މި ހިތުން މަޤާމޭ މި ދެނީ 6
“ހޫ އިޒް ޝީ؟” އިރުކޮޅަކު ވާހަކަ ނުދައްކާ އޮވެފައި އައިދަން އެހިއެވެ.
ޒިއާމް ޖަވާބެއް ނުދިނެވެ.
“ޒިއާމް… އެޓް ލީސްޓް ނަން ބުނެބަލަ” އައިދަން އެދުނެވެ.
“ނޯ!” ޒިއާމް ބުންޏެވެ.
“ކީއްވެ؟” އައިދަން ޒިއާމްއަށް ބަލާލިއެވެ.
“ކިތައް ފަހަރު ބުނިއްޔާ އައިދަން އެ ވާހަކަ ނުދައްކާނީ؟” ޒިއާމްގެ އަޑުގައި ހިތްހަމަ ނުޖެހުން ވިއެވެ.
“ކިތައް ފަހަރު އެހިއްޔާ ޒެޑް ކިޔާދޭނީ؟” އައިދަން ގޮތްދޫނުކޮށް އެހިއެވެ.
“ހަނދާން ނައްތާލަން ބޭނުމީ… އައިދަން އަބަދު އަހަންޏާ ކިހިނެއް ހަނދާން ނެތޭނީ؟” ޒިއާމް ބުންޏެވެ.
“އަހަރެން ނޭހިއްޔާ ހަނދާން ނެތޭނެތަ؟ ދެންމެވެސް… ޔޫ ލަވް ހަރ ޓޫ މަޗް ޓު ފޮގެޓް…” އައިދަން ބުނެލީ އެކަން ޔަގީން ވާތީއެވެ.
“ޕްލީޒް… ޑޯންޓް…” ލޯމަތީ އަތް އަޅާލަމުން ޒިއާމް އެދުނެވެ.
އައިދަން އެއްޗެއް ނުބުނެ ޒިއާމްއާ ދިމާއަށް ބަލާލިއެވެ.
“ޒިއާމް…” އައިދަން ލަސްލަހުން ގޮވާލިއެވެ.
“ސީރިއަސްލީ އައިދަން، އެ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން. ވެގެން ވާނަމަ އެއްވެސް ކަމެއް ހަނދާނެއް ނުކުރާނަން. އެކަމަކު އެހެންނެއް ނުވޭ. ކިތަންމެ ކިޔާދޭން ބޭނުން ވިޔަސް ކިޔާނުދެވޭނެ ކަންތައް ހުންނާނެ. ލޯބި ވުމާ ނުވުން، ހަނދާން ކުރުމާ ނުކުރުން އެއީ ޗޮއިސްއެއް ނޫން. އެހެން ނަމަ އަހަރެން ލޯތްބެއް ނުވާނަން، ހަނދާނެއްވެސް ނުކުރާނަން. ވެ ނިމިފަ އޮތް ކަމަކާ ވިސްނާ، އެ ވާހަކަ ދައްކައިގެން ކޮން ކަމެއް ވާނީ؟ ވީ ކަމެއް ނުވާ ކަމަކަށް ނުވާނެ. ވީ ގޮތެއް ބަދަލެއްވެސް ނުވާނެ. އެހެން ވީމަ އެންމެ ރަނގަޅު ވާނީ އެ ވާހަކަ ނުދެއްކުން. އައިދަންއަށް އެނގުނަސް އެއްވެސް ކަމެއް ބަދަލެއް ނުވާނެ. އަހަރެން ދެކެ ލޯބި ނުވުން އެއީ އޭނަގެ ކުށެއް ނޫން. އަހަރެން ލޯބި ވިޔަސް އޭނަ ލޯބި ވާކަށް ނުޖެހޭ. އޭނައަށް ލޯބި ވެވުނީ އެހެން މީހެއް ދެކެ. އެހެން ވިޔަސް އަހަރެން ޝަކުވާއެއް ނުކުރާނަން. އެއީ އޭނަގެ ކުށެއްވެސް ނޫން. އޭނަ އުފަލުން ހުރުން އަހަންނަށް އެންމެ މުހިންމު ކަމަކީ. އެހެން އެކަން އޮތްހާ ދުވަހަކު އަހަރެންގެ ޝަކުވާއެއް ނެތް. އަހަންނަށް އެނގޭ އޭނަ ހުރީ އުފަލުން ކަން. ދެޓް އިޒް އިނަފް ފޯރ މީ” އޭގެ ކުރިން ދުވަހަކުވެސް އެ މައުޟޫއަށް އެއްޗެއް ނުބުނާ ވަރަށް އެރޭ ޒިއާމް ވާހަކަ ދެއްކިއެވެ.
ޒިއާމްގެ ވާހަކަ އަޑު އަހަން އިން އައިދަންއަށް ޒިއާމްއާ ދިމާއަށް ބަލާލެވުނީ ގަބޫލު ނުކުރެވިގެންނެވެ. އެހާ ވަރަށް ލޯބި ވާ އިރުވެސް ޒިއާމް އެ އަންހެން ކުއްޖާ ކާމިޔާބު ކުރަން މަސައްކަތް ނުކުރާތީއެވެ.
“ޔޫ ވޯންޓް އީވަން ޓްރައި؟” އައިދަން އަހާލިއެވެ.
“އައި ނޯ ދެޓް ޝީ އިޒް ހެޕީ. އެ ނިމުނީއެއްނު؟” އައިދަންއަށް ބަލާލަމުން ޒިއާމް އެހެން ބުނެފައި ހީލިއެވެ.
