(ސޯޅަވަނަ ބައި)
ކަރުނަތައް އަތުގެ ނުފުށުން ފުހެލުމަށްފަހު އަލްޔާ އަކިއަލްގެ ގައިގައި ބައްދާލިއެވެ. އަކިއަލް ލަސްލަހުން އޭނާގެ އަތް ހިއްލާލުމަށްފަހު އަލްޔާގެ ހިމަ ހަށިގަނޑުގައި ދެއަތުން ވަށާލިއެވެ. އަދި އަލްޔާގެ ބޯމަތީގައި ދަތްދޮޅި ޖައްސާލަމުން އޭނާގެ ދެލޯ މަރާލިއެވެ.
“އައެމް ސޮރީ. އަހަރެން ހީކުރީ އަކީ އަހަރެންދެކެ ލޯބި ނުވާކަމަށް. ދެން ދުވަހަކުވެސް އަކީ ދެރަވާނެފަދަކަމެއް ނުކުރާނަން”
ފަހަތުން މީހެއްގެ ފިޔަވަޅު ހުއްޓުމާއެކު ދެމީހުންނަށްވެސް އެއްފަހަރާ އެދިމާލަށް ބަލާލެވުނެވެ. ކުރިމަތިން ފެންނަން ހުރި މީހެއްގެ ސަބަބުން ދެމީހުން ލޯވެސް ވަނީ ބޮޑުވެފައެވެ.
ކުރިމަތީގައި މަލީހާ ބަސްހުއްޓިފައި ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން ހުއްޓެވެ. ވަގުތުން އަލްޔާ އަކިއަލްއާއި ދުރަށް ޖެހިލިއެވެ.
“އަލްޔާ”
ބޮޑުދައިތަ އަޑަށް ބާރުލާފައި އަލްޔާއަށް ގޮވާލިއެވެ.
“މައިންބަފައިން ކިޔަވަން ފޮނުވީމަ ތީތަ ގަންނަ ގަނޑަކީ؟”
“މަލީހައްތާ. އަލްގެ އެއްވެސް ކުށެއް ނެތް. އަހަރެން އެންމެ ފުރަތަމަ އަލް ދެކެ ލޯބިވީ. އަހަރެން އަލްއާއި ރައްޓެހިވުމަށް އެދުނީ. ސިއްރުން ވިޔަސް މިގުޅުން ކުރިއަށް އެދުނީ. ދައްތަ ކިޔާ އެއްޗެއް އަހަރެންނާއި ދިމާލަށް ކިޔާ.”
“އަލްޔާ ކޮޓަރިއަށް އާދެބަލަ”
މަލީހާ އަކިއަލްއާއި ދިމާލަށް ބަލާލުމަށްފަހު އިތުރުއެއްޗެއް ނުބުނެ ގޮސް ކޮޓަރިއަށް ވަދެގެން ދިޔައެވެ. އަލްޔާ އަކިއަލްއާއި ދިމާލަށް ބަލާލުމަށްފަހު ލަސް ފިޔަވަޅުތަކެއްގައި މަލީހާގެ ކޮޓަރިއާއި ދިމާލަށް ދިޔައެވެ. އަކިއަލްއަށް ހަދާނެގޮތެއް ނޭނގި ދޮރާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. މަލީހައްތައަށް އެނގިއްޖެނަމަ އޭނާގެ މައިންބަފައިންނަށް މިހަބަރު ލިބޭކަށް މާގިނަ ދުވަހެއް ނުނަގާނެއެވެ. އޭނާއާއި އަލްޔާ ދުރުކުރުވަން އެމީހުންނަށް ކުރެވުނުހާ މަސައްކަތެއް ކުރާނެއެވެ. އެހެން ނަމަވެސް އޭނާ އެހެން ވިޔަކަނުދޭނެއެވެ. އަލްޔާއާއި އޭނާ ދުރުކުރުމަކީ އޭނާ ދިރިހުއްޓައި ކުރެވޭނެ ކަމެއް ނޫނެވެ.
