Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މި ހިތުން މަޤާމޭ މި ދެނީ 12

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
December 3, 2020 8 Mins Read
2 Comments

“ޒިއާމްއާ ޒިއާމްގެ ލޯތްބާ ދެމެދު ހުރަހަކަށް ވެގެން ހުންނާކަށް އަހަރެން ބޭނުމެއް ނޫން. ޒިއާމްއާ ދޭތެރޭ އަހަރެންގެ ހިތުގަ އެއްވެސް ބުރަ ކަމެއް ނެތް. އަހަންނަށް އެނގޭ ޒިއާމްއަށް އަހަރެން ދެކެ ލޯބި ނުވެވޭނެ ކަން. އެއަށް ވުރެ މާ ބޮޑަށް ޒިއާމް އޭނަ ދެކެ ލޯބި ވަނީ. އަހަރެން ޒިއާމް ހިފަހައްޓާކަށް ބޭނުމެއް ނޫން. އައި ވޯންޓް ޔޫ ޓު ބީ ހެޕީ. ޒިއާމް އޭނަ ދެކެ ލޯބި ވަންޏާ މަސައްކަތް ކުރޭ އޭނަގެ ހިތް ހޯދަން” ހިނިތުން ވެލަމުން ޔަލްދާ ޒިއާމްގެ އަތުގައި ހިފާލިއެވެ.

“ޔަލް…” ދެ ފަރާތަށް ބޯ ހަލުވާލަމުން ޒިއާމް އުޅުނީ ޔަލްދާގެ ނިންމުމާ ދެކޮޅަށް ވާހަކަ ދައްކާށެވެ. ޔަލްދާ އެ ބުނާ އެއްޗެއް ވިސްނުމުންނެވެ.

“ނޫން ޒިއާމް. ދެކޮޅު ނުހަދާ. މީ އެންމެ ރަނގަޅު ގޮތް ކަން ޔަގީން ވާތީ އަހަރެން ޒިއާމް މި ދޫކޮށްލަނީ. އެކަމަކު ޝަރުތެއްގެ މަތިން. ޒިއާމް ވާނެ ޒިއާމްގެ ލޯބި ކާމިޔާބު ކުރަން” ޔަލްދާ ބުންޏެވެ.

ޒިއާމް ޔަލްދާގެ މޫނަށް ބަލާލިއެވެ. ޔަލްދާ އެ ނިންމުން ނިންމީ ކޮން އިރަކު ބާއޭ ހިތަށް އެރި ނަމަވެސް ޒިއާމް އެ ސުވާލެއް ނުކުރެއެވެ. ޔަލްދާގެ އެ ނިންމުން ބަދަލު ކުރުމަކީ ބޭކާރު ކަމެއް ކަން ޒިއާމްއަށް ވިސްނުނެވެ. ކޮންމެ މީހަކަށްވެސް ލޯބި ބޭނުން ވެއެވެ. ޔަލްދާވެސް އެ ލޯތްބަށް އެދޭނެއެވެ. ޔަލްދާ ދެކެ ލޯބި ނުވާއިރު ޔަލްދާ އެ ނިންމި ނިންމުން ބަދަލު ކުރުމަށް މަސައްކަތް ކުރުމަކީ އެ އަންހެން ކުއްޖާއަށް ދެވޭ ދެރައެކެވެ.

“އެހާ ފަސޭހައެއް ނޫން. ޔަލްއަކަށް ނޭނގޭނެ” އިސް ޖަހާލަމުން ޒިއާމް ބުނެލިއެވެ.

“ޒިއާމް ތި ހީކުރާހާ އުނދަގުލެއްވެސް ނުވާނެ. މަސައްކަތަކާ ނުލާ ކާމިޔާބެއް ނުވާނެ. ލޯބި ވަންޏާ މަސައްކަތް ކުރަންވީ” ޔަލްދާ އެ ވާހަކަ އެ ދައްކަނީ ޒިއާމްގެ ހިތް އެނގިގެން ކަމެއް ޒިއާމްއަކަށް ނޭނގެއެވެ.

“ޔަލް… އައި ކާންޓް… ޔަލްއަށް އެނގޭ ނަމަ…” ޒިއާމް ދެފަރާތަށް ބޯ ހަލުވާލިއެވެ.

“އަހަންނަށް އެނގޭ. އެނގޭތީ މި ބުނަނީ” ޔަލްދާ ބުންޏެވެ.

ޒިއާމް ބަލާލީ ޔަލްދާ އެ ބުނި އެއްޗެއް ގަބޫލު ނުކުރެވިގެންނެވެ.

ޔަލްދާ ޒިއާމްގެ އަތުގައި ހިފާލިއެވެ.

“އަހަންނަށް އެނގޭ ޒިއާމް ލޯބިވަނީ މައިރާ ދެކެ ކަން” ޔަލްދާ ބުނެލިއެވެ.

ޔަލްދާގެ އަތުތެރެއިން އަތް ދަމައިގަންނަމުން ޒިއާމް ތެދުވިއެވެ. އެ މޫނުން ހާސްކަން ފާޅުވެގެން ދިޔައެވެ.

