Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މި ހިތުން މަޤާމޭ މި ދެނީ 15

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
December 14, 2020 10 Mins Read
1 Comment

“ޒިއާމް، ކީއްވެ އޭރު ޔަލްދާއާ މެރީ ނުކުރީ؟” އެއީ އަބަދުވެސް މައިރާ ޖަވާބު ހޯދަން ބޭނުން ވި ސުވާލެކެވެ.

“އަހަރެން ހުރީ މެރީ ކުރަން. އެކަމަކު… އިޓްސް ކޮމްޕްލިކޭޓެޑް” އެއީ މައިރާއާ ހިއްސާ ކުރަން ޒިއާމް ބޭނުން ނުވާ ވާހަކައެކެވެ.

“އަހަންނާ ސުވާލު ކުރާ އިރު އަހަރެން ކުރާ ސުވާލަކަށް ޒިއާމް ޖަވާބު ދީގެން ނުވޭ” މައިރާ ބުނެލިއެވެ.

“ބައެއް ވާހަކަތައް ދައްކާކަށް އެހާ ފަސޭހައެއް ނުވާނެ” ޒިއާމް ބުންޏެވެ.

އެއްޗެއް ނުބުނެ މައިރާ ބޯ ޖަހާލީ އެ ވާހަކަތައް މައިރާއާ ހިއްސާ ކުރަން ޒިއާމްއަށް އުނދަގޫ ވާނެކަން ވިސްނޭތީއެވެ.

“ނިދި އައިއްސި” ހިމޭން ކަމުގައި ވަގުތުކޮޅެއް ދިޔަފަހުން މައިރާ ބުންޏެވެ.

މައިރާ ދިޔުމުން ޒިއާމް އޮށޯވެ ފަށުގައި ހިފާލަމުން ގެނެސް ތުންފަތުގައި ޖައްސާލިއެވެ. ލޯ މަރާލީވެސް އެހެން އޮވެއެވެ.

 

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ދެއެވެ. ޒިއާމްވެސް އަދި މައިރާވެސް ރަޒާނާއާ ރައިހާނާ ދެއްކި ވާހަކައާ މެދު ވިސްނާހެން ހިއެއް ނުވެއެވެ. މިޝްޔާ ގޮވައިގެން މުނާއާ ޝަފީއު ރާއްޖެއިން ބޭރަށް ދިޔައީ މިޝްޔާއަށް ކިޔަވައިދޭށެވެ. މައިރާ ދިރިއުޅެމުން ދަނީ އައިދަންގެ އާއިލާއާ އެކުއެވެ. އާލިޔާއާ ހަމްދޫންގެ އާއިލާއަށް ޝިޔާ އިތުރު ވީ އިރު އަޒްހާއާ ނާހިލްގެ ދެވަނަ ދަރިފުޅު އިޒާން ވިހޭތާ ހަމަސް ކިރިޔާ ވީއެވެ.

އެ ތިން އަހަރު ތެރޭ ޒިއާމްއާ މައިރާގެ ގުޅުމަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. ދެ މީހުން ކުރެ އެކަކުވެސް ކައިވެންޏަކާ މެދު ނުވިސްނައެވެ. އެހެން ނަމަވެސް ޒިއާމްގެ ޙަޔާތަށް އަންހެން ކުދިން އާދެއެވެ. އެއްވެސް އަންހެން ކުއްޖަކީ ޒިއާމްގެ ހިތުން ޖާގައެއް ދެވިގެން އެ ޙަޔާތަށް އައި ކުއްޖެއް ނޫނެވެ. ކޮންމެ ކުއްޖަކާވެސް ޒިއާމް ގުޅެނީ ވަގުތީ ހިތްހަމަޖެހުމަކަށް، ކުޑަ ދުވަސްކޮޅަކަށެވެ. އޭގެ ތެރެއިން ބައެއް ކުދިން، އެހެން ކުދިންނަށް ވުރެ ޒިއާމްގެ ސަމާލުކަން ހޯދުމުގައި ކާމިޔާބު ހޯދައެވެ. ޒިއާމްއާ ކިތަންމެ ގާތް ވެވުނު ނަމަވެސް އެއްވެސް ކުއްޖަކަށް ޒިއާމްގެ ހިތާ ހަމައަކަށް ވާސިލެއް ނުވެވެއެވެ. ހީވީ މައިރާއަށް ޓަކާ ހިތުގައި ވާ ލޯބި ފޮހެލުމަށް ޒިއާމް ޚިޔާރު ކުރި ގޮތަކީ އެއީ ހެންނެވެ.

މައިރާއާ ޒިއާމްގެ މެދުގައި އެކުވެރިކަން އޮތް ނަމަވެސް ޒިއާމްގެ ޙަޔާތުގެ އެ ބައި އޮތީ ރަޒާނާމެންނެކޭ އެއްގޮތަށް މައިރާއަށްވެސް ސިއްރުވެފައެވެ. އެހެން ނަމަވެސް ޒިއާމްގެ އެ ސިފަ މައިރާއަށް ފާޅުވި ދުވަހަކީ ހީވެސް ނުކުރާ ފަދަ ގޮތަކަށް މައިރާގެ ހިތް ބަދަލުވެގެން ދިޔަ ދުވަހެކެވެ.

އެރޭ ޒިއާމްގެ އެޕާޓްމެންޓަށް މައިރާ ދިޔައީ މައިރާގެ ފޯން ނިވުނު ގޮތަށް ނުހުޅުވިގެންނެވެ. އެ ކަހަލަ ކަންތައް ޒިއާމްއަށް ކޮންމެވެސް ވަރަކަށް އެނގޭތީއެވެ. މައިރާ ފުރަތަމަ ޒިއާމްއަށް ގުޅިއެވެ. ނަމަވެސް ޒިއާމް ފޯނަށް ޖަވާބު ނުދޭތީ މައިރާ އެ ބަޔަށް ދިޔައީ އޭރު ގަޑިން އެގާރަވެސް ނުޖަހާތީއެވެ. އަދިވެސް ފޯން ހުޅުވޭތޯ މަސައްކަތް ކުރަމުން މައިރާ ތަޅުގައި ހިފާލީ ތަޅު ނުލާ ހުރެދާނެ ކަމަކަށް ނޫނެވެ. ފަސޭހައިން ދޮރު ހުޅުވުމުން ޒިއާމްގެ ނަމުން ގޮވާލަމުން އެތެރެއަށް ވަން މައިރާގެ ފިޔަވަޅު ކުއްލިއަކަށް ހުއްޓުނީ އިވުނު އަޑަކުންނެވެ. ގަބޫލު ކުރަން ދަތިވެފައި ހުރެ ފޯނާ ނަޒަރު ވަކި ކޮށްލަމުން މައިރާ އިސް އުފުލާ ބަލާލިއެވެ.

