އެހެނަސް 2 – 1
ނޯޓް: މިވާހަކަ އަކީ ހިޔާލީ ވާހަކައެއް ކަމުން ވާހަކައިގައި ހިމަނާފައިވާ ސިފަކުރުން ތަކާއި ހާދިސާ ތަކަކީ އަޅުގަނޑުގެ އަމިއްލަ ހިޔާލު ކަމުގައި ދަންނަވަމެވެ.
އިރު އުދަރެހުން ތިރިއަށް ދަމުން ގޮސް ނިޔަރޮއްޖަކަށް ވެއްޖެއެވެ. އުޑުމަތީ ފަވާލެވިފައިވީ އެތައްހާސް ކުލަތައް މަޑުމަޑުން ފަނޑުވަމުންގޮސް އަނދިރިކަން ވެރިވެއްޖެއެވެ. މާހަލުގެ ހަލަބޮލިކަން ނެތި ހަމަހިމޭންކަން ވެރިވި އިރުވެސް، ޒުވާންފުރައިގެ ކުދިންކޮޅެއް ސަކަރައިތުގައި ތިއްބެވެ.
އަކިރި ދެމެމުން ދިޔަ، ތުނި ތުނި ރާޅުން ޒާޔާގެ ދެފައިން ވެލި ފިލުވާލިއެވެ. އަތް ތެރޭ ފުރެންދެން ހުރި ކުދި ބޮލިތަކާއި، ރިނދަލިތައް އުކާލަމުން ޒާޔާ އިށީނދެ އިން ގާގަނޑުން ތެދުވިއެވެ. ޒާޔާގެ މިސްރާބު ހުރީ ހޭޅިފަށުގައި ކެމެރާއެއް ހިފައިގެން އެކި ގޮތްގޮތައް ފޮޓޯ ނަގަން މަސައްކަތް ކުރަމުން ދިޔަ ދެތިން ކުދިންނާއި ދިމާއަށެވެ.
“ޒާން.. އާދޭ ދާން..” ޒައިންގެ ކަންފަތުގައި ހިފަމުން ޒާޔާ އަމުރު ކޮއްލީ ބޮޑު މީހެއް ފަދައިންނެވެ.
“މަންމަ ކައިރީ ބުނާނަން.. މިހައިރު ކަންފަތުގައި ރިއްސާވަރުން ނެތޭ ވާކަށް.. މި މީހަކު ހީވަނީ މަގޭ ކަންފަތް އުފުރައި ނުލެވިގެން އުޅޭހެންނޭ.. އަބަދު އަބަދު ކަންފަތުގަ ތި ހިފަނީ..” ޒައިން ޝަކުވާ ކޮއްލިއެވެ.
“ކީއްތަ ވާނީ އެންމެ ފަހަރަކުވެސް ދޮންތަ ކިޔާފަ ގޮވިއްޔާ”
“ދޮންތައޭ.. ޕިސް.. ތީ މަށައްވުރެން އެންމެ ނުވަ މިނެޓު ބޮޑު މީހެކޭ..”
“ހެވޭ، އެކަމަކުވެސް ދޮންތަ އަކަށްނު ވާނީ..”
މި ދެމީހުންގެ ކޫސަނި ޒުވާބު އަޑުއަހަން ތަންކޮޅެއް ދުރުގައި ޔަޒަންއާއި ލީޝާ ތިއްބެވެ. މި ހަތަރު ކުދިންނަކީ އެއް އާއިލާއެއްގެ ކުދިންނަށް ވުމުން މިކުދިންގެ މެދުގައި އޮންނަނީ ވަރުގަދަ ގުޅުމެކެވެ. އަބަދުވެސް ސަމާސާ ކޮށް ކަންކަން ހިއްސާ ކުރުމަކީ މިކުދިންގެ އާދައެކެވެ.