“ކީއްވެ ޔަލް ތިހެން ހިތަށް އެރީ؟” ޒިއާމް އަހާލިއެވެ.

“މިވީ ދުވަސްތައް އަހަރެން ހޭދަ ކުރީ ޒިއާމްއާ މައިރާއާ އެކީގަ. އަހަންނަށް ކުރިންވެސް އެހެން ހީވާތީ އަހަންނަށް ޒިއާމްގެ ކަންތައްތައް ފާހަގަ ކުރެވުނީ.  ތި ހިތުގަ ވަނީ މައިރާ ކަން އަހަންނަށް އެނގޭ” ޔަލްދާ ބުނެލީ ޔަގީންކަމާ އެކުއެވެ.

ޒިއާމް ދެކޮޅެއް ނުހެދިއެވެ.

“ޒިއާމް…” ޒިއާމް އެއްޗެއް ނުބުނެ ހުރުމުން ޔަލްދާ އައިސް ޒިއާމްގެ އަތުގައި ހިފާލިއެވެ.

“ނޫން ޔަލް… އަހަންނަކަށް އެއްވެސް ކަމެއް ނުކުރެވޭނެ…” ޒިއާމް ބުނެލިއެވެ.

“އަބަދުވެސް ޒިއާމްގެ އުފަލަށް އަހަރެން އެދޭނަން” ޒިއާމްގެ ނިންމުން ބަލައިގަންނަމުން ޔަލްދާ ހިނިތުންވެލާފައި ޒިއާމްގެ އަތުން ދޫކޮށްލިއެވެ. ހީވީ ވަކިވުމުގެ ކުރިން ސަލާން ކޮށްލިހެންނެވެ.

“ޔަލްއަށް ދެރައެއް ދޭކަށް ނޫން އެއްވެސް ކަމެއް ކުރީކީ… އައި އެމް ސޮރީ… ބީ ހެޕީ އިނގޭ” ޔަލްދާގެ މޫނުގައި އެއް އަތުން ފިރުމާލަމުން ޒިއާމް ބުނެލީ ހިތުގެ އަޑިންނެވެ.

ޔަލްދާ ބޯ ޖަހާލިއެވެ.

“ތެންކްޔޫ!” ޔަލްދާއާ އެކު އެގޭ ދޮރާ ހަމައަށް އައިސްފައި ޒިއާމް ޝުކުރު އަދާކުރީ، ދެ މީހުން ކުރެ އެކަކަށްވެސް ހަގީގީ އުފެލެއް ލިބެން ނެތް ގުޅުމަކުން ޒިއާމް މިނިވަން ކޮށްދިނީތީއެވެ.

“އަހަރެން މެރީ ކުރާ ދުވަހަކުން ޒިއާމްއަށް އިންވައިޓް ކުރިއްޔާ އަންނާނަންތަ؟” ޔަލްދާ އަހާލިއެވެ.

“އެ އިންވިޓޭޝަންއަށް ވެއިޓް ކުރާނަން” ޒިއާމް ބޯ ޖަހާލަމުން ބުންޏެވެ.

“ބާއި!” ޒިއާމް ސައިކަލަށް އެރުމުން އަތުން ހަނާ އަޅާލާފައި ޔަލްދާ އެތެރެއަށް ވަނެވެ.

ގެއަށް ދިޔުމުގެ ބަދަލުގައި ޒިއާމް އެ ވަގުތު ހުޅުމާލޭގެ ބީޗްގައި މީހުން ނެތް ހިސާބެއްގައި މަޑުކޮށްލީ އެކަނިވެލަން ބޭނުން ވެފައި ހުރުމުންނެވެ. ސައިކަލު ބަހައްޓާފައި ހިނގާލާފައި އައިސް ދޮންވެލިގަނޑު މަތީ ޒިއާމް އިށީނެވެ.

ޔަލްދާ ބުންޏަސް އެއީ ވާނޭ ކަމެއް ނޫނެވެ. މައިރާއަކީ އައިދަންގެ އަމާނާތެކެވެ. މައިރާ ދެކެ ޒިއާމް ކިތަންމެ ލޯބި ވިޔަސް އެ ނޫން ގޮތަކަށް ޒިއާމްއަކަށް ގަބޫލެއް ނުކުރެވެއެވެ. އައިދަން މިއަދު އެ މީހުންނާ ވަކިވެގެން ގޮސްފައި ވީ ނަމަވެސް މައިރާއަކީ އައިދަންގެ ލޯތްބެވެ. އެކަން ދުވަހަކުވެސް ބަދަލެއް ނުވާނެއެވެ. ވީ އިރު އައިދަންގެ ލޯތްބަށް ޒިއާމް އަތްގަދަ ކުރާނީ ކިހިނެއް ހެއްޔެވެ؟ އެއީ ޒިއާމްއަށް ކުރެވޭނެ ކަމެއް ނޫނެވެ. އެހެން ނޫނަސް މައިރާ ލޯބިވަނީ އައިދަން ދެކެއެވެ. އައިދަންއާ ދިމާ ވުމުގެ ހަ އަހަރު ކުރިން މައިރާއާ ޒިއާމްއަކީ ރައްޓެހިންނެވެ. އެ ދުވަސްތަކުގައި މައިރާއަށް ޒިއާމްއާ މެދު ނުދެކެވުނު ގޮތަކަށް ދެންވެސް ނުދެކެވޭނެއެވެ. މައިރާ ދެކެ ޒިއާމް ލޯބިވީ މައިރާގެ ފަރާތުން އެފަދަ އެއްވެސް އިޝާރާތެއް ވެގެންނެއް ނޫނެވެ. ދުވަހަކުވެސް މައިރާ އެ ފަދަ ގޮތަކަށް ޒިއާމްއާ މެދު ދެކެފައި ނުވާކަން ޒިއާމްއަށް އެނގެއެވެ. ވީ އިރު ދެންވެސް ވާނީ އެހެންނެވެ.