އައިދަން ދެ ފަރާތަށް ބޯ ހަލުވާލިއެވެ.
“ކީއްވެ ނަން ނުބުނަން ތި އުޅެނީ؟” އައިދަން އަހާލިއެވެ.
އެ ސުވާލަށް ޒިއާމް ޖަވާބެއް ނުދިނެވެ.
“މައިރާ ކައިރީވެސް ނުބުނަންތަ؟”
އައިދަންގެ އެ ސުވާލާއެކު ޒިއާމް ސިހުނު ނަމަވެސް އެކަމެއް ނުދައްކައެވެ.
“މައިރާއަށް އެ ގަރލް އެނގޭތަ؟” އައިދަން އަނެއްކާވެސް އެހިއެވެ.
“އެކަކަށްވެސް ނޭނގޭނެ” ސިއްރުން ކަހަލަ ގޮތަކަށް ޒިއާމް ބުންޏެވެ.
ދެ މީހުންގެ މެދުގައި ދެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ.
“ދެން ހިނގާ ދާން. އެންމެން މިހާރު މޫޑް ގޯސް ވެފަ ކަންނޭނގެ ތިބޭނީ” ޒިއާމް ޖޯލިން ތެދުވިއެވެ.
“ޒެޑް…!” އައިދަން ގޮވާލިއެވެ.
ޒިއާމް ހުއްޓިފައި އައިދަންއަށް ބަލާލިއެވެ.
“ޕްލީޒް. ދެން އެ ވާހަކަ ހުއްޓާލާ! އިތުރަށް ސުވާލު ނުކުރޭ!” ޒިއާމްގެ އަޑުގައި ވީ އާދޭހެވެ.
“ސޮރީ ބްރަދަރ!” އައިދަން ތެދުވެގެން އައިސް ޒިއާމްގެ ކޮނޑުގައި މަޑުމަޑުން ޖަހާލިއެވެ.
ޒިއާމް އެއްޗެއް ނުބުނެ ބޯ ޖަހާލިއެވެ.
“އައި ވޯންޓް ޔޫ ޓު ބީ ހެޕީ… ޕާސްޓް ދޫކޮށްލާފަ ފިއުޗަރއާ ކުރިމަތި ލީމަ ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ. އަހަރުމެންނަށް ޓަކާ ނޫނިއްޔާ ތިއްތައަށް ޓަކާ ނަމަވެސް ޓްރައި ކުރާނަން ދޯ؟” އައިދަން އެދެނީ އައިދަން ފަދައިން ޒިއާމްވެސް ދިރިއުޅުމެއް ފެށުމެވެ. ކުރީގެ ކަންތައް ހަނދާން ނައްތާލާ، މައިރާ ފަދަ އަންހެން ކުއްޖަކު ޒިއާމްގެ ޙަޔާތަށް ގެނައުމެވެ.
ޒިއާމް ޖަވާބެއް ނުދެއެވެ.
“ތިއްތިއަށް ކަމެއް ދިމާ ވެގެންތަ އުޅެނީ؟” އަޒްހާ ސުވާލު ކުރީ އާލިޔާއާއެވެ.
“ނޭނގެ… އެ ކަހަލަ ކަމެއް ވީ ކަމެއް ނުދެނަހުރިން… ތިއްތައަށް އެނގޭނެތަ؟” އާލިޔާގެ ހިތުގައިވެސް ވީ އެފަދަ ސުވާލުތަކެކެވެ.
“ނޭނގެ… ތިއްތައަށް ނޭނގުނަސް ދޮންބެއަށް އެނގޭނެ… މައިއަށް އެނގޭތަ؟” އަޒްހާ އަހާލީ މައިރާއަށް އެނގިފައި އޮވެދާނެ ހެން ހީވާތީއެވެ.
“ނޫން، ނޭނގެ” މައިރާ ބުންޏެވެ.
އައިދަންއާ ޒިއާމް އެކުގައި އަންނަ ތަން ފެނުމުން މައިރާ އެ މީހުންނާ ދިމާއަށް ދިޔައެވެ.
“ޔޫ އޯކޭ؟” މައިރާ ޒިއާމްއާ ސުވާލު ކޮށްލީ ހަގީގަތުގައިވެސް ޒިއާމްއާ މެދު ކަންބޮޑުވެފައި ވާތީއެވެ.
“ބޮލުގަ ރިއްސާ ކުޑަކޮށް… ޖައްސާލަން މި ދަނީ…” މައިރާއާ ހަތަރުކަޅި ހަމަކުރަން ފަސް ޖެހިފައި ދުރު ބަލާލަމުން ޒިއާމް ބުންޏެވެ.
ޒިއާމް ދިޔުމުން އައިދަންއާ މައިރާވެސް ގެއަށް ވަނެވެ. އޭގެ ފަހުން އެހެން މީހުންވެސް ގިނަ އިރަކު ބޭރަކު މަޑެއް ނުކުރެއެވެ.
އަނެއް ދުވަހު އިރުއެރުމާއެކު އެންމެންނާ ޒިއާމް ބައްދަލު ވީ ކުރީރޭގެ ހުރިހާ ކަމެއް ހަނދާން ނައްތާލުމަށް ފަހު ކަހަލައެވެ. މުޅި ދުވަހު ސަކަރާތް ޖެހުމާ، ކުޅިވަރުގައި އެންމެންނަށް ވުރެ ކުރީގައި އުޅުނީ ޒިއާމްއެވެ. ހަވީރު ފުރަން ވަންދެންވެސް އެއްވެސް މީހަކު ޒިއާމްއާ މެދު ކަންބޮޑު ވާނެ ފުރުސަތެއް ޒިއާމް ނުދެއެވެ.