“ޑޭމް!”

“ޒިއާމް!”

ޒިއާމްގެ އަޑާއެކު އަންހެން ކުއްޖަކު ޒިއާމްގެ ނަމުން ގޮވާލީ އެ މީހުންނަށް މައިރާ ފެނުމުންނެވެ. ފެނުނު މަންޒަރު ގަބޫލު ނުކުރެވިފައި މައިރާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

އަންހެން ކުއްޖަކު އުނގަށް ލައިގެން އިން ޒިއާމް އަންހެން ކުއްޖާގެ ގައިގައި ބައްދާލައިގެން އެ ކުއްޖާ ޒިއާމްގެ ދެ އަތުން ނިވާ ކުރަން މަސައްކަތް ކުރަމުން ސޯފާގެ އަތްގަނޑުގައި އަޅުވާލާފައި އޮތް ޝޯލް ނަގާ ދެ މީހުންގެ ހަށިގަނޑު ފޮރުވަން މަސައްކަތް ކުރިއެވެ.

ފެންނަމުން ދިޔަ މަންޒަރު ދޭހަ ވުމާއެކު މައިރާގެ މޫނު ރަތްވެގެން ދިޔައެވެ. އަވަސްއަވަހަށް އެނބުރި އެތަނުން ނިކުމެ ދޮރުލައްޕާފައި މަޑު ނުކޮށް މައިރާ ދިޔައީއެވެ.

ކޮޓަރިއަށް ވަދެވުނު އިރުވެސް މައިރާގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. ހީވީ ކުރަން ނުވާ ކަމެއް މައިރާ ކުރަނިކޮށް އެހެން މީހަކަށް ފެނިގެން ފިލަން އައި ހެންނެވެ. ދޮރުފަތުގައި ލެނގިލަމުން މޭގައި އަތް ޖައްސާލާފައި މައިރާ ލޯ މަރާލީ ހިތުގެ ތެޅުން ހަމައަކަށް އެޅޭތޯއެވެ. ނަމަވެސް މަރާލި ލޮލުގެ ތެރެއިންވެސް ފެނުނީ އެ މަންޒަރެވެ. ލޯ ހުޅުވާލާ އަވަސްއަވަހަށް މައިރާ ދެ ފަރާތަށް ބޯ ހަލުވާލީ ހިތާ ސިކުނޑިން އެ ކަންތައް ފިލާތޯއެވެ.

އެހެން ނަމަވެސް މައިރާއަށް ކާމިޔާބެއް ނުވިއެވެ. ފެން ވަރައިގެން ނިކުމެ ނިދަން އޮތް އިރުވެސް މައިރާގެ ހިތަށް އެރޭ ފެނުނު ކަންތައް އުނދަގޫ ކުރަމުން ދިޔައެވެ. ފަހަކަށް އައިސް ޒިއާމްގެ އުޅުމަށް ބަދަލުތަކެއް އަންނަމުން ދާކަން މައިރާއަށް ވަނީ ފާހަގަ ކުރެވިފައެވެ. އޮފީހުން އަންނަ ގޮތަށް އިރު އޮއްސެން ދެން އާއިލާއާ އެކުގައި ޒިއާމް ވަގުތު ހޭދަކުރެއެވެ. ހެނދުނު ސައި ބޮނީ، އަދި ގިނަ ދުވަހު މެންދުރު ކަނީ ގެއިންނެވެ. އެހެން ނަމަވެސް ގިނަ ރޭރޭ ޒިއާމް ކާކަށް ނާދެއެވެ. އިރުއޮއްސޭ އިރަށް ދާ ގޮތަށް ދެން ޒިއާމް ފެންނާނީ އަނެއް ދުވަހު ހެނދުނުއެވެ. ރަޒާނާ ނޫނީ ރައިހާނާ ގުޅިޔަސް ރޭގަނޑު ޒިއާމް ފޯން ނަގާނީ މަދު ފަހަރެއްގައެވެ. ގިނަ ރޭރޭ ޒިއާމް ބޭރަށް ގޮސްފައި އަންނާނީ ބާރަ ޖަހާ ފަހުންނެވެ. ޒިއާމްގެ އުޅުމާ މެދު ރަޒާނާ ކުރިން ސުވާލު ކުރި ނަމަވެސް ފަހުން ސުވާލު ކުރުން ހުއްޓާލީ އެ ސުވާލުތަކަށް ޒިއާމްގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބޭތީއެވެ.

މައިރާއާ ޒިއާމް ވާހަކަ ދައްކައެވެ. އާލިޔާއާ އަޒްހާއެކޭ އެއްގޮތަށް މައިރާއާވެސް މަޖާކޮށް ސަކަރާތް ޖަހާ ހަދައެވެ. މައިރާ ކަމަކު އެދިއްޖެ ނަމަ އެކަމެއް ޒިއާމް ކޮށްދެއެވެ. އެހެން ނަމަވެސް ޒިއާމް މައިރާއާ ދުރުވެއްޖެ ކަމުގެ އިހުސާސް މައިރާއަށް ކުރެވެއެވެ. އެ ދެމެދުގައި އެކުވެރިކަން އޮތް ނަމަވެސް އެއީ ކުރީގައި އޮތް އެކުވެރިކަމެއް ނޫނެވެ. އެހެން ވެދާނެ ކަން މައިރާއަށް ވިސްނެއެވެ. އަހަރުތަކެއް ކުރިން ޒިއާމްގެ ކޮޓަރީގައި ވީ ކަންތަކުގެ ވާހަކަ ނުދެއްކި ނަމަވެސް އެކަކުވެސް އެ ހަނދާނެއް ނުނެތެއެވެ. އެ ރެއަށް ފަހު މައިރާއާ އެކު އެކަހެރިކޮށް އިރުކޮޅަކުވެސް ޒިއާމް ނުހުރެއެވެ. ކުރިން އެ ދެމެދުގައި އޮތް އެކުވެރިކަމަށް މައިރާއަށް އެދެވެއެވެ. އޭރުގެ ޒިއާމް މަތިން މައިރާ ހަނދާންވެއެވެ. އެ ކަންތައް ހަނދާން ނައްތާލާނެ ކަމުގައި ދެ މީހުން އެއްބަސް ވީ ނަމަވެސް އެކަން މައިރާގެ ހިތުގައި އަދިވެސް ވެއެވެ.