ޒައިން އާއި ޒާޔާއަކީ އެއްމާބަނޑު ދެކުދިންނަށް ވީނަމަވެސް މި ދެކުދިންގެ މިޒާޖު އުޑާ ބިމާހާ ތަފާތެވެ. ޒައިން އަކީ ކޮންމެ ކަމެއްވެސް ސާމާސާއެއްގެ ގޮތުގައި ނަގައިގަންނަ ކުއްޖެކެވެ. މިހައިރުގެ ގޮތުން ބުނާނަމަ “ކޫލް” ބޯއީއެކެވެ. ނަމަވެސް ޒާޔާ އަކީ އަބަދުވެސް ފޮރުވިފައި ހުންނަ ސިއްރުތައް ހޯދައި ބަލަން މަސައްކަތް ކުރާ ކުއްޖެވެ.
“ސާބަހޭ ސާބަހޭ.. ވަރެއްގެ ދެމީހުންނެން ދޯ.. ހައެއްޖަހަންވާއިރަށް ގެއަށް ނުދެވިއްޖެއްޔާ ބޮޑުދައިތަ ރުޅިއަންނާނެ..” ޒައިން އާއި ޒާޔާގެ ކޫސަނި ޒުވާބު އަޑުއަހަން ނުތިބެ ލީޝާ އާއި ޔަޒަން އެއްގަމަށް ހިނގައިގަން އިރުވެސް ޒާޔާގެ އަޑު އިވެއެވެ.
*** ** ***
“ތީ..؟ ތީ ސިނގިރޭޓެއް ނޫންތަ..؟” ރުހާމް ހައިރާން ވެފައި އިނދެ، އިޝާރާތް ކުރީ މާނިހު އަތުގައި އޮތް އެއްޗަށެވެ.
“އާނ.. މީ ސިނގިރޭޓެއް ނޫން.. މީ.. މީތި އަނެއް..” މާނިހު ގެ މޫނުމަތީގައި ވަނީ ސީރިއަސް ކަމެވެ. އޭނާގެ ހަރަކާތްތައް ހުރި ގޮތުން ހިތު ތެރޭ ލައްކަ ވާހަކަ ފޮރުވައިގެން އުޅޭފަދައެވެ.
މާނިހު އިނީ ކަންބޮޑު ހާސްވެފައެވެ. އޭނާ މިއަދު އެކުވެރިންނާ ހިއްސާ ކުރަން އެއުޅޭ ވާހަކައިގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. އޭނާ އެންމެ ކަންބޮޑުވަނީ އެކުވެރިން އޭނާ ދައްކާ ވާހަކަ ތަކަށް ޖޯކު ޖަހާ މަލާމާތް ކޮއްފާނެތީއެވެ. މިހުރިހާ ދުވަހަކު އެވާހަކަ އޭނާ ސިއްރުކޮށްފައި މިއަދު އެވާހަކަ އެހެން ބައެއްކައިރީ ދައްކަން އުޅޭ މަޤުސަދު ހާސިލް ނުވުމަކީ އޭނާ ކަންބޮޑުވާ އަނެއް ސަބަބެވެ. ނަމަވެސް މިއަދު އޭނާ އެއިނީ އެކަންތަކާއި ކުރިމަތި ލައިގެންނެވެ.
އެމީހުން އިށީނދެ ތިބި މޭޒުގެ އަނެއް ފަރައިތުގައި މާނިހުއާއި ކުރިމަތި ވާނޭހެން ރުހާމުއާއި ސަމީހު ތިބީ މާނިހު ދައްކަން އެއުޅޭ ވާހަކައެއް އަޑުއަހަން ކެތްމަދުވެފައެވެ. އެމީހުން މަސައްކަތުގައި އުޅެނިކޮށް ގުޅައިގެން ކޮންމެހެން އަންނަން ޖެހޭނެއޭ ކިޔާފައި ގެނައި ސަބަބު އެނގެން ބޭނުން ވެފައެވެ. ނަމަވެސް މާނިހުގެ ހަރަކާތްތައް ހުރި ގޮތުން އަވަހަކަށް އެއްޗެއް އެނގޭނެ ހެނެއް ހިޔެއް ނުވެއެވެ.
“އަސްލު ކަލޭމެން ގަބޫލު ނުކޮށް ފާނެތީ..” މާނިހު ބޯކަހައިލިއެވެ. “އެނގެއެން މަގެ މާމަ މަރުވީ ވަރަށް ފާޑަކަށް ކަން..”
