Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މި ހިތުން މަޤާމޭ މި ދެނީ 19

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
December 28, 2020 8 Mins Read
0 Comments

ރިސޯޓުގައި މައިރާއާ ޒިއާމް ތިބުމަށް ހަމަޖެހިފައިވާ ރޫމްއަށް ދެވުމުން މައިރާ ވަދެ ސޯފާގައި އިށީނދެ އަރައިގެން ހުރި އުސް ފައިވާން ބާލާފައި ފައިތިލަ މޮޑެލިއެވެ. ފޮށި ހިފައިގެން ޒިއާމް ވަން އިރު މައިރާ އިން ގޮތް ފެނުމުން އައިސް މައިރާގެ ފައިތިލަ ޒިއާމްގެ އުނގަށް ލާ މަސާޖް ކޮށްދޭން ފެށިއެވެ. ރިއްސަން ފަށާފައި ހުރި ފަޔަށް ލުއި ވުމުން މައިރާ ސޯފާގެ އަތްގަނޑުގައި ބޯ ޖައްސާލާ ލޯ މަރާލިއެވެ. ޒިއާމްގެ ދެ އަތުގެ މަސާޖް ލުއި ފިރުމުންތަކަކަށް ބަދަލުވެ އެ އިނގިލިތައް މައިރާގެ ހަށިގަނޑުގެ މައްޗަށް ދަތުރުކުރަން ފެށިއެވެ. އެ ފިރުމުންތަކަށް މައިރާއަށް މަރުޙަބާ ކިޔުނީ ކެތްތެރިކަމެއް ނެތިއެވެ.

އެކަކު އަނެކަކުގެ އަތުތެރޭ ގެއްލިފައި ތިބި ޒިއާމްއާ މައިރާއަށް ވަގުތު ފާއިތުވަމުން ދިޔަ ގޮތެއް ނޭނގެއެވެ. ދެ މީހުންނަށް ނިދުނު އިރު ފަތިސް ވާން ކައިރި ވެއްޖެއެވެ. މައިރާގެ ފޯނުގެ އެލާމްގެ އަޑަށް ލޯ ހުޅުވާލި ޒިއާމްއަށް ހީވީ ހަމަ ނިދުމާއެކު ހޭލެވުނު ހެންނެވެ. މޯޅިއަކަށް ދެމިލަމުން ކައިރީގައި އޮތް މައިރާއަށް ބަލާލުމާއެކު އެހެން ހުރިހާ ކަމެއް ޒިއާމްގެ ސިކުނޑިން ފޮހެވުނެވެ. ޒިއާމްގެ ތުންފަތުގެ ބީހިލުމާއެކު ހޭލެވުނު މައިރާއަށް އެ ދަޢުވަތަށް އިޖާބަ ދެވުނު އިރު ލޯ ނުހުޅުވެއެވެ. ދެ މީހުން އެނދުން ތެދުވީ ފަތިސް ނަމާދު ވަގުތު ފާއިތު ވުމުގެ ކުރިން ނަމާދު ކުރާށެވެ.

ހަފްތާއެއް ހޭދަވީ އެ ގޮތުގައެވެ. މާލެ އައިސް މައިރާ ބަދަލު ވީ ޒިއާމްގެ އެޕާޓްމެންޓަށެވެ. ކުރިއެކޭ އެއްގޮތަށް ހުކުރު ދުވަސް ފިޔަވާ އެހެން ދުވަސްތައް ދެ މީހުން ހޭދަ ކުރަނީ އެތަނުގައެވެ. އައިދަންއާ ކައިވެނި ކޮށްގެން އެ ގެއަށް އައި ދުވަހުން ފެށިގެން މުނާއާ ޝަފީއުއާ މިޝްޔާ މާލޭގައި ހުރިއްޔާ ބުރާސްފަތި ދުވަހު އޮފީސް ނިންމާ ގޮތަށް އެރޭ ވަންދެން މައިރާ ހުންނާނީ އެ މީހުން ކައިރީގައެވެ. ފަހުންވެސް އެކަން އޮތީ އެހެންނެވެ. ހުކުރު ދުވަހަކީ ޒިއާމްގެ އާއިލާއާ އެކު ހޭދަ ކުރާ ދުވަހެވެ.

