ތިން ލަފްޒުން (10)
“އަހަރެން ކިހިނެއް ލަމްހާ ގާތު އަހާނީ.. އަހަރެން ފެނުނަސް އޭނާ ރުޅި އަންނަ ހެން ހީވަނީ.. ކޮންމެވެސް އެއްޗެކޭ ކިޔާ ކޯޅެން ފަށާނެ” ސުހާން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.
އެރެއަށް މަސައްކަތް ނިންމާލާފައި އާޒިމް ފަހަތުން ސުހާންވެސް ނުކުމެގެން ދިޔައެވެ.
އާދުވަހަކަށް އިރު އަރައިފިއެވެ. އެހެން ދުވަސް ދުވަހަށް ވުރެ އަވަހަށް މިއަދު ލަމްހާއަށް ހޭލެވުނެވެ. މާރިއާ އައުމުގެ ކުރިން ހެނދުނުގެ ސައި ހަދާފައި އޭނާ ވަނީ ފެންވަރާށެވެ.
ލޯގަނޑު ކުރިމަތީ ހުރެ ރީތި ވެލާފައި އޭނާގެ އަމިއްލަ ސޫރަ ބަލާލިއެވެ. ގަޔަށް ސެންޓު ބުރުވާލާފައި އަތް ދަބަސް ހިފައިގެން ނުކުންނަން ދިޔައެވެ. ނަމަވެސް ދެވަނަ ސިކުންތު އެނބުރި އައިސް ނިދިފައި އޮތް ލީންގެ ނިތްކުރިއަށް ދޮނެއް ދިނެވެ. ލީންގެ ބޮލުގައި ފިރުމާލާފައި ލަމްހާ ނުކުތީ ބޭރަށެވެ.
ރޯޔަލް ޑިނާ މައި ދޮރު ކުރިމައްޗަށް ވާގޮތަށް ޓެކްސީ ހުއްޓާލުމާއެކު ދަތުރުގެ ފީ ދީފައި ލަމްހާ ކާރުން ފޭބިއެވެ. ރަންކުލައިން ޒީނަތް ކުރެވިފައިވާ ބޮޑު ނަންބޯޑާ ދިމާއަށް ބަލަހައްޓައިގެން ލަމްހާއަށް ހުރެވުނެވެ.
ރޯލަޔް ޑިނާ ނުދަންނަ މީހަކު މުޅި ކެނެޑާގައިވެސް މަދުވާނެއެވެ. މީގެ ކުރިން އެތަނަށް ނައި ނަމަވެސް ލަމްހާއަށްވެސް އެތަނާ ބެހޭގޮތުން ވަނީ އަޑު އިވިފައެވެ. މުވައްޒަފުން ހޮވާއިރު ވަރަށް ހަރުކަށިކަމަށްވެސް މީހުން ބުނެއެވެ. ލަމްހާ އިންޓަވިއުއަށް އައެއްކަމަކު ހޮވިދާނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ. ނަމަވެސް އާޒިމް އެހާވަރުން އެދުމުން އެކަމާ އިންކާރު ކުރަން ނުކެރުނީއެވެ. އެހެން ނޫނަސް ރޯޔަލް ޑިނާ ކަހަލަ މަޝްހޫރު ތަންތަނަށް ވަދެލުމުގެ މަދުން ނޫނީ ނުލިބޭނޭ ކަހަލަ ނަސީބެއް ލިބުމުން ދޫކޮއްލާކަށް ލަމްހާ ބޭނުމެއް ނޫނެވެ.
ފުން ނޭވާއެއް ބޭރުކޮއްލާފައި ލަމްހާ ދޮރުން އެތެރެއަށް ވަދެގެން ދިޔައެވެ.
އެތެރެއަށް އެޅުނު ފުރަތަމަ ފިޔަވަޅާއެކު ލަމްހާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ގަނޑުވަރެއްފަދަ ބޮޑު އެތަން ޒީނަތް ކުރެވިފައި ވަނީ ކަޅާއި ރަން ކުލައިންނެވެ. އެއްފަރާތެއްގައި އަގުބޮޑެތި ލެދާ ސޯފާއާއި ބިއްލޫރި ތިރި މޭޒު ހުއްޓެވެ. އަދި ސޯފާތަކާއި އިންވެގެން ހުރި ފޮތް ހަރުގަނޑުގައި ތަފާތު މެގަޒިން ތަކާއި ތަފާތު ވައްތަރުގެ ފޮތްތަށް ތަރުތީބުން އަތުރާލެވިފައިވެއެވެ. ލަމްހާގެ އިސްކޮޅަށް ވުރެވެސް ބޮޑެތި މާ ވާށިތަށް ތަނބުތަށް ކައިރީ ބެހެއްޓިފައި ހުއްޓެވެ. މަތި ބަލާލިއިރު އަދި އިތުރަށް ދެލޯ ބޮޑުވިއެވެ. އުސްކޮއް ހުރި ސީލިންގުގައި އެތަށް ބައިވަރި”ޝާންދަލިޔާތަށް” އެލުވާފައި ހުއްޓެވެ. އެތަށް ބައިވަރު ލައިޓުތަކުގެ އިތުރުން އަގުބޮޑެތި ފަންކާތަށްވެސް ހުއްޓެވެ. ފަންސާހަށް ވުރެ ގިނަ މޭޒުތައް އެވަގުތުވެސް ވަނީ ފުރިފައެވެ. ހުދާއި ކަޅުކުލައިގެ ޔުނިފޯމު އަޅައިގެން ތިބި އަންހެން އަދި ފިރިހެން މުވައްޒަފުން އެމީހުން ގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އުޅެއެވެ.
އަނެއްކާ މިވަދެވުނީ ހަމަ ރަނގަޅު ތަނަށް ބާއޭ ލަމްހާ ހިތަށް އެރިއެވެ. މިފަދަ ސާހީ ތަންތަން ލަމްހާ ދެކެފައިވަނީ ފޮޓޯ ތަކުންނާއި ސިރީޒްތަކުންނެވެ. ހަމަލޮލަށް ފެނުމުން ލަމްހާ ހުރީ އަންތަރީސްވެފައެވެ.
ދެންދާންވީ ވަކި ކޮންތަނެއް ކަމެއް ނޭނގިފައި ހުއްޓާ ލަމްހާ ސިހުނީ މީހަކު އައިސް ގޮވާލުމުންނެވެ.
“ކޭން އައި ހެލްޕް ޔޫ” އެއީ ޔުނިފޯމު އަޅައިގެން ހުރި ޒުވާން އަންހެން ކުއްޖެކެވެ. އެކުއްޖާގެ ރަތް ކުލަ ޖައްސާފައި ހުރި އިސްތަށިގަނޑު ހުރީ ވަރަށް ކުރުކޮށް ކޮށާލާފައެވެ. ތުންފަތުގައި ގަދަ ގަދަކޮށް ކުލަ ޖައްސަފައި ހުރުމުން ހީވަނީ ބުދެއް ހެނެވެ. ބޯކޮށް މޭކަޕް ކޮއްފައި ހުއްޓަސް ބަލާލަން ރީއްޗެވެ. ލަމްހާއަށް ވުރެ ތަންކޮޅެއް އެ ކުއްޖާ ދިގެވެ. އަރާފައި ހުރި ކަށި ދިގު ފައިވާނުގެ ސަބަބުން ކަންނޭނގެއެވެ. އެހެން ކުދިންނާ ހިލާފަށް އޭނާ ލައިފައި ހުރި ޔުނިފޯމު ބާރެވެ. ލައިގެން ހުރި ހުދު ގަމީހުން މަތީ ދެގޮއް ނައްޓާލާފައި ހުރުމުން ކަނދުރާއާއެކު މޭމަތީގެ ބޯޑުބައެއްވެސް ވަނީ ހާންމައަށެވެ. ތިރިއަށް ލައިފައި ހުރީ ފޫކޮޅަށް ބާރުކޮއް ޖަހާފައިވާ ކުރު ތިރިގަނޑެކެވެ. އެތެރެއިން ލާފައި ހުރީ އުރައެއް ފަދަ ބާރު ޓައިޓެކެވެ.