“ހޫން، އެނގެއޭ.. ދެން ކިހިނެކޭ ވީ..” ސަމީހު އިނީ ރުންކުރު ވެފައެވެ. ވާނީވެސް އެހެންތާއެވެ. ކޮންމެ ދުވަހެއްގެ ވެސް ހަވީރު ގަޑިއަކީ އޮފީސް ނިންމާފަ އައިސް އޭނާ މަހަށް ދާ ގަޑި ވިއްޔާއެވެ. އެކަމަކު މިއަދު މާނިހު ގުޅާފައި ކޮންމެހެން ދައްކަން ޖެހޭ ވާހަކަ އެއް އޮތް ކަމަށް ބުނުމުން މިތަނަކަށް އައިސް އިންނަތާ ދޮޅު ގަޑިއިރު ވެދާނެއެވެ. އެކަމަކު މާނިހުއަށް އަދި އެ އުޅެނީ އެވާހަކަ ރަނގަޅަށް ފަށައި ވެސް ނުގަނެވިގެން ވިއްޔާއެވެ.
*** ** ***
ރޭގަނޑުގެ ކެއުމަށް ފަހު، ޒާޔާ މެން ހަތަރު ކުދިން ތިބީ ބޭރު ޖޯލީގައެވެ. އެކި އެކި މަޖާ ވާހަކަ ތަކު ތެރެއިން ދަތުރު ދާ ވާހަކަ ވެސް ދެކެވެމުން ދިޔައެވެ.
“ޒާޔޫ.. މި ދަޅު ކަނޑައިދީބަލަ، ޕްލީޒް..” ޒައިން އަތުގައި އޮތް ކޯކު ދަޅު ޒާޔާއަށް ދިއްކޮށްލަމުން ބުނެލިއެވެ. އެއާއި އެކު ޒާޔާ އަށް ހެވުނެވެ. ޒައިން އެއްބައި އިރު އިރު އޭނާއާ ރުޅި ހަދާފައި ހުރެދާނެއެވެ. އަނެއްބައި އިރު އިރު އަންނާނީ އެކި ކަންކަމާ އާދޭސް ކުރަމުންނެވެ.
“އަމިއްލަ އަށް ކަނޑާބަލަ.. ތި ވެސް ބޮޑު ފިރިހެނެއް ވިއްޔަ..” ޒާޔާ ޖެއްސުން ކޮއްލިއެވެ.
“ފޫހި ޗުއްޓީއެއް ދޯ.. ދެން މިފަހަރު މިހެން ކަމެއް ނުކޮށް ތިބެނީތަ.. ބާކީ އޮތީ އެންމެ ތިން ހަފުތުއާއި ދެ ދުވަސް..” ޔަޒަން އިރުކޮޅަކު އިނގިލި ބިންދަން އިނދެ އިނދެ ފައި ބުނެލި ވާހަކައިން ޒާޔާ މެންނަށް ހެވުނެވެ.
“ހެހެ.. ޔާޒް އެވަރުވެސް ބަލައިގެންދޯ ތި އުޅެނީ.. ޔާޒް މެންނަށް ޗުއްޓީ ކުޑައަކަސް އަހަރުމެންނަށް އަދި އެބައޮތް ބައިވަރު ދުވަސް.. ދޯ..” ޔަޒަންގެ ކޮނޑުގައި ޖަހާލަމުން ޒާޔާ ދޯ ދިނީ ޒައިން އަށާއި ލީޝާ އަށެވެ.
“ހޫމް.. މާރިޗް މަހު ކަންނޭނގެ އޭލެވެލް ފެށޭނީ.. ވަރަށް ކަޑަ ދޯ… ޔާޒް ޑޭޑް ކައިރީ ބުނެބަލަ ޗޭންޖް ކޮއްދޭށޭ.. ދެން އަހަރެމެން މާލެ ދާއިރު ޔާޒް ކިޔަވަންވީ ރަށުން.. ވަރަށް ފޫހި..” ޒައިން ފޯނު ނަގައިގެން ގޭމު ކުޅެން ފެށިއެވެ. ސޯޅަ އަހަރު ފުރިފައި ހުރިއިރު ވެސް ޒައިން ކުޑަ ކުއްޖަކަށް ދޫނުކުރާނެއެވެ.