ކޮންމެ ދުވަހަކީ މައިރާ ދެކެ ޒިއާމް ވާ ލޯބި އިތުރު ވާ ދުވަހެކެވެ. އެ ލޯތްބަށް އެދެވޭ މިންވަރު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވާ ކަހަލައެވެ. މައިރާގެ ހިތުގައި ޒިއާމްގެ ލޯބި ދުވަހެއް ދުވަހަކަށް އިތުރުވަމުން ފުންވަމުން ދިޔައެވެ. ދުވަހަކުވެސް އެހެން މީހެއްގެ ލޯތްބަށް އެދެވިފައި ނުވާ ވަރަށް މައިރާ ޒިއާމްގެ ލޯތްބަށް އެދެއެވެ. ގޭތެރޭގައި ތިބޭ އިރު ޒިއާމްއަށް އިރުކޮޅަކުވެސް މައިރާއާ ދުރުގައި ނުހުރެވެއެވެ. ބަދިގޭގައި ކައްކަން މައިރާ ހުންނަ އިރުވެސް ޒިއާމްއަށް ހުރެވޭނީ މައިރާ ފެންނަ ހިސާބުގައެވެ. އެހެން ހުންނަ އިރު މައިރާ ހީވެސް ނުކޮށް ހުއްޓާ ޒިއާމްގެ ދެ އަތުގެ ތެރެއަށް މައިރާ ގެނެސް ހިތް އެދޭ ކޮންމެ ކަމެއް ކުރުމަށް ޒިއާމް ފަހެއް ނުޖެހެއެވެ. ޒިއާމް މައިރާއަށް އެދިގެން އިޝާރާތެއް ކޮށްލާ އެއްވެސް ފަހަރަކު ޒިއާމްއާ ދެކޮޅު ހެދުމުގެ ބާރެއް މައިރާގެ ކިބައަކު ނުހުރެއެވެ.

މައިރާއާ ޒިއާމްގެ ކައިވެންޏަށް އަހަރެއް ވާން ކައިރި ވީ އިރު މައިރާގެ ހިތުގައިވާ އެންމެ ބޮޑު އެދުމަކީ ޒިއާމްގެ ދަރިއަކަށް ބަލިވެ އިނުމެވެ. އެހެން ނަމަވެސް އަދި ދަރިއަކު ނުލިބި ލަސްވެގެން ޒިއާމްވެސް ނޫޅޭތީ އެކަމާ މައިރާ އެހާ ކަންބޮޑެއް ނުވެއެވެ. އޭރު މައިރާ ވިސްނަމުން ދިޔައީ ކައިވެންޏަށް އަހަރު ފުރުމުން ޒިއާމްއަށް ދޭނެ ހަދިޔާއަކާ މެދުއެވެ.

ޒިއާމްއަށް ސިއްރުން އެއްވެސް ކަމެއް ކުރުން މައިރާއަށް ވީ އުނދަގޫ ކަމަކަށެވެ. ނަމަވެސް އެކުވެރިންގެ އެހީގައި ކޭކެއް ގެނެސް، އެރެއަށް ކެއުމެއް ތައްޔާރުކޮށް ނިންމާނެ ފުރުސަތު މައިރާއަށް ލިބުނީ އަޒްމަންއާ ޒައިނާގެ ސަބަބުންނެވެ. އަޒްމަންއަށް ކަމެއް ޖެހިގެން އެހީއަށް އެދި ގުޅުމުން ނުވައެއް ޖަހަން އުޅެނިކޮށް ދިޔަ ޒިއާމްއަށް ގެއަށް އާދެވުނީ ބާރަ ޖަހަން ކައިރިވެފައި ހުއްޓައެވެ. ޒިއާމް އައި އިރު ޒިއާމްގެ އިންތިޒާރުގައި މައިރާ ސޯފާގައި އިނެވެ.

“ނުނިދަންތަ؟” މައިރާ ފެނުމުން ކައިރިއަށް އައިސް ޒިއާމް ބައްދާލިއެވެ.

“ޒިއާމް އަންނަން ދެން އިނީ. ކާލާނެ އެއްޗެއް ހަދަންތަ؟” މައިރާ އެހިއެވެ.

“އާނ، ބަނޑުހައިވެސް ވެއްޖެ. އަޒްމަން ކާން ބުނީމަވެސް ނޫނެކޭ ކިޔާފަ މި އައީ ލަސް ވާތީ” ޒިއާމް ބުންޏެވެ.

“ފެން ވަރާލަން ވީނު؟ ނިކުންނަން ވާ އިރަށް ރެޑީކޮށްލާނަން” ބަދިގެއާ ދިމާއަށް މައިރާ ފިޔަވަޅެއް އަޅާލިއެވެ.

“ހެލްޕް މީ؟” މައިރާގެ އަތުގައި ހިފާ ގެނެސް މޭގައި ޖައްސާލަމުން ބުނެލި އިރު ޒިއާމްގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ.

“ދެން… ދޭ އަވަސް ކޮށްގެން އަންނަން” ލުއި ހުނުމަކާ އެކު މައިރާ ޒިއާމްގެ މޭގައި ޖަހާލިއެވެ.

“އޯކޭ ދެން” ހެމުން ޒިއާމް ކޮޓަރިއަށް ވަނެވެ.

މައިރާ އަވަސް ކޮށްލާފައި ކާމޭޒުގެ މެދުގައި ކޭކު ބެހެއްޓިއެވެ. ހުދު ކުލައިގެ ކޭކުގެ މެދުގައި ގުޅުވާލެވިފައި އިން ރަތް ކުލައިގެ ހިތުގެ ތެރޭގައި އެމް އަކުރަކާ ޒެޑް އަކުރެއް ފިޔަވާ އެހެން އެއްވެސް ގޮތެއް ހަދާފައެއް ނެތެވެ. ތައްޓަށް އަޅާ މަތި ޖަހާފައި ހުރި އެއްޗެހި މައިކްރޯވޭވް އިން މައިރާ ހޫނު ކޮށްލިއެވެ. މޭޒުމަތީ ތަށިތައް އަތުރާލާފައި ދެ ތައްޓަށް އާފަލު ޖޫސް އަޅާފައި މައިރާ ތައްޔާރު ކުރި ޗޮކްލެޓް ކޭކު ނެގިއެވެ. މޭޒުމަތި ތައްޔާރުވެފައި ހުރީ ރަނގަޅަށްތޯ ބަލާލާފައި ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލު ކޮށްލާފައި މައިރާވެސް ތައްޔާރުވެލިއެވެ.