ޒިއާމްގެ ޙަޔާތަށް އަންހެން ކުދިން އަންނަ ކަން މައިރާއަށް އެނގެއެވެ. އެކަން ރަޒާނާމެންނަކަށްވެސް ސިއްރެއް ނުވެއެވެ. ޒިއާމްއާ އެކު އަންހެން ކުއްޖަކު ރަޒާނާމެން ގޭތެރެއިން އެއްފަހަރުވެސް ނުފެނެއެވެ. ޔަލްދާ ނޫން އަންހެން ކުއްޖަކު ޒިއާމް ދުވަހަކުވެސް ގެއަކަށް ނުގެނެއެވެ. ޒިއާމް އަމިއްލައަށް އެޕާޓްމެންޓް ސާފުކޮށް ހެދި ނަމަވެސް ހަފްތާއަކު އެއް ފަހަރު ކަހަލަ ގޮތަކަށް ރަޒާނާ ނޫނީ ރައިހާނާ އެ ބަޔަށް ގޮސް ހަޑިވެފައި ހުންނަ އެއްޗެހި ދޮވެ، ފޮޅާ ސާފުކޮށް، އެނދުގެ ތަންމަތި ބަދަލު ކުރެއެވެ. ދާވެފައި ހުންނަ އެއްޗެހި ގެންނަނީ ޒިއާމް އަމިއްލައަށެވެ. ޒިއާމްގެ އެއްޗެހި އިސްތިރި ކުރުމަކީ މައިރާ ކުރާ ކަމެކެވެ.

ފަހަކަށް އައިސް ޒިއާމްގެ އުޅުމަށް އެހާ ބޮޑު ބަދަލެއް އައީ އެހެން ވެގެން ހެއްޔެވެ؟ ރޭގަނޑުގެ ވަގުތު އާއިލާއާ އެކުގައި ހޭދަ ކުރަން ޒިއާމް ބޭނުން ނުވަނީ އެހެން ވެގެން ހެއްޔެވެ؟ ކައިވެންޏެއް ކުރަން ނުވިސްނާ، އަންހެން ކުދިންނާ އެކު ޒިއާމް އުޅެން ބޭނުން ވާ ގޮތަކީ އެއީ ހެއްޔެވެ؟

އެ ޚިޔާލާއެކު މައިރާއަށް ޒިއާމް ދެކެ ރުޅި އާދެވުނެވެ. ކީއްވެ ކަމެއް މައިރާއަކަށް ނޭނގެއެވެ. އެހެން ވިޔަސް ޒިއާމް އެ ގޮތަށް އުޅުމަކީ އެއީ މައިރާއަށް ބަލައިގަންނަން އުނދަގޫ ކަމަކަށް ވިއެވެ. ހިތްހަމަ ނުޖެހި ހިތާ ހިތުން ޒިއާމްއާ ދިމާއަށް އެއްޗެހި ކިޔަން އޮތް މައިރާއަށް ނިދުނީ އެތައް އިރެއް ވީ ފަހުންނެވެ.

މައިރާ ދިޔުމުން ރީނާ ދުރަށް ޖައްސާލާފައި ޒިއާމް ގޮސް ދޮރު ތަޅުލާފައި ދޮރުފަތުގައި ނިތްކުރި ޖައްސާލައިގެން ހުއްޓެވެ.

“އެހެންނޭ ވާނީ ބޭރުގަ ތިބީމަ” ޒިއާމް ގައިގައި ފަހަތުން ބައްދާލަމުން ރީނާ ބުންޏެވެ. އަދި ކޮޓަރިއަށް އައުމަށް އެދުނެވެ.

“ރީނާ…” ރީނާގެ އަތް ޒިއާމްގެ ގަޔާ ދުރުކޮށްލަމުން ޒިއާމް އެނބުރުނެވެ.

ދެންވެސް އައިސް ޒިއާމްގެ ކަރުގައި ދެ އަތް އަޅުވާލަމުން ރީނާ ޒިއާމްއާ ގާތްވެލިއެވެ.

“ނޯ! ރެޑީވޭ ދާން” ރީނާއަށްޓަކާ ޒިއާމްގެ ހިތުގައި އެ ވަގުތު އެއްވެސް ޝައުގެއް ނެތެވެ.

އިރުކޮޅަކު ޒިއާމްއަށް ބަލަން ހުރެފައި ރީނާ އެއްޗެހި ހިފައިގެން ކޮޓަރިއަށް ވަނެވެ.

ސޯފާގައި އިށީނދެ ޒިއާމް ލޯ މަތީ ދެ އަތް ޖައްސާލިއެވެ. މައިރާ ހުރި ގޮތް ހަނދާން ވުމުން ޒިއާމްގެ ހިތަށް އުނދަގޫ ވެގެން ދިޔައެވެ. އެއީ މައިރާއަށް އެނގެން ޒިއާމް ބޭނުން ވި ކަމެއް ނޫނެވެ. އަދި އަމްދުން އެ ގޮތަށް އެ ފަދަ މަންޒަރެއް މައިރާއަށް ފެނިދާނެ ކަމަށް ޒިއާމް ހީވެސް ނުކުރެއެވެ.

ލޯމަތިން އަތް ނަގާ ޒިއާމް ތެދުވެ ދެކޮޅަށް ހިނގަން ފެށިއެވެ. ހިތުގެ ހަމަޖެހުން ގެއްލިފައި ވީ އެރޭ މައިރާއަށް އެ ކަންތައް ފެނުމުންނެވެ. ޒިއާމްއާ މެދު ދެން މައިރާ ވިސްނާނީ ކޮން ގޮތަކަށް ކަމެއް ނޭނގޭތީއެވެ.

