އައިވިން އަވަސް ހިނގުމުގައި އައީ ސޯފާތަކާ ދިމާއަށެވެ. ނަމަވެސް އެއަށްވުރެ ކުރިން އިސްޖަހާލުމަށްފަހު ޒޯޔާ ބާރު ހިނގުމުގައި އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
“ޒޯ..” އައިވިން ކަންބޮޑުވެ ހުރެ ޒޯޔާ އާ ދިމާއަށް އަތް ދިއްކޮށްލަމުން ގޮވާލިއެވެ. އެހެނަސް ޒޯޔާ މަޑު ނުކޮށް އެދިޔަގޮތަށް ދިޔައީއެވެ. ޒޯޔާގެ ފަހަތުން ދާން އުޅެފައިވެސް އައިވިން މަޑުޖެހިލަމުން ބަލައިލީ ކުރިމަތީގައި ހުރި ޖޫން އަށެވެ. އޭރު އައިވިންގެ ލޮލުން ނުރުހުން ތެރި ކަމުގެ އަސަރު ފާޅުވަމުން ދިޔައެވެ.
“އާދޭ..!” އައިވިން ހާމަފެންޑާއަށް ނިކުމެވެން ހުންނަ ސިޑިއާ ދިމާއަށް ހިނގައިގަންނަމުން ޖޫން އަށް އަމުރު ކޮށްލިއެވެ. ސިޓިންގްރޫމުގައި އަޑު ގަދަކޮށް ވާހަކަ ދައްކަން އޭނާ ބޭނުން ނުވީއެވެ.
“ގަދަކަމުން ގެންނަން ވީތަ..؟” ޖޫން ގުޑިވެސް ނުލާ ހަށަން ބަދެލައިގެން ހުރުމުން އައިވިންގެ އަޑު ބާރުވިއެވެ. އޭނާ ހަޤީޤަތުގައިވެސް އެހުރީ ޖޫން ދެކެ ނުހަނު ހިތްހަމަ ނުޖެހިފައެވެ. އޭނާއަށް ނުވެސް އަންގާލަ ޖޫން އެގެޔަށް އަންނާނެ ކަމަކަށް އައިވިން އުންމީދެއް ނުކުރެއެވެ. ޒޯޔާގެ މޫނު މަތިން ފެނުނު އަސަރުތަކުން ޖޫން ކޮންމެވެސް ނުރަނގަޅު ވާހަކަ ތަކެއް ދެއްކީކަން އައިވިން އަށް ޔަޤީންވިއެވެ.
އައިވިންގެ ރުޅިވެރިކަން ފެނި ޖޫން އަކަށްވެސް ގޮތްދޫނުކޮށް ހުންނާކަށް ނުކެރުނެވެ. އައިވިންގެ ފަހަތުން ސިޑިިން އެރުމަށްޓަކައި އޭނާ މިސްރާބުޖެހިއެވެ.
ހާމަފެންޑާއަށް ނިކުމެވުމާއެކު އައިވިން ސީދާ ކުރިމަތިލީ ޖޫން އަށެވެ.
“ކީއްކުރަން މިގެއަށް ތިޔައީ..؟” އައިވިންގެ އަޑުގައިވަނީ ގަޔާނުވެފައި ހުރި ކަމުގެ އަސަރެވެ.
“އަރ ޔޫ ކިޑިންގް މީ އައިވިން..؟ އަހަރެން މިގެޔަށް މިއައީ އައިވިން ދެކިލާކަންނު.. ތި ދިޔަ ރަށަކަށް ދިޔަފަހުން އައިވިން އަހަންނަކަށް ޚަބަރު ވަނީކީ ނޫން.. އެންމެ ކުޑަ މިނުން ގުޅީމަ ފޯނު ނަގަނީކީ ނޫން.. އައި މިސްޑް ޔޫ ސޯ މަޗް ލަވް..” ޖޫން އައިގޮތަށް އައިސް އުޅުނީ އައިވިންގެ ގައިގާ ބައްދާލާށެވެ. އެހެނަސް ޖޫން ގާތްވުމާއެކު އައިވިން ދެފިޔަވަޅު އެޅާލީ ފަހަތަށެވެ.