ބާރަ ޖެހިތަނާ ޒިއާމް ބޭރަށް ނިކުތް އިރު ކާމޭޒުދޮށުގައި މައިރާ ހުއްޓެވެ. ފަހަތުން އައިސް މައިރާ ގައިގައި ބައްދާލަމުން ޒިއާމް ލޯބިން މައިރާއަށް ގޯނާތައް ކުރަން ފެށިއެވެ.

“ހެޕީ އެނިވަރސަރީ!” ޒިއާމްގެ އަތުތެރޭ ހުރެ އެނބުރިލަމުން މައިރާ ބުންޏެވެ.

“ހެޕީ އެނިވަރސަރީ!” ޒިއާމްވެސް ޖަވާބުގައި މައިރާއަށްވެސް ތަހުނިޔާ ކިޔެވެ.

“ކާންވީނު؟” މައިރާ ބުންޏެވެ.

“ކޮން އިރަކު މި ހުރިހާ ކަމެއް ކުރީ؟” ޒިއާމް އަހާލިއެވެ.

“މިރޭ” ހިނި އައިސްފައި މައިރާ ބުންޏެވެ. އަދި ޒިއާމްގެ އަތުގައި ހިފާ ދަމާލަމުން އިށީނުމަށް ބުންޏެވެ. ނަމަވެސް އެ ވަގުތު ޒިއާމްގެ ހިތުގައި އޮތީ އެހެން ކަމެކެވެ. ދެއަތް މައްޗަށް މައިރާ ނަގައިގެން އައިސް ސޯފާގައި ޒިއާމް އިށީނީ މައިރާ އުނގަށް ލައިގެންނެވެ. މައިރާއަކަށްވެސް ދެކޮޅެއް ނުހެދުނެވެ. ޒިއާމްގެ ކޮންމެ ބީހިލުމަކަށް މައިރާ މަރުހަބާ ކިޔަމުން ދިޔައެވެ.

ބެލް ޖަހާލި އަޑަށް ދެ މީހުން ދުރުވެލާ ދޮރާ ދިމާއަށް ބަލާލާފައި އެކަކު އަނެކަކަށް ބަލާލި އިރު ދެ ހިތުގައިވެސް ނުރުހުން ވީ އެ ވަގުތަށް އެޅުނު ހުރަހުގެ ސަބަބުންނެވެ. އަޅާނުލާށޭ ބުނެފައި ޒިއާމް އަނެއްކާވެސް މައިރާގެ މޫނުގައި ދެ އަތުން ހިފާލިއެވެ.

“ހެލް!” ހިތްހަމަ ނުޖެހިފައި ޒިއާމްއަށް ބުނެވުނެވެ. މައިރާއާ ދުރަށް ޖެހިލާ މީހާ ހަމަޖެހިލަން އިރުކޮޅަކު ޒިއާމް މަޑުކޮށްލިއެވެ. ތިންވަނަ ފަހަރަށް ބެލް ޖަހާލުމާއެކު ޒިއާމް ގޮސް ކުޑަކޮށް ދޮރު ހުޅުވާލިއެވެ.

“މީ ކޮންކަމެއް؟” ދޮރު ހުޅުވާލުމާއެކު ޒިއާމްއަށް އަހާލެވުނެވެ.

“ހެޕީ އެނިވަރސަރީ! ދެން އަހަރުމެން ވައްދަބަލަ! ދޮރުމަތީ ތިބެ ވިޝް ކޮށްލާފަ ދާކަށް ނޫނޭ މި އައީ” އައިމަލްގެ އަޑު އިވުނެވެ.

ސޯފާގައި އިން މައިރާ އަވަސް އަވަހަށް ކައިރީގައި ހުރި އެއްޗެހި ލާން ފެށިއެވެ. ޒިއާމްވެސް މަޑުކޮށްލާށޭ ބުނެފައި ދޮރުގައި ހިފަހައްޓާލަމުން ބަލާލީ މައިރާއަށެވެ. މައިރާ ބޯ ޖަހާލުމުން ޒިއާމް ދޮރު ހުޅުވާލާފައި އައިސް މައިރާ ދިއްކޮށްލި ޓީޝާޓު ލިއެވެ.

“ނުބައި ވަގުތެއްގަތަ މި އާދެވުނީ؟” ސަކަ ހުނުމަކާއެކު އާރާ ބުނެލީ ދެ އަތުން އިސްތަށިގަނޑު ރީތިކުރަން ހުރި މައިރާއަށް ބަލާލާފައެވެ.

