މި ހިތުން މަޤާމޭ މި ދެނީ 7
ޒިއާމް އެ ވަގުތު ގޮތެއް ނިންމިއެވެ. މާޒީގެ ހުރިހާ ކަމެއް ހިތުގައި ފޮރުވާފައި ދިރިއުޅުމާ ކުރިމަތި ލާންވީއެވެ. މަންމައަށް ޓަކައެވެ. ރަޒާނާގެ ދިރިއުޅުންވެސް މިހާރު އެ ވަނީ ފަޅުވެފައެވެ. އާރިޒް ނިޔާވުމަށް ފަހު ރައިހާނާއާ ހާފިޒްއާގެ އެދުމަށް އެ މީހުންނާ އެކު އެއް ގެއެއްގައި އުޅުނު ނަމަވެސް އާރިޒް ނެތުމުން އެ ހުސްކަން އަދިވެސް ރަޒާނާއަށް އިހްސާސް ކުރެވޭކަން ޒިއާމްއަށް އެނގެއެވެ. ވީ އިރު އެ ހުސްކަން ރަޒާނާގެ ޙަޔާތުން ފިލުމަށް އެހީ ވެދޭން ހުރީވެސް ޒިއާމް އެކަންޏެވެ. ވީ އިރު އެ މަންމައަށް ޓަކާ ޒިއާމްއަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ ދިރިއުޅުމެއް ފެށުމެވެ.
މައިރާގެ ބަނޑަށް ފަސް މަސް ވީ އިރު ކުރިން ނުވާ އެކި އުނދަގޫ ވާން ފެށިއެވެ. ހަށިގަނޑު ބަރު ވުމާއެކު ފައި ދުޅަވެ ހިނގާ އުޅެން އުނދަގޫ ވިއެވެ. ލޭ މަދުވުމުގެ ސަބަބުން ބޯ އެނބުރުމާ އަވަހަށް ވަރުބަލި ވުން ފަދަ ކަންތައް ވާން ފެށިއެވެ. އޮފީހުން ޗުއްޓީ ނެގީ އެފަދަ ކަންތަކުގެ ސަބަބުން ސަލާން ބުނަން ޖެހޭ ދުވަސްތައް ގިނަވާތީއެވެ. ރައިހާނާގެ އެދުމަށް މައިރާއާ އައިދަން ރައިހާނާމެންގެ ބަޔަށް ބަދަލު ވީ މައިރާ ބަލިވެ އުޅޭތީއެވެ.
ޒިއާމްގެ ޙަޔާތަށް އަންހެން ކުއްޖަކު ގެނެވޭތޯ އައިދަން އަދި މައިރާވެސް އެކި ގޮތްގޮތުން މަސައްކަތް ކުރެއެވެ. ޔަލްދާއާ ޒިއާމް ދިމާވެ އެދެމެދުގައި ގުޅުމެއް އުފެދުނީ މައިރާގެ އެކުވެރި އައިމަލްގެ ސަބަބުންނެވެ. ޔަލްދާއަކީ އައިމަލްގެ އެކުވެރިއެކެވެ. ފުރަތަމަ ޒިއާމްއާ ޔަލްދާ ދިމާވީ މައިރާއާ އައިދަންއާ އެކު އެމީހުންގެ ގްރޫޕްއަކާއެކު ކޮފީއަކަށް ދިޔަ ރެއެއްގައެވެ. އެއަށް ފަހުވެސް ދެތިން ފަހަރަކު އެ މީހުން އެ ގޮތަށް ބައްދަލުވުމަށް ފަހު އެހެން މީހުންނާ ވަކިން ޒިއާމްއާ ޔަލްދާ އެކުގައި ކޮފީއަކަށް ދިޔައީ ޒިއާމްގެ އެދުމަކަށެވެ. އެ ގުޅުން ބަދަލު ކުރުމަށް އިސްނެގީ ޒިއާމްއެވެ. ޒިއާމްއާ ޔަލްދާ ގަޔާވާކަން އައިމަލްގެ ފަރާތުން އެނގުމުން ޒިއާމް އިތުރަށް މަޑެއް ނުކުރެއެވެ.
