Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތިން ލަފްޒުން (11)

Dheem&Eekku Level 410 Stories100 Login500 Login
November 5, 2020 8 Mins Read
0 Comments

“ދެން ގެނެބަލަ ތީތި.. މިހާރު ލީން ހުންނާނެ އަހަރެން ނުގޮސްގެން ލަސްވެފަ” ލަމްހާ އެހެން ބުނެފައި ފަށުގައި ހިފިއެވެ.

ސުހާން އެފަށް ދަމައިގަތް ވަގުތު ފަށް ކެނޑިގެން ވެއްޓުނެވެ.

****

“ސޮރީ.. އަހަރެން ގަސްތަކުއެއް ނޫން” ލަމްހާގެ ރުޅިވެރި ނަޒަރު އޭނާއަށް ހުއްޓުމުން ސުހާން ދެރަވިއެވެ. އެއީ އޭނާ ގަސްތުގައި ކުރި ކަމެއް ނޫނެވެ.

“އެހެންނޭވާނީ ދެންވެސް ކުޑަކުއްޖެހެން އުޅެންޏާ.. ކުރިންވެސް އެފަށް އަހަރެންނަށް ރީތިކޮށް ދިންނަމަ އެހެނެއް ނުވީހެއްނުން” ލަމްހާ ނުރުހުންވެފައި ދުރަށް ހިގައިގަތެވެ.

“ލަމް މަޑުކޮއްބަލަ ސޮރީއޭ..” ބިންމަތީގައި އޮތް ފަށް ނަގާ ޖީބަށް ލަމުން ސުހާން ލަމްހާގެ ފަހަތުން ހިނގައި ގަތެވެ.

ސުހާން ގޮވަމުން ދިޔަ އަޑު ނާހާ ލަމްހާ ގޮސް ބަހަށް އަރައިފިއެވެ. ލަމްހާ ބަހަށް އެރުމުން ސުހާން ހުއްޓުނެވެ. ދުރުވަމުން ދިޔަ ބަހާ ދިމާއަށް ބަލަހައްޓައިގެން ސުހާންއަށް ހުރެވުނެވެ.

ލަމްހާ ރުޅިއައިސްގެން ދިއުމުން ސުހާން ހުންނަނީ މޮޅިވެފައެވެ. މާފަށް އެދެން ގުޅާ ކޮންމެ ފަހަރަކުވެސް ލަމްހާ ފޯނެއް ނުނަގައެވެ. ރުޅިއައިސްގެންނެއް ނޫނެވެ. ސުހާން އާ އެއްވެސް ކަހަލަ ގުޅުމެއް ބާއްވަން ބޭނުން ނުވާތީއެވެ. ގިނަ ގިނައިން ފެންނަން ފަށާފިނަމަ އޭނާއަށް ސުހާން ދެކެ ލޯބި ވެވިދާނެތީ ބިރުންނެވެ. އެހެން ވާކަށް އޭނާ އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ.

ދުވަހަކީ ސުހާން އޮފީހަށް ނުދާ ދުވަހެކެވެ. ހެނދުނުން ސުރެ އެލީޒާ ކައިރީ އިނދެފައި ފެންވަރާލަންވެގެން ސުހާން ގެއަށް ދިޔައިރު ރޭވެއްޖެއެވެ. ފާހަނައިން ނުކުމެ އޭނާ ނޫ ޖިންސަކާ ކަޅު ޓީޝާޓެއް ލިއެވެ. ގޭތެރޭގައި ހުރި ސޯފާގައި އިށީންދެފައި ޓީވީ ހުޅުވާލިއެވެ. ޓީވީ ޗެނަލްއަކުން ކާއެއްޗެއްގެ އިސްތިހާރު ދައްކާލުމާއެކު އޭނާ ބަނޑުން އަޑެއް ކިޔާލިއެވެ. ބަނޑުހައި ހޫނުކަން އިހްސާސްވީވެސް ދެނެވެ.

ފާރުގައި ހަރުކޮއްފައި ހުރި ޓެލެފޯނުން ރޯޔަލް ޑިނާގެ ކައުންޓަރުގައި އިން ކުއްޖާއަށް ގުޅާލިއެވެ. އަދި އެރޭގެ ކެއުން ގެނެސް ދިނުމަށް ބުނެލިއެވެ. ސުހާން ގެއިން ކާ ކޮންމެ ފަހަރަކުވެސް ހަދަނީ އެހެނެވެ. އެލީޒާ ބަލިވިފަހުން އެގޭގައި ނުކައްކައެވެ. ސުހާންއަކީ އަބަދުހެން އޮފީހުގައި އުޅޭ މީހެއްކަމުން އެއީ ބޭކާރު ކަމަކަށް ވާނެތީއެވެ.

އެދުވަހު ބޭނުންކުރި ތަށިތަކާ ބަދިގެތެރެ ސާފުކޮއްފައި ލަމްހާއަށް ނުކުމެވުނު އިރު ގިނަމީހުން ގެއަށް ހިނގައްޖެއެވެ. ޔުނިފޯމު ބަދަލުކުރަން ޗޭންޖިން ރޫމަށް ދާން އުޅެނިކޮށް ބަދިގޭގެ އެންމެ ބޮޑަކަށް ހުންނަ ކައްކާމީހާ ލަމްހާއަށް ގޮވާލިއެވެ.