އެއީ ހަމަ މައިރާގެ ސަބަބުން ވީ ގޮތެވެ. އަބަދާ އަބަދު ޒިއާމްގެ ހިތުގައި ވިންދު ޖަހަމުން ދާ ލޯބި ނުލިބޭނެ ކަން އެނގި، އެހާ ގާތުގައި މައިރާ ވާ އިރުވެސް ދުރުގައި ހުރުމަށް އަމިއްލަ ނަފްސަށް މަޖުބޫރު ކުރަން ޖެހުން ވީ އުމުރުގައިވެސް ޒިއާމްއަށް ކުރަން އެންމެ އުނދަގޫ ވި ކަމަކަށެވެ. މުޅި ދުވަހު މަސައްކަތުގައި އުޅޭ އިރު މައިރާ މަތިން ހަނދާން ނުކުރަން އެ ހިތަށް މަޖުބޫރު ކުރެވުނު ނަމަވެސް، ރޭގަނޑު ނިދަން އޮށޯތުމަށް ފަހު އަމިއްލަ ހިތުގެ މައްޗަށް ޒިއާމްގެ ބާރެއް ނުހިނގާ ފަދައެވެ. އެހެން ކަމުން އެ ހަނދާންތަކާ، ކުރެވޭ ޚިޔާލުތަކުން ދުރުވުމަށް ޒިއާމް ޚިޔާރު ކުރި މަގަކީ އެއީއެވެ. އެހެން އަންހެން ކުއްޖަކާ އެހާ ގާތުގައި ވުމުން ޒިއާމްގެ ހިތުން މައިރާގެ ހަނދާން ފިލާނެ ކަމަށް ޒިއާމް ހީކުރިއެވެ. އެ ވަގުތުތަކުގެ ހަނދާނުން މައިރާގެ ޚިޔާލު ހިތާ ސިކުނޑިން ފަނޑުވާނެއޭ ޒިއާމްއަށް ހީވިއެވެ.

އެހެން ނަމަވެސް ޒިއާމް ހީކުރި ގޮތަކަށް ނުވިއެވެ. މައިރާ ދެކެ ލޯބި ނުވާނެ ދުވަހެއް ޒިއާމްގެ ޙަޔާތުގައި ނާންނާނެ ކަން ޒިއާމްއަށް ޔަގީންވެއެވެ. ހަމަ އެއާއެކު ޔަގީން ވާ އަނެއް ކަމަކީ މައިރާގެ ލޯބި ޒިއާމްއަށް ނުލިބޭނެ ކަމެވެ. އައިދަން މިއަދު ދުނިޔޭގައި ނެތް ނަމަވެސް މައިރާއާ ޒިއާމްގެ މެދުގައި އަބަދުވެސް ވީ ހުރަހަކީ އެއީއެވެ.

ކަރުގައި އޮތް ފަށުގައި ހިފާލަމުން އެ ފަށުގެ ފޫ ގެނެސް ތުންފަތުގައި ޒިއާމްއަށް ޖައްސާލެވުނީ އިޚްތިޔާރެއް ނެތިއެވެ. އެރޭގެ ފަހުން އެ ފަށް ޒިއާމްގެ ގަޔާ އިރުކޮޅަކަށްވެސް ވަކި ނުވެއެވެ. ޒިއާމްގެ ދެ އަތުގެ ތެރެއަށް މައިރާ ނުގެނެވޭނެކަން ޔަގީން ވާ އިރު، އެ ހިތާ އެންމެ ކައިރީގައި ވަނީ މައިރާގެ ފަށެވެ.

އަނެއް ދުވަހު ހެނދުނު ޒިއާމް އޮފީހަށް ދާން ތައްޔާރު ވެގެން ސައި ބޯން ދިޔައީ ދާން ބޭނުން ވެގެންނެއް ނޫނެވެ. އެ ދުވަހު ނުދާން ހުއްޓާ ހާފިޒް ވާހަކައެއް ދައްކަން ބޭނުން ވެގެން ގުޅުމުން ޒިއާމް ދިޔައީ އެހެން ގޮތެއް ނެތިގެންނެވެ.

މައިރާ ތައްޔާރު ވެގެން ނިކުތް އިރު ޒިއާމް ސައި ބޯން އިންދާ ފެނުމުން ފިޔަވަޅު ހުއްޓުނެވެ. މައިރާއަށް ބަލާލާފައި ޒިއާމް އަވަހަށް އިސްޖަހާލިއެވެ. ފެނުނު މަންޒަރުގެ ހަނދާން ވުމާއެކު މައިރާއަށް ޒިއާމްއާ ދުރަށް ބަލާލެވުނީ ނުރުހުމާ އެކުއެވެ. ޒިއާމްއާ ކުރިމަތި ލާން ބޭނުން ނުވާތީ ސައި ބުއިމުގެ ޚިޔާލު ދޫކޮށްލާފައި މައިރާ ދަބަސް ހިފައިގެން ނިކުންނަން ދިޔައެވެ.

“މައިރާ، ސައި ނުބޮންތަ؟” މައިރާއަށް ދޮރާ ހަމައަށް ނުދެވެނީސް ރަޒާނާ ގޮވާލިއެވެ.

“ތަންކޮޅެއް ލަސް ވެއްޖެ. އޮފީހަށް ގޮއްސަ ސައި ބޯލާނީ” މައިރާ ބަހަނާއެއް ދައްކާލިއެވެ.

“އެކަމަކު އަދި ވަގުތު އެބަ އޮތެއްނު؟” ފާރުގައި ހުރި ގަޑިއަށް ބަލާލަމުން ރައިހާނާ ބުންޏެވެ.

“މިއަދު އެބަހުރި ކުރިން ނިންމާލަން ޖެހޭ ބައެއް ކަންތައް. އެހެންވެ އަވަހަށް މި ދަނީ” މައިރާ މަޑު ކުރާކަށް ބޭނުމެއް ނޫނެވެ.

“ލަސް ވަންޏާ ޒިއާމްއާ އެކީ ސައިކަލުގަ ދާނީ. ސައި ނުބޮއެ ގޮސްގެން ކަމަކު ނުދާނެ” މައިރާ ސައި ނުބޮއެ ދިއުމަށް ރައިހާނާ އެއްބަހެއް ނުވިއެވެ.

“ޕްލީޒް މަންމާ. މާ ބޮޑަށް ލަސް ވެދާނެ” މައިރާ އާދޭސް ކޮށްލިއެވެ. އަދި ރައިހާނާއަށް އިތުރަށް އެއްޗެއް ނުބުނެވެނީސް ދޮރު ހުޅުވާލާފައި ނިކުތެވެ.

