
މި ހިތުން މަޤާމޭ މި ދެނީ 16
“ސޯ ދެން އަހަރުމެންގެ ވާހަކަ ހުއްޓާލަމާ. މައި، ކޮންމެސް ގޮތަކުން ޒިއާމްއާ ވާހަކަ ދައްކަބަލަ. މައި ފީލް ވާ ގޮތް ބުނެދީބަލަ” މައިރާގެ އަތުގައި ހިފާލަމުން އާރާ ބުންޏެވެ.
މައިރާ ބޯ ޖަހާލި ނަމަވެސް އެކަން ކުރާނެ ގޮތެއް ނުވިސްނެއެވެ.
ހަމަ އެރޭގެ އެ ވަގުތެވެ. ޒިއާމް އަޒްމަންއާ އެކު ކޮފީއަކަށް ދިޔައީ ހިތަށް އުނދަގޫ ކުރަމުން ދިޔަ ޚިޔާލުތައް އެހެން މީހަކާ ހިއްސާކޮށްލުމަށް ބޭނުން ވެގެންނެވެ. އާރާއާ އިޔާދުގެ ކައިވެނި ޕާޓީއިން ދިމާ ވި ފަހުން ދެ މީހުންގެ މެދުގައި ރަޙުމަތްތެރިކަން އުފެދުނީ އަޒްމަން އިސް ނަގައިގެންނެވެ. އޭގެ ފަހުން އެ ދުވަހާ ހަމައަށް ޒިއާމްގެ ހުރިހާ ކަމެއް އެނގޭ އެކުވެރިއަކަށް އަޒްމަން ވަނީ ވެފައެވެ. އައިދަން ފިޔަވާ ޒިއާމްއަށް ވާހަކަ ދައްކާލަން އެހާ ފަސޭހަ މީހަކަށް ދިމާ ވީ އަޒްމަންއެވެ.
“ތިހެން އުޅެން ވެއްޖެއްޔާ ދުވަސްކޮޅަކުން ޒިއާމް މޮޔަ ވެދާނެ” ބޮލުގައި ދެ އަތް ޖައްސާލައިގެން ޒިއާމް އިން ގޮތުން އެކުވެރިޔާއާ މެދު އަޒްމަންވެސް އިނީ ދެރަވެފައެވެ.
“އަހަންނަށް ހީވަނީ މިހާރުވެސް މޮޔަ ވެއްޖެ ހެން… ގެއަށް ވަދެއްޖެއްޔާ ހުންނަން ޖެހެނީ މައިރާއާ ދިމާއަށް ނުބަލާ… އެހެން ނޫނީ އަބަދު އެ ހިޔާލުގަ… މިހެން ހުރެފަ އެންމެ ފަހުން ކުރެވޭނީ ފަހުން މޮޔަ ހީވާ ކަހަލަ ކަމެއް…” އިން ގޮތަށް އިނދެ ޒިއާމް ބުންޏެވެ.
އެއާއެކު އަޒްމަން ހޭން ފެށިއެވެ.
“އަޒްމަން ހެނީތަ؟ ތީ ކޮން ކަހަލަ ޑޮކްޓަރެއް؟” ބޮލުން އަތް ނަގާ އަޒްމަންއާ ދިމާއަށް ޒިއާމް ބަލާލިއެވެ.
“ޑޮކްޓަރަކަށްވެސް ހަދަން ވީ ގޮތް ބުނެދެވޭނީ. އެ ގޮތަށް ކަންތައް ކުރެވޭނީ ޕޭޝަންޓަށް” އަޒްމަން ބުންޏެވެ.
“އެހާ ފަސޭހައެއް ނޫން… އަޒްމަން ބުންޏަސް އަހަރެން ކިހިނެއް މި ހުރިހާ އެއްޗެއް މައިރާ ކައިރީ ބުނާނީ؟” ނިތްކުރީގައި އަތް ހާކާލަމުން ޒިއާމް ލޯ މަރާލީ ބޮލުގައި ހުރި ރިހުން ގަދަވާހެން ހީވެގެންނެވެ.
“ސިރިއަސްލީ ޒިއާމް! ޖަސްޓް ޓެލް ހަރ! ކިހާ ދުވަހެއް ތިހެން އުޅޭތާ؟ ތިހެން އުޅެގެން ޒިއާމްއަކަށް ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެ. ލޯތްބަކީ ސިއްރު ކުރަންވީ އެއްޗެއް ނޫނޭ. ބުނެބަލަ!” އަޒްމަން ފެށުނީއްސުރެ ޒިއާމްއަށް ދޭ ލަފައަކީ އެއީއެވެ.
“އައި ކާންޓް!” ޒިއާމް ބުންޏެވެ.
