ހަމަހިމޭންކަމުގައި ސާލެއް އޮޅައިން އެނދުގައި އޮތް ލަތީފު ސިއްސައިން ދިޔައީ ދޮރުގައި މީހަކު ޓަކިޖެހި އަޑަށެވެ. އެއަޑަށް ލަޠީފް ގޮސް ދޮރު ހުޅުވާލިއެވެ.

ކުރިމަތީގައި ހުރީ ތާނިޔާއެވެ. ލައިގެން ހުރީ ކުރު ޓޮޕްކޮޅަކާ ކުރު ޖިންސް ކޮޅެކެވެ. ތާނިޔާގެ ބުޅި އިސްތަށިގަނޑު އޮތީ ކުރިމައްޗަށް ވާގޮތަށް ކޮނޑު މަތިން ވައްޓާލާފައެވެ. އެންމެ ނަޒަރަކުން ލަޠީފް ތާނިޔާއަށް ބަލައި ލުމަށްފަހު އިސްޖަހާލީ ލަދުންނެވެ. އެއީ ތާނިޔާގެ ގޮތެވެ. އެއާދައަށް ހަމަ ކޮންމެ ފަހަރަކުވެސް ލަޠީފްގެ ޢަމަލު ބަހައްޓަނީވެސް އެފަދައިންނެވެ.

“މީނަ ނިދަނީތަ؟.. އަޅާ ނުލާ އަހަރެން ނޫޅެން ތިކޮޓަރިއަށް ވަންނާކަށް. މިއައީ ދޮންތަ ބުނެގެން.. ނުނިދަންޏާ ދޭބަލާށޯ ބޭރު ސޯފާއަށް. އިރުކޮޅަކުން އެބަ ދަމޯ ދޮންތަވެސް…” އެހެން ބުނަމުން ތާނިޔާ ހިނގައިގަންނަން އުޅެފައި އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

“އޭތް! އަނެއްކާ ދޮންތަ އުޅެނީ ކަލެޔާ އިންނަންތަ؟” ވަކި ކުލައެއް މޫނުމަތިން ނުދައްކާން މަސައްކަތް ކުރަމުން ތާނިޔާ އަހާލިއެވެ.

” އެއްވެސް ރެއެއްގަ މިތާ ނިދާކަށް އަރާމެއް ނޫން.. ނުނިދަން އަދި.. މިދަނީ.. އެކަމަކު ނޭނގެ މަށަކަށް ލަހުމާ އިންނާނީ ކާކާ ކަމެއް.” ފަރުވާ ކުޑަކޮށް ޖަވާބު ދެމުން ލަޠީފް ކޮޓަރިން ނުކުމެގެން ސޯފާއަށް ދިޔައެވެ.

ކުރިމަތީގައި އޮތް ރަޝީދާ އޭރު ވަނީ އަރާމު ނިންޖަކުން ނިދާލާފައެވެ.

“ސަމީރު! މިރޭ ހީވަނީ ވަރަށް ވިއްސާރަ ވާން އުޅޭހެން. މިހާރު ވިދަންވެސް ފަށައިފި.. ބަލާބަލަ މި ޖެހޭ ވައިވެސް މަޑުމަޑުން ބާރުވަމުން އެދަނީ. ގެއަށް ވަންނަން ވީނު.” ޖޯލީގައި އިންއިރު އަފީފާ ހީވަނީ ހީކަރުވާފައިވާ މީހެއްހެނެވެ.

“ހޫމ.. އަދި ވާރޭ ނުވެހެއެއްނު. މަޑުކޮށްބަލަ.. އެދުހު ވާރެޔާ ތެމުނު އިރު ހިޔާވާކަށް ނޫޅެ. މީހަކު ގަދަކަމުން އަސްކެންޏަށް ގެންދިޔަ އިރުވެސް ހުރީ ތެމިފަ.. ހެހެ.. ދެން މިރޭ ތެމިދާނެތީ ބިރުން ތިއުޅެނިއްޔޯ.؟. ހެހެ.. އޭތް! އަފީފާ.! ހިނގާބަލަ ކޮންމެސް ދުވަހަކުން މާލިކްމެން ގޮވައިން މޫދައް ދާން.” ސަމީރު ފުރުމުގެ ކުރިން މަޖާ ވަގުތު ކޮޅެއް ހޭދަކޮށްލަން ވޭނުންވާތީ ބުނެލިއެވެ.