ވިސްނި ވަރަކަށް ޒިއާމްގެ ބޮލުގައި ރިހުމެއް އުފެދި ގަދަވަމުން ދިޔައެވެ. އެހެން ނަމަވެސް ގެއަށް ދާކަށް ޒިއާމް ބޭނުމެއް ނުވިއެވެ. ޔަލްދާއާ ވަކިވި ކަން އެނގުމުން ރަޒާނާ ދެރަވާނެކަން އެނގޭތީ އެކަމާވެސް ޒިއާމްއަށް ވިސްނެނީއެވެ. އަދި ޔަލްދާ ދެއްކި ވާހަކައަށް ފަހު މައިރާއާ ކުރިމަތިލާން އުނދަގޫ ވަނީއެވެ.

ޚިޔާލުތަކަށް ގެއްލިފައި އިންދާ ފޯން ރިންގް ވާން ފެށުމުން އެ ވަގުތު ފޯން ނަގާ ހިތެއް ޒިއާމް ނުވިއެވެ. އެއް ފަހަރު ރިންގްވެ ކެނޑިފައި ދެ ވަނަ ފަހަރަށްވެސް ރިންގް ވާން ފެށުމުން ޒިއާމް ފޯން ނަގާ ސްކްރީނަށް ބަލާލިއެވެ. މަންމަގެ ނަން އަރާފައި އިނުމުން ޒިއާމް އަވަހަށް ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ.

“ޒިއާމް، އަވަހަށް ގެއަށް އާދެބަލަ… މައިރާ—” ރަޒާނާގެ އަޑުގައިވި ކަންބޮޑުވުމާއެކު ޒިއާމްގެ ހިތް ބާރަށް ތެޅިގަތީ މައިރާގެ ނަން ބުނުމުންނެވެ.

“މައިރާއަށް ކިހިނެއް ވީ؟” ޒިއާމްއަށް އަހާލެވުނެވެ.

“އާދެބަލަ އަވަހަށް” ވީ ގޮތެއް ނުބުނެ ރަޒާނާ އެދުނެވެ. މި ދަނީއޭ ބުނެފައި ޒިއާމް ފޯން ކަނޑާލާފައި ތެދުވިއެވެ.

ދެ ދުވަސް ކުރިން މައިރާ ޑޮކްޓަރަށް ދައްކަން ދިޔައީ ބޯ އަނބުރާތީއެވެ. ބޭސް ކެއުމުންވެސް ބޯ އެނބުރުން މުޅިން ރަނގަޅެއް ނުވެއެވެ. އެރޭ ކައިގެން މޭޒުދޮށުން ތެދުވި އިރު މޫނުމައްޗަށް އަނދިރި ވުމުން މައިރާ ކޮޓަރިއަށް ދިޔައީ ރަޒާނާގެ އެހީގައެވެ. ނިދަން ތައްޔާރު ވެ މައިރާ އެނދުގައި އޮށޯންނަން ދެން މައިރާއށް އެހީ ވުމަށް ރަޒާނާ ހުއްޓެވެ.

އެގާރަ ޖަހަން އުޅެނިކޮށް މައިރާ ތެދުވީ ފާހާނާއަށް ދާށެވެ. ފާހާނާއިން ނިކުމެ އެނދާ ހަމައަށް ނުދެވެނީސް މޫނުމައްޗަށް އަނދިރިވެގެން މައިރާ ވެއްޓުނީ މީހަކަށް ގޮވާވެސް ނުލެވެނީހެވެ. އަރިއަކަށް ވެއްޓުނު މައިރާއަށް ވީ ތަދާއެކު މަންމާއޭ ކިޔާ ގޮވާލެވުނީ ބަނޑަށް ވީ ތަދުންނެވެ. ދެން ވީ ގޮތެއް މައިރާއަކަށް ނޭނގުނެވެ.

