ތިން ލަފްޒުން (12)
ސުހާން ކާރު މަޑުކޮއްލީ ތަންކޮޅެއް ދުރުގައެވެ. އެވަގުތު މަގުގެ އެއްފަރާތުން ހިނގާފައި އައި ލަމްހާއަށް ސުހާންގެ ކާރު ފެނުނެވެ. އެދިމާއަށް ހިނގައި ގަތްތަނާ ކާރުން ފޭބި ސިއާ ފެނިފައި ލަމްހާގެ ފިޔަވަޅު ހުއްޓުނެވެ.
****
ސުހާންގެ ކާރުން ސިއާ ފޭބިތަން ފެނިފައި ލަމްހާގެ މެޔަށް ހީވީ ހޫނު ފެން އެއްޗެއް ޖެހިހެނެވެ. އެއްވެސް އިހްތިޔާރަކާ ނުލައި މެޔާ ދިމާލުގައި އަތް އެޅުނީ ހިތާއި ނާރުތަކުގައި މީހަކު ބާރަށް ހިފާ ފިއްތާލި ކަމުގެ އިހްސާސެއް ކުރެވުމުންނެވެ.
ލަމްހާ އަވަހަށް ދުރަށް ހިނގައިގަތެވެ. އޭރު އެލޮލުން ކަރުނަ ހިލިއްޖެއެވެ. ލޯ ފުހެލާފައި އޭނާ މުވައްޒަފުންނަ ހާއްސަ ދޮރުން ވަދެގެން ދިޔައިރު ލަމްހާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ރޯޔަލް ޑިނާއަށް އައި ފުރަތަމަ ދުވަހު އެމިލީ ބުނި ވާހަކައެވެ. ސިއާ އާއި ސުހާންގެ ދެމެދުގައި ހަމަ އެފަދަ ގުޅުމެއް ވަނީބާވައެވެ.
ލަމްހާ ފެނިގެން އެދިމާއަށް ދާން ނުކުތް ސުހާން ހައިރާން ވިއެވެ. އޭނާ ނުފެންނަކަމަށް ހެދިފައި ލަމްހާ ދިޔުމުން ސުހާން އޭނާގެ ފަހަތުން ދިއުމުގެ ހިޔާލު ބަދަލު ކޮއްލާފައި ސިޑިއާ ދިމާއަށް ހިނގައި ގަތެވެ.
“ލަމްހާ.. އަން ބޮސްއަށް މެންދުރުގެ ކެއުން ގެންގޮސް ދީބަލަ” ފިރިހެން މުވައްޒަފަކު އައިސް ލަމްހާއަށް ގޮވާފައި ބުނެލިއެވެ.
“ގެނޭ އަހަރެން ގެންދާނަން” ސިއާއަށް އެއަޑު އިވިގެން ބުނެލިއެވެ.
ލަމްހާ ދެކޮޅު ނަހަދާ ސިއާއަށް އެކަން ހަވާލު ކޮއްފައި ދުރަށް ޖެހިލިއެވެ.
“އަހަރެން ބުނީ ލަމްހާ ގާތު ދޯ” އެ ފިރިހެން ކުއްޖާ ބުނެލިއެވެ.
“ކަލޭމެން ކައިރީ މަށެއް ނުބުނަންތަ ބޮސްއަށް ކެއުން ގެންގޮސް ދޭނީ އަހަރެންނޭ.. ބޮސްއަކަށް ކަމަކު ނުދަނެ ކޮންމެ ކޮންމެ މީހެއް އޭނަގެ ރޫމްއަށް ވަންނާކަށް” ލަމްހާއާ ދިމާއަށް ލޯއަޅާލަމުން ސިއާ ބުނެލިއެވެ.
“ބޮސް އަމިއްލައަށް ބުނުއްވީ ލަމްހާ ފޮނުވާށޭ.” އެއަޑު އިވިފައި ލަމްހާ ސިހުނެވެ. ސިއާ ހުއްޓާ ލަމްހާގެ ގާތު ކެއުން ގެންގޮސްދޭށޭ ބުނީ ކީއްވެގެން ބާވައެވެ.
ވަގުތުން ސިއާގެ އަނގަ ހަޑިވިއެވެ. އެތަން ބަލަން ތިބި އެހެން ކުދީންވެސް ހެމުން ހެމުން ދުރަށް ދިޔައެވެ.
“ކޮންމެ ކޮންމެ މީހަކު ވަންނާތީ ބޮސް ހިތްހަމަ ނުޖެހުނީ ކަންނޭނގެ ދޯ” އެމިލީވެސް މަލާމާތުގެ ރާގަކަށް އެހެން ބުނެފައި އޭނާގެ މަސައްކަތަށް އެނބުރި ދިޔައެވެ.
ގޭގެ ދޮރު ހުޅުވާލާފައި ލަމްހާ އެތެރެއަށް ވަނެވެ. ސުހާން ފެންނަން ނެތުމުން އޭނާ އަވަހަށް ޓްރޮލީ ބަހައްޓާފައި ދާން ހިނގައި ގަތެވެ. ދޮރު ލައްޕާލަން ދޮރު ކައިރި ކޮއްލި ވަގުތު ސުހާން ކޮޓަރިން ނުކުތެވެ. ސުހާން އަށް ލަމްހާ ފެނުމުން އޭނާގެ ނަމުން ގޮވާލިއެވެ. ނަމަވެސް ލަމްހާ މަޑު ނުކޮށް ލިފްޓާ ދިމާއަށް ހިނގައި ގަތެވެ. ލަމްހާ ނުކުތް ދޮރު ހުޅުވާލާފައި ސުހާން ނުކުތްއިރު ލިފްޓުގެ ދޮރު ލެއްޕެނީއެވެ.
ލަމްހާ ކަންތައް ކުރިގޮތުން ސުހާން ހިތުގައި ޖެހުނެވެ. ކުރީރޭ ވިޝާމް އާއެކު ދިޔަފަހުން ލަމްހާ އުޅެނީ އޭނާއާ ވަރަށް ދުރުންނެވެ.
ލިފްޓުން ފައިބައިފައި ލަމްހާ ވަނީ ފާހަނައަށެވެ. ފާހަނަ ބަރިތަކުން އެންމެ ބިއްދަށަށް ހުރި ފާހަނައަށް ވަދެ ދޮރު ލައްޕާލިއެވެ. އޭނާ ބޭނުންވީ އެކަނި ވެލާށެވެ. ފާހަނަ ތަށި މަތިގަނޑުމަތީ އިށީންދެ އިންއިރު ލަމްހާއިނީ މޫނު މަތީގައި އަތް އަޅައިގެންނެވެ.