ދަތުރު ނިންމާލާފައި އެންމެންނަށް މާލެއަށް އާދެވުނު އިރު އިރު އޮއްސިއްޖެއެވެ. ވެފައި ހުރި ވަރުބައްޔާއެކު އެރޭ އެކަކުވެސް ގޭގައި ކައްކާކަށް ނުހަދައެވެ. ފެންވަރާ ނަމާދު ކޮށްގެން އެންމެންވެސް ކާން އައީ ރައިހާނާގެ އެދުމަށް އެ ބަޔަށެވެ. ވަރުބަލި ވެފައި އިން މައިރާ ފެނިފައި ނިދަން ދިޔުމަށް ރައިހާނާ ބުނުމުން އައިދަންއާ މައިރާ ދިޔައީއެވެ. ޒިއާމް ކޮޓަރިއަށް ވަނީ އާލިޔާއާ އަޒްހާވެސް ކުދިން ގޮވައިގެން ދިޔުމުންނެވެ.
ވަރުބަލި ވެފައި ހުރި ނަމަވެސް ޒިއާމްއަށް ނިދަން ފަސޭހައެއް ނުވިއެވެ. ދެ އަހަރަށް ވުރެ ގިނަ ދުވަސް ވީ އިރު، އެ ލަވައަކީ ޒިއާމް އަބަދުވެސް އަޑުއަހާ ލަވައެކެވެ. އެ ބަސްތަކަކީ ޒިއާމްގެ ހިތުގެ އަޑު ފަދައެވެ. އެރޭ އެ ލަވައިގެ ބަސްތަކުން ޒިއާމްގެ ހިތަށް އެހާ އަސަރު ކުރީ މައިރާގެ ކުރިމަތީ އެ ލަވަ ކިޔުމުން ހެއްޔެވެ؟ އެ ހުރިހާ ދުވަސް ވަންދެން ހިތުގައި ފޮރުވައިގެން އުޅުނު އިހުސާސްތައް އެރޭ ނޫނީ އެ ގޮތަށް ޒިއާމްގެ ލޮލުން ފާޅުވިޔަ ނުދެއެވެ. އަނެއްކާވެސް އެ ހުރިހާ ކަމަކާ ދުރަށް ދާންވީ ހެއްޔެވެ؟ އައިދަންއާ މައިރާ އެކުގައި ފެނުމުން ޒިއާމްގެ ހިތަށް ތަދުވެއެވެ. ޒިއާމްގެ ހިތުގައި އައިދަންގެ އުފަލާމެދު ބުރަކަމެއް ނުވެއެވެ. އެކުގައި އުޅެ ބޮޑުވި ކޮއްކޮގެ އުފާވެރިކަމަށް ހުރަހެއް ދިމާނުވޭތޯ ޒިއާމް ހިތާހިތުން އެދެއެވެ. އަދި ޒިއާމްގެ ހިތް އެ ކޮއްކޮގެ މައްޗަށް ބުރަ ނުވޭތޯ ދުޢާ ކުރެއެވެ.
“އާހ….!” މޭގައި ބާރަށް ޖަހާލަމުން ޒިއާމް އެނދުން ތެދުވިއެވެ. ސައިޑް ޓޭބަލް މަތީ ހުރި ފެންތަށި ބޯލިއެވެ. ދެ އަތުން އިސްތަށިގަނޑުގައި އަތްފުނާ އަޅާލިއެވެ. ލޯ މަރައިގެން އިރުކޮޅަކު ހުރުމަށް ފަހު ފާހާނާއަށް ވަދެ ވުޟޫކޮށްލައިގެން އައިސް ނަމާދު ކުރުމަށް ފަހު ހިތަށް ހަމަ ޖެހުން ދެއްވާތޯ ދުޢާ ކުރިއެވެ.
އެރޭ ޒިއާމްއަށް ނިދަން ވަރަށް އުނދަގޫވިއެވެ. ދެ ފަރާތަށް ފުރޮޅިފުރޮޅި އޮއްވާ ފަތިސްނަމާދަށް ބަންގި ގޮވުމުން ޒިއާމް ނަމާދަށް ދާން ތެދުވި އިރު ހުރީ ބޮލުގައި ރިއްސަން ފަށާފައެވެ. ނަމާދުން އައިސް ރަޒާނާ ކޮފީ ބޯން ބުނުމުން ނިދާލަން ބޭނުން ކަމަށް ބުނެ ޒިއާމް ވަނީ ކޮޓަރިއަށެވެ. ހަތެއް ޖެހި އިރުވެސް ޒިއާމް ހޭނުލާތީ ރަޒާނާ ޒިއާމްއަށް ގޮވަން ދިޔަ އިރު ޒިއާމް އޮތީ ހުން އައިސްފައެވެ.
މުޅި ދުވަހުވެސް ޒިއާމް ހުން ނުފިލާ އޮތް އިރު އެންމެންވެސް ތިބީ ޒިއާމްއާ މެދު ކަންބޮޑުވެފައެވެ. އެ ދުވަހު އޮފީހުން އައި ގޮތަށް މައިރާ ޒިއާމްގެ ހާލު ބަލާލަން އައި އިރު ޒިއާމް ކައިރީ ރަޒާނާ އިނެވެ.
“ތިއްތާ، ޒިއާމް އަދިވެސް ހުން ނުފިލާތަ؟” މައިރާ އަހާލިއެވެ.