“ދެން އާރާއަށްވެސް އެނގެން ވާނެ ދޯ މި ކަހަލަ ރޭރޭގެ މި ވަގުތު ރަނގަޅެއް ނުވާނެ ކަން؟” އާރާގެ ކޮނޑުގައި އަތް އަޅުވާލަމުން އައިމަލް ބުނެލިއެވެ.

އާރާއާ އިޔާދުއާ އަޒްމަންއާ ޒައިނާ އަދި އައިމަލް އައިސް އެކި ތަންތަނުގައި އިށީނެވެ. ކޮންމެ މީހަކުވެސް މައިރާއާ ޒިއާމްއަށް ތަހުނިޔާ ކިޔުމަށް ފަހު ކޮންމެވެސް ކަހަލަ ހަދިޔާއެއް ދިނެވެ. ކެއުމަށް މައިރާ ދަޢުވަތު ދިނުމުން އެކަކުވެސް އެއްބަހެއް ނުވިއެވެ. އެހެން ނަމަވެސް ކޮންމެ މީހަކުވެސް މައިރާ އެޅި ޗޮކްލެޓް ކޭކު ކެއެވެ. އެއް ގަޑި ބައިވާން އުޅެނިކޮށް އެންމެން ދިޔުމުން ޒިއާމް ދޮރު ތަޅުލާފައި އައިސް މޭޒު ކައިރީ އިށީނެވެ.

“އެ އައިމަލްގެ ކަންތައް އެއީ. ހަމަ ޖެއްސުން ކުރަން ވެގެން އެންމެން ގޮވައިގެން އެއައީ” މައިރާ ބުނެލިއެވެ.

“އޭނަ އެކަނިތަ؟ އެ އެންމެން ރާވައިގެން އެ އައީ” ހިނި އައިސްފައި ޒިއާމް މައިރާގެ އަތުގައި ހިފާ ކައިރިއަށް ދަމާލިއެވެ.

“އިހަށް ކާން ވީނު؟” ޒިއާމްގެ ބޭނުން ވިސްނި ޒިއާމްގެ މޭގައި އަތް ޖައްސާ ދުރުކޮށްލަމުން މައިރާ މޭޒަށް އިޝާރާތް ކޮށްލިއެވެ.

“އޯކޭ، މައި ބުނި ގޮތެއް. ވަން މިނަޓް އިނގޭ” ޒިއާމް ކޮޓަރިއަށް ވަދެފައި ނުކުތް އިރު އަތުގައި ރަތް ކުލައިގެ ވިދާ ކަރުދާހުން ބަންދުކޮށްފައި އޮތް އެއްޗެއް އޮތެވެ.

“ހެޕީ އެނިވަރސަރީ ލަވް” މައިރާގެ އަތަށް ހަދިޔާ ލައިދެމުން ޒިއާމް މައިރާގެ ތުންފަތުގައި ބޮސްދިނެވެ.

ދެ މީހުން އެކުގައި ކާން އެރިއެވެ. އެހެން ތިބެ އެކަކު އަނެކަކުގެ އަތުން އިރުއިރުކޮޅާ ކާލައެވެ. ކޭކެ ފެޅި އިރު މައިރާގެ އަތުގައި ހިފައިގެން ހުރެވެސް ޒިއާމް ބެލީ މައިރާއަށް އެކިއެކި ގޯނާ ކުރެވޭތޯއެވެ.

“ޒިއާމް، ގިޓާ ކޮބާ؟” މައިރާ އަހާލިއެވެ.

އެންމެ ފަހުން އެ ގިޓާއިން ރާގެއް ކުޅުނު ރޭގެ ހަނދާން ޒިއާމް ވިއެވެ. އެރޭގެ ފަހުން ޒިއާމް އޭގެ މަތިން ފޫހިވެފައި ވާ ކަހަލައެވެ. އެއްވެސް މީހަކު ބުނެގެންވެސް އޭގެ ފަހުން ޒިއާމް އެ ގިޓާގައި އަތް ނުލައެވެ.

އެއްޗެއް ނުބުނެ ޒިއާމް ވަނީ ބަދިގެއަށެވެ. ގޮނޑިއެއް ކައިރިކޮށްލާފައި މަތީ ކަބަޑުސެޓުގެ މަތިން ގިޓާފޮށި ނަގައިގެން އައިސް ފޮށި ހުޅުވާ ގިޓާ ނެގިއެވެ. ނަރުތައް ރަނގަޅު ކޮށްލާފައި ގޮނޑީގައި ހަމަޖެހިލާ ޒިއާމް މައިރާއަށް ބަލާލިއެވެ. މައިރާ އެއްޗެއް ނުބުނެ ބޯ ޖަހާލިއެވެ.