“އަހަރެންގެ ހިތެއް ނުބުނޭ މައިރާ ދެކޮޅު ހަދާނެއެކޭ. އަހަންނަށް ހީވަނީ މައިރާވެސް ޒިއާމް ދެކެ ލޯބި ވޭހެން. އޭރު ޝީ ވޯޒް ގްރީވިންގް. އެހެންވެ އޭނަ ދެކޮޅު ހެދީ، އެ ކަހަލަ ކަމަކާ ވިސްނަންވެސް އޭރު އޭނަ ބޭނުމެއް ނުވާނެ. އެކަމަކު މިހާރު އެހެންނެއް ނުވާނެ. އޭނަގެ ހިތުގަ ޒިއާމްއާ މެދު ފީލިންގްސް ނުވާ ނަމަ ޒިއާމް ތި އުޅޭ ގޮތުން އޭނަ ޒިއާމްއާ ވާހަކަ ދެއްކުން ހުއްޓައެއް ނުލާނެ. ޑޯންޓް ޓޯޗަރ ޔޯސެލްފް ލައިކް ދިސް. މައިރާ ކައިރީ ބުނެބަލަ. ދެކޮޅު ހެދިޔަސް އޭރުން އެނގޭނެއެއްނު؟ އެޓްލީސްޓް ޔަގީން ވާނެއެއްނު؟” އަޒްމަން ބުންޏެވެ.
“ދެޓް އިޒް ނޮޓް ދަ ރީޒަން… އެއީ އައިދަންގެ—” ޒިއާމް ބުނަން އުޅުނު އެއްޗެއް ހުއްޓުވީ އަޒްމަންއެވެ.
“ތި ތަނަށް އައިދަންގެ ނަން ގެންނަނީ ޒިއާމް. އެއީ ޕާސްޓް. އެއީ އައިދަންގެ ވައިފްއެއް ނޫން، އެއީ އައިދަންގެ ވިޑޯ. މައިރާވެސް މިހާރު ފްރީ. އައިދަން މައިރާ ދެކެ ލޯބި ވާކަން އެނގިގެން އޭރު ޒިއާމް ދުރަށް ދިޔަޔަސް މިހާރު އައިދަންއެއް ނެތް، ޒިއާމް މައިރާއާ ދުރަށް ދާކަށް މިހާރު އެއްވެސް ރީޒަންއެއް ނެތް. ކީއްވެތަ އެކަން ގަބޫލު ނުކުރެވެނީ؟” އަޒްމަން އަޑަށް ބާރު ލާފައި ބުންޏެވެ.
ޒިއާމް ޖަވާބެއް ނުދީ އިނެވެ.
“ޒިއާމް، މައި ފްރެންޑް، ހިތްވަރު ކޮށްފަ ބުނެބަލަ!” ޒިއާމްގެ ކޮނޑުގައި ހިފާލަމުން އަޒްމަން ބުންޏެވެ.
ޒައިނާއާ އާރާއާ އެކު މައިރާ ތިރިއަށް ފޭބުމުން ރައިހާނާ ސޯފާގައި އިނދެފައި ރަޒާނާއަށް ގޮވާލިއެވެ.
“ޒިއާމްއާ މައިރާ މިހާރު އުޅޭ ގޮތް ފާހަގައެއް ނުކުރެވޭތަ؟” ރައިހާނާ އަހާލިއެވެ.
“ދޮންތައަށްވެސް ފާހަގަ ކުރެވުނީތަ؟ އަހަރެން މި ހުންނަނީ އެހެން ނުބުނަން ވެގެން” ރަޒާނާ ބުނެލިއެވެ.
“އެ ދެ މީހުންގެ މެދުގަ ކޮންމެސް ކަމެއް ވެއްޖެ ހެން ހީވަނީ” ވިސްނަން އިނދެ ރައިހާނާ ބުންޏެވެ.
“އާނ، ދެ މީހުން ހީވަނީ އެކަކު އަނެކަކަށް ފިލަން އުޅޭ ހެން” އެ ހުރިހާ ކަމެއް ރަޒާނާއަށްވެސް ވަނީ ފާހަގަ ކުރެވިފައެވެ.
“ރަޒާނާ. ވަރަށް ކުރިން ދޮންތަ އެހީމެއްނު ޒިއާމް ކުރިން އަންހެން ކުއްޖެއްގެ ކަންތަކާ އުޅުނުހޭ؟” ރައިހާނާއަށް އެނގިފައި އޮތް ސިއްރު ރަޒާނާއާ ހިއްސާ ކުރަން ރައިހާނާ ބޭނުންވިއެވެ.
“އާނ. ކިޔަވަން ދިޔަ އިރު ދޯ؟ އެކަމަކު ފަހުން ޔަލްދާއާ އިންނަން އުޅެފަ އެކަންވެސް ހުއްޓާލީ. އޭގެ ފަހުން އަނެއްކާވެސް އެ ހުންނަނީ އެހެން” ޒިއާމްއާ މެދު ރަޒަނާގެ ހިތުގައި ވާ ކަންބޮޑުވުން ރައިހާނާއަށް އެނގެއެވެ.
