އިމްތިޙާން 45
“ކަލެޔަށް ޖަވާބު ދޭނަން މިތަނަށް ސިފައިން އައިމަ..”
އެމީހާގެ ހަރުކަށި ބަސްތަކުން ފާއިދުގެ ހިތަށް އަސަރު ކުރުވިއެވެ. އެތައް އަހަރަކަށްފަހު އެކަހަލަ ހަރުކަށި ބަސްތަކެއް އަޑު އިވުމުން ހަޤީގަތުގައި ފާއިދު ވަރަށް ދެރަވިއެވެ.
“ބޭބޭ.. އަހަންނަށް މާފްކުރޭ..”
ފާއިދުގެ އަޑުގައިވާ ހާސްކަން ހަމަހިމޭންކޮށްލީ އެތަނަށް އައިސް ސަލާމް ގޮވާލި ޕޮލިސް މީހާގެ އަޑުންނެވެ.
“ބައްލަވާ! މިބޭފުޅާގެ ފެންވަރުމަތީ ކާރުކޮޅުން އަޅުގަނޑުގެ ފައިގަ އެޖެއްސީ.. ތިބޭފުޅުން މިކަން މާބޮޑު ކަމަކަށް ހައްދަވަން ނޫޅުނިއްޔާ ރަނގަޅީ.. އަޅުގަނޑު ބޭނުމެއް ނޫން ކޮންމެހެން ބަޔާންތަކެއް ނަގާފަ މިކަމުން ސަލާމަތް ނުުވެވިގެން އުޅޭކަށް. އެކުއްޖާ ދޫކޮށްލާ. އަޅުގަނޑުގެ ކަކުލުގަ ވަރަށް ރިއްސާއެބަ.. އަޅުގަނޑު ބޭނުމީ އެކުއްޖާގެ ކާރުގަ ހޮސްޕިޓަލަށް ދާން.”
އަނިޔާ ލިބުނު މީހާ ގޮތްދޫ ނުކުރާ ފާޑަށް އެހެން ބުނެލަމުން ފާއިދަށް ބަލައިލިއެވެ.
“އަޅުގަނޑުމެންގެ ބައެއް ރެކޯރޑްސް ތަކަށް ބޭނުންވޭ ތިބޭފުޅުންގެ މަޢުލޫމާތުތައް. ކޮންމެ ބޭފުޅަކުވެސް އަޅުގަނޑުގެ ސުވާލުތަކަށް ޖަވާބު ދެއްވާ.. މިކޭސް ކުރިޔަށް ގެންދަންޏާވެސް އެނގޭނީ އަޅުގަނޑުމެނަށް.” އެތަނުން ޕޮލިހެއް ބުންޏެވެ.
ސިޓިންގ ރޫމްގެ ކުޑަ މޭޒެއް މަތީ ބައިންދާފައިވާ ފޯނު ބާރު އަޑުފަށްގަނޑަކާއެކު ރިންގް ވަމުން ދިޔައަޑަށް ސީމާ ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. އަދި އިރުކޮޅެއް ފަހުން ވަރަށް ބާރަށް މޫސައަށާ ތުގާއަށް ގޮވަން ފެށިއެވެ.
“ކިހިނެއްތަވީ؟ ކާކުތަ ގުޅީ؟”
މޫސަ ކޮޓަރީގެ ދޮރު ހުޅުވައިން ނުކުންނަމުން އަހާލިއެވެ. އޭރު ސީމާ ވަނީ ހާސްވެފައެވެ. މޫނު މަތީގައި ވަނީ ހިތާމައިގެ އަސަރެވެ. ސީމާގެ ނާޒުކު ދެލޮލުން ފަހަރަކު ކަރުނަ ތިއްކެއް ވެއްޓެމުން ދިޔައެވެ.