އެވަގުތު މޫނު ދޮންނަ ތަށި ކައިރީގައި ބަޔަކު ވާހަކަ ދައްކާ އަޑު އިވުނެވެ.
“ބެކާއަށް އިނގޭތަ.. މިއަދު އަހަރެން ގެއިން ނުކުއްއިރު ސުހާން ހުރި އަހަރެން ބަލާ އައިސް. މީހަކަށް ފެނިގެން ވާހަކަ ފަތުރަ ފާނެތީ އަހަރެން ހުރީ ވަރަށް ކަންބޮޑުވެފަ. އެކަމް ސުހާން އާދޭސް ކުރީމަ އަހަރެން އޭނާގެ ކާރަށް އެރީ.. ހީވަނީ ވަރަށް އަވަހަށް ޕަބްލިކް ކޮށް ޑޭޓު ކުރެވޭނެހެން” ސިއާ އޭނާގެ ރައްޓެހި ބެކާއާ ވާހަކަ ދައްކަމުން ދިޔައެވެ. އިރުކޮޅަކާ ލަމްހާ ވަތް ފާހަނަ އާ ދިމާއަށް ބަލާލައެވެ. ސިއާގެ ބޭނުމަކަށްވީ ލަމްހާ އަށް އަޑު އިއްވުމެވެ.
“އަސްލުވެސްތަ.. ސުހާން ސިއާދެކެ ހާދަ ލޯތްބެކޭ ދޯ އެވަނީ.. އަހަރެން ހާދަ ޖެލަސްވެއޭ.. އެކަމް ދެން އެއީ ވާން އުޅޭ ޅިޔަންބެ ވިއްޔަ” ބެކާވެސް ބާރަށް ބުނެލިއެވެ.
“އެކަމް މިހާރު އަހަރެން ވަރަށް ބިރުގަނޭ.. މިއުޅޭ ލަމްހާ އަކީ ވިހަގަދަ ހަރުފައެއް.. އޭނާ އެއުޅެނީ ސުހާންއާ ގާތްވާނެ ގޮތެއް ނޭނގިގެން. ސުހާންވެސް ބުންޏޭ އޭނަ އަބަދު އުޅެނީ ގައިގޯޅި ވާހިތުންނޭ.. އެކަމް އެކަހަލަ ގޮތްކުޑަ އިންސާނަކާ ދިމާއަށް ސުހާން ބަލާވެސް ނުލާނެ.. ލަމްހާ ދެން މާ ރީތިވީމަ ހީވަނީ ކަންނޭނގެ މަގޭ ސުހާން ޖަހައި ގަނެވިދާނޭ” ސިއާ އަޑުގެ ނެތްތަނަށް ބުނެލިއެވެ.
މިއޮއް ހުރިހާއިރު ނުރޯން ހިއްވަރު ކުރި ލަމްހާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. ސުހާން އޭނާއާ ދޭތެރޭ ހަމަ ދެކެނީ އެގޮތަށް ބާވައެވެ. ސިއާ އެބުނި ކިހާ ބޮޑު ހަގީގަތެއްހެއްޔެވެ. ސުހާން އަކީ މުއްސަނދި ޒުވާނެކެވެ. ސުހާންގެ ރީތިކަމުން އެތައް އަންހެން ކުދިންނެއް އޭނާގެ ފަހަތުން އުޅޭނެއެވެ. ސުހާން ބޭނުން ކޮންމެ ކުއްޖަކު އޭނާއަށް ލިބޭނެއެވެ. ލަމްހާ ކަހަލަ ދަރިއަކު ހުންނަ އަންހެނަކާ ދިމާއަށް އެފަދަ ގޮތަކަށް ސުހާން ބަލާވެސް ނުލާނެއެވެ. އޭނާއަކާ ސުހާން އެއްގޮތަކަށްވެސް ނުގުޅެއެވެ.
ސުހާން އާމެދު އުފެދުނު ހުރިހާ ހިޔާލީ ހުވަފެންތައް ފުނޑު ފުނޑުވެއްޖެއެވެ. ސުހާންއަކީ ސިއާގެ ހައްގެކެވެ. އެއީ ލިބެންނެތް ލޯތްބެކެވެ.
ދެލޯ ފުހެލާފައި ލަމްހާ ފާހަނައިން ނުކުތެވެ. އޭރުވެސް ސިއާއާއި ބެކާ ލަމްހާއަށް އެއްޗެހި ކިޔަމުން ދިޔައެވެ.
“ލަމްހާ އެބަ ހުރިން ދޯ.. ސޮރީ .. ލަމްހާ ހުރިކަމަކަށް ނޫން އަހަރެމެން އެހެން ކީ” ސިއާއަށް ލަމްހާ ހުރިކަން ނޭނގޭ ކަމަށް ހެދުނެވެ. އެމީހުންނާ ދިމާއަށް ބަލާވެސް ނުލާ ތަން ކޮޅެއް ދުރުގައި ހުރި މޫނު ދޮންނަ ތަށިކައިރިއަށް ޖެހިލިއެވެ. އަތް ދޮވެލާފައި ޓިޝޫކޮޅަކުން އަތް ހިއްކާލާފައި ނުކުންނަން އުޅެނިކޮށް ސިއާ ލަމްހާގެ އަތުގައި ހިފިއެވެ.
“ލަމްހާ.. އަހަންނަށް އިނގޭ ސުހާން ފަހަތުން ލަމްހާ އުޅޭކަން.. ޑުރީމް އޮން ލަމްހާ” ސިއާ މަލާމަތް ކުރާ ފާޑަކަށް ބުނެލިއެވެ.
“އަހަރެން އޭނައާ ގަޔާވިއަސް ކަލެއަށް ކީއް.. އަހަރެން ހީކުރީ ސުހާންގެ ސްޓޭންޑާޑް ވަރަށް މަތިވާނެކަމަށް އެކަމް އެއީ ކުއްހީއެއް.. އަހަރެން ބޭނުންނަމަ މިހާރުވެސް އޭނާ ކާމިޔާބު ކޮއްފާނަން.. އެކަމް އައިމް ނޮޓް އިންޓެރެސްޓެޑް” ސިއާގެ އަތް ފޮޅުވާލަމުން ލަމްހާ ބުނެލިއެވެ.