“ހޫމް ތިއެއްނޫނޭ.. ހިނގާބަލަ ދަތުރު ހަމަޖައްސަން.. ޒާޔޫ، ޒާހިލްބެ އަށް ގުޅަން ވީނު..” ލީޝާ ހުރީ ވަރަށް ދަތުރު ދާހިތުންނެވެ.
“ނޫނޭ އެއިރުން ކަމަކު ނުދާނެ.. ޔާޒް ބުނީމަ ޒާހިލްބެ ފަސޭހައިން އޯކޭވާނީ.. ޒާހިލްބެގެ ބޭބީ ދަރިފުޅު ވިއްޔަ.. ކޮންމެ ކަމެއްވެސް ކޮއްދޭނެން ދޯ..” ޒާޔާ ހިނިގަނޑެއް ޖަހާލިއެވެ.
“ނުވެސް ގުޅައިދޭނަން.. މަ މީ ބޭބީއެއް ނޫނޭ..” ޔަޒަން ބޮޑާ ހާކާލިއެވެ.
“އޯކޭއޭ އޯކޭއޭ.. ދެންވެސް ސަމާސާ ތައް ހުއްޓާލާފަ ޒާހިލްބެއަށް ގުޅަންވީ..” ލީޝާ އަވަސް އަވަހަށް ވާހަކަ ދައްކަމުން ކަންކަން ރާވާލި އިރު ހީވަނީ ތަނެއްގެ މެނޭޖަރު ހެންނެވެ.
އެކުދިން ވަރަށް ފޯރީގައި، ދަތުރު ދާނެ ރަށަކާއި ވަގުތާ ހުރިހާއެއްޗެއް ހަމަޖެއްސި އިރުވެސް ޒައިން އޮތީ ގޭމުގެ އަވައިގައި ޖެހިފައެވެ.
“ޒާން.. ތި ފޯނު ބާއްވާފަ މިކޮޅައް އާދެބަލަ..” ގޭމުގެ ދުނިޔޭގައި ޒައިން އުޅެނިކޮށް ޒާޔާ ގޮވާލި އަޑު އިވުމުން ފޯނު ޖީބަށް ލަމުން އެމީހުންނާ ދިމާއަށް ހިނގައިގަތެވެ.
“ހެއި، ހިނގަ ދާން ފިހާރައަށް.. ޒާހިލްބެ އޯކޭ ދީފި.. އާޒިފްބެގެ ފްރެންޑުގެ ޑިންގީގައޯ ދާނީވެސް.. މަޖާ ވާނެ ދޯ.. އަވަސް، އަވަސް ހިނގާ އެއްޗެހި ގަންނަން ދާން.. ތަންކޮޅެއް ގިނައިން ނޫޑްލްސް ގަންނަންވާނެ..” ލިބިފައި ހުރި އުފަލެއްގެ ބޮޑުކަމުން ލީޝާ ހީވަނީ ދެންމެ ދެންމެ އުދުއްސައި ގަނެފާނެ ހެންނެވެ. ދެފައި އެއްތާކު ނުޖެހިގެން އޭނާ އުޅޭއިރު ދެއީދު އެއްފަހަރާ ލިބިގެން އުޅޭ މީހަކަށް ދޫނުކުރާނެއެވެ. އެކަމަކުވެސް މިދެން ބޮޑުވަރު ތާއެވެ.
ގަޑިން އަށްގަޑި ބައިވާންވީއިރަށް ޒާޔާމެން ކައިރީ ހުރި ފިހާރަތަކަށް ދާން ނުކުތީ ޔަޒަންގެ ބައްޕަ، ޒާހިލް އަތުން ފަސްހާސް ރުފިޔާ އަތުލައިގެންނެވެ. ތާކުން އެއްޗެއް ފެނުނިއްޔާ ގަންނަމުން ގެއާއި މާދުރަށް ދެވުން އިރުވެސް އެކުދިންނަށް ރެއަކާ ނުލައެވެ. ބިސްކޯދާއި، ދަޅާއި ނޫޑުލީހާއި އެކި ފާޑު ފާޑުގެ އެއްