Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިމްތިޙާން 46

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
January 4, 2021 3 Mins Read
0 Comments

“އަލުން އަފީފައްތައާ ކައިވެނި ކުރަންވީނު؟”

އަނެއްކާވެސް މާލިކް ބުނެލި ޖުމްލައިން ސަމީރާ މަހޫ އެއްފަހަރާ ހުއްޓުން އެރިއެވެ.

“މާލިކް! ދަރިފުޅަށް މިއަދު ކިހިނެއްވެފަ ތިހިރީ؟ ތީ މީގެ ކުރިން މާލިކް ނުދައްކާ ވާހަކަތަކެއް. ބައްޕަ ހިއެއް ނުކުރަން ތި ކަންކަމަކީ މާލިކް ވިސްނާހަދާ ކަންތައްތަކެއް ކަމަށް. ބުނެބަލަ؟ ކީއްވެ ތި ވާހަކަތައް މިއަދު ތި ދައްކަނީ؟”

ސަމީރުގެ ހިތުގާ އުފެދިގެން ދިޔައީ އުސްމިން ނޭނގޭ ރާޅު ބައިނިތަކެކެވެ. ފުން މިން ނޭނގޭ ކަނޑެއްގައި އަނެއްކާވެސް ފަތަން ޖެހިދާނެހެން ސަމީރަށް ހީވާން ފެށިއެވެ.

“ހަމަ ބުނެލީ! ބައްޕަ އެގޮތް ބޭނުމެއް ނޫންތަ؟ އަހަންނަށް ހީވަނީ މަހޫވެސް ބޭބުންވާނީ އެގޮތްހެން.”

ފަހަރަކު މީހަކަށް ބަލާލަމުން މާލިކް ވާހަކަ ދައްކަން މަޑުކޮށްލިއެވެ.

“އެހެންވީމަ ތީގެން ބައްޕައަށް ވިސްނެނީ އަދިވެސް ދަރިފުޅު އެގޮތް ބޭނުމެއް ނުވެޔޭ. އެހެންވެތާ ބައްޕައާ މަހޫ ބޭނުންވާ ގޮތޭ ތިބުނީ.” ސަމީރު ވަރަށް ފުންކޮށް ވިސްނާލުމަށްފަހު ބުނެލިއެވެ.

“ކައްކާ ނިމުނީތަ؟ ކޮންކަމެއް ދެން އަހަރެން ކޮށްދޭންވީ؟”

ސަމީރަށް ބަލާލަމުން މާލިކް އެހިއެވެ. އެޔާއެކު ހަމަ ވަގުތުން މަހޫ ގެންގުޅުނު ފިޔާތަކާ ވަޅި މާލިކްއަށް ދިއްކޮށްލަމުން އެއްޗެކޭ ބުނެލިއެވެ.

“އެންމެ ކުޑަމިނުން ވަޅީގަ ހިފައްޓާލަން ދޮންބެވެސް ދަސްކޮށްބަލަ.”

ލޯގަނޑު ކުރިމަތީގައި ހުރެގެން ތާނިޔާ ފަހަރަކު ޓޮޕްކޮޅެއް ނަގާ ގައިގައި ޖައްސާލައެވެ. ފަހަރަކު ދިމާލަކަށް އެނބުރެމުން އެންމެ ރަނގަޅު ޓޮޕްކޮޅަކާ ދިމާވަންދެން ލޯގަނޑު ކުރިމަތީ އެތައް ވައްތަރެއް ޖައްސަމުން ދިޔައެވެ. މިރޭ ތާނިޔާ ދާން ހަމަޖެގިފައިވަނީ ޝާޙީ އާއިލާއެއްގެ ފަރާތުން ލިބުނު ދަޢުވަތަކަށެވެ.

ޚާއްސަ ޕާރޓީތަކަށް ލިބޭ ދަޢުވަތުތަކަށް އެންމެ އެކަށީގެންވާ ހެދުމާއި ގަހަނާ ހޯދަން ތާނިޔާ އަބަދުވެސް މަސައްކަތް ކުރެއެވެ. މުއްސަނދިންގެ ފަރާތުން ލިބޭ ދަޢުވަތުތަކުގައި ތާނިޔާގެ ފެންވަރަކީ އެމީހުންފަދައިން އޭނައަކީ މުއްސަނދި މީހެއް ކަން އެހެން މީހުންނަށް އިޙްސާސް ކޮށްދިނުމެވެ.

ޑްރީމްސް ގޭގެ ތިންވަނަ ފަންގި ފިލާގެ ދޮރު ހުޅުވާލަމުން ފާއިދު އެތެރެއަށް ވަނެވެ. ފާއިދުގެ އަތުގައި ދަބަހެއްގެ އިތުރުން ކޮތަޅެއް އޮތެވެ. ފާއިދު ފެނުމާއެކު ސީމާއަށް އެދިމާލަށް ދުއްވައިގަނެވުނީ ކިހާ ހަލުވި މިނެއްގާކަން ޚުދު ސީމާއަށްވެސް ނޭނގެއެވެ.