އިންޓަވިއުއަށް އައިސްކަމަށް ބުނުމުން އެކުއްޖާ ބުނީ އެތަނުން ސޯފާއެއްގައި އިށީނދެ މަޑު ކޮއްލަ ދޭށެވެ. މަޑުމައިތިރި ކޮށް ވާހަކަ ދެއްކި ނަމަވެސް އެ އަޑުގައި އެއްވެސް އެކުވެރިކަމެއް ނެތެވެ.
އެކުއްޖާ ބުނި ގޮތަށް ލަމްހާގޮސް ސޯފާއެއްގައި އިށީނެވެ. އިރުކޮޅަކު އެހެން އިންދާ ލަމްހާއާ ދިމާއަށް އަންނަ ފިރިހެން މީހާ ލަމްހާ އަށް ފެނުނެވެ. ވަޅުފެހި ކުލައިގެ ކޯޓު ފަޓުލޫނުގައި ހުރި އެމީހާ ހީވަނީ ސާޅީހަކަށް އަހަރުގެ މީހެއް ހެނެވެ. ކަލުކުލަ ގަދަ ކުރު އިސްތަށިގަނޑުވެސް ވަނީ ރީތިކޮށް ފުނާއަޅާފައެވެ.
“އައިޝަތް ލަމްހާ ހަމްޒާ.. ދޯ؟” އެމީހާ ވަހަކަ ދެއްކީ އިނގިރޭސިންނެވެ.
” ލައްބަ” ސޯފާއިން ތެދުވަންނަމުން ލަމްހާ ބޯޖަހާލިއެވެ.
“މިއީ ރޯޔަލް ޑިނާގެ ޑައިރެކްޓިން މެނޭޖާ. އަހަރެންގެ ނަމަކީ ޖޯން. އާދޭ އަހަރެންނާއެކު” ޖޯން އަމިއްލައަށް ތައާރަފް ވެލާފައި ހިނގައި ގަތެވެ. ލަމްހާވެސް އޭނާގެ ފަހަތުން ހިނގައި ގަތެވެ.
އެމީހާގެ ފަހަތުން ލަމްހާއަށް ވަދެވުނީ ތަނަވަސް އޮފީހެއްގެ ތެރެއަށެވެ.
ޖޯން އިސާރާތް ކޮއްލުމުން ލަމްހާ ސޯފާގައި އިށީނެވެ. ޖޯން ލަމްހާއާ ދިމާއަށް ބަލާވެސް ނުލާ ލިޔުންތަކެއް ބަލަން ފެށިއެވެ. އެއީ ލަމްހާގެ ލިޔުންތަކެކެވެ.
އޭނާ އެހެރީ ހިތްހަމަ ޖެހިފައި ކަމެއް ނުވަތަ ނޫންކަމެއް ބުނާކަށް ނޭނގެއެވެ. ވަރަށް ފަރުވާތެރިކާމާއެކު އޭނާ އެލިޔުންތަކަށް ބަލަން ހުރެފައި ފައިލް ލައްޕާލިއެވެ.
“ތަފާތު ރެސްޓޯރެންޓު ތަކުގައި ވަޒީފާ އަދާ ކޮއްފައި ހުރުމުން ތަޖުރިބާ ހުންނާނެ ކަމަށް ބަލަނީ.. އެކަމު އަހަރެން ބޭނުން ލަމްހާގެ ހުނަރު ބަލާލަން.. މިވަގުތު މުވައްޒަފަކު ބޭނުންވަނީ ކައްކާ ބަޔަށް… އެއްޗެހި ކޮށުމާ ތަށިތައް ދޮވުމާ އަދި އެނޫން މަސައްކަތްތަށް ވަރަށް ފަރިތަކަމާއެކު ކުރެވެން ޖެހޭނެ” ޖޯން ވާހަކަ ދެއްކީ މަޑުމައިތިރި ކޮށެވެ. ނަމަވެސް ލަމްހާގެ ހިތް ވަނީ ނުތަނަވަސް ވެފައެވެ.
ޖޯން ވަންނާށޭ ބުނުމުން ދޮރު ހުޅުވާލާފައި ވަނީ އަންހެން ކުއްޖެކެވެ. ބުޅި އިސްތަށިކޮޅަކާ ހަމުގެ ކުލަ ލަމްހާ މެންނަށް ވުރެ އަނދިރިކޮއް ހުރި ކުއްޖެކެވެ. އެކުއްޖާ ލައިފައި ހުރި ޔުނިފޯމު ކުރިން ފެނުނު ކުއްޖާއާ ތަފާތެވެ. ހީވާގޮތުން އެއީ ކައްކާ ބައިގައި މަސައްކަތް ކުރާ ކުއްޖެކެވެ. އެކުއްޖާ ލަމްހާއާ ދިމާއަށް ހީލާފައި އޭނާ ގެނައި ފުރޮޅުލީ ކުޑަ މޭޒު އެތެރެއަށް ވެއްދިއެވެ. އަދި ތިރީގައި ހުރި ވަތްގަނޑުބައި ހުޅުވާލާފައި 2 ކެރެޓާއި ފަޅިކޮއްލަފައި އޮތް ކެބެޖެއް ނަގާ ކަޓިން ބޯޑު މަތީ ބޭއްވިއެވެ. އަދި ތަރުކާރީ ކޮށާ ކަހަލަ ބޮޑު ވަޅިއެއް ނަގާ މޭޒުމަތީ ބޭއްވިއެވެ.
“އަހަރެން ބޭނުން ލަމްހާގެ ކަލިނަރީ ހުނަރު ބަލާލަން” ޖޯން އެހެން ބުނުމަށްފަހު އިޝާރާތުން ފަށާށޭ ބުނެލިއެވެ.
ލައިގެން ހުރި ދިގު ކޯޓު ބާލާފައި ލަމްހާ އޭނާގެ ގަމީހުގެ އަތުކުރި އޮލާލިއެވެ. އެއަށްފަހު ވަޅި ނަގާފައި ފަރިތަކަމާއެކު ކޮށަން ފެށިއެވެ. ތުނި ކޮއް އެއްވަރަކަށް ކޮށެމުން ދިޔަ ކެރެޓު ފޮތިތަކަށް ބަލަހައްޓައިގެން ހުރިއިރު ޖޯންގެ މޫނު މަތިން ފުރަތަމަ ފަހަރަށް ހިތްހަމަ ޖެހުމުގެ ކުލަވަރު ފެންނަން ފެށިއެވެ.
އޭނާގެ އަމިއްލަ މޮޅުކަމަށް ލަމްހާވެސް ތައުރީފް ކޮއްލިއެވެ. ލަމްހާމެން ބޮޑުވީ އެއްވެސް ވަރަކަށް ބަދިގޭގެ މަސައްކަތް ކޮއްގެނެއް ނޫނެވެ. ނަމަވެސް ލީން ލިބުމަށް ފަހު ލަމްހާ ކައްކަނީ އަމިއްލަ އަށެވެ. އޭނާގެ ފޮރުވިފައިވާ ހުނަރުވެސް ފެނުނީ އަމިއްލައަށް ބަދިގެއަށް ވަންނަން ފެށުމުނެވެ. އެއަށްފަހު ކެއްކުމަށް ލަމްހާ ލޯބިޖެހުނެވެ. ލަމްހާ ކުރިން މަސައްކަތް ކުރި ކޮންމެ ރެސްޓޯރެންޓެއްގަވެސް ކައްކާ ބައިގައި މަސައްކަތް ކުރީ އެހެންވެއެވެ.
ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ތަރުކާރި ކޮށާ ނިންމާލާފައި ލަމްހާ ޖޯން އާއި ދިމާއަށް ބަލާލިއެވެ.
“ކޮށާފަ ހުރިގޮތް ކަމަކު ނުދޭ.. އެކަމު މަސައްކައްކުރުމުގެ ފަރިތަކަން ހިތްހަމަ ޖެހޭ ވަރުވޭ..” ޖޯން ލަމްހާ އަ ދިމާއަށް ބަލާލަމުން ބުނެލިއެވެ.
“މައްސަލަ އެއް ނެތިއްޔާމުން މާދަމާއިން ފެށިގެން ވަޒީފާއަށް ނުކުންނަން ވާނެ” ޖޯން އެހެން ބުނުމުން ލަމްހާ ހައިރާން ވިއެވެ.
“އަޅުގަނޑަށް ވަޒީފާ ލިބުނީ ތޯ؟” ލަމްހާ ޔަގީން ކޮއްލުމުގެ ގޮތުން އަދި އެއްފަހަރު އަހާލިއެވެ.