“އޭރުވެސް، މިހާރުވެސް، އަބަދުވެސް ޒިއާމް ލޯބި ވީ އެއް ކުއްޖެއް ދެކެ” ޒިއާމްގެ ހިތުގެ އެދުން ރައިހާނާއަށް އެނގޭތީ އެ އަޑުގައިވީ ޔަގީން ކަމެވެ.
“ދޮންތާ… މައިރާތަ؟” އެ ޝައްކު ރަޒާނާގެ ހިތުގައިވެސް ވަނީ އުފެދިފައެވެ.
ރައިހާނާ ބޯ ޖަހާލިއެވެ.
“ކިހިނެއް ދޮންތައަށް އެނގުނީ؟” ރަޒާނާ އަހާލީ އިރުކޮޅެއް ފަހުންނެވެ.
ރައިހާނާ ހުރިހާ އެއްޗެއް ކިޔާދިނެވެ.
އެ ހުރިހާ ދުވަސް ވަންދެން ޒިއާމް އުޅެމުން އައި ގޮތާމެދު ދެރަވެގެން ރަޒާނާއަށް ރޮވުނެވެ.
“ރަޒާނާ… ނުރޮއެ… ކުރިން ޒިއާމްއަށް އެހެން ވިޔަސް މިހާރު ހުރިހާ ކަމެއް މިއޮތީ ބަދަލު ވެފަ. މިހާރު އެ ދެމެދަކު އައިދަންއެއް ނެތް. އަހަންނަށް ހީވަނީ މިހާރު މައިރާވެސް ޒިއާމް ދެކެ ލޯބި ވާހެން. އެ ދެކުދިން ގުޅުމަކަށް މިހާރަކު ހުރަހެއް ނެތެއްނު؟ ޒިއާމްގެ އަނތްބަކަށް މައިރާ ވާތަން ދެކެން މިހާރު އެންމެ ބޭނުމީ. އަހަރުމެންގެ ޒިއާމްގެ ދިރިއުޅުމަށްވެސް އޭނަ ލޯބިވާ މީހަކު އަންނަ ތަން ދެކޭ ހިތް ވަނީ” ރައިހާނާގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ.
“ދޮންތައަކަށް ނުވިސްނޭތަ؟” ޒިއާމް ލޯބި ވަނީ މައިރާ ދެކެ ކަން އެނގުމާއެކު ދަރިފުޅުގެ ހިތުގައިވާ ހުރިހާ އެއްޗެއް ރަޒާނާއަށް ސާފުވިއެވެ. އެ ހުރިހާ ދުވަހު ޒިއާމް ކައިވެންޏެއް ނުކޮށް ހުންނަ ސަބަބު އެނގުނު އިރު، މައިރާއާ ދުރު ވާން ޒިއާމް މަސައްކަތް ކުރަނީ ކީއްވެ ކަންވެސް ރަޒާނާއަށް އެނގިއްޖެއެވެ.
“ކޯޗެއް؟” ރަޒާނާ ބުނަން އުޅޭ އެއްޗެއް ރައިހާނާއަކަށް ނުވިސްނުނެވެ.
“ދޮންތާ، އައިދަންގެ ހައްގަކަށް ޒިއާމް ދުވަހަކުވެސް އަތެއް ނުލާނެ. އެހެންވެ އޭނަ އެ ހުންނަނީ. މިއަދުވެސް އޭނަ ހިތުގަ އެ އޮތީ އެހެން. އައިދަން ނެތަސް މައިރާއާ ޒިއާމް ކައިރިއެއް ނުވާނެ. އޭނަ ކިތަންމެ ލޯބި ވިޔަސް ނުބުނާނެ” ރަޒާނާ ބުންޏެވެ.
ރައިހާނާ ވިސްނާލިއެވެ. ރަޒާނާ އެ ދެއްކި ވާހަކަ އެއީ ތެދުކަން ރައިހާނާއަށް އެނގެއެވެ. ޒިއާމްއާ އައިދަންގެ މެދުގައި އޮތީ ކިހާ ވަރެއްގެ ގުޅުމެއް ކަން ރައިހާނާއަށް އެނގެއެވެ. އެހާ ދުވަސް ވީ އިރު، ދެ މީހުން އެހާ ކައިރީގައި އުޅުނު އިރުވެސް މައިރާއާ ކައިރި ވުމަށް ޒިއާމް މަސައްކަތް ނުކޮށް ހުރީ އައިދަންގެ ސަބަބުންނެވެ. މައިރާ ދެކެ ވާ ލޯތްބަށް ވުރެ ޒިއާމް އިސް ކުރީ އައިދަން ދެކެ ވާ ލޯތްބެވެ. ކުރިންވެސް ވީ އެހެންނެވެ. މިއަދުވެސް ޒިއާމް އެ ޚިޔާރު ކުރީ ހަމަ އެ މަގެވެ.
