ތިން ލަފްޒުން (9)
“އެއީ ސުހާން ބޭބެ އެއްނުން.. މަންމިގެ ފުރެންޑެކޭނުން” ލީން ބޯ އަރިކޮއްލާފައި ބުނެލިއެވެ.
“ސުހާން..” ލަމްހާއަށް އެނަން ކިޔާލެވުނެވެ. އަދި ފަސް އެނބުރިފައި ބަލާލެވުނެވެ.
ކާރުގައި ލައްވެލައިގެން ހުރި ސުހާން އޭނާއަށް ފެނުނެވެ. ލަމްހާއާއި ދިމާއަށް ބަލާލާފައިވެސް ނުފެންނަކަމަށް ހެދި އަނެއް ފަރާތަށް އެނބުރުނެވެ. ސުހާންގެ މިއަމަލުން ލަމްހާގެ ހިތަށްް ކުޑަކޮށް އުނދަގޫވިއެވެ. އެހެންޏާ އޭނާ ފެންނައިރަށް ކޮންމެވެސް އެއްޗެކޭ ކިޔާ ޖެއްސުން ކޮއްލާތީ ސުހާން އެހެން ކަންތަށް ކުރުމުން ލަމްހާ ހައިރާންވިއެވެ.
****
އެރެއެވެ.. ސިޓިން ރޫމުގައި ސުހާން އިނީ ފައިލްތަކެއް ކިޔާށެވެ. އޭރު 11 ވެސް ޖަހައިފިއެވެ. މޭޒުމަތީ ހުރި ކޮފީތަށިގައި ހުރި ކޮފީ ފޮދު ބޯލަފައި ތަށި ހިފައިގެން އޭނާ ތެދުވިއެވެ. އެހެން ކޮފީއެއް ހަދާލާށެވެ. ކޮފީ ގިރައިގެން ސުހާން ނުކުތީ ބެލްކަންޏަށެވެ. އެ ހިސާބަކީ ކޫބެކްގެ އެންމެ ހިތްގައިމު ހިސާބެވެ. ސުހާންގެ ގޭގެ ތިރީބައިގައި އޮންނަނީ ބޮޑު ރެސްޓޯރެންޓެކެވެ. އެއީ އެލީޒާ ހިންގި ތަނެކެވެ. އެލީޒާ ބަލިވުމުން އެތަން ހިނގަނީ ސުހާން އާއި ޖޯންއެވެ. ޖޯންއަކީ އެލީޒާގެ ތިމާގެ ކުއްޖެކެވެ. އޭނާގެ މަންމަ ނިޔާވުމުން ޖޯން ބެލީ އެލީޒާއެވެ.
“ރޯޔަލް ޑިނާ” ނަމަކަށް ކިޔާ މި ރެސްޓޯރެންޓަކީވެސް ވަރަށް މަޝްހޫރު ތަނެކެވެ. އެއީ މީހުން ހުސްނުވާ ފައިވް ސްޓާ ތަނެކެވެ.
އެރެއަށް ވިޔަފާރި ހުއްޓާލާފައި ހުރިހާ ފައިލެއް ހިފައިގެން ޖޯން ނުކުތެވެ. ބެލްކަނީގައި ހުރި ސުހާން ފެނުމުން އޭނާ މިސްރާބު ބަދަލު ކޮއްލިއެވެ. ބޭރުގައި ވަކިން ހުންނަ ސިޑިން ލާފައި ޖޯން މައްޗަށް އެރިއެވެ.
“ބުރޯ ނުނިދާ ރެއަކީތަ؟” ޖޯން އަހާލިއެވެ.
“އުހުން.. ދެން ދާންވީ ނިދަން.. ކިހިނެއް މިއަދު ވިޔަފާރި” ސުހާން އަހާލިއެވެ.
“ހަމަ ބަރާބަރު.. އާން.. އަދިވެސް މިއުޅެނީ ބަދިގެ ބަޔަށް މީހުން ހަމަ ނުވެގެން. ސުހާން ދަންނަ މީހަކު ނެއްތަ ކަމުދާ” ޖޯން އަހާލިއެވެ.
“އަހަރެންވެސް ބަލާނަން.. އިންޓަވިއު އަށް އައި ކުދިންތަށް ކަމު ނުދަނީތަ؟” ސުހާން އަހާލިއެވެ.
“އާން.. އެންމެ ކެރެޓެއް ކޮށާލަން ބައިގަޑީރު ނަގަންޏާ ކިހިނެއް ކަމުދާނީ..” ޖޯން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.