އޮފީހުގައި ނޫޅޭ ވަގުތު އަބަދު ގޭގައި ހުންނަ ޒިއާމް ރޭގަނޑު ބޭރަށް ދާން ފެށުމުން ރަޒާނާއާ ރައިހާނާ ސުވާލު ކުރަން ފެށިއެވެ. ނަމަވެސް ޒިއާމް ވަކި ޖަވާބެއް ނުދެއެވެ. އައިދަން ހުންނަ ވަގުތެއްގައި އެ ފަދަ ސުވާލެއް ކޮށްފި ނަމަ އައިދަން ޒިއާމްއާ ދިމާކުރަން ފަށައެވެ. އެހެން ކަމުން، ޒިއާމް ނުބުނި ނަމަވެސް ޒިއާމްގެ ޙަޔާތަށް އަންހެން ކުއްޖަކު އައިސްފި ކަން ރަޒާނާއާ ރައިހާނާއަށް ސިއްރެއް ނުވިއެވެ.
ޒިއާމްއާ ޔަލްދާ ގުޅުމުން އެންމެ އުފާ ވީ މައިރާއެވެ. ބޭރަށް ގޮސްފައި ޒިއާމް ގެޔަށް އަންނަ އިރު ގިނަ ފަހަރު މައިރާއާ އައިދަން ތިބޭނީ ކާމޭޒު ދޮށުގައެވެ. މައިރާ ކޮންމެވެސް އެއްޗެއް ކާން ބޭނުން ވެގެން ނިކުމެއެވެ. އެހެން ތިބޭ ރެއެއްގައި ޒިއާމްއަށް ކޮޓަރިއަށް ވަނުން ފަސޭހައެއް ނުވާނެއެވެ.
“މައި ނުވިހަނީސް ސައި ލިބޭނެ ގޮތެއް ނުވާނެތަ؟” އެފަދަ ރެއެއްގައި ޒިއާމް އައި އިރު ކޮފީ ޖޯޑެއް ހިފައިގެން މައިރާ ކައިރީ އިން އައިދަން ޒިއާމްއަށްވެސް ކޮފީ ގިރައިގެން ގެނެސްދީފައި އެހިއެވެ.
“މައި ވިހޭމައެއްނު ކުރާ ކަމެއްގަ މައިއަށްވެސް ބައިވެރި ވެވޭނީ؟ އެހެން ނޫނަސް މަ ނޫޅެމޭ ލަސް ވެގެންނެއް” ޒިއާމް ޖަވާބު ދިނެވެ.
“ލަސް ވެގެން ނޫޅޭ ކަން އެނގެޔޭ. އަހަންނަށް އެނގޭ ސާޅީސް އަހަރު ނުވަނީސް މީހަކާ ނީންނަން ކަން ތި ހުންނަނީ. އަހަރުމެން މުސްކުޅި ވާ ފަހުން ކަންނޭނގެ މީނަ މީހަކާ އިންނާނީވެސް” ޒިއާމްއާ ދިމާ ކުރުމަކީ އައިދަންގެ އާދައެވެ.
“ކޮން އިރަކުން ޔަލްދާ ގެޔަށް ގެންނާނީ؟ މަންމަމެންނާ މީޓް ކުރުވާކަށް ނުވޭތަ؟” މައިރާ އެހިއެވެ.
“އަދި ލަހެއް ނުވެއެއްނު؟” ޒިއާމް ބުންޏެވެ.
“މީނަ އަމިއްލައަކަށް ނުކުރާނެ އެއްވެސް ކަމެއް. އަހަރުމެން ކަންނޭނގެ ހުރިހާ ކަމެއް ކުރަން ވީ. ކައިވެނި ކުރަން ފޯމް ނަގާ، އެ ފުރާ ހުރިހާ ކަމެއް ފަށަންވީ ޒެޑްއަށް ނާންގާ. ދޯ މައި؟” އައިދަން ދެފަރާތަށް ބޯ ހަލުވާލަމުން ޝަކުވާގެ ރާގެއްގައި ބުންޏެވެ.