އެހެން ނަމަވެސް ދެ ވަނަ ފަހަރަށް ޒިއާމް ފުރުސަތު ގެއްލުވާލާ ތަން ބަލާކަށް ނުހުރެވޭނެއެވެ. އައިދަންއެކޭ އެއް ގޮތަށް ޒިއާމްއަށްވެސް އޭނަގެ ލޯބި ލިބުން ހައްގެވެ. ކުރިން ވީ ހެން މިއަދު އެ ދެމެދުގައި އައިދަން ނެތް އިރު، މައިރާ ޙާސިލް ކުރުމަށް ޒިއާމް މަސައްކަތް ނުކޮށް ހުންނަ ތަން ބަލާކަށް ދެން ރައިހާނާ ނުހުންނާނެއެވެ.
“ޒިއާމް އެހެން ހަދައިފިއްޔާ އަމިއްލައަށްވެސް އަދި މައިރާއަށްވެސް އެ ދެވެނީ ކިހާ ބޮޑު ދެރައެއް؟ އޭނައަށް ނުވިސްނެނީ. ކޮންމެސް ގޮތަކުން ޖެހޭނީ ޒިއާމްއަށް ވިސްނައިދޭން” ރައިހާނާ ބުނެލިއެވެ.
“ދޮންތަ… ދޮންތަ ރުހޭނަންތަ ޒިއާމް މައިރާއާ ކައިވެނި ކުރަން ބޭނުން ވެއްޖެއްޔާ؟” ރަޒާނާ އަހާލީ އެ ކަމުގައި ރައިހާނާގެ ހިތް އޮތް ގޮތް ޔަގީން ކުރަން ބޭނުންވާތީއެވެ.
“ޒިއާމްއަކީ އަހަރެން ވިހޭ ކުއްޖެއް ނޫން، އެކަމަކު އެއީވެސް ހަމަ އަހަރެންގެ ދަރިއެއް. އައިދަންއަށް ލިބުން އެދޭ ހުރިހާ އެއްޗެއް ޒިއާމްއަށް ލިބުންވެސް އަހަރެން އެދެން. އެ ކުއްޖާ މި ހުރިހާ ދުވަހު ވީ ލޯބި ކާމިޔާބު ވާން އަހަރެން އެދެން. ކުރިން އެކަން އެނގުނަސް އަހަންނަށް ކޮށްދެވޭނެ ކަމެއް އޭރަކު ނެތް. އެކަމަކު މިހާރު އެހެންނެއް ނުވާނެ. ޒިއާމް އަމިއްލައަށް އެއްޗެއް ނުބުނިއްޔާ އަހަރެން ޒިއާމްއާ ވާހަކަ ދައްކައިގެން ވިޔަސް އެ ދެ ކުދިންގެ ކައިވެނި އިރާދަ ކުރެއްވިއްޔާ ކުރުވާނަން. އަހަންނަށް އެނގޭ ހާފިޒްވެސް ބުނާނީ ހަމަ މިހެން ކަން” ކޮއްކޮގެ ގައިގައި ފިރުމާލަމުން ރައިހާނާ ބުންޏެވެ.
“ސުވާލު ކޮށްފިއްޔާ ޒިއާމް އެއްބަސް ވާނެބާއޭ ހިތަށް އަރާ” ރަޒާނާ ހިނިއައިސްފައި ބުންޏެވެ.
“އާނއެކޭ ނުބުންޏަސް ޒިއާމްއަކަށް ނުކެރޭނެ ނޫނެކޭ ބުނާކަށް” ރައިހާނާވެސް ބުނެލީ ހެމުންނެވެ.
މެންޓަށް މައިރާ ދިޔައީ މައިރާގެ ފޯން ނިވުނު ގޮތަށް ނުހުޅުވިގެންނެވެ. ް ދިޔަ ދުވަހެކެވެ.ވެސް އެ މީހުންނާއެކު ބ
ތިން އަހަރަށް ފަހު މިޝްޔާ ކިޔެވުން ނިންމާފައި މާލެ އަންނާތީ މައިރާ އުޅުނީ މިޝްޔާއަށް ސަޕްރައިޒްއެއް ދިނުމަށް ޕާޓީއެއް ބާއްވާށެވެ. އެކަމުގައި މައިރާއަށް އެހީ ވާން އުޅުނީ އައިމަލްއެވެ. ދެ ދުވަސް ކުރިން މައިރާ ހުރީ އައިމަލްއާ އާރާގެ އެހީއާ އެކު މަންމަމެން އުޅޭ އެޕާޓްމެންޓް ސާފު ކޮށްފައެވެ. މިޝްޔާމެން އަންނަން އޮތީ އެ ދުވަހުގެ ހަވީރުއެވެ. އެރޭގެ ކެއުމަށް މައިރާގެ އާއިލާއަށް ރައިހާނާ ދަޢުވަތު ދީފައިވާ އިރު، އެ މީހުން އެދުނީ އެރޭ އެންމެންވެސް ހުޅުމާލޭގައި މަޑު ކުރުމަށެވެ. ހަމަ ޖެހިފައި އޮތީ އެއަރޕޯޓުން އެންމެން މައިރާމެން ގެއަށް ދާ ގޮތަށެވެ. އަދި ފަހުން މައިރާއާ އެކު މިޝްޔާ ފޮށިތައް ހިފައިގެން މާލެއަށް އައިސް، އެ ރެއާ އަނެއް ދުވަހަށް ބޭނުން ވާނެ އެއްޗެހި ހިފައިގެން ދިއުމަށެވެ.