“އޭ.. ދަނީ އިނގޭ.. ސުހާންވެސް ދެން ދޭ ނިދަން. ތިހާ ބިޒީކޮށް އުލޭއިރު ނިދި ހަމަނުވަންޏާ ބަލިވެދާނެ.. މާދަން ހެނދުނު އަހަރެން ދާނަން މަންމަ ކައިރިއަށް” ޖޯން އެހެން ބުނެފައި ދިޔައެވެ.
ސުހާންވެސް ދެން އެތެރެއަށް ވަނެވެ.
ނިދާ ބޮކީގެ ފަނޑު އަލިކަން ހުރި ކޮޓަރީގެ ބޮޑު އެނދުގައި ސުހާން އޮތީ ނުނިދިފައެވެ. ދެފަރާތަށް ފުރޮޅިލަ ފުރޮޅިލަ އޮތް އިރު އޭނާގެ ސިކުނޑީގައި އެނބުރެމުން ދަނީ ލަމްހާއެވެ. ލަމްހާގެ ހިޔާލުން ސިކުންޑި ތޮއްޖެހުމުން ސުހާން ހައިރާން ވިއެވެ. އަންހެން ކުއްޖެއްގެ ހިޔާލުގައި ނުނިދިފައި އޭނާއަށް އޮއެވުނު މިއީ އަދި ފުރަތަމަ ފަހަރެވެ. އެހެނަސް އޭނާ ލަމްހާއާ ދޭތެރޭ ވިސްނާކަށް ބޭނުމެއް ނޫނެވެ.
ލަމްހާއަކީ ރީތި ކުއްޖެކެވެ. ސުހާން ގަޔާވާ ކަހަލަ އެތަށް ސިފަތަކެއް ލަމްހާގެ ކިބައިން ފެނެއެވެ. ނަމަވެސް އޭނާ ލަމްހާއާ މެދު އެގޮތަށް ދެކޭކަށް ބޭނުމެއް ނުވެއެވެ. އެއީ މީހެއްގެ އަނބެކެވެ. ދަރިއެއްގެ މަންމަ އެވެ. ސުހާންގެ ސަބަބުން އައިލާއެއް ރޫޅިގެން ދާކަށް އޭނާ ބޭނުމެއް ނުވެއެވެ.
އެހެން އޮއްވާ ސުހާން ހަނދާންވީ މިއަދު ލީން ބުނި ވާހަކައެވެ. ބައްޕަ ކޮބާހޭ ބުނުމުން ލީން ބުނީ ނޭނގޭ ކަމަށެވެ. އަނެއްކާ ލަމްހާ އާއި ލީންގެ ބައްޕަ އުޅެނީ ވަކިން ހެއްޔެވެ.
އެފަދަ ހިޔާލު ތަކެއްގައި އޮތްވާ ސުހާންއަށް ނިދުނެވެ.
ޖެހިގެން އައި ދުވަހަކީ ސްކޫލު ބަންދު ދުވަހެކެވެ. އާޒިމްގެ އެދުމަށް ލަމްހާ އާއި ލީން ކެފޭއަކުން ބައްދަލުވިއެވެ. އާޒިމްގެ އަންހެނުން އޭޝްލީވެސް އައެވެ. އޭޝްލީއާއި ލަމްހާގެ މިޒާޒު އެއްގޮތް ކަމުން ވަރަށް އަވަހަށް ދެމީހުން އެކުވެރި ވެއްޖެއެވެ. ތިން މީހުން އޮލަ ވާހަކައިގައި ތިބީރު ލީން އިނީ ސަމްސަލަކުން އައިސިން ޖެހި ކޭކެއް ކާށެވެ. ބޮޑެތިމީހުންގެ ވަހަކައަށް އަނގަ ނުބާނަ އޭނާ އިނީ ބަސްއަހައިގެންނެވެ. ލީން ކޭކު ކައި ނިމުމުން ހަތަރު މީހުން ހިނގާލާފައި ދިޔައީ ކައިރީގައި ހުރި ޕާކަށެވެ.
“ލަމް ދެން ލައިފް އެއް ފަށާކަށް ބޭނުމެއް ނޫންތަށް.. މި ބުނީ މެރިޑް ލައިފްއެއް” އާޒިމް ސުވާލުން ލަމްހާ ކުޑަކޮށް ސިހުނެވެ. ނުވިސްނަ އިންދާ އެހެން އެހުމުން އޭނާގެ ސިކުނޑިއަށް ފުރަތަމަވެސް އައީ ސުހާންގެ ހިޔާލެވެ.