“ވަޢުދެއް މިރޭ ވާނަން

މީ ތެދުކަން އަންގައި ދޭނަން

ހަނދާއޭ ހެކި ވެދޭށޭ

ހުއްޓާ މޭގާ ދިރުމާ، އަދި ނޭވާ

ނިންމަނީ ވަކި ނުވާށޭ

ހަނދާއޭ ހެކި ވެދޭށޭ

ބަދަލެއް ނުވާނޭ ޔަގީން

މި ހިތެއް މި ޢަޒުމެއް އެހެން

އޮއެވަރާ ބީހިލާ ވަގުތީ ރާޅު ހެން

ގުލްޝަން ތެރޭގާ ހަވީރު

މާތަކު ތެރޭ ވަސް ހުންނަހެން

ވަޢުދެކޭ މީ ކުރާ ޢުމުރަށް ވަކި ނުވާހެން

ހަނދާއޭ ހެކި ވެދޭށޭ…”

ޒިއާމްއަށް އެ ވަރަށް ކިޔުމުން މައިރާ އައިސް ޒިއާމްގެ އަތުން ގިޓާ ނަގާ ދުރުގައި ބާއްވާފައި ޒިއާމްގެ އުނގުގައި އިށީނދެ ދެ އަތުން ޒިއާމްގެ މޫނުގައި ހިފާލަމުން ތުންފަތުގައި ބޮސްދިނެވެ. އިތުރު ވަގުތެއް ނަގާނުލާ ޒިއާމް މައިރާ އުރާލައިގެން ގޮސް ސޯފާގައި އޮށޯތެވެ.

ހަތަރެއް ޖެހިތަނާ ހޭލެވުނު މައިރާ، އުނަގަނޑު މަތިން ޒިއާމްގެ އަތް ދުރަށް ޖައްސާލާފައި ތެދުވިއެވެ. ވެއްޓިފައި އޮތް ޒިއާމްގެ ޓީޝާޓު ލައިގެން މޭޒު ކައިރިއަށް ގޮސް ޒިއާމް ދިން ހަދިޔާ ކަނޑާލިއެވެ. އޭގައި އޮތީ އުނަގަނޑުގައި އަޅާ ދިގު ރިހިފަށެކެވެ. އެއީ މައިރާ އަބަދުވެސް އަޅާހިތްވާ އެއްޗެކެވެ. އެހެން ނަމަވެސް ޒިއާމް ކައިރީ އެ ވާހަކަ ބުނެވުނު ހަނދާނެއް މައިރާ ނުވެއެވެ. އެކަމާ ހިތުގައި ސުވާލު އުފެދިފައި ހުރެ ޓީޝާޓު ހިއްލާލާ މައިރާ އެފަށް އުނަގަނޑުގައި އަޅާލިއެވެ.

“ބިޔުޓިފުލް!” ޒިއާމްގެ އަޑު އިވިފައި މައިރާ ސިހިފައި ބަލާލިއެވެ. މައިރާއާ ދިމާއަށް ބަލަން ސޯފާގައި އޮތް ޒިއާމް ފެނިފައި މައިރާ އަވަހަށް ޓީޝާޓު ތިރިކޮށްލިއެވެ. އެއާއެކު ޒިއާމް ބާރަށް ހޭން ފެށިއެވެ. ޒިއާމްއާ ދިމާއަށް ލޯ އަޅާލި މައިރާ ކޮޓަރިއަށް ވަދެފައި އައީ ޒިއާމްއަށް ދޭން ގަތް ހަދިޔާ ހިފައިގެންނެވެ. ޒިއާމް ކައިރީ އިށީނދެ އަތުގައި އޮތް ފޮށި ދިއްކޮށްލުމުން ޒިއާމް އެ ފޮށި ކަނޑާލިއެވެ. އެތެރޭގައި އޮތް ރިހި ކުލައިގެ ގަޑި ޒިއާމް ދިއްކޮށްލީ މައިރާއަށެވެ. އެއާއެކު ޒިއާމްގެ ވައަތްވެސް ދިއްކޮށްލިއެވެ.

“ތިހެން އޮވެތަ މި އަޅަނީ؟” ލާނެތް ހުނުމަކާއެކު މައިރާ އަހާލިއެވެ.

“މައި ދިނީމަ ވަގުތުން އަޅާ ހިތްވީ” ޒިއާމް ބުންޏެވެ.

“ތެންކްޔޫ!” ޒިއާމް އަތުގައި ގަޑި އަޅުވައިދެމުން މައިރާ ބުންޏެވެ.

“ނުވެސް ދައްކަމެއްނު؟” ޓީޝާޓު ދަށުން މައިރާގެ އުނަގަނޑު ވަށައިގެން އަތް ހިންގާލަމުން ޒިއާމް ބުނެލިއެވެ. އެއާއެކު އަނެއްކާވެސް ދެމީހުން ގެއްލުނީ ލޯބީގެ ވަގުތުކޮޅަކަށެވެ.