“ފާ.. ފާއިދު ދުއްވި ކާރު އެކްސި.. އެކްސިޑެންޓް ވިއްޔޯ.. އެސޮރަށް ކަ.. ކަމެއް ނުވެޔޭ ބުނީ. ކާރުން ޖެހުނު މީހާ ގޮވައިން ހޮސްޕިޓަލަށް ގޮސްފި.” ސީމާ ހިތްވަރު ކުރަމުން ވާހަކަ ދެއްކިއިރު ތުގާވެސް ހުއްޓެވެ.
ސީމާގެ ހާސްކަން އިތުރުވިއެވެ. މުޅި މީހާ ދާހިއްލާ ފޯވާން ނެގީ މަދު ސިކުންތު ކޮޅެކެވެ. ސީމާގެ ގައިން ވަރު ދެރަވާހެން ހީވެގެން މަޑުމަޑުން ހިނގައިގަތީ ސޯފާގައި އިށީނުމަށެވެ. އެ ޚަރަކާތްތައް އެންމެ ރަނގަޅަށް ބަލަންހުރި ތުގާ ގޮސް ސީމާ އަތުލަފި ކޮށްގެން ސޯފާގައި ބޭންދިއެވެ. އިރުކޮޅެއްގެ ތެރޭގައި މޫސަ އައިސް ސީމާގެ ތުންފަތުގައި ފިނި ފެންތައްޓެއް ޖައްސާލިއެވެ. އެއިން ފެން ފޮދެއް ބޯލައިން ތުގާގެ އުނގުގާ ސީމާ އޮށޯއްވެލިއެވެ.
“މަންމާ! އެބޮތް ވާހަކައެއް ބުނަންވެފަ.. އެކަމު އެންމެ ކުރިން އެހެން ވާހަކައެއް އަހާލަންތަ؟”
ފޮތެއް ކިޔަން އިން ޝާމް ފާޑަކަށް ބަލާލަމުން ލަހުމާގެ ހުއްދައަށް އެދުނެވެ. އަދި ކޮޓަރި ކުނިކަހަން ހުރި ލަހުމާ ވަރަށް މަޑުމަޑުން އާނއެކޭ ބުނެލިއެވެ.
“އެއްކަލަ އިރު ކާކު ފެނިގެންތަ އަހަރެން ކައިރި ސައިކަލު ހުއްޓަން ބުނީ؟ މަންމަ ދަންނަ މީހަކު އެތާ ހުރީތަ؟” ލަހުމާއަށް ނަޒަރު ހުއްޓާލަމުން ޝާމްއަހާލިއެވެ.
“ކީއް.. ކީއްވެ އެހެން ތިއެހީ؟ އަހަންނެއް.. އަހަންނަކަށް ނޭންގެ ކާކުކަމެއް؟”
ޝާމް ކުއްލިއަކަށް އެސުވާލު ކުރުމުން ލަހުމާއަށް ތެޅިގަނެވުނެވެ. އެސުވާލަށް ދޭނެ ޖަވާބެއް ލަހުމާ ތައްޔާރުކުރަން ޖެހުނީ ވަގުތުންނެވެ. އެހެންވެ ޖަވާބު ދިނުމުގެ ބަދަލުގައި ލަހުމާއަށްވެސް ކޮށްލެވުނީ ސުވާލުތަކެކެވެ.
“އިނގޭނެ.. ދެން އެހެން ނޫންނަމަ މަންމަ ތިހާ ހާހެއް ނުވާނެދޯ؟ އަހަންނަށްވެސް ބައެއް އެއްޗެހި ވިސްނެޔޭ މިހާރު.. މަންމަ ތި އުޅެނީ އޮޅުވާލަން. އެހެން ނޫންނަމަ ދުއްވާނެ ތަން އޮތް މަގެއްގެ އެއްފަރާތައް ޖެހެން ބުނީ ކީއްކުރަން؟ އަދި އެވެސް ދެފިރިހެނުންނާ ދިމާލަށް…” ޝާމް ވަރަށް ހުށިޔާރު ކަމާއެކު ބުނެލިއެވެ.