އަމިއްލަ ހިތަށް އިވޭ ވަރަށް “ނޯވޭއޭ” ކިޔާފައި އޭނާ ބޯ ހޫރާލިއެވެ. ސުހާންގެ ހިޔާލު ފުހެލާށެވެ.
“އަދި ނުވިސްނަން.. މީހަކާ ނީނަސް އަހަރެން ވަރަށް ހެޕީ.. ލީން ހުރިހާ ހިނދަކު އަހަރެން ހިތްހަމަ ޖެހޭ” އޭޝްލީއާކު ސީސޯއެއް ކައިރީ ހުރި ލީންއާ ދިމާއަށް ބަލާލަމުން ލަމްހާ ބުނެލިއެވެ.
“އަހަރެން ކޮންމެހެން ލަމްގެ ކަންތައްތަކާ ބެހެނީއެއް ނޫން.. އެކަމް މިއުމުރުކީ ބައްޕަގެ ލޯބި ލީން އެންމެ ބޭނުންވާނެ އުމުރު.” އާޒިމް ބުނެލިއެވެ.
ލަމްހާ ކުޑަކޮށް ވިސްނާލިއެވެ. އާޒިމް އެބުނީ ތެދުވާހަކައެކެވެ. ލަމްހާއަށް ނޭގުނަސް ލީން އޭނާގެ ބައްޕަ ބޭނުން ވާނެއެވެ. އެއީ ލަމްހާ އަބަދުވެސް ވިސްނާ ކަމެކެވެ. ނަމަވެސް ކައިވެނި ކުރުމަކީ ލަމްހާ އަދިވެސް ބޭނުންވާ ކަމެއް ނޫނެވެ. ގަޔާވާ މީހަކު އަދި ނުފެންނާތީ ކަންނޭނގެއެވެ.
“އާޒިމް ކިޑެއް ހޯދާކަށް ނުވިސްނަންތަ؟” ލަމްހާ މައުޟޫ ބަދަލު ކޮއްލިއެވެ.
“ނޫނޭ.. ވަރަށް ބޭނުން. ޓްރައިވެސް ކުރަން ވަރަށް.. އެކަމު އަދި ކާމިޔާބު ނުވަނީ.. އެއީ ދެން އެހެން ކަމެއްތާ ދޯ” އާޒިމް ބޯ ކަހާލަމުން ބުނެލިއެވެ.
“އެއްކަލަ ރޭ އަހަރެން ކާރުގަ އިންދާ ފަހުން ކާރަށް އެރީ ކާކު؟ ރައްޓެއްސެއްތަ؟” ލަމްހާ ވަރަށް ނޫންކަމަށް އަހާލިއެވެ.
“ސުހާންތަ؟.. އެއީ އަހަރެންގެ ކުޑައިރުންސުރެވެސް ވަރަތް ގާތް އެކުވެރިއެއް. އެކަމު މިހާރު އެއީ އަހަރެންގެ ބޮސް.. ކިހިނެއް ވީ؟ އަނެއްކާ..” އާޒިމް ލާނެތް ގޮތަކަށް ލަމްހާއާ ދިމާއަށް ބަލާލިއެވެ. ލަމްހާގެ މޫނު ރަތްވިއެވެ
“ކަމެއް ނުވޭ ހަމަ އަހާލީ” ލަމްހާ އަވަހަށް ބުނެލިއެވެ.
“ލަމް ބޭނުމިއްޔާ އަހަރެންނަށް އެހީއެއް ވެވިދާނެ.. ސުހާން ސިންގަލް ވިއްޔަ” އާޒިމް އިތުރަށް ލަމްހާ ލަދުގެންނެވިއެވެ.
“ބޭކާރު ވާހަކަ ނުދައްކަބަލަ.. ދެން ހިނގާ ދާން ދޯ.. މިހާރު އެއޮތް އިރު އޮއްސެނީ” ލަމްހާ ބެންޗުން ތެދުވަމުން ބުނެލިއެވެ.
އޭޝްލީމެން ގެއަށް ލައިދީފައި އާޒިމް ދިޔައީ ރޯޔަލް ގާޑެން އާއި ދިމާއަށެވެ. މައިދޮރުން ވަތްތަނާ ރިސެޕްޝަނުގައި އިން ކުއްޖާއައިސް މީހަކު ބައްދަލު ކުރަން އައިސް ހުރިވާހަކަ ބުނެލިއެވެ. އާޒިމް ބޯޖަހާލާފައި ލޮބީއާއި ދިމާއަށް ހިނގައި ގަތެވެ.