“އައިދަން ހީވަނީ އައިދަންގެ ކައިވެނި ނުކުރެވިގެން ލަސްވެގެން އުޅޭ ހެން. ކެތް ކޮށްބަލަ. ޒިއާމް ރެޑީ ވީމަ ހުރިހާ ކަމެއް ކުރާނެޔޭ” އައިދަންގެ އަތުގައި ޖަހާލަމުން މައިރާ ހިނިއައިސްފައި ބުނެލިއެވެ.
“ކެތް ކުރެވޭތަ؟ އަހަރެން ބައްޕައަކަށް ވާ އިރު ޒެޑް އަދިވެސް އެ ހުރީ އެހެން. އަހަރުމެންގެ ދަރިން ބޮޑެތި ވާން ޖެހޭނީ އެކީގައެއްނު؟ ޒެޑް އެހެން ލަސް ކޮށްކޮށް ހުންނަންޏާ އަހަރެންގެ ދަރިން ބޮޑެތި ވާ ފަހުން އޭނައަށް ކުއްޖަކު ލިބޭނީވެސް” އައިދަން ޝަކުވާކޮށްލި އިރު ހީވީ ކުޑަކުއްޖެއް ހެންނެވެ.
“އަހަރެން މި ދަނީ ނިދަން. މީނަގެ ޝަކުވާތައް އަޑު އެހޭނީ މައިއަށް އެކަނި” ޒިއާމް އިތުރު އެއްޗެއް ނުބުނެ ކޮޓަރިއަށް ވަނެވެ.
“އަދިވެސް ޔަގީން ނުވަނީ ކަންނޭނގެ…” ޒިއާމް ދިޔަތަން ބަލަން އިނދެފައި އައިދަން ބުނެލިއެވެ.
“އެހާ އަވަހަކަށް އެ ކަހަލަ ކަންތަކެއް ނުނިންމޭނެއެއްނު. އަދި ޒިއާމްއާ ޔަލްދާ ދިމާވިތާ މިވީ އެންމެ ތިންމަސް ވިއްޔަ. އައިދަން ކީއްވެތަ ތިހާ ކެތްމަދުވެގެން ތި އުޅެނީ؟” އައިދަންގެ އަތުގައި ހިފާލަމުން މައިރާ ބުންޏެވެ.
“އަދިވެސް ގަބޫލު ކުރަން އުނދަގޫވޭ… ހާދަ ދުވަހެއް ފަހުންނޭ ޒެޑް އަންހެން ކުއްޖަކާ ވާހަކަ ދައްކަން އެފެށީ. ބައެއް ފަހަރު ހިތަށް އަރާ އަހަރުމެން ކިޔާ ވަރުން އުނދަގޫ ވެގެން ކަންނޭނގެޔޭ ޒެޑް ޔަލްދާއާ ރައްޓެހި ވީ” ޒިއާމްއާ މެދު ވާ ކަންބޮޑުވުން އައިދަންގެ ހިތުން އަދިވެސް ފިލައިގެން ނުދެއެވެ.
“ޒިއާމްއަކީ އެ ގޮތަށް އަންހެން ކުއްޖެއްގެ ހިތާ ކުޅޭނެ މީހެއް ނޫން. ސީރިއަސް ވެގެން ނޫނީ ޒިއާމްގެ ލައިފްއަށް ޔަލްދާ ނުގެންނާނެ. އެހެން ވިޔަސް ޒިއާމްއަށް އެހާ އަވަހަށް ހުރިހާ ކަމެއް ކުރާކަށް ފަސޭހައެއްވެސް ނުވާނެއެއްނު؟ އައިދަން ކެތް ކޮށްބަލަ” މައިރާ ބުންޏެވެ.
“އެހެންވެއެއް ނޫން… ޔޫ ނޯ…” މައިރާގެ މޫނުގައި އަތް ޖައްސާލަމުން އައިދަން ބުނެލިއެވެ.