ލަމްހާ އެކޮއްލީ މަލާމަތްކަން އެނގުމުން ސިއާ ރުޅިއައިސްގެން ލަމްހާ ކޮއްޕާލިއެވެ. ނުވިސްނަ ހުއްޓާ އެހެން ހެދުމުން ލަމްހާ ވެއްޓެން ދިޔައެވެ. އެވަގުތު މޫނު ދޮންނަ ތަށީގައި ލަމްހާ ގެ އުޅަން ބޯށި ވަރަށް ބާރަށް ޖެހުނެވެ. މަޑު އާހަކާ އެކު ލަމްހާ އުޅަންބޯށީގައި ފިރުމާލިއެވެ.
“މަށަކަށް އޮޅުވައެއް ނުލެވޭނެ.. މިއަދު އަހަރެން ސުހާން ގާތު ހުއްޓާ ފެނުމުން ކަލެއަށް ވީގޮތް އަހަރެން ދުށީމޭ.. ކުޑަ ކުއްޖަކަށްވެސް އެނގޭނެ ކަލޭ ދިޔައީ ޖެލަސްވެގެން ކަން” ސިއާ އެހެން ބުނުމުން ލަމްހާ ކުޑަކޮށް ސިހުނެވެ. ސިއާއަށް އެކަން ފާހަގަ ކުރެވިއްޖެއްޔާ ސުހާންއަށްވެސް ފާހަގަ ވާނެއެވެ. އެހެންވާކަށް ލަމްހާ ބޭނުމެއް ނޫނެވެ.
އެވަގުތު ފާނަ ދޮރު ހުޅުވާލާފައި އެމިލީ ފާހަނައަށް ވަނެވެ. ބިންމަތީގައި އިން ލަމްހާ ފެނުމުން އެމިލީގެ ދެބުމަ ގޮށް ޖެހުނެވެ. ރުޅިވެރި ނަޒަރަކުން ސިއާ އަދި ބެކާއާއި ދިމާއަށް ބަލާލާފައި ލަމްހާ ނެގުމަށް ތިރިވެލިއެވެ.
އެމިލީގެ އެހީއާއެކު ލަމްހާ ތަޅުންގަނޑު މަތިން ތެދުވިއެވެ.
“ލަމް.. ޔޫއޯކޭ” އެމިލީ ލަމްހާގެ އަތުގައި ހިފަމުން އަހާލިއެވެ. ނަމަވެސް ލަމްހާ އެތަނުން ނުކުންނަށް ހިނގައި ގަތެވެ. ވަގުތަކީ ބުރޭކު ގަޑިކަމުން ލަމްހާ ނުކުތީ ބޭރަށެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ލަމްހާ އިށީނީ ރޯޔަލް ޑިނާގެ ކުރިމައްޗަށް ވާގޮތަށް ހުންނަ ކުޑަ ޕާކުގައި ހުރި ގޮނޑިއެއްގައެވެ. އެމިލީވެސް ލަމްހާ ފަހަތުން އައިސް ގޮނޑީގައި އިށީނެވެ.
ލަމްހާގެ ލޮލުން ކަރުނައިގެ އަސަރު ފެނުމުން އެމިލީ ކަންބޮޑުވިއެވެ. ލަމްހާގެ ކޮޑުގައި ހިފާ ގާތް ކޮއްލެވުނެވެ.
“ޔޫ އޯކޭ ލަމް.. ކިހިނެއް ވީ؟ އެމީހުން އެއްޗެކޭ ބުނީތަ؟ “އެމިލީ ހާސްވެފައި އަހާލިއެވެ.
އެމިލީގެ ގާތްކަން ލިބުމުން ނުރޯން ހުރި ލަމްހާގެ ރުއިން ފަޅައިގެން ދިޔައެވެ. މޫނު މަތީގައި އަތް އަޅައިފައި ލަމްހާ އަށް ގިސްލެވެން ފެށުނެވެ.
“ލަމް ކިހިނެއްތަ ވީ.. ތަނަކަށް ތަދުވީތަ.. ބުނެބަލަ” ލަމްހާގެ ރުއިން ހުއްޓުވާލަން އެމިލީ މަސައްކަތް ކުރިއެވެ.
ލަމްހާ ބޯޖަހާލިއެވެ..”ވަރަށް ބޮޑަށް… ވަރަށް ބޮޑަށް ތަދުވޭ” ލަމްހާ ގިސްލަމުން ބުނެލިއެވެ.
“ކޮންތާކަށް ތަދުވަނީ.. އަވަހަށް ބުނޭ” އެމިލީ ބުނެލިއެވެ.
“އުޅަން ބޯއްޓަށް” ލަމްހާ ލޯ ފުހެލާފައި އުޅަން ބޯށި ދައްކާލިއެވެ.
“ކިހިނެއް ވީ އުޅަން ބޯއްޓަށް؟” ލަމްހާގެ ދުޅަވެފައި އޮތް އުޅަން ބޯށީގައި ފިރުމާލަމުން އެމިލީ އަހާލިއެވެ.
“ސިންކުގަ ޖެހުނީ” ލަމްހާ ބުނެލިއެވެ. އެމިލީއަށް ކުޑަކޮށް ހެވުނެވެ.
“އެހެންވެތަ ތި ރޮނީ.. އަހަރެން ހީކުރީ ވަރަށް ބޮޑުކަމެއް ވީކަމަށް.” އެމިލީ އެހެން ބުނުމުން ލަމްހާވެސް ހީލިއެވެ.
“އެމީހުން ލަމްއަށް ޖެއްސުން ކުރަނީތަ؟ އަހަރެން ބުނީމެއްނު މީހަކު އެއްޗެކޭ ބުންޏަސް އަހަރެން ގާތު ބުނާށޭ” އެމިލީ ބުނެލިއެވެ.
“އިޓްސް އޯކޭ އޭ.. އެމީހުން އެއްޗެކޭ ނުކިޔައޭ..” ލަމްހާ އެހެން ބުނެފައި އެތަނުން ތެދުވިއެވެ. ދެމީހުން އެކީ އެތެރެއަށް ވަންނަން ހިނގައި ގަތެވެ.