މައިރާ ރާވާފައި އޮތް ގޮތް މުނާއާ ޝަފީއުއަށް އެނގެއެވެ. އިރު އޮއްސެން އުޅެނިކޮށް ގެއަށް އާދެވުމުން އެންމެން އެކުގައި ފުރަތަމަ ސައި ބުއީއެވެ. މައިރާގެ އެދުމަށް އިރުކޮޅަކަށް އަރާމު ކޮށްލުމަށް މުނާއާ ޝަފީއު ކޮޓަރިއަށް ވަނުމުން މައިރާ ކޮއްކޮއާ އެކިއެކި ސުވާލު ކުރަން ފެށިއެވެ.
އެންމެ ފަހުގެ ކަންތައް ނިންމުމަށް މައިރާ ހަވާލު ކުރީ އައިމަލްއާ އާރާއާއެވެ. ޕާޓީއަށް ޒިއާމްއަށް ދަޢުވަތު ދިނީ މައިރާއެވެ. އެރޭގެ އެކި ކަންތަކުގައި މައިރާއަށް ޒިއާމް އެހީވީ މައިރާ އެދިގެންނެއް ނޫނެވެ.
އެ ކަންތަކުގައި އުޅުނު ދެ ދުވަހުވެސް ޒިއާމްގެ ވާހަކަ ނޫން ވާހަކައެއް އައިމަލް ނުދައްކައެވެ. އެކަމާ މައިރާ ހުރީ އުނދަގޫ ވެފައެވެ. އެންމެ ގާތް އެކުވެރިއަކަސް އައިމަލްއާ މެދު ހިތްހަމަ ނުޖެހެވުނީ އަބަދު ޒިއާމްގެ ވާހަކަ ދައްކާތީއެވެ. އެހެން ނަމަވެސް މައިރާ އެއްޗެއް ނުބުނެއެވެ. މައިރާއަށް ނޭނގުނީ، ފަހަކަށް އައިސް އައިމަލް އަބަދު ޒިއާމްގެ ވާހަކަ މައިރާ ގާތު ދައްކަނީ ގަސްތުގައި ކަމެވެ. އެ މީހުންގެ މަގްސަދަކީ މައިރާގެ ހިތުގައި ޒިއާމްއަށް ޓަކާ ވާ ލޯބި ފާޅު ކުރުން ކަމެވެ.
އަށެއް ޖަހަން ވީ އިރަށް މިޝްޔާ ގޮވައިގެން އައިސް އާރާއަށް ގުޅާފައި ހަމަޖެހިފައި އޮތް ގޮތަށް މައިރާ ގޭ ދޮރު ހުޅުވީ މިޝްޔާ ލައްވައެވެ. އެއާއެކު އެންމެން އެއް އަޑުން “ސަޕްރައިޒް!” އޭ ކިޔާ ހަޅޭލަވައިގަތުމުން މިޝްޔާ ފުރަތަމަ ސިހިފައި ބަލަން ހުރީއެވެ. ދެން ހިނި އައިސްފައި މައިރާއަށް ބަލާލިއެވެ.
“މީ ދޮން ކުރި ކަމެއް ދޯ!” ހިނި އައިސްފައި އެހެން އަހާލަމުން މައިރާ ގައިގައި މިޝްޔާ ބައްދާލިއެވެ. އެތާ ތިބި މީހުންނަށް މިޝްޔާ ބަލާލީ އޭގެ ފަހުންނެވެ.
ޒިއާމްއާ އައިމަލްއާ އާރާއާ އިޔާދުއާ، ޒައިނާއާ އަޒްމަން އަދި މިޝްޔާގެ އެކިއެކި ރައްޓެހިން ފެނުމުން މިޝްޔާ އެކި ފަހަރު އެކި ގްރޫޕްތަކުގެ ކައިރިއަށް ގޮސް ސަކަރާތް ޖަހަން ފެށިއެވެ.
އެގާރަ ޖެހި އިރު މައިރާ ހުރީ ނިދި އައިސްފައެވެ. އެހެން ނަމަވެސް އެހާ ދުވަސް ފަހުން މިޝްޔާ އެކުވެރިންނާ އެކު މަޖާ ކުރާތަން ފެނުމުން ޕާޓީ ނިންމާލަން ބުނާކަށް މައިރާއަކަށް ނުކެރުނެވެ.
