި އަޒްމަން ހުރިހާ އެއްޗެއް ޒައިނާއަށްވެސް ކިޔާދިނެވެ. އަޒްމަންމެން ގެއަށް ވަނުމުން ޒައިނާ ދިޔައީ މައިރާ ކައިރިއަށެވެ.
“ޒިއާމް! ދަރިފުޅު އައީތަ؟ ބުނެވެސްނުލާ… ރަޒާނާ، ނިކުމެބަލަ” ކައި ނިމިގެން ސޯފާގައި ހާފިޒް ކައިރީ ދުފަން އިން ރައިހާނާ ގޮވާލިއެވެ.
ދޮރުމަތީ ހުރި ޒިއާމް އެތެރެއަށް ވަނެވެ. ޒިއާމްގެ ފަހަތުން އަޒްމަން ވަނެވެ.
“ދަރިފުޅާ! އަންނަ ދުވަހެއް އަންގާވެސް ނުލާތަ އައީ؟ ކާން ވީނު؟” ރައިހާނާ ގޮވާލި އަޑަށް ކޮޓަރިން ނިކުތް ރަޒާނާ، ޒިއާމް ފެނުމުން ބާރަށް ގޮސް ބައްދާލިއެވެ.
“މަންމާ… ދޮންތާ… ބޭބޭ… ބައްދަލު ކޮށްދޭން ބޭނުންވާ މީހަކު ގޮވައިގެން މި އައީ، ކުރިން ނުބުނެވުނީތީ އަޅުގަނޑަށް މާފު ކޮށްދީ…” ރަޒާނާގެ ކޮނޑުގައި ހިފާ ދުރަށް ޖައްސާލަމުން ހާފިޒްއާ ރައިހާނާއަށް ބަލަން ހުރެ ޒިއާމް ބުންޏެވެ.
ޒިއާމްގެ އަޑު އަހާފައި ތިން މީހުންގެ ނަޒަރު ގޭ ދޮރާ އަމާޒުވިއެވެ. އަޒްމަން އެއް ފަރާތަކަށް ޖެހިލުމުން އައިދަން ވަނެވެ. އިސްޖަހައިގެން ހުރި އައިދަން އިސް އުފުލާލީ އެތެރެއަށް ވަދެފައެވެ. ހަ އަހަރަށް ފަހު މަންމައާ ބައްޕަ ފެނުމުން އެ ލޮލުން ކަރުނަ އަންނަން ފެށިއެވެ.
އައިދަން ފެނުމުން ރައިހާނާއަށް މޭގައި އަތް ޖައްސާލެވުނެވެ. ގަބޫލު ނުކުރެވިފައި ހުރެ ފަހަތަށް ޖެހިލި ރައިހާނާ ގައިގައި ހިފަހައްޓާލި އިރު ހާފިޒްގެ ލޯ ހުރީ އައިދަންގެ މޫނަށް ހުއްޓުނު ގޮތަށެވެ. ފެންނަމުން ދާ މަންޒަރު ޔަގީން ނުކުރެވިފައި ހުރި ރަޒާނާއަށް ޒިއާމްގެ އަތުގައި ހިފާ ބާރުކޮށްލެވުނެވެ.
“މަންމާ… ބައްޕާ…” އައިދަން މަޑުމަޑުން ގޮވާލިއެވެ. އެއާއެކު ރައިހާނާ ބާރަށް ރޮއެގަންނަމުން ގޮސް އައިދަންގެ ގައިގައި ބައްދައިގަތެވެ.
“އައިދަން… އައިދަންތަ އެއީ؟” ޒިއާމްގެ މޫނަށް ބަލާލަމުން ހާފިޒްއަށް އަހާލެވުނީ އަދިވެސް ގަބޫލު ނުކުރެވިގެންނެވެ.
“ބައްޕާ… މީ އަޅުގަނޑޭ…” ރައިހާނާ ގޮވައިގެން އައިސް ހާފިޒްގެ ކުރިމަތީ ހުއްޓެމުން އައިދަން ބުންޏެވެ. އެއާއެކު ރައިހާނާއާ އައިދަން ގައިގައި ހާފިޒްވެސް އޮޅުލައިގަތެވެ.