“އެނގޭ… ޒިއާމް ޓްރައި ކުރަނީއެއްނު؟” އައިދަންގެ އަތްމަތީ ހިފާލަމުން މައިރާ ބުންޏެވެ.
“ހިނގާ ދެން” ތަށިތައް ހިފައިގެން ގޮސް ދޮވެފައި އައިދަން މައިރާގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަނެވެ.
ނިދަން ތައްޔާރު ވެގެން އެނދަށް އަރާ އޮވެ ޒިއާމް ވިސްނަމުން ދިޔައެވެ. އެ ގުޅުމަށް އަދި ވީ އެންމެ ތިންމަސް ނަމަވެސް ޔަލްދާ ބޭނުން ވަނީ އަވަހަށް ކައިވެނި ކުރާށެވެ. ޒިއާމްވެސް ބޭނުން ވަނީ ކައިވެނި ކުރާށެވެ. ޔަލްދާއާ ގުޅުނީވެސް އެ މަގްސަދުގައެވެ. ނަމަވެސް ޒިއާމްއަށް ފަސް ޖެހެވެނީއެވެ. އެހާ އަވަހަށް ކައިވެނި ކުރަން ބޭނުން ނުވަނީއެވެ. މަންމަމެންނާ ބައްދަލު ކޮށްދިނުމަށް ދެ ފަހަރަކު ޔަލްދާ އެދުނު ނަމަވެސް ގެޔަށް ނުގެނެސް ލަސް ކުރެވެނީ އެހެންވެއެވެ.
އެކަމާ ވިސްނާ ކޮންމެ ފަހަރަކުވެސް ކުރެވެން މިއުޅެނީ ރަނގަޅު ކަމެއް ކަމާމެދު ޒިއާމްގެ ހިތުގައި ސުވާލު އުފެދެއެވެ. ހަމައެއާއެކު އަމިއްލަ ހިތަށް ވިސްނައިދެނީވެސް ޒިއާމް އަމިއްލައަށެވެ. މުޅި އުމުރު އެހެން ހުހަށް ހޭދައެއް ނުކުރެވޭނެއެވެ. ދިރުއުޅުމެއް ފަށަން ޖެހެއެވެ. ކައިވެނި ކުރަން ޖެހެއެވެ. ހިތުގައި މައިރާއަށް ދެވިފައިވާ މަގާމު އެހެން އަންހެން ކުއްޖަކަށް ނުދެވުމަކީ ޒިއާމްގެ ބާރު ހިނގާ ކަމަކަށް ނުވާއިރު، ޔަލްދާ ދެކެ ލޯބި ނުވެވުން އެއީ ޒިއާމްއަށް ބާރު ފޯރުވޭ ކަމެއް ނޫނެވެ. އެހެން ވިޔަސް، އެހެން އަންހެން ކުއްޖަކަށް ޒިއާމްގެ ޝައުގުވެރިކަން ނުހޯދުނު އިރު، އެހާ ދުވަސް ފަހުން ޒިއާމްއަށް ކިރިޔާވެސް ގަޔާވެވުނު އަންހެން ކުއްޖަކީ ޔަލްދާއެވެ.
ކުރިން ޒިއާމްގެ ޙަޔާތަށް އަންހެން ކުދިން އައިސްފައި ވިއެވެ. ނަމަވެސް އޭގެން އެއްވެސް ކުއްޖަކީ ޒިއާމްގެ ހިތުން މަގާމެއް ދެވުނު ކުއްޖެއް ނޫނެވެ. މައިރާ ފިޔަވާ ޒިއާމްއަށް އެންމެ ޚާއްސަ ވި އަންހެން ކުއްޖަކީ ޔަލްދާއެވެ. ދުވަހެއް ދުވަހަކަށް ޒިއާމްގެ ހިތުގައި ޔަލްދާއާމެދު އޮތް ޝައުގުވެރިކަން އިތުރުވަމުން ދާކަން އެނގެއެވެ. ޒިއާމްއާ ކައިވެނި ކުރަން ޔަލްދާ ހުރީ ތައްޔާރަށް ކަން ޒިއާމްއަށް އެނގެއެވެ. ލޯބި ވެޔޭ ނުބުނި ނަމަވެސް އެކަން އަމަލުން ޔަލްދާ ދައްކައެވެ. ޔަލްދާގެ މަންމައާ ބައްޕައާ ދައްތަ އަދި ކޮއްކޮވެސް ޒިއާމްއާ ރުހެއެވެ.