“އައްސަލާމު އަލައިކުން.. އަހަރެންނަކި ވިޝާމް އަހުމަދު.. އަހަރެން މިއީ ހަމްދާދު އާދަމްގެ ބަދަލުގައި އައިސް ހުރި މީހާއަކީ” ވިޝާމް ސަލާމަށް އަތް ދިއްކޮއްލަމުން ބުނެލިއެވެ.
“އަހަރެންނަށް ކިޔަނީ އާޒިމް.. އާދޭ އަހަރެންގެ ފަހަތުން” އާޒިމް އެހެން ބުނެފައި ވަކިން ހުރި ލިފްޓާ ދިމާއަށް ހިނގައި ގަތެވެ.
އިމާރާތުގެ އެންމެ މަތީ 25 ވަނަ ފުލޯއަށް ހުއްޓުމުން ލިފްޓުގެ ދޮރު ހުޅުވުނެވެ. އެއީ ސުހާންއަށް ހާއްސަ ކޮއްފައި ހުންނަ ފުލޯއެވެ. އާޒިމްގެ ފަހަތުން ދިޔަ ވިޝާމްއަށް އެތަނުގެ ރީތިކަމަށް ތައުރީފް ކޮއްލެވުނެވެ. އެތަނާ ބަލާއިރު މާލޭގައި އެހުންނަ އެންމެ މުއްސަނދި ތަން ތަނަކީ އެއްވެސް އެއްޗެއް ނޫނެވެ.
އިހަށް ބޭރުގައި މަޑު ކޮއްލާށޭ ބުނެފައި އާޒިމް ސުހާންގެ އޮފީހުގެ ދޮރުގައި ޓަކި ޖަހާލިއެވެ.
ވަންނާށޭ ބުނުމުން އާޒިމް ދޮރު ހުޅުވާލިއެވެ.
“ސުހާން.. އަހަރެމެން ގަންނަން އުޅޭ ބިމުގެ ވެރިފަރާތުން ފޮނުވި މީހަކު އެބަހުރި ބައްދަލު ކޮއްލަން އައިސް” އާޒިމް އެހެން ބުނުމުން ސުހާން އޭނާ ކިޔަން އިން ފައިލު ލައްޕާލިއެވެ.
“ބުނޭ ވަންނާށޭ..” ސުހާން ބުނެލިއެވެ. ވިޝާމް އަށް ވަދެވުނީ ތަނަވަސް ބޮޑު ކޮޓަރިއަކަށެވެ. ބިއްލޫރި ޖަހާފައިވާ ބޮޑު ބިތުގެ ކައިރީގައި ހުރީ އަގުބޮޑު ބިއްލޫރި އޮފީސް މޭޒެކެވެ. ފައިލްތަކާއި ފޮތްތަށް ހުރީ ވަރަށް ތަރުތީބުން ބެހެއްޓިފައެވެ. އަނެއް ބިތުގައި ބޮޑު ފޮތް ހަރެއް ހުއްޓެވެ. ބޮޑު ސޯފާ ސެޓަކާ ތިރި މޭޒެއް ހުއްޓެވެ. ވަރަށްވެސް ފެންވަރުގެ ތަނެކެވެ.
ނަމަވެސް ވިޝާމްގެ ކުރިމަތީ ހުރި މީހާ ފެނި ވިޝާމްގެ ދެލޯ ބޮޑުވިއެވެ. އޭނާގެ ދެލޮލާ މޫނު ފެނި އެއީ ދަންނަ މޫނެއްކަމަށް އޭނާގެ ހިތް ބުނަމުން ދިޔައެވެ.
ކަޅުކުލައިގެ ގަމިހެއްގެ މަތިން ގަދަ ނޫކުލައިގެ ބުލޭޒާއެއް ލާފައި ހުރި ސުހާން ހުރީ ސީދާ ވިޝާމްއާއި ދިމާއަށް ބަލަހައްޓައިގެންނެވެ.
އާޒިމް ދިޔަޔަސް މައްސަލައެއް ނެތޭ ބުނެފައި ސުހާން އައިސް ވަކިން ހުރި ކުޑަ ސޯފާގައި އިށީނެވެ.
“ކޮއްކޯ.. ކީއްވެ ކޮޅަށް ތިހުންނަނީ.. އިށީންދޭ” “ކޮއްކޮ” އެބަހަށް ބާރުލާފައި ސުހާން ބުނި ޖުމްލައިގައި ވަނީ މަލާމަތުގެ ރާގެކެވެ. ސުހާން އެހެން ބުނުމުން ވިޝާމްގެ ޝައްކު ޔަގީންވިއެވެ.