“ހުން މަޑުވެލާފަވެސް އަނެއްކާވެސް ގަދަ ވަނީ. އެކަމަކު ޑޮކްޓަރަށް ދައްކާކަށް ގަބޫލެއް ނުވި. ބޭސް ކައިގެން ރަނގަޅު ވާނެޔޭ ކިޔާފަ އޮންނަނީ. މާދަމާވެސް ހުން ނުފިލަންޏާ ކޮންމެސް ގޮތަކުން ހޮސްޕިޓަލަށް ގެންދަން ވާނީ” ދަރިފުޅާމެދު ކަންބޮޑުވެފައި ވާވަރު ރަޒާނާގެ އަޑުން އެނގެއެވެ.
“އައިދަން ކައިރީ ބުނެގެން ދާންވީނު؟” މައިރާވެސް ޒިއާމްއާ މެދު ކަންބޮޑުވިއެވެ.
“މާދަމާ ބަލާލާފަ ރަނގަޅު ނުވަންޏާ އެހެން ހަދާނީ… ތިއްތަ އެބަ އަންނަން ނަމާދު ކޮށްލައިގެން” ރަޒާނާ ތެދުވިއެވެ.
އެނދު ކައިރީ ހުރި ގޮނޑީގައި މައިރާ އިށީނދެ ޒިއާމްގެ މޫނަށް ބަލާލިއެވެ. އެންމެ ދުވަހެއް ވީ އިރު ތެރޭ އެ މޫނު މިލާފައިވާ ވަރު ފެނުމުން މައިރާ ދެރަވިއެވެ. ހަމަ އެއާއެކު އެންމެންނަށް ސިއްރުން ޒިއާމް ކުރާ ހިތާމަ އެނގޭތީ އެކަމާވެސް މައިރާ ދެރަވެއެވެ.
“ޒިއާމްގެ ހިތަށް ލުއި ވާން އަހަރެން ބޭނުން… އެކަމަކު އަހަންނަށް އެއްވެސް ކަމެއް ކޮށްދެވޭކަށް ނެތް.. އައި ފީލް ސޯ ހެލްޕްލެސް… އައިއެމް ސޯ ސޮރީ…” މަޑުމަޑުން މައިރާ ވާހަކަ ދެއްކިއެވެ.
“މައިރާ…” ޒިއާމް ނިދީގައި އޮވެ ގޮވާލީ މައިރާގެ އަޑު އިވިގެން ކަހަލައެވެ.
މައިރާއަށް ސިހިފައި ފަހަތަށް ޖެހިލެވުނީ ޒިއާމްއަށް ހޭލެވުނީ ކަމަށް ހީކޮށެވެ. ނަމަވެސް މައިރާއަށް ގޮވާލާފައި ޒިއާމް އަނެއްކާވެސް ހިމޭން ވީއެވެ. މައިރާއަށް މޭގައި އަތް ޖައްސާލަމުން ހަމަ ޖެހިލެވުނީ ޒިއާމްއަށް ހޭނުލެވޭ ކަން އެނގުމުންނެވެ.
“މައިރާ، އޮފީހުން އައި ގޮތަށްތަ ތީނީ؟ ކާން ވީނު؟” އެ ވަގުތު ކޮޓަރިއަށް ވަން ރައިހާނާ މައިރާ ފެނުމުން ގޮވާލިއެވެ.
“އަންނާނަން އެއްޗެހި ބަދަލު ކޮށްލައިގެން” ރައިހާނާގެ އަޑަށް ސިއްސައިގެން ދިޔަ މައިރާ އަވަސް އަވަހަށް ތެދުވިއެވެ.
މައިރާ ނިކުތުމުން ރައިހާނާ ވަދެ ޒިއާމްގެ ނިތްކުރީގައި އަތް ޖައްސާލިއެވެ.
“އަދިވެސް ހުން ނުފިލާ…” ރައިހާނާއަށް ބުނެވުނީ އޭރުވެސް ޒިއާމްގެ ހުން މަޑު ނުވާތީއެވެ.
“މައިރާ…” ނިތްކުރިމަތީ އޮތް ރައިހާނާގެ އަތުގައި ހިފާލަމުން ޒިއާމް ގޮވާލީ ނިދީގައި އޮވެއެވެ. ނަމަވެސް އެ އަޑު އިވުމުން ރައިހާނާއަށް ކުއްލި ސިހުމެއް ލިބުނެވެ.
“ޒިއާމް…؟” ރައިހާނާގެ ހިތުގައި އުފެދުނު ޝައްކާއި އެކު ގޮވާލެވުނެވެ.
“އައި ލަވް ޔޫ…” ވައި އަޑުން ޒިއާމް ބުނެލިއެވެ.
ރައިހާނާއަށް ގަބޫލު ކުރަން ދަތިވިއެވެ.
“ޒިއާމް… މައިރާ…؟ ޒިއާމް މައިރާ ދެކެ ލޯބި…؟ އައިދަންއަށް އެނގޭބާ…؟” ރައިހާނާއަށް ސުވާލު ކުރެވުނީ އަމިއްލަ ނަފްސާއެވެ.