އަލްޔާ މަލީހައްތަގެ ކޮޓަރި ދޮރު މަޑުމަޑުން ހުޅުވާލުމާއެކު އޭނާއާއި ކުރިމަތިލާންޖެހުނީ ދޮރާއި ފުރަގަހަށްވާހެން އެނބުރިގެން ހުރި ބޮޑުދައިތައާއެވެ. ކޮޓަރީގެ ދޮރު ލައްޕާލިއަޑާއެކު މަލީހައްތަ އެނބުރި ބަލާލިއެވެ. އެވަގުތު ކުށްވެރިއެއް ފަދައިން އަލްޔާ އިސްޖަހާލިއެވެ. ބޮޑުދައިތަގެ ފަރާތުން އޭނާ ކުރިމަތިލާން ޖެހޭނެ ސުވާލެއް ނޭނގޭތީ އޭނާ އިނީ ނުހަނު ބިރުންނެވެ.
“ރީތިކޮށް މިބުނީ ތިކަންތައް ހުއްޓާލާ. އަކިއަލްއާއި ރުޅިވޭ. އެއީ އަލްޔާއާއި އެކަށީގެންވާ މީހެއް ނޫން. ތިގުޅުމަކަށް ފަރީދާމެން ދުވަހަކުވެސް ގަބޫލެއް ނުވާނެ.”
“ކީއްވެ؟ ދައްތާ. އަހަރެން އަކީ ދެކެ ވަރަށް ލޯބިވޭ. އަކީ ވެސް…”
” އަލްޔާ ދުރުނުވަންޏާ ދެން ހަދަންވީގޮތް އިނގޭނީ އަހަރެންނަށް. ”
ރުޅިވެރި މޫނަކާއެކު މަލީހާ ނިކުމެގެން ދިޔައެވެ.
އަކިއަލްއާއި އަލްޔާގެ ގުޅުމުގެ ވާހަކަ އަކިއަލްގެ މައިންބަފައިންނަށް އެނގޭކަށް މާގިނަ ދުވަހެއް ނުނެގިއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަކިއަލްގެ ބައްޕަ މާލެ އައެވެ. އަކިއަލްގެ ބައްޕަ އަކިއަލް ގާތު ބުނީ އޭނާ މާލެ އައީ ވިޔަފާރި ދަތުރެއްގައި ކަމަށެވެ. އެހެންކަމުން ބައްޕަގެ ފަރާތުން އަލްޔާގެ އެއްވެސް ވާހަކައެއް އިވިފައި ނުވުމުން އަކިއަލް ނިންމީ މަލީހައްތަ އަދި އެވާހަކަ ނުބުނަނީ ކަމަށެވެ. ނަމަވެސް އަކިއަލް ބައްޕައާއި ކުރިމަތިލާން ހުރީ ތައްޔާރަށެވެ.
އަކިއަލް ގޭގައި ނޫޅޭ ވަގުތު ބަލާފައި އަކިއަލްގެ ބައްޕަ ފަހުމީ އަލްޔާއާއި ބައްދަލު ކުރުމަށް އެދުނެވެ.
“އަކިއަލްއާއި އަލްޔާގެ ގުޅުމޭ ކިޔައިގެން އަހަރެންނަށް އިވުނު މިވާހަކައަކީ ތެދު ވާހަކައެއްތަ؟”
އަލްޔާ ޖަވާބުގައި އެއްޗެއް ބުނުމުގެ ބަދަލުގައި އިސްޖަހާލިއެވެ. އޭނާގެ މިހަމަހިމޭންކަމުގެ ސަބަބުން ފަހުމީއަށް އެސުވާލުގެ ޖަވާބު ލިބުނު ކަހަލައެވެ.
“އަހަރެންގެ ދަރިފުޅުގެ ހަޔާތުން ދުރައްދޭ. ތީ އަކިއަލްއާއި އެއްވެސް ގޮތަކަށް އެކަށީގެންވާ ކުއްޖެއް ނޫން. އޭނާގެ ހަޔާތަށް ގެންނަން އަކިއަލްއާއި އެއް ފެންވަރުގެ ކުއްޖެއް އަހަރެމެން ހުންނާނީ ހޮވާފަ. ލައިޝާއާއި އަކިއަލްގެ ކައިވެނީގެ ކަންތައް އެދެކުދިން ކިޔެވުން ނިމުނުހާ އަވަހަކަށް ކުރާގޮތަށް ވާނީ ކުރިންވެސް ހަމަ ޖައްސާފަ.”