ދެން އައި ދުވަސްތަކުގައި އައިމަލްއާ ހަމްނާއާ އާރާގެ ފަރާތުން އުފާވެރި ޚަބަރުތަކެއް ލިބުނެވެ. އައިމަލް ކައިވެނި ކުރަނީއެވެ. ހަމްނާއާ ނާއިފް، އެ މީހުންގެ އެއްމާބަނޑު ދެ ކުދިންނާއެކު މާލެއަށް ބަދަލު ވަނީއެވެ. އަދި އާރާ ދެވަނަ ފަހަރަށް ބަލިވެ އިނީއެވެ. އެ ޚަބަރާއެކު އަނެއްކާވެސް މަންމައަކަށް ވުމުގެ އެދުން މައިރާގެ ހިތުގައި އާވެލިއެވެ. ކައިވެންޏަށް އެއް އަހަރާ ހަތަރު މަސް ވީ އިރު ބަލިވެ އިނުމަށް ހުރަހެއް އެޅޭފަދަ އެއްވެސް ކަމެއް މައިރާއާ ޒިއާމް ނުކުރާ އިރު އެ އެދުން ފުރިހަމަ ނުވާތީ އެކަމާ މައިރާ ކަންބޮޑުވެއެވެ. ޒިއާމްއާ އެ ވާހަކަ ދައްކާ ފަހަރެއްގައި އަދި ވަގުތު ނުޖެހެނީ ކަމާ، ވަގުތު ޖެހުމުން އެކަންވެސް ވާނެ ކަމަށް ބުނެ މައިރާގެ ހިތްހަމަ ޖައްސައިދޭން ޒިއާމް މަސައްކަތް ކުރެއެވެ. މައިރާވެސް ގަބޫލު ކުރަން ބޭނުންވަނީ އެ ގޮތަށެވެ. އުންމީދު ކުރަނީ އެ ފަދަ އުފާވެރި ޚަބަރެއް ޒިއާމްއަށް ދެވޭނެ ދުވަހަކަށެވެ.

އެ ދުވަހު މައިރާ އޮފީހުން އައީ ވަރުބަލި ވާތީއެވެ. އާންމުކޮށްވެސް މަހުގެ ވަކި ދުވަސްވަރަކާ ދިމާކޮށް ހަށިގަނޑު ތައްޔާރު ވަމުން ދާއިރު ވާ ކަމަކަށް ވާތީ މައިރާ ގެއަށް އައިސް ފިނި ޖޫސްތައްޓެއް ބޯލައިގެން އޮށޯތީއެވެ. އެހެން ނަމަވެސް ދެ ތިން ދުވަސް ދިޔައިރުވެސް އެކަން ރަނގަޅެއް ނުވިއެވެ. ވަރުބަލި ވުމުގެ އިތުރުން އެހެން ކަމެއް ނުވިޔަސް ދުވަސް ފާއިތުވެއްޖެއެވެ. ދެންވެސް ގަބޫލު ކުރަން ބޭނުން ނުވެފައި މައިރާއަށް ހުރެވުނީއެވެ. އެ ގޮތުގައި އެއް މަސް ވީ އިރު މައިރާއަށް ޔަގީން ވެއްޖެއެވެ. އެހެން ނަމަވެސް ޒިއާމް ކައިރީ ބުނަން މައިރާ ބޭނުން ވަނީ ޓެސްޓް ކޮށްފައެވެ. އަނެއް ދުވަހު އޮފީހުން އަންނަ އިރު ކިޓެއް ގަނެގެން އައިސް ގޭގައި ޓެސްޓް ކުރާނީއޭ ހިތަށް އަރާފައި އެ ދުވަހު މައިރާ ހިތްހަމަ ޖައްސާލިއެވެ. ނަމަވެސް އެ ޚިޔާލާއެކު ބަނޑުގައި އަތް ޖައްސާލައިގެން ހުރި މައިރާގެ ލޮލުން ކަރުނަ އައީ ވަކިވެ ގޮސްފައިވާ ދަރިފުޅު މަތިން ހަނދާން ވުމުންނެވެ.

ހަވީރު ޒިއާމް ގެއަށް އައި އިރު މައިރާ އެނދުގައި އޮށޯވެގެން އޮތެވެ.

“ބަނޑަށް ތަދުވަނީތަ؟” ދެ ފައި ކުރުކޮށްލައިގެން މައިރާ އޮތް ގޮތުން ޒިއާމްއަށް ހީވީ އެހެންނެވެ.

މައިރާ ދެފަރާތަށް ބޯ ހަލުވާލަމުން ބިއްދޮށަށް ޖެހިލިއެވެ. ގަމީސް ބާލާފައި މައިރާ ކައިރީ އޮށޯވެ ޒިއާމް މައިރާ ގައިގައި ބައްދާލިއެވެ. އެ ގޮތަށް މައިރާ އޮންނަ ތަން ނުފެންނާތީ ޒިއާމް ކަންބޮޑުވިއެވެ. ނިތްކުރިއާ ކަރުގައި އަތް ޖައްސާލާފައި ހުން ނެތްކަން ޔަގީން ވުމުން ޒިއާމްއަށް ހީކުރެވުނީ އެއީ ކޮންމެ މަހެއްގައިވެސް ދިމާވާ ކަންތައް ކަމުގައެވެ. މައިރާގެ ނިތްކުރީގައި ބޮސްދީފައި ޒިއާމްގެ އަތުތެރޭ ބޮޑަށް މައިރާ ހިފަހައްޓާލަމުން ނިދާލުމަށް ބުނެ ޒިއާމްވެސް ލޯ މަރާލިއެވެ.