“ލަމްހާ ދޭބަލަ މީތި ބޮޑުމީހައަށް ގެންގޮސް ދޭން..” އެމީހާ އެތާހުރި ކާއެއްޗެހި ގެންދާ ފުރޮޅުލީ މޭޒު ދައްކާލަމުން ބުނެލިއެވެ.

“ލައްބަ.. މިދަނީ” ލަމްހާ ބޯ ޖަހާލިއެވެ.

“އަދި ލަމް ބޮޑުމީހައަކާ ބައްދަލެއް ނުވޭދޯ.. ކޮންމެސް ކޮންމެސް ހަތަރު ކަޅި ހަމަނުކުރާތި. ލަމް މޮޔަވެދާނެ.. އޭނަ ހީވާނީ ހަމަ ސްޕެލް އެއް ހަދާހެން..” އެމިލީ ބުނެލިއެވެ.

“ދެން ހަމަ އެހާ ވަރުވޭތަ.. ” ލަމްހާ ބޯހޫރާލިއެވެ.

“ލަމްއަށްވެސް އޭނަ ފެނުނީމަ އެނގޭނެ ވާގޮތް.. ފުރަތަމަ ސިހޭނީ.. ދެން ހީބިހި ނަގާނީ.. ދެން ބުލަސްވާނީ.. ދެން ހީވާނީ ޕެރަލައިސް ވެދާނެހެން” އެމިލީ ހެމުން ބުނެލިއެވެ.

“ތިއެއް އެނގިދާނެ ތާ ދެން..” ލަމްހާ އެމިލީއަށް ހަނާއަޅާލާފައި ވަކިން ހުރި ލިފްޓާ ދިމާއަށް ހިނގައިގަތެވެ.

 

މަތީ ބަޔަށް އެރުމާއެކު ލިފްޓު ދޮރު ހުޅުވުނެވެ. ލިފްޓުން ނުކުމެވުނީ ހަނި ހޯލްވޭއަކަށެވެ. ޓްރޯލީ ކުރިއަށް ކޮއްޕަމުން ގޮސް ކުރިމަތީގައި ހުރި ދޮރުގެ ތަޅުގައި ހިފާލިއެވެ. ދޮރު ހުޅީ ހުޅުވާފައެވެ. އިރުކޮޅަކު ހުރެލާފައި އޭނާ އެންމެ ފަހުން ދޮރު ހުޅުވިއެވެ. އެތެރެއަށް ވަތް އިރު ތަނަވަސް ސިޓިން ރޫމުގައި އެކަކުވެސް ނެތެވެ. ޓީވީން އަންނަމުން ދިޔަ ލަވައިން މުޅިން ސިޓިން ރޫމު ވަނީ އަޑު ގަދަވެފައެވެ. މީހަކު ފެންނަން ނެތުމުން ޓްރޯލީ ބަހައްޓާފައި ދާން އޭނާ އެނބުރުނެވެ. އެވަގުތު ކޮޓަރި ދޮރު ހުޅުވާލާފައި މީހަކު ނުކުތް އަޑު އިވުނެވެ.

ފަހަތަށް އެބުރި ބަލާލީ އެމިލީމެން އެ ކިޔާ ބޮސްގެ ހުރި ވަރެއް ބަލާލާ ހިތުންނެވެ.

އެވަގުތަކީ ސުހާންވެސް އިސް އުފުލާލާ ބަލާލި ވަގުތެވެ. ކުރިމަތީ ހުރި ސުހާން ފެނިފައި ލަމްހާ ރަނގަޅަށްވެސް ސިހުނެވެ.

“ތިއައީ ކާން ހިފައިގެން ދޯ.” ސުހާން ހީލާފައި ލަމްހާ އާ ދިމާއަށް ހިނގައިގަތެވެ.

“ލަމް.. ކިހިނެއްވެފަ ތިހުންނަނީ..؟” ސުހާންގެ ބަރު އަޑު އިވުމުން ލަމްހާ ގައިން ހީބިހި ނަގައިގަތެވެ. ކުރިމަތީގައި އެހުރީ ހަމަ ސުހާން ބާއޭ އޭނާ ހިތައް އެރިއެވެ.

“ސު.. ސުހާންތަ؟ ކީއް މިތާގަ.. ތިކުރަނީ؟” ލަމްހާއަށް އަހާލެވުނެވެ.

“ކިހިނެއްވީ؟.. އަހަރެން ފެނުނީމަ ބިރުގަތީ އަނެއްކާ އަހަރެން ހީވަނީ ހަނޑިއެއްހެންތަ” ސުހާން ހިނިއައިސްފައި އަހާލިއެވެ.

ސުހާންގެ ހިނިތުންވުން ފެނިފައި ލަމްހާގެ ހިތް ތެޅިލިއެވެ. އެއީ އެހިނިތުންވުން ފެންނަ ކޮންމެ ފަހަރަކުވެސް ވާގޮތެކެވެ. އެއްވެސް ރަހުމެއްނެތި ސުހާން އޭނާގެ ހިތާ ކުޅެލައިފިއެވެ. އެމިލީ ބުނީ ރަނގަޅަށެވެ. ސުހާން ފެންނަ އިރަށް ހީވަނި ފާޑެއްގެ ސިހުރެއް ޖެހޭހެންނެވެ.

“އޯކޭ.. ހިނގާދޯ އޮފިޝަލްކޮށް ތައާރަފް ވެލަން.. އަހަރެންގެ ނަމަކީ ސުހާން.. އަހަންނަކީ ރޯޔަލް ގާޑެން ހޮޓެލްގެ ބޮޑުމީހާ..” ސުހާން ސަލާމަށް އަތް ދިއްކޮއްލިއެވެ.