އެ ދުވަހު އޮފީހުގައި އިނދެވެސް މައިރާއަށް ވިސްނެނީއެވެ. ޒިއާމް ކޮންމެ ގޮތަކަށް އުޅުނަސް މައިރާއަށް ކޮން ކަމެއް ހެއްޔެވެ؟ ޒިއާމް ކުރާ ކަމަކުން މައިރާއަށް އެހާ އުނދަގޫ ވަނީ ކީއްވެ ހެއްޔެވެ؟ އަންހެން ކުދިންނާއެކު ބޭނުން ގޮތަކަށް އުޅުމުގެ އިޚްތިޔާރު ޒިއާމްއަށް އޮތް އިރު، އެކަމާ މައިރާއަށް ކުއްލިއަކަށް ރުޅި އާދެވެނީ ކީއްވެ ހެއްޔެވެ؟

އަމިއްލަ ނަފްސަށް އެއްޗެހި ކިޔަކިޔާފައިވެސް އެ ނޫން ޚިޔާލެއް މައިރާއަކަށް ނުކުރެވެއެވެ. މުޅި ދުވަހު އޮފީހުގައި ގަޔާވެގެން މަސައްކަތެއް ނުކުރެވުނެވެ. އެންމެ ފަހުން އޮފީސް ގަޑި ނުނިމެނީސް ގެއަށް ދިޔައީ ބޮލުގައި ރިއްސަން ފެށުމުންނެވެ.

ކުޑަކޮށް ނިދާލާފައި އެރޭ މައިރާ ކޮޓަރިން ނިކުތީ ރައިހާނާ ކާން ގޮވުމުންނެވެ. ހެނދުނާ މެންދުރު ބަހަނާ ދައްކާފައި ނުނިކުތް ނަމަވެސް އެރޭ މައިރާ ދެއްކި ބަހަނާއެއް ރައިހާނާ އަޑެއް ނޭހިއެވެ. މެންދުރުވެސް ނުކައި ހުރުމުން އެކަމާ އެއްޗެހި ކިޔަމުން ކައިގެން ނޫނީ ދެން ނޯވެވޭނެ ކަމަށް ބުނުމުން މައިރާ ނިކުތެވެ.

ހާފިޒްއާ އެކު މޭޒު ކައިރީ އިން ޒިއާމް ފެންނަ ކަމަށް ނުހަދާ މައިރާ އިށީނީ ރައިހާނާއާ ޖެހިގެންނެވެ. އިށީނދެވުނީ ޒިއާމްގެ ކުރިމަތީގައި ކަން އެނގުނީ އިސް އުފުލާލުމުންނެވެ. ޒިއާމްވެސް އިނީ މައިރާއާ ދިމާއަށް ނުބަލަން ކަހަލައެވެ. އެރޭ ކާން ތިބި އިރު ޒިއާމްއާ މައިރާ އެއްވެސް ވާހަކައެއް ނުދައްކައެވެ.

“ދޮރު ތަޅުލައިގެން ތިބޭ ނަމަ ތި ކުރާ ކަންތައް އެހެން މީހުންނަކަށް ނުފެންނާނެއެއްނު؟” ކައި ނިމިގެން ސޯފާގައި ތިބެފައި ރަޒާނާއާ ރައިހާނާ އަދި ހާފިޒް ދިޔުމުން މައިރާ ބުނެލިއެވެ.

މައިރާގެ އަޑުގައި ވި ނުރުހުން ފާހަގަ ކުރެވި، ޒިއާމް މައިރާއަށް ބަލާލިއެވެ.

“ނަސީބެއްނު މަންމަ ނޫނީ ތިއްތައަށް ނުވި ކަން” ޒިއާމް އެއްޗެއް ނުބުނުމުން އަނެއްކާވެސް ވާހަކަދެއްކީ މައިރާއެވެ.

“ކަމަކުތަ އައީ؟” ޒިއާމްއާ ދިމާއަށް ނުބަލަން ވެގެން އިސް ޖަހައިގެން އިން މައިރާއަށް ބަލަން އިނދެ ޒިއާމް އެހިއެވެ.

“ހިއެއް ނުކުރަން ޒިއާމް ތީ އެހެން އުޅޭ މީހެއް ކަމަކަށް” ޒިއާމް ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި މައިރާ ބުނެލިއެވެ.

“އައި ނޯ… އަހަރެން މީ ޕަރފެކްޓް މީހެއް ނޫން” ޒިއާމް ބުނެލީ މަޑުންނެވެ.

“ޕަރފެކްޓް މީހަކު ނުވެސް ހުންނާނެ… އެކަމަކު… މެރީ ކުރަން ވީމަ އަންހެން ކުއްޖާ ކަމު ނުދަނީ، އެހެން ނޫނީ އޯކޭ؟ ޒިއާމްވެސް ތި ވިސްނުން ގެންގުޅޭ ކަމަކަށް އަހަރެން ހިއެއް ނުކުރަން” މައިރާގެ އަޑުގައި ވީ ނުރުހުމެވެ.

“މައިއަށް ހީވާނީ އައިދަން ހާ ޕަރފެކްޓް މީހަކު ދެން ނުހުންނާނެ ހެން… އެކަމަކު ހީ ވޮޒްންޓް…” މައިރާ ބުނި ގޮތުން ހިތްހަމަ ނުޖެހުނު ވަރުން ޒިއާމް ހިތަށް އައި ގޮތަށް ބުނެލީ އިތުރު ވިސްނުމެއް ނެތިއެވެ. ނަމަވެސް އެ ބަސްތައް ދުލުން ބުނެވުމާއެކު ޒިއާމްއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އައިދަންއަށް ނިސްބަތް ކޮށް އެފަދަ އެއްޗެއް ބުނުން އެއީ ޒިއާމް ދުވަހަކުވެސް ކުރަން ބޭނުން ވި ކަމެއް ނޫނެވެ. އަދި އެ ދެމެދަށް އައިދަންގެ ނަން ގެނައުން އެއީވެސް ޒިއާމް ބޭނުން ވި ކަމެއް ނޫނެވެ. އެހެން ވިޔަސް މައިރާގެ ކިބައިން މާފަށް އެދޭކަށް އެ ވަގުތު ޒިއާމް ބޭނުމެއް ނޫނެވެ.