މައިރާ ގޮވާލި އަޑު އިވުނީ ޒިއާމް ގެއަށް ނާންނާތީ ސިޓިންގްރޫމްގައި އިން ރަޒާނާއަށެވެ. ބާރަށް ގޮސް މައިރާގެ ކޮޓަރިއަށް ވަން އިރު ފާހާނާ ކައިރިއަށް ވެއްޓިފައި އޮތް މައިރާ ފެނި ރަޒާނާއަށްވެސް ހަޅޭލަވައިގަނެވުނެވެ.

ރަޒާނާގެ އަޑަށް ރައިހާނާ ދުވަމުން އައެވެ. މައިރާ ފެނުމުން ރައިހާނާ ކަންބޮޑުވެގެން ހާފިޒްއަށް ގޮވިއެވެ. ރަޒާނާ މައިރާގެ މޫނުގައި ފެންފޮދެއް ހާކާލުމުން މައިރާ ލޯ ހުޅުވާލުމާއެކު ތަދުވެގެން އަޑެއް ލައްވާލިއެވެ.

“މަންމާ… އާހ… ތަދުވަނީ…” މައިރާ ރުއިމުގެ ތެރެއިން ބުންޏެވެ.

“ދޮންތާ، މައިރާ ގޮވައިގެން ހޮސްޕިޓަލަށް ދާން ވީ ހެން ހީވަނީ. ބޭބެ ކޮބާ؟ ޒިއާމްވެސް މިރޭ އަދިވެސް ގެއަކަށް ނާދޭ” ކަންބޮޑުވެ ހާސްވެފައި ހުރި ރަޒާނާއަށް ބުނެވުނެވެ.

“މަންމާ… މަންމާ…” ކުރެވުނު އިހުސާސާއެކު ބަނޑަށް އެރި ތަދުން މައިރާއަށް ގޮވާލެވުނެވެ. ރިހުން ލުއި ވުމުން ހެދުމުގެ ދަށަށް އަތް ލާފައި ނަގާ ބަލާލި މައިރާއަށް ބާރަށް ރޮއެގަނެވުނެވެ. އެ އަޑަށް ރައިހާނާއާ ރަޒާނާ މައިރާ ކައިރީ އިށީނެވެ.

“ހޮސްޕިޓަލަށް ދާންވީ ދަރިފުޅާ” ރައިހާނާ މައިރާގެ ގައިގައި ފިރުމާލަމުން ބުންޏެވެ. އެ ވަގުތު މައިރާ ރައިހާނާއަށް އަތުގައި ހުރި ލޭ ދައްކާލިއެވެ.

“ރަޒާނާ…!” މައިރާގެ އަތުގައި ހުރި ލޭ ފެނުމުން މައިރާ އޮތް ތަނަށް ބަލާލާފައި ރައިހާނާއަށް ބާރަށް ގޮވާލެވުނެވެ.

ރަޒާނާ ކައިރިއަށް އައުމުން ވީ ގޮތް ރަޒާނާއަށް ރައިހާނާ ބުނެދިނެވެ.

“ކޮބާތަ ހާފިޒް؟ ޒިއާމްއަށް ގުޅިއްޖެތަ؟” ރައިހާނާއަށް އަހާލެވުނެވެ.

“ނުނަގައޭ ފޯނެއް” ފުރަތަމަ ފަހަރުން ޒިއާމް ފޯން ނުނެގުމުން ރަޒާނާ ދެވަނަ ފަހަރަށް ގުޅިއެވެ. އެ ފަހަރު ޒިއާމް ފޯނަށް ޖަވާބުދިނެވެ.

“ކިހިނެއް ވީ؟ މައިރާ ވެއްޓުނީތަ؟” އެ ވަގުތު އެ ކޮޓަރީގެ ދޮރުމައްޗަށް އެރި ހާފިޒް އަހާލީ މައިރާ ފެނުމުންނެވެ.

“މައިރާ ހޮސްޕިޓަލަށް ގެންދަން ވީ. އަވަސް ކުރޭ ހާފިޒް. އަވަސް ކުރޭ” ރައިހާނާ ބުންޏެވެ.

ޒިއާމް އައިސް ގޭ ދޮރުމައްޗަށް މަޑުކޮށްލި އިރު އެމްބިއުލާންސްގެ އަޑު އިވެއެވެ. މަޑު ނުކޮށް ޒިއާމް ގެއަށް ވަނެވެ.

“ކޮބާ؟” މައިރާގެ ކޮޓަރި ދޮރުމައްޗަށް އަރާފައި ޒިއާމް އަހާލިއެވެ.

ރައިހާނާއާ ރަޒާނާ ދުރަށް ޖެހިލި ވަގުތު ޒިއާމްއަށް މައިރާ ފެނުނެވެ. އެއާއެކު ޒިއާމްގެ ނޭވާ ހުއްޓުނު ކަހަލައެވެ. މުށިތައްމަތީ އޮތް މައިރާ ލައިގެން އޮތް ހެދުމުގެ އެއްބައި އޮތީ ލެއިން ފޯ ވެފައެވެ. ޒިއާމް ބަލަން ހުއްޓާ އެރި ރިހުމާއެކު މައިރާއަށް ވީ ގޮތުން ޒިއާމްއަށް ދުރަކު ނުހުރެވުނެވެ. ާމްއަށް އެތެރެަކައިރިއަށް ދެވުނީުންޏެވެ. ާގެ ފަރާތުންވެސްެއްސެއްގެ ގޮތުގައި ވިޔަސް ޒިއާމްގެ ޙަޔާތުގައި މައި

“އާހްހްހް… މަންމާ… ” ކައިރީގައި މައިރާގެ އަތުގައި ހިފަހައްޓައިގެން އިން ރަޒާނާގެ އަތަށް ފިއްތާލަމުން މައިރާ ގޮވާލިއެވެ.