ޒިއާމްއާ ދިމާއަށް ބަލަން ހުރެވުނު އިރު ރައިހާނާގެ ހިތަށް އެކިއެކި ސުވާލުތައް އަރަމުން ދިޔައެވެ. އައިދަންއާ ގުޅުމުގެ ކުރިން މައިރާއާ ޒިއާމްގެ މެދުގައި އެ ފަދަ ގުޅުމެއް އޮތީ ހެއްޔެވެ؟ މައިރާ ފުރަތަމަ އައިދަންއަށް ފެނުނީ ޒިއާމްގެ ރައްޓެއްސެއްގެ ގޮތުގައެވެ. އެ ދެމެދުގައި އެ ފަދަ ގުޅުމެއް ކުރިން އޮތް ނަމަ އައިދަންއަށް އެނގި ހުރެ މައިރާއާ ކައިވެނި ކޮށްފާނެ ހެއްޔެވެ؟ އެ ފަދަ ކަމެއް ހިނގާފައި އޮތް ކަން އައިދަންއަށް ނޭނގެނީ ހެއްޔެވެ؟
އެ ފަދަ ސުވާލުތައް ހިތުގައި އުފެދުނު ނަމަވެސް އެހެން ވެދާނެ ކަމަކަށް ރައިހާނާއަށް ގަބޫލެއް ނުކުރެވުނެވެ. ޒިއާމްއާ މައިރާއާ ދެމެދު އެ ފަދަ ގުޅުމެއް އޮތް ނަމަ އައިދަން މައިރާއަކާ ނުގުޅޭނެއެވެ. އެއަށް ވުރެ އައިދަންއާ ޒިއާމް ގާތެވެ. އެއްބަނޑު އެއްބަފާ ނޫނަސް އެއީ ދެބޭންގެ ދެދަރި ދެ ކުދިންނެވެ. އެކުގައި ބޮޑެތި ވެގެން އައީ އެންމެ ގާތް އެކުވެރިން ގޮތުގައެވެ. ވީ އިރު އައިދަންއަށް އެނގި ހުރެ، ޒިއާމްގެ ހިތުގައި އެ ފަދަ މަގާމެއް ދެވިފައި ވީ އަންހެން ކުއްޖަކާ ނުގުޅޭނެ ކަން ރައިހާނާއަށް އެނގެއެވެ. ހަމަ އެހެން ޒިއާމްވެސް އެފަދަ ކަމެއް ނުކުރާނެ ކަން ރައިހާނާއަށް ޔަގީންވެއެވެ.
އެހެން ވިޔަސް ޒިއާމް މައިރާ ދެކެ ލޯބި ވާކަން ރައިހާނާއަށް ޔަގީން ވެއްޖެއެވެ. އެ ކަން އައިދަންއަށް ނޭނގޭ ކަންވެސް ޔަގީނެވެ. މައިރާއަށްވެސް އެނގޭ ހެން ހިއެއް ނުވެއެވެ. ލޯބި ވެވުމަކީ ގަސްތުގައި ކުރާ ކަމެއް ނޫނެވެ. ޒިއާމްއަށް ވީ އެހެން ހެއްޔެވެ؟ ހީނުކޮށް ހުއްޓާ މައިރާ ދެކެ ލޯބި ވެވުނީ ހެއްޔެވެ؟ އެހެން ކަމަށް ވާ ނަމަ އެންމެންނަށް ސިއްރުން ޒިއާމް އެ ކެތް ކުރަނީ ކިހާ ބޮޑު އަނިޔާއަކަށް ހެއްޔެވެ؟
އައިދަން ފަދައިން ރައިހާނާ ޒިއާމް ދެކެ ލޯބިވެއެވެ. ލޯބިވާ ކޮއްކޮގެ ހުރި ހަމައެކަނި ދަރިފުޅަކީ ރައިހާނާ ދެކޭ ގޮތުގައި ހަމަ ރައިހާނާގެވެސް ދަރިއެކެވެ. ރަޒާނާވެސް ޒިއާމްއާ، ރައިހާނާގެ އެއްވެސް ކުއްޖަކު ތަފާތު ނުކުރާ ހެން ރައިހާނާވެސް ޒިއާމްއާ އެހެން ކުއްޖަކާ ތަފާތެއް ނުކުރެއެވެ. ހިތުގެ ފުން މިނުން ޒިއާމް ދެކެ ލޯބި ވާ އިރު އެ ދަރިފުޅަށްވެސް ދުނިޔޭގެ ހުރިހާ އުފަލެއް ދެއްވުމަކީ ރައިހާނާ އަބަދުވެސް ކުރާ ދުޢާއެކެވެ. އަދި އަމްދުން އެހެން ހުރިހާ ކުދިންގެ ކައިވެންޏަށް ފަހު ޒިއާމްގެ ޙަޔާތަށްވެސް ރަނގަޅު އަންހެން ކުއްޖަކު އައުން ރައިހާނާ އެދެއެވެ.
އައިދަންއަށް ވުރެ ޒިއާމް ދޮށީ އިރު އެންމެންވެސް ހީކުރީ ފުރަތަމަ ކައިވެނި ކުރާނީ ޒިއާމް ކަމަށެވެ. ނަމަވެސް އައިދަން ކުރިން ކައިވެނި ކުރުމުން، އޭގެ ފަހުން ކައިވެނީގެ ވާހަކަ ރައިހާނާއާ ރަޒާނާ ޒިއާމް ގާތު ކިތައް ފަހަރު ދެއްކި ހެއްޔެވެ؟ އެއްވެސް ފަހަރަކު ސީދާ ޖަވާބެއް ޒިއާމް ނުދެއެވެ. އެ މީހުންނަށް ހީވެފައި އޮތީ ޒިއާމްގެ ޙަޔާތަށް އަދި އެ ފަދަ ޚާއްސަ އަންހެން ކުއްޖަކު ނާންނަނީ ކަމުގައެވެ. އެހެން ނަމަވެސް ޒިއާމް ކައިވެނި ކުރަން ބޭނުން ނުވަނީއެވެ. އެ ކަން ރައިހާނާއަށް އެނގުނީ އަދި ކިރިޔާއެވެ.