ބެލްކަނީގައި ކޮފީއެއް ބޯން ހުރި ސުހާންއަށްވެސް އެމަންޒަރު ފެނުނެވެ. ލަމްހާ މޫނުގައި އަތް އަޅައިގެން ރޯން އިން މަންޒަރު ފެނިފައި ސުހާންގެ ހިތް ހުއްޓުނެވެ. ލަމްހާ ކައިރިއަށް ދާން އެހިތް ބޭނުން ވިއެވެ. އަދި ލަމްހާ ގެނެސް އޭނާގެ އަތުތެރޭ ބޮނޑިކޮއްލަން ބޭނުންވިއެވެ. ލަމްހާގެ ކަރުނަތަށް އެދެއަތުން ފުހެދޭން ހިތް އެދެން ފެށިއެވެ. ލަމްހާ ރޮނީ ކީއްވެކަމެއް ނޭނގޭތީ ސުހާން ހުރީ ކަންބޮޑުވެފައެވެ. ނަމަވެސް ކައިރިއަށް ދާނޭ ހިއްވަރެއް އޭނާއަކަށް ނުލިބުނެވެ. ފަހަކަށް އައިސް ލަމްހާ އޭނާއާ ދުރުދުރުން އުޅޭތީ ސުހާން ހުންނަނީ ޖެހިލުންވެފައެވެ.
ކޮށަން ހުރި ތަރުކަރީތަށް ކޮށާ ނިންމާލާފައި އޭނާ ވަރުބަލި ފިލުވާލަން ބަދިގެތެރެއިން ނުކުތެވެ. ރެސްޓު ކުރާ ރޫމުގައި އޭނާ އިނީ ފޯނުހިފައިގެންނެވެ.
އެވަގުތު އެތަނުގެ ދޮރު ހުޅުވާލާފައި ޖޯން އެތެރެއަށް ވަނެވެ.
“ލަމްހާ.. ދޭބަލަ ސުހާން ސާރ އަށް ކޮފީއެއް ގެންގޮސްދޭން.. ވަރަށް އަވަސް ކޮއްލަ ދޭތި އިނގޭ” ޖޯން އެހެން ބުނެފައި އެނބުރި ހިނގައްޖެއެވެ.
ލަމްހާ ރޯޔަލް ޑިނާގައި މަސައްކަތް ކުރި 3 މަސް ދުވަހުގެތެރޭގައި ދުވަހަކުވެސް ސުހާން ކޮފީއެއް ގެނެސްދޭކަށް ނުބުނެއެވެ. އެހެންކަމުން ކޮފީއެއް ބޭނުންވާކަމުގެ ބަހަނާގައި ސުހާންގެ ބޭނުމަކީ ލަމްހާއާ ބައްދަލު ކުރަންކަން އޭނާއަށް ވިސްނުނެވެ. ލަމްހާ ދާން ބޭނުން ނުވިއަސް އޭނާ ޖެހޭނީ އެކަން ކުރާށެވެ. ކޮންމެ ގޮތެއްވިއަސް މިއީ ސުހާންގެ ތަނެކެވެ. ލަމްހާއަކީ ސުހާންގެ ދަށުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.
ކޮފީތަށި ހިފައިގެން މައްޗަށް އެރި އިރު ދޮރު ހުރީ ތަޅު ލާފައެވެ. ދޮރުގައި ޓަކި ޖަހާލުމާއެކު ސުހާން ދޮރު ހުޅުވާލިއެވެ. ހީވަނީ ހަމަ އޭނާ ގެ އިންތިޒާރުގައި ތައްޔާރަށް ހުރި ހެނެވެ.
“ތެންކިއު” ކޮފީތަށި ދިއްކޮއްލުމުން ސުހާން އޭގައި ހިފިއެވެ.
ސުހާންއާ ހަތަރު ކަޅި ހަމަ ނުކުރަން އަވަހަށް އިސްޖަހާލާފައި އެނބުރި ދާން ލަމްހާ ބޭނުންވިއެވެ. ނަމަވެސް އޭގެ ކުރިން ސުހާން ލަމްހާގެ އަތުގައި ހިފާ އެތެރެއަށް ވެއްދިއެވެ.
“ސުހާން ކީއްތިކުރަނީ.. ދޫކޮއްލާ އަހަރެންގެ އަތުން” ލަމްހާ ރުޅިއަންނަކަމަށް ހެދުނެވެ.
“ލަމް ކީއްވެތަ އަހަރެންނާ މާ ދުރު ދުރުން ތިއުޅެނީ.. ލަމް އަހަރެންނާ ރުޅީތަ.. ލަމް ހިތްހަމަ ނުޖެހޭ ވަރު ކަމެއް އަހަންނަށް ކުރެވުނީތަ؟” ސުހާން އެއަތުން ދޫކޮއްލަމުން ބުނެލިއެވެ.
“އަހަރެން ހިތްހަމަ ނުޖެހޭ ކަމެއް ދެންމެގަވެސް ސުހާން ތިކުރީ.. އަހަރެންގެ ގައިގަ ތިގޮތަށް އަތްލުމަކީ އަހަރެން ވަރަށް ނުރުހޭ ކަމެއް” ލަމްހާ ބުނެލިއެވެ.
“ސޮރީ.. ލަމް އަހަރެން ބޭނުން ލަމްއާ ވާހަކަ ދައްކާލަން.. ލަމް ބުނީމެއްނުން އަހަރެންނާ އެކުވެރިވާނަމޭ.. ހަމައެކަނި އެކުވެރިކަންވިއަސް އަހަރެންގެ މައްސަލައެއް ނެތޭ.. އެކަމު ތިހެން އަހަރެންނާ ވާހަކަ ނުދައްކާ ނުހުރޭ” ސުހާން ބުނެލިއެވެ.
ހަމައެކަނި އެކުވެރިކަން ވިއަސް މައްސަލައެއް ނެތޭ ބުނުމުން ލަމްހާ ހައިރާން ވިއެވެ. ސުހާން އެނޫން ގުޅުމެއްވެސް ބޭނުން ވަނީ ބާވައެވެ.
ލަމްހާ ވަކި އެއްޗެކޭ ނުބުނުމުން އެދެމެދަށް ވެރިވީ ހަމަ ހިމޭން ކަމެވެ. ނަމަވެސް ދެވަނަ ސިކުންތު ލަމްހާގެ ފޯނު ރިންގުވިއެވެ.
ސުހާން އާއި ދިމާއަށް ބަލާލާފައި ލަމްހާ ފޯނު ނެގިއެވެ. އެއި މާރިއާއެވެ.
“ކީކޭ ދައްތާ” ލަމްހާ އަހާލިއެވެ.
“އޯކޭ.. މައްސަލައެއް ނެތް.. އަހަރެން ލީން ބަލައި ދާނަން” ލަމްހާ ފޯނު ބޭއްވިއެވެ.
“ދަނީތަ؟” ލަމްހާ ދޮރުގެ ތަޅުގައި ހިފުމުން ސުހާން އަހާލިއެވެ.