“މާލެ އައިސް އަންހެން ކުއްޖެއް ފެނިގެން ވާހަކަ ދައްކާލާ މަޖާކޮށްލިއަސް ހީ ނުކުރާތި އެއީ އޭނާ ލޯބިވާތީއޭ. އަކިއަލް ލޯބިވަނީވެސް ކައިވެނިކުރާނީވެސް ހަމަ ލައިޝާއާ. ”
އަކިއަލްގެ ބައްޕަ ކިތަންމެ މަޑުން ވާހަކަ ދެއްކި ނަމަވެސް އެބަސްތައް އަލްޔާއަށް އިވުނީ ހޮނު ގުގުރިއެއްގެ އަޑު ފަދައިންނެވެ. އަކިއަލްގެ ބައްޕަގެ މި ނުރުހުންތެރި ބަސްތަކުން ދުވަހަކުވެސް އަލްޔާއާއި އަކިއަލް ގުޅޭކަށް ގަބޫލު ނުވާނެކަން އަލްޔާއަށް ޔަގީންވިއެވެ. އަކިއަލްގެ މައިންބަފައިންނާއި ދެކޮޅަށް އަކިއަލް އެއްވެސް ކަމެއް ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. އެއީ އޭނާއަށްޓަކައި ކަމަށް ވިޔަސްމެއެވެ. އަލްޔާގެ މައިންބަފައިން ނުގަބޫލު އެއްވެސް ކަމެއް އޭނާ ނުކުރާނެއިރު އަކިއަލްއާއި އޭނާގެ މައިންބަފައިންނާއި ދެމެދު އޮންނަ ގުޅުމަށް އެއްވެސް ބުރޫއެއް އަންނާނެފަދަ ކަމެއް ކުރުވާކަށް އޭނާ ބޭނުމެއް ނޫނެވެ.
***
މުޅި ކޮޓަރިތެރެ އަނދިރިކޮށްލައިގެން އަލްޔާ އެނދުމަތީގައި އޮތެވެ. މިއަދު ހިނގައިދިޔަ ހާދިސާ އޭނާގެ ލޯމަތީގައި އަދިވެސް ސިފަވާ ކަހަލައެވެ. ކަޅު ރޭގަނޑެއްފަދަ ކަޅި ރަވައިން ބަނޑުންވެ ކޯރުދެމެމުންދިޔަ ކަރުނަތައް ހިތާމައިން މިލާ މޯޅިވެފައިވާ ކޯތާފަތްމައްޗަށް އޮހެމުން ދިޔަދިޔަހެން އަތުގެ ފުށަތުން އޭނާ ފުހެލައެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާއާއި އަކިއަލްގެ ލޯބީގެއުފާވެރި ގުޅުމަށް ބައެއްގެ ހިޔަނި އެޅޭނެކަމަކަށް އޭނާ ދުވަހަކުވެސް އުއްމީދެއް ނުކުރެއެވެ. މަލީހައްތަގެ އެދުމަށް މާދަމާ އޭނާގެ ބައްޕަ އޭނާ ބަލާ އަންނާނެއެވެ. ކޯހުގެ ކިޔެވުންވެސް ނިމި ނަތީޖާ ނެރެން މާ ގިނަ ދުވަހެއް ނެތުމުން އަލްޔާ ރަށަށް ދެން ގޮސް އަނބުރާ ނުގެންނާނެކަން އޭނާއަށް އިނގެއެވެ. ބައްޕައަށް އަލްޔާއާއި އަކިއަލްގެ ގުޅުމުގެ ހަބަރު ލިބުމުން ބައްޕަވެސް ފޯނުން ޥާހަކަ ދެއްކި އިރު ހުރީ ނުރުހުންވެފައެވެ.