“ދެން ދާންވީ ދޯ؟ ބާރަ ޖަހަނީ” ޒައިނާ ބުންޏެވެ.
“ޒައިމެން ދާ އިރު އަހަރެންވެސް ދާނަން” އަތުކުރީގައި އޮތް ގަޑިއަށް އާރާ ބަލާލިއެވެ.
“މަވެސް ދާންވީ. ޒިއާމް ކައިރީ ބުނާނީ ގެންގޮސްދޭން” ވައްކަޅިން މައިރާއަށް ބަލާލަމުން އައިމަލް ބުންޏެވެ.
“ސާބަސް! އެހާ އަވަހަށް ދާން ނޫޅެބަލަ. އާރާއާ ޒައިގެ ތިބޭނެ ނުލާހިކު ބެސްޓް މައިދައިތައިން. ކުދިން ހޭލިޔަސް އެ މީހުން ވާނީ އުފާ. ދެން ކީއްވެގެންތަ ނުދެވިގެން ތި އުޅެނީ؟ ޒިއާމްއާ އެކީ ނޫނަސް ޒައިމެން ދާ އިރު އެ މީހުން އައިމަލް ޑްރޮޕް ކޮށްލަދީފާނެ. ހުހަށް ހުރި މިހާވެސް އެބައުޅޭ ލަސް ވެގެން” އައިމަލްގެ ވާހަކައިން ހިތަށް ވެރިވި ނުތަނަވަސްކަން ފޮރުވާލަމުން މައިރާ ޝަކުވާ ކޮށްލިއެވެ.
“ނޫން، އަހަރެން ދާނީ ޒިއާމްއާ އެކީ” އައިމަލް ބުނެލިއެވެ.
“އަހަންނަށް ހެޔޮ އައިމަލް ކޮންމެ މީހަކާ އެކީ ދިޔަޔަސް. އެކަމަކު އަދި ނުދެވޭނެ” ނުރުހިފައި މައިރާ ބުނެލިއެވެ.
ހިނިއައިސްފައި އިން އާރާ، ޒައިނާއާ ދިމާއަށް ބަލާލަމުން އެއްލޯ މަރާލިއެވެ.
އައިމަލްގެ ވާހަކައިން ރުޅި ގަދަވެފައި ހުރި މައިރާ ޒިއާމް ކޮބާތޯ ބަލާލިއެވެ. ތަންކޮޅެއް ދުރުގައި އަޒްމަން ކައިރީ ޒިއާމް ހުރި އިރު އެ މީހުން ކައިރީ މިޝްޔާއާ މިޝްޔާގެ ރައްޓެހި ޝާމާއާ އެކު އައި ޝާމާގެ ދައްތަ ޝައިހާވެސް ހުއްޓެވެ. ޝައިހާގެ ނަޒަރު ހުރީ ޒިއާމްއަށެވެ. އެ ބެލުން ފާހަގަ ކުރެވުމާއެކު މައިރާ އައިސްފައި ހުރި ރުޅި އިތުރަށް ގަދަވިއެވެ. ޒިއާމްއާ ދިމާއަށް ނުބަލަން ވެގެން މައިރާ މޫނު އަނބުރާލިއެވެ. އެހެން ނަމަވެސް ގިނަ އިރަކު އެހެންނެއް ނުހުރެވުނެވެ. އިއުއިރުކޮޅާ މައިރާއަށް ޒިއާމްއާ ދިމާއަށް ބަލާލެވެއެވެ.
ޝައިހާ ޒިއާމްއަށް ކޮންމެވެސް އެއްޗެއް ބުނުމުން ޒިއާމް ޝައިހާއާ ދިމާއަށް ބަލާލިއެވެ. ހީލަމުން ޒިއާމް ބޯ ޖަހާލިއެވެ. މިޝްޔާ ގޮވާލުމުން މިޝްޔާއަށް ބަލާލި ޒިއާމްގެ އަތުގައި ޝައިހާ ހފާލިއެވެ. ޝައިހާއާ ދިމާއަށް ބަލާލާފައި ޒިއާމް އަނެއްކާވެސް ހީލިއެވެ. ޝައިހާ ޒިއާމްގެ ކަންފަތާ ކައިރި ވެލާފައި ކޮންމެވެސް އެއްޗެއް ބުނެލިއެވެ. އެއާއެކު ޒިއާމްއާ ޝައިހާ އެކުގައި ބާރަށް ހީގަތެވެ. ޒިއާމްއާ އިތުރަށް ކައިރި ވަމުން ޝައިހާ އެއް އަތް ޒިއާމްގެ މޭގައި ޖައްސާލިއެވެ. ޝައިހާ ދުރު ކުރާކަށް ޒިއާމް ނޫޅެއެވެ.
އެ މަންޒަރު ބަލަން އިން މައިރާ ހަޅޭލަވައިގަންނަން ބޭނުންވިއެވެ.