ޒިއާމް ބާރަށް ގޮސް މައިރާ ކައިރިއަށް ތިރިވެ ދެ އަތްމައްޗަށް މައިރާ ނަގައިގެން ކޮޓަރިން ނިކުތެވެ. ޒިއާމްގެ ފަހަތުން ރައިހާނާއާ ރަޒާނާއާ ހާފިޒް ނިކުމެ ލިފްޓަށް އެރިއެވެ.

މައިރާއާ އެކު އެމްބިއުލާންސްގައި ރަޒާނާއާ ރައިހާނާ ދިޔުމުން ޒިއާމް އާލިޔާއަށް ގުޅާފައި ވީ ގޮތް ބުނެދިނެވެ. ޒިއާމްއާ ހާފިޒް ހޮސްޕިޓަލަށް ދިޔައީ ސައިކަލުގައެވެ.

އެރޭގެ އެއްގަޑި ހަ މިނަޓް ގައި މައިރާއާ އައިދަންގެ ދަރިފުޅު އުފަން ވީ އިރު އެ ތުއްތު ފުރާނަ ވަނީ މި ދުނިޔެއާ ވަކިވެފައެވެ. އެ ޚަބަރު އިވުމާ އެކު މައިރާގެ ރުއިމެއް ނުހުއްޓުނެވެ. ދެ ގަޑި އިރު ފަހުން ޕްރައިވެޓް ރޫމްއަކަށް މައިރާ ބަދަލު ކުރެވުނު އިރު އޮތީ އިންޖެކްޝަންއެއްގެ އެހީގައި މައިރާ ނިންދަވާފައެވެ. މައިރާއަށް ހޭލެވުނީ ފަތިހުއެވެ. އެރު މައިރާ ކައިރީގައި ރަޒާނާއާ ރައިހާނާއާ މުނާ ތިއްބެވެ. އެ މީހުން ފެނުމާއެކީ މައިރާ އަނެއްކާވެސް ރޯން ފެށިއެވެ.

“ދަރިފުޅާ، ދެން ނުރޮއެބަލަ…” ރޮވިފައި އިން ރައިހާނާ މައިރާ ގައިގައި ފިރުމަމުން ބުންޏެވެ.

“މަންމާ… އަހަރެން ބޭނުމެއް ނޫން މިތާ ހުންނާކަށް… އަހަރެން ބޭނުމީ މަރުވާން… އައިދަންވެސް އަހަރެން ދޫކޮށްފަ އެ ދިޔައީ… އަހަރެންގެ ދަރިފުޅުވެސް އެ ދިޔައީ… އަހަރެންވެސް ބޭނުމީ ދާން…” މައިރާ ރޮމުން ބުނަމުން ދިޔައެވެ.

ރައިހާނާއަށް އިތުރަށް އެއްޗެއް ނުބުނެވުނެވެ. ކަންތައް ދިމާވި ގޮތުންނާ އެކު މައިރާގެ ޙާލު ފެނިފައި ރޮވުނީއެވެ.

“ދޮންތާ…” ރަޒާނާ އައިސް ރައިހާނާ ގޮވައިގެން އެ ކޮޓަރިން ނިކުމެ ބޭރުގައި އިން ހާފިޒް ކައިރީ ބޭންދިއެވެ.

“ބޭބެ ދާންވީނު ދޮންތަ ގޮވައިގެން ގެއަށް؟ މުނާއާ ޝަފީއު މިތިބީ މިތާ. އަހަންނާ ޒިއާމްވެސް މި ތިބީ. ދޮންތަ ހަމައަކަށް އެޅުނީމަ އާދޭ. މިތާ އިނދެގެން ދޮންތައަކަށް ރަނގަޅެއް ނުވާނެ” މައިރާއާ މެދު ހާސްވެފައި ހުރި ރަޒާނާ އިތުރަށް ބިރުގަތީ ރައިހާނާއަށް ކަމެއް ވެދާނެތީއެވެ.

“ތެދެއް ހާފިޒް. މި ވަގުތު ރައިހާނާ ގޮވައިގެން ގެއަށް ގޮސް އަރާމު ކޮށްލާ. ކަމެއް ވަންޏާ ގުޅާނަން” ހާފިޒްގެ ކޮނޑުގައި ހިފާލަމުން ޝަފީއު ބުންޏެވެ.

ބޯ ޖަހާލާފައި ހާފިޒް ތެދުވެ ރައިހާނާ ގޮވައިގެން ނިކުންނަން ދިޔައެވެ.