“ކޮންއިރަކުންތަ ދާނީ ޑޮކްޓަރ ދީފަހުރި ޓެސްޓުތައް ހަދަން.؟” ލަހުމާގެ އަމާޒަކީ ޝާމް ދެއްކި ވާހަކަ އެހެން ދިމާލަކަށް އަނބުރާލުމެވެ.
“ޖަވާބު ދިނީމަ ތިކަން ކުރާނަން.. ބުނެބަލަ؟ އެހެންވީމަ ހަމަ މަންމަ ތިއުޅެނީ ނުބުނާން.. މަންމައަށް އިނގޭތަ؟ އަހަރެން ވަރަށްވޭ ތިހެން އުޅޭ މީހުންގެ ކަންކަން ހޯދާ ބަލާހިތް. އަހަރެން ވަރަށް ޝަޢުޤުވެރިވޭ ކަންކަން ފޮރުވައިން އުޅޭ މީހުންގެ ޙަޤީޤަތް ހޯދާލަން.. އެއީވެސް ވަޒީފާއެއްނަމަ އަހަރެން ވަރަށް އެކަހަލަ ވަޒީފާއަކަށް ދާހިތްވޭ..”
ޝާމް ވަރަށް ތަރުތީބުން ވާހަކަ ދައްކާލިއެވެ. އެ ބަސްތައް އަޑުއަހަން ހުރި ލަހުމާ ރުޅިވެރި ކަމުގެ މޫނެއް ދައްކާލަމުން ޝާމްއާ ކުރިމަތި ލިއެވެ.
“ބުނަން ރަނގަޅު ވާހަކައެއް. އެއީ ކޮންބައެއްތޯއާ އަހަރެން އެތަނަށް ޝާމް ހުއްޓުވީ ކީއްކުރަންތޯ ޝާމް ނުޖެހޭނެ ބަލާކަށް. އަހަރެންގެ އަމިއްލަ ކަންތައްތަކާ ބެހުމުގެ ބާރު ރަޝީދާއަކަށް ތާނިޔާއަކަށް އަދި ޝާމްއަކަށްވެސް ނޯންނާނެ. އެއީ އަހަރެންގެ އަމިއްލަ ކަންކަން.. މީހުންގެ ކަންކަން ބަލަން ވަޒީފާއަކަށް ނޫން ޝާމްއަށް ދެވޭނީކީ.. ކަމެއް ކުރަންޏާ ހަނޑޫ ބަސްތާގަ އިނީ ކިތައް ހަނޑޫ ފުށްތޯ ގުނާބަލަ؟ ވާނެތަ އެކަން؟”
ލަހުމާގެ ހަޤީގީ ރުޅިގަނޑަކީ ޝާމްއަށް އާކަމެއް ނޫނެވެ. ދޭތެރެއަކުން އެފަދަ ރުޅިވެރިކަމެއް އުފަންވުމުން އެ ދެމައިން އެކަކު އަނެކަކަށް ދޫނުކޮށް ޒުވާބު ކުރެއެވެ.
“ހެހެ.. ގަދަވެލަން އުޅުނަސް މަންމަތީ ގަދަ މީހެއް ނޫނޭ.. ގަދަ މީހެއްނަމަ ޖެހިލުމެއްނެތި ސުވާލަށް ޖަވާބު ދޭނެ.
އެހެންވީމަ ކިހާ ފެންވަރު ދަށް.. ތި އުޅެނީ ދުނިޔޭގަ އެކަނިން އުޅެވިދާނެ ކަމަށްދޯ؟ ކަމަކާ ދިމާވީމަ ހުންނާނެ ފޯރި.. ދެންއޮތީ އަހަރެން ބުނަންއޮތް ވާހަކަ.. މިއުޅެނީ ރައްޓެއްސަކާއެކު ރާއްޖެ ދޫކޮށްފަ ދާން.” ޝާމް އޭނާގެ ރުޅިވެރި މޫނާއެކު ލަހުމާއާ ޒުވާބުކުރަން ފެށިއެވެ.
