އިމްތިޙާން 32
“އަދި ބުނި ލަހުމާއާ ކައިވެނި ކުރުމަށްފަހު އެމީހާ އެއުޅެނީ ރަޝީދާ ދައްތަގެ ކަރަށް ފައިން އަރަންނޭވެސް.. އަހަރެން އެއްވެސް އިރަކު ހިޔެއް ނުކުރަން އެވަރުގެ ވިހަގަދަ ރައްޓެއްސެއް ކަމަށް އެއީ.. އެހުރިހާ ވާހަކައެއް އަހަރެންގެ މަންމަ ކައިރި ދައްކަނިކޮށް އަހަންނަށް އަޑު އިވުން.” ލަހުމާ އަނެއްކާވެސް މޫނު ފޮހެލިއެވެ.
“ކޮބާ މިހާރު ތި ބުނާ ދެމީހުން؟” ލަހުމާގެ ވާހަކައިގެ ތެރެއަށް ގެއްލިފައި އިން ލަޠީފް ކޮށްލީ ސުވާލެކެވެ.
“އަހަންނަކަށް ނޭނގެ މިހާރު އެމީހުން ވީތަނެއް. ދުނިޔޭގަ ތިބިކަމެއް ނޫނީ ނެތްކަމެއްވެސް.. އަހަރެން ގެންގުޅުނިން އަހަރުމެން ތިން މީހުން ތިބި ފޮޓޯއެއް. އެކަމަކު އެކަންތައް ގަނޑު ބޮޑުވި ދުވަސްކޮޅު އެ ފޮޓޯ އަހަންނަށް ގެއްލުނީ.. އަހަރެންވެސް މިހާރު އެމީހުން ހޯދަން އުޅެންވީ ކީއްކުރަން؟” ލަހުމާގެ ވާހަކަތައް ވަރަށް ތަަފްޞީލެވެ.
“އެ ދަރިފުޅު ދުނިޔެއަށް އުފަންވިތަ؟” ވާހަކައިގެ ޝަޢުޤުގައި އިން ލަޠީފް އަނެއްކާވެސް ކޮށްލީ ސުވާލެކެވެ.
“އާނ. އެކުއްޖާގެ ބައްޕައަށް ކޮންމެސް ދުވަހަކުން އެކަން އަންގަން އަހަރެން ބޭނުން… މަންމަމެންގެ ނުގަބޫލުގަވެސް އަހަރެން ބެލީ އެކުއްޖާއަށް މި ދުނިޔެ ހޯދައިދެވޭތޯ.. އެކަމު.. އެކަމު އެކުއްޖަ މިހާރު ވީހިސާބެއް އަހަންނަކަށްވެސް ނޭނގޭ..” އެހެން ބުނުމަށްފަހު ލަހުމާ އެތަނުން ނުކުމެގެން ދިޔައީ ޝާމް ރޯންފެށި އަޑު އިވުމުންނެވެ.
ލަޠީފްއަށް ލިބުނު ހައިރާން ކަމާއެކު އިންތަނުން ގުޑާވެސް ނުލާ އިނީއެވެ. އެތައް ޖަވާބެއް ނުލިބޭ ބައިވަރު ސުވާލުތައް ލަޠީފްގެ ހިތުގައި ނޯޓް ކުރެވެން ފަށައިފިއެވެ. ލަޠީފް ޤަބޫލު ކުރާ ގޮތުގައިނަމަ، ލަހުމާގެ ވާހަކައިގެ އެތައް ބާބެއް އަދިވެސް ކުރިޔަށް އޮތީއެވެ. ހިރަފުސް އަރާފައިވާ ލަހުމާގެ ޙަޔާތުގެ ޞަފްޙާތައް އެތައް ދުވަހަކަށް ފަހު ހުޅުވާލަން މަޖުބޫރުވީ ލަޠީފްގެ ސަބަބުންކަން ލަޠީފަށް ވިސްނުނެވެ.
