ތިން ލަފްޒުން (8)
އާޒިމް ކާރު ފެނުމުން ސުހާން އެދިމާއަށް ހިނގައިގަތެވެ. ކުރީ ސީޓުގައި އަންހެން ކުއްޖަކު އިންކަން އެނގުމުން ސުހާން އެރީ ފަހަތަށެވެ.
“އާޒިމް ކަލޭ ވަގު ބިޓުން ގެން ގުޅޭކަން އެނގިއްޖެއްޔާ އޭޝްލީ މެޑަމް ކަލޭގެ ދުވަސް ދުއްވާލާނެ އިނގޭ” ކުރީ ސީޓުގައި އިން ކުއްޖާއާ ދިމާއަށް ބަލާލަމުން ސުހާން ދިމާކޮއްލިއެވެ.
ލަމްހާވެސް ފަސްއެނބުރި ބަލާލީ އެވަގުތުއެވެ
“ކަލޭތަ؟” ދެމީހުނަށް އެކުއެކީ އަހާލެވުނެވެ.
****
“ކަލެއެކޭ މަށާ އަވަލަވައިގެން އުޅޭ ޖިންނި އެކޭ ނެތޭނުން ތަފާތެއް.. ހަމަ ދާހާތާކުން އެބަ ފެނެއޭ” ލަމްހާ ތުން އަނބުރާލާފައި ބުނެލިއެވެ.
“ޖިންނިއެކޭ؟.. ކަލެއެކޭ އޮޅު ބުޅަލެކޭ ނެތޭނުން ތަފާތެއް.. ހަމަ ފައްސާލާއިރާށް އެބަ ފަހަތު އަޅުވާލައޭ” ސުހާންވެސް ބުނެލިއެވެ.
“ތިއީ އޮޅުމެއް.. އަހަރެން ނޫޅެން ކޮންމެހެން ކަލޭ ފަހަތަކުން” ލަމްހާ ބޭރާ ދިމާއަށް އެނބުރެމުން ބުނެލިއެވެ.
“މަށެއްވެސް ނޫޅެމޭ މަންޖެ ފަހަތަކުން…” ސުހާންވެސް ހަމަ ލަމްހާ ކަންތަށް ކުރިހެން ބޭރާ ވީފަރާތަށް އެނބުރުނެވެ.
“ތިދެމީހުން ދަންނަން ދޯ.. އަހަރެންނަ އަދި މިއެނގުނީ.. ކުރިން އެނގުނު ނަމަތާ އެންމެން އެކީ ކޮފީއަކަށްވެސް ދެވުނީހީ” އާޒިމް ހިނިއައިސްފައި ބުނެލިއެވެ.
“މަށެއް ނޫޅެން ކޮންމެހެން އެމީހާ އާ އެކީ ކޮފީއަކަށް ދާކަށް..” ލަމްހާ ބުނެލިއެވެ.
“މަށެއްވެސް ނޫޅެމޭ.. މަންޖެ ނޫނަސް ކޮފީއަށް ދާނެ މީހުން މަށަށް ވެއޭ” ސުހާން ބޭނުންވީ ލަމްހާ ރުޅިއަރުވާށެވެ.
” ތިއީދެން ކޮންކަމެއް. ކަލެމެންނެކޭ ކުޑަ ދެކުދީންނެކޭ ނެތޭނުން ތަފާތެއް. ކުޑަކުދީންވެސް ނުކޯޅޭނެ ކަންނޭނގެ ތިގޮތަކަށް” އާޒިމް ބޯހޫރާލަމުން ބުނެލިއެވެ.
ލަމްހާގެ ގެއާ ހަމައަށް އާދެވެންދެން އެކަކުވެސް އިތުރު ވާހަކައެއް ނުދައްކައެވެ.
ލަމްހާ ޝުކުރު އަދާ ކޮއްފައި ކާރުން ފޭބިއެވެ. ސުހާންވެސް ކާރުން ފާބައިފައި ކުރީ ސީޓުގައި އިށީނެވެ.