އޭނާ ދެރަވަނީ އަކިއަލްއާއި ދިމާނުވެ ފުރައިގެން ދާން ޖެހޭތީއެވެ. އަކިއަލްއަށް މީން އެއްވެސް ކަމެއް ނޭނގި ސިއްރު ކުރަން މަޖުބޫރުވީމައެވެ. އަލްޔާ އަކިއަލްއާއި ވަކިވާން ނިންމީ ހަމަ އަކިއަލްއަށްޓަކައެވެ. އަކިއަލްއާއި އޭނާގެ އެއްވެސް މުސްތަޤުބަލެއް ނެތްކަން އެނގޭއިރު އަކިއަލްގެ ހަޔާތް އޭނާގެ އަތުން ބަރުބާދުވާން ނޭދޭތީއެވެ. މިވަރުގެ ބޮޑު ގުރުބާނީއެއްވާން ނިންމީވެސް އަކިއަލްދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އަމިއްލަ އުފަލަށްވުރެ އަކިއަލްގެ އުފަލަށް ވިސްނާފައެވެ.
***
އަނެއް ދުވަހު ހެނދުނު ރަށުން އައި ބޯޓުން އަލްޔާގެ ބައްޕަ އައެވެ. އޭރު ފުރުމަށްޓަކައި އަލްޔާ ވަނީ ހުރިހާ އެއްޗެއް ފޮއްޓަށް އަޅައި ތައްޔާރުވެފައެވެ. ފުރުމުގެ ކުރިން މުޅި ދުވަހު އަލްޔާ އުޅުނީ ކޮޓަރިތެރޭގައެވެ. އެއީ ގޭތެރެއިން އޭނާއަށް އަކިއަލް ފެނިދާނެތީއެވެ. ކިތަންމެ ހިތްވަރު ގަދަ ކުރިނަމަވެސް އަކިއަލް ފެނިއްޖެނަމަ އޭނާ ބަލިކަށި ވެދާނެތީ އޭނާ ބިރުގަނެއެވެ. އިއްޔެއާއި މިއަދު އަކިއަލް ކުރި އެއްވެސް މެސެޖަކަށް ރިޕްލައި ނުކުރީވެސް އެހެންވެއެވެ. އަކިއަލް އޭނާގެ ބައްޕަ އައިސްގެން އުޅޭތީ އަލްއާއި ދިމާނުވެވުނީ ކަމަށާއި އަލްޔާ މަތިން ވަރަށް މިސްވާކަމަށްވެސް ބުންޏެވެ. އަދި އަކިއަލްގެ ބައްޕަ ހަފްތާއެއްގެ ފަހުން ފުރުމުން ދެމީހުން ޑޭޓްއަކަށް ދާން ވާނެކަމަށްވެސް މެސެޖް ކުރިއެވެ. ކިތަންމެ ފަހަރަކު އަކިއަލްއަށް ގުޅަން އޭނާ ހިތަށް އަރައެވެ. މެސެޖަށް ރިޕްލައި ކުރަންވެސް އުޅެވެއެވެ. އެންމެފަހުން އަލްޔާ ފޯނަށް ބަލަން އިނދެ ހިތާއި ދެކޮޅަށް ފޯން ނިއްވާލިއެވެ.
މެންދުރުފަސްވެ ހަވީރު ވެއްޖެއެވެ. ކޮނޑުގައި ދަބަސް އަޅުވާލައިގެން ބައްޕައާއެކު އަލްޔާ މިސްޓީކް ގޯތިން ނިކުތެވެ. އޭރު ގޭތެރެއިން ފެންނަށް އެކަކުވެސް ނެތެވެ. އަލްޔާ ފުރާގަޑި ބަލާފައި އަކިއަލް ގެބައްޕަ އަކިއަލް ގޭގައި ނުބަހައްޓާނެކަން އޭނާއަށް އެނގެއެވެ. އެހެން ނަމަވެސް އަކިއަލް ފެނޭތޯ އޭނާ ހޯދާލިއެވެ. އަދި ގެއިން ނިކުމެ އެންމެ ފަހު ފަހަރަށް ގޭގެ ގޭޓާއި ދިމާލަށް ބަލާލިއެވެ. މިސްޓީކްއަށް އައި ފުރަތަމަ ދުވަހުއްސުރެ މިއަދާއި ހަމައަށް އޭނާ މިގޭގައި ހޭދަކުރި ދުވަސްތަކުން ފަހަރަކު ކަމެއް ހަނދާންވާން ފެށިއެވެ. އަކިއަލްއާއި އޭނާގެ ހުރިހާ ހަނދާންތަކެއް ގުޅިފައިވަނީ މިގެއާއެވެ.