“ލައްބަ.. މާދަން އައިސް އަހަރެންނާ ބައްދަލު ކޮއްލަން ވާނެ.. މުވައްޒަފުންގެ ފާހާ ޔުނިފޯމު އަދި ޓޭގް ކޮޅާ ހަވާލުވާން ވާނެ.. ދެން.. ވަޒީފާގެ ފުރަތަ ދުވަހުން ފެށިގެން ލަމްހާއަށް ކަންތައްތަށް ދަސްވަންދެން އެހީތެރި ވެދޭނީ އެމިލީ” ކައިރީގައި ހުރި އަންހެން ކުއްޖާއަށް އިޝާރަތް ކޮއްލަމުން ބުނެލިއެވެ.
އެއަށްފަހު ދެން ދިޔަޔަސް މައްސަލައެއް ނެތޭ ބުނެފައި އެމީހުން ދިއުމަށް ހުއްދަ ދިނެވެ.
” ހައި.. އަހަރެންގެ ނަމަކީ އެމިލީ.. ކުރުކޮށް ކިޔަނީ އެމް.. އަހަރެން މިތަނުގަ މަސައްކަތް ކުރަން ފެށިފަހުން އަދި ދޮޅު އަހަރު މިވީ.” އެމިލީ ވަރަށް ގާތް މީހަކާ ވާހަކަ ދައްކާހެން ލަމްހާ އާ ވާހަކަ ދެއްކިއެވެ. ހީވާގޮތުން އެއީ ވަރަށް އެކުވެރި މީހުނާ ގުޅޭ ކަހަލަ ކުއްޖެކެވެ.
ލަމްހާވެސް އަމިއްލަ އަށް ތައާރަފް ވުމުން އެމިލީ ވަރަށް ގަޔާވެފައި ވާހަކަ ދައްކަން ފެށިއެވެ.
“މިހުރީ ސްޓާފުން ރެސްޓު ކުރާ ރޫމެއް.. ދެޖިންސުގެ މުވައްޒަފުންވެސް މިތަން ބޭނުން ކުރޭ.. ދެން އެހެރީ އަންހެން ކުދިންގެ ޗޭންޖިން ރޫމް.. ސްޓާފުން ވަދެ ނިކުމެވާން ހާއްސަ ކޮއްފައި ހުންނާނެ ދޮރެއް.. ލަމްއަށްވެސް ފާސް ލިބުނީމަ އެދޮރު ބޭނުން ކުރަން ވާނީ.. ދެން މިއީ ބަދިގެ ބަޔަށް ވަދެވޭ ދޮރަކީ..” އެމިލީ ވަރަށް ފުޅާކޮއް ހުރި އެލުމިނިއަމް ދޮރެއް ހުޅުވާލާފައި އެތެރެއަށް ވަނެވެ.
އެމިލީ ފަހަތުން ވަތް ލަމްހާ އަންތަރީސްވެފައި އެކި ދިމަ ދިމާ ބަލަން ފެށިއެވެ. އެއީ އެއްވެސް ޖާގައިގެ ދަތިކަމެއް ނެތް ބޮޑު ތަނެކެވެ. 20 ސަކަށް މީހުން އެތަނުގައި މަސައްކަތުގައި އުޅެއެވެ. އެންމެންވެސް ތިބީ ވަރަށް ރީތިކޮށް ޔުނިފޯމު އަޅާ ނިވާވެގެންނެވެ. އަނގަމަތީގައި މާސްކު އަޅާފައި ހުރިއިރު އެންމެންގެ ބޮލުގައި ހުރީ ފާޑެއްގެ އުރައެއް އަޅުވާފައެވެ. ކައްކަން ބޭނުން ކުރާ ސާމާނުތައްވެސް ހުރީ ތަރުތީބުން އަތުރާލެވިފައެވެ.
ފަހަރަކު މީހަކަށް ލަމްހާ ތައާރަފް ކޮއްދެމުން އެމިލީ މުޅި ބަދިގެތެރޭގައި ހިނގިއެވެ. ބައެއް މީހުން އަޅާ ނުލި ނަމަވެސް ގިނަމީހުން ލަމްހާއާ ވާހަކަ ދައްކާ އެކުވެރި ވިއެވެ.
އެދުވަހު ލަމްހާ އެނބުރި ގެއަށް ދިޔައީ ވަރަށް ހިތްހަމަ ޖެހިގެންނެވެ. އާޒިމްއަށް ގުޅާފައި ވަޒީފާ ލިބުނު ވާހަކަ ބުނެފައި ލަޔާން އަށާ ޔުސްރާއަށް ގުޅައިގެންވެސް އެވާހަކަ ކިޔައިދިނެވެ. ރޯޔަލް ޑިނާ ކަހަލަ މޮޅު ތަނަކުން ވަޒީފާ ލިބުމުން އޭނާ ހުރީ ނުހަނު އުފާވެފައެވެ.
“ސުހާން ބުނި ކުއްޖާ މިއަދު އިންޓަވިއުއަށް އައި.. އަހަރެން އޭނާ އަށް ވަޒީފާވެސް ދީފިން.. އަސްލު ހަމައެކަނި ސުހާން ބުނީމަކާއެއް ނޫން.. އޭނާ މަސައްކަތް ކުރުންވެސް އަހަރެންނަށް ވަރަށް ކަމުދިޔަ.. އެއީ އަނެއްކާ ކޮންކުއްޖެ؟” ކޮފީތަށިން ކޯވަރެއް ބޯލަފައި ޖޯން އަހާލިއެވެ.
“އެއީ.. އެއީ އާޒިމްގެ އެކުވެރިއެއް. އޭނަ ޖޮބެއް ބޭނުންވެގެން އުޅޭތީ ކުޑަ އެހީއެއް ވެދިނީ” ސުހާން ދުރު ބަލާލަމުން ބުނެލިއެވެ. އެރެއަށް ބަންދުކޮއްފައި ހުރުމުން ރޯޔަލް ޑިނާގެ މޭޒުތައް ހުރީ ހުހަށެވެ. މޭޒުތަށް ސާފުކޮއް ކުނިކަހަން އުޅޭ ބައެއް މުވައްޒަފުން ނޫން ބަޔަކު އެތާ ނުވެއެވެ.
ސުހާން އައި ހަބަރު ލިބިގެން އެހެންޏާ ސާފުކުރަން ނުނިކުންނަ ބައިގަނޑެއްވެސް ނުކުމެ ތުއި ދައްކަން އުޅެއެވެ. ނަމަވެސް ސުހާން އެއިން މީހަކާ ދިމާއަށް ބަލާވެސް ނުލައެވެ.
ކޮފީތަށި ހުސްވުމުން މިދަނީ އޭ ބުނެ ސުހާން އެރީ މައްޗަށެވެ. ގޭގެ ދޮރު ހުޅުވާލާފައި އޭނާ އެތެރެއަށް ވަދެގެން ދިޔައެވެ. ނިދާ ކޮޓަރިއާ އިންވެގެން ހުރި ސްޓަޑީ ރޫމްއަށް އޭނާ ވަނެވެ. ނުނިމޭ ބައެއް މަސައްކަތް ހުރުމުން އޭނާ ލެޕްޓޮޕު ހިފައިންގެ މޭޒުކައިރީ އިށީނެވެ. އިރުކޮޅަކު މަސައްކަތް ކޮއްލިތަނާ ނިދި އަން ގޮތްވިއެވެ. ހާފުރި ލާފައި މޭޒުމަތީ ބޯއަޅަލިވަގުތު ފޮތްތަށް މަތީ އޮތް ކަޅު ކުލައިގެ ކުޑަ ފޮށި ސުހާންގެ ލޮލުގައި އަޅައިގަތެވެ. އޭނާގެ ތުންފަތް މަތީގައި ލުއި ހިނިތުންވުމެއް ފަވާލިއެވެ.
