
އިމްތިޙާން 44
ހަފްތާއެއް ފަހެވެ. ސައިކަލުގައި ދުއްވާފައިދިޔަ ޝާމްގެ ފަހަތުގައި ލަހުމާ ހަމަޖެހިލަން އިނެވެ. މަގުމަތީގެ އެކި ދިމަދިމާލަށް ނަޒަރުހުއްޓަމުން ދިޔަ ލަހުމާގެ ލޮލުގައި ކުއްލިއަކަށް އަޅައިގަތީ މީގެ އެތައް އަހަރެއް ކުރިން ދެކެފަރިތަ ވެފައިވާ މޫނެކެވެ. ހިނދުކޮޅަކަށް ދިމާވި މީހެއް ނަމަވެސް އޭނާގެ ފަރާތުން ލަހުމާއަށްވަނީ އެތައް ހަނދާންތަކެއް ރައްކާކުރެވިފައެވެ. އެހާ ގިނަ ދުވަހަށް ފަހު އެމީހާ ފެނުނުމުން ލަހުމާ އެއީ ކާކުތޯ ޔަޤީން ކުރަން ބޭނުންވިއެވެ.
“ޝާމް މަޑުކޮށްބަލަ އެފިހާރަ ދޮރުކައިރި ހުއްޓިހުރި މީހާއާ ހިސާބަށް.” ލަހުމާގެ އެދުމަށް ޝާމް ތަންކޮޅަކަށް ދުއްވާލުމަށްފަހު އެދިމާލަށް މަޑުކޮށްލިއެވެ.
“އޭތް! މޫސާ.. ހިނގާދާން އަވަހަށް. ވަރަށް ވިއްސާރަ ކުލަ ދައްކަން ފަށައިފި.” ކޮތަޅެއް ހިފައިން ފިހާރައިން ނުކުތް މީހަކު މޫސައަށް ގޮވާލުމާއެކު އެދެމީހުން ހިނގައިގަތެވެ.
“ކުރިޔަށް ދުއްވާ.. ދެން އެންމެ ރަނގަޅު.. ހިނގާ ދާން ވާރެ ވެހުމުގެ ކުރިން ހޮސްޕިޓަލަށް ވަދެވޭތޯ.”
އެމީހުންގެ ހަރަކާތްތަކަށް ބަލަން ލަހުމާ އިނީ ހައިރާން ވެފައެވެ. ފުން ވިސްނުމެއްގެ ތެރެއަށް ގެއްލެމުން ލަހުމާ އެދުނީ ސައިކަލު ދުއްވާލުލުމަށެވެ.
“ދޮންބޭ! ކައިގެންތަ ތިއުޅެނީ؟ މިހެން ބުންޏަސް އަހަންނަށް އެނގޭ ކައިގެން ކަން އުޅެނީ.. އެކަމު ބައްޕަ މާލެ ދިޔަފަހުން ދޮންބެ ނާހާ އަހަރެންކައިރި ކައިގެންތޯވެސް ހުންނަނީ..” ގޯތިތެރޭ ޖޯލީގައި ސިނގިރޭޓެއް ބޯން އިން މާލިކްއަށް ނިސްބަތްކޮށް މަހޫ ޝަކުވާކޮށްލިއެވެ.
“ކީއްކުރަން އަހަނީ..؟ މިރަށު އެންމެނަށްވެސް އިނގޭނު މަހޫ ތީ ބައްޕަގެ ރަން ދަރިކަން.. އެންމެނަށްވެސް އިނގޭނެ ބައްޕަ ދިޔައީ މަހޫ އާދިލާއާ ހަވާލު ކޮށްފަކަން. އަހަންނާ ހަވާލުކުރި ނަމަ ދޯ އެވަރަކުން ބަލަންޖެހޭނީ.”
ހިތްހަމަ ނުޖެހިފައިވާ ރާގެއްގައި ރުންކުރު ކަމާއެކު މާލިކް ބުނެލިއެވެ.