“ކަލޭއާ އޭނައާ އޮތީ ކޮންގުޅުމެއް؟” ސުހާން އާޒިމްއާ ސުވާލު ކުރިއެވެ.
“އެއީ އަހަރެމެން ރަށު ކުއްޖެއް.. އަހަރެންގެ އެކުވެރިއެއްގެ ކޮއްކޮ.. އަހަރެންވެސް އޭނަ ދެކެނީ ކޮއްކޮ އެއް ގޮތަށް.. ސުހާން އާ އޭނަ އޮތީ ކޮންގުޅުމެއް؟” ސުހާންއަކީ އަންހެން ކުދިންނާ ސަމާސާކޮށް ވާހަކަ ދައްކާ މީހެއް ނޫންކަމުން އާޒިމްއަށް އަހާލެވުނެވެ.
” މަގުމަތިން ދެތިން ފަހަރަކު ފެނިލިކަން އެކަނި.. އެކަމް ކޮންމެ ފަހަރަކުވެސް ކޮންމެވެސް ކަމަކާ ކޯޅިގަނެފަ އޭނަ ދަނީ.. ވަރަށް އިންޓެރެސްޓިން ކުއްޖެއް” ސުހާން އެހެން ބުނިއިރު އޭނާގެ ތުންފަތް މަތީވަނީ ހިނިތުންވުމެކެވެ.
“އެހެން ދޯ.. އަހަރެން ހީކުރީ ކަމެއްކަމަށް” އާޒިމް ލާނެއް ގޮތަކަށް ބަލާލިއެވެ.
“އޭނައަށް ކިޔަނީ ކޮންނަމެއްތަ؟ އަދި ނަންވެސް ނޭހިގެން މިއުޅެނީ” ސުހާން އަހާލިއެވެ.
“ލަމްހާ.. ކަލޭ އޭނައާ ގަޔާވަނީ ދޯ” އަޒިމް އަހާލިއެވެ.
“ބޭކާރު ވާހަކަ ނުދައްކާ..” ފޯނު ބާއްވާތާ އޮތް އާޒިމްގެ ފޯނު ނަގަމުން ސުހާން ބުނެލިއެވެ.
ސުހާން ފަރިތަ ކަމާއެކު އާޒިމްގެ ފޯނުގެ ނަންބަރުތަށް ހާވާފައި ލަމްހާގެ ނަމުން ސޭވް ކޮއްފައި އިން ނަންބަރު އޭނާގެ ފޯނަށް ފޮނުވާލިއެވެ.
“މިއީ ދޯ ލަމްހާގެ ނަންބަރަކީ؟” ސުހާން ޔަގީން ކުރަންވެގެން އަހާލިއެވެ.
“އާން.. އެކީކުރަން އޭނަ ނަންބަރު ތި ހޯދީ..” ސުހާންއަށް ލަމްހާގެ ނަންބަރު ލިބުނީ އާޒިމްގެ ފަރާތުންކަން އެނގިއްޖެއްޔާ އޭނާ ރުޅިއައިސްދާނެތީ އާޒިމް ކުޑަކޮށް ބިރުގަތެވެ.
“އޭނަ އަތުގަ މަގޭ އެއްޗެއް އޮތީމަ އެހޯދަންވެގެންނޭ މި ނަންބަރު ހޯދީ.. ހާސްނުވެބަލަ.. ކަލޭ ކުއްވެރިވާ ވަރުގެ ކަމެއް ނުކުރާނަމޭ” ސުހާން އާޒިމްގެ ކޮނޑުގައި ޖަހާލިއެވެ.