“އައިވިން ކިހިނެތް ވެގެން ތިއުޅެނީ..؟އެ އަންހެން ކުއްޖާއާ ހެދިތަ..؟” ޖޫންގެ މޫނުން ފެނިގެން ދިޔައީ ރުޅިވެރިކަމާއި ހިތާމައިގެ ކުލަވަރުތަކެވެ. އައިވިން އަށް އައިސްފައިވާ ބަދަލުން އޭނާގެ ހިތަށް އުނދަގޫވެއްޖެއެވެ. އައިވިން އާ އެކު މުސްތަޤުބަލަށް ކުރި ފޮނި އުންމީދުތައް ފުނޑު ފުނޑު ވެގެން ދާކަށް އޭނާ ނޭދެއެވެ.
“ލުކް ޖޫން.. އަހަންނަށް އެނގޭ އަހަރެންގެ ކުށް މިކަމުގެ އޮތް ކަން.. އަހަރެމެން ދޭތެރޭގަ ހިނގި ކަމެއް ހިނގީ އަހަރެންވެސް އޭގަ ޝާމިލު ވާނެގޮތަށް.. އެކަމަކު.. އަހަރެން މިހާރު އެފަދަ ކަމެއް ކުރާކަށް ބޭނުމެއް ނޫން.. އަހަރެން ބޭނުންވަނީ އަހަރެމެން ދެމީހުންގެ މެދުގައި މިއޮތް ގުޅުން ކަނޑާލަން.. ޖޫން އަށްވެސް އެންމެ ރަނގަޅުވާނީ މިގޮތް.. އަހަރެންގެ ފަރާތުން ލޯބި ހޯދަން މަސައްކަތް ނުކުރޭ ޖޫން..” އައިވިންގެ އަޑުގައި މިހާރުވަނީ މަޑު މައިތިރިކަމެވެ. ވެދިޔަކަމަށް އޭނާ ޒިންމާވާން ޖެހޭނެކަނުގައި އައިވިން ޤަބޫލު ކުރެއެވެ.
“ނޫން..އައިވިން ޕްލީސް.. ކޮން ކަހަލަ ވާހަކަ ތަކެއް ތިދައްކަނީ.. އަހަރެން..އަހަރެން ބޭނުމެއް ނޫން އައިވިން އާ ދުރުވާކަށް.. އައި ރިއަލީ ލަވް ޔޫ އައިވިން.. އަހަރެން އައިވިން ބޭނުން.. މައްސަލައެއް ނެތް ކުރިން އުޅުން ގޮތަށް ވިޔަސް.. އައިވިން ބޭނުން ކޮންމެ ރޫލެއް އަހަރެން ފޮލޯ ކުރާނަން..” ޖޫން އަށް ލިބުނު ސިހުމުގައި އައިވިންގެ ފަރާތުން އާދޭސްކުރެވެން ފެށުނެވެ. ނަމަވެސް އެހުރިހާ ކަމަކުން އައިވިންގެ ސިކުނޑި އިތުރަށް ހާސްވަމުން ދިޔައެވެ.
“ޖޫން ޕްލީސް.. ޓްރައި ޓު އަންޑަސްޓޭންޑް..އަހަރެންނާ އެކު ޖޫން އަކަށް އެއްވެސް އުފަލެއް ނުލިބޭނެ އޭ.. އަހަރެން ޖޫން ދެކެ ލޯތްބެއް ނުވަން.. އެއްވެސް އިރަކު ޖޫން ދެކެ ލޯބިވާކަމަށް ބުނެފައެއްވެސް ނޯންނާނެ.. އަހަރެމެން ދެމީހުންގެ ދެމެދުގައި އޮތް ގުޅުން ފެށުމުގެ ކުރިން ވެސް އެކަން އަހަރެން ޖޫން އަށް ވަރަށް ރަނގަޅަށް ސާފު ކޮށްދިނިން.. އެކަމަކު.. ލޯބި ނުވާ އިރު އެފަދަ ގުޅުމެއް ޖޫން އާއެކު ހިންގުނުކަން އެއީ އަހަރެންގެ ކުށް ކަމުގައި ޤަބޫލު ކުރަން.. އަހަންނަށް މަޢާފު ކުރޭ ޖޫން.. އަދި އަހަންނާ ނުލާ އާ ދިރި އުޅުމެއް ފަށާ.. ޖޫން ދެކެ އިންތިހާޔަށް ލޯބި ވާނެ މީހެއް ލިބޭނެ ކަން އަހަންނަށް ޔަޤީން..” އައިވިން ޖޫންގެ ކޮނޑުގައި ހިފަހައްޓާލަމުން ވިސްނައިދޭން މަސައްކަތް ކުރިއެވެ. އޭނާގެ ސަބަބުން އަންހެން ކުއްޖަކަށް ދެރައެއް ލިބޭކަށް އައިވިން ބޭނުމެއް ނޫނެވެ. ޖޫންގެ މިޒާޖުގެ ސަބަބުން އޭނާ ފަސޭހައިން ގޮތްދޫނުކުރާނެކަން ވެސް އައިވިން އަށް އެނގެއެވެ.