މައިރާއަށް ވަމުން ދިޔަ ގޮތް ބަލަން އައިމަލްއާ އާރާއާ ޒައިނާ ތިބި އިރު އައިމަލް އިނީ ބާރަށް ހެވިދާނެތީ އަނގަމަތީ އަތް އަޅައިގެންނެވެ.
“މިޝީ!” ކުއްލިއަކަށް ތެދުވަމުން މައިރާ ބާރަށް ގޮވާލިއެވެ.
ސިހިފައި މިޝްޔާ މައިރާއާ ދިމާއަށް ބަލާލިއެވެ. ޝައިހާވެސް ޒިއާމްއާ ދުރަށް ޖެހިލިއެވެ. އެތާ ތިބި އެންމެން ކަހަލަ ގޮތަކަށް މައިރާމެން ތިބި ދިމާއަށް ބަލާލިއެވެ.
“ދެން ނިންމާލަން ވީނު؟ ދޮން ވަރަށް ޓަޔަޑް ވެއްޖެ” މައިރާ ބުންޏެވެ.
“ހާދަ އަވަހަކަށް؟” ހައިރާންވެފައި މިޝްޔާއަށް ބުނެވުނެވެ.
“ދޮންއަށް އަދި ދެވޭނީ މި ތަން ސާފުވެސް ކޮށްފަ. ދެން އެހެން ފަހަރަކުން ފްރެންޑުން ގެންނާނީ” މިޝްޔާ ކައިރިއަށް ގޮސްފައި މައިރާ ބުންޏެވެ.
“އަޒްމަންމެން އެ އުޅެނީ ދާން. މައި ދާންވީނު އެ މީހުންނާ އެކީ؟ މިޝީ ދާން ވީމަ އަހަންނާ މިޝީ މިތަން ސާފުކޮށްލާފަ ދާނަން” ޒިއާމް ބުންޏެވެ.
“ޒިއާމް ބޭނުން ވާ ގޮތަށް މަޖާ ކުރެވޭނެ ޒިއާމްގެ ގޭގަ. މިޝީވެސް ހުއްޓާ ތި ސަކަތާރް ނުޖެހިޔަސް ރަނގަޅު ވާނެ” ރުޅިއައިސްފައި ހުރި މައިރާ ޒިއާމްއާ ހަތަރު ކަޅި ހަމަކޮށްލަމުން ބުނެލިއެވެ.
“ދޮން!” މިޝްޔާއަށް ގޮވާލެވުނީ މައިރާ ބުނި ގޮތުންނެވެ.
މައިރާ ބުނި އެއްޗެއް ވިސްނުމާއެކު ޒިއާމްއަށް ބަލާލެވުނީ ޝައިހާއަށެވެ.
“އޭނަ ގެއަށް ލައިދޭން ޒިއާމް ދާންވީނު؟” ޝައިހާއަށް އިޝާރާތް ކޮށްލަމުން މައިރާ ބުންޏެވެ.
“ދޮން. އޯކޭ. މިރެއަށް ނިންމާލާނީ ދެން” މައިރާ މާ ބޮޑަށް ވަރުބަލި ވީއޭ ހިތަށް އަރާ މިޝްޔާ ބުންޏެވެ.
“އައިމަލްވެސް އެބަ ހުރި ޒިއާމްއާ އެކީ ނޫނީ ގެއަށް ނުދާން” މައިރާ އަނެއްކާވެސް ޒިއާމްއާ ދިމާއަށް ބުންޏެވެ.
“މައި…” މައިރާ އުޅޭ ގޮތުން ހައިރާން ވެގެން ޒިއާމް ގޮވާލިއެވެ.
“ޖަސްޓް ގޯ! ތި ކުރާ ކަމެއް ކުރަން ދޭބަލަ!” ކުއްލިއަކަށް ބޮލުގައި ދެ އަތުން ހިފާލަމުން މައިރާ ބުނެލިއެވެ.
“ކިހިނެއް ވެގެންތަ ތި އުޅެނީ؟” އެއްވެސް ސަބަބެއް ނެތި މައިރާ ޒިއާމްއާ ދިމާއަށް ބުނަމުން ދިޔަ ބަސްތަކާ ހެދި ހިތްހަމަނުޖެހިފައި ހުރި ޒިއާމް އަހާލިއެވެ.
“ކަމެއް ނުވޭ!” މައިރާ ދުރަށް ހިނގައިގަތެވެ.
ޒިއާމް ކުއްލިއަކަށް މައިރާގެ އަތުގައި ހިފާ ހުއްޓުވިއެވެ.
“ކަމެއް ވެއްޖެ. އެހެން ނޫނިއްޔާ ކީކޭ މައިރާ ތި ކިޔަނީ؟” މައިރާ ދެކެ ޒިއާމްއަށްވެސް ރުޅި އާދެވުނެވެ.