“ސުހާން.. މިއީ ކަލޭގެ ތަނެއްތަ؟” ރޯޔަލް ގާޑެންގެ ބޮޑުމީހާގެ ވާހަކަ ވިޝާމް އަޑުއަހާފައި ވެއެވެ. އެއީ ޒުވާންނެއް ކަމަށާ އެއީ ކޫބެކް ގެ އެންމެ މުއްސަނދި މީހުންގެ ތެރެއިން އެކަކު ކަމަށްވެސް މީހުން ބުނެއެވެ. އެމީހަކީ ވިޝާމްގެ އެއްބަފާ ބޭބެ ކަމަކަށް އޭނާ އެއްގޮތަކަށްވެސް ހިއެއް ނުކުރެއެވެ.
“ކިހިނެއްވީ.. ހާދަ ހައިރާންވެފަ ތިހުރީ؟” ސުހާން ހީލަމުން ބުނެލިއެވެ. ނަމަވެސް އެހިނިތުންވުމުގައި އެއްވެސް ގާތްކަމެއް ނެތެވެ.
“ބައްޕަގެ ރަނގަޅުކަމުން ސުހާން ބެލީމަވެސް ފިލައިގެން އައީ އެ އަންހެން މީހާގެ މުދާގަނޑަށް ދަހިވެތިވެގެން ދޯ” ވިޝާމް މަލާމަތުގެ ރާގަކަށް ބުނެލިއެވެ.
“އަހަރެންގެ އަމިއްލަ އެއްޗަކަށް ދަހިވެތިވާން ޖެހޭތަ.. އަހަރެން ރާއްޖޭގަ ހުރިނަމަވެސް އަހަރެންގެ މަންމަގެ މުދަލަކީ އަހަރެންގެ އެއްޗެއް..” ސުހާން ބުނެލިއެވެ.
“މަންމައޭ.. ބަލަ ކަލޭ އެންމެ ކުޑައިރު މަންމައެއްގެ ލޯބި ދީގެން ބަލާ ބޮޑުކުރީ އަހަރެންގެ މަންމަ އޭ.. ހަމަ ކުއްލިއަކަށް އެހެން މީހަކަށް މަންމަ އޭ ކިޔާކަށް ކަލޭ ލަދެއްވެސް ނުގަނޭތަ” ވިޝާމް ބުނެލިއެވެ.
“ވަސީމާއަކީ ހަމައެކަނި ވިޝާމްއާއި އީމާގެ މަންމަ.. އަހަރެންގެ މަންމަ އެއް ނޫން.. އަހަރެން ތިއާއިލާއެކު ހޭދަ ކުރި 13 އަހަރުދުވަހު ތެރޭގަވެސް އަހަންނަކަށް މަންމައެއް އަދި ބައްޕައެއްގެވެސް ލޯތްބެއް ނުލިބުނު.. ވިޝާމްމެން އުފަލެއް ނުވޭތަ އަހަރެން އެބުރި އަހަރެންގެ އަމިއްލަ ފަސްގަނޑަށް އައީމަ..؟ މިހާރު އަހްމަދަކަށްވެސް ނުޖެހޭނެއްނުން ގެއަށް އަންނަ ކޮންމެ މީހަކު ކައިރީ އަހަރެން މިއީ ކިޔަވަން އައިސްގެން އުޅޭ ރައްޓެއްސެއްގެ ދަރިއެކޭ ކިޔާ ދޮގު ހަދާކަށް” ސުހާން ވަރަށް ހަމަ ޖެހިލާފައި ބުނެލިއެވެ.
“އަމިއްލަ ފައި މައްޗަށް ތެދުވެވުނީމަ ތިހުރީ ވަރަށް ފޮނި ވެފަ ދޯ.. ކަލޭ ތިއީ ކިތަންމެ މޮޅުމީހަކަސް އަހަންނަށް ތިއީ ހަމަ ކުޑަ ކުޑަ ހިކަންޖެއް.. ކަލޭ މާ ފޮނި ނުވައްޗޭ” ވިޝާމް ބުނެލިއެވެ.
“އަހަރެން ކޮންމެހެން ބޭނުމެއްނޫ ބޭކާރު ވާހަކަ ތަކެއް ދައްކާކަށް.. ވިޝާމް އާއި ބޭނުން ނިންމާލާފަ މިތަނުން ދޭ.. އަހަރެންގެ ވަގުތުތަކެއް ބޭކާރު ކުރާނެ ކަމެއް ނެތް” ސުހާން ބުނެލިއެވެ.