އަނެއްކާވެސް ޖެހުނީ މައިރާ ނިންދަވާށެވެ. ދެން މައިރާއަށް ހޭލެވުނީ މެންދުރު ވާން އުޅެނިކޮށެވެ. އޭރު މައިރާ ކައިރީ އިނީ ޒިއާމް އެކަންޏެވެ. ލޯ ހުޅުވާލާފައި އެނދު ކައިރީ އިން ޒިއާމްއަށް ބަލާލާފައި މައިރާ އަނެއްކާވެސް ލޯމަރާލިއެވެ. އެހެން ނަމަވެސް އެ ލޮލުން އައި ކަރުނަ ލޮލުގެ އަރިމަތިން ފޭބިތަން ޒިއާމްއަށް ފެނުނެވެ.

ޒިއާމް ތެދުވެ ތައްޓަކަށް ފެން އަޅައިގެން އައިސް މައިރާ ކައިރީ ހުއްޓުނެވެ.

“މައި، ހިނގާ ފެންފޮދެއް ބޯލަން” ޒިއާމް ބުންޏެވެ.

އޮތްގޮތަށް އޮވެ މައިރާ ދެފަރާތަށް ބޯ ހަލުވާލިއެވެ.

“ތެދުވޭ” މައިރާ ދިން ޖަވާބަށް ބެލުމެއް ނެތި ޒިއާމް މައިރާގެ ބޯދަށަށް އަތް ލައްވާލަމުން ކުޑަކޮށް މައިރާ ހިއްލާލާފައި ފެންތަށި މައިރާގެ ތުންފަތުގައި ޖެއްސިއެވެ. ޒިއާމްއަށް ބަލާލާފައި މައިރާ ފެންތަށި ބޯލިއެވެ.

މައިރާއަށް ފަސޭހަ ވާނެހެން ބާއްވާފައި ޒިއާމް އަނެއްކާވެސް ގޮނޑީގައި އިށިނެވެ.

“ކޮބާ؟” މައިރާ އަހާލިއެވެ. އެ ދަރިފުޅުގެ މޫނު ދެއްކުމަށް މައިރާ ކައިރިއަށް އެ ކުއްޖާ ގެނައުމުން އަނެއްކާވެސް މައިރާއަށް ރޮވުނީއެވެ. އެހެން ނަމަވެސް އެ ފަހަރު މައިރާ ބާރަކަށް ނުރޮއެވެ. ދެ އަތުގެ ތެރޭ އޮތް ތުއްތު ދަރިފުޅު މޭގައި ޖައްސާލައިގެން އިނދެ ހިމޭން ކަމާއެކު މައިރާ ރޮމުން ދިޔަ މަންޒަރު ފެނުމުން ރައިހާނާއާ މުނާއާ ރަޒާނާ އަދި އާލިޔާއާ އަޒްހާގެ އިތުރުން ހާފިޒްއާ ޝަފީއުއާ ޒިއާމްއަށްވެސް ރޮވުނެވެ.

“އައިދަންއަށް މި ދަރިފުޅުގެ މޫނުވެސް ނުފެނުނު…” ޝަފީއު އަތަށް ދަރިފުޅު ދެމުން މައިރާ ބުނެލީ ގިސްލަމުންނެވެ.

“އިސްމާޢީލް ޔޫން އައިދަން” ގެ ނަމުން ނަން ކިޔުނު ދަރިފުޅު ވަޅުލެވުނީ މެންދުރު ނަމާދުގެ ފަހުންނެވެ.

މައިރާއަށް ގެއަށް ދެވުނީ ތިން ދުވަސް ފަހުންނެވެ. މުނާ ބޭނުން ވީ މައިރާ އެ މީހުންނާއެކު ގެންދާށެވެ. އެހެން ނަމަވެސް މައިރާ އެދުނީ ރައިހާނާމެން ގެއަށް ދާށެވެ.

 

“މަންމާ… އަހަރެން ބޭނުމީ އައިދަންމެން ގެއަށް ދާން. މަންމައަށް އެ ގޮތް އެންމެ ރަނގަޅިއްޔާ” މުނާއަށް ޖަވާބު ދެމުން މައިރާ ހުއްދައަށް އެދި ރައިހާނާއަށް ބަލާލިއެވެ.

“އައިދަން ނެތަސް މައިރާ ތީ މަންމަމެންގެ ކުއްޖެއް. މައިރާއަށް އަބަދުވެސް އެ ގޭގައި ހުރެވޭނެ” ރައިހާނާ މައިރާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.