އެއްދުވަހެއްގެ މެންދުރު ވަގުތެވެ. ވަޒީފާއަށް ނުގޮސް ގޭގައި ހުރުމުން މިއަދު ލީން ސްކޫލަށް ލާން ދިޔައީ ލަމްހާއެވެ. ލީން ލަމްހާގެ ކޮލަށް ދޮނެއް ދީފައި އެހެން ކުދިންނާއެކު ގޭޓުން އެތެރެއަށް ވަދެގެން ދިޔައެވެ. ލީން ލޮލުކޮޅަށް ގެއްލެންދެން ބަލަން ހުރެފައި އޭނާ ހިނގައި ގަތެވެ. އޭނާގެ މަންޒިލް ހުރީ ވަޒީފާގެ އިއުލާނެއް ޖަހާފައި ހުރި ފިހާރައަކާ ދިމާއަށެވެ
“ވިޝާމް.. ހިނގާބަލަ މިފިހާރައަށް.. އޭނީ ހާދަ ރީތި ހެދުމެކޭ” ވިޝާމްގެ އަތުގައި އޮޅުލައި ގަންނަމުން ހަނާ ތުއި ގޮތަކަށް ބުނެލިއެވެ.
“އުހުން.. އެހެން ފަހަރަކުން އެފިހާރަޔަށް ވަންނާނީ.. މިހާރު ބޭނުންވަނީ އަވަހަށް ގެއަށްދާން.. ބޮލުގަވެސް ރިއްސާއެބަ.. މިތާކައިރިން ޓެކްސީއެއްވެސް ލިބޭނެ ކަމެއް ނޭނގެ.. އަހަރެންގެ ކާރުގަ އާދެވުނު ނަމަ މިއުނދަގުލެއްވެސް ނުޖެހުނީ ހެއްނުން.. ހަނާ ވެއްޖެ ވިއްޔަ ބަހުގަ އަންނަ” ހަނާގެ އަތް ނައްޓާލަމުން ވިޝާމް އިންކާރު ކުރިއެވެ.
ވިޝާމްގެ ފަރުވާ ކުޑަކަން ފެނިފައި ހަނާ ކުޑަކޮށް ދެރަވިއެވެ. ވިޝާމްގެ ފަހަތުން ކޫބެކަށް އައުމުގެ އެއް މަގުސަދަކީ އެދެމެދުގައި އޮންނަ ދުރުކަން ކައިރިކުރުމެވެ. ނަމަވެސް މައިންބަފައިންނާ ދުރަށް އައުމުން ވިޝާމްގެ ފަރުވާކުޑަކަން އިހުނަށް ވުރެ ބޮޑެވެ.
ވިޝާމް ހަނާއާއި ކައިވެނި ކުރީ އަހްމަދު ވަރަށް އާދޭސް ކޮއްގެނެވެ. ވަސީމާވެސް އަހްމަދާ އެއްބައިވެ ވިޝާމްގެ ބޮލުގައި ކޮށާތީ އުނދަގޫވެގެންނެވެ. ހަނާދެކެ އޭނާ އެއްވެސް ވަރަކަށް ލޯތްބެއް ނުވެއެވެ. ވިޝާމްގެ ހަޔާތުގައި ލޯބިވެވުނީ ހަމަ އެންމެ ކުއްޖަކު ދެކެއެވެ. އެއީ ލަމްހާއެވެ. ލަމްހާ ނުލިބުމުން އޭނާ ހުރީ މާޔޫސްވެފައެވެ. އެހެނަސް އަދިވެސް އޭނާ ލަމްހާދެކެ ލޯބިވެއެވެ. އެއީ ބޭކާރު ކަމެއްކަން އެނގި ހުރެވެސް އޭނާ އެކަން ހުއްޓުވާކަށް ބޭނުމެއް ނުވެއެވެ.
ހަނާ ކުރަމުންދިޔަ އާދޭސް އަޑު ނީވޭ ކަމަށް ހަދާފައި ވިޝާމް ޓެކްސީއެއް ހޯދަން ޖެހިގެން ހުރި ގޯޅިއަށް އެޅިއެވެ. އަދި އެމަގުން ލާފައި ދިޔަ ޓެކްސީ އެއް ހުއްޓުވިއެވެ. ވިޝާމް ފަހަތުން ޓެކްސީއަށް އެރުން ނޫން ގޮތެއް ހަނާއަކަށް ނެތެވެ.