ކާރު ނޯތް ހާބަރއަށް މަޑުކުރުމާއެކު ކާރުން ފައިބައި ބޯޓާއި ދިމާލަށް މިސްރާބު ޖެހިއެވެ. ބައްޕަ އޭނާގެ ފޮށި ބޯޓަށް ލައިފައި ބޯޓަށް އެރުމަށް ގޮވާލިއެވެ. އަލްޔާއަށް ބޯޓާއި ހަމައަށް ދިއުމަށް އެޅުނު ކޮންމެ ފިޔަވަޅެއްވެސް އެޅުނީ ވަރަށް ހިތްވަރުންނެވެ. މާލެ އައި ދުވަހު އޭނާ އެނބުރި ރަށަށް ދާން ޖެހޭނީ ހިތާއި ދެކޮޅަށް ކަމަށް އޭރަކު ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ. އޭނާ އަކިއަލްއާއި ދިމާނުވިނަމަ.. އަކިއަލްދެކެ ލޯބި ނުވެވުނުނަމަ މިހާ ބޮޑު ހިތާމައާއި ހިތްދަތިކަމަކާއި ކުރިމަތިލާކަށް ނުޖެހުނީހެވެ. އެހެންނަމަވެސް އަކިއަލްއާއި ބައްދަލުވެ ހޭދަކުރެވުނު ދުވަސްތަކާމެދު އޭނާ ހިތާމައެއް ނުކުރާނެއެވެ. އަކިއަލްއާއި ގުޅިފައިވާ ކޮންމެ ހަނދާނެއްވެސް އޭނާގެ ހިތުގައި ރައްކާކޮށްފައިވަނީ އަގުހުރި ހަނދާންތަކެއްގެ ގޮތުގައެވެ.
“އަލްޔާ!!!!”
އަކިއަލްގެ ހަނދާންތައް މުޅި ސިކުނޑީގައި ވުމުން އޭނާއަށް މިހާރު އަކިއަލްގެ އަޑުވެސް އިވެން ފެށީ ހެއްޔެވެ. އަކިއަލް އޭނާގެ ނަމުން ގޮވާއަޑު އޭނާގެ ކަންފަތަށް ފޯރުމާއެކު އެއީ ހީވި ކުށް ހީއެއް ކަމަށް ނިންމިއެވެ.
“އަލްޔާ!!!”
އެހެން ނަމަވެސް ތަކުރާކުކޮށް އެއަޑު އިވެން ފެށުމުން އަލްޔާ ބޯޓުގައި އިނދެ ފަހަތަށް އެނބުރި ބަލާލިއެވެ. ފެނުނު މަންޒަރުން އޭނާގެ ދެލޯ ފެންކަޅިވިއެވެ. ތުންފަތަށް ކުޑަނަމަވެސް ހިނިތުންވުމެއް ގެނުވިއެވެ. އަކިއަލް ދުވެފައި އެހެރި އަންނަނީ އޭނާ ހުރި ދިމާލަށެވެ. ހާސްވުމާއި ކަންބޮޑުވުމުގެ އަސަރު އެމޫނުމަތިން ފެނެއެވެ. ބޯޓު ނައްޓާލުމަށް ދިހަ ވަރަކަށް މިނަޓް އޮތުމުން ފަޅުތެރޭ މަޑުކޮށްލައިގެން އޮތީ އެއީ އޭނާގެ ނަސީބޭ ހިތަށް އެރިއެވެ. އެހެން ނޫންނަމަ ފަހު ފަހަރަށް އޭނާއަށް އަކިއަލްއަށް ބަލާލުމުގެ ފުރުސަތުވެސް ނުލިބުނީހެވެ.