“ކަލޭ ހަނާގެ ބައްޕަގެ ބިމުގެ ފަހަތުން ތިއުޅެނީ އަހަރެންގެ ބައްޕަގެ ފަރާތުން ބަދަލު ހިފަން ދޯ” ވިޝާމް އަހާލިއެވެ.
“ވިޝާމްގެ ސިކުނޑި މަސައްކަތް ކުރާ ގޮތްދޯ.. ހަމްދާދުއާ މެދު އެކަހަލަ އެއްބަސްވުމެއް ވެވުނު އިރު ކަލޭތިއީ ހަމްދާދުގެ ދަރިއެއްގެ ފިރިއެއްކަމެއް ނޭނގެ.. އަހަރެން މިއީ ވެވޭ އެއްބަސްވުންތަ ހަމަ ހުރެފަ އުވާލާ މީހެއް ނޫން..” ސުހާން އެހެން ބުނެފައި ވިޝާމްގެ އަތުގައި އޮތް ފައިލް ނެގިއެވެ. ވިޝާމް އާ ދިމާއަށް ބަލާވެސް ނުލާ އޭނާ އޭގައި ސޮއެ ކޮއްފައި ފައިލް މޭޒު މަތީ ބޭއްވިއެވެ.
“ކީއްވެފަ ތިހުންނީ.. ދެން ދޭ މިތަނުން” ސުހާން އެހެން ބުނުމުން ވިޝާމް ދައްކުނޑި ވިކާލާފަ ތެދުވިއެވެ.
“ވިޝާމް.. އަދި އެއްވާހަކަ.. އަހްމަދު ކައިރީ ބުނޭ.. އަހަރެން ކޮންމެހެން ނޫޅެމޭ އޭނާގެ މުދާގަނޑު ފަހަތުން.. އޭނާގެ ވިޔަފާރި ބަނގުރޫޓު ކޮއްލުމަށް ވުރެ އަހަރެން ކުރަން މާ މުހިންމު ކަންތައް އެބަހުރި.. ބޭކާރު ކަންކަމާ މާބޮޑަށް ވިސްނަންޏާ ލޭމަތިވެގެން ހާޓު އެޓޭކެއް ޖެހިދާނޭ” ސުހާން އެހެން ބުނުމުން ވިޝާމް އެތަނުން ނުކުތެވެ. އޭނާގެ މޫނު ވަނީ ރަތްވެފައެވެ.
ވިޝާމް ނުކުތުމުން ސުހާން އަނެއްކާވެސް ސޯފާއަށް ވެއްޓިގަތެވެ. ނިއްކުރީގައި އަތް ހާކާލާފައި އޭނާ ދެލޯ މަރާލިއެވެ.
ސުހާންއަކީ ވިޝާމްގެ ބައްޕަ އަހްމަދުގެ ނަހަލާލް ދަރިއެކެވެ. އަހްމަދަށް އެލީޒާ ފެނުނީ ޔޫކޭއަށް ކުރި ވިޔަފާރީގެ ދަތުރެއްގައެވެ. އޭރު އަހްމަދު އުޅެނީ ވަސީމާއާ އިނދެގެންނެވެ. އަހްމަދާ އެލީޒާގެ މެދުގައި ހިނގަން ނުވާނޭފަދަ ގުޅުމެއް ހިންގުނެވެ. އަހްމަދު އެނބުރި ރާއްޖެ ދިޔައިރު އެލީޒާ އިނީ ސުހާންއަށް ބަލިވެއެވެ. އަހްމަދަށް އެކަން އެނގުނީ ދުވަސް ކޮޅެއްފަހުން އަނެއްކާވެސް ޔޫކޭއަށް ކުރި ދަތުރެއްގައެވެ. ސުހާން ވިހެއުމަށް ފަހު އެލީޒާ އަހްމަދާ އިންނަން ބޭނުންވާ ވާހަކަ ބުނުމުން އަހްމަދު އެއީ މީހެއްގެ ފިރިއެއްކަމަށް ބުންނެވެ. އޭރު ވަސީމާ ވިޝާމުއަށް ބަނޑު ބޮޑެވެ.