ހަލަބޮލި ފުޅާ މަގުގެ އެއްފަރާތުން ޓެކްސީ ދުއްވަމުން ދިޔައެވެ. ވިޝާމްގެ ދެލޯ ހުއްޓިފައިވަނީ ބޭރުން ފެންނަ މަންޒަރު ތަކަށެވެ. ބޮޑެތި އިމާރާތްތަކާ ފިހާރަތަށް އެމަގުގައި ގިނައެވެ. ހިނގާ ބިނގާވެ އުޅޭ މީހުންވެސް އެހާ ގިނައެވެ.
އަމިއްލަ ހިޔާލަކަށް ގެއްލިފައި އިން ވިޝާމް ސިހުނީ މީހުންތަކު ތެރެއިން ދަންނަ މޫނެއް ފެނުމުންނެވެ.
“ލަމް؟…” ވިޝާމްއަށް ހީވީ ރަނގަޅަށެވެ.
“ޑްރައިވާ… ކާރު މަޑު ކޮއްލަބަލަ.. މިތަނަށް މަޑު ކޮއްބަލަ ” ވިޝާމް އަވަހަށް ވޮލެޓު ނަގާ ދަތުރުގެ ފީދެއްކިއެވެ. ބާކީ ލާރީގަވެސް ނުހިފާ ވިޝާމް ކާރުން ފޭބިއެވެ. ވާނުވާގައި އިން ހަނާވެސް ފޭބިއެވެ. އަވަސް ފިޔަވަޅުގައި ވިޝާމް ލަމްހާ ފެނޭތޯ ހިނގައި ގަތެވެ. ހަނާވެސް ވިޝާމް ފަހަތުން ދިޔައެވެ.
“ލަމްހާ… ލަމް… އޭ..” ފިހާރައެއް ކުރިމަތީ ހުއްޓި ހުރި ލަމްހާ ފެނިގެން ވިޝާމް ބާރަށް ގޮވާލިއެވެ.
އޭނާގެ ނަމުން ގޮވާއަޑަށް ލަމްހާވެސް ސިހިފައި ބަލާލެވުނެވެ.
ލަމްހާގެ ކުރިމައްޗަށް ހުއްޓުނު އިރު ވިޝާމް ހުރީ މައި ނޭވާ ލެވި ލެވިއެވެ.
“ވިޝާމް.. ކީއް މިތާ ތިކުރަނީ؟” ލަމްހާ ރީތި ހިނިތުންވުމެއް ހަދިޔާ ކޮއްލަމުން އަހާލިއެވެ.
“މި… އޮފީސް..”
“ލަމް.. ހާދަ ދުވަހެއް ކޮއްލާފަ މިފެނުނީ.. އަހަރެމެން މިއުޅެނީ ހަނީ މޫނަށް އައިސްގެން.. ” ހަނާ ވިޝާމްގެ އަތުގައި ހިފާ ބާރު ކޮއްލަމުން ބުނެލިއެވެ.
ވިޝާމް ނުރުހިފައި ހަނާ އާއި ދިމާއަށް ކަޅިއަޅާލިއެވެ. ނަމަވެސް ހަނާ ނޭނގޭ ކަމަށް ހަދާފައި ހީލިއެވެ.
“ހާދަ ލަހަކުން ހަނީމޫނަށް ތިއައީ؟..” ލަމްހާ ހަނާއާ ދިމާއަށް ބަލާލަމުން ހީލިއެވެ.
“ވިޝާމް މާ ބިޒީކޮށް އުޅޭތީ އަހަރެން ބުނީ ހަނީ މޫން ކޮންމެހެން މުހިންމެއް ނޫނޭ… ދެން އޮފީސް ކަމަކު ވިޝާމް ކެނަޑާއަށް އަންނަން ޖެހިގެން އަހަރެން ނާންނަން ހުއްޓާވެސް ގަދަކަމުން ގެނައީ.. ހަނީމޫން އަށާ އެއްކޮށް” ހަނާ ވަރަށް ފޮނިކޮށް ބުނެލިއެވެ. ހަނީމޫނޭ ބުނާ ކޮންމެ ފަހަރަކު އަޑަށް ބާރުލަނީ ލަމްހާ ދެރަކުރަން ހެންވެސް ހީވެއެވެ.