“މިތަނުގެ ބޮޑުމީހާ އަކީ ސުހާންއޭ؟..” ލަމްހާ އެއަތުގައި ހިފިއިރު އަދިވެސް ހުރީ ގަބޫލު ނުކުރާ ފާޑަކަށެވެ.

“ވަރަށް ހައިރާންވެފަ ތަ ތިހުރީ..” ސުހާން ޓްރޮލީގައި ހުރި ތަށިތައް މޭޒުމަތީ އަތުރަމުން ބުނެލިއެވެ.

“އެކަމް.. ސުހާން ތިއީ ދިވެއްސެއްނު… ރޯޔަލް ޑިނާގެ ބޮޑުމީހަކީ މިސް އެލީޒާ އެއްނުން.. އެއީ ހަމަގައިމުވެސް ޔޫކޭ މީހެއް” ލަމްހާ އަށް ބުނެވުނެވެ.

“މިސް އެލީޒާއަކީ އަހަރެންގެ މަންމަ.. އެކަމް އަހަރެންގެ ބައްޕައަކީ ރާއްޖެ މީހެއް. ދެން އެހެން ވީމަ އަހަރެންވެސް ވާނީ ދިވެއްސަކަށްނު” ސުހާން އެހެން ބުނުމުން ލަމްހާއަށް ވިސްނުނެވެ. ސުހާންގެ ހުންނަނީ ދިވެހީންގެ ހުންނަ ކަހަލަ ސިފަތަކެއް ނޫނެވެ. އެ ފެހި ދެލޮލާ މުށި އިސްތަށިގަނޑަކީ އޭނާގެ މަންމަ ފަރާތުން ވާރުތަވެފައި ހުންނަ ރީތި ކަމެކެވެ.

“އޯހް..” އިތުރަށް ދެން ދައްކާނެ ވާހަކައެއް ލަމްހާއަކަށް ނޭނގުނެވެ. އެހެން ކަމުން އެތަނުން ނުކުތުމަށް ލަމްހާ ދޮރާ ދިމާއަށް ހިނގައި ގަތެވެ.

ނަމަވެސް ދެވަނަ ސިކުންތު އޭނާ ހުއްޓުނެވެ. ސުހާންގެ ބޮޑު އަތުން ލަމްހާގެ މުލައްދަނޑީގައި ހިފުމުން ލަމްހާ ހައިރާން ވިއެވެ.

އޭނާގެ މޫނު ރަތްވެގެން ދިޔައެވެ. ގަނޑުފެން ފޮދެއްހެން އޭނާ ނުވިރި ހުރީ ހަމަ ކިރިޔާއެވެ.

“ސޮރީ… ” ލަމްހާ ބަލާލުމުން ސުހާންއަށް ބުނެލެވުނެވެ. އަނެއްކާ ލަމްހާ ރުޅިއައިސްގެން ގޮސްދާނެތީ ސުހާން ޖެހިލުންވިއެވެ.

“ލަމް.. އިހަށް މަޑު ކޮއްލަބަލަ..އެކަނި އިނދެގެން ކެއުމަކީ އަހަރެން ވަރަށް ފޫހިވާކަމެއް..” ސުހާން ބުނެލިއެވެ.

ލަމްހާ ވަކި އެއްޗެކޭ ނުބުނެ ސުހާންގެ ކުރިމައްޗަށްވާ ގޮތަށް ހުރި ގޮނޑި ދުރު ކޮއްލާފައި އިށީނެވެ. ހަގީގަތުގައި އެވަގުތު ލަމްހާއަށް ވާހަކަ ދައްކަން ނުކުޅެދުނީއެވެ. ފިރިހެނެއްގެ ގޭގައި މިގޮތަށް އެކަނި ހުރި މިއީ ފުރަތަމަ ފަހަރުކަމުން ލަމްހާ ހުރީ ނުތަނަވަސް ވެފައެވެ. އޭނާގެ ހިތް އޮބިނޯވެ ތެޅެމުން ދިޔައެވެ. އެއަޑު ސުހާންއަށް އިވިދާނެތީވެސް ލަމްހާ ހުރީ ކަންބޮޑުވެފައެވެ.

“ލަމް އިހަށް މަޑުކުރޭ އިނގޭ އަހަރެން އެބަ އަންނަން..” ސުހާން ގޮނޑިން ތެދުވެ ކޮޓަރިއާ ދިމާއަށް ހިނގައި ގަތީ އެއްޗެއް ހަނދާންވެގެން ދިޔަ ފަދަ ގޮތަކަށެވެ.

ދިޔަ ބާރު މިނުގައި އަނެއްކާވެސް އެނބުރި އައީ ކަޅުކުލައިގެ ކުޑަ ފޮއްޓެއް ހިފައިގެންނެވެ. ގޮނޑީގައި އިށީންދެފައި އެފޮށި މޭޒުމަތީގައި ބޭއްވިއެވެ.

“މި ހުޅުވާލާފަ ބަލާލަބަލަ” ސުހާން ލަމްހާ ކައިރީ އެފޮށި ހުޅުވާލުމަށް އިސާރަތް ކޮއްލިއެވެ. ލަމްހާ އެފޮށި ހުޅުވާލިއެވެ.

“މިއީ..”