ލަހުމާ ފުރަތަމަވެސް ގޮސް ރަޝީދާ ކައިރިއަށް ހުއްޓިލިއެވެ. އިރުކޮޅެއް ވަންދެން ރަޝީދާއަށް ބަލަން ހުރުމަށްފަހު މަޑުމަޑުން އައިސް ސޯފާގައި އިށީންދެލިއެވެ. އަދި އެހާމެ ފަށުވި ކޮށް ވާހަކަ ދައްކަން ފެށިއެވެ.

“އެންމެނަށްވެސް ފެންނަނީ އަހަރުމެން އަބަދުވެސް މީނައާ ދޭތެރޭ ގޯސްކޮށް ކަންތައް ކުރާތަން. އެކަމަކު ކާކައްތަ ފެނުނީ މި ރަޝީދާ އަހަރުމެންނާ ދޭތެރޭ އޯގާތެރިވިތަން؟ އަހަރެމެންނަށް އަޅާނުލިތާ މީނަ މިއޮތީ ބައްޕަގެ ގެދޮރާ މުދާވެސް ބައްޕަ ބޮލަށް އެރިގެން ހޯދާފަ. މިހާރު ތަންމަތިވެފަ އެހެން އޮންނަން ފެށީމަ އެއިން މިއަދު ކުރަނީ ކޮން ފައިދާއެއް؟ އަހަރެންގެ ބައްޕައަށް އެހެން ހެދީތީވެސް އަހަރެން ދުވަހަކުވެސް މާފެއް ނުކުރާނަން.” ކަތި ނަޒަރަކުން ރަޝީދާއަށް ބަލައިލަމުން ލަހުމާ ވާހަކަ ދައްކަން ފެށިއެވެ.

“އަހަރެންގެ ފުރަތަމަ ދަރިފުޅު ލިބުނު ހިސާބުން އަހަންނަށް އެކުއްޖާއަށް ނަފްރަތު ކުރެވެން ފެށި.. ލޯބިވީ މީހާގެ ފަރާތުން އެއްވެސް އެހީއެއްނެތި އެކުއްޖަ ބޮޑުކުރަން ޖެހުނީމަ ވީގޮތެއް އެއީ.. އޭރު އަހަރެން ވަރަށް ޅަ ވާނެ.. އަހަރެން އެއްވަރަކަށްވެސް އެސޮރަށް އަޅާނުލާކަން އިޙްޞާޞް ކުރެވެން ފެށީ ރަޝީދާއަށް. އެހެންވެ އޭނަ އެކުއްޖާ ގެންގުޅެން ފެށީ. އޭގެ ފަހުން އަހަރުމެން ދެކެ ނުވާ ލޯބި އެކުއްޖާދެކެ އޭނަގެ މާމަވޭ.”

“ދެންވެސް އަހަރެން ހުރީ ހަތް އަހަރު ވަންދެން ހުއްސަރިބަޔަށް. އެހާ ދުވަސް ފަހުން އަނެއްކާވެސް އަހަރެންގެ ޙަޔާތް ބަދަލު ވާންފެށި. އޭރުވެސް އެ ރަޝީދާ އަހަރުމެންނާ ދޭތެރޭ ދެކެމުން އައިގޮތް ގޯސްކަން އެނގެންފެށީ ދެން އޭރު ކަންތައްތައް ދިމާވާންފެށި ގޮތުން..” ދާދި ފަހުގެ ނަމަވެސް މާޒީގެ ޞަފުޙާތަށް ޚުލާސާ ކޮށްދިނުމަށް ލަހުމާ އެޒަމާނުގެ ތެރެއަށް ފީނަން ފެށިއެވެ.

“ލަހުމާ! ލަހުމާ! އަޅެ މީނައަށް އެބަ އަޑު އިވޭތަ؟ މިވަރަށް ގޮވާ އިރުވެސް ތި ހުންނަނީ ފަހަރަކު ތައްޓެއް ތެއްޔެއް ދޮވެލަ ދޮވެލަ. ތީ އަޅެ ނުނިމޭ ކަމަކީތަ؟” ރަޝީދާގެ ރުންކުރު އަޑަށް އެއްވެސް ސަމާލު ކަމެއް ނުދީ ލަހުމާގެ މަސައްކަތް ކުރިޔަށް ގެންދިޔައެވެ.

“ލަހުމާ! އަޅެ މަށަށް މިވާހަކަ ދެއްކެނީ މިތާހުރި ހަތަރު ފާރާތަ؟ ދެކަންފަތަށް އަޑު އިވެއެއްނު. މިއުޅެނީ މިގެއަށް ރައްޓެއްސެއްގެ ކޮއްކޮއެއް ގެންނަން. ތިހެން މީހަކާ ނީންދެ އުޅެންވީމަ މަށަށް ޖެހޭނީ އަބަދު ޚަރަދު ކުރަން.. މިހާރުވެސް ހަތް އަހަރުވީ ކަލޭމެނަށް ޚަރަދު ކުރާތާ.. މީހަކާ އިންނާށޭ ކިޔާކިޔާ އެކަމެއް ކުރީއެއް ނޫން. އޭނަ އެއަންނަނީ ކަލެޔާ އިންނަން. މިކަމަށް ޤަބޫލު ވާތި.” ރަޝީދާގެ އިންޒާރުގެ މެސެޖުތައް ލަހުމާގެ ކަންފަތުގައި ގުގުމަމުން ދިޔައީ ތުރާލެއް ފަދައިންނެވެ.

“ކާކާތަ؟.. ޕިސް.. މަނުވެ މީހަކާ އިންނަ ހިތެއް. މި ދިޔަ ހުރިހާ އަހަރަކުވެސް މަމި ކެތް ކުރީދޯ؟. އެވެސް އަދި އެކުއްޖާ ބަލަމުން.. އެކުއްޖާގެ ބައްޕަ ބޯޓު ދަތުރު ކުރަން ދިޔުމުގެ ކުރިން މަށާ އިނދެފާނެތީނު ހުރިހާ އާޓެއް ދެއްކީ އޭރު.. ދެން މިހާރަކު މަ ނޫޅެން.” އެ ކައިވެންޏަށް އެއްބަސް ނުވާން ހިތްވަރު ކުރަމުން ލަހުމާ އޭނާގެ ދިފާޢުގާ ވާހަކަ ދެއްކިއެވެ.

“ދުވަސް ކޮޅެއް ފަހުން ރަޝީދާ ބުނި ފިރެހެން މީހާ މިގެއަށް އައި. ރަޝީދާގެ ހަރުދަނާ އުސޫލުތަކާ އަމުރަށް ތަބާވާން ޖެހުނަސް އަހަރެން ކުރަން ޖެހޭހާ ކަމެއް ކުރަނީ މަޖުބޫރުވެފައި ވާތީއެވެ. ދެންވީ ގޮތަކީ..”

“ހާދަ ފާޑަކަށް ތިހުންނަނީ؟ މަށާ ނުގަބޫލީތަ؟” ލަހުމާ އެމީހާއަށް ސައިތަށި ގިރަމުން ދިޔަ ވަގުތު އެމީހާ ވާހަކަ ދައްކަން ފެށިއެވެ.

“ޗީ.. ކަލޭ ހީކުރީ ވަރަށް ވެގެން ކަމަށްތަ މަމި އުޅެނީ.. މަ ނޫޅެން އަމުދަކުން.. މަށަށް ރަނގަޅީ ކަލޭ އަވަހަށް މިތަނުން ދިޔައްޔާ.. އިގިއްޖެއެއްނު މަ ޤަބޫލެއް ނޫންކަން. މަގޭ އެބަހުރި މިހާރުވެސް ފާޑަކަށް އުޅޭ ދަރިޔަކު.. އެކުއްޖަ އެހާ ބޮޑުވީމަ އެހެން އުޅޭތީވެސް މަށަށް ވަނީ އުނދަގޫ… އެހެންވީމަ އަނެއްކާވެސް އަނެއް ކަމަކާ ވިސްނާކަށް މަ ބޭނުމެއް ނޫން.” ލަހުމާ އެމީހާގެ މޫނުމަތީ ރުޅިވެރިކަން ދައްކަމުން ބުނެލިއެވެ.