މެންދުރުގެ ކެއުމަށްފަހު ސަމީރު އައިސް ކޮޓަރިއަށްވަނެވެ. އޭރު އަފީފާ މަހޫއާ މާލިކްއާ އެކު ކޮޓަރީގައި އުޅެއެވެ. މަހޫއާ މާލިކްގެ ހަރަކާތްތައް ވަނީ ކުޅުމުގެ ތެރެއަށް ގޮސް ޝާމިލްވެފައިވެއެވެ. ބައެއްފަހަރު ހީސަމާސާކޮށް ހަދައެވެ. އަނެއްބައި ފަހަރު ތޫލި އަޑުތަކުން ހަޅޭއްލަވާލާ ހަދައެވެ. ސަމީރު ގޮސް އިށީނީ އެނދުގައި އިން އަފީފާ ކައިރިއެވެ.
“ސަމީރު! ޠަބީޢަތް ރަނގަޅުތަ؟ މިބުނީ ސަމީރު ޤަބޫލިއްޔާ ވާހަކައެއް އަހާލަންހޭ؟ މިހާދުހުވެސް މިވާހަކަ ނޭހީ އަސްލު ސަމީރު އަމިއްލައަށް އަހަންނަށް ބައެއް ވާހަކަ ކިޔާ ނުދޭތީ.. އަހަން ނުކެރިގެން.” ވަރަށް ޖެހިލުންވެ އިނދެ ސަމީރަށް ބަލައިލަމުން އަފީފާ ވަރަށް ސިއްރުން އަހާލިއެވެ.
ސަމީރު އާނއެކޭ ބުނުމުގެ ގޮތުން ބޮލުން އިޝާރާތް ކޮށްލިއެވެ.
“ޔުސްރާ ދިމާވިތަ އެފަހުން؟ ކީކޭ ބުނީ؟ މަންމަ އެދުހު ސަމީރާ ދިމާލަށް އެއްޗެސްކީމަ ސަމީރު އައިސް ވަރަށް ރުއީމެއްނު. އެހެންވެ އަހަން ނުކެރުނީ އޭރުގަ މިވާހަކަތައް އަހަން..” އަފީފާ ވާހަކަ ދެއްކީ ސިއްރުންނެވެ. މާލިކްއަށް އެއަޑުތައް އިވުން އެއީ އެންމެ ބުއްދިވެރި ގޮތްކަމުގައި ނުވާތީއެވެ.
“އަހަރެން އޭނަ ކައިރިއަށް ދިޔައިން.. ދިމާވި.. ވަރަށް މަޢާފަށްވެސް އެދުން.. ބުނި ތިމަންނަ ހީކުރީ އަފީފާއާ އިނީމަ މަންމަ ރަނގަޅުވީ ކަމަށްށޯ.. ޔުސްރާއަކީ އަހަރެން ވަރަށް އިތުބާރު ކުރާ މީހެއް..” ސަމީރުވެސް ވަރަށް މަޑުމަޑުން ވާހަކަ ދެއްކިއެވެ.
ބޭރުން އައިސް ގެއަށް ވަނުމާއެކު މޫސަ ވަރަށް ބާރަށް ފާއިދަށް ގޮވަން ފެށިއެވެ. ކޮޓަރީގައި ހުރި ސީމާއަށް އެ އަޑު އިވިގެން ތުގާ ކިހިއްޔަށް ޖަހައިން ވަރަށް އަވަހަށް ކޮޓަރިން ނުކުތެވެ.
“ކިހިނެއްވީ މޫސާ؟ ހާދަ ބާރަކަށޭ ތިގޮވަނީ.. މަގޭ ތުގާވެސް ދިޔައީ ސިއްސައިން..” ހައިރާން ވެފައިވާ ސީމާ މޫސައަށް ބަލައިލަމުން ބުންޏެވެ. އޭރު މޫސަ އަތުގައި ކޮތަޅެއް އޮތެވެ.
“ކޮބާތަ ފާއިދު؟ ސީމާވެސް އާދެބަލަ.. ބޭބެގެ ތުގާ ލޯބީ.. ނިކަށް ބޭބެއަށް ގޮވާލަބަލަ.” ތުގާ އުރާލާ ބޮނޑި ކޮށްލަމުން މޫސަ ގޮސް ސޯފާގައި އިށީނެވެ.