“ދޫކުރޭ!” އެނބުރިފައި މައިރާ ބުންޏެވެ.
“ދޮން… ޒިއާމްބޭ…” މައިރާއާ ޒިއާމްގެ މެދުގައި ވީ ގޮތެއް ނުވިސްނިފައި މިޝްޔާ ގޮވާލިއެވެ.
“އަހަރެން ވަރަށް ވަރުބަލި ވެއްޖެ. ގެއަށް ދާން ބޭނުމީ” މައިރާ މަޑުމަޑުން ބުނެލިއެވެ.
“އަހަރެން ދެކެ ކުއްލިއަކަށް ރުޅި އައި ސަބަބެއް ބުނެފަ ދެވޭނީ” ޒިއާމް ބުންޏެވެ.
ޒިއާމްގެ މޫނަށް ބަލާލާފައި މައިރާ ޖަވާބެއް ނުދީ އަނެއްކާވެސް ދާން އެނބުރުނެވެ.
“އާ ޔޫ ޖެލަސް؟” ޒިއާމް އަހާލިއެވެ.
މައިރާ ހުއްޓިފައި އެނބުރި ބަލާލިއެވެ.
ފާޑަކަށް ހިނި އައިސްފައި މައިރާއާ ދިމާއަށް ބަލަން ހުރި ޒިއާމް ފެނި މައިރާގެ ރުޅިގަނޑު ކެކިގަތް ކަހަލައެވެ.
“ހިތުގަ އޮތް އެއްޗެއް ބުނަން ނުކެރިގެން އުޅޭ މީހަކު ކުރާ ކަމަކުން އަހަރެން ޖެލަސް ވާނެ ކަމަށްތަ ހީކުރީ؟ ޒިއާމް ކޮންމެ ކަމެއް ކުރިޔަސް އަހަރެން ޖެލަސް ވާން ވީ ކީއްވެ؟” ހަޅޭލަވައިގަންނަން ބޭނުން ވެފައި ހުރެވެސް މައިރާ އަހާލީ މަޑުންނެވެ. ޒިއާމްއަށް ޖެއްސުން ކޮށްލުމަށް އެހެން ބުނެފައި ހީލަމުން މައިރާ އަނެއްކާވެސް އެނބުރުނެވެ.
މިޝްޔާ ހައިރާވެފައި އެއްފަހަރު ޒިއާމްއަށް، އަނެއް ފަހަރު މައިރާއަށް ބަލާލިއެވެ. ޒައިނާއާ އާރާ އާ އައިމަލް އެކަކު އަނެކަކަށް ބަލާލި އިރު އެ މޫނުތަކުގައި ވީ ކާމިޔާބުގެ ހިނިތުންވުމެވެ. ހޭން، ނުހޭން ހުރި ފަދަ ގޮތަކަށް ހުރި އަޒްމަންއަށް ޖަހާލެވުނީ ކައިރީގައި ހުރި އިޔާދުގެ ކޮނޑުގައެވެ.
“އައި ޓްރައިޑް…” ޒިއާމް ބުނެލިއެވެ.
“ނުކުރޭ!” މައިރާ އެނބުރުނެވެ.
“މައިރާ ބޭނުން ނުވީ” ޒިއާމް ބުންޏެވެ.
“އެއަށް ތި ބުނީ ޓްރައި ކުރުމޭ؟ އެހެންވެ މި ބުނަނީ ޒިއާމްއަކަށް ނުކެރޭނެއޭ. ނުކެރޭތީ ފިލައިގެން އުޅެނީ” މައިރާ ހީވީ ޒިއާމްއާ ޒުވާބު ކުރަން ބޭނުންވެފައި ހުރި ހެންނެވެ. އެތައް ދުވަހެއް ވަންދެން ހިތުގައި ޖަމާވަމުން ދިޔަ ޚިޔާލުތައް ރުޅީގެ ސިފައިގައި ބޭރު ކޮށްލަން ބޭނުން ވެފައި ހުރި ހެންނެވެ.
“މައިރާ!” އިންޒާރެއް ފަދައިން ޒިއާމް މައިރާގެ ނަން ކިޔާލިއެވެ.
“ނުކެރޭނެ ޒިއާމްއަކަށް. ޒިއާމްއަށް ކުރަން ކެރޭ ކަންތައް އަހަންނަށް އެނގޭ. ހިތުގަ އޮތް އެއްޗެއް ނުބުނެވޭނެ ޒިއާމްއަކަށް” ޒިއާމްއާ ދުރަށް އެނބުރެމުން މައިރާ ބުނެލިއެވެ. އައިސްފައި ހުރި ރުޅިއާއެކު ލޮލުން ކަރުނަ އައީ މައިރާ އެހާ ވަރަށް ބުނުމުންވެސް ޒިއާމް ހިތުގައި އޮތް އެއްޗެއް ހާމަ ނުކުރީތީއެވެ.
ނުނިމޭ