ބަނޑު އަޅާ ވިހޭ މައިމީހާ ނޫނަސް އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ސީމާގެ ފަރާތުން ފާއިދަށް ލިބެމުން ދިޔައީ މަޔަކު ދޭފަދަ އަގުހުރި ލޯތްބެވެ. އެ ދެމީހުންގެ ދެމެދުގައި އުފެދިފައިވާ ލޭފަވެތި ގުޅުމަކީ ޙަޤީގަތް ނޭނގޭ އެތައް ބަޔަކަށްވާ ފަރުދާއެކެވެ. އެހާވެސް ވަރުގަދަ ގުޅުމެކެވެ.
އެއީ ހަޤީޤީ ލޯބީގެ އެންމެ ބާރުގަދަ ގުޅުންވެސްމެވެ.

“ދަރިފުޅާ ފާއިދު! މަންމަ މިހިރީ ވަރަށް ހާސްވެފަ.. ދަރިފުޅަށް ކަމެއްވިތަ؟ އަނިޔާއެއް ވިތަ؟ ކޮންތާކަށް ތަދުވީ މަގޭ ދަރިފުޅާ؟ ނަސީބެއްނު މަންމަގެ މިދަރިފުޅު ފެންނަން ހުރިކަން.”

ވާހަކަ ދައްކަމުން ދިޔައިރުވެސް ސީމާގެ ހަރަކާތް ތަކުގައި ވަނީ އަވަސްކަމެވެ. އެއްފަހަރު ފާއިދުގެ މޫނުގައި ދެއަތުން ފިރުމާއިރު އަނެއް ފަހަރު ބަލަނީ ފާއިދުގެ އެއްވެސް ތަނަކުން ޒަޚަމެއް ފެނޭތޯއެވެ.

“ދައްތާ! ހަމަޖެހިބަލަ.. އަހަރެން ރަނގަޅޭ. އަހަންނަށް އެއްވެސް ކަމެއް ނުވޭ.. މިހިރަ ބޭބެގެ ފައިގެ ކަށިގަނޑުގަ ހުރީ ކޮންމެސް ވަރަކަށް ރެނދުލާފަ. މި ބޭބެ ރަނގަޅު ވަންދެން މިގޭގަ ބަހައްޓަ ދޭންވީނު ދައްތާ؟”

ފަހަތުގައި ހުރި މީހާ ދައްކާލަމުން ފާއިދު ބުނެލިއެވެ. އެމީހާ ފެނި ސީމާ އޭނާގެ ނިތްކުރިޔަށް ރޫއަރުވާލިއެވެ. އަދި އިރުކޮޅަކުން ލުއި ހިނިތުން ވުމެއް ވެރިކޮށްލަމުން އެތެރެއަށް ވަންނަން ފުރުޞަތު ދިނެވެ.

“ސޯފާގަ މަޑުކޮށްލާ! މިއަންނަނީ ހުސްކޮށް ހުރި ކޮޓަރި ރެޑީކޮށްލާފަ.” ސީމާ އެހެން ބުނަމުން ހިނގައިގަތެވެ.

“ކީކޭ..؟ ދަންނަ ފާޑު ޖަހާ މީހެކޭ؟ ދެން ސީމާ ތިވިސްނަނީ އެމީހާ މިގޭގަ ބަހައްޓަންތަ؟”

މޫސަ ފެންވަރައިން ނުކުމެ ރީތިވަމުން ދިޔައިރު ސީމާ ހާސްކަމާ އެކު ވާހަކަ ދައްކަމުން ދިޔައެވެ.

“އާނ! އެއީ ކޮންމެސް ތާކުން ފެނިފަ ހުރި މީހެއް ވައްތަރު ޖަހާ.. މޫސައަށްވެސް ފެނުނީމަ ދެން އެނގިދާނެ. ހަމަ ގައިމުވެސް އަހަރުމެންގެ ރައްޓެއްސެއް ނޫން. މޫސާ!… އެމީހާއަށް އެހާލު ޖެހުނީ ފާއިދުގެ ސަބަބުން. އެހެންވީމަ ވާނެއްނު އެމީހައަށް ކަމޭހިތަން. މިދަނީ އެކޮޓަރި ތައްޔާރު ކޮށްލަން.” ސީމާ ބުނީވެސް ތެދު ވާހަކަ ތަކެކެވެ.