“ދޮންބޭ! ތިހެން ނުބުނޭ. ބައްޕަ ކިހާ ލޯބިވޭ ދޮންބެދެކެ. ބައްޕަ ވަރަށް ވިސްނާ ދޮންބެއާ ދޭތެރޭގަ. ވަރަށް ރޮއޭ. ވަރަށް ދުޢާ ކުރޭ. ވަރަށް ވަރަށް އުންމީދު ކުރޭ ބައްޕާއާ ލޯބިން ވާހަކަ ދައްކާލާނެ ދުވަހަކަށް. އަނެއްކޮޅުން ވަރަށް ބޭނުންވެފަ ހުންނަނީ ތި ސިނގިރޭޓް ބުއިން ހުއްޓާލަންވެސް.” މަހޫ ބެލީ މާލިކްއަށް ވިސްނައި ދެވޭތޯއެވެ.
“ހެހެ. ކޮން ލޯތްބެއް؟ ކޮންކަހަލަ ލޯތްބެއް؟ ލޯބީގެ މާނަ އިނގޭނީ މަހޫ ގޮތަށް ލޯބި ލިބިގެން ބޮޑެތިވާ ކުދިނަނަށް. އަހަންނަށް އެނގޭނީ ނަފްރަތުގެ މާނަ. އެއީ މިހާތަނަށް އައިއިރު އަހަންނަށް ދަސްވި އެއްޗަކީ. ރުޅިވެރިކަން، ހިތްހަމަ ނުޖެހުން، ދޭތެރެ ޖެއްސުން، ކަލަ ގޮވުން.. އެއީ އަހަންނަށް ދަސްވި އެއްޗަކީ. ދެން ތިބުނީ ސަމީރު އަހަރެން ދެކެ ލޯބިވެޔޭ. ކޮންއިރަކު އަހަންނަށްޓަކާ އޭނަ ގުރުބާންވީ.؟”
މާލިކްގެ މޫނުމަތި ހީވަނީ އެހެންކަމެއް ހެންނެވެ. ރުޅިއައިސްފައިވާ އެމޫނުގައި ލިޔެވިފައިވާ އެތައް ޝަކުވާއެއް މާލިކް ފާޅުގައި ބޭރުކުރަމުން ދިޔައެވެ. އޭރުވެސް މަހޫ ހުރީ ކެތްތެރި ކަމާއެކުގައެވެ.
“ލޯބިވާތީ ދޯ މިހާތަނަށް އައިއިރުވެސް މަންމައަކާ ނުލާ އެބެލީ. ކުރިހާ ޚަރަދޯ؟ ކުރިހާ މަސައްކަތޯ؟ އުފުލިހާ ބުރައެކޯ؟ ދޮންބެއަށް ނުވިސްނެނީ ކީއްވެތަ.؟ ލޯބިވާތީ ދޯ ދޮންބެ އަފީފާ ދައްތައަށް ޖެއްސުން ކޮށް ޒުވާބުކޮށް ހެދީމަވެސް، ދޮންބެ ބަހައްޓާފަ ތިހިރީ. ކުށެއްނެތް އެ އިންސާނާ ބައްޕައަށް ޙަމްދަރުދީގެ އަތެއް ދިއްކޮށްލީމަވެސް ވަރި ކޮއްފަ އޭނަ ފޮނުވާލަން ބައްޕައަށް މަޖްބޫރުވީ.. އެވެސް ދޮންބެ ގެއްލިދާނެތީ. އެޔަށްވެސް ކިޔާނީ ލޯބި.”
މަހޫ އިސްކުރީ އޭނާގެ ފަށުވި އަޑެވެ. ބާރަށް ހަޅޭއްލަވާ ޒުވާބުކޮށް ހެދުމަކީ މަހޫގެ ސިފައެއް ނޫނެވެ.
“ކީއްވެ އެއްޗެއް ނުބުނީ؟ ދޮންބެ އެންމެ ކުރާހިތުން ކުރާކަމަކީ ސިނގިރޭޓް ބުއިން. އެއީ އެކަމަށް ލޯބިކުރާތީ. ހިތްއެދޭތީ. އެކަމަކު ތިއިން ވާ ފައިދާއެއް ކޮބާ؟ ތިހާ ލޯބިން ބޯލާ ސިނގިރޭޓަށްވެސް އެދަނީ އަނިޔާ ލިބެމުން. އަނދާ ހުލިވަމުން. އަމިއްލަ ހަށިގަނޑު ދުމުގެ އަސަރުން ހަލާކުކުރަމުން. ދޮންބޭ! ލޯތްބަކީ އެއެއްނޫނޭ. ދޮންބެ ތިގެންދަނީ ބައްޕަގެ ހިތަށް އެތަށް ގޮތަކަށް އަނިޔާދެމުން. ތިއުޅުން އިސްލާޙު ކުރަންވީނު” މާލިކަށް ވިސްނައިދެވޭތޯ މަހޫ ބެލިއެވެ.