“އެހެން ދޯ.. ދެން ތިދެމީހުން ހޭވް ފަން އިނގޭ.. އަހަރެން ދެން ދަނީ” ލަމްހާ އެތާގައި އެހާ ގިނައިރަކު ހުންނާކަށް ބޭނުމެއް ނޫނެވެ. ހަނާއަކީ އޭނާގެ ތިމާގެ ކުއްޖެއް ކަމަކު އެދެމީހުން އެހާ ނުގުޅެއެވެ. ހަނާ ހުންނަނީ އަމިއްލައަށް ޖެހިގަނެފައެވެ.
“އޯކޭ.. އަހަރެމެންވެސް މިދަނީ ގެއަށް.. ވިޝާމް ރެސްޓު ކޮއްލަން ބޭނުންވާތީ ދޯ؟” ހަނާ ވިޝާމް އާ ދިމާއަށް ބަލާލާފައި ދޯ ޖަހާލިއެވެ.
“އުހުން.. މިހާ ދުވަސް ކޮއްލާފައި ފެނުމުން އެހާ އަވަހަށް ދިޔައީމަ ކަމަކު ނުދާނެ.. ހިނގާ މިތަނުން ކައިރި ރެސްޓޯރެންޓަކަށް ގޮސް އެއްޗެއް ކާލަން” ވިޝާމް ލަމްހާއާއި ދިމާއަށް ބަލާލާފައި ބުނެލިއެވެ. ހަނާ ވަގުތުން މޫނު ހަޑިވިއެވެ. މިއޮށް ހުރިހާއިރު އޭނާ ބޭނުންވާތާކަށް ދާން ވިޝާމް އިންކާރު ކުރިއެވެ. ހަމަ ލަމްހާ ފެނުމާއެކު ވަރުބަލިކަންވެސް ފިލީހެއްޔެވެ. ހަނާ ހިތްހަމަ ނުޖެހިފައި ލަމްހާއާއި ދިމާއަށް ބަލާލިއެވެ.
“އޯކޭ.. ހިނގާ” ލަމްހާ އެއްބަސްވިއެވެ.
“ލަމް ކޯއްޗެއް ބޭނުމީ.. ” ވިޝާމް ލަމްހާއާއި ދިމާއަށް ބަލާލަމުން އަހާލިއެވެ. ކައިރީގައި ހަނާ އިންކަންވެސް ވިޝާމްއަށް ނޭނގޭ ކަހަލައެވެ.
“ވިޝާމް.. އަހަރެން ބޭނުމީ ސީފުޑް ރައިސްއެއް” ހަނާ އަވަހަށް ބުނެލިއެވެ.
“ހުމް.. ލަމް؟ ކޯއްޗެއް ބޭނުމީ” ވިޝާމް ހަނާއާއި ދިމާއަށް ބަލާވެސް ނުލައެވެ.
“ތިމީހުން ބޭނުން އެއްޗަކަށް އޯޑަރު ކުރޭ.. އަހަރެންނަށް އޯކޭ” ހަނާގެ ބަނަވެފައިވާ މޫނަށް ބަލާލަމުން ލަމްހާ ބުނެލިއެވެ
ވެއިޓަރު ކާއެއްޗެހި ގެނައުމުން އެންމެން ކެއުމާގެން މަސްއޫލުވިއެވެ.
“ކިހިނެއް މަންމަ މެން” ލަމްހާ ހަނާ އަށް ސުވާލު ކުރިއެވެ.
“މަންމަ މެން ހަމަ ބަރާބަރު.. ކިހިނެއްތަ ކަންތައްތައް؟’ ހަނާއާއި ލަމްހާ އެމީހުންގެ ވާހަކައިގައި ތިބިއިރު ވިޝާމްގެ ކަޅި ހުއްޓިފައި ވަނީ ލަމްހާގެ މޫނަށެވެ.