މާލޭގެ އެންމެ ދުވަސްވީ ބޮޑު ހޮސްޕިޓަލުގެ ޚިދުމަތުން ފަރުވާ ހޯދުމަށްފަހު ފާއިދުއާއެކު ކެންޓީނުގައި ސައިބޯން އެމީހާ އިނެވެ. އެމީހާގެ ރުޅިވެރިކަމާއި ރުންކުރުކަން ފުރަތަމަ ފަހަރަށް ފާއިދުގެ ހިތުގައި ޒަޚަމް ލައްވާލުމުން އަދިވެސް ފާއިދަށް ހަމަޖެހުމެއް ނުލިބެއެވެ..
“ބޭބޭ! ވެދިޔަ ކަންތަކަށް އަހަންނަށް މާފް ކޮށްދީފަ ހިނގާ އަހަރެން އުޅޭ ގެއަށް ދާން.. ބޭބެ ކުރަން އައި ކަމެއް ނިމެންދެން އަހަރެން އުޅޭ ގޭގަ މާލޭގަ މަޑުކުރެވިދާނެ.” ފާއިދު ބިރުން އިނދެ ވާހަކަ ދެއްކިއެވެ.
“ކަލޭ ކިހިނެއް ތިހާ ފަސޭހައިން ފުލުހުންގެ އަތްދަށުން ސަލާމަތްވީ؟” އެމީހާ ވިސްނަމުން ދިޔައީ ފާއިދުގެ ކުޅަދާނަ ކަމުންނެވެ.
“ހެހެ. އެއީ އުނދަގޫ ކަމެއް ނޫނެއްނު. ބޭބެ ދޯ ބުނީ މައްސަލަ ބަލަން ބޭނުމެއް ނޫނޭ. އަހަރެން ކާރު ދުއްވީ ޤަވައިދާ އެއްގޮތަށް. އަހަރެން ހުރަސްކުރި ވަގުތު ބޭބެއަށް ބަލައިނުލެވުނީ.. މިހާރު މިކަމާ ގުޅިގެން އެބޭފުޅުން ބޭނުންވި ހުރިހާ މައުލޫމާތެއް އަހަރުމެނަށް ދެވިއްޖެއެއްނު. ދެން މީ މާބޮޑު އަދަބެއް ލިބޭ ކަމެއްނޫން. ބޭބެގެ ފައި ކިހިނެއް؟”
ފާއިދު ބޯއަރިކޮށްލަމުން މޭޒުދަށުން ތިރިއަށް ބަލައިލިއެވެ.
“ކަކޫ ކަށިގަނޑުގަ ރެނދު އަޅާފަ އިނީމަ ދެން ރިއްސާނެދޯ؟ ކަލެޔަށް އެވަރު ނޭނގޭތަ؟ ކޮންއިރަކުން ގެޔަށް ދަނީ؟ މިތާ އިންނާކަށް ނޫން އަހަރެން މާލެއެރީކީ..”
އެ ފިރިހެންމީހާގެ ޖަވާބުގައިވަނީ އިންތިހާ ދަރަޖައިގެ ހަރުކަށިކަމެވެ.
“ހިނގާދާން. އަހަރެން އުޅޭ ގޭގަ ބޭބެއަށް ހުރެވޭނެ. ބޭބެ ކުރަން އައިކަމެއް ނިމެންދެން ހުއްޓަސް ފަރުވާލެއް ނެތް. ހުންނާނެ ދުވަހަކު ހުރެފަ ރަށަށް ދިޔައިމަ ނިމުނީ.” ފާއިދު ގޮނޑިން ތެދުވިއެވެ.