ވީއިރު އެކުގައި ދިރިއުޅުމެއް ފެށުމަށް ޔަލްދާއަކީ އެންމެ ރަނގަޅު އަންހެން ކުއްޖާއަށް ނުވާންވީ ކީއްވެ ހެއްޔެވެ؟ އަދި ކައިވެނި ނުކޮށް ލަސް ކުރަން ވީވެސް ކީއްވެ ހެއްޔެވެ؟
އިތުރަށް ލަސްނުކޮށް ގޭ މީހުންނާ ޔަލްދާ ބައްދަލު ކޮށްދިނުމަށް ޒިއާމް އެވަގުތު ނިންމިއެވެ. އެއާއެކު ޔަލްދާގެ މޫނު ހިތަށް ސިފަ ކުރަމުން ޒިއާމް ލޯ މަރާލިއެވެ. ނަމަވެސް ހިތަށް ސިފަވީ މައިރާގެ ސޫރައެވެ. ދެފަރާތަށް ބޯ ހަލުވާލުމާއެކު ލޯ ހުޅުވާލަމުން ޒިއާމް އިރުކޮޅަކު މައްޗަށް ބަލަން އޮތެވެ.
“މަސައްކަތް ކޮށްގެން ހުއްޓާލެވޭނީ!” ހިތާހިތުން އެހެން ބުނެލުމަށް ފަހު ޒިއާމް ފޯން ނަގާ ޔަލްދާއަށް މެސެޖެއް ކޮށްލީ ނިދީތޯ އަހާލާފައެވެ.
“އަދި ނުނިދަން” ލަސްނުވެ ޖަވާބު އައެވެ. ޒިއާމް ވަގުތުން ގުޅިއެވެ.
“ނުނިދާ ކީއް ކުރަނީ؟” ޔަލްދާ ފޯން ނެގުމުން ޒިއާމް އެހިއެވެ.
“ކަމެއް ކުރަނީއެއް ނޫން. އަދި ނިދި ނައިސްގެން އޮތީ” ޔަލްދާ ޖަވާބުދިނެވެ.
“ކޮން ކަމަކާ ވިސްނާތީ ނިދި ނައިސްގެން ތި އުޅެނީ؟” ޒިއާމްގެ އަޑުގައި ވަނީ ސަމާސާ ގޮތެކެވެ.
“ޒިއާމް ކޮން ވިސްނުމެއްގަ ނުނިދާ ތި އުޅެނީ؟” ލުއި ހުނުމަކާއެކު ޔަލްދާވެސް ކޮށްލީ ސުވާލެކެވެ.
“ހުކުރު ދުވަހު އަންނަން ވީނު ގެޔަށް؟ މަންމަމެންނާ މީޓް ކޮށްލަން؟” ހިތުގައިވި އެއްޗެއް ޒިއާމް ބުންޏެވެ.
ޔަލްދާއަށް ޖަވާބެއް ނުދީ މަޑުކޮށްލެވުނެވެ.
“ކިހިނެއްވީ؟” ޒިއާމް އެހިއެވެ.
“އަހަންނަށް އޯކޭ. އެކަމަކު… ޒިއާމް ރެޑީތަ؟” ޔަލްދާއަށް އެހެން އެހުނީ ދެ ފަހަރު ޔަލްދާ އެދުމުންވެސް ޒިއާމް ވަކި ޖަވާބެއް ނުދޭތީއެވެ.