އެކަކު އަނެކަކުގެ ގައިގައި ބައްދާލައިގެން ތިބެ ރޮމުން ދިޔަ އައިދަންއާ ރައިހާނާއާ ހާފިޒްއަށް ބަލަން ހުރި އިރު ޒިއާމްގެ އަތުގައި ހިފައިގެން ހުރެ ރަޒާނާއަށްވެސް ރޮވެނީއެވެ. މަންމަގެ ބޮލުގައި ފިރުމަމުން ދިޔަ ޒިއާމްގެ ލޮލުންވެސް ހުއްޓުމެއް ނެތި ކަރުނަ އަންނަމުން ދިޔައެވެ.
“މަންމަގެ ދަރިފުޅު… ކޮންތާކުން ތި އައީ؟ މިހުރިހާ ދުވަހު ކޮންތާކު އުޅުނީ؟ މަންމަ ހީކުރީ ދެން ދުވަހަކުވެސް ދަރިފުޅު ނުފެންނާނެ ކަމަށް. ދަރިފުޅަށް ކިހިނެއް ވީ؟ ކީއްވެ މި ހުރިހާ ދުވަހު މަންމަމެންނާ ދުރުގަ ހުރީ؟ ކޮންތާކު އުޅުނީ؟” ހާފިޒް ދުރަށް ޖެހިލުމުން އައިދަންގެ މޫނުގައާއި ގައިގައި ފިރުމަމުން ރައިހާނާ އެކިއެކި ސުވާލު ކުރަމުން ދިޔައެވެ.
“ތިއްތާ…” ރައިހާނާ ގައިން ދޫކޮށްލާފައި އައިދަން ރަޒާނާއަށް ބަލާލިއެވެ. އެއާއެކު ރަޒާނާވެސް އައިދަން ގައިގައި ބައްދާލިއެވެ.
އެންމެން ހަމަޖެހުނީ ބައިގަޑިއެއް ހާއިރު ވީ ފަހުންނެވެ. އާލިޔާއާ އަޒްހާއަށް ޒިއާމް ގުޅުމުން އެ ދެ ކުދިންނަށްވެސް އައިދަން ފެނުމުން ވީ އެވަރެވެ. ރޮއެރޮއެފައި ދޮންބެ ގައިގައި ހިފައިގަނެގެން ތިބެވުނީއެވެ.
“ޒެޑް…” ރައިހާނާ ދިން ޖޫސްތަށިން އެއްބައި ބޮއެފައި ތަށި ބަހައްޓާފައި އައިދަން ގޮވާލުމުން ޒިއާމް ބަލާލިއެވެ. އެއްޗެއް ނުބުނި ނަމަވެސް އައިދަންގެ ހިތުގައި ވީ ސުވާލު ޒިއާމްއަށް އެނގުނެވެ. ޒިއާމް ބަލާލީ އަޒްމަންއަށެވެ. އަޒްމަންއަށް ވިސްނުމުން ޒައިނާއަށް ގުޅާފައި ބުންޏެވެ.
“މަންމާ، ދޮންތާ. އައިދަން ގޮވައިގެން މައްޗަށް މި ދަނީ” ޒިއާމް ބުންޏެވެ.
“ޒިއާމް… މައިރާއަށް އެނގޭތަ؟” ހާސްވެފައި ރަޒާނާ އަހާލިއެވެ.
ޒިއާމް ދެފަރާތަށް ބޯ ހަލުވާލިއެވެ.
“އައިދަންއަށް އެނގޭތަ؟” ރައިހާނާ އަހާލިއެވެ.
ރައިހާނާ އެ އެހީ ކީކޭ ކަން ޒިއާމްއަށް އެނގުނެވެ. ޖަވާބެއް ނުދީ ޒިއާމް އިސްޖަހާލިއެވެ.
“ޒިއާމް…” ރަޒާނާއަށް ގޮވާލެވުނެވެ.
“ތިއްތާ… ޒިއާމް ބުންޏޭ… ވިހޭ އިރުވެސް ދަރިފުޅު…” އައިދަންއަށް ހީކުރެވުނީ އެ މީހުން އެ ދައްކަނީ ތުއްތު ޔޫންގެ ވާހަކަ ކަމަށެވެ.
“ޒިއާމް…!” ހާފިޒް ގޮވާލި އިރު އެ އަޑުގައި ހިތްހަމަ ނުޖެހުންވިއެވެ. އެހެން ނަމަވެސް އެ ވަގުތު އެ ތަނުގައި އެ ވާހަކަ ދައްކަން ބޭނުން ނުވެފައި ހުރި ޒިއާމް ޖަވާބެއް ނުދީ ދޮރާ ދިމާއަށް ދިޔައެވެ.