“ތިއީ ކުރިން ދުވަހު އަހަރެން އަތުން ކަނޑައިގެން ދިޔަ ލަމްގެ ފަށް.. އަހަރެން އަސްލު މިހުރީ އެކަމާ ވަރަށް ދެރަވެފަ. މާފަށްއެދެން ވަރަށް ބޭނުންވި.. އެކަމު ލަމް ފޯނެއް ނުނަގާ” ސުހާން ބުނެލިއެވެ.

“ތެންކިއު.. އެކަމު ސުހާން އެހާ އަގު ބޮޑުކޮށް ގަތް އެއްޗެއްގަ ހިފާކަށް އަހަރެންނަކަށް ނުކެރޭނެ” ލަމްހާ އެ ފޮށި މޭޒުމަތީ ބާއްވަމުން ބުނެލިއެވެ.

“ނޫނޭ. ތިއީ އާފަށެއް ނޫނޭ.. ހަމަ އެރޭ މުޅި ކޫބެކް ގަ ދުއްވާފަ ރަން ހަދާ ތާކުން ތިފަށް ބައްދާފަ ތި އޮތީ..ދެން ތިއޮތީ ސާފުކޮއްލަ ދީފަ.. އަނެއްކާ ކަމު ނުދަނީތަ” ސުހާން އެހެން ބުނުމުން ލަމްހާ އަވަހަށް ބޯހޫރާލިއެވެ.

“ލަމް ތިހުރީ އެކަމާ އަހަރެން ދެކެ ރުޅިއައިސްތަ.. އައިމް ސޮރީ” ސުހާން ބުނެލިއެވެ.

“ނޫން.. އަހަރެން ރުޅިއެއް ނާންނަން..” ލަމްހާ ހީލަމުން ބުނެލިއެވެ.

“ދެން ކީއްވެ ފޯނު ނުނެގީ..” ސުހާން ޝަކުވާ ކޮއްލިއެވެ.

“އެއީ.. އެއީ އަހަރެން އެދުވަސްކޮޅު ބިޒީކަމުން” ލަމްހާ ދޮގުހެދިއެވެ. ހަގީގަތަށް ބުނެފިނަމަ ސުހާން ހިތަށް އަރާނި ކީކޭ ކަމެއްވެސް ނޭނގެއެވެ.

“އަހަރެން ބޭނުން ލަމް އާ އެކުވެރިވާން.. ހަމައެކަނި ރަހްމަތްތެރިކަން..” ސުހާން ސީދާ ލަމްހާގެ ލޮލަށް ބަލާލަމުން ބުނެލިއެވެ.

ލަމްހާއަށް ބުނާނެ ވަކި އެއްޗެއް ނެނގުނެވެ. ސުހާން އެހާ ރީތިކޮށް އެދުމުން އެކަމާ އިންކާރުކުރާނެ ހިތްވަރެއް ލަމްހާއަކަށް ނުލިބުނެވެ. ލަމްހާ ހީލަމުން ބޯޖަހާލިއެވެ.

“ތެންކިއު ލަމް.. އަހަރެން ވަރަށް އުފާވެއްޖެ.. ” ސުހާން ހީލިއެވެ.

“އަހަރެން ދެން ދަނީ.. މާދަން ތަށިތައް ގެންދާނަން.. މިހާރު މާލަސްވެއްޖެ..” ލަމްހާ ބުނެލިއެވެ.

“އޯކޭ..” ސުހާން ބޯޖަހާލިއެވެ.

 

ލަމްހާ ޔުނިފޯމު ބަދަލު ކޮއްލައިގެން ނުކުތެވެ. އޭރު ރެސްޓޯރެންޓު ކުރިމަތީ ކާރެއް މަޑުކޮއްލައިގެން އޮތެވެ. އެއީ ސުހާންގެ ކާރުކަން ލަމްހާއަށް އެނގުނެވެ.

ކާރާ ކައިރި ވިތަނާ ސުހާން ލޯގަނޑު ތިރި ކޮއްލިއެވެ.

“ހިނގާފަތަ ދަނީ..” ސުހާން އަހާލިއެވެ.

“ނޫން.. ބަހުގަ ދާނި..” ލަމްހާ ބުނެލިއެވެ.

“މިހާ ލަސްވީމަ ދެން ބަހެއް ނުލިބޭނެ. އަރާ އަހަރެން ގެންގޮސް ދޭނަން” ސުހާން ބުނެލިއެވެ.

“އޯކޭވާނެ.. މީހަކަށް ފެނިއްޖެއްޔާ އެމީހުން ހީކުރާނި އެހެން ގޮތަކަށް” ލަމްހާ އިންކާރު ކުރިއެވެ.

“ލަމް…” ސުހާންއަށް އަނގައިން ނުބުނެވެނިކޮއް މަގުގެ އަނެއް ފަރާތުން މީހަކު ގޮވާލިއެވެ.

ލަމްހާ ސިހިފައި ބަލާލި އިރު އެއީ ވިޝާމްއެވެ.

“ލަމް ދަންނަ މިހެއްތަ؟” ސުހާން ވިޝާމް އާއި ދިމާއަށް ބަލާލީ ނުރުހުމުގެ ނަޒަރަކުންނެވެ.

“ހުމްމް.. އެއީ ރައްޓެސްސެއް..” ލަމްހާ ބުނެލިއެވެ. ވިޝާމް އެމީހުން ކައިރިއަށް ހުއްޓުމުން ސުހާން ކާރުން ފޭބިއެވެ.

“ލަމް ހިނގާ އަހަރެންނާއެކު” ވިޝާމް ބުނެލިއެވެ.