“ރެޑީ ނޫން ނަމަ ނުބުނާނެއެއްނު؟” ޒިއާމް އެހެން ބުނި އިރު ހިތުގައި ވީ ޔަލްދާ ކުރި ސުވާލެވެ.
“ޒިއާމް ބުނާ އިރަކަށް އަހަރެން ތައްޔާރު ވާނަން” ޔަލްދާ އެއްބަސްވިއެވެ.
ޖެހިގެން އައި ހުކުރު ދުވަހުގެ ރެއެވެ. ސޯފާގައި ކެޝޫނަޓް ތައްޓެއް ހިފައިގެން މައިރާ އިނެވެ. ރަޒާނާއާ ރައިހާނާ ވީ ރައިހާނާގެ ކޮޓަރީގައެވެ. މައިރާ އިރުއިރުކޮޅާ ދޮރާ ދިމާއަށް ބަލާލައެވެ. އަށްގަޑި ބައި ވީ ތަނާ އައިދަން ކޮޓަރިން ނިކުތެވެ.
“ނާދޭ؟” އައިދަން އަހާލިއެވެ. މައިރާއަށް ޖަވާބެއް ނުދެވެނީސް ދޮރު ހުޅުވާލާފައި ޒިއާމް ވަނެވެ.
“ޒެޑް!” އައިދަން ގޮވާލިއެވެ.
ޒިއާމް ހިނި އައިސްފައި ޔަލްދާގެ އަތުގައި ހިފައިގެން ވަނެވެ.
“އެބަ އަންނަން މަންމަމެން ކައިރީ ބުނެފަ” މައިރާ ތެދުވިއެވެ.
މައިރާ ގޮވުމުން ރަޒާނާއާ ރައިހާނާ ކޮޓަރިން ނިކުތެވެ. ޒިއާމް އެ މީހުންނަށް ޔަލްދާ ތަޢާރަފް ކޮށްދިނެވެ. އެ މީހުންނާ ވާހަކަ ދައްކަން ޔަލްދާ އިން އިރު ޒިއާމްއާ ދިމާއަށް ބަލަން ހިނި އައިސްފައި އައިދަން އިނެވެ.
“ކީއްވެ ތިހާ ހިނި އައިސްފަ ތި އިންނަނީ؟” ޒިއާމް އަހާލިއެވެ.
“މީހަކު އަންހެން ކުއްޖަކު ގޮވައިގެން އަލަށް ގެޔަށް އައިމަ. މެރީ ކުރަން އުޅޭތީވެ…” ހިނި އައިސްފައި އައިދަން ބެލީ ޒިއާމްއާ ދިމާ ކޮށްލެވޭތޯއެވެ.
“ޔަލްދާ ގެޔަށް ނުގެނެސްގެންވެސް އެންމެ ޝަކުވާ ކުރީ އައިދަން، މިހާރު ގެނައީމަވެސް ކަމު ނުދިޔައީތަ؟” އައިދަންގެ ކޮނޑުގައި ޖަހާލަމުން ޒިއާމް ބުނެލިއެވެ.
“ނޫނޭ. ދެން އަހަރުންނަށް ޒެޑް ގެއްލޭނެތީވެ ކަންބޮޑު ވަނީ ދޯ މައި؟” އައިދަން މައިރާއަށް ބަލާލިއެވެ.
“ނެތެއްނު ސަލާމަތެއް؟ މި ހުރިހާ ދުވަހު ކީ މީހަކާ އިންނާށޭ، މިހާރު އިންނަން އުޅޭތީ ކަމަކު ނުދިޔަ. ކިހިނެއް ހަދަން ވީ؟ މައި، މީނައަށް ކިހިނެއް ހަދާފަތަ މި ހުންނަނީ؟ ހިއެއް ނުވޭ މިހާރު ސިކުނޑި ހަމަޖެހޭ ހެންނެއް” ޒިއާމްވެސް ވާހަކަ ދެއްކީ ސަމާސާ ކުރަމުންނެވެ.