“މިދަނީ ލީން ބަލާ.. މިހާރު ގަޑިވެސް ޖެހިއްޖެ.. ޖޯން ކައިރިން ހުއްދަ ނަގަން މިދަނީ” ލަމްހާ ބުނެލިއެވެ.
“އަހަރެން ލީން ބަލާ ދަންތަ.. ލަމް ދާން ވެއްޖެއްޔާމުން މަ ލަސްވާނެ.. ” ސުހާން ބުނެލިއެވެ.
“ނޫން.. އޯކޭ ވާނެ.. އެހެން ނޫނަސް ލީން ގެއަށް ގެންގޮއްސިއްޔާމުން އޭނާ ހުންނާނީ އެކަނި” ލަމްހާ އިންކާރު ކުރިއެވެ.
“ލަމްހާ ޝިފްޓު ނިމުނީމަ އާދޭ މައްޗަށް އަހަރެން ލީން މިތަނަށް ގެނެސް ދާނަމޭ” ސުހާން ބުނެލިއެވެ.
“އެކަމް..”
“އަހަރެން ލީން ރަނގަޅަށް ބަލާނަމޭ.. ބުރޭކު ގަޑި ޖެހުނީމަ ލީން ކައިރިއަށް އާދޭ” ސުހާން އެހެން ބުނެފައި ކޮޓަރިއަށް ވަނެވެ. އޭނާ ލައިގެން ހުރި ޓީޝާޓު ބަދަލު ކޮއްލަފައި އޭނާ ނުކުމެގެން ދިޔައެވެ.
ސުހާން ކާރު މަޑުކޮއްލީ ސްކޫލު ގޭޓާ ތަން ކޮޅެއް ދުރުގައެވެ. އޭރު ބައިވަރު ކުދިންތައް ގޭޓު ކައިރީ ތިއްބެވެ. ކާރުން ފައިބައިގެން ސުހާން ދެޖީބަށް އަތް ޖަހާލާފައި އެދިމާއަށް ހިނގައި ގަތެވެ.
“ލީން..” ލީންގެ ނަމުން މީހަކު ގޮވާލުމުން ލީން އިސް އުފުލާލާފައި ބަލާލިއެވެ.
“ލީން.. އެއީ ކާކު؟ ލީންގެ ބައްޕަ ތަ” އާންމުކޮއް ލީން ބަލާ އަންނަނީ ލަމްހާ ކަމުން ކައިރީގައި ހުރި މުދައްރިސް ސުވާލު ކުރިއެވެ.
ސުހާން އާ ދިމާއަށް ބަލާލާފައި ލީން ބޯޖަހާލަމުން ސުހާންގެ އަތުގައި ހިފިއެވެ.
“ތިއީ ދޯ ލިންގެ ބައްޕަ.. ލީން ބަލާ އަބަދުވެސް އަންނަނީ މަންމަ ވީމަ ޔަގީން ކޮއްލީ މި” އެ އަންހެން މީހާ ސުހާން އާ ދިމާއަށް ބަލާލަމުން ބުނެލިއެވެ.
ސުހާންވެސް ހީލާފައި ގުދުވެފައި ލީން އުރާލިއެވެ. ކާރާ ހަމައަށް ލީން އުރާލައިގެން ގޮސް ކާރު ދޮރު ހުޅުވަފައި ލީން ކުރީ ސިޓުގައި ބޭންދިއެވެ.
“ސުހާން ބޭބޭ.. ކޮބާ މަންމަ؟” ލީން އަހާލިއެވެ.
“މަންމަ ވީ ޑިއުޓީގަ.. އެހެންވެ ސުހާންބެ މިއައީ ލީން ބަލާ.. އަނެއްކާ އޯކޭދޯ ސުހާންބެ އަޔަސް” ސުހާން އަހާލިއެވެ.
ލީންގެ ކުދި ދަތްކޮޅު ފެންނަ ގޮތަށް ހީލާފައި ބޯ ޖަހާލިއެވެ. ހަގީގަތުގައި ލީންއަށް ސުހާން ވަރަށް ކަމުދެއެވެ. ކުލާސްކުދިން ލީންގެ ބައްޕަ ކޮބާހޭ އަބަދު އަހާތީ ލީން ހުންނަނީ ދެރަވެފައެވެ. ބައްޕަ ބިޒީ ވީމަ ނާދެވެނީ އޭ ބުންޏަސް ބައެއްކުދިން ގަބޫލެއް ނުކުރެއެވެ. ނަމަވެސް މީގެ ފަހުން ސުހާން ދައްކާފައި އެއީ ބައްޕައޭ ބުނެފިއްޔާމުން އެކުދީން ގަބޫލު ކުރާނެއެވެ.
ސުހާންގެ ގޭ ކައިރިއަށް ކާރު މަޑުކޮއްލާފައި ލީން އުރާލައިގެން އޭނާގެ ގެއަށް ވަނެވެ. ޓީވީ ހުޅުވާލާފައި ސޯފާގައި ލީން ބައިންދާފައި އޭނާ ވަނީ ފާހަނައަށެވެ. ފާހަނައިން ނުކުމެ ލީން ގާތު ސޯފާގައި އޭނާ އިށީނެވެ. އިރު އިރު ކޮޅާ ސުހާން ލީންއަށް ބަލާލައެވެ. ގިނައިން ފެނުމުން ލީން ލަމްހާއާ ވައްތަރުކަން ބޮޑަށް ފާހަގަވިއެވެ. އަދި ވަކިން ހީލުމުން ލަމްހާއާ ވައްތަރެވެ. ސުހާން ބަލާތީ ލީންވެސް އިރު އިރު ކޮޅާ ބަލާލައެވެ.
“ލީން ބަނޑުހައިތަ.. ކޯއްޗެއް ކާނީ” ސުހާން އެންމެ ފަހުން އަހާލިއެވެ. ސުހާން އަކީ މީގެ ކުރިން ދުވަހަކުވެސް ކުޑަކުއްޖަކު ބެލި މީހެއް ނޫނެވެ. އަނެއްކާ ލީން އަށް ކަމުދާ އެއްޗެއް ސުހާންއަކަށް އެނގެނީކީވެސް ނޫނެވެ.
“އޯކޭ ކޮންމެ އެއްޗެއް ވިޔަސް” ލީން ބުނެލިއެވެ. އޭނާގެ ލޯ ހުއްޓިފައިވަނީ ޓީވީން ދައްކަމުން ދިޔަ ކާޓޫނަށެވެ.