” އަހަރެން ބޭނުމީ ހަމައެކަނި އައިވިން.. ވެދިޔަ ހުރިހާ ކަމަކަށްފަހު އައިވިން އަށް ތިހެން ބުނެލަން ހަމަ އެހާ ފަސޭހަތަ..؟ ނޫން ނޫން.. އައިވިން ވެސް ޖެހޭނީ އަހަރެން ބޭނުންވާން.. ކުރިންވެސް އައިވިންގެ ބޭނުންތައް ފުއްދައި ދިނީ އަހަންނެންނު.. މިހާރު ތި ގެނެސްގެން އުޅޭ ރަންޑި އަންހެނާގެ ފަރާތުން އައިވިން އަކަށް އެއްވެސް އުފަލެއް ނުލިބޭނެ..” ޖޫންގެ ވާހަކަ ނުނިމެނީސް އައިވިން ހަޅޭއްލަވައިގަތެވެ. ހިތް އެކަމަށް އެދި ޖޫންގެ މޫނުގައި ޖެހުމަށް އައިވިންގެ އަތް އުފުލާލިއެވެ. އެހެނަސް އަންހެނެއްގެ ގައިގާ ޖެހުން ފަދަ ދަށު ދަރަޖައިގެ އަމަލެއް ކުރަން ބޭނުން ނުވުމުން މުށްކަވާލުމަށްފަހު އަތް ތިރިކޮށްލިއެވެ. އެހެނަސް އޭރުވެސް ރުޅިވެރިކަމުން އައިވިންގެ މުޅި ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ.
“ދެން ޒޯޔާއޭ ކިޔައިގެން އެންމެ އެއްޗެއް ބުންޏަސް ނިމުނީ..އަހަރެން ވަރަށް މަސައްކަތް ކޮށްފިން ޖޫން އަށް ވިސްނައިދެން.. ތިހާ ބޯހަރުވުން ތީ ޖޫންގެ އަމިއްލަ ނިންމުން.. އަހަންނާ ދިމާއަށް ކިތަންމެ އެއްޗެއް ކިޔަސް ވަރިހަމަ.. އެކަމަކު ޒޯޔާއާ ދިމާއަށް ތިފަދަ ދަށު ދަރަޖައިގެ އެއްޗެހި ކިޔަން ދެން އަހަރެންގެ ކުރިމައްޗަށް ނާރާތި.. ރަނގަޅީވެސް ދެން އަަހަރެން ހޯދަން މިގެޔަށްވެސް ނައްޔާ.. ޖޫން ބޭނުން ނުވިޔަސް ހެޔޮ.. އަހަރެމެން ދެމެދުގަ އޮތް ހުރިހާ ގުޅުމެއް މިހިސާބުން މިނިމުނީ..” އައިވިން އެއަށްފަހު އެންމެ ހިނދުކޮޅަކުވެސް އެތާކު މަޑެއް ނުކުރެެއެވެ. އަތުންފައިން ގޯހެއް ހެދުމުގެ ކުރިން ބާރު ފިޔަވަޅު ތަކުގައި ސިޑިއާ ދިމާއަށް ހިނގައިގަތެވެ.