“އެންމެ ފުރަތަމަ އެހީ އަހަރެން ދޯ” ސުހާން ވިޝާމްއަށް ލޯ އަޅާލަމުން ބުނެލިއެވެ. އަދި ލަމްހާއާ ދިމާއަށް ވަރަށް ފުންނަޒަރަކުން ބަލާލިއެވެ. އެބެލުމުގައި ހުރި ތަފާތުކަން ފާހަގަ ވީ ވިޝާމްއަށެވެ.

“ލަމް ދާނީ އަހަރެންނާއެކު.. ކަލޭ ތީ ކާކުތަ؟” ވިޝާމް ލަމްހާގެ އަތުގައި ހިފާލިއެވެ.

“ކީއްތަ ތިދެމީހުން ތިކުރަނީ.. ސުހާން ދެން ވަދޭ އެތެރެއަށް.. އަހަރެން ވިޝާމް އާއެކު ގޮސްދާނަން..” ލަމްހާ އެހެން ބުނުމުން ސުހާން ކަޑަވިއެވެ. ނަމަވެސް އެކަން ނުދައްކަންވެގެން އޭނާ ހީލިއެވެ. އެހެނަސް ވިޝާމްއާއި ދިމާއަށް ބަލާލިއިރު އެދެލޮލުގައި ވަނި ނަފްރަތެވެ.

ވިޝާމްގެ ފަހަތުން ލަމްހާ ދިޔައެވެ. ވިޝާމް އޭނާގެ ކާރު ކުރީ ދޮރުފަތް ހުޅުވާލަ ދިނެވެ. ކާރަށް އަރާފައި ލަމްހާއަށް ސުހާންއާ ދިމައަށް ބަލާލިއެވެ. އޭރުވެސް ސުހާން ހުރީ ސީދާ ލަމްހާއަށް ބަލަހައްޓައިގެންނެވެ. އެ މޫނުމަތިން ވަކި ތަފާތުކަމެއް ލަމްހާއަކަށް ފާހަގައެއް ނުކުރެވުނެވެ.

ވިޝާމް ކާރަށް އަރާ ނައްޓާލުމުންވެސް ސުހާން އެފިޔަވަޅު މަތީހުއްޓެވެ. ލޮލުކޮޅަށް ގޮސް ކާރު ގެއްލުމުން ސުހާން އިސްޖަހާލިއެވެ. އޭނާގެ އަތް މުއްކެވިގެން ދިޔައިރު އޭނާގެ ގައިގެ ނާރުތައް ހުރީ ފުފިފައެވެ.

ކާރު ކުރިން ހުރިތަނުގައި ޕާކު ކޮއްފައި ސުހާން އޭނާގެ ގެއަށްވަނެވެ.

“ހަލޯ އާޒިމް.. އަހަރެންނަށް ކަމެއް ކޮއްދީބަ… ލަމްއާ ވިޝާމްގެ އޮތީ ކޮންގުޅުމެއް..؟” ސުހާން އާޒިމް އަށް ގުޅާފައި ބުނެލިއެވެ. އަދި ފޯނު މޭޒުމައްޗަށް ހޫރާލާފައި އެނދުމައްޗަށް ވެއްޓިގަތެވެ. އޭނާ ބޭނުންވީ ނިދާލާށެވެ.

 

“ލަމް އާ ސުހާންގެ އޮތީ ކޮންގުޅުމެއް؟” ވިޝާމް އަހާލިއެވެ.

“ވިޝާމް ދަންނަންތަ އޭނަ.؟.” ލަމްހާވެސް ކޮއްލީ ސުވާލެކެވެ.

“ހުމް.. ލަމް އޭނަ އާ އެއްވެސް ގުޅުމެއް ނުބާއްވާތި” ވިޝާމް ކޮއްލީ އަމުރެކެވެ.

ލަމްހާ ހައިރާންވިއެވެ. ވިޝާމް އެގޮތަށް އެބުނީ ކީއްވެ ހެއްޔެވެ. ލަމްހާ ވާހަކަ ދައްކާ މީހަކާ ވާހަކަ ނުދައްކާނެ މީހެއް އެނގޭނީ ވިޝާމް އަށް ހެއްޔެވެ. ލަމްހާގެ ކަންކަމާ ބެހުމުގެ އެއްވެސް ހައްގެއް ވިޝާމްއަކަށް ނޯންނާނެ ނޫން ހެއްޔެވެ.

“ސުހާން އަކީ އަހަރެންގެ ބޮސް.. އޭނާގެ ރެސްޓޯރެންޓެއްގަ އަހަރެން ވަޒީފާ އަދާ ކުރަނީ.. އެހެން ނޫނަސް އޭނަ އަކީ ވިޝާމް ހީކުރާ ކަހަލަ މީހެއް ނޫން.. އެއީ އަހަރެންގެ ރައްޓެއްސެއް” ލަމްހާ ނުރުހުންވެފައި ބުނެލިއެވެ.

“އޭނަވެސް ދެކެނީ ލަމް އެކުވެރިއެއް ގޮތަށްތަ؟” ވިޝާމް ލަމްހާއާ ދިމާއަށް ބަލާލަމުން އަހާލިއެވެ.

“ހުމް.. އެހެން ކޮންގޮތަކަށް އޭނަ ދެކޭނީ” ލަމްހާ ބޭރު ބަލާލިއެވެ.