ބަދިގޭގައި ކައްކަން ހުރި ސަމީރުގެ ވިސްނުމާއި ސިކުނޑި އެތައް ގޮތަކުން ދައުރު ކުރަމުން ދިޔައެވެ. މާލެއިން އައުމަށްފަހު އަފީފާ ކުރަމުން ގެންދިޔަ ހުރިހާ ކަމެއް އަނެއްކާވެސް ސަމީރަށް ކުރަން ޖެހުނީއެވެ. އެހެންނަމަވެސް އެއީ ސަމީރުގެ އާދައެވެ. ވަކި މީހަކު ނެތުމުން އެކަން ކަން ބުރަކަމަކަށް ވާންވީ ކީއްވެހެއްޔެވެ؟ ސަމީރުގެ އެކަނިވެރި ދިރިއުޅުމުގެ މުޅި ޙަޔާތްވެސް އޭނާއަށް ދަސްކޮށްދިނީ އެކަނިވެރި ކަމެވެ. އެހެން މީހުންގެ އެހީއާ ނުލާ އުޅެވިދާނެ މުރާލި ޚަރަކާތްތަކެވެ. އެކަނިވެރި ކަމުގެ އެތައް ފިލާވަޅުތަކަކުން ސަމީރުވަނީ ފާސްވެފައެވެ. ވީއިރު މިއަދު އަނެއްކާ ސަމީރުގެ ޖޯރު އެލެންވީ ކީއްކުރަން ހެއްޔެވެ؟
“ބައްޕާ! ރަށަށް އައިއްސުރެން ހާދަ ބަސް މަދޭ. އެއީ ކީއްވެ؟ ހީވަނީ ކަމަކާ މާބޮޑަށް ވިސްނަނީހެން..”
މާލިކް ކޮށްލި ސުވާލުން ސަމީރުގެ މުޅި ހަށިގަނޑަށް ގުޑުން އަރައިން ދިޔަހެން އޭނާއަށް ހީވިއެވެ.
މާލިކްގެ ފަރާތުން ފެނުން އަޖައިބު ކުރަނިވި އެފަދަ ކަމަކީ މީގެ ކުރިން މަހޫއަށްވެސް ފެނިފައިވާ ކަމެއް ނޫނެވެ. އެހެންވެ މަހޫވެސް ކުޑައިރުކޮޅަކަށް މަޑު ޖެހިލިއެވެ. ކޮށަމުން ދިޔަ ފިޔަލާއި ވަޅި ބާއްވާލަމުން މަހޫއަށް ބަލައި ލެވުނީ ފެންތައްޓެއް ބޯންއިން މާލިކްއަށެވެ. އަދި ހަމަ އެވަގުތު މަހޫއަށް ހައިރާން ކަމާއެކު ސަމީރަށްވެސް ބަލައިލެވުނެވެ.
“ދަރިފުޅާ! މާލިކްތަ ހަމަ ތިހެން ތިބުނީ؟ ބައްޕަ ކަމަކާ ވިސްނާތީ ދަރިފުޅު ތިޔަ ފިކުރު ބޮޑުވީ އަލަށް.. އެހެންވެ ހަމަ ހިތަށްއެރީ މާލިކްބާއޭ އެސުވާލު ތިކުރީ!”
ސަމީރުގެ ނަފްސުގެ އެއްކޮޅުގައި މިވަގުތު ޓަކިޖަހަނީ ހައިރާން ކަމެވެ. އަދި އަނެއްކޮޅުގައި ވަނީ ބަޔާން ކުރަން ނޭންގޭ އުފާވެރި ކަމެކެވެ.
“އަލުން އަފީފައްތައާ ކައިވެނި ކުރަންވީނު؟”
އަނެއްކާވެސް މާލިކް ބުނެލި ޖުމްލައިން ސަމީރާ މަހޫ އެއްފަހަރާ ހުއްޓުން އެރިއެވެ.
– ނުނިމެ –
——————-*******——–
މި ފެށުނު 2021 އަހަރަކީ ހުރިހާ ގޮތަކުންވެސް ފާގަތި އަހަރެއް ކަމުގައި ލައްވާށި
އާމީން..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