ވިޝާމްގެ ހިތްވަނި އަވަސްވެފައެވެ. އެހާ ދުވަސް ކޮއްފައި ލަމްހާ ފެނުމުން އަދި އިތުރަށް ރީތިވެއްޖެކަން އޭނާއަށް ފާހަގަ ކުރެވުނެވެ. ކުރީގައިވެސް އެހުންނަ މައުސޫމުކަމެވެ. ކުރިއަށްވުރެ ހަށިގަނޑުގެ ބައްޓަން ރީތިވެފައި ދޮނެވެ. ވިޝާމްގެ ހިތުގައި ނިންދެވިފައިވާ ވިންދު ހޭލައިފިއެވެ. އެހިތުގައި ލަމްހާއަށް އޮތް ލޯބި އިތުރަށް ދިއްލިއްޖެއެވެ.
“އަސްލު ކޮންކަމަކު ކެނެޑާއަށް އައީ؟” ލަމްހާ ވިޝާމް ގާތު އަހާލިއެވެ.
“ބިޒުނަސް ކަމަކު.. މިއުޅެނީ ހުޅުމާލޭގަ ހުރި ހަނާގެ ބައްޕަގެ ބިމެއް ވިއްކާލަން.. ލަމްވެސް ދަންނާނެ ކަންނޭގެ ރޯޔަލް ގާޑެން ކޮންޕެނީ.. އެތަނުގެ ސީއީއޯ ބޭނުންވަނީ އެބިން ގަންނަން.. އެކަމާ އައިސް މިއުޅެނީ” ވިޝާމް ބުނެލިއެވެ.
“ވިޝާމް ތިހެން ކިޔަސް ލަމްއަކަށް އެނގޭނީ ކޯއްޗެއް. ލަމް އެއީ ދުވަހަކުވެސް ބިޒިނެސް ކަމަކު އުޅުނު މީހެއް ނޫން” ހަނާ ބުނެލިއެވެ.
“އޯނޯ.. އޭ އަހަރެން ދަނީ އިނގޭ.. މިހާރު ލީން ބަލާދާ ގަޑި ޖެހިއްޖެ.. އައިވިލް ސީ ޔޫ ގައިސް ލޭޓާ” ލަމްހާ އޭނާގެ ނަންބަރު ހަނާއަށް ދީފައި އެތަނުން ނުކުތެވެ.
ހޮސްޕިޓަލުން ނުކުމެއް ސުހާން ކާރަށް އެރިއެވެ. އޭނާގެ މަންޒިލް ހުރީ އޭނާގެ ގެއާ ދިމާއަށެވެ. ހެނދުނު މާ ބުރަކޮށް އުޅުމުން ސުހާންގެ ބޮލުގައި ކުޑަ ރިހުމެއް ނުއްޓެވެ. ޑޮކްޓަރު ދެއްކި އުންމީދު ކުޑަ ބަސްތަކުން އޭނާ ހުރީ ކުޑަކޮށް ހިތް ނުތަނަވަސް ވެފައެވެ. އެލީޒާ ރަނގަޅުވާނެކަމުގެ އެއްވެސް އުންމީދެއް ނެތެވެ.
އިރުކޮޅަކުން ސުހާން ރޭޑިއޯ އޮންކޮއްލިއެވެ. މަޑުމައިތިރި ރީތި އިނގިރޭސި ލަވައެއް ކާރުގެ ހަމަހިމޭންކަން ނަގާލިއެވެ. ސުހާން ލަވަޔާ އެއްވަރަށް ބޯހަލުވަމުން ދިޔައިރު އޭނާގެ މޫޑު ކުރިއަށްވުރެ ރަނގަޅުހެން ހީވެއެވެ. އާދައިގެ ސްޕީޑެއްގައި ދުއްވަމުން ދިޔަ ކާރު ކުއްލިއަކަށް ހުއްޓިއްޖެއެވެ.
ދެފަހަރަކު ކާރު ސްޓާޓު ކުރެވޭތޯ އުޅެއުޅެވެސް ކާމިޔާބެއް ނުވިއެވެ.
ކާރުން ފައިބައިގެން ގޮސް އޭނާ އިންޖީނު މަތިގަނޑު ހިއްލާލިއެވެ. ހީވާގޮތުން އިންޖީނު މައްސަލައެކެވެ.