“އެނގޭ ތި ކަން. އޭނަ ބުނި. އަހަރެން ބުނީ އެހެންނެއް ނޫން. ދެން އަޅާނުލާ!” ޒިއާމްގެ ބަސްތަކުން މައިރާގެ ހިތަށް އަސަރު ކޮށްފި ކަން މައިރާގެ އަޑުން ދޭހަވިއެވެ. އެ އަޑުގައި ވި ރިހުމުން ޒިއާމްގެ މެއަށްވެސް އެނގުން ވެލިއެވެ. ކުށްވެރި އިހުސާސެއް ކުރެވުމާއެކު ބުނާނެ ބަހެއް ޒިއަމްގެ ދުލަކަށް ނައެވެ.

ޒިއާމް އެހެން އިންދާ މައިރާ ގޮސް ކޮޓަރިއަށް ވަނެވެ. ޒިއާމް އެ ދިމާއަށް ބަލާލާފައި ކަނާއަތް މުށްކަވާލަމުން ނިތްކުރީގައި ޖަހާލިއެވެ.

އެ ދުވަހުގެ ފަހުން ޒިއާމްގެ ޚިޔާލުތައް މައިރާގެ ހިތާ ސިކުނޑިން ވަކި ނުވެއެވެ. ބޭނުން ނުވިޔަސް މައިރާއަށް ޒިއާމްއާ މެދު ވިސްނެނީއެވެ. އެއީ ރަނގަޅު ކަމެއް ނޫން ކަމުގައި ސިކުނޑި ވިސްނައިދޭން މަސައްކަތް ކުރި ވަރަކަށް އެ ނަސޭޙަތާ ހިތް ދިޔައީ ދެކޮޅު ހަދަމުންނެވެ. އެއީ އައިދަންގެ ދެބޭންގެ ދެދަރި ބޭބެއަށް ވާ އިރު ޒިއާމްއާ ގުޅުވައިގެން ކުރެވޭ ޚިޔާލުތަކާ ހެދި މައިރާއަށް އަމިއްލަ ނަފްސް ކުށްވެރިކޮށް އެއްޗެހި ކިޔެނީއެވެ. އެހެން ވިޔަސް އެ ޚިޔާލުތަކެއް މައިރާގެ ހިތަކުން ފިލުވައެއް ނުލެވެއެވެ.

ޒިއާމް އަދިވެސް މައިރާ ދެކެ ލޯބި ވޭބާއޭ މައިރާ އަމިއްލަ ހިތާ ސުވާލު ކުރެއެވެ. އަހަރުތަކެއް ކުރިން އެދެމެދުގައި ވީ ކަންތަކަށް ފަހު ޒިއާމްގެ ހިތުގައި މައިރާއާ މެދު އެފަދަ އިހުސާސެއް ވާ ކަން ދޭހަވާ ފަދަ އެއްވެސް ކަމެއް ޒިއާމް ނުކުރެއެވެ. އެހެން ނަމަވެސް ޒިއާމްގެ ހިތް މައިރާއާ މެދު އަދިވެސް ބަދަލު ނުވާ ކަމުގައި މައިރާގެ ހިތް ބުނަނީ ޒިއާމް އަދިވެސް ކައިވެންޏެއް ނުކޮށް ހުންނާތީއެވެ.

ދުވަހެއް ދުވަހަކަށް މައިރާއަށް ޒިއާމްއާ މެދު ވިސްނޭލެއް ގިނަވިއެވެ. އެއާއެކު އެ ދެމެދުގައި ދުރު ކަމެއް އުފެދި، އެކަކު އަނެކަކާ ވާހަކަ ދެއްކުން މުޅިން ހެން ހުއްޓުނެވެ. އަބަދު ޒިއާމްއާ މެދު ޚިޔާލު ކުރެވި، ޒިއާމް އުޅޭ ގޮތް ބެލެން ފެށުނީ ކޮން އިރަކު ކަމެއް މައިރާއަކަށް ނޭނގެއެވެ. އެރޭގެ ފަހުން ޒިއާމް ގެއަށް ކުއްޖަކު ނުގެންނަ ކަން މައިރާއަށް އެނގެއެވެ. އެހެން ނަމަވެސް މައިރާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ޒިއާމް ދުށުމަށް ހިތް އެދޭ އިރު، ޒިއާމް ފެނުމުންވެސް ހިތަށް ވެރިވަނީ ނުތަނަވަސްކަމެވެ. ޒިއާމްއާ އެކުގައި ވަގުތު ހޭދަ ކުރުމަށް ހިތް އެދޭ އިރު، ދެ މީހުން އެއްތަން ވާ ވަގުތެއްގައި ބުނާނެ އެއްޗެއް މައިރާގެ ހިތަކަށް ނާދެއެވެ. ރޭގަނޑު ދާ ގޮތަށް ޒިއާމްގެ ވަގުތު ހޭދަ ކުރާ ގޮތާމެދު ވިސްނޭ ވަރަކަށް މައިރާއަށް ޒިއާމް ދެކެ ރުޅި އާދެވެއެވެ. ދެން ޒިއާމް ފެންނަ އިރަށް ކުރެވުނު ޚިޔާލުތަކުން ޒިއާމްއާ މެދު ހިތްހަމަ ނުޖެހެވިފައި ހުރެވެއެވެ.

އެ ޚިޔާލުތަކާ ހެދި ބޯ ގޮވާ ވަރު ވުމުން މައިރާ އަނެއްކާވެސް އެ ވާހަކަތައް ހިއްސާ ކުރީ އާރާއާއެވެ. ވާހަކަ ދައްކާލަން ބޭނުން ވެގެން އާރާއަށް ގުޅުމުން ޒައިނާވެސް އަންނަން ބޭނުން ވާހަކަ ބުނުމުން މައިރާ އުފަލާއެކު ޒައިނާ އައުމަށް ދަޢުވަތު ދިނެވެ. އެވީ ތިން އަހަރެއްހާ ދުވަސް ތެރޭ މައިރާ އިތުބާރު ކުރާ ރައްޓެހިންގެ ތެރޭ ޒައިނާވެސް ވަނީ ހިމެނިފައެވެ.

މައިރާ ހުރިހާ ވާހަކައެއް ކިޔާދިން އިރު ޝައުގުވެރިކަމާ އެކު އަޑު އަހަން ދެ އަންހެން ކުދިން ތިއްބެވެ.