ލީންއަށް ކަމުދާނެ ހެން ހީވާ ދެތިން އެއްޗެއް ގެނެސް ދިނުމަށް ބުނެފައި ސުހާން އަނެއްކަވެސް ލީން ކައިރީ އިށީނެވެ. ޓީވީން ދައްކަމުންދާ ޓިންކަބެލް ކާޓޫނުގެ މަޖާ ތަންކޮޅެއް އަންނަ އިރަށް ލީން ހޭން ފަށައެވެ. ކާޓުނު މަޖާ ނޫނަސް ލީން ހޭން ފެށުމުން ސުހާންއަށްވެސް ހެވުނެވެ.
ދޮރުގައި ޓަކި ޖަހާލުމުން ސުހާން އަވަހަށް ހިނގައި ގަތެވެ. ސުހާން ހީކުރީ ކާން ގެންނާނީ ލަމްހާ ކަމަށެވެ. ނަމަވެސް ދޮރުމަތީ ހުރި ސިއާ ފެނުމުން އޭނާގެ ހިނިތުންވުން ފިލައިގެން ދިޔައެވެ.
ޓްރޮލީ ހިފައިގެން އެތެރެއަށް ވަތް ސިއާއަށް ޓީވީން އަޅުވާފައި ހުރި ކާޓުނު ފެނުނެވެ. ސުހާންއަށް އެކަހަލަ ކާޓޫނު ކަމުދާނެކަމަކަށް ސިއާ އެއްގޮތަކަށްވެސް ހިއެއް ނުކުރެއެވެ. އޭނާއަކާ އެއްގޮތަކަށްވެސް ނުގުޅެއެވެ.
ސިއާ ފާޑަކަށް ހިނިއައިސް ފައި ދިއުމުން އޭނާއަށް ލީން ނުފެންނަކަން އެނގުނެވެ. ހަމަޖެހުމުގެ ނޭވާއެއް ލާފައި އޭނާ ދޮރު ލައްޕާލިއެވެ.
ސުހާން ހީކުރި ގޮތާ ހިލާފަށް ލީން ވަރަށް ބަސްއަހައެވެ. އެއްވެސް ޝަކުވާއެއް ނެތި ސުހާން ގެނައި ހުރިހާ އެއްޗެއް ކެއެވެ. ސުހާން ލެޕް ހިފައިގެން މަސައްކަތުގައި އިން އިރުވެސް މަޑުމަޑުން ކައިރީގައި އިނެވެ.
ލީން ފޫހި ވެދާނެތީ ސުހާން އިހަށް މަސައްކަތް ހުއްޓާލިއެވެ.
“ލީން.. ފޫހިވެފަތަ ތިއިނީ.. ސުހާންބެ ކިއެއް ކޮއްދޭންވީ؟” ސުހާން އަހާލިއެވެ. ވަރަށް ވިސްނަން އިނދެފައި ލީން އޭނާގެ ދަބަހުން ނެގީ ވާހަކަ ފޮތެކެވެ.
“ސުހާންބެ ލީން އަށް މިވާހަކަ ކިޔާދީބަލަ” ލީން ބުނެލިއެވެ.
ލީން އަތުގައި އޮތް “ލިޓިލް ރެޑް ރައިޑިން ހޫޑް” ވާހަކަ އެނދުމަތީގައި ބާއްވަމުން ބުނެލިއެވެ. ފައިދަމާލާފައި ސުހާން އެނދުގެ ފަޑިގަނޑުގައި ބުރަކަށި ޖައްސާލިއެވެ. އެނދުގައި ޖަހާލާފައި އަރާށޭ ސުހާން ބުނެލިއެވެ. ލީން ސުހާން ގާތު އިށީނުމުން ސުހާން ވާހަކަ ކިޔައިދޭން ފެށިއެވެ.
އެވާހަކައިގައި އުޅޭ ހިޔަޅުގެ ޑައިލޮގުތައް ސުހާން އަޑު ބަރުކޮއްގެން ކިޔައިދޭތީ ލީން އަށް ވަރަށް މަޖާވިއެވެ. އެތައް އިރަކު ވަހަކަ އަޑުއަހަން އޮވެފައި ލީން އަށް ނިދުނެވެ.
ނިދިފައި އޮތް ލީންގެ ގައިގައި ރަޖާ އަޅާލަ ދިފައި ސުހާން ނުކުތީ ބޭރަށެވެ.
ސިފްޓު ގަޑި ނިމުމާއެކު ލަމްހާ ޔުނިފޯމު ބަދަލުކޮއްލައިގެން ނުކުތެވެ. އެހެން މީހުން ދިއުމުން އެކަކަށްވެސް ނުފެންނާނެހެން އޭނާ ލިފްޓަށް އެރިއެވެ.
ދޮރުގައި ޓަކި ޖަހާލުމާއެކު ސުހާން ދޮރު ހުޅުވިއެވެ.
“ކޮބާ ލީން؟” ލަމްހާ އަހާލިއެވެ.
“ނިދިފަ އޮތީ.. ވަދޭ އެތެރެއަށް” ސުހާން ލަމްހާ އެތެރެއަށް ވެއްދިއެވެ.
“ލީން ވަރަށް އުދަގޫ ކުރި ދޯ.. ވަރަށް ބޮޑަށް ސޮރީ” ލަމްހާ ބުނެލިއެވެ.
“އެއީ ލަމް އެއް ނޫނޭ.. ލީން އަކީ މާ ބަސްއަހާ ކުއްޖެއް. އަހަރެން ކަންތައް ބޮޑުވާވަރު އެއްވެސް ކަމެއް ނުކުރޭ.. ބަސްއަހަގެން އިނދެ ކައިގެން ޓީވީ ބަލާފަ ވަހަކަ އަޑު އަހާފަ މިހާރު އެއޮތީ ލޯބިކޮއް ނިދާފަ.. ލަމް ވިއްޔަ އަބަދުވެސް އަހަރެން ހާސްކުރުވަނީ” ސުހާން އެހެން ބުނެލީ ލަމްހާގެ ދެލޮލަށް ވަރަށް ފުން ނަޒަރަކުން ބަލާލާފައެވެ. ހީވާގޮތުން އޭނާގެ ހިތުގައި ވާ ޝަކުވާތައް ނުސީދާކޮއް ލަމްހާ ކައިރީ ބަންޑުން ކޮއްލީހެނެވެ.