އެފޮށި ނަގާ އޭގައި އޮތް ރިހި ފަށް ނެގިއެވެ. އޮފީސް ގޮނޑީގެ ފަހަތުގައި ބުރަކަށި ޖައްސާލާފައި މޭޒުމައްޗަށް ދެފަ ލައި ހަމަޖެހިލިއެވެ. ކަޅިޖަހާ ނުލާ އޭނާ ބަލަހައްޓައިގެން އިނީ ލާލެއްގެ ބައްޓަމަށް އިން ފަށުގެ ފުލަށެވެ. އެފަށް ލަމްހާއަށް ރައްދުކޮއްދޭން ގުޅަން އުޅޭ ކޮންމެ ފަހަރަކު އޭނާ ފަސް ޖެހެނީއެވެ. ސުހާންގެ ނިޔަތް ގޯސް ނުވިނަމަވެސް ލަމްހާ ހިތަށް އަރާފާނޭ އެއްޗަކާ ހުރެ އޭނާ ޖެހިލުން ވަނީއެވެ. މިދުވަސްކޮޅު މާ ބުރަކޮށް އުޅުމުން ސުހާން ހުރީ އެފަށް މަތިން ހަނދާންވެސް ނެތިފައެވެ.
މީހެއްގެ ހައްގެއް އޭނާގެ އަތުގައި ބާއްވާކަށް ސުހާން ބޭނުމެއް ނުވިއެވެ. ވަރަށް ވިސްނަފައި ސުހާން އެންމެ ފަހުން ފޯނު ނަގާ ލަމްހާގެ ނަންބަރަށް ފިތާލިއެވެ
އެނދުމަތީގައި ފޯނު ހިފައިގެން އޮތް ލަމްހާގެ ފޯނު ރިންގު ވިއެވެ. އަވަހަށް ރިންގު މަޑުކޮއްލާފައި ކައިރީގައި އޮތް ލީންއާ ވީ ފަރާތަށް އެނބުރުނެވެ. ނިދި މަރުވެފައިވާ ލީން ފެނުމުން ހަމަޖެހުމުގެ ނޭވާއެއް ލާފައި ލަމްހާ ފޯނަށް ބަލާލިއެވެ. އެއީ ނުދަންނަ ނަންބަރަކަށް ވުމުން ވިސްނަން ހުރެފައި އެންމެ ފަހުން ފޯނު ނެގިއެވެ.
ފޯނު ކަންފަތުގައި ޖައްސާލާފައި އެކޮޅުން ވާހަކަ ދައްކަންދެން ލަމްހާ މަޑު ކުރިއެވެ. މަދު ސިކުންތު ކޮޅަކަށް ފަހު އެކޮޅުން ވާހަކަ ދެއްކީ ބަރު އެހެނަސް މަޑުމައިތިރި އަޑެކެވެ.
އެއަޑު އިވިފައި ލަމްހާގެ ގައިން ހީބިހި ނަގައި ގަތެވެ. އޭނާގެ ހިޔާލަށް އައީ ސުހާންއެވެ. އެއަޑު ސުހާންގެ އަޑާ ވަރަށް ވައްތަރެވެ.
“ލަމްހާ؟.. ނިދަނީތަ؟.. މިއީ ސުހާން..” ސުހާން ބުނެލިއެވެ.
“ނު…ނުނިދަން.. ކިހިނެއް އަހަރެންގެ ނަންބަރު ހޯދީ” ލަމްހާ އަހާލިއެވެ.
“އާޒިމް އަތުން ގަދަކަމުން އަތުލީ… ދެން ކިހިނެއްތަ؟” ސުހާން އަހާލިއެވެ.
“ރަނގަޅު.. އެކަމް އަހަރެން ނުދައްނަ މީހުނާ ގުޅައިގެން ވާހަކަ ދައްކައެއް ނޫޅެން .. ބާއްވަނީ” ލަމްހާ ބުނެލިއެވެ.
“މަޑު ކޮއްބަލަ.. އަހަރެން މިއީ އަދިވެސް ނުދަންނަ މީހެއްތަ..؟ ދެފަހަރަށް ވުރެ ގިނައިން ބައްދަލުވެ ވާހަކަވެސް ދައްކާފަ ހުންނާނީ.. އެކަމް ތިބުނީ ނުދަންނަ މީހެކޭ..” ސުހާން ބުނެލިއެވެ.
“ކީއްކުރަން ތި ގުޅީ.. މީހުނަށް ޖެއްސުން ކުރަން ގުޅާކަށް ރޭގަނޑެއް ދަންވަރެއްވެސް ނޯވޭ ދޯ” ލަމްހާ މަލާމަތުގެ ރާގަކަށް ބުނެލިއެވެ.
“އަދި ނުއެއް ނިދަމެއްނުން.. އަހަރެން މިގުޅީ ކަމަކުއޭ.. ކޮބާ އަހަރެން ދޮންނަން ދިން ކޯޓު.. އަދިވެސް އެޔެއް ރައްދެއް ނުކުރަމޭނުން” ސުހާން ބުނެލިއެވެ.
ކޮޓަރީގެ އެއްފަރާތެއްގައި ހުރި ހެދުން އަޅުވާ ހަރުގައި އަޅުވާފައި އިން ކޯޓާ ދިމާއަށް ބަލާލިއިރު ލަމްހާގެ ތުންފަތް މަތީ ވަނީ ލާނެއް ހިނިތުން ވުމެކެވެ.
“އަހަރެން ކުރިންވެސް ބުނީމެއްނު އެއްލާލައިފީމޭ.. މިހާރު ނޭނގެ ކުނި ގޮނޑުގަވެސް އޮތްކަމެއް.. ” ލަމްހާ ބުނެލިއެވެ.
“ހަމަ އަސްލުވެސްތަ.. އެހެން ހަދަން ހެޔޮވެސް ނުވާނެ.. އެއީ މަންމަ ދިން އުފަންދުވަހުގެ ހަދިޔާ ވިއްޔަ” ސުހާން ވަރަށް ދެރަ ވެލާފައި ބުނެލިއެވެ.
“ތިއީ ކުޑަ ކުއްޖެއްތަ އެވަރު ކަމެއްވާއިރަށް ދެރަވާން..” ލަމްހާ ދިމާކޮއްލިއެވެ.
” ލަމް ކީއްވެތަ އަބަދު އަހަރެން ކުޑަކުއްޖަކާ ތިޔަ ހަމަ ހަމަ ކުރަނީ.. އަހަރެން މިއީ ފިރިހެނެއްކަން ސާބިތު ކޮއްދޭން ކިއެއް ކޮއްދޭން ވީ” ސުހާން ބުނެލިއެވެ.
“ހެޔޮ ކޮންމެހެން ސާބިތު ނުކުރިއަސް.. ދެން ދޭ އަވަހަށް ކުނި ގޮނޑު ހޯދަން” ލަމްހާ ބުނެލިއެވެ.
“ލަމްވެސް ދާންވީނު އަހަރެންނާ އެކީ” ސުހާން ބުނެލިއެވެ.
“އެކީކުރަން އަހަރެން ދާންވީ.. އަހަރެން ހޯދާނެ އެއްޗެއް ނޯންނާނެ އެތާކު” ލަމްހާ ބުނެލިއެވެ.
ސުހާންގެ ވަކި ޖަވާބެއް ނައިސް ގިނައިރު ވުމުން ހަލޯއޭ ބުނަން އުޅެނިކޮއް ފޯނަށް މެސެޖެއް އައެވެ.
ޑަސްޕިނާ ދިމާކޮއްގެން ހުރި ފަށުގެ ފޮޓޯއެއް އައުމުން ލަމްހާގެ ދެލޯ ބޮޑުވިއެވެ. އެއީ ސުހާން އާއި ބައްދަލުވި ފުރަތަމަ ދުވަހު ގެއްލުނު އޭނާ އެންމެ ލޯބިވާ ފަށެވެ.
“ކަލޭގެ އަތުގަ ތިފަށް އޮންނަންވީ ކީއްވެ” ލަމްހާ އަހާލިއެވެ.
“އެއްކަލަ ދުވަހު ލަމް ކައްސާލާ ވެއްޓުނު ވަގުތު ފަށް ބިންމައްޗަށް ވެއްޓުނީ.. އަހަރެން ފާމަސީއަށް ވަދެފަ އައިތަނާ ފެނުނީ..” ސުހާން ބުނެލިއެވެ.
“އެދުވަހު ކަލޭ ދިޔައީ ފާމަސީއަށްތަ.. އެކީއްކުރަން؟” ލަމްހާ އަހާލިއެވެ.