“ލަމް ކަހަލަ ކުއްޖަކާ މެދު އެއްވެސް ފިރިހެނަކަށް ހަމައެކަނި އެކުވެރިއެއް ގޮތަކަށް ނުދެކެވޭނެ.. އޭނާގެވެސް ނިޔަތްވެސް ތަފާތުކަން އަހަރެންނަށް ޔަގީން.. ” ވިޝާމް އެހެން ބުނުމުން ލަމްހާ ވިޝާމް އާ ދިމާއަށް ބަލާލިއެވެ.

އޭނާގެ މޫނުމަތިން ލަދުވެތިކަން ފާޅުވާން ފެށިއެވެ. އެކޯތާފަތަށް ވެރިވީ ފަނޑު ޖަންބު ކުލައެކެވެ. އެއްވެސް އިހްތިޔާރަކާ ނުލާ ލަމްހާގެ ކުޑަ ތުންފަތްމައްޗަށް ހިނިތުންވުމެ ފަވާލިއެވެ.

ލަމްހާއަށް އައި ބަދަލު ފެނިފައި ވިޝާމްގެ ހިތުގައި ރިއްސާލިއެވެ. ލަމްހާގެ ސިކުނޑީގައި ވާ އެއްޗެއް ވިޝާމްއަށް ދެނެގަނެވުނު ކަހަލައެވެ. އަނެއްކާ ލަމްހާވެސް ސުހާން އާ ގަޔާ ވަނީބާވައެވެ. ވިޝާމްގެ ހިތުގައި ސުހާންއާ މެދު އޮތް ނަފްރަތުގައި ހުޅުހިފިއެވެ.

ލަމްހާގެ ގޭގެ ކުރިމައްޗަށް ހުއްޓާލުމުން ލަމްހާ ކާރުން ފޭބިއެވެ. އަވަސް ފިޔަވަޅުގައި އޭނާ ގޭތެރެއަށް ވަދެގެން ދިޔައެވެ.

ގޭގެ ދޮރު ލެއްޕުމާއެކު ލަމްހާ ދޮރުގައި ލެނގިގަތެވެ. އޭނާގެ އަތް މެއާ ދިމާލުގައި ޖައްސާލިއިރު އެހިތް ތެޅެމުން ދިޔައެވެ. އޭނާގެ އެހިތް އެގޮތަށް ތެޅެނީ ހަމައެކަނި ސުހާންއަށްޓަކައެވެ. އެ ހަށިގަނޑުގައި ސުހާންއަށްޓަކައި ވިންދެއް ޖަހަން ފަށައިފިކަން ލަމްހާއަށް ޔަގީންވާން ފެށިއެވެ.

ލަމްހާއަށް ސުހާންދެކެ ލޯބި ވެވުނީއެވެ.. ލަމްހާ ގަބޫލުކުރަން ބޭނުން ނުވިއަސް އޭނާ ސުހާންދެކެ އިންތިހާއަށް ލޯބިވެވިއްޖެއެވެ.

ސުހާންވެސް އޭނާއާމެދު އެފަދަ ގޮތަކަށް ދެކެނީ ބާވައެވެ.. ސުހާންވެސް އޭނާދެކެ ލޯބިވޭބާއެވެ..

 

ފެންވަރާލައިގެން  ނުކުމެ ނިދާ ހެދުން ލައިގެން ލަމްހާ އެނދުގައި އޮށޯތެވެ. ނިދިފައި އޮތް ލީންގެ ނިއްކުރިއަށް ދޮނެއް ދިފައި އޭނާ ދެލޯ މަރާލިއެވެ. ނިދޭތޯ އޮތް ލަމްހާއަށް ނިދޭ ގޮތެއް ނުވިއެވެ. ދެލޯ މަރާލާއިރަށް ފެންނަނީ ސުހާންއެވެ. ސުހާން އޭނާ އެޖެއްސީ ކޮންފަދަ ޖާދޫއެއްގަހެއްޔެވެ.

ލަމްހާ އެކޭ އެއްފަދައިން ސުހާންއަށްވެސް އޮތީ ނުނިދިފައެވެ. ދެފަރާތަށް ފުރޮޅިލަ ފުރޮޅިލަ އޮވެފައި ނުނިދުމުން ސުހާން އެންމެފަހުން އެނދުން ތެދުވިއެވެ. ހުޅުވާފައި ހުރި ކުޑަދޮރު ކައިރީ ސުހާން ހުއްޓުނެވެ. އެންމެ ތަރިއެއްވެސް ފެންނަން ނެތް އަނދިރި އުޑުމައްޗަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނެވެ.

 

އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ލަމްހާގެ ސޫރައެވެ. އާޒިމް ފަހުން ގުޅާފައި ދިން ހަބަރުން އޭނާ ހުރީ ނުރުހުންވެފައެވެ. އެހިތުގައި ރިހުމެއް ވަނީ އުފެދިފައެވެ.

ލަމްހާއަކީ ވިޝާމް ކުރިން އިންނަން އުޅުނު ކުއްޖާކަން އެނގުމުން ސުހާންގެ ހިތުގައި ހަސަދަވެރިކަމެއް ވަނީ އުފެދިފައެވެ. މައްސަލައަކި އެދެމީހުން ގުޅުމެއް އޮތުމަކުން ނޫނެވެ. މިއަދު ވިޝާމް ފެނުމުން ލަމްހާ ކަންތައް ކުރިގޮތުން ސުހާން ހުރީ ދެރަވެފައެވެ. ލަމްހާ އަދިވެސް ވިޝާމްދެކެ ލޯބި ވަނީބާއެވެ. އަނެއްކާ ލީންއަކީ ވިޝާމްގެ ދަރިއެއްބާވައެވެ.  ހައްތަހާވެސް ޖަވާބެއް ބޭނުންވާ ސުވާލުތަކެކެވެ.

ސުހާން އޭނާގެ މޭގައި އަތް އަޅާލިއެވެ. އޭނާއަށް ހަމަ ރަނގަޅަށްވެސް ލަމްހާ ދެކެ ލޯބިވެވިއްޖެއެވެ. ނަމަވެސް ދުލާހަމައަށް ހަގީގަތް ގެންނާނީ ކިހިނެއް ހެއްޔެވެ.

ލަމްހާ ދުވަހަކުވެސް އޭނާގެ ލޯތްބެއް ގަބޫލެއް ނުކުރާނެއެވެ. ސުހާންއަކީ ވިޝާމްގެ އެއްބަފާ ބޭބެ ކަން އެނބުމުން އަދި ވަކިން ގަބޫލެއް ނުވާނެއެވެ. ހަޔާތުގައި ވެވުނު ފުރަތަމަ ލޯތްބަކީ ލިބެން ނެއް އެއްޗެއްކަން އެނގުމުން ސުހާން ހިތުގައި ޖެހުނެވެ.

ޖެހިގެން އައި ދުވަހުގެ ހެދުނެވެ. ރޭގެ ހަތަރުދަމު ނުނިދާ އުޅުމުން ވިޝާމް ހުރީ ތަބީއަތު ގޯސްވެފައެވެ. އެހާ ކަންބޮޑުވެފައި ހުއްޓާ ހަނާއައިސް ކައިރީގައި އިށީނުމުން އިތުރަށް މޫޑު ހަރާބުވިއެވެ.

“ވިޝާމް.. ކޮންއިރަކުން ދެން އެނބުރި ރާއްޖެ ދާނީ” ހަނާ އަހާލިއެވެ. އޭނާ މިހާރު ބޭނުންވަނީ އެނބުރި ރާއްޖެ ދާށެވެ. ވިޝާމްގެ އަޅާލުން ކުޑަކަމުން އޭނާ ހުރީ ފޫހިވެފައެވެ.

“އަހަރެން އަދި ދާކަށް ބޭނުމެއް ނޫން.. ހަނާ ބޭނުމިއްޔާ މިއަދުގެ ފުލައިޓުން ފުރައިގެން ދިޔަޔަސް އަހަރެންގެ މައްސަލައެއް ނެތް” ވިޝާމް ބުނެލިއެވެ.

“ލަމްހާ ފެނުނީމަ ދޯ ވިޝާމް ތިހާ ބަދަލުވީ.. ވިޝާމް އަދިވެސް ލަމްހާދެކެ ލޯބި ވޭދޯ؟” ހަނާ އެހެން  އަހާލިއިރު އެ އަޑުގައި ވަނީ ހިތާމައެވެ.

ވިޝާމް އެކަމާ ވަކިއެއްޗެއް ނުބުނުމުން ހަނާއަށް އެނގުނެވެ. ވިޝާމް ލޯބިވަނީ ލަމްހާ ދެކެއެވެ.

“އަހަރެންދެކެ ނުވެވުނު ލޮއެއްބެ ލަމްހާ ދެކެ ވެވެންވީ ސަބަބެއް އަހަންނަކަށް ނުވިސްނުނު..” ހާނާ ވިޝާމްއާއި ދިމާއަށް ބަލާލިއެވެ. ވިޝާމް ހަނާއަށް ބަލާލީ ދުރު ބެލުމަކުންނެވެ. ކައިވެންޏަށް ދެއަހަރު ފުރުނު އިރުވެސް ހަނާއަށް އަނބެއްގެ ދަރަޖައެއް ވިޝާމް ނުދެއެވެ. އެކަމާ ޝަކުވާ ކުރުމުންވެސް ވިޝާމް އަޅައެއް ނުލައެވެ.

“މިހާ ހެނދުނާ ބޭކާރު ވާހަކަ ނުދައްކަބަލަ.. އަހަރެން މިހުރީ ވަރަށް ބޮލުގަ ރިއްސާތި” ވިޝާމް މިހެން ބުނެފައި ދުރަށް ހިނގައިގަތެވެ.

ކޫބެކްގައި ހުންނަން ބޭނުން ނުވިއަސް ވިޝާމް އެކަނި ދޫކޮއްލާފައި ހަނާ ދާކަށް ބޭނުމެއް ނޫނެވެ. ނޫނީ ވިޝާމް އޭނާއަށް އެއްކޮށް ގެއްލިދާނެއެވެ. އެދެމީހުން ދެމެދު އޮތީ މަޖުބޫރީ ކައިވެންޏެއް ނަމަވެސް މިހާރު ހަނާ ވިޝާމްދެކެ ލޯބިވެއެވެ.

 

އާދައިގެ މަތިން މިއަދުވެސް ސުހާން އިނީ މަންމަ ކައިރީގައެވެ. އެލީޒާ މިއަދު ކުރިއަށްވުރެ ރަނގަޅެވެ. ކުޑަކޮށް ވާހަކަ ދައްކާ އުޅެއެވެ.

“ހިނގާ އެއްޗެއް ކާލަން ދޯ.. މިހާރު އެއްޗެއް ކޭފަހުން ވަރަށް ގިނައިރު ވެއްޖެ” ސުހާން އެހެން ބުނެފައި ތަށިތަކުގެ މަތި ނަގަން ފެށިއެވެ.