“ކީކޭ މޫސަބޭ.. ހާދަ ވަރަކަށް ފާއިދަށް ތި ގޮވީ..” ފާއިދު ވަރަށް ހިނިއައިސްފައި ހުރެ ސޯފާ ކައިރިއަށް ޖެހިލިއެވެ.
“ފާއިދު.. މިއަދު މިއައީ ހަދިޔާ ހިފައިން ހުރިހާ ކުދިންނަށް.
އެނގޭތަ ކީއްވެކަން..؟ ފާއިދު އެކަނި ބަޤަރާ ސޫރަތް ކިޔަވާ ނިންމާލީމަ.. ފާއިދަށް ގެނައީ ގަޑިއެއް. މޫސަބެ ދަސްކޮށްދޭނަން ގަޑި ކިޔަން.. ހިނގާބަލަ ގަޑި އަޅާލަމާ.. އަން.. ދެން މިއޮތީ ސީމާއަށް.. އާދެބަލަ ސީމާ.. ދައްކަބަލަ އަތް. ރީތިތަ މި ގެތުން ސީމާ؟ ހުދުރަން ކެވެލިކޮޅެއްމީ.. ދެން ތި ނުނަގައްޗެ.” ފާއިދާ ސީމާގެ އަތުގާ ގަހަނާ އަޅުވަމުން މޫސަ ވާހަކަ ދެއްކިއެވެ.
“ކޮބާ ތުގާ ކޮއްކޮއަށް؟ ފާއިދު ވަރަށް ދެރަވާނެ ތުގާ ކޮއްކޮއަށް ހަދިޔާއެއް ނެތިއްޔާ.. އެކަމު ފާއިދައް ހީވަނީ މޫސަބެ ގެންނާނެހެން ކޮއްކޮއަށްވެސް އެއްޗެއް.” ފާއިދު ދެރަވެފައި ހުރެ ބުނެލިއެވެ.
“ހޫމ! ތުގާ ކޮއްކޮއަށް މިއޮތީ.. ރިހި ފަށެއް.. ފާއިދު ދެރަވެފަ ނުހުރެ ކޮއްކޮ ކަރުގަ އަޅުވަން އާދޭ އަވަހަށް.” މޫސަ އެހެން ބުނުމާއެކު ފާއިދު އުފަލުން އައިސް ތުގާ ކަރުގައި ފަށް އަޅުވާލަ ދީފިއެވެ.
“ފާއިދު ދެން ދޭ ފެންވަރާލަން އިނގޭ.. މޫސަ ހިނގާބަލަ ކޮޓަރިއަށްދަމާ..” އެކަކު އަނެކަކަށް ގަހަނާތައް އަޅާދީ ނިމުމުން
ސީމާ ބުނެލިއެވެ.
ލިބުނު ހަދިޔާގެ ސަބަބުން ފާއިދު އުފަލުން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އެތަން ބަލަން ހުރުމަށްފަހު ތުގާ އުރާލައިން ހުރި ސީމާގެ ކޮނޑުގައި މޫސަގެ އަތް ބާއްވާލަމުން ކޮޓަރިޔާ ދިމާލަށް ހިނގައިގަތެވެ.
“ވާހަކައެއް ބުނަންތަ؟ ކުރިން ދުވަހެއްގަ އަހަންނަށް ފެނިއްޖެ ފާއިދުގެ ކުރަހާ ފޮތް.. ވަރަށް ދުވަސް ވެއްޖެ އެ ފެނޭތޯ ފާރަލާތާވެސް.. އޭނަގެ އުމުރާބަލާފަ އެ ކުރަހާފަ ހުރި އެއްޗެސް ހަމަ ރަނގަޅަށް ދޭހަވޭ.. އެ ކުރެހުންތައް އެންމެ މޮޅު ނޫނަސް އޭގެން ބުނެދޭ މެސްޖްތަށް އަހަންނަށް އިނގޭ.. އިނގޭތަ އޭގަ ކުރަހާފަ ހުރީ ކޯއްޗެއްކަން..؟؟” އެނދުމަތީ އިނދެ ތުގާ ކުޅެމުން ދިޔަ ބޯޅަ ވެއްޓުމުން އެ ބޯޅަ ނަގައިދެމުން ސީމާ ވާހަކަ ދެއްކިއެވެ.