“ސޯ… ބުނަން ވީނު ޒިއާމް ކައިރީ؟” މައިރާގެ ވާހަކަ އަޑު އަހާފައި އާރާ ބުންޏެވެ.

“އާރާ!” އެ ޖަވާބާމެދު ނުރުހިފައި މައިރާއަށް ބުނެވުނެވެ.

“އެހާ ފަސޭހައެއް ނުވާނެ ކަން އެނގޭ. އެކަމަކުވެސް ކަމެއް ވާނީ ބުނެގެން” ޒައިނާވެސް އާރާއާ އެއްބަސް ވިއެވެ.

“ވަޓް؟ ނޯ!” މައިރާއަށް ބުނެވުނެވެ.

“މައިރާ! ދެ މީހުންވެސް މިހާރު ތި ތިބެނީ ގޮތް ދޫނުކުރަން. ކޮންމެސް އެކަކު އިސް ނަގައިގެން ވާހަކަ ދައްކައިގެން ނޫނީ ނުވާނެ” މައިރާގެ އަތުގައި ޒައިނާ ހިފާލީ އެކުވެރިޔާއަށް ވިސްނައި ދިނުމަށެވެ.

“އެކަމަކު…” އެ މައުޟޫއަށް ޒިއާމްއާ އެއްވެސް ވާހަކައެއް ދައްކަން މައިރާ ފަސް ޖެހުނެވެ.

“މައި، ރަނގަޅަށް ވިސްނާލާފަ ބުނެބަލަ… ޑޫ ޔޫ ލަވް ހިމް؟” އާރާ އަހާލިއެވެ.

“އަހަރެން… ޒިއާމް…” މައިރާއަށް ޖަވާބެއް ދޭކަށް ނޭނގުނެވެ. މައިރާ އެދެނީ ޒިއާމްގެ ފަރާތުން އެކުވެރިކަމަކަށް ނޫން ކަން މައިރާއަށްވެސް އެނގެއެވެ.

އިސްޖަހާލާފައި މައިރާ ލޯ މަރާލަމުން އަމިއްލަ ނަފްސާ މައިރާ ސުވާލު ކޮށްލިއެވެ. ހަގީގަތުގައި ޒިއާމްގެ ފަރާތުން މައިރާ ބޭނުން ވަނީ ކޮން ކަމެއް ހެއްޔެވެ؟ އެކުވެރިކަން ހެއްޔެވެ؟ ނޫން ނަމަ ލޯބި ހެއްޔެވެ؟

އެއާއެކު މައިރާގެ ހިތް މައިރާއަށް ޖަވާބު ދިން ފަދައެވެ. އެ ހިތް ސިފަ ކޮށްދިނީ ދެމީހުން އެކުގައި ވި މަންޒަރުތަކެވެ. އައިދަންއާ އެކުގައި ނޫނީ ހިއްސާ ކޮށްފައި ނުވާ ފަދަ ގާތް ކަމެއް ޒިއާމްއާ މައިރާގެ ދެމެދުގައި ވަނިކޮށެވެ.

ލޯ ހުޅުވާލި މައިރާއަށް އިސްއުފުލާ އާރާއާ ޒައިނާއަށް ބަލާލަން ނުކެރުނީ އެ މޫނުގައި ވި ރަތް ކުލައިން، މައިރާގެ ހިތަށް ސިފަވަމުން ދިޔަ މަންޒަރުތައް އެ މީހުންނަށްވެސް އެނގިދާނެ ހެން ހީވެގެންނެވެ.

“ދެން ކީއްވެ އެހެން އަންހެން ކުދިންނާ ޒިއާމް އެހާ ކްލޯޒްކޮށް އުޅޭތީ މައި އެހާ ހިތްހަމަ ނުޖެހެނީ؟ ކީއްވެ ޒިއާމް އުޅޭނޫޅޭ ގޮތް ބަލަން ބޭނުން ވަނީ؟ ހަމަ އަސްލުވެސް ކުރީގަ ތި ދެމެދުގަ އޮތް ފްރެންޑްޝިޕް މިސް ވެގެންތަ ތި އުޅެނީ؟” މައިރާ އެއްޗެއް ނުބުނެ އިންނަން ފެށުމުން ޒައިނާ ލަސްލަހުން ސުވާލު ކޮށްލިއެވެ.

މައިރާއަށް ދެންވެސް ޖަވާބެއް ނުދެވުނެވެ.

“ދެން އެހެން އުޅެނިކޮށް ޒިއާމް އިންނަން ބޭނުން ވާ ކަހަލަ ކުއްޖަކު ފެނިއްޖެއްޔާ މައި ކީއް ކުރާނީ؟ އެ ދެމީހުންނަށް ކޮންގްރެޗުލޭޓް ކުރާނީތަ؟” އާރާ އަނެއްކާވެސް ކޮށްލީ މައިރާއަށް ޖަވާބު ދޭން އުނދަގޫވި ސުވާލެކެވެ.

“އަބަދަކު ޒިއާމްއަކަށް އެހެންނެއް ނުހުރެވޭނެ. އަންހެނުންނަކީވެސް ފާޑެއްގެ ބައެއް. ފިރިހެނެއްގެ ވިސްނުން ބަދަލު ކޮށްލާނީ ކިހިނެއް ކަމެއްވެސް ނޭނގެ. އެހެން ނޫނަސް ޒިއާމް ކިހާ ދުވަހެއް ވަންދެން މައިރާއަށް ވެއިޓް ކޮށްގެން ހުންނާނީ؟ ކޮންމެވެސް ދުވަހަކުން އޭނަވެސް ހިތަށް އަރާނެ ދެން ނުވާނެޔޭ! އޭރުން؟” ޒައިނާ ހެން މަޑުމައިތިރިކަމާއެކު މައިޜާއަށް ވިސްނައި ދިނުމުގެ ބަދަލުގައި އާރާ ބުނެދިނީ ޒިއާމް ކަންތައް ކޮށްފާނެ ގޮތެވެ.

“އެކަމަކު… އަހަރެން ކިހިނެއް ބުނާނީ؟ ކީކޭ ބުނާނީ؟” މައިރާއަށް އަހާލެވުނެވެ.