އައިވިން ދިޔަ ދިމާ ބަލަން ހުރި ޖޫން އަށް ދަތް ކުނޑި ވިކާލަމުން ފައިން ތިރީގައި ޖަހާލެވުނެވެ. އޭނާގެ ޙަޔާތުން އައިވިން ގެއްލިގެން ދިޔަކަން ބަރުދާސްތު ކުރަން ޖޫން އަށް އުނދަގޫވިއެވެ. ދެން ހަދާނެ ގޮތެއް ވިސްނަން ވެސް ނޭނގިފައި ހުރި ޖޫން އިތުރަށް އެގޭގައި މަޑުނުކޮށް ނިކުންނަން ހިނގައިގަތެވެ.
*****
ކޮޓަރިއަށް ވަދެގެން އައި އައިވިން ދެކޮޅަށް ހިނގަން ފެށީ އައިސްފައިވާ ރުޅި ފިނި ކޮށްލުމަށްޓަކައެވެ. އެނދުގެ ފައިލާ ކޮޅުގައި އިށީނދެ އިސްތަށިގަނޑުގައި ހިފަހައްޓާލަމުން މީހާ ހަމަޔަކަށް އެޅޭތޯ އައިވިން މަސައްކަތް ކުރިއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އައިވިން ގަމީހުގެ ގޮށްތައް ނައްޓަމުން ފާޚާނާއަށް ވަދެ ފެންވަރާލުމަށް މިސްރާބުޖެިހއެވެ.
ފެންވަރާ ތާޒާވެލައިގެން ނިކުން އައިވިން ހުރީ ހިސާބަކަށް ހިތްހަމަ ޖެހިފައެވެ. ކޮޓަރިން ނިކުމެގެން އައިސް ސިޓިންގް ރޫމުގެ ސޯފާގައި ބާއްވާފައި އޮތް ކޮތަޅު ހިފައިގެން އައިވިން މިސްރާބު ޖެހީ ޒޯޔާގެ ކޮޓަރިއާ ދިމާއަށެވެ.
ދޮރުގައި ޓަކި ޖަހަމުން ޒޯޔާގެ ނަމުން އައިވިން ދެތިން ފަހަރަކު ގޮވާލިއެވެ. ޚަބަރެއް ނުވުމުން ކޮޓަރި ތަޅުގައި ހިފާލި އިރު ދޮރު ހުރީ ތަޅުލައިފައެވެ. ޒޯޔާއަށް ނިދުނީކަމަށް ބަލާ ދާން އެނބުރުނު ވަޤުތު ފަހަތުން ދޮރު ހުޅުވިގެން ދިޔަ އަޑު އިވިގެން ދިޔައެވެ. ފަހަތް ބަލައިލި އައިވިން އަށް ދޮރު މަތީ ހުރި ޒޯޔާ ފެނުނެވެ. ގިނައިރު ރުއިމުގެ ސަބަބުން ދުޅަވެފައިވާ ޒޯޔާގެ ދެލޯ ފެނުމުން އައިވިންގެ ހިތުގައި ރިއްސާލިއެވެ.
“އަހަރެން އެތެރެއަށް ވަންނަންތަ..؟” ހަމަހިމޭންކަމުގެ ސުކޫތަކަށް ފަހު އައިވިން މަޑު މަޑުން ސުވާލު ކޮށްލިއެވެ. ޒޯޔާ ވަކި އެއްޗެކޭ ނުބުނެ ދޮރު ބޮޑަށް ފޭކޮށްލަމުން އެއްފަރާތަކަށް ޖެހިލީ އައިވިން ވަނުމަށް ތަންދެއްކުމުގެ ގޮތުންނެވެ.
އައިވިން އައިސް ކައުޗްގައި އިށީންނަމުން ފޯނު ލައިފާ އޮތް ކޮތަޅު ޒޯޔާއަށް ދިއްްކޮށްލިއެވެ
“މިއީ ޒޯ އަށް.. ކަމެއް ބޭނުންވިޔަސް އަހަންނަށް ގުޅޭނީ އޭރުންނެންނު.. ” އައިވިން ފޯނު ނަގާ ޒޯޔާއަށް ދިއްކޮށްލަމުން ބުނެލިއެވެ. އެހެނަސް ޒޯޔާ އޭގަވެސް ނުހިފާ އައިވިންގެ ފުރަގަހަށް އެނބުރި ހުރިގޮތަށް ކޮށްޅަށް ހުރީއެވެ. އެތަން ފެނި އައިވިން ސޯފާއިން ތެދުވެ ވާހަކަ ދައްކަން ފެށިއެވެ.