އަކިއަލް ދުވެފައި އައިސް ބޯޓަށް އަރައި އަލްޔާގެ ކުރިމަތީ ހުއްޓުނެވެ. ޝަކުވާއިން ފުރިފައިވާ އެމޫނުން އެތައްހާސް ސުވާލުތަކެއް އަލްޔާއާއި ކުރި ކަހަލައެވެ. ދެމީހުންނަށް ހިނދުކޮޅެއް ވަންދެން އެކަކު އަނެކަކާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
“ކީއްވެ؟… ކީއްވެ މިހާ ބޮޑު ކަމެއްވީއިރު އަހަރެން ކައިރީ ނުބުނީ. ނުވެސް ބުނެލައި އަހަރެންނާއި ފިލައިގެން ރަށަށް ދާންތަ ތިއުޅެނީ. އަލް ބުނީމެއްނު ދުވަހަކުވެސް އަހަރެން ދެރަވާ ކަމެއް ނުކުރާނަމޭ.” ރޮވިފައިވާ ހާލު އަކިއަލް އަލްޔާއާއި ވާހަކަ ދެއްކިއެވެ.
“އަހަރެންނަށް މަޖުބޫރުވީ. އަކީ އަހަންނަށް މާފްކުރޭ.” އަލްޔާވެސް ރޮމުން ވަރަށް ހިތްވަރުކޮށްފައި ވާހަކަ ދެއްކިއެވެ. އަދި އެދެމީހުންނަސް ބަލަހައްޓައިގެން ބޯޓުގައި ދުރުގައި އިން އޭނާގެ ބައްޕަޔަށް އަލްޔާ ބަލާލިއެވެ.
“ބޭބެ. އަހަރެމެން ދެމީހުން ދުރުނުކުރޭ. އަހަރެން އަލްޔާދެކެ ވަރަށް ލޯބިވޭ. އަހަރެން މިއައީ ހުރިހާ އެއްޗެއް ދޫކޮށްފައި އަލްގެ ލޯތްބަށްޓަކައި. އަހަރެން އަލްއާއެކު މިއައީ ތިރަށަށް ދާން ”
އަކިއަލްގެ ވާހަކަތަކުން އަލްޔާގެ ބައްޕަގެ މޫނުމަތިންވެސް ފެނުނީ ހަމަދަރުދީއެވެ.
ކުއްލިއަކަށް ކާރެއް އައިސް ބޯޓު ޖައްސާފައި ހުރިތާ ކައިރިއަށް ހުއްޓިއެވެ. ކާރުން އެނުކިތީ އަކިއަލްގެ ބައްޕަ ފިޔަވައި ދެވަނަ މީހެއް ނޫނެވެ. އެކީގައި ޝާކިރުބެވެސް އައެވެ. އަލްޔާގެ ކުރިމަތީގައި އެމީހުން އަކިއަލް އެބޯޓުން ފޭބުވިއެވެ.
“ދޫކުރޭ އަތުން. އަހަރެން އަލްއާއެކު ދިޔަދީ. ބައްޕާ އަހަރެން އަލް ނޫން މީހަކާ ނީންނާނަން. އަހަރެން ލޯބިވަނީ ހަމައެކަނި އަލްދެކެ.”
ވިދުވަރު ބޯޓު ނައްޓާލީ އަކިއަލް ބަނދަރުގައި ހުއްޓައި އޭނާގެ ކުރިމަތީގައެވެ. އަކިއަލް ގަދަ ހަދާފައި ކިތަންމެ ވަރަކަށްވެސް ބޯޓަށް އެރޭތޯ މަސައްކަތްކުރިއެވެ. އަކިއަލްގެ ބައްޕަ އައިސް އަކިއަލް ނުހުއްޓުވިނަމަ އަކިއަލް ހުންނާނީ އެބޯޓަށް އަރައެވެ. އަލްޔާގެ ކައިރީގައެވެ. އެހެން ނަމަވެސް އަލްޔާއާއި އަކިއަލްއާއި ގުޅެން ތަގުދީރުގައި ލިޔެވިފައި ނެތީތާއެވެ. އެދެލޯބިވެރިންނަށް އެކުގައިވުމަށް ފުރުސަތެއް ނުލިބުނީއެވެ. ބޯޓު އޮބާލަމުން ދިޔައިރު ކަރުނަތަކުގެ ތެރެއިން ފަހު ފަހަރަށް އަލްވަދާޢު ކިޔުމުގެ ކުރިން އަލްޔާ އަކިއަލްއާއި ދިމާލަށް ހަނާއަޅާލިއެވެ.
“އަލްވަދާޢު”
(ނިމުނީ)