އެލީޒާ އަހްމަދުދެކެ ވަރަށް ލޯބި ވެއެވެ. ސުހާން ބަލައިގަތުމަށް އެލީޒާ ވަރަށް އާދޭސް ކުރިއެވެ. ނަމަވެސް އަހްމަދު އެކަމާ އިންކާރު ކުރިއެވެ. އެންމެ ފަހުން އޭނާ އަމިއްލައަށް މަރުވާން ބޭސް ކެއެވެ. ވަގުތުން ހޮސްޕިޓަލަށް ގެންދެވުމުން ފުރާނަ ސަލާމަތް ވިއަސް އޭނާ ހުންނަނީ ފާޑެއްގެ ބައްޔެއް ޖެހިފައެވެ. އެލީޒާ ކޮންމެ ދުވަހަކު އާދޭސް ކޮއްގެން އެންމެ ފަހުން އަހްމަދު ސުހާން ބަލައިގަތުމަށް އެއްބަސްވިއެވެ.
ސުހާން ގޮވައިގެން އަހްމަދު އެނބުރި ރާއްޖެ ދިޔައެވެ. ވަސީމާއަށް ހަގީގަތް އެނގުމުން ވަރިފަށަށް އެރިއެވެ. ނަމަވެސް އަހްމަދު އޭނާއަށް ވިސްނަ ދިނުމުން މަޑުކުރީއެވެ. ވަސީމަގެ އެދުމަށް ސުހާންއަކީ އޭނާގެ ދަރިއެއްކަމަކަށް ރަޖިސްޓްރީއެއް ނުކުރެއެވެ. ސުހާން އެގޭގައި ބޮޑުވީ ވަރަށް ހާލުގައެވެ. ވަސީމާ ކޮންމެ ދުވަހަކު ސުހާންއާ އެއްޗެހި ކިޔައެވެ. އަހްމަދުވެސް ސުހާންއަކާ އަޅައެއް ނުލައެވެ. ވިޝާމްވެސް ހުނަނީ ސުހާންއާ ޖައްސާލާފައެވެ.
ސުހާން އަބަދުވެސް އެއާއިލާއަށް ނަފްރަތު ކުރެއެވެ. ސުހާންގެ އެތަށް އާދޭހާއެކު އޭނާ މަންމަގެ ކައިރިއަށް އަނބުރާ ފޮނުވާލީ އިތުރަށް ސުހާންގެ ފަރާތުން އެއާއިލާއަށް އިތުރު އުނދަގޫ ވާން ބޭނުން ނުވާތީއެވެ.
އެލީޒާއަކީ ހިތުގެ ބަލި ހުންނަ މީހެއްކަމުން ސުހާން އޭނާގެ ހިތްދަތި މާޒީ ކިޔައެއް ނުދެއެވެ. އެހެންކަމުން އެލީޒާ ހީކުރީ ސުހާން ބޮޑުވީ ވަރަށް އުފަލުގާ ކަމަށެވެ
“ސުހާން… ކިހިނެއްވެފަ ތިއޮތީ؟” ލޯމަރައިގެން އޮތް ސުހާން ފެނިގެން އާޒިމް އަހާލިއެވެ.
“ކަމެއް ނުވޭ.. އަހަރެން އެބިން ގަންނަ ގޮތަށް މިވިސްނަނީ.. އެކޮޅުގަ މޯލްއެއް އަޅަންކަމަށް މިވިސްނަނީ” ސުހާން ބުނެލިއެވެ.
“ހަމްދާދުއަކީ ވިޝާމްގެ ބަފާބެ ދޯ؟.. އަނެއްކާ އެއަކު މައްސަލައެއް ނޯންނާނެތަ” އާޒިމް އަހާލިއެވެ.
“އެކަމާ ހުރެ ހަމްދާދުއާ އޮތް އެއްބަސްވުމަކަށް ބަދަލެއް ނަންނާނެ.. މިހާރު އަހްމަދު ހުންނާނީ ވަރަށް ކެކިފަ.. މީހުނަށް އަހަރެންގެ ހަގީގަތް އެނގިއްޖެއްޔާ އަހްމަދު މޮޔަ ވެދާނެ” ސުހާން ހިނި އައިސްފައި ބުނެލިއެވެ.
“ތިއީ ކީއްކުރާ ފޯމުތަކެއް.. އަނެއްކާ މިތަން ދުކޮއްލާފަ އެހެން ވަޒީފާއެއް ހޯދަނީތަ” އާޒިމް އަތުގައި ހުރި ކަރުދާސްތައް ފެނިފައި ސުހާން އަހާލިއެވެ
“ނޫނޭ.. މިއީ އަހަރެންނަކަށް ނޫން. މިއީ ލަމްހާ ބުނެގެން” އާޒިމް ބުނެލިއެވެ.