“އަހަންނަށް އެނގޭ ޒޯ ކައިރި ޖޫން އެއްޗެކޭ ކިއީކަން.. އައިމް ސޮރީ ޒޯ.. ޖޫން ކޮންމެ އެއްޗެކޭ ކިޔަސް ޒޯ އެކަންތައްތމ ހިތައް ވައްދައިގެން ދެރަވެފަ ހުންނާކަށް އަހަރެން ބޭނުމެއް ނޫން.. ” އައިވިން އައިސް ޒޯޔާގެ ފުރަގަހުން ކައިރީ ހުއްޓުނެވެ.
“އައިވިން ކުރިން ކީއްވެ އަހަރެން ކައިރި ކުއްޖަކާ ރައްޓެހި ވެގެން އުޅޭ ވާހަކަ ނުބުނީ..އަހަރެން ތި ދެމީހުންގެ ދެމެދަށް ވަދެގަންނަން މަސައްކަތް ކުރާ މީހަކަށް ވާކަށް ބޭނުމެއް ނޫން..” ޒޯޔާގެ ހިތުގައި ޖެހިފައިވާ ވަރު އެ އަޑުންވެސް ފާހަގަ ވަމުން ދިޔައެވެ.
“އަހަރެން ޒޯއަށް އޮޅުވާލާ ކަށެއް ނޫން އެވާހަކަ ނުބުނީ.. އަހަރެން އެއްވެސް އިރަކު ޖޫން ދެކެ ލޯތްބެއް ނުވަން.. އޭނަ އާއެކު އުޅެވުނީ އޭރު އަހަންނަށް ނުވިސްނޭތީ.. މާލެ އައުމަށްފަހު ރީތި ގޮތުގަ އެކަން ނިންމާލަން ބޭނުންވީ.. ބިލީވް މީ.. މިހާރު އަހަރެމެން ދެމެދު އެއްވެސް ގުޅުމެއް ނޯންނާނެ.. ” އައިވިން އައިސް ޒޯގެ ދެއަތުގައި ހިފާލިއެވެ.
” ކީއްވެ..؟ އައިވިން އާ އެންމެ އެކަށީގެންވަނީ ޖޫން ފަދަ ރީތި އަންހެން ކުއްޖެއް..” ޒޯޔާ އަދިވެސް ހުރީ އިސްޖަހާލައިގެންނެވެ. އައިވިން ލުއި ގޮތަކަށް ހިނިތުންވެލަމުން ޒޯޔާ ގެނެސް ކައުޗްގައި ބައިންދަމުން ތިރީގައި ކުޑަ ކަކޫ ޖަހާލިއެވެ.
“އަހަންނަށް މިދުނިޔެއިން ވެސް އެންމެ ރީތި އަންހެން ކުއްޖަކީ ތިއީ..” އައިވިން ސީދާ ޒޯޔާގެ ލޮލަށް ބަލައިލަމުން ބުނެލިއެވެ.
ޒޯޔާއަށް އައިވިން އާ ދިމާ ބަލާ ލެވުނީ ޤަބޫލު ނުކުރެވިފައި ހުރެއެވެ. އައިވިން ސަމާސާ ކުރަނީއޭ ހީވިޔަސް އެ އަސަރެއް އޭނާގެ ލޮލަކުން ނުފެނުނެވެ.
“ދޮގު..އަހަރެންގެ ކޮން ސިފައެއް ރީތީ.. އަހަންނަކީ ރީތި މީހެއް ނޫން..” ޒޯޔާ އަނެއްކާވެސް އިސްޖަހާލިއެވެ.
“ރީތި ކަމަކީ ހަމައެކަނި ބޭރު ފުށުގެ ސިފަ ތަކެއް ނޫނެންނު.. ޒޯގެ ތި ސާދާ ކަމާ ދެއްކުން ތެރި ކަމެއް ނެތްކަން އަހަންނަށް އެންމެ ކަމުދިޔައީ.. އެންޑް އައި ލަވް ޔޯރ އައިސް. މި އިސްތަށުގަނޑުވެސް.. އައިވިން ލޯތްބާއެކު ޒޯޔާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. ހިނިތުންވުމެއް ތުންފަތަށް ވެރިވި ޒޯޔާގެ މޫނުމަތި އަނެއްކާވެސް މިލައިގެން ދިޔައެވެ. އިސްތަށިގަނޑޭ ބުނުމުންވެސް ޒޯޔާގެ ގައިން ހީބި ނަގައިގަތީ ޒަފަރްގެ ރަޙުމެއްނެތް ޢަމަލު ހިތަށް ސިފަ ވުމުންނެވެ.