“އެހެންތަ.؟ އެންމެ ރަނގަޅު.. ކަލޭވެސް ހީނުކުރައްޗެ މަމިއުޅެނީ ރަޝީދާއަށް މާ ހެޔޮއެދިގެނޭ.. އަދި ކަލޭ ދެކެ ލޯބިންނޭވެސް.. އަހަންނަކީ އަހަންނާ ދިމާލަށް ތިކަހަލަ ގަދަ ބަސް ބުނާ މީހުންނަށް ޒަހަރު ދޭމީހެއް.. ހަރުފައެއް ނޫނަސް އަހަރެން ކަލެޔަށް އެކި ފަހަރުމަތިން ގޯނާކޮށް ވިހަލާނަން.. ހަނދާން ކުރާތި.. އަހަރެން މިގެއަށް ވެއްދީމަ ދެން ނުކުމެގެން ދާނީ ކަލޭގެ ޙަޔާތުން ނުފޮހެވޭ ވަރުގެ ހަދިޔާއެއް ދީފަ.. ހައްހައްހާ” އެމީހާ ނުލަފާ ފާޑަކަށް ހޭން ފެށިއެވެ.

“ލަޠީފް ކަލެއަށް އިނގޭތަ އެނުލަފާ މީހާ އަހަންނަށް ދިން ހަދިޔާއަކީ އަހަރެންގެ ދަރި ޝާމް..” ލަހުމާ ގިސްލާފައި ރޯން ފެށިއެވެ.

އޭރު މޭޒުމަތީގައި އޮތަ ރަޝީދާގެ މަޑު މަޑު ގިސްލުމެއްގެ އަޑު ކަނޑައިގެން ނުގޮސް ހުއްޓެވެ. ހީވާގޮތުން ލަހުމާ ދެއްކި ހުރިހާ ވާހަކައެއް ރަޝީދާއަށް އަޑު އިވުނީއެވެ. އަސަރު ކުރީއެވެ. ނުވަތަ ކުރެވުނު ކަންކަމަށް ހިތާމަ ކުރަނީއެވެ.

ލަހުމާ މަޑުމަޑުން ހިނގަމުން ގޮސް ރަޝީދާގެ ކައިރިއަށް ހުއްޓުނެވެ. އަދި ރަޝީދާގެ ލޮލުން އޮހޮރެމުން ދިޔަ ކޮންމެ ކަރުނަ ތިއްކަކަށް މަލާމާތް ކުރިއެވެ. ނަފްރަތު ކުރިއެވެ. އަދި ވަރަށް ބާރަށް ހަޅޭއް ލަވަން ފެށިއެވެ.

“އާނ! އެމީހާ ކައިވެނި ކުރާނަމޭ ބުނެގެން އެމީހާއަށް މި ރަޝީދާ މާކުރިން ފައިސާ ގަނޑެއް ދިނީ.. މަގޭ ދިރިއުޅުން އެތައް ގޮތަކަށް ބަދަލު ކުރަމުން އައީ.. މިއަދު މަށަށް ލިބުނު އެއްވެސް އުފަލެއް ކޮބާތަ؟ ތިހެން ކަންތައް ކުރީމަ ވަކި ކަލެއަށް ވީ މޮޅަކީވެސް ކޮބާތަ؟.. އޭރު ތިހެން އަޅާލުން ބޭނުންވީ އަހަރުމެނޭ.. މަންމައޭ ކިޔާ އާދޭސް ކުރީ އަހަރުމެނޭ.
އެކަމަކު.. އެކަމަކު މިއަދު ތިތާ އޮވެ އަޅާލުން ބޭނުންވެގެން ދަރިފުޅާއޭ ކިޔާ އާދޭސް ކުރިޔަސް އަހަރުމެނަށް އަޑު ނީވޭ ސަބަބު އެނގިއްޖެދޯ؟” ލަހުމާގެ ހަށިގަނޑުގައި އަނދަމުންދިޔަ ހުޅުގަނޑު އިތުރަށް ރޯވާން ފެށިއެވެ.

(ނުނިމެ )
————————————–
ނަޞްރުގެ ދުވަހުގެ ހެޔޮ އެދުމާ ތަހުނިޔާ ލޯބިވާ ކިޔުންތެރިންނަށް އަރިސްކުރަން. 🇲🇻🎉🇲🇻

{ އަންނަ ހަފްތާގެ ބައިގައި } 👇
“އައްސަލާމް ޢަލައިކުމް” ބޭރުން އައި މީހަކު ސަލާމް ގޮވާލުމާއެކު ފާއިދު ދޮރާދިމާލަށް ބަލައިލިއެވެ.
“ވަޢަލައިކުމުއް ސަލާމް. ތީ ކާކު؟” އެމީހާއާ ދިމާލަށް ބަލަންހުރި ފާއިދު ހައިރާންވެފައި ހުރެ ސަލާމްގެ ޖަވާބު ދެމުން ކޮށްލީ ސުވާލެކެވެ.

1

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!