“ދޮންތާ…؟” ރަޒާނާ އައިސް ރައިހާނާގެ ކޮނޑުގައި ހިފާލުމުން ރައިހާނާ ސިއްސައިގެން ދިޔައެވެ.
“ކަމެއް… ކަމެއް ނުވޭ…” އަވަސް އަވަހަށް ރައިހާނާ ބުންޏެވެ.
“ހާދަ ވަރަކަށް ތި ސިހުނީ؟ ކޮން ހިޔާލެއްގަ އިނީ؟ އަހަރެން ގޮވާލީމަ އަޑުވެސް ނީވުނު…” ރައިހާނާ އިން ގޮތުން ރަޒާނާ އެހިއެވެ.
“ގޮވިންތަ؟ ޒިއާމް އަދިވެސް ހުން މަޑު ނުވާތީ އެކަމާ ވިސްނުނީ… ދެން ގޮވާފަ އެއްޗެއް ދީފަ ބޭސް ދޭންވީ ދޯ؟” ރައިހާނާ ހިތުގައި ވީ ޚިޔާލުތައް އެއްފަރާތް ކޮށްލަން މަސައްކަތް ކުރިއެވެ.
އަނެއް ދުވަހުވެސް ޒިއާމް ހުމެއް ނުފިލައެވެ. މެންދުރު އައިދަން އައިސް ޒިއާމް ގޮވައިގެން ހޮސްޕިޓަލަށް ދިޔުމުން ޒިއާމް އެނދުމަތި ކުރެވުނެވެ. ގެޔަށް އާދެވުނީ ހަތަރު ދުވަސް ފަހުންނެވެ. އެ ހަތަރު ދުވަހު ރައިހާނާގެ ގިނަ ވަގުތު ހޭދަވީ ހޮސްޕިޓަލުގައެވެ. އެ ދުވަހު ޒިއާމް ނިދީގައި ބުނެވުނު ބަހަށް ފަހު އެ ފަދަ އެއްޗެއް ނުބުނެއެވެ. ނަމަވެސް އެ ޚިޔާލު ރައިހާނާގެ ހިތުން ފިލައިގެން ނުދެއެވެ. އެކަމާ ރަޒާނާއާ ވާހަކަ ދައްކަން ބޭނުން ވި ނަމަވެސް އެ ވާހަކަ ދައްކާނެ ގޮތެއް ރައިހާނާއަކަށް ނުވިސްނުނެވެ. އެހެން މީހަކަށް އެ ކަން އެނގެން ޒިއާމް ބޭނުން ނުވާނެ ކަން ވިސްނޭތީ އެއްޗެއް ބުނަން ރައިހާނާއަށް ނުކެރެނީއެވެ. އެހެން ނަމަވެސް އެކަމާ ބެހޭ އެއްވެސް އެއްޗެއް ރަޒާނާއަށް އެނގޭތޯ ބަލަން ރައިހާނާ ބޭނުން ވިއެވެ.
ޒިއާމް ހޮސްޕިޓަލުގައި އޮތް ތިންވަނަ ދުވަހު މެންދުރު ރައިހާނާ ކާ އެއްޗެހި ހިފައިގެން ދިޔައިރު ރަޒާނާ އިނީ ފޯނެއްގައެވެ. ރައިހާނާ ވަން ތަނާ ފޯން ބޭއްވުމުން ކާކުތޯ އަހާލިއެވެ.
“މައިރާ. އިރުއިރުކޮޅާ ގުޅާފަ ޒިއާމް ކިހިނެއްތޯ އަހާ. ދޮންތަ ވަރަށް ނަސީބު ގަދަ. އައިދަންއަށް އެ ލިބުނީ ވަރަށ ްރަނގަޅު އަންހެން ކުއްޖެއް. ހިތަށް އަރާ މައިރާ ކަހަލަ ކުއްޖަކާ ޒިއާމްވެސް އިންނަ ނަމައޭ” ހިނި އައިސްފައި ރަޒާނާ ބުންޏެވެ.
“ނިދިފަތަ؟” ކޮތަޅު ބަހައްޓާފައި ރައިހާނާ އަހާލީ ޒިއާމްއާ ދިމާއަށް ބަލާލަމުންނެވެ.
“އާނ، ގަޑިއެއްހާ އިރު ވެއްޖެ ނިދުނުތާ” ރަޒާނާ ޖަވާބު ދިނެވެ.
“ރަޒާނާ… ޒިއާމް ކުރިން މީހަކާ އިންނަ ކަހަލަ ހިޔާލެއް ކުރިތަ؟” ރަޒާނާގެ އަތުގައި ހިފައިގެން ގޮސް ކޮޓަރީގައި ހުރި ސޯފާގައި އިށީނދެފައި ރައިހާނާ އަހާލިއެވެ.
“ކުއްލިއަކަށް ކޮން ކަހަލަ ސުވާލެއް ތި ކުރީ… ކިހިނެއް ވީ؟” ރައިހާނާ ކުރި ސުވާލުން ރަޒާނާ ހައިރާންވިއެވެ.
“ކަމެއް ވެގެންނެއް ނޫން… ޒިއާމް އެހެން ހުންނާތީ ހަމަ އަހާލީ” ރައިހާނާ ބުންޏެވެ.