“ކިހިނެއްވީ..؟” ޒޯޔާގެ މޫނުން ފެނިގެން ދިޔަ ކުލަވަރާއެކު އައިވިން ހާސްވިއެވެ.
” އަހަރެންގެ އިސްތަށިގަނޑު މިހުރީ ހުރިގޮތް.. އެކި ވަރު ވަރަަށް.. ޒަފަރް..” ޒޯޔާއަކަށް ރަނގަޅަކަށް ވާހަކައެއް ނުދެއްކުނެވެ. އައިވިން ހާސްވީ ޒަފަރްގެ ނަން ގެނައިމައެވެ. ޒޯޔާގެ އިސްތަށިގަނޑު އޭނާގެ ލޮލުގައި ފެނުނު ފުރަތަމަ ދުވަހުވެސް އަޅައިގަތެވެ. އެފަށުވި ކޮޅެއްފަދަ އިސްތަށިގަނޑު އޭނާއަށް ނުހަނު ރީތި ނަމަވެސް ޒޯޔާގެ އިސްތަށިގަނޑު ތަރުތީބެއް ނެތި ކޮށާފައިވާ ކޮށުމާ މެދު އޭނާ އަބަދުވެސް ސުވާލު އުފެދެއެވެ. ޒަފަރްގެ އަތެއް އެކަމުގައި ވެދާނެ ކަމަކަށް އޭނާ އުންމީދެއް ނުކުރެއެވެ.
“ޒަފަރް..؟ޒަފަރް ކިހިނެއް ހެދީ..؟” އައިވިން އިތުރަށް އެނގެން ބޭނުންވެ ހުރެ ސުވާލު ކޮށްލިއެވެ.
“އޭރު އަހަރެން އިސްތަށިގަނޑު ވަރަށް ދިގުވާނެ.. ބަނޑު ބޮޑުވެގެން ވިޓަމިންސް ތައް ކާން ފެށިފަހުން އިސްތަށިގަނޑު ވަކިން ވަރުގަދަވެފަަ ރީތިވީ..ގެޔަށް އައި ޒަފަރްގެ ރަޙުމަތްތެެރި އަކު އަހަރެންގެ އިސްތަށިގަނޑު ރީއްޗޭ ބުނީމަ.. އޭނަ ދިޔުމާއެކު.. އަހަރެންގެ އިސްތަށިގަނޑުގަ ހިފާފަ ގެންގޮސް.. ކަތުރުން ބުރި ބުރި ކޮށްލީ..” ޒޯޔާ އުނދަގުލުން ވީގޮތް ކިޔައިދިނެވެ. އެ ހަނދާން ތަކަކީ އޭނާ އިތުރަށް ޚިޔާލު ކުރަން ބޭނުންވާ ހަނދާން ތަކެއް ނޫނެވެ.
ޒޯޔާ ކަންވީގޮތް ކިޔައިދިނުމާއެކު އައިވިން އަށް ދެލޯ މަރާލެވުނެވެ. ޒަފަރް ފަދަމީހުންނަކީ މުޅި ފިރިހެނުންގެ އާބާދީއަށްވެސް ހުރި ހުތުރެއް ކަމުގައި އައިވިން ދެކުނެވެ. އޭނާގެ ލޭ ހޫނުވަމުން ދިޔައީ ޒޯޔާގެ އެއްވެސް ކުށަކާ ނުލާ އެފަދަ ނޭއްގާނީ ޢަމަލުތައް ޒަފަރް ހިންގާފައި ވާތީއެވެ.
“ޒޯ ދެންއެކަމާ ދެރަނުވޭ.. އިރާދަކުރެއްވިއްޔާ ދެން ޒަފަރްގެ އުނދެގުލެއް ޒޯ އަކަށް ނުފޯރާނެ..”ޒޯޔާގެ ކޯތާފަތަށް ފައިބައިގެން ދިޔަ ކަރުނަތިކި ފޮހެލަ ދެމުން އައިވިން ބުނެލިއެވެ.