މައިރާއަށް ހޭލެވުނީ އިރު އޮއްސުނު ފަހުންނެވެ. ޒިއާމްއަށް ގޮވާފައި މައިރާ ފެންވަރައިގެން ނިކުތެވެ. ދެ މީހުންވެސް ބެލީ އިޝާ ނަމާދު ވަގުތު ވުމުގެ ކުރިން މަޣްރިބް ނަމާދު ކޮށްލެވޭތޯއެވެ.

“ވަރަށް ބަނޑުހައި ދޯ؟ ސައި ހަދަނީ މި” ޒިއާމް ނަމާދު ކޮށްގެން ނިކުތް އިރު މައިރާ ހުރީ ބަދިގޭގައެވެ.

“އިހަށް ކޮފީއެއް ބޯލާނީ” ޒިއާމް ބުންޏެވެ.

ކޮފި ގިރަން އުޅުނު މައިރާއަށް ބަލަން ޒިއާމް ގޮނޑީގައި އިނެވެ. އެ ދުވަހު މައިރާ މާ މަޑުން ހުންނަކަން ޒިއާމްއަށް ފާހަގަވިއެވެ. ފަހަކަށް އައިސް ބަލިވެ އިނުމާ ބެހޭ ގޮތުން މައިރާ ވަރަށް ގިނައިން ވާހަކަ ދައްކައެވެ. ކުއްޖަކު ބޭނުންވެ، އެކަން ނުވާތީ މައިރަ ކަންބޮޑު ވަނީއޭ ޒިއާމްގެ ހިތަށް އެރިއެވެ.

“އެހެން އެއްޗެއް ބޭނުންތަ؟” ކޮފީ މަގު ގެނެސް ޒިއާމް ކުރިމަތީ ބަހައްޓާފައި މައިރާ އެހިއެވެ.

ދެ ފަރާތަށް ބޯ ހަލުވާލާފައި ޒިއާމް މައިރާގެ އަތުގައި ހިފާ އުނގުގައި ބޭންދިއެވެ.

“އާރ ޔޫ އޯކޭ؟” މައިރާގެ މޫނުގައި ހިފަހައްޓާލައިގެން އިނދެ ޒިއާމް އަހާލިއެވެ.

މައިރާ ބޯޖަހާލިއެވެ.

“މިއަދު މައި ބަލިހެން ހީވަނީ. ކަމެއް ވީތަ؟” އަނެއްކާވެސް ޒިއާމް އަހާލިއެވެ.

ޒިއާމްގެ މޫނަށް ބަލާލި މައިރާއަށް އެ ލޮލުގައިވި ކަންބޮޑުވުން ފެނުނެވެ. ދެ އަތުން ޒިއާމްގެ ގައިގައި ބައްދާލަމުން މައިރާ ޒިއާމްގެ ކަރުދޮށުގައި މޫނު ފޮރުވާލިއެވެ.

“އައިމް އޯކޭ. މިހާރު މުޅިން އޯކޭ” ޒިއާމްގެ ކަރުގައި ބޮސްދެމުން މައިރާ ބުނެލިއެވެ.

ބަންގީގެ އަޑު އިވުނީ އެ ވަގުތުއެވެ. މައިރާ ދުރަށް ޖެހިލާ ޒިއާމްގެ އުނގުން ތެދުވިއެވެ.

“ސޮރީ…” ހިނި އައިސްފައި ހުރި މައިރާ ބުންޏެވެ.

“އޯކޭ، ޓު ބީ ކޮންޓިނިއުޑް…” ހިހޫވެފައި ހުރި ކޮފީތަށި އެއް ފަހަރުން ބޯލާފައި ޒިއާމް ގޭން ނިކުތީ މިސްކިތަށް ދާށެވެ.

ނަމާދު ކޮށްގެން އިރުކޮޅަކު ކިޔަވާލާފައި އައިސް ކާން ހަދަން ހުރި އިރު މައިރާގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. ހިންދީ ލަވައެއްގެ ރާގަށް މަޑުމަޑުން ހޫން ލައްވަމުން ދިޔައިރު ހިތް އެދެމުން ދިޔައީ ޒިއާމްއަށް އެ އުފާވެރި ޚަބަރު ދޭށެވެ. އެހެން ނަމަވެސް އަމިއްލަ ހިތަށް މައިރާ ވިސްނައިދިނެވެ. ޓެސްޓްކޮށް ޔަގީން ކޮށްފައި ބުނުމުން ޒިއާމްއަށް ޝައްކުވާނެ އެއްވެސް ފުރުސަތެއް ނޯންނާނެއެވެ. އެންމެ ދުވަހެކެވެ.