“ޒިއާމް ދުވަހަކުވެސް ނުބުނޭ މީހަކާ އިންނަން ބޭނުން ވާހަކައެއް. ދުވަހަކުވެސް ގެއަށް ކުއްޖަކުވެސް ނުގެނޭ. އެކަމަކު… ޒިއާމް ކިޔަވަން ދިޔައެއްނު؟ އޭރު… އަހަންނަށް ހީވި ޒިއާމްއަށް ކަމެއް ދިމާ ވެގެން އުޅުނު ހެން… އޭނަ ނުވެއް ބުނޭ. އޭރު ދުވަސްކޮޅެއް ވެދާނެ ވަރަށް ފާޑަކަށް އުޅެތާ. އަބަދު ދެރަވެފަ ހުންނާނީ، އައިދަންއާވެސް އޭރު އުޅުނީ ތަންކޮޅެއް ދުރުން. އެހެން އުޅެފަ ކުއްލިއަކަށް ބުނީ ކިޔަވަން ދާން ބޭނުން ވާހަކަ.
އޭރު ކީއްވެ ކަމެއް ނޭނގެ، އަހަންނަށް ހަމަ ހީވީ ޒިއާމް އަންހެން ކުއްޖެއްގެ ކަންތަކާއޭ ދެރަވެގެން އުޅުނީ. ފުރަން އޮތް ދުވަހު އެހިން އެކަހަލަ ކަމެއް ދިމާވީހޭ. އަހަރެން އެހީމަ އޭނަ ހައިރާން ވީ، އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފަ ހިނި އައިސްފަ އެހީ އެއީވެސް މީހުން ކަންބޮޑުވާ ވަރުގެ ކަންތައްހޭ. ޒިއާމް ނުބުންޏަސް އަހަންނަށް އެނގޭ އޭރު އޭނަ އެކަހަލަ ކަމަކާ ކަން އުޅުނީ. އޭގެ ފަހަކުން ނާހަން.
ދޮންތަ ކީއްވެ ކުއްލިއަކަށް އެހެން ތި އެހީ؟” ކުރީގެ ވާހަކަ ބުނެފައި ރަޒާނާ އަހާލީ ރައިހާނާ އެ ސުވާލު ކުރުމުންނެވެ.
“ވަކި ކަމެއް ވެގެންނެއް ނޫން. ހިތަށް އެރީ އައިދަން މީހަކާ އިނީމަ ޒިއާމްވެސް އަވަހަށް މީހަކާ އިންނާނެ ނަމައޭ” ހީލަމުން ރައިހާނާ ބުންޏެވެ. ޒިއާމްގެ އެ ސިއްރު އިތުރު މީހަކަށް އަންގަން ބޭނުން ނުވެގެންނެވެ.
ރަޒާނާއާ އައިދަން، ޒިއާމް ގޮވައިގެން ހޮސްޕިޓަލުން އައި އިރު ރައިހާނާއާ މައިރާ ހުރީ ކާން ހަދާފައެވެ. ހާފިޒްވެސް ނުކައި މަޑުކޮށްގެން އިނީ އެ މީހުން އަންނަން ދެނެވެ.
“ހަފްތާއެއް ތެރޭ ޒިއާމް މުޅިން ހިކިއްޖެ…” ޒިއާމް އިށީނުމުން ބޮލުގައި ފިރުމާލާފައި ރައިހާނާ ބުންޏެވެ.
“އެހާ ހިކިއްޖެތަ؟” ހީލަމުން ޒިއާމް އެހިއެވެ.
ކައި ނިމިގެން އޮށޯވެލަން ދާށޭ ރަޒާނާ ބުނުމުން ޒިއާމްއާ އެކު އައިދަންވެސް ދިޔައެވެ.
“ޒެޑް ބަލި ވީމަ މުޅިން ސަކަރާތް. ގޭތެރޭގަ މަޖާވެސް ކޮށް ނުލެވުނު” ޒިއާމް އެނދުގައި އިށީނދެ ހަމަ ޖެހިލުމުން ޑްރެސިންގޓޭބަލް ކައިރީ ހުރި ގޮނޑި އެނދާ ކައިރިކޮށްލާފައި އިށީނދެ ދެފައި އެނދުގައި ޖައްސާލާ ހަމަޖެހިލިއެވެ.
“އަދިވެސް މަޖާ ކުރަން އެހެން މީހުން ބޭނުން ވޭތަ؟ މައި ގޮވައިގެން މަޖާ ކޮށްބަލަ” ޒިއާމް ބުންޏެވެ.
“މައިއާ އެކީ އަހަރެން ކުރަން ބޭނުން ކަންތައް ކުރަމޭ ޒެޑް ނުބުންޏަސް. އެކަމަކު އެންމެން އެކީވެސް ޖެހޭނެއެއްނު ސަކަރާތް ޖަހާ މަޖާ ކޮށްލަން؟” އައިދަން ހިނި އައިސްފައި ބުންޏެވެ.
“މީނަ މީހަކާ އިނީމަވެސް މަށަކަށް ފްރީއެއް ނުވެވޭ. އަހަންނާ ނުލާ ކަމެއް ނުވޭ. ދޭބަލަ އަބަދު މައިގެ އުނގުގަ އޮންނަން” ޒިއާމް ކޮށްލީ ޝަކުވާއެއް ނަމަވެސް އަޑުގައި ވަނީ ސަމާސާއެވެ.
“ވައިފްއަކީ ވައިފް، ބެސްޓް ފްރެންޑްއަކީ ބެސްޓް ފްރެންޑް. މެރީ ކުރިޔަސް އައި ނީޑް ޔޫ އިން މައި ލައިފް” އައިދަން ބުންޏެވެ.
“މިހާރު އެންމެ އިސްކަމެއް ދޭން ވާނީ މައިއަށް. އަނެއްކާ މިހާރު މައި ޕްރެގް. އައިދަން ވާނެ މައިއަށް ވަރަށް އަޅާލަން” ޒިއާމް ބުންޏެވެ.