ރޭގަނޑުގެ ވަގުތެވެ. އެއްތަށި މަތިން ކެއުމަށް އިންސާފު ކުރަމުންދިޔަ ސީމާގެ އާއިލާއާއެކު ސަމީރުވެސް ބައިވެރިވިއެވެ.
“ދަރިފުޅާ ތުގާ!.. ބައްޕަ ބަތްމޮޑޭނަމޭ އަމިއްލައަށް. ގެނޭ ބައްޕަ އަތަށް.” ތަނުގެ ހަމަހިމޭންކަން ފޫއަޅުވާލަމުން ސަމީރު ވާހަކަ ފެށިއެވެ.
“ނޫން.. ބައްޕައަށް އިނގޭނު.. މާލެ އައިމަ ބައްޕަ ނުޖެހޭނެ ދުވަހަކުވެސް އަމިއްލައަށް ބަތް މޮޑޭކަށް. މީ އަހަރެން ވަރަށް ކުރާހިތުން ކުރާކަމެއް. ބައްޕަ އުފާކޮށްބަލަ އަހަރެން މިހެން އުޅޭތީ..” ތުގާ އޭނާގެ ވައަތުން ސަމީރުގެ ކޮލުގައި ހިފާލަނުން ބުނެލިއެވެ.
“ތެދެއް.. ދެން ތުގާގެ ބައްޕަ މަޑުން އިނދެބަލަ ތުގާ އެހާ ލޯބިން އުޅޭއިރު. އަނެއްކާ ސަމީރުބެ ތިއުޅެނީ މާދަމާ ރަށަށް ދާން.. މަހޫއާ މާލިކް ކައިރިވެސް ބުނެބަލަ މާލެ ޖައްސާލާށޭ.. ދޭތެރެއަކުން އެމީހުންނާ ދިމާވަނީވެސް ސަމީރުބެ އެކުދިން ގެންނާތީވެ. އެކަމު މާ މަދީ އެކުދިންނާ ތުގާއާ ދިމާވާލެއް.” ތުގާއަށް ހިތްވަރު ދެމުން ފާއިދު ވާހަކަ ދެއްކީ ސަމީރާއެވެ.
“ހޫމ! މަހޫވެސް ވަރަށް ކިޔާނެ ފާއިދުގެ ވާހަކަ.. ތުގާދެކެވެސް އެހާ ލޯބިވޭ. ދެން ސަމީރުބެ މަންމަގެ ކަންތަކުގަ ގިނަ ދުވަސްތައް މިވީ މާލެ ނާދެވިވެސް ދޯ؟” ސަމުސަލެއް ލާފައިވާ ބަތްތަށި ސަމީރުގެ ކުރިމަތީގައި ތުގާ ބޭންދުމާއެކު ކާންފަށަމުން ސަމީރު ވާހަކަ ދެއްކިއެވެ.
“ދޮންތާ! މޫސަބޭ! ވަރަށް ބޮޑަށް ޝުކުރިއްޔާ މަންމައަށް ފަރުވާ ކުރެވޭނެކަމަށް ބަލާފަ ޙަރަދު ކޮށްދިން ފައިސާތައް މަޢާފް ކޮށްދިނީމަ.” އިސްދަށަށް ޖަހާލަމުން ސަމީރު ބުނެލިއެވެ.
އެޔާއި އެކު ސީމާއާ މޫސަވެސް ހިތްހަމަ ޖެހުމާއެކު އުފާވެރިކަމުގެ ހިނިތުންވުމެއް ސަމީރަށް ހަދިޔާކޮށްލިއެވެ.