ގެއަށް ގޮސް މައިރާ ހަމަޖެހިލުމުން ޒިއާމް ކޮޓަރިއަށް ވަދެ އެނދުގައި އިށީނދެ ދެ އަތުން މޫނު ފޮރުވާލިއެވެ. އެ ހަތަރު ދުވަސް ޒިއާމް ހޭދަ ކުރީ ހޮސްޕިޓަލުގައެވެ. މައިރާ އޮތް ޕްރައިވެޓް ކޮޓަރިއަށް ނުވަދެ ޒިއާމް އިންނަނީ ބޭރުގައި ހުރި ގޮނޑިބަރީގައެވެ. ކޮންމެ ދުވަހަކުވެސް އެ ކޮޓަރިއަށް ޒިއާމް ވަދެލަނީ ދެ ތިން ފަހަރުއެވެ. އެވެސް ކުޑަ ވަގުތުކޮޅަކަށެވެ. އެ ޙާލުގައި މައިރާ އޮތް މަންޒަރު ދުށުން އެއީ ޒިއާމް ހިތަށްވެސް ނުގެނެވޭހާ އުނދަގޫ ކަމަކަށް ވިއެވެ. މައިރާ ރޯ އަޑު އިވޭ ކޮންމެ ފަހަރަކު އަމިއްލަ ނަފްސު ކުށްވެރި ކުރެވެނީ މައިރާއަށްޓަކާ ޒިއާމްއަށް ކޮށްދެވުނު ކަމެއް ނެތީތީއެވެ. އެ ލޮލުން އަންނަ ކަރުނަ ފޮހެނުދެވޭތީއެވެ. އެ އަތުގެ ހިމާޔަތަށް މައިރާ ނުގެނެވޭތީއެވެ.

އައިދަންއާ މައިރާގެ ތުއްތު ދަރިފުޅު އުރާލި ވަގުތު ޒިއާމްއަށް ކުރެވުނު އިހުސާސަކީ އޭގެ ކުރިން ދުވަހަކުވެސް ކުރެވިފައި ނުވާ އިހުސާސެކެވެ. ދިރުމެއް ނެތް އެ ތުއްތު މޫނަށް ބަލަހައްޓައިގެން ހުރެވުނީ އެ މޫނުގެ ކޮންމެ ތަންކޮޅެއް ވަކިވަކިން ހިތުގައި ކުރަހާލުމަށް ބޭނުންވެފައި ހުރިހެންނެވެ. އެ ސޫރަ ދުވަހަކުވެސް ޒިއާމްގެ ހިތުން ނުފިލާނެކަން ޔަގީނެވެ.

އެ ދުވަސްތަކަކީ ޒިއާމްގެ ޙަޔާތުގައިވެސް އައި އެންމެ ހިތްދަތި ދުވަސްތަކެވެ. މައިރާ ލޯބި ވަނީ އައިދަން ދެކެ ކަން އެނގުނު ދުވަހުވެސް ޒިއާމްގެ ހިތަށް އެ ވަރަށް ތަދު ނުވެއެވެ. ޒިއާމްގެ ބައްޕަ ނިޔާވި ދުވަހާ، އައިދަން ވަކިވި ދުވަސް ފިޔަވާ ޒިއާމްގެ ހިތަށް ކެތްނުވެގެން ރޮވުނު ދުވަހަކީ އެއެވެ.

ހޮސްޕިޓަލުން މައިރާ ދޫކޮށްލަން ދެން ޔަލްދާ ކޮންމެ ދުވަހަކުވެސް ހޮސްޕިޓަލަށް ދެއެވެ. ޒިއާމް ޔަލްދާއަށް ގުޅީ މައިރާގެ ދަރިފުޅު ނިޔާވި ކަން އެނގުމުންނެވެ. އެ ޚަބަރު އަޑު އިވުމުން ޔަލްދާއަށްވެސް ރޮވުނެވެ. އަނެއް ދުވަހު ވީ އެންމެ އަވަހަކަށް ޔަލްދާ ހޮސްޕިޓަލަށް ދިޔައެވެ. ވެވުނު ވަރަކުން ޒިއާމްއަށާ އެ އާއިލާއަށް އެހީވެދިނެވެ. އެ ހަތަރު ދުވަހު އާއިލާގެ އެންމެން ކަންބޮޑުވެފައި ތިބި އިރު ޒިއާމްއަށް ވަގުތު ހުސްކޮށްގެން ހުރީ ޔަލްދާއެވެ. މައިރާ ދޫކޮށްލުމުން ގެއަށް ދާން ތައްޔާރުވި އިރު ކައިރީގައި ޔަލްދާ ހުއްޓެވެ. ކާރަށް އެރުމުގެ ކުރިން މައިރާ ގައިގައި ޔަލްދާ ބައްދާލީ ފަހު ސަލާމެއްގެ ގޮތުންނެވެ. ސައިކަލަށް އަރަމުން ޔަލްދާއަށް ބަލާލާފައި “ޝުކުރިއްޔާ” އޭ ބުނުން ފިޔަވާ އިތުރު އެއްޗެއް ޒިއާމް ނުބުނެއެވެ. ޔަލްދާގެ ފަރާތުން ލިބުނު އެހީއަށް ޝުކުރު އަދާ ކުރުމަށް އެކަށީގެންވާ ބަސްތަކެއް ޒިއާޟްގެ ދުލަށް ނައީއެވެ. ބަދަލުގައި ހިނިތުންވުމެއް ދީފައި އެ ތަނުން ޔަލްދާ ގެއަށް ދިޔައީ ޒިއާމްގެ ދިރުއުޅުމަށް ވަދާޢު ކިޔަމުންނެވެ.