“ކޮފީތަށި ބަންޑުން ވެގެން ލަމްގެ އަތުގަ ފިހިފަ އިން ތަންކޮޅުގަ ހަކާނެ ބޭހެއް ލިބޭތޯ.. އެވަރުން ބޭސްގަނެގެން އައިރު ލަމްއެއް ނެއްވިއްޔަ” ސުހާން އެހެން ބުނުމުން ލަމްހާ ހައިރާންވިއެވެ. ނުވެސް ދަންނަ މީހަކަށް އެހާވަރުން ބޭސްގަނެދޭން ސުހާން ދިޔައީ ކީއްވެ ބާވައެވެ.
“މާދަން ތިފަށް އަހަރެންނަށް ގެނެސްދީ” ލަމްހާ ބުނެލިއެވެ.
“ނޫން.. ލަމްވެސް ދޭ ކުނިގޮނޑު ހޯދަން” ސުހާން ލަމްހާ ވާހަކަ ދެއްކި ރާގަށް ބުނެލިއެވެ.
“ދެން.. ޕުލީސް….ވަރަށް ފޫހިވޭ” ލަމްހާ ބޮޑާ ހާކާލި އަޑު އިވުމުން ސުހާން ގާތަށް ހިނިއައެވެ.
ސުހާންގެ ހުނުމުގެ އަޑު ކަންފަތުގައި ޖެހުމުން ލަމްހާ ކުޑަކޮއް ހުއްޓުން އެރިއެވެ. ހާދަ ހިތްގައި އަޑެކެވެ. ކިތަންމެ ގިނައިން އެއަޑު އިވުނަސް އޭނާ ފޫހި ނުވާނެ ކަންނޭނގެއެވެ.
ހިތައް އެރި އެއްޗަކުން ލަމްހާގެ މޫނު ރަތްވިއެވެ. ސުހާންއާއި ދޭތެރޭ އެގޮތަށް ދެކޭކަށް ލަމްހާ ބޭނުމެއް ނޫނެވެ. ސުހާންއާ އަޅާ ބަލާއިރު ލަމްހާއަކީ އެއްވެސް މީހެއް ނޫނެވެ. އެހެން ނޫނަސް ލަމްހާއަކީ ދަރިއެއްގެ މަންމައެކެވެ.
“އޯކޭ އޯކޭ.. ހިނގާ މާދަން ބައްދަލުވެލަން.. މާދަން 5 ޖަހާއިރު އެއްކަލަ ދުވަހު ލީން ގޮވައިގެން ދިޔަ ޕާކުން” ސުހާން ބުނެލިއެވެ.
“އޯކޭ.. ” ލަމްހާ އެއްބަސްވިއެވެ. ސުހާންއާ ރަހުމަތްތެރިކަން ބާއްވާލުމަކީ އެއްވެސް މައްސަލައެއް ނޫންތާއެވެ.
“ގުޑް ނައިޓު ލަމް.. އައި ވިލް ސީޔޫ ޓުމޯރޯ” ސުހާން އެހެން ބުނެފައި ފޯނު ކަނޑާލިއެވެ.
ފޯނު ކެނޑުނު އަޑު އިވުމުން ފޯނު ކަންފަތާ ދުރު ކޮއްލާފައި ލަމްހާ ދެލޯ މަރާލިއެވެ. މެއާ ދިމާލުގައި އަތް އަޅާލިއިރު އޭނާގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައެވެ.
އެރޭގެ ހަތަރު ދަމު އޭނާ އުޅުނީ ނުނިދިގެންނެވެ. އިރު ނާރައިގެން އޭނާ އުޅުނީ ވަޒިފާއަށް ދާހިތްވެފަ ހުރިލެ ބޮޑުކަމުން ކަމެއް ނޫނީ ސުހާން އާއި ބައްދަލު ވާނެތީ ކަމެއް ލަމްހާއަކަށް ނޭނގުނެވެ.
ޖޯން ބުނި ގަޑިއަށް ވުރެ ކުޑައިރުކޮޅެއް ކުރިން ލަމްހާ ރޯޔަލް ޑިނާއަށް ދިޔައެވެ. ވަންނަން ވީ ބާއޭ ނޫނީ މަޑުކޮއްލާނީ ބާއޭ ހިތައް އަރައަރަ ހުއްޓާ އެމިލީ އައެވެ. ލަމްހާ އަވަހަށް އެމިލީ ފަހަތުން ދިޔައެވެ.
ޖޯން ގެ ކެބިންއަށް ވަތް އިރު އޭނާ އިނީ ލެޕްޓޮޕުން މަސައްކަތެއް ކުރާށެވެ. ލަމްހާ ފެނުމުން ޖޯން ތެދުވެގެން އައިސް އޭނާގެ ފާހާއި ޓެގުކޮޅު ދިނެވެ. ޖޯންގެ ހުއްދައާއެކު ލަމްހާ އެމިލީއާއެކު ދިޔައީ ހެދުން ބަދަލު ކުރާ ކޮޓަރިއަށެވެ. އޭނާގެ ނަން ޖަހާފައިވާ އޭނާއަށް ހާއްސަ ލޮކަރު ހުޅުވާލިއެވެ. ކޮނޑުގައި އަޅުވާފައި ހުރި ދެޔުނިފޯމުވެސް ހުރީ އިސްތިރި ކޮއްފައެވެ.
އެއީ ހުދު ކުލައިގެ ގަމީހަކާ ކަޅުކުލައިގެ ބެލްސެކެވެ. އަތުގެ އަރިމަތީގައި ރަން ކުލައިގެ ދެ ރޮނގު އިނެވެ. ދެން އޮތީ ކަޅު ކުލައިގެ އޭޕުރޯން އަކާއި ބޮލުގައި އަޅުވާ އެއްޗެކެވެ. އޭޕުރޯންގައި ރަން އަކުރުން ރޯޔަލް ޑިނާ ޖަހާފައި އިނެވެ. ވަރަށްވެސް ފުރިހަމަ ޔުނިފޯމެކެވެ.
ލައިގެން ހުރި ހެދުން ބާލާފައި ޔުނި ފޯމަށް ބަދަލު ކޮއްލިއެވެ. އެމިލީވެސް އެއްޗެހި ބަދަލުކޮއްގެން ލަމްހާ ގޮވައިގެން ސްޓާފުން ރެސްޓު ކުރާ ރޫމަށް ދިޔައެވެ. އޭރު އެތަށް ބަޔަކު އެކި ދިމަ ދިމާލުގައި އަނގަ ތަޅަން ތިއްބެވެ. ލަމްހާ ވަނުމުން އެންމެން އޭނައާ ދިމާއަށް ބަލަން ފެށިއެވެ.
“މިއީ އާކުއްޖެއް. ކައްކާ ބައިޔަށް އައި ކުއްޖެއް.. މިއީ ލަމްހާ” އެމިލީ އެންމެންނަށް ބުނެލިއެވެ.
އެހެން ބުނުމުން ބައެއް ކުދިން ހީލާފައި ތައާރަފް ވެލިއެވެ. ނަމަވެސް އެއެންމެން ތެރޭ ވަރަށް ފާޑަކަށް އަނގަ ހަދައިގެން އެއްކުއްޖަކު ހުއްޓެވެ. އެކަން ފަހަގަވީ އެމިލީއަށެވެ.
“ލަމް.. މިތާއުޅޭއިރު ބައެއް ކުދިން އުޅޭނެ އިނގޭ އަމިއްލަ އަށް ޖެހިގަނެގެން. އެމީހުންނާ އަޅާ ނުލާ.. މީހަކު އެއްޗެކޭ ބުންޏަސް އަހަރެން ގާތު ބުނޭ..” އެމިލީ އެހެން ބުނެލީ ދުރުގައި ހުރި ކުއްޖަކާ ދިމާއަށް ލޯއަޅާލާފައެވެ. ލަމްހާ އެދިމާ ބަލާލިއިރު އެއީ އިއްޔެގަ ފެނުނު އަންހެން ކުއްޖާއެވެ. އެކުއްޖާ ވަރަށް ފާޑަކަށް ލަމްހާއާ ދިމާއަށް ބަލާލާފަ ތުން އަނބުރާލިއެވެ.
“އޭނަ އެހެރީ ޖެލަސްވެފަ” އެމިލީ ލަމްހާގެ ކަންފަތާ އަނގަ ކައިރި ކޮއްލަމުން ބުނެލިއެވެ.