ފަޅު އަނދިރިކަމުގެ ތެރެއިން ގޯތިތެރޭހުރި ޖޯލިފަތީގައި އޮށޯއްވެލައިން އޮތް ސަމީރު ސިއްސައިން ދިޔައީ މާލިކް ބައްޕާއޭ ކިޔާ ގޮވާލުމުންނެވެ. ސަމީރު ފަސް އެނބުރި ބަލައިލުމާއެކު މާލިކް އައިސް އެހެން ޖޯއްޔެއްގައި އޮށޯއްވެލިއެވެ.

“ބައްޕަ މިރޭ ނުނިދާ ރެއެއްތަ؟ ހާދަ ލަސްވަންދެން މިތާ ތިއޮންނަނީ؟ ކަމަކާ ވިސްނަނީތަ؟” މާލިކްގެ ހަމަހިމޭން ރާގުގައި ވަނީ ކުލުނުވެރި އަސަރެކެވެ.

“ނަސީބަކުން ވިޔަސް މާލިކްއަށް ތިވަރު ވިސްނުނީމަ ވަރަށް އުފާވެއްޖެ. މީ ބައްޕަގެ އާދަ.. ފުރަތަމަ ދިރިއުޅުން ހީނަރުވެގެން ދިޔައިއްސުރެން އަހަރެން އަބަދުވެސް މިގޮތަށް ފިކުރުކުރަން. ފުރަތަމަވެސް ތުގާއަށް އެހެންވީމަ.. ދެން ވިސްނީ މާލިކްގެ ބަދަލުވަމުން އައި މިޒާޖަށް… އޭގެ ފަހުން އަހަރެންނަށް މަލާމާތްތައް ލިބެމުންދިޔަ އެކަނިވެރި ދިރިއުޅުމަށް.. މަންމައެއްގެ އަޅާލުން ނުލިބުމުން ކަލޭމެން ކުދިންނަށްޓަކާ ކައިވެންޏެއްކޮށް އެކަމުގެ ތެރޭންވީ އެތައްކަމަކާއެކު އަފީފާއާ އަހަރެން މަންމަގެ ހިތްދަތި ވަކިވެ ދިޔުން.. އެއީ ކަލޭމެން ކުދިންނަށް އިޙްސާސް ކުރެވޭނެ ކަންކަމެއް ނޫން.”

ސަމީރު ހިތުގައި ހިނގަމުންދިޔަ އެތައް ޖަޒްބާތުތަކެއް ހާމަކޮށްދެމުން މާލިކްއަށް ބަލައިލިއެވެ.

ކާގެއަށް ވަދެވުމާއެކު ތުގާ ޚަރަކާތްތެރިވަމުން ދިޔައީ ސީމާއާއެކު ރޭގަނޑުގެ ކެއުމަށް ސުފުރާމަތި ތައްޔާރު ކުރުމުގައެވެ. ޚާއްސަ މެހެމާނެއް ގެޔަށް އިތުރުވުމާއެކު ސީމާއާ ތުގާގެ އަތްމަތި ހަލުވިވެފައި އަވަސްމެއެވެ.

“ފާއިދު! އެބޭބެ މިހާރު ނަމާދުކޮށް ނިމިދާނެ. ދެން ބުނޭ އަވަހަށް ކާން ދުރުވާށޭ..” މިސްކިތުން އައިސް ސޯފާގައި އިން ފާއިދަށް ގޮވާލަމުން ސީމާ ވާހަކަ ދެއްކިއެވެ.

އިރުކޮޅެއް ތެރޭ އެމީހާ އަތުލަފި ކޮށްގެން ގެނެސް ފާއިދު ގޮނޑިއެއް ދަމާލިއެވެ. އަދި ވަރަށް ފަރުވާތެރި ކަމާއެކު އެމީހާ ބޭންދިއެވެ.

“ބޭބޭ! ތީ ކޮންނަމެއް ކިޔާ ކޮން ރަށެއްގެ މީހެއް؟ މި ދޮންބެ ކައިރި އެހީމަ ބުނީ ވަރަށް ހަނދާންނެތޭ ނަމެކޯ ތިބޭބެއަށް ކިޔަނީ.. އެހެންވެ ފަސޭހަކޮށްލާފަ ދޮންބެވެސް ކިޔަނީ
ބޭބެއޯ.. ހެހެ.” ސަކަ ގޮތަކަށް ވާހަކަ ދައްކަމުން ތުގާ ބުނެލިއެވެ.

“އަހަންނަށް ކިޔަނީ ފަހުދު..” ފަރުވާކުޑަ ގޮތަކަށް ނަން ބުނެލަމުން، ތައްޓެއް ކައިރި ކޮށްލަން ފަހުދު މަސައްކަތް ކުރިއެވެ.

– ނުނިމެ –

——————-*******——–

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

މި ހިތުން މަޤާމޭ މި ދެނީ 21

Next

މަންޒިލް 23

Next
January 4, 2021

މަންޒިލް 23

Previews
January 3, 2021

މި ހިތުން މަޤާމޭ މި ދެނީ 21



All Right Reserved!