“ބުނާނެ އެއްޗެއް އެނގޭނީ މައިއަށް. އަހަރެން ދޭނެ ނަސޭޙަތަކީ، ލޯތްބަކީ ވަރަށް ނަސީބު ގަދަ މީހަކަށް ކާމިޔާބު ވާ އެއްޗެއް. އަހަރުމެންނަށް ކަންތައް ދިމާވާ ގޮތުން ހީވެދާނެ ލޯތްބަކީ ހޯދަން ވަރަށް އުނދަގޫ އެއްޗެކޭ. އެކަމަކު އަސްލު ހަމަ ކުޑަ ހިތްވަރެއް ކޮށްލަން ޖެހޭނީ. ލޯބިވާ މީހާ ކައިރީގަ ހުންނަ އިރުވެސް، އޭނަ ލޯބި ވާކަން އެނގޭ އިރުވެސް ބައެއް ފަހަރަށް އަހަރުމެންނަށް ފަސް ޖެހެވެނީ. ހީވަނީ އެއީ ހުވަފެނަކަށް ވެދާނެއޭ. އެކަމަކު ހުވަފެނެއް ކަން ނޫނީ ނޫން ކަން ޔަގީން ވާނީވެސް ކުރިއަށް ފިޔަވަޅެއް އެޅިގެން. ނޫންތަ އާރާ؟” ޒައިނާ ވާހަކަ ދައްކަމުން އާރާއަށް ބަލާލި އިރު އެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ.

“ޔޫ އެންޑް ދޮންބެ އާރ ޑިފަރެންޓް! ފުރަތަމަ ޒައި ފެނުނު ދުވަހު ދޮންބެއަށް ލޯބި ވެވިއްޖެ. ދޮންބެ ޒައި ދެކެ ލޯބި ވާ ވަރަކަށް ހިއެއް ނުވޭ އެކަކުވެސް އެހެން މީހަކު ދެކެ ލޯބި ވާނެ ހެންނެއް” ހިނި އައިސްފައި އާރާ ބުނެލިއެވެ.

“ތީ ހަމަ ހީވާ ގޮތް. ބަލާ ދޮންބެއާ ދައު. ކިހާ ދުވަހަކު ދޮންބެ ހިފަހައްޓާލި ދައުއާ ރައްޓެހި ނުވާން؟ އެކަމަކު އެންމެ ފަހުން ދައު ހަމަ ކާމިޔާބު ކުރީއެއްނު؟ ދެން ނާޒްދައްތައާ އަސަދު. އަސަދު އެއީ ކިހިނެއް އުޅުނު މީހެއް؟ ނާޒްދައްތަ ކުރިން އޭނަ ދެކެ ކިހާ ރުޅި އާދޭ؟ އެކަމަކު އެންމެ ފަހުން ހަމަ އޭނަ ދެކެ ލޯބި ވެވުނީ. ތިއްތިބޭވެސް ސަކަރާތް ޖަހަޖަހާފަ އުޅުނަސް ތިއްތިބޭދައްތައާ ހެދި މަރު ވާ ވަރު ވެފަ ހުންނަނީ. އެންޑް ދެން ދެއަރ އިޒް އާރާ އެންޑް އިޔާދު… ހީވެސް ނުކުރާ ކަހަލަ ލަވް ސްޓޯރީއެއް ތީ. އޭރު ހީކުރިންތަ އޭނަ އާރާ ދެކެ ލޯބި ވެދާނެ އޭ؟ އަހަރެންވެސް ހިއެއް ނުކުރަން އޭނަ އެ ވަރަށް ބަދަލު ވެދާނެ ކަމަކަށް… އެކަމަކު ބަލާބަލަ މިހާރު. އަޒްމަން ދުވަހަކުވެސް އޭނަޔާ ވާހަކަ ދައްކާނެ ކަމަކަށް ހިއެއް ނުކުރަން. އެކަމަކު އެކަންވެސް ވެއްޖެ” ޒައިނާ ވާހަކަ ދައްކަމުން ދިޔަ އިރު ޝައިގުވެރިކަމާއެކު އެ ވާހަކަތައް އަޑުއަހަން މައިރާ އިނެވެ.

“ލީން ލިބުނީމަ ދޮންބެ ގޮތް ދޫކުރީ. އެ ދުވަހު އިޔާދު ލީން އުރައިގެން ގޮސް ދޮންބެއަށް ދައްކާފަ ބުނީ އަދިވެސް މާފެއް ނުކުރާނަން ހޭ. އިޔާދު ބުނީ ހިއެއް ނުކުރަމޯ އިޔާދު އަތުގަ އޮއްވާ ދޮންބެ ލީން އުރާލާނެ ކަމަކަށްވެސް. އެކަމަކު ލީން އުރާލާފަ ދޮންބެ އެހީ ކިޔާނެ ނަމެއް ހޯދައިފިން ހޭ… އިޔާދުއަށް ގަބޫލުވެސް ނުކުރެވުނު ދޮންބެ ވާހަކަ ދެއްކީމަ” އާރާއާ އިޔާދުގެ ދަރިފުޅު އުފަން ވީ ދުވަހުގެ މަތިން ހަނދާން ވުމުން އާރާއަށް ހީލެވުނެވެ.

“އާނ، އަހަރެން ބުނެގެން އަޒްމަން ގަބޫލު ނުވި ހަމަ އެކަނި ކަމަކީ އެއީ” ޒައިނާވެސް އިނީ އެ ދުވަހުގެ ހަނދާނުގައެވެ.

“ސޯ ދެން އަހަރުމެންގެ ވާހަކަ ހުއްޓާލަމާ. މައި، ކޮންމެސް ގޮތަކުން ޒިއާމްއާ ވާހަކަ ދައްކަބަލަ. މައި ފީލް ވާ ގޮތް ބުނެދީބަލަ” މައިރާގެ އަތުގައި ހިފާލަމުން އާރާ ބުންޏެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

އިމްތިޙާން 40

Next

އެކުއްޖާ 2 – 5

Next
December 14, 2020

އެކުއްޖާ 2 – 5

Previews
December 14, 2020

އިމްތިޙާން 40

One Comment

  1. Mar Sha Marsha says:
    December 14, 2020 at 11:45 am

    Hi, here’s 15, like vaane kamah hykuran. Next on Thursday. ❤️

Comments are closed.

Next Episodeމި ހިތުން މަޤާމޭ މި ދެނީ 16←


All Right Reserved!