“އާން.. އަދި ޒޯ ކަައިރި ބުނަން ހަނދާން ނެތިފަ މިހުރީ.. މިރޭ މަންމަ ދަޢުވަތު ދީފަ އެބައޮތް ޑިނަރ އަކަށް.. ” އައިވިން ހިނިތުން ވެލަމުން ބުނެލިއެވެ.
“އެކަމަކު އައިވިން މަންމަ ހިތްހަމަ ނުޖެހިދާނެ އެންނު އަހަރެން ދިޔައީމަ..” ޒޯޔާ ހާސްވާގޮތް ވިއެވެ.
“ޒޯ މާ ބޮޑަށް ތި ވިސްނަނީ.. މަންމަ އޯކޭއޭ ޒޯ ގެންދަން.. ދެންހިނގާ އަހަންނާ އެކީ މެންދުރު ކާން.. ވަރަށް ބަނޑު ހައި ވެއްޖެ.. ނަޖުމާއްތަ ވެސް ހުންނާނެ އަހަރެމެން ނައިސްގެން މިހާރު..” އައިވިން ބަނޑުގަ އަތްހާކާލަމުން ބުނިގޮތުން ޒޯޔާ ގާތަށް ހިނިއައެވެ. ހިތްހަމަޖެހުން ލިބިގެން ދިޔަ އައިވިން ދިއްކޮށްލި އަތުގައި ހިފަމުން ކޮޓަރިން ނިކުންނަން ޒޯޔާ ހިނގައިގަތެވެ.
******
އިރުއޮށްސުނު ތަނާހެން އައިވިން ދެތިން އަންހެން ކުދިން ގެނެސް ޒޯޔާއަށް ދެއްކިއެވެ. ވާނުވާ ނޭނގިފައި ހުރި ޒޯޔާ ކައިރީ އެއީ ދެ ސްޓައިލިސްޓުން ކަމަށް ބުނެލިއެވެ. ދެލޯ ބޮޑުކޮށްގެން ހުރި ޒޯޔާ ކޮޓަރިއަށް ވެއްދުމަށްފަހު އެދެކުދިން ވެގެން ޒޯޔާ ތައްޔާރު ކުރަން ފެށިއެވެ. ޒޯޔާގެ އިސްތަށިގަނޑު ކޮށާލުމުން އޭނާ އިނީ ހާސްވެފައެވެ. ނަމަވެސް މަސައްކަތް ނިންމާލުމަށްފަހު ލޯގަނޑު ދައްކާލުމުން ޒޯޔާއަށް ހިނިތުންވެވުނީ އޭނާގެ އިސްތަށިގަނޑު ކޮށާލެވިފައި ވާގޮތް ކަމު ދިޔުމުންނެވެ. އެމީހުން ގެނައި ހެދުން ތަކުގެ ތެރެއިން އެ ދެކުދިންނަށް އެންމެ ކަމުދިޔަ ހެދުން ޒޯޔާ ލިޔެވެ. މޫނުގައި ލުއި މޭކަޕެއް ކޮށްލުމަށްފަހު އެކުދިންގެ މަސައްކަތް ނިންމާލުމަށްފަހު ގެނައި ތަކެތި ހިފައިގެން ކޮޓަރިން ނިކުމެގެން ދިޔައެވެ.
ޒޯޔާ ރީތި ކޮށްދެން އައި ކުދިންނަށް ޝުކުރު އަދާ ކުރުމަށްފަހު އައިވިން އައިސް ހުއްޓުނީ ޒޯޔާގެ ކޮޓަރީ ކުރިމަތީގައެވެ. ޓަަކި ޖަހަން އަތް ހިއްލާލުމަށްފަހުވެސް އައިވިން މަޑުޖެހިލީ ޒޯޔާ ނިކުންނަން ދެނެވެ. ކޮޓަރީގެ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އައިވިން ހުއްޓުނީ ކޮޓަރީގެ ދޮރު ހުޅުވުން އަޑަށެވެ. ދޮރާ ދިމާއަށް ބަލައިލި އައިވިން ހައިރާން ކަމާއެކު ހުއްޓުން އެރިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.







It’s wonderrrrrrr fulllll
Curiously waiting for next part…