“މައިއަށް ޓައިމް ދެމޭ. ދެން ތިހާ ވިސްނޭ މީހާ ކީއްވެތަ މެރީ ނުކޮށް ތި ހުންނަނީ؟ ތިއްތަވެސް ބޭނުން ވާނެއެއްނު މާމަ ކުދިން؟ ޒެޑްއަށް އެކަނި ތިއްތައަށް މާމަ ކިޔާނެ ކުއްޖަކު ހޯދާދެވޭނީ. ތިހެން ހުރެ މުސްކުޅި ނުވަނީސް މީހަކާ އިންނަން އުޅޭ” ގޮނޑީގައި ހަމަޖެހިލަމުން އައިދަން ޒިއާމްއާ ދިމާކޮށްލިއެވެ.
“އަނެއްކާ އެ ވާހަކަ ފަށަންތަ ތި އުޅެނީ؟” ޒިއާމް ލޯ މަރާލިއެވެ.
“ވާހަކައެއް ފަށާކަށް ނޫޅެން. ކޮންމެސް ދުވަހަކުން މެރީ ކުރަން ޖެހޭނެއެއްނު؟ ދަރިން ހޯދަން ޖެހޭނެއެއްނު؟ އެ ވާހަކަ މިބުނީ” އައިދަންގެ އަޑުގައި ކުރިން ހުރި ސަމާސާ ގޮތެއް ނެތެވެ.
ޒިއާމް އެއްޗެއް ނުބުނެއެވެ.
“އާލިމެން ޕްރެގް ވީ އިރު ވަރަށް ބަލިވިއެއްނު؟ ހޮޑުލާ، ބޯ އަނބުރާ ކަންތައް ވިއެއްނު؟ މައި ބުނީ އެކަހަލަ އެއްވެސް ކަމެއް ނުވެޔޯ” އައިދަން އެހެން ވާހަކައެއް ފެށިއެވެ.
“އެންމެންނަށް އެއް ގޮތެއް ނުވެދާނެއެއްނު؟ ނަސީބެއްނު މައިއަށް އެ ހުރިހާ ގޮތެއް ނުވާކަން” ޒިއާމް ބުންޏެވެ.
“ހޫނ…” ހިނި އައިސްފައި އިނދެ އައިދަން އަޑެއް ލައްވާލިއެވެ.
“ސޯ… ކިހިނެއް ފީލް ވަނީ ބައްޕައަކަށް ވާން އުޅޭތީ؟” ޒިއާމް އެހިއެވެ.
“ވަރަށް އެގްޒައިޓިންގ… އެކަމަކު ބިރުވެސް ގަނޭ” އައިދަން ޖަވާބު ދިނެވެ.
އައިދަންއާ ޒިއާމް އެ ވާހަކަ ދައްކަން ތިއްބާ މައިރާ ވަނެވެ. އިރުކޮޅަކު ވާހަކަ ދައްކަން ތިބެފައި ޒިއާމް އަރާމު ކުރަން ބޭނުން ވާނެޔޭ ބުނެ އައިދަންގެ އަތުގައި ހިފައިގެން މައިރާ ނިކުތެވެ.
އެކަނި ވުމުން އައިދަން ދެއްކި ވާހަކައާ މެދު ޒިއާމް ވިސްނިއެވެ. ޒިއާމް ކައިވެނި ކުރުމަކީ މަންމަ ވަރަށް އެދޭ ކަމެއް ކަން ޒިއާމްއަށް އެނގެއެވެ. އަދި މިހާރު އައިދަންއަށް ކުއްޖަކު ލިބެން އުޅޭ އިރު ޒިއާމްގެ ދަރިއަކު އުރާލެވޭނެ ދުވަހަކަށް މަންމަ އިންތިޒާރު ކުރާކަންވެސް ޒިއާމްއަށް އެނގެއެވެ.
ޒިއާމް އެ ވަގުތު ގޮތެއް ނިންމިއެވެ. މާޒީގެ ހުރިހާ ކަމެއް ހިތުގައި ފޮރުވާފައި ދިރިއުޅުމާ ކުރިމަތި ލާންވީއެވެ. މަންމައަށް ޓަކައެވެ. ރަޒާނާގެ ދިރިއުޅުންވެސް މިހާރު އެ ވަނީ ފަޅުވެފައެވެ. އާރިޒް ނިޔާވުމަށް ފަހު ރައިހާނާއާ ހާފިޒްއާގެ އެދުމަށް އެ މީހުންނާ އެކު އެއް ގެއެއްގައި އުޅުނު ނަމަވެސް އާރިޒް ނެތުމުން އެ ހުސްކަން އަދިވެސް ރަޒާނާއަށް އިހްސާސް ކުރެވޭކަން ޒިއާމްއަށް އެނގެއެވެ. ވީ އިރު އެ ހުސްކަން ރަޒާނާގެ ޙަޔާތުން ފިލުމަށް އެހީ ވެދޭން ހުރީވެސް ޒިއާމް އެކަންޏެވެ. ވީ އިރު އެ މަންމައަށް ޓަކާ ޒިއާމްއަށް ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ ދިރިއުޅުމެއް ފެށުމެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.








Hi, sorry vaahaka mihaa lahun genesdheythy, but kameh dhimaa vegen dhuvaskokhakah vaahaka genesnudhevuny. Insha Allah dhen medhu nukandaa Monday n Thursday ga genesdheveytho balaanan. Hope u like this part too. Part 7 on Monday. Happy Friday to all.
❤️❤️❤️❤️❤️❤️ Lots n lots
Varah reethi Maasha Allah ???
Rasheedha Ali