“އައިދަން” ޒިއާމް ގޮވާލިއެވެ.
ބެލް ނުޖަހާ ޒިއާމް ތަޅުދަނޑިން ތަޅު ހުޅުވާލާފައި ވަނެވެ. ސޯފާގައި އިން ޒައިނާ، ޒިއާމްއާ އައިދަން ފެނުމުން ތެދުވެ މައިރާ ވީ ކޮޓަރީގައި ކަމަށް ބުންޏެވެ.
ޒިއާމްގެ ފަހަތުން ވަން އައިދަން ކޮޓަރީގެ ދޮރާ ކުރިމަތި ވާނެހެން ބަދިގޭ ފާރުގައި ލެނގިލިއެވެ. ޒިއާމްވެސް މައިރާއަށް ގޮވަން ނުގޮސް ކާމޭޒު ކައިރީ ކޮޅަށް ހުރީއެވެ.
ކޮޓަރިން ނިކުތް މައިރާ ދޮރު ލައްޕާލާފައި އެނބުރިލުމާ އެކު ހުރި ފިޔަވަޅު މަތީ ހުއްޓުނެވެ. ކުރިމަތީ ހުރި އައިދަންއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރީ އެއީ ހުވަފެނެއް ބާއޭ ހިތަށް އަރާފައެވެ. ދެ ފަހަރަކު އެސްފިޔަތައް ތަޅުވާލާފައި މައިރާ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.
“އައިދަން…؟” ސިއްރުން ކަހަލަ ގޮތަކަށް މައިރާ އަހާލިއެވެ.
އެއްޗެއް ނުބުނެ ހަމައެކަނި ބޯޖަހާލި އައިދަން ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.
އެއާއެކު މައިރާ އައިދަން ގައިގައި ބައްދާލިއެވެ. ފަސްޖެހިފައި ހުރި އައިދަންވެސް މައިރާ ގައިގައި ދެއަތް ވަށާލަމުން ލޯ މަރާލިއެވެ.
“އަހަންނަށް ހުވަފެނެއްތަ މި ފެންނަނީ؟” އައިދަން ގައިގައި ބައްދާލައިގެން ހުރެ މައިރާ އަހާލީ އެއީ ހަގީގަތެއް ކަން ޔަގީން ނުވެފައި ހުރި ކަހަލަ ގޮތަކަށެވެ.
“ހުވަފެނެއް ނޫން” އައިދަން ޖަވާބުދިނެވެ.
އެއާއެކު މައިރާ އައިދަންއާ ދުރަށް ޖެހިލާ އައިދަންގެ މޫނަށް ބަލާލިއެވެ. އެއް އަތް ހިއްލާ އައިދަންގެ މޫނުގައި ޖައްސާލިއެވެ. މައިރާ ރޯން ފެށީ ދެނެވެ.
ނުނިމޭ
2 Comments!
Comments are closed.
Amoaii?? vhk kiyanvx foohivejje mihaaru… mara maraafa nugenebala anehkaa… dhn hama keh vaairah hadhaanthah dhuhvaalaane.. egoiy kamaku nudhey dhw dhn… dhn hama enmen sympathy kuran kihkuran Aidhan gennan vyky eh… Ziaam life eh fashaafa hppy ending akun ninman veenu… anehka Maira ah Aidhan dhahkaafa emotional vefa Ziaam ah hurt koffa… nimumeh annaanebaa.. Nimumeh aihvihyaaiy konmehen ekaku sad vaanekan yageen.. 6 yrs fahun dhn aslu Aidhan genaiyma v v v kada… kihvethr hurihaa Authors in vx mi hadhaanthah dhuhvaalaa bayaa maa rahtehi… hama accirent eh vaairah memory lost vaane… annairu onnaani vaanvi ethi vefaa… ekaku anekakah takaa sucrifise ve vhk ge kurimaraa… dhn neyge… thankolheh harudhanaa thafaathu vhk vhk neren vejje kanneyge… dhn mihn ma bunima dhn thibi meehun bunaanyky noon ma vhk liyanvynoonhey laablaab laa… ehbayaku vaane nuliye kiyanvx thiben… possitive n negetive comments accept nukosheh kuriyakah nujahaane… ??? so try to improve
Masha allah very nice story
Waiting for the next part