ލަމްހާގެ ނަން އިވުމުން ސުހާން މޫނުމައްޗަށް ގޮތެއް ހަދާލިއެވެ.
“އޭނާ ވަޒީފާއެއް ބޭނުންވަނީތަ؟” ސުހާން އަހާލިއެވެ. އާޒިމް އާއެނކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
“އަން.. ރޯޔަލް ޑިނާގަވެސް ވަޒީފާގެ ފުރުސަތު އެބައޮތް.. އަޅެ ބުނެބަލަ ޓްރައި ކޮއްލާށޭ..” ސުހާން ވަތްގަނޑުން ކަރުދާހެއް ނަގާ ދިއްކޮއްލަމުން ބުނެލިއެވެ.
“އޯކޭ” އާޒިމް އެ ކަރުދާހުގައި ހިފިއެވެ.
“އާޒިމް ކީއްވެ ނުބުނީ ލަމްހާ ކިޑެއް ހުންނަ ވާހަކަ” ސުހާން އަހާލިއެވެ.
“ސުހާން ނުވެސް އަހަމެއްނުން.. ސުހާންއަށް ކިހިނެއް އިނގުނީ ލަމް ކިޑެއް ހުންނަކަން.. ލީން ދެކުނިންތަ؟” އާޒިމް އަހާލިއެވެ.
“ހްމް.. ކުރިންދުވަހަކު ދެކުނިން. އަހަރެން ހީކުރީ ލަމްހާގެ ކޮއްކޮއެއް ކަމަށް..” ސުހާން ބުނެލިއެވެ.
“އެކަމާތަ ކަޓާފަ ތިހުރީ؟” އާޒިމް އަހާލިއެވެ. އެވަގުތު ސުހާންގެ މޫނު ރަތްވެގެން ދިޔައެވެ.
“އަހަރެންނަށް ކިއެއް އޭނަ ބާރަ ދަރިން ހުއްޓަސް.. އަހާލެވިދާނެއެއްނު” ސުހާން ރަތްވެފައިވާ މޫނު ފޮރުވަމުން ބުނެލިއެވެ.
“ލަމްހާ ކިޑެއް ހުއްޓަކަސް މެރިޑް އެއް ނޫން.” އާޒިމް ބުނެލިއެވެ.
“ޑިވޯސްކޮއްފަ ދޯ.. ލީން ކަހަލަ ލޯބި ކުއްޖަކު ހުއްޓާ ލަމްހާ ދޫކޮއްލާނީ ހާދަ ބޮޑު މޮޔައެކޭ.. ޕުއާރ ދެމް” ސުހާން ޕިސް ލައްވާލަމުން ބުނެލިއެވެ.
“ނޫނޭ.. އެހެނެއް ނޫން… ދެން އަޅާ ނުލާ ދޯ.. އަހަރެން މިދަނީ” އާޒިމް އެހިސާބަށް ބުނެފައި ވާހަކަ އޮއްބާލުމުން ސުހާން ބަލާލިއެވެ.
“އަސްލު ކިހިނެއްވީ؟” ސުހާން އަހާލިއެވެ.
“އަހަންނަކަށްވެސް އެހާބޮޑަކަށް ނޭނގެ. ސުހާން އެހާ އޮޅުން ފިލުވަން ބޭނުމިއްޔާމުން ލަމް ގާތު އަހަންވީނުން” ހަގީގަތުގައި އާޒިމް އެވާހަކަ ސުހާން ގަތު ބުނާކަށް ބޭނުމެއް ނުވިއެވެ. ސުހާންއަށް އިތުބާރު ނުކުރެވޭތީއެއް ނޫނެވެ. ލަމްހާގެ މާގާމުގައި އޭނާ ހުރިނަމަވެސް އެހެން މީހަކު އޭނާގެ ވާހަކަ އެގޮތަށް ދައްކާކަށް ބޭނުމެއް ނުވާނެއެވެ.
“އަހަރެން ކިހިނެއް ލަމްހާ ގާތު އަހާނީ.. އަހަރެން ފެނުނަސް އޭނާ ރުޅި އަންނަ ހެން ހީވަނީ.. ކޮންމެވެސް އެއްޗެކޭ ކިޔާ ކޯޅެން ފަށާނެ” ސުހާން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.
އެރެއަށް މަސައްކަތް ނިންމާލާފައި އާޒިމް ފަހަތުން ސުހާންވެސް ނުކުމެގެން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