ސުހާންގެ މޫނު ފުސްވިއެވެ.
“ހަލޯ.. ބުރޯ ކޮންތާކު ތިއުޅެނީ.. އާދެބަލަ އަހަރެން ބަލާ.. މިއުޅެނީ ކާރު ހުއްޓިގެން” ސުހާން މީހަކަށް ގުޅާފައި ހުރި ތަން ކިޔައި ދިނެވެ.
ކާރުގައި ލެގިލައިގެން ފޯނާ ކުޅެން ހުރި ސުހާންގެ ދެލޯ ސްކޫލުން ނުކުމެގެން އަންނަ ކުދިންތަކަށް ހުއްޓުނެވެ. އުމުރުން 27 ފުރިފައިވާއިރު ސުހާން ދުވަހަކުވެސް ކުއްޖަކާ ރައްޓެއްސެއް ނުވެއެވެ. ގަޔާވާކަހަލަ ކުއްޖަކު ނުފެންނާތީއެވެ. ވަގުތީ އުފަލަށް މީހުނާ ރައްޓެހިވުމަކީ ސުހާން އެހާ ހިތްހަމަ ޖެހޭ ކަމެއް ނޫނެވެ. ލޯބި ހުށައަޅާ އަންހެން ކުދިންނަށް ނޫނެކޭ ބުނެވެނީވެސް އެސަބަބާ ހުރެއެވެ. އެހެނަސް ސުހާން ކުޑަކުދިން ދެކެ ވަރަށް ލޯބިވެއެވެ. ބައްޕާއޭ ކިޔާ ގޮވާލާނެ އަމިއްލަ ދަރިއަކު އޭނާ ވަރަށް ބޭނުމެވެ.
ސުހާން ބަލަހައްޓައިގެން ހުއްޓާ ގޭޓުން ނުކުތް ކުދިންތަށް އެކުދީންގެ މަންޒިލަށް ގޮސް ލޯމަތިން ގެއްލިއްޖެއެވެ. ނަމަވެސް ގޭޓުން ބޭރުގައި ތަންކޮޅެއް ދުރުގައި ހުރި ކުޑަކުއްޖަކު އޭނާގެ ލޮލުހައި އަޅައިގަތެވެ. އެކުއްޖާވެސް ސުހާން ހުރި ދިމާއަށް އެނބުރުނެވެ. އެއީ ކުރީ ދުވަހު ލަމްހާ ކައިރީ ހުރި ކުއްޖާކަން ސުހާންއަށް އެނގުނެވެ.
ފޯނު ޖީބަށް ލައިފައި ސުހާން އެކުއްޖާއާ ދިމާއަށް ހިނގައި ގަތެވެ.
“ހެއި.. ކީއްވެ ގެއަށް ނުގޮސް ތިހުންނަނީ” ސުހާން ލީން ގާތު ހުއްޓެމުން އަހާލިއެވެ.
ސުހާން އާއި ދިމާއަށް ބަލާލާފައިވެސް ލީން އަނެއް ފަރާތަށް އެނބުރުނެވެ.
“އޭ.. ބޮޑެތި މީހުން އެއްޗެކޭ އެހީމާ ޖެހޭނެ ރީތިކޮށް ޖަވާބު ދޭން.. ކޮންނަމެއް ކިޔަނީ؟” ސުހާން ލީން ގާތު އުޑަފައިން ތިރިވިއެވެ. ސުހާން ވާހަކަ ދެއްކިލެ ލޯބިކަމުން ލީން ސުހާން އާ ދިމާއަށް ބަލާލިއެވެ.
“އަޅުގަނޑަށް ކިޔަނީ ލީން.. މިހުރީ މަންމަ ބަލާ ނައިސްގެން.. މަންމަ ބުނީ ނުދަންނަ މީހުނާ ވާހަކަ ނުދައްކާށޭ” ލީން އެހެން ބުނެފައި އަނެއް ފަރާތަށް އެނބުރުނެވެ.
ސުހާންގެ ގާތަށް ހިނިއައެވެ. ފެންނަ ފެނުމަށް ލޯބިކޮށް ހުއްޓަސް ލީންއަކީ ވަރަށް ގޮތް ދޫނުކުރާ ކުއްޖެކެވެ. ސުހާންއަށް ހަދާންވީ ލަމްހާއެވެ.
” ކޮބާ ދައްތަ؟ މިއީ ދައްތަގެ ފުރެންޑެކޭ. ބޭބެ އަށް ކިޔަނީ ސުހާން” ސުހާން ލަމްހާ ކޮބާތޯ ސުވާލު ކުރިއެވެ.
“ކޮން ދައްތައެއް؟.. ޔުސް ދައްތިތަ؟” ލީން ހީކުރީ ޔުސްރާގެ ވަހަކަ ދައްކާ ކަމަށެވެ.
“ނޫން.. ލަމްހާ ދައްތަ” ސުހާން އެހިއެވެ.
“އެއީ.. ކޮއްކޮގެ ދައްތިއެއް ނޫން.. އެއީ މަންމި” ލީންގެ ޖުމްލަ އިވިފައި ސުހާން ސިހުނެވެ.
“މަންމިއޭ؟.. އެއީ ލީންގެ މަންމަތަ؟” ސުހާން ގަބޫލު ނުކުރެވިގެން އެހިއެވެ.
“ހޫމް.. މަންމި ތިއްތި ވީމަ އެންމެންވެސް ހިކުރަނީ އެއީ ކޮއްކިގެ ދައްތަ ކަމަށް.. ކޮއްކޮ މަންމަ ވަރަށް ތިއްތި ދޯ” ލީން ވަރަށް ގަޔާވެފައި ސުހާންއާ ވާހަކަ ދެއްކިއެވެ.
“ދެން ކޮބާ ބައްޕަ..ލީންގެ ބައްޕަ ކޮބާ؟” ނުދަން މީހުނާ ވާހަކަ ނުދައްކަމޭ ބުނި ލީން މާ ގަޔާވެފައި ވާހަކަ ދެއްކުމުން ސުހާން ހިނި އައިސްފައި އަހާލިއެވެ. ނަމަވެސް ބައްޕަގެ ވާހަކަ ދެއްކުމުން ލީންގެ މޫނަށް އައި ބަދަލު ފެނިފައި މި ކުރެވުނީ ރަނގަޅު ސުވާލެއް ނޫންކަން ސުހާންއަށް ވިސްނުނެވެ.
“ނޭންގެ..” އިރުކޮޅަކު ވިސްނަން ހުރެފައި ލީން ބޯ ހޫރާލިއެވެ.
“އެހެންތަ..” ސުހާންއަކަށް ދެން ދައްކާނެ ވާހަކައެއް ނޭނގުނެވެ.
“ސުހާން ބޭބޭ.. ކޮއްކޮ ދަނީ.. އެއޮށް އަންނަނީ މަންމި” ލީން އެހެން ބުނެފައި ލަމްހާއާ ދިމާއަށް ދުއްވައިގަތެވެ.
ލަމްހާއާ ދިމާއަށް ބަލަން ހުރެފައި ސުހާން އޭނާގެ ކާރާ ދިމާއަށް ހިނގައި ގަތެވެ.
“މަންމަ ބުނިމެއްނުން ނުދަންނަ މީހުނާ ވާހަކަ ނުދައްކާށޭ” ލަމްހާ ލީންގެ ކޮލުގައި ހިފާލަމުން ލޯބިން ބުނެލިއެވެ.
“އެއީ ސުހާން ބޭބެ އެއްނުން.. މަންމިގެ ފުރެންޑެކޭނުން” ލީން ބޯ އަރިކޮއްލާފައި ބުނެލިއެވެ.
“ސުހާން..” ލަމްހާއަށް އެނަން ކިޔާލެވުނެވެ. އަދި ފަސް އެނބުރިފައި ބަލާލެވުނެވެ.
ކާރުގައި ލައްވެލައިގެން ހުރި ސުހާން އޭނާއަށް ފެނުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