“އެއީ ކީއްވެ؟” ލަމްހާ ހައިރާންވިއެވެ. އެކުއްޖާ ޖެލަސްވާންވީ އެއްވެސް ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ.
“ލަމް.. އޭނައަށް ވުރެ ރީތި ވީމަ. އެއީ ސިއާ.. އެމެރިކަން އޭޝިއަން ކުއްޖެއް.. އަމިއްލަ އަށް މާރީތިވެގެން އުޅޭނީ.. އެކަމް އަހަންނަށް ހީވަނީ އެއީ ހުސް ސިލިކޯނުހެން. މިތަނަށް ޖޮއިންވާ ކޮންމެ ރީތި ކުއްޖަކާ ޖައްސާލާފަ ހުންނާނީ” އެމިލީ މަލާމާތުގެ ރާގަކަށް ބުނެލިއެވެ.
އެމިލީ އެހެން ބުނިގޮތުން ލަމްހާއަށް ހެވުނެވެ.
އެތަނުގައި އެންމެ ދުވަސްވީ މުވައްޒަފަކު އައިސް އަވަސް ކުރާށޭ ބުނުމުން އެންމެން އަވަހަށް އެމީހަކު ކުރަން ޖެހޭ މަސައްކަތަށް ދިޔައެވެ.
“މިއީ އަދި މިތަނުގަ އުޅޭ މުވައްޒަފުންގެ ދެބައި ކުޅަ އެއްބައި.. އަނެއް ޝިފްޓުގަވެސް އަންނާނެ ހަމަ މިހާ ގިނަ މީހުން” އެތަނާ ބެހޭގޮތުން އެމިލީ އެތައް ވާހަކައެއް ކިޔައި ދިނެވެ. ލަމްހާވެސް ވަރަށް ގަޔާވެފައި އެމިލީގެ ވާހަކަތަށް އަޑުއަހަމުން ދިޔައެވެ. ދެމީހުން އެއްގޮތް ކަމުން ދައްކާނެ ބައިވަރު ވާހަކަ ހުރެއެވެ.
10 ޖަހާލަނިކޮށް ފުރަތަމަ ބުރޭކް ގަޑިޖެހުނެވެ.
“ލަމް.. މިއަދުގެ އިންޓަވަލް އަހަރެން ގަނެދޭނަން” އެމިލީއާއި ލަމްހާ އަންނަތަން ފެނިގެން ދެ ފިރިހެން ކުއްޖަކު އައެވެ.
“އިޓްސް އޯކޭ” ލަމްހާ ކުޑަކޮށް ރަކިވެފައި ބުނެލިއެވެ.
“އުހުން.. ކަމަކު ނުދާނެ.. ނަންބަރު ލިބިދާނެތަ” އެހެން ގުރޫޕެއް އައިސް އެމީހުން ވަށުވާލިއެވެ.
“ތިހާ ނަންބަރު ބޭނުމިއްޔާ އަހަރެންގެ ނަންބަރު ދެންތަ” އެމިލީ އެތަނުން އެކަކުގެ ކޮނޑަށް އަތް ވައްޓާލަމުން ބުނެލިއެވެ.
“ނޫނޭ.. މިވަގުތު ބޭނުމީ ލަމްގެ ނަންބަރު.. ލަމް ބިޓެއް ހުރޭތަ” ހީވަގޮތުން އަލަށް އައިސްގެން އުޅޭ ރީތި އަންހެން ކުއްޖާ ސެޓު ކުރެވޭ މީހަކަށް ބޮޑު އިނާމެއް އޮތީއެވެ. ފަހަރަކު މީހަކު އައިސް ލަމްހާއާ ވާހަކަ ދެއްކިއެވެ. ލަމްހާވެސް ވަރަށް މަޖާވެފައި އެމީހުނާ އެކު އައިސް ގޮނޑިއެއްގައި އިށީނެވެ. އެވަގުތު ޖެހިގެން ހުރި މޭޒުކައިރީގައި އިން ސިއާ ތުން އަނބުރާލާފައި އެތަނުން ތެދުވިއެވެ.
“ސިއާ މިހާރު އިންޓަވަލް ބޮއެ ނިމުނީތަ ތިހާ އަވަހަށް ތި ދަނީ” އެމިލީ އަހާލިއެވެ.
“އާން.. އަހަރެން ކަނީ ވަރަށް ކުޑަކޮށް.. ސަރުބީ ޖެހޭ ކަހަލަ އެއްޗެއްސެއް އަހަރެން ނުކަން” އެމިލީ އާއި ލަމްހާގެ ތަށީގައި އޮތް ބާގާ އަށް ބަލާލަމުން ސިއާ ބުނެލިއެވެ.
“ސަރުބީ ޖެހޭ އެއްޗެހި ކެޔަސް ނުކެޔަސް ބޭސް ކައިގެން ނޫނީ ތި ބަނޑެއް ނުއެއް ހިންދޭނުން” އެމިލީ އެހެން ބުނުމުން އެންމެން އެއް އަޑުން ހީގަތެވެ.
“ފުރަތަމަ އަމިއްލަ ސޫރަ ބަލާލަ ބަލަ. ކޮންމެ އެއްޗެއް ކައިގެން ހިކުނަސް ބަލާލަން ރީތި ވީމަ ކޮބާ މައްސަލަ އަކީ.. ” ސިއާ އެހެން ބުނުމުން އެމިލީ އަނގައަށް ވައްތަރު ޖައްސަލާފައި އަނެއް ފަރާތަށް އެނބުރުނެވެ. އެމިލީގެ ހަންގަނޑު ކަޅުވެފައި ހަށިގަނޑު ބޮޑުކޮށް ހުންނާތީ ސިއާމެން އަބަދުވެސް މަލާމަތް ކުރެއެވެ. އެކަމަކު އެމިލީ އެކަމަކާ އަޅައެއް ނުލައެވެ.
“މިއަދު ސާރގެ ލަންޗު ގެންދަން ބުނިތަ؟.. ބުނެއްޖެއްޔާމުން އަހަރެން ކައިރީ ބުނޭ.. އޭނަ ބޭނުމެއް ނުވާނެ ކޮންމެ ކޮންމެ މީހެއް އެކަން ކުރާކަށް” ސިއާ ކައުންޓަރު ކައިރީ ހުރި ކުއްޖަކާ ދިމާއަށް ބުނެލިއެވެ.
“ބޮސް އާ ސިއާގެ ގުޅުމަކީ ކޮބާ؟” ލަމްހާ އެމިލީ ގާތު އެހިއެވެ.
“އޭނަ ހުންނަނީ ބޮސްއާ ހިތާވެފަ.. ބޮސްގެ މަންމަ އެލީޒާ ގޭގަ އުޅުންއިރު އޭނާއަށް ކާންގެންދަން ހަމަޖެހިފަ އޮންނަނީ ސިއާއަށް ވީމަ ހިތުން ދެން އެއީ ލޭޑީ ބޮސްވިއްޔަ” އެމިލީ ފާޑަކަށް އަނގަ ހަދާފައި ބުންޏޭވެ.
“ސިއާ ހުންނަނީ ޖޯން އާ ހިތާވެފަ؟.. ހަމަ އެނޫން މީހަކު ނެތީބާ” ލަމްހާއަށް ހީވީ އެދައްކަނި ޖޯންގެ ވާހަކަ ކަމަށެވެ. ޖޯން އަކީ އެމެރިކަން ވައްތަރެއް ހުއްޓަސް އެހާ ރީތި މީހެއް ނޫނެވެ. ބޮލުގައި އިސްތަށި ހުއްޓަސް މޫނުމަތީގައި ރޫގިނައެވެ.
“ޖޯން އެއީ ޑައިރެކްޓިން މެނޭޖާ.. އަސްލު މިތާ ބޮޑު މީހަކީ އެލީޒާގެ ދަރިފުޅު.. އަހަންނަކަށް އޭނާގެ ނަމެއް ނޭނގޭ.. އެކަމް ވަރަށް ރީތި ފިރިހެނެއް އެއީ.. އަހަރެންވެސް އޭނައަށް ހިތްކިޔާ ގޮތެއް ހުރޭ އެކަމް ސިއާ ވަރެއް ނޫން.. އެނގޭތަ ސިއާ ބުނާގޮތުގަ އެދެމީހުން އުޅޭނީ ރައްޓެހިވެގެން ސާރ ބޭނުންވެގެންނޯ އެކަން ސިއްރެއް ގޮތުގަ އޮންނަނީ.. މަށަކަށް ހިއެއް ނުވޭ އެއީ ތެދެއްހެނެއް” އެމިލީ ބުނެލިއެވެ.