ނަމާދު ކޮށްގެން ޒިއާމް އައިސް ގެއަށް ވަން އިރު މައިރާ ބަދިގޭގައި އުޅޭއަޑާއެކު މަޑުމަޑުން ރާގަކަށް ހޫން ލައްވަމުން ހިންދީ ލަވައެއްގެ ތަންތަންކޮޅު ކިޔަމުން ދިޔައަޑު އިވުމުން ޒިއާމްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

“ތުޖެ ސުބްހާ ތަކް މޭ ކަރޫން ޕްޔާރް…” ފަހަތުން މައިރާ ގައިގައި ބައްދާލަމުން މައިރާ ކިޔަމުން ދިޔަ ލަވައިގެ އަނެއް ބައި ޒިއާމް ފުރިހަމަ ކޮށްލިއެވެ.

“ކާން…” އެނބުރިލަމުން މައިރާ ބުނަން އުޅުނު އެއްޗެއް ފުރިހަމައެއް ނުވިއެވެ.

“ޒިއާމް… އިހަށް ކާންވީނު؟” ގަދަކަމުން ކަހަލަ ގޮތަކަށް މައިރާ ދުރަށް ޖެހިލާފައި ބުންޏެވެ.

“އޯކޭ، ވަރަށް ބަނޑުހައި” ޒިއާމް ގޮނޑީގައި އިށީނެވެ.

އަނެއް ދުވަހު މައިރާ އޮފިހަށް ގޮސް ބްރޭކް ގަޑީގައި ނިކުމެ ޕްރެގްނެންސީ ޓެސްޓް ކިޓެއް ގަތެވެ. އިތުރު މަސައްކަތް ހުރި ނަމަވެސް އޮފީސް ގަޑި ނިމުމާއެކު މައިރާ ގެއަށް ދިޔައީއެވެ.

ފެންވަރާ ނިމިގެން މައިރާ ޓެސްޓް ކުރިއެވެ. ރަތް ކުލައިގައި ފެންނަން އިން ދެ ރޮނގަށް ބަލަން ހުރި އިރު ދެންވެސް މައިރާ ހަންދާންވީ ތުއްތު ޔޫން މަތިންނެވެ. އެއާއެކު ހިތުގައި ބިރުވެރި ޚިޔާލުތައް އުފެދުނެވެ. ދެންމެ ވީ ކަމެއް ހެން އެ ދުވަހުގެ ހަނދާންތައް އައިސް މައިރާ ވަށާލިއެވެ. ލޮލުން ކަރުނަ އަންނަން ފެށިއެވެ. ފުން ނޭވައެއް ލާފައި މައިރާ އެއް އަތް ބަނޑުގައި އަތް ޖައްސާލައިގެން ހުރެ އަނެއް އަތުން މޫނު ފޮހެލިއެވެ.

“ކޮންމެ ފަހަރަކު އެހެންނެއް ނުވާނެ” ދެ ފަރާތަށް ބޯ ހަލުވާލަމުން މައިރާ އަމިއްލަ ނަފްސަށް ބުނެލިއެވެ.

ފަހަކަށް އައިސް މައިރާއަށް އަންނަމުން ދިޔަ ބަދަލާމެދު ޒިއާމްއަށް ވިސްނެނީއެވެ. އެ މަހުގައި މައިރާ ލަސްވެއްޖެ ކަން ޒިއާމްއަށް އެނގެއެވެ. އެހެން ނަމަވެސް ކުރިންވެސް ބައެއް ފަހަރު އެހެން ވާތީ އެކަމާ ޒިއާމް މާބޮޑަކަށް ނުވިސްނައެވެ. ބަލިވެ ނީނދެގެން އެކަމާ މައިރާ ވިސްނާތީ ޒިއާމްގެ ކަނބޮޑުވުން ގުޅިފައިވަނީ އެކަމާއެވެ. އޭގެ އިތުރުން ރޭގައި މައިރާގެ ފަރާތުން ފެނުނު އިސްނެގުމަކީ އެ ކައިވެންޏަށް ދޮޅު އަހަރު ވީ އިރު އޭގެ ކުރިން ފެނުނު ކަމެއް ނޫނެވެ. މުޅި އެ ދުވަހު ޒިއާމްގެ ތުންފަތަށް ހިނިތުންވުން ގެންނަނީ ރޭގެ ހަނދާނެވެ.

މޭޒުމަތީ ހުރި ފޯން ރިންގް ވުމުން ޒިއާމް ފޯން ނަގާ ކަންފަތުގައި ޖައްސާލީވެސް އެ ޚިޔާލުގައި އިނދެއެވެ.

“ހެލޯ؟” ފޯނުގެ އަތްގަނޑު ދުރަށް ޖައްސާ ބަލާލާފައި އަނެއްކާވެސް ކަންފަތާ ކައިރިކޮށް ޒިއާމް ތަންކޮޅެއް ބާރަށް ގޮވާލީ ކުރިން ދެފަހަރު ހެލޯއޭ ބުނުމުންވެސް އެ ކޮޅުން ޖަވާބެއް ނައުމުންނެވެ.

“ޒެޑް!”

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ނޭދެމޭ ވަކިވުމެއް-38

Next

އެކުއްޖާ 2 – 12

Next
December 29, 2020

އެކުއްޖާ 2 – 12

Previews
December 28, 2020

ނޭދެމޭ ވަކިވުމެއް-38



All Right Reserved!