ގަމީހުގެ އަތް އުޅަން ބޯއްޓާ ހަމައަށް އޮޅާލާފައި އޭނާ ގޮނޑި ކައިރި ކޮއްލިއެވެ. އެވަގުތު އެކޮޓަރި ދޮރު ހުޅުވާލާފައި ވަނި ސިއާއެވެ.

“ބޮސް.. މިއައީ ދައްތަގެ ހާލު ބަލާލަން” ސިއާ ވަރަށް ތުއިވެލާފައި ބުނެލިއެވެ. ސުހާން ހީލާފައި އެނދުކައިރިން ދުރަށް ޖެހިލިއެވެ. ސިއާ ފެނުމުން އެލީޒާވެސް ހުރީ ވަރަށް އުފަލުންނެވެ. ސިއާ އާއި އެލީޒާ ވާހަކަ ދައްކަން ތިބިއިރު ސުހާން ހުރީ ދުރުގައި ލެޕް ހިފައިގެންނެވެ.

ސުހާންގެ މަންމައަށް ސިއާ ވަރަށް ކަމުދެއެވެ. އަބަދުހެން ސިއާގެ ރަނގަޅު ވާހަކަ އެލީޒާ ސުހާން ގާތު ކިޔައެވެ. ނުސީދާކޮއް ސިއާއާ ގުޅޭށޭވެސް ކިޔައެވެ. ނަމަވެސް ސުހާން ނޭނގޭ ކަމަށް ހަދައިގެން ހުންނަނީއެވެ. ސުހާންއަކަށް ސިއާ ކަމަކު ނުދެއެވެ. ހަމައެކަނި މުސްލިމަކަށް ނުވުމަކުން ނޫނެވެ. އޭނާގެ އުޅުމާއި ހެދުން އަޅާ ގޮތެއްވެސް ސުހާންއަކަށް ކަމަކު ނުދެއެވެ.

އޭނާގެ ހަޔާތުގައި ގަޔާވާ ކަހަލަ ސިފަތަކެއް ހުރި ހަމައެކަނި ކުއްޖަކީ ލަމްހާއެވެ. ލަމްހާ ފެނުނު ފަހުން އެހެން އަންހެން ކުއްޖަކާ ދިމާއަށް ބަލާލަންވެސް އޭނާ ބޭނުމެއް ނޫނެވެ.

“ސުހާން ދޭބަލަ ސިއާ ގެއަށް ލައިދޭން.. ” އެލީޒާ ބަލި އަޑަކުން ބުނެލިއެވެ.

މަންމަ ބުނުމުން އިންކާރު ކުރާކަށް ސުހާޏްއަކަށް ނުކެރުނެވެ.

“އަހަރެންގެ ޝިފްޓު ގަޑި ޖެހެނީ.. ރޯޔަލް ޑިނާއަށް އަހަރެން ގެންގޮސްދީ” ސިއާ ބުނެލިއެވެ.

“ސީޓު ބެލްޓު އަޅުވާ” ސުހާން ބުނެލިއެވެ.

“އަޅެ.. ނުވިއޭ.. ހީވަނީ ތާށިވެފަ ހުރިހެން.. ބޮސް މީތި އަޅުވަ ދީބަލަ” ގަސްތުގައި ސިއާ ސީޓު ބެލްޓު ނޭޅުނު ކަމަށް ހެދުނީއެވެ. ސުހާންއާ ގާތްވެވޭނެ ފުރުސަތަކަށް އޭނާ ހުންނަނީ ބަލަބަލަ އެވެ.

ސުހާން  ކުޑަކޮށް ކައިރި ވެލާފައި ސީޓު ބެލްޓަށް ދަމާލިއެވެ. ސިއާ ހީކުރި ވަރަށްވުރެ ސުހާން ހުރީ އޭނާއާ ދުރުގައެވެ. އޭނާ ސިއާއާ ދިމާއަށް ބަލާވެސް ނުލައެވެ. ސިއާ އަކީވެސް ހަޑި ކުއްޖެއް ނޫނެވެ. އެއީ މިހާރު އެހެން ފިރިހެނެއް ނަމަ އެފަދަ ފުރުސަތުގެ ބޭނުން ނުރަނގަޅުކޮށް ހިފީހެވެ. ނަމަވެސް ސުހާން އޭނާއަށް އެއްވެސް ޝައުގުވެރިކަމެއް ނުހުންނާތީ ސިއާ ހިތް ހަމަ ނުޖެހުނެވެ.

ސުހާން ކާރު މަޑުކޮއްލީ ތަންކޮޅެއް ދުރުގައެވެ. އެވަގުތު މަގުގެ އެއްފަރާތުން ހިނގާފައި އައި ލަމްހާއަށް ސުހާންގެ ކާރު ފެނުނެވެ. އެދިމާއަށް ހިނގައި ގަތްތަނާ ކާރުން ފޭބި ސިއާ ފެނިފައި ލަމްހާގެ ފިޔަވަޅު ހުއްޓުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dheem&Eekku

Level 410 Stories100 Login500 Login

Other Articles

Previous

ވަމޭ ތިލޯބި އެދިއެދި ( ސޯޅަވަނަ ބައި )

Next

ހިތި މާޒީ…

Next
November 5, 2020

ހިތި މާޒީ…

Previews
November 5, 2020

ވަމޭ ތިލޯބި އެދިއެދި ( ސޯޅަވަނަ ބައި )



All Right Reserved!