“ކޯއްޗެއްތަ؟” މޫސަގެ ޝައުގުވެރިކަން އެކަމަށް ހުއްޓާލަމުން އަހާލިއެވެ.
“އަނިޔާ.. ކޮންމެސް މީހަކު އަނިޔާ ކުރާތަން.. ގޮށްމުއްކަވާފަ އަތް ލައްޕާފަ ހުންނަ ކޮންމެސް ބޮޑު މީހެއްގެ އަތެއް. އެ އަތްފެނިފަ އޭގަ އިން ފިރެހެން ކުއްޖާ ބިރުން ރޯން އިންނަތަން. އެހެން ގަނޑެއްގަ އިން ކޮންމެސް ކަހަލަ ވާކޮޅަކުން ދެއަތް އެއްކޮށް އައްސާފަވެސް.. ދެން އަދިވެސް ހުރި ރުޅި އައިސްފަވާ ކުޑަފިރެހެން ކުއްޖަކާ އަންހެނަކު. އެއިން ކުރެހުމުން ހީވަނީ އެ ބުނެދެނީ ދެ މީހުން ޒުވާބުކުރާ ވާހަކަހެން. އެކަހަލަ ބައިވަރު އެއްޗެސް އެބަހުރި. ދެން އަދި ކުރަހާފަ އިން އެނދެއްގަ އޮތް ކޮންމެސް އަންހެނެއް. އޭނަ ކައިރި ހުންނަނީ އެކި ކަހަލަ ފުޅިތަކާ ޕެކެޓް ކަހަލަ އެއްޗެސް..
އެތާ ކުރަހާފަ ހުރި މެހި ކަހަލަ އެއްޗެސް އެމީހަ ކައިރި އުދުހޭތަންވެސް.” ސީމާ ވަރަށް ވިސްނުންތެރި ކަމާއެކު ކިޔައިދެމުން ދިޔައެވެ.
އޭރުވެސް މޫސަގެ ދެލޮލުގެ އެސްފިޔަތައް އެއްފަހަރާ ހުއްޓިފައި ވާފަދައެވެ. އެ އެސްފިޔަތައް އިޝާރާތް ނުކުރަނީ މޫސަ ހައިރާންވެފައި ވާވަރުން ކަންނޭނގެއެވެ.
“ކުރެހުންތައް ނިންމާލަމުން އެއްގަނޑުގަ އިން އެފިރެހެން ކުއްޖާ މަގުމަތީ އެކަނިވެފަ އިންތަން. އަދި ކުއްޖާ ކައިރި އަންހެނަކު ހުރި.. ދެން އަނެއް ގަނޑުގަ ކުރަހާފަ އޮތީ ގެއެއްގެ ދޮރު ކައިރި ކޮތަޅެއް ހިފައިން ހުރި އަންހެނެއް. އަދި އެ ގެކައިރި ހުރީ އެ ފިރިހެން ކުއްޖާއާއެކު އެހެން އަންހެނެއް.”
މޫސާ!! އިނގޭތަ ދެން ކުރަހާފަ އިން އަންހެނަކާ ފިރިހެނަކު އެކުއްޖަ ގައިގަ ބައްދާލައިން ހުއްޓަ.. އަނެއް ގަނޑުގަ ކުރަހާފަ އޮތީ ފިރެހެނަކު ކުޑަ ފިރެންހެން ކުއްޖަ ކައިރި އަދި އަންހެނަކު ކުޑަކުޑަ ލޯބި އަންހެން ކުއްޖެއް އުރާފަ ހުއްޓަ.” ސީމާ މޫސައަށް ބަލައިލިއިރު މޫސަގެ ދިރުމެއް ނެތްފަދަ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.
“ތިހެންވީމަ ތީ ފާއިދުގެ ގޭތެރޭގެ ދިރިއުޅުމަށްފަހު ސީމާއާ އަހަރެންގެ ހަޔާތަށް ފާއިދަށް އާދެވުނު ގޮތް. އަދި އަހަރުމެންނާއެކު އޭނަ ހުރީ އުފަލުގަކަން އޭނަ އަންގައިދީފި.. އެވަރު ކުއްޖަކު ތިވަރު އެއްޗެއް ތި ކުރެހީ ވަރަށް އަސަރު ކޮށްފަ ހުރީމަދޯ؟ ތީހަމަ އެގޭގެ ޙާލަތު ހުރިގޮތް ކަންނޭގެ.. ސީމާއަށް ތިފެނުނީނު ކުރެހުމަކުން.” ބޭއިޚްތިޔާރުގައި މޫސަ ބުނެލިއެވެ.
މޫސައަށް މިވާހަކަތަކުން އެހާ އަސަރު ކުރަންވީ ކީއްވެބާއޭ ސީމާ ހިތަށް އެރިއެވެ. ސީމާ އެކަމާ ހައިރާން ވިޔަސް ކަމަކަށް ޝައްކު ކުރާނެ ޖާގައެއް ސީމާއަކަށް ނެތެވެ. ދެމަފިންނަށް ދުވަހަކުވެސް އަމިއްލަ ދަރިޔަކު ލިބިފައި ނުވާތީ މޫސައަށް ވީގޮތެއްކަމަށް ސީމާގެ ހިތް ތަކުރާރުކޮށް ބުނެދޭން ފެށިއެވެ.
“އިނގޭތަ؟ އޭގަ ލިޔެފަ ހުރި ކޮންމެ ގަނޑެއްގަވެސް “މި ދުވަސް ހަނދާނެއް ނުނެތޭނެ” އަހަރެންނަށް ނޭންގުން ވީގޮތްވެސް.” ސީމާގެ ވާހަކަތަކަށް އާނއެކޭ ބުނާފަދަ ގޮތަކަށް ބޯޖަހާލަމުން މޫސަ އިސް ޖަހާލިއެވެ.
ރޭގަނޑުގެ ހަމަ ހިމޭންކަމުގެ ތެރެއަށް ނަމާންކަން ވެރިވެފައިވެއެވެ. ދުވާލުގެ އަލި ގެއްލި އެކި ހިސާބުތަކުން ފެންނަމުންދަނީ އެކި ކުލައިގެ ބޮކިތަކުގެ އައްޔެވެ. އަމާން ވައިރޯޅިތައް އައިސް އަފީފާގެ ހަށިގަނޑުގައި ބީހެމުން ދާއިރު އުނދޯލި ހެއްލަން އިން އަފީފާގެ ނަޒަރު ހުއްޓިފައިވަނީ މަގުމަތީގެ ހަލަބޮލިކަމަށެވެ. ހަޤީގަތުގައި އަފީފާ އެދަނީ ސަމީރަށް އިންތިޒާރު ކުރަމުންނެވެ. އިރުކޮޅެއްގެ ތެރޭ ސަމީރު އައިސް ގެއަށް ވަނެވެ.
“އެބައަންނަން.. ގިފިއްޔަށް ވަދެލާފަ.” އަފީފާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ސަމީރު އެތެރެއަށް ވަދެގެން ދިޔައެވެ.
ދިހަވަރަކަށް މިނެޓަށްފަހު ސަމީރު އައިސް އުނދޯލީގައި އިށީންނަމުން އަފީފާގެ އަތްމަތީ އޭނާގެ އަތް ބާއްވާލިއެވެ. އެހަރަކާތުން އަފީފާގެ ހިތް އުފަލުން ފުރުނެވެ. ހަމައެއާއެކު އަފީފާއަށް ލަދުން އިސްޖަހާލެވުނެވެ. އަފީފާއަށް ވެރިވި އުފާވެރިކަން ބަލަން އިން ސަމީރު އިރުކޮޅަކުން އެއަތުން ދޫކޮށްލިއެވެ.
“އެކަމަކު އުމުރަކަށް ނޫން.” ސަމީރު ކުއްލިޔަކަށް ބުނެލި ޖުމްލައިން އަފީފާ ހައިރާންވެ އިނދެ ބަލައިލިއެވެ.
“ކީ.. ކީކޭ ތިބުނީ؟” އަފީފާ ސަމީރަށް ބަލައިލިއެވެ.
” އެއްޗެއް ބުނެވިއްޖެތަ؟ ތިވާނީ ހީވި ގޮތަކަށް.” ސަމީރު އެއްބުމަ އަރުވާލަމުން އަފީފާގެ ބުރަކަށީގައި ފިރުމާލިއެވެ.
“ހީވިގޮތެއްނަމަ ވަރަށް ދެރަވާނެ. ޔަޤީންކަމާއެކު ބުނިނަމަ އަތުން ދޫ ކޮށްލީ އުމުރަކަށް ނޫނޭ.” އެއް މިޔަކަނުން ހީލަމުން އަފީފާ ސަމީރަށް ބަލާލިއެވެ.
“މީނަ ވަރަށް މޮޅުވާނެ ބަސް މާނަކުރަން. ތަރުޖަމާކުރަން.. ދެން މީސްމީހުންގެ ދިރިއުޅުމުގަ ދިމާވެފަހުރި ކަންކަން ބުނާނަމޭ ކިޔާފަ މީހުންނަށް ބިރު ދައްކާލަން. ހެހެހެހެހެހެ..” ސަމީރުގެ ވާހަކައިން ދެމީހުނަށް އެއްފަހަރާ ހޭންފެށުނެވެ.
“ސަމީރު.. ކޮންއިރަކުން ތުގާ ގެންނާނީ؟ އެއްކޮށް ގެންނަންވީނު؟” ހީހީ އިން ސަމީރު އަފީފާގެ ވާހަކައިން ހަމަހިމޭން ވިއެވެ.
“އެމަންޖެ ދިނީ ހިބައިންނު.. ދެން އަހަންނަކަށް ނުލިބޭނެ..
ދުވަހަކުވެސް.. އެންމެ ދުވަހަކަށްވެސް.. ތިކަން ހަނދާންވާ ކޮންމެ ސިކުންތަކު އަހަރެންގެ ލޮލުން ކަރުނަ ހިލޭ.. ތީ އަހަރެންގެ ހަޔާތުގަ އައި އެންމެ ކަޅު ދުވަސް.. އެހެންވެ މިބަލަނީ މިހާރު މަޑުމަޑުން ހަމަޖެހެވޭތޯ.” އަފީފާއަށް ބަލައިލަމުން ސަމީރު ބުނެލިއެވެ.
ހަމަހިމޭންކަމުގައި ސާލެއް އޮޅައިން އެނދުގައި އޮތް ލަތީފު ސިއްސައިން ދިޔައީ ދޮރުގައި މީހަކު ޓަކިޖެހި އަޑަށެވެ.
( ނުނިމެ )
—————–*****——————–
އަޅުގަނޑު އުންމީދު ކުރަނީ މި ޕާރޓް ތިޔަ ކިޔުންތެރިންނަށް ކަމުދިޔަ ކަމަށް. އަންނަ ހަފްތާގެ ބަޔަށް އިންތިޒާރު ކޮށްލައްވާ!
???
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







Awwwn ! Mi part Hama v reethi ingey
Mi partun v Gina hageegaythah ingijje.
Alhe faaidhves dho haadha molhu kujjekey.
Dhen lahumaage storyves thioh Hama kuriyah dhanee.
Mifaharu hadhiyaaeh nei dho
Ekamves waiting for the next part
Thank you Quin me.
V ufaavejje mi part kamu dhiyaima..
Yeah dho mifaharu shaleen thikudhin ah hadhiyaaeh nudhen. Bt plz wait kollaa next part ah ingey
Lysm ,?
V salhi mi partves . V asarugadha mihaaru. Hurihaa hageegTheives falhaa aramun mihaaru midhanee.
Aslu mivaahakaige thereah mihaaru hama rangalhahves vadhevijje.
V reethi. V salhi. Tgc Lysm keep it up
Thanks Halle.????
So happy Hama mi comment fenuneema.
Dhen plz wait kollaa next part ah..
Thanks regular koh comment dhevvaathyve ❣️
Lysm