“އެހެން ދޯ..” ލަމްހާ ހީލަމުން ވާހަކަ ބަދަލު ކޮއްލިއެވެ.
އެދުވަހުގެ ސިފްޓު ނިމުމުން ލަމްހާ ގެއަށް ދާން ނުކުތެވެ. ބަހުގައި ގެއާ ހަމައަށް ދެވުނު އިރު 4 ޖަހަން އުޅެއެވެ.
ފެންވަރާ ރީތި ވެލައިގެން ލަމްހާ ޕާކާ ދިމާއަށް މިސްރާބު ޖެހިއެވެ. މާރިއާގެ ދަރިފުޅާއެކު ލީން ކުޅެން އުޅޭތީ ކޮންމެހެން އޭނާ ނުގެނައީއެވެ.
ސިމެންތިން ހަދާފައި ހުރި ގޮނޑި އެއްގައި އިށީންދެގެން އިންއިރު ލަމްހާގެ ދެލޯ ވަނީ އަތުގައި އޮތް ފޯނާ ދިމާއަށް ހުއްޓިފައެވެ.
ތަންކޮޅެއް ދުރުގައި ކާރު ޕާކު ކޮއްފައި ސުހާން ކާރުން ފޭބިއެވެ. އާންމުކޮށް ކޯޓު ފަޓުލޫނުގައި ހުންނަ ސުހާން މިއަދު ލައިގެން ހުރީ އަތްދިގު މެރޫން ކުލައިގެ ޓީސާޓަކާ ކަޅު ޖިންސެކެވެ. ގަމީސް ބެގީކޮއްފައި އަތްވެސް އުޅަން ބޯއްޓާހަމައަށް އޮޅާފައި ހުރުމުން ވަރަށް ފިރިހެން ވަންތައެވެ. އޭނާގެ މުށި އިސްތަށިގަނޑު ފަހަތަށް ފުނާ އަޅާފައި ހުރިއިރު ހީވަނީ ހޮލީވުޑު ސްޓާއެއް ހެނެވެ. ޖީބަށް އަތް ޖަހާލައިގެން ވަރަށް ހަރުކޮށް ހިނގާފައި އައިސް ލަމްހާގެ ގާތު ހުއްޓުނެވެ.
ފޯނަށް ގެއްލިފައި އިންލެ ބޮޑުކަމުން ސުހާން ކައިރީ ހުރިކަމެއްވެސް ލަމްހާއަކަށް ނޭނގުނެވެ.
ސުހާން ގުދުވެލާފައި މަޑުމަޑުން ލަމްއޭ ކިޔާ ގޮވާލިއެވެ.
ސިއްސައިގެން ގޮސް ލަމްހާއަށް ސުހާންއާ ދިމާއަށް ބަލާލެވުނެވެ. ސުހާންގެ މޫނު ފެނިފައި އަދި އިތުރަށް ސިހިގެން ދިޔައެވެ. އެހާ ކައިރީގައި ސުހާން ހުރެދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. ސުހާންގެ ފެހި ކަޅި އެހާ ކައިރިން ފެނުމުން ލަމްހާ ލަދުގަތެވެ. ލަމްހާގެ ރަތްވަމުން ދިޔަ މޫނު ފެނިފައި ސުހާން ގާތަށް ހިނިއައެވެ.
“ހާދަ އަވަހަށް ތިޔަ ބުލަސްވީ.. ހީވަނީ ދެކޮލުގަ މޭކަޕް ކޮއްފަ ހުރިހެން” ސުހާން އެހެން ބުނުމުން ލަމްހާ އިތުރަށް ރަތްވިއެވެ.
“ކާކު ބުނީ މަށާ ފުލާޓު ކުރާށޭ” ކޮޅަށް ތެދުވަމުން ލަމްހާ ބުނެލިއެވެ.
” ކާކު ބުނީ އަހަރެން ފުލާޓު ކުރަނީއޭ.. ލަމްގެ ހިޔާލުތައް ހާދަ ވައިލްޑޭ ދޯ..” ސުހާން ބުނެލިއެވެ.
ބޭރުފުށުން ސުހާން ހަމަ ޖެހިގެން ވާހަކަ ދެއްކި ނަމަވެސް އޭނާގެ ހިތް އޮބިނޯވެ ތެޅެމުން ދިޔައެވެ. މިއަދު ލަމްހާ އެހެން ދުވަސް ދުވަހަށް ވުރެ ރީތިހެން ހީވެއެވެ.
“ކޮބާ އަހަރެންގެ ފަށް؟” ލަމްހާ ހަށަން ބަންދެލަމުން ބުނެލިއެވެ.
“ޖީބުގަ.. އާދޭ ނަގަން” ސުހާން އޭނާގެ ޖިންސުގެ ޖީބުގައި ޖަހާލަމުން ބުނެލިއެވެ.
“މަށެއް ނޫޅެން ކޮންމެހެން..” ލަމްހާ ތުން އަނބުރާލިއެވެ.
“ލަމް ކީއްވެތަ އަބަދު އަހަރެންނާ ތިގޮތަށް ތިވާހަކަ ދައްކަނީ.. ހީވަނީ އަހަރެންދެކެ ރުޅިއައިސް ހުންނަހެން. ތިއީ އެންގުރީ ބާޑެއްތަ؟” ސުހާން ކުރިއަށް ހިނގައި ގަންނަމުން ބުނެލިއެވެ.
“އޭ.. ކޮންތާކަށް ތިދަނީ.. އަހަރެންގެ ފަށް ދީފަ ދޭ” ލަމްހާ ސުހާން ފަހަތުން ހިނގައި ގަތެވެ.
“ހިނގާ ޕިއްޒާ ކާންދާން.. އެތަނުގެ ޕިއްޒާ ވަރަށް މީރުވާނެ” ލަމްހާގެ އަޑު ނީވޭކަމަށް ހަދާފައި ސުހާން ބުނެލިއެވެ.
“ނޫން.. އަހަރެން ބޭނުމެއް ނޫން” ލަމްހާ ބުނެލިއެވެ.
“ދެން ތިހާ ބޮޑާ ނަހާކަ ހިނގާބަލަ.. އެންމެ ފަހަރަކު އަހަރެންނާ އެކު ދިޔަޔަސް އެއީ ދެން އެހާ ބޮޑު ކަމެއް ނޫނެއްނު. އެހެން ނޫނަސް އަހަރެން ނޫޅެމޭ ލަމް ކާލާކަށް” ސުހާން އެހެން ބުނެފައި އެތަނުގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. ސުހާން ފަހަތުން ވަނުން ނޫންގޮތެއް ލަމްހާއަކަށް ނެތެވެ.
“ދެން ގެނޭ އަހަރެންގެ ފަށް..” ލަމްހާ އަނެއްކާވެސް ބުނެލިއެވެ.
“ލަމް ކޯއްޗަކަށް އޯޑަރު ދެނީ.. ލަމް ބޭނުން އެއްޗެއް ބުނޭ” ލަމްހާ ދައްކާ އެއްވެސް ވާހަކައެއް ސުހާންނަށް ނީވޭ ކަހަލައެވެ.
“އޯކޭ.. އެހެންވީމަ އަހަރެން ބޭނުން އެއްޗެއް ގެންނާނަން. އެކަމް ލަމްވާނެ ކާން” ލަމްހާ ވަކިއެއްޗެއް ނުބުނުމުން ސުހާން ބުނެލިއެވެ. ވެއިޓާރ އަށް ގޮވާފައި އޯޑަރު ލިޔެލިއެވެ.
“ފަށް ރައްދުކޮއްދިނުމުގެ ބަހަނާގަ އަހަރެންނާއެކު ޕިއްޒާ ކާންދޯ އަހަރެން ތިގެނައީ” ލަމްހާ ބުނެލިއެވެ.
“ކިހިނެއް އިނގުނީ.. ލަމްގެ ވިސްނުން ހާދަ މޮޅޭ ދޯ.. އަނެއްކާ ޑިޓެކްޓިވް އެއްތަ” ސުހާން ހީލަމުން ބުނެލިއެވެ.