“އޭނަ ކިޔާ އެއްޗަކާ އަޅާލާނެ ކަމެއް ނެތް. ވަރަށް އުފާ ވެއްޖެ ޒިއާމް މެރީ ކުރަން އުޅޭތީ. ޔަލްދާ، ފެމިލީއަށް ވެލްކަމް އިނގޭ” ޒިއާމްއާ ޖެހިގެން އިން ޔަލްދާއަށް ގޮވާލަމުން މައިރާ ބުންޏެވެ.
ޔަލްދާ އެއްޗެއް ނުބުނެ ހީލިއެވެ. ހާފިޒް ގެޔަށް އައުމުން އެންމެން އެކީ ކައިގެން އިރުކޮޅަކު ތިބެފައި އައިދަންއާ މައިރާއާ އެކު ޒިއާމްއާ ޔަލްދާވެސް ދިޔައީ އައިދަންގެ އެޕާޓްމެންޓަށެވެ. އެންމެން ތެރޭ ސަކަރާތް ނުޖެހޭނެތީ އެ ޚިޔާލު ދިނީ އައިދަންއެވެ. އައިލަމްއާ ހަމްނާއަށްވެސް މައިރާ ގުޅިއެވެ. އައިމަލްއާ ޝާރިމް އައި އިރު ހަމްނާއާ ނާއިފްވެސް އައެވެ.
ޔަލްދާއަކީ އައިމަލްގެ އެކުވެރިއަކަށް ވީ ނަމަވެސް މައިރާމެންނަށް ޔަލްދާ އެނގުނީ ވަރަށް ފަހުން ކަމަށް ވާތީ މައިރާ ޔަލްދާއާ އެކި އެކި ސުވާލު ކުރަމުން ދިޔައެވެ. ހަމްނާއާ އައިމަލްވެސް ތިބީ ޔަލްދާ ދޭ ޖަވާބު އަޑު އަހާށެވެ. އައިމަލްއެކޭ އެއްގޮތަށް އެހެން ކުދިންނާ ޔަލްދާ އެކުވެރި ވާކަށް ގިނަ އިރެއް ނުނެގިއެވެ.
ދިހައެއް ޖަހަން އުޅެނިކޮށް ހަމްނާ ޚިޔާލު ދިނީ ބިރުވެރި ފިލްމެއް ބަލާށެވެ. ޔަލްދާއަށް ލަސް ވެދާނެތީ ޒިއާމް ސުވާލު ކުރުމުން ފިލްމް ބަލަން މަޑުކުރާން ޔަލްދާ އެދުމުން ޒިއާމް ދެކޮޅެއް ނުހަދައެވެ. އެހެން ތިބެ ކޮންމެވެސް އެއްޗެއް ކާން ވާނެޔޭ މައިރާ ބުނުމުން އައިދަން ޕިއްޒާއަށް ގުޅިއެވެ. ފިލްމް ފެށިގެން ގިނަ އިރެއް ނުވެ ޕިއްޒާ ގެނައެވެ.
ފިލްމްގެ ވަކި ހިސާބަކުން އައިމަލްއާ ޝާރިމް ދާން ޖެހުނެވެ. އެ މީހުންނާ އެކު ހަމްނާއާ ނާއިފްވެސް ނިކުތެވެ. ވަރުބަލި ވެފައި އިން މައިރާ ސޯފާގައި ދެމިލަމުން އައިދަންގެ ކޮނޑުގައި ބޯ އަޅާލިއެވެ. އިރުކޮޅަކު އެހެން އިނދެފައި މައިރާ ތެދުވީ ފާހާނާއަށް ދާން ބޭނުން ކަމަށް ބުނަމުންނެވެ. އައިދަން މައިރާއާ އެކު ކޮޓަރިއަށް ވަނެވެ. އެ ދެމީހުން އެ ދިޔައީ ޒިއާމްއާ ޔަލްދާއަށް އެކަނިވެލާނެ ފުރުސަތެއް ދޭން ކަން ޒިއާމްއަށް ވިސްނުނެވެ.
ޒިއާމް ޔަލްދާއާ ކައިރި ވެލާފައި އަތުގައި ހިފާލިއެވެ.