“އެހެންތަ.. ނަސީބެއްނު..” ލަމްހާ ހީލަމުން ސުހާންގެ ފަހަތުން ހިނގައި ގަތެވެ. އެވަގުތު ހުޅުވާފައި ހުރި ޓީވީއިން ދައްކަމުން ދިޔަ ކާޓޫނު ލަމްހާއަށް ފެނުނެވެ.
“ސުހާން ޓޮމް އެން ޖެރީވެސް ބަލަންތަ؟” ލަމްހާ ހިނިއައިސްފައި ބުނެލިއެވެ.
“ކިހިނެއްވީ؟ އަހަރެން ނުވާނެތަ ކާޓޫނު ބަލާކަށް” ސުހާން ހަށަން ބަނދެލަމުން ބުނެލިއެވެ.
“ދެން ސުހާންއަކަށް ނުވެސް ގުޅޭ” ލަމްހާ ބޯހޫރާލަމުން ބުނެލިއެވެ.
“ލަމް އެއްޗެއް ކައިފިންތަ؟” ސުހާން އަހާލިއެވެ.
“ހުމްމް.. ބުރޭކު ގަޑީގަ ކެއިން.. މިހާރު ބަނޑު ހައެއް ނޫން” ލަމްހާ ބުނެލިއެވެ.
“އޯކޭ.. ހިނގާ އަހަރެން ގެއަށް ގެން ގޮސްދޭނަން.. މިހާ ލަސްވީމަ އެކަނި ފޮނުވާލާކަށް ނުކެރޭނެ” ސުހާން އެހެން ބުނުމުން ލަމްހާ ބޯ ހޫރާލިއެވެ.
“ނޫން.. އަހަރެން އެކަނި ގޮސްދާނަން؟” ލަމްހާ ބުނެލިއެވެ.
“ކީއްވެ؟.. ހިނގާފަ ދާނީ؟ މިހާރު ނުލިބޭނެ ބަހެއްވެސް” ސުހާން ބުނެލިއެވެ.
“ޓެކްސީއެއްގަ ދާނީ.. މީހަކަށް ފެނިއްޖެއްޔާ ކަމަކު ނުދާނެ” ލަމްހާ ބުނެލިއެވެ.
“ކޮބާ މައްސަލައަކީ.. މީހަކަށް ފެނުނަސް އަހަރެންގެ މައްސަލަ އެއް ނެތޭ” ސުހާން ބުނެލިއެވެ.
“ސުހާންގެ މައްސަލައެއް ނެތަސް އަހަރެންނަކަށް ކަމަކު ނުދޭ” ލަމްހާ ބުނެލިއެވެ.
“ވިޝާމް ހިތް ހަމަ ނުޖެހޭތީތަ؟” ސުހާން އެހެން ބުނިއިރު އެ މޫނު މަތިން ނުތަނަވަސްކަން ފާޅުވެއެވެ.
“ވިޝާމް އޭ؟ ނޫން އެހެންވެ އެއްނޫން.. ސުހާން އަށް ކިހިނެއް ވިޝާމް އެނގެނީ” ލަމްހާ އަހާލިއެވެ.
“ވިޝާމް އެނގެނީ ދެން ބިޒިނެސް ދާއިރާގަ އުޅޭތީ.. އެކަމް އަހަންނަށް ހީވަނީ ލަމްހާ އަހަންނާ ވާހަކަ ދެއްކުން ހުއްޓާލި އެރޭ ވިޝާމް އާއެކު ދިޔަފަހުން ހެން.” ސުހާން ބުނެލިއެވެ.
“އާން.. ވިޝާމް ބުނި ސުހާންއާ ވާހަކަ ނުދައްކާށޭ އެކަމު އަހަރެން އެކަމަކާ އަޅައެއްނުލަން.. އޭނައަކަށް ނޭނގޭނެ އަހަރެން ކަންތައް ކުރާނެ ގޮތެއް.” ލަމްހާ އެހެން ބުނުމުން ސުހާން ހިތްހަމަ ޖެހުނެވެ.
“ދެން ކީއްވެ އަހަރެންނާއެކު ނުދާން ތި ގަދަ ހަދަނީ” ސުހާން ބުނެލިއެވެ.
“ސިއާ ހިތް ހަމައެއް ނުޖެހޭނެ އަހަރެން ސުހާން އާ އެކު ހުއްޓަ ފެނިއްޖެއްޔާ..” ލަމްހާ އިސްޖަހާލަމުން ބުނެލިއެވެ.
“ސިއާއޭ..؟ އޭނަ ކީއްވެ ހިތްހަމަ ނުޖެހެން ވީ.. އަހަރެން ލަމް އާ ވާހަކަ ދެއްކުމަކީ ސިއާއަށް ކޮންކަމެއް؟” ސުހާން އަނގަ ޗޭ ކޮއްލާފައި ބުނެލިއެވެ.
“ސިއާއަކީ ސުހާންގެ ގާލް ފުރެންޑެއް ނޫންތަ؟” ލަމްހާ އަހާލިއެވެ.
“ތިއީ ކާކު ދެއްކި ވާހަކައެއް.. ސިއާތަ؟. އަހަރެންނާ ސިއާގެ ދެމެދު އެއްވެސް ގުޅުމެއް ނޯންނާނެ.. މަންމަ ގޭގައި އުޅުނު އިރު މަންމަގެ ކަންތައް ބަލަހައްޓަން ގެނައި ކުއްޖެއް އެއީ.. ދެން މަންމަ ހޮސްޕިޓަލަށް ގެންދިޔައީމަ އޭނަ ރޯޔަލް ޑިނާގަ މަސައްކަތް ކުރަން ފެށީ.. ތިއީ ސިއާ ހަދަ ހަދައިގެން ދައްކާ ވާހަކައެއް” ސުހާން ވަރަށް ހަމަޖެހިލާފައި ހަގީގަތް ބުނެލިއެވެ.
މޫނުމަތިން އެއްވެސް ބަދަލެއް ނުފެނުނު ކަމަކު ލަމްހާގެ ހިތް ވަނީ އުފަލުން ފޮޅިފައެވެ.
“ސިއާ އެހެން ބުނީމަތަ ލަމް އަހަންނާ ވާހަކަ ނުދައްކަނި..އަނެއްކާ ލަމް ޖެލަސްވީތަ” ސުހާން ގުދު ވެލާފައި ލަމްހާއާ އެއް ހަމައެއްގައި އޭނާގެ މޫނު ތިރިކޮއްލިއެވެ. އަދި ލާނެއް ގޮތަކަށް ލަމްހާއަށް ބަލަން ފެށިއެވެ.