ސުހާން ހީލިވަގުތު ކޮލަށް އެރި އަޑިކޮޅު ފެނިފައި ލަމްހާގެ ރުޅިގަނޑު ފިނިވިއެވެ. ސުހާން ފެންނަ ކޮންމެފަހަރަކު އޭނާގެ ފަރާތުން ލަމްހާއަށް ކަމުދާ ހުރިހާ ސިފަތަކެއް ފެންނަމުން ދެއެވެ. ސުހާންއާއި ބައްދަލުކުރަން އޭނާ ޖެހިލުން ވަނީވެސް އެހެންވެއެވެ.
“މިއީ ތިގޮތަށް އަހަރެން ހައްލާލެވޭނެ އެންމެ ފަހު ފަހަރު.. ދެނެއް ތިކަހަލަ ބަހާނާ ދައްކައިގެން އަހަރެންނަކާ ބައްދަލެއް ނުކުރެވޭނެ” ލަމްހާ ހީލަމުން ބުނެލިއެވެ.
“އަން.. އަހަރެން މިހިރީ ހަނދާން ނެތިފަ.. މިއޮތީ ސުހާންއަށް ވީއެއްޗެއް” ލަމްހާ ގެނައި ކޮތަޅުމަތިންވެސް ހަދާންވީ ދެނެވެ.
“ލަމް އަނެއްކަ މަށަށް ގިފްޓެއްވެސް ގެނައީތަ..” ސުހާން އެކޮތަޅުގައި ހިފަމުން ބުނެލިއެވެ.
“ބެލީމަ އެނގޭނެއެއްނުން” ލަމްހާ ބުނެލިއެވެ.
ކޮތަޅު ހުޅުވާލާފައި ބަލާލިއިރުއޭގައި އޮތީ ސުހާންގެ ނޫކުލައިގެ ކޯޓެވެ. އެ ކޯޓު ފެނިފައި ސުހާންގެ ގާތަށް ހިނިއައެވެ.
“އަހަރެން ހީކުރީ އެއްލާލީ ކަމަށް” ސުހާން ބުނެލިއެވެ.
“އަހަރެން އަސްލު ތީތި ރައްދުކޮއްދޭކަށް ނޫން ހުރީ.. އެކަމު މަންމަ ދިން ހަދިޔާއެކޭ ބުނީމަ ..” ލަމްހާ ބުނެލިއެވެ.
“ހެހެ.. ލަމް ހަމަ ގަބޫލު ކުރީތަ.. އެއީ ސަމާސާއަކަށް ބުނި އެއްޗެކޭ.. އަހަރެން އަސްލުވެސް ހީކުރީ ލަމް މީތި އެއްލާލީ ކަމަށް އެހެންވެ ލަމް ކަޑަ ކޮއްލަން އަހަރެން ދޮގުހެދީ” ސުހާން އަށް މަޖާވެގެން ހޭންފެށިއެވެ.
ސުހާން ކޮއްލި ސަމާސާއެއް ސީރިއަސްކޮށް ނަގާފައި އެކޯޓު އަނބުރާ ރައްދުކުރާނެ ކަމަކަށް ސުހާން ހިއެއް ނުކުރެއެވެ.
ސުހާން ހޭތަން ފެނުމުން ލަމްހާއަށްވެސް ހެވުނެވެ. ސުހާންއާ ދިމާއަށް ބަލަހައްޓައިގެން ހުރިއިރު އެތުންފަތް މަތީވަނީ ލުއި ހިނިތުން ވުމެކެވެ. ހަމަހިމޭނުން އޮތް އޭނާގެ ހިތް ނޭނގޭ ބާރު މިނެއްގައި ތެޅެން ފެށިއެވެ. ކުރިންވެސް ރީތި ކުދިން ލަމްހާއަށް ފެނެއެވެ. އެހެނެއް ކަމަކު މިގޮތެއް ނުވެއެވެ. ނަމަވެސް ސުހާން ފެނުނު ފުރަތަ ދުވަހުން ފެށިގެންވެސް އެހިތުގައި އާވައްތަރެއްގެ ވިންދެއް ޖަހަން ފަށައިފިއެވެ. ސުހާން އާ ބައްދަލުވާ ކޮންމެ ފަހަރަކު އަރާރުންވެ ކޯޅުނަސް ސުހާން ފެނުމުން އޭނާ އުފާވެއެވެ.
ހިތައް އެރި އެއްޗަކުން ލަމްހާގެ ހިނިތުންވުން ފިލައިފިއެވެ. ތިރި ބަލަހައްޓައިގެން އޭނާ ހުރިއިރު އޭނާގެ ލޮލަށް ކަރުނަ ޖަމާވެފައި ވެއެވެ.
ސުހާން ކަލަހަ ރީތި އަދި ފުރިހަމަ ޒުވާނަކަށް ލަމްހާ ކަހަލަ ކުއްޖަކު ނުގުޅެއެވެ. އޭނާ ބިޓެއް ނުހުންނަ ކަމެއްވެސް ނޭނގެއެވެ. ލަމްހާގެ ހަގީގަތް އެނގުމުން ސުހާން ވާހަކަވެސް ނުދައްކާނެ ކަންނޭނެގެއެވެ. އެފަދަ ކުއްޖަކާ ގުޅެން ބޭނުންވާނެ އެކަކުވެސް ނޫޅޭނެއެވެ.
ކެއުމުގެ ތެރެއިން ސުހާން އެކި ވާހަކަ ދައްކަމުން ދިޔައެވެ. ލަމްހާގެ ބަދަލުވެފައިވާ މޫޑު ސުހާންއަކަށް ނަގައި ގަނެވުނު ހެނެއް ހިއެއް ނުވެއެވެ.
“އަން މިއޮތީ ފަށް” ސުހާން ޖީބުން ފަށް ނަގާ ލަމްހާއަށް ދައްކާލިއެވެ.
“މިއީ ބިޓެއް ދިން އެއްޗެއްތަ އަނެއްކާ..” ސުހާން އަހާލިއެވެ.
“ކަލެއަށް ކިއެއްތަ ކޮންމެ މީހަކު ދިން އެއްޗަކަށް ވިއަސް..” ލަމްހާ ބުނެލިއެވެ.
“އަހަރެން ނަށް ހީވަނީ މީތި ވަރަށް އަގު ބޮޑުވާނެހެން.. އަހަރެންނަށް މީތި ދޭން ވީނުން” ސުހާން އެފަށް މޫނާ ކައިރި ކޮއްލާފައި އޭގެ ފުލަށް ބަލާލަމުން ބުނެލިއެވެ.
“ނޫން.. ނުދޭނަން..ގެނޭ ތީތީ” ލަމްހާ އެފަށުގައި ހިފަން އުޅުނެވެ. ނަމަވެސް ސުހާން އޭތި ދުރު ކޮއްލިއެވެ.
“ޔަގީން މިއީ ބިޓަކު ދިން އެއްޗެއްކަން.. ނޫނީ ތިވަރެއް ނުވާނެ” ސުހާންގެ ބޭނުމަކީ ލަމްހާއަށް ޖެއްސުން ކުރުމެވެ. ސުހާން އެފަށް ބޭނުންވަނީކީވެސް ނޫނެވެ.
“ތިއީ އަހަރެންގެ މަންމަ އުމްރާއަށް ގޮސް އަންނަމުން ގެނާ ފަށެއް” ލަމްހާ ބުނެލިއެވެ.
“ދޮގެއް ދޯ.. ތިއުޅެނީ މަކަރު ހަދައިގެން މީތި އަތުލަންވެގެން.. އެހާފަސޭހަ އެއް ނުވާނެ އިނގޭ” ސުހާން ގަބޫލު ނުކުރެވޭ ފާޑަކަށް ބަލަން ހުރެފައި ބުނެލިއެވެ.
“ދެން ގެނެބަލަ ތީތި.. މިހާރު ލީން ހުންނަނެ އަހަރެން ނުގޮސްގެން ލަސްވެފަ” ލަމްހާ އެހެން ބުނެފައި ފަށުގައި ހިފިއެވެ.
ސުހާން އެފަށް ދަމައިގަތް ވަގުތު ފަށް ކެނޑިގެން ވެއްޓުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