“ދާން ވީތަ؟” ޒިއާމް އަހާލިއެވެ.
“ލަސް ވެއްޖެ ދޯ؟” ޒިއާމްގެ މޫނަށް ބަލާލި ޔަލްދާ ގެޔަށް ދާން ބޭނުން ވާހަކައެއް ނުބުނެއެވެ.
“ޔަލްދާ ބުނީމަ ދާންވީ” ޒިއާމް ގޮތެއް ނިންމުމަށް ދޫކޮށްލީ ޔަލްދާއަށެވެ.
އެއްޗެއް ނުބުނެ ޔަލްދާ ޓީވީއާ ދިމާއަށް ބަލަން އިރުކޮޅަކު އިނެވެ. ޒިއާމް ޔަލްދާގެ އަތުގައި ހިފާލައިގެން އިނެވެ.
“ޒިއާމް…؟” ޔަލްދާ ޒިއާމްގެ މޫނަށް ބަލާލަމުން ގޮވާލިއެވެ.
“ހްމްމްމް…؟” ދެ އަތުން ޒިއާމްގެ މޫނުގެ ދެ ފަރާތުގައި ހިފާލަމުން އިސްނެގީ ޔަލްދާއެވެ. ޒިއާމްއަށްވެސް ދުރުގައެއް ނީނދެވުނެވެ. އެ ގޮތުގައި ހޭދަވީ ކިހާ އިރެއް ކަމެއް ނޭނގެއެވެ. ކޮޓަރީގެ ދޮރު ހުޅުވާލި އަޑު އިވުމުން ޔަލްދާ ދުރަށް ޖެހިލާ ދެ އަތުން އިސްތަށިގަނޑު ރީތިކޮށްލިއެވެ. ޒިއާމް ލޯ މަރާލުމަށް ފަހު ލޯ ހުޅުވާ ބަލާލިއެވެ. އައިދަންއާ މައިރާގެ މޫނުމަތީ ވި ހިނިތުންވުން ފެނުމުން ޒިއާމްއަށް އުނދަގޫވިއެވެ. އައިދަން އައިސް ޔަލްދާއަށް ނުފެނި ޒިއާމްގެ ކޮނޑުގައި ޖަހާލިއެވެ.
“ދެން ދާން ވީ ދޯ؟” ޒިއާމް ޔަލްދާ ގާތު އަހާލިއެވެ.
ބޯ ޖަހާލަމުން ޔަލްދާ ޒިއާމްއާ އެކު ތެދުވިއެވެ. ރަކިވެފައި ހުރެ މައިރާއަށް ބަލާލަމުން ދަނީއޭ ބުނެފައި ޔަލްދާ އަވަސްއަވަހަށް ނިކުތެވެ.
“ޒެޑް!” ޒިއާމް ނިކުތުމުގެ ކުރިން އައިދަން ގޮވާލިއެވެ.
ޒިއާމް ހުއްޓިފައި ބަލާލި އިރުވެސް އައިދަން ރަނގަޅު އެއްޗެއް ނުބުނާނެ ކަން އެނގެއެވެ.
“ކެތް ކުރަން ދަސް ކުރަން ޖެހޭ އިނގޭ” އައިދަން ބުންޏެވެ.
“އައިދަން!” މައިރާ އައިދަންގެ ނަމުން ގޮވާލި އަޑު އިވުނެވެ.
“ތީ ވަރަށް ކެތް ކުރި މީހެއްނު؟ މެރީ ކުރަން ގަޑިއެއްގެ އިރަށް ވުރެ ކައިރި ވީ އިރުވެސް މައި ކައިރިން ދުރަށް ނުދެވިގެން އުޅުނު ހަނދާން ވޭތަ؟” ހިނި އައިސްފައި ޒިއާމް އެހެން ބުނެފައި އައިދަންއަށް ޖަވާބެއް ނުދެވެނީސް ދޮރު ލައްޕާލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.








Salaam, here’s part 7, hope u like this. Part 8 on Thursday. ?