“ޕިސް.. ސުހާން ހީކުރީ ކޯޗެކޭތަ.. އަހަރެން ޖެލަސްވާންވީ ކީއްވެތަ.. އަހަރެން ސުހާން އާ ވާހަކަ ނުދެއްކީ އަހަރެންގެ ސަބަބުން ބައެއްގެ ދިރިއުޅުން ހަލާކު ވެދާނެތީ” ލަމްހާ ސުހާން އާ ވީ ފަރާތް ނޫން އަނެއް ފަރާތަށް އެނބުރުނެވެ. އޭރު އެ މޫނުމަތީ ލުއި ހިނިތުންވުމެއް ފަވާލިއެވެ.
“އޯކޭ.. އޯކޭ.. ދެން މިހާރު އަހަރެންނާއެކު ދާންނަ ދޯ” ސުހާން ބުނެލިއެވެ.
ލަމްހާ ބޯޖަހާލުމުން ސުހާން އުފަލުން ކޮޓަރިއަށް ވަނެވެ. ލައިގެން ހުރި ޓީޝާޓު މަތިން ބުލޭޒާއެއް ލައިގެން ސުހާން ނުކުތީ ނިދިފައި އޮތް ލީން އުރާލައިގެންނެވެ.
އެއްއަތުން ލިން އުރާލައިގެން ހުރިއިރު އޭނަގެ ވަރުގަދަ އަތުގެ ނާރުތައްވަނީ ފުފިފައެވެ. އެވަގުތު ލަމްހާގެ ވިންދު އަވަސްވިއެވެ. ހާދަ ހިތްގައިމު ފިރިހެނެކެވެ.
ލިން ހޭލަ ފާނެތީ ކަރުގައި އިން އިރު ސުހާން އެހާ ވާހަކައެއް ނުދައްކައެވެ. ލަމްހާވެސް ގިނަވަގުތު އިނީ ބޭރު ބަލަހައްޓައިގެންނެވެ.
ކާރު ގޭގެ ކުރިމައްޗަށް މަޑު ކޮއްލުމުން ލަމްހާ ފޭބިއެވެ. ސުހާންވެސް ކާރުން ފައިބައިގެން އައިސް ލަމްހާ ގާތު ހުއްޓުނެވެ.
“ލަމް.. ވާހަކައެއް އަހާލަންތަ؟” ސުހާން އަހާލިއެވެ.
ލަމްހާ ބޯޖަހާލުމުން ސުހާން ހީލިއެވެ.
“ކީއްވެ މިއަދު ލަމް ރުއީ.. އަހަރެން ލަމް ކައިރިއަށް ދާން ވަރަށް ބޭނުންވި.. އެކަމު ލަމް ރުޅިއައިސްދާނެތީ ޖެހިލުންވީ..” ސުހާން ބުނެލިއެވެ.
“ސުހާން އަށް ކިހިނެއް އެނގުނީ އަހަރެން ރުއި ކަމެއް” ލަމްހާ ހައިރާން ވެފައި އަހާލިއެވެ.
“އަހަރެން ހުރީ ދުރުގަ ބަލަން.. ލަމް.. މީގެ ފަހުން ދެރަވާވަރު ކަމެއް ވެއްޖެއްޔާމުން އަހަރެން ކައިރީ ބުނަންވާނެ.. އެގޮތަށް ލަމް ރޯތަން ފެނުނީމަ އަހަރެންގެ ހިތަށް ވަރަށް އުނދަގޫވޭ.. ހީވަނީ އަހަރެންގެ ހިތަށްވެސް ތަދުވާހެން” ސުހާން އެހެން ބުނުމުން ލަމްހާ އިސް އުފުލާލާ ބަލާލިއެވެ.
“އެއީ ކީއްވެ.. ސުހާން ކިއްވެ އަހަންނާ ދޭތެރޭ ވިސްނަނީ؟” ލަމްހާ އަހާލިއެވެ.
“ނޭނގެ.. އެއްގޮތަކަށްވެސް ނޭނގެ. ބޭނުން ނުވިއަސް އަހަންނަށް ލަމްއާ ދޭތެރޭ ވިސްނޭ.. ކަންތައްވެސް ބޮޑުވޭ.. ލަމް ދެރަވީމަ އަހަރެންވެސް ދެރަވޭ.. ލަމް ހިނިތުން ވެލީމަ އަހަރެންގެ ހިތްވެސް އުފާވޭ.. މި ވާގޮތެއް އަހަންނަކަށް ބުނެދޭކަށް ނޭނގެ” ސުހާން ނުސީދާކޮށް އޭނާގެ ހިތުގެ ހާލަތު ބުނެދިނެވެ.
“ދެން ވަދޭ އެތެރެއަށް.. ލީން ހީކަރުވައި ގަނެދާނެ.. ގުޑުނައިޓު ލަމް..” ލަމްހާ ވަކި އެއްޗެއް ނުބުނުމުން ސުހާން ބުނެލިއެވެ.
“ގުޑު ނައިޓު” ލަމްހާ އެތެރެއަށް ވަންނަންދެން ސުހާން މަޑުކުރިއެވެ. ލަމްހާ ދޮރު ލެއްޕުމުން އޭނާ ކާރު ދުއްވާލިއެވެ.
އެރެއަށްފަހު އެދެމީހުންގެ ގުޅުން ކުރިއަށްވުރެ ގާތްވިއެވެ. އެ ގާތްކަމަށް އެކުވެރިކަމުގެ ނަން ދެވިފައި އޮތަސް އެދެމެދުގައި އެއަށްވުރެ ހާއްސަ އިހްސާސެއް އޮވެއެވެ.
ލަމްހާ ރޭގަޑު ޝިފްޓު އޮންނަ ދުވަސް ދުވަހު ލީން ބަލައި ދެނީ ސުހާންއެވެ. ފުރަތަމަ ލަމްހާ އެކަމާ އިންކާރު ކުރިއަސް މިހާރު ހިތްހަމަ ޖެހެއެވެ. ލީންވެސް އެގޮތް ބޭނުން ވާތީ ލަމްހާއަށް މަޖުބޫރު ވީއެވެ. ސުހާންއަށް އޭނާ އިތުބާރު ކުރެވެއެވެ. ސުހާންވެސް ލީންއާ ދޭތެރޭ ހާއްސަ ގޮތަކަށް ދެކެވެއެވެ. ލީންއަކީ އޭނާގެ އަމިއްލަ ދަރިފުޅު ނަމަ ކިހާ ރަނގަޅު ވީސްހެއްޔެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