“ދައްތާ! މާދަން ހެނދުނު ސަމީރުބެ ދޯންޏަށް ގެންގޮސްފަ އެބަޖެހޭ މިއަހަރު ޙައްޖުގެ ކަންކަން އިންތިޒާމް ކުރާނެ ގޮތާމެދު ވާހަކަ ދައްކާލަން މީޓިންއެއް ބާއްވަން. ލަހުން ކަންނޭނގެ ގެއަށް އާދެވޭނީ.. އެކަމުވެސް ތާކަށް ދާންޖެހެންޏާ ގުޅާލާތި. އަންނާނަން ގެންގޮސްދޭން.” ފާއިދު އޭނާގެ ބިޒީ ޝެޑިއުލް ކިޔާލަދިނެވެ.
“ތުގާ! ދަރިފުޅުވެސް ތާކަށް ދާން ބޭނުމިއްޔާ ދޮންބެއަށް ގުޅާލާތި.”
މޫސަ ތުގާއަށް ބަލައިލަމުން ބުނެލިއެވެ. އެހެން ބުނެލުމާއެކު ފާއިދު ހުރިހާ ދަތްތަކެއް ދައްކާލަމުން އެންމެންގެ ކުރިމަތީ ތުގާއާ ދިމާލަށް އެއްލޯ މަރާލިއެވެ.
ޖެހިގެން އައި ދުވަހެވެ. މެންދުރުގެ އެންމެ ދިލަހޫނުން މާލޭގެ މުޅި މާހައުލު ދޮންކުރަމުން ދެއެވެ. ޚާއްސަ މީޓިންއަކަށް ދާން ހަމަޖެގިފައިވާ ފާއިދު ދިގުކޮށްފައިވާ ތުނބުޅީގެ ވަރުގަދަ އިސްތަށިތަކާ ކުޅެލަމުން ކަނާއަތުން ކާރު ދުއްވަމުން ދިޔައެވެ. ޖުމްހޫރީ މައިދާނާ ދިމާ ބޮޑުތަކުރުފާނު މަގުން އާދައިގެ މަޑު ދުވެލީގައި ދުއްވަމުން ދިޔަ ކާރު ކުއްލި ލަތްކަކާއެކު ވަގުތުން މަޑުޖެހިލިއެވެ.
ދެލޯ މަރާ ތަގުޅި ކޮށްލައިގެން އިން ފާއިދު މަޑުމަޑުން ލޯ ހުޅުވާލިއެވެ. ކުރިމަތީ ފެންނަން ހުރީ ކޮނޑުގައި ދަބަހެއް އަޅުވާލައިން ހުރި ފިރެހެނެކެވެ. އެމީހާ ކައިރި ހަތަރު ވަރަކަށް މީހުން ޖަމާވެފައި ވާއިރު އެތަނުން އެކަކު ހުރީ އެ ބީރައްޓެހި މީހާގެ ކޮޑުގައި ހިފައްޓާލައިންނެވެ. ކާރުގެ ދޮރު ހުޅުވާލުމަށްފަހު ފާއިދު އަވަސވެގަތީ އެމީހާގެ ހާލު ބެލުމަށެވެ.
އެހެނަސް އެމީހާގެ މޫނުމަތިން ފެންނަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.
“ބޭ.. ބޭބެ ކިހިނެއް؟ ކޮންތާކަށް ތަދުވީ؟ ވަރަށް ބޮޑަށް މަޢާފްކުރޭ ބޭބޭ..” ފާއިދު ހާސްކަމާއެކު އެތައް ސުވާލެއް އެއްފަހަރާ ކޮށްލިއެވެ.
“ކަލެޔަށް ޖަވާބު ދޭނަން މިތަނަށް ސިފައިން އައިމަ..” އެމީހާގެ ހަރުކަށި ބަސްތައް ފާއިދުގެ ހިތައް އަސަރު ކުރުވިއެވެ.
އެތައް އަހަރަކަށްފަހު އެކަހަލަ ހަރުކަށި ބަސްތަކެއް އަޑު އިވުމުން ހަޤީގަތުގައި ފާއިދަށް ވަރަށް އަސަރު ކޮށްފިއެވެ.
ނުނިމެ
—————*******————