ޒިއާމްއާ ޔަލްދާ ވަކިވި ކަން ރަޒާނާމެން ގާތު ޒިއާމް ބުނީ އެ ރެއެވެ. އެކަމާ ރަޒާނާ ސުވާލު ކުރުމުން އެއީ ދެ މީހުންވެސް ބޭނުން ވި ގޮތް ކަމަށް ބުނެ އިތުރަށް ރަޒާނާ ކުރި ސުވާލުތަކަށް ޒިއާމް ޖަވާބެއް ނުދެއެވެ. އެ ޖަވާބާ މެދު ހިތްހަމަ ނުޖެހުނު ނަމަވެސް ޒިއާމްގެ ނިންމުން ރަޒާނާ ބަލައިގަތެވެ.

ކޮންމެ ދިރުމަކީ ނެތިގެން ދާނެ އެއްޗެކެވެ. ކޮންމެ ފުރާނައަކީ ހަށިގަނޑާ ވަކިވާނެ އެއްޗެކެވެ. ކޮންމެ އިންސާނަކުވެސް މި ދުނިޔެއާ ވަކިވާނެއެވެ. އެ ގޮތުން އާރިޒް، އައިދަން އަދި ތުއްތު ޔޫންވެސް ވަކިވީއެވެ. އެކަމަށް ޖެހޭނީ ކެތް ކުރާށެވެ. އެ ހިތާމަ ލުއި ވާނެ ދުވަހަކަށް އިންތިޒާރު ކުރާށެވެ.

 

ހަ މަސް ފަހުން މައިރާ ވަޒީފާއަށް ނިކުންނަން ފެށިއެވެ. ވަކިވެ ދިޔަ ފިރިމީހާއާ ދަރިފުޅުގެ ހަނދާން އެ ހިތުން ދުވަހަކުވެސް ނުފިލާނެއެވެ. އެހެން ނަމަވެސް އެ ހަނދާންތަކާ އެކު ދިރިއުޅެން މައިރާ ދަސްކޮށްފިއެވެ. އޭގެ ފަހުން އަހަރެއް ވީ އިރު މައިރާގެ މޫނުމަތިން ހިނިތުންވުން ފެންނަން ފެށިއެވެ. އެ ލޮލުން ހިތާމައިގެ އަސަރު ފިލަން ފެށީ އެހާ ދުވަސް ފަހުންނެވެ. އޭރުވެސް މައިރާ ހުރީ ރައިހާނާމެން ގޭގައެވެ. ދެ ތިން ފަހަރު ގެއަށް ބަދަލުވުމަށް މުނާ ބުނުމުން މަންމައާ ބައްޕަގެ ފަރާތުން މައިރާ އެދުނީ އައިދަންގެ އާއިލާއާ އެކު ދިރިއުޅުމަށް ހުއްދަ ދިނުމަށެވެ. އެއީ މަންމައާ ބައްޕަ ދެކެ މައިރާ ލޯބި ނުވާތީއެއް ނޫނެވެ. އައިދަން ވަކިވި ނަމަވެސް އެ ދިރިއުޅުމާ ވަކިވާން މައިރާ އަދި ނޭދޭތީއެވެ. މައިރާ އެދުމުން މުނާއާ ޝަފީއު ދެކޮޅު ނުހަދާ ދަރިފުޅު ބޭނުން ގޮތަކަށް ކަންތައް ކުރަން ދޫކޮށްލިއެވެ. އެހާ ޅަ އުމުރުގައި އުފުލަން ޖެހުނު ހިތާމަތަކަށް ފަހު އެ ދަރިފުޅު އުފާވާ، ހިތްހަމަ ޖެހޭ ކޮންމެ ކަމެއް ކޮށްދިނުމަށް އެ މީހުން ތިބީ ތައްޔާރަށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ތިން ލަފްޒުން (25)

Next

ތިން ލަފްޒުން (26)

Next
December 4, 2020

ތިން ލަފްޒުން (26)

Previews
December 3, 2020

ތިން ލަފްޒުން (25)

2 Comments!

  1. Mar Sha Marsha says:
    December 3, 2020 at 3:11 pm

    Salaam, part 12 myny, next part on Monday.
    Have a great Friday ❤️❤️

  2. Dominator says:
    December 5, 2020 at 12:03 am

    Wha what. .mai ge dhari fulhu maruvee so sad. Efakeeru kihaa hithaamaeh kuraane, aidhan maruvithaa adhi ehaa ginadhuvas nuvanees. Kihineh e dhe hithaama eky barudhaasthu kuraany alhe. Varah varah reethi adhi asarugadha episodeh. Manzaruthah lolah sifavaahen hama heevany. Waiting for the next part. Take care stay safe

Comments are closed.

Next Episodeމި ހިތުން މަޤާމޭ މި ދެނީ 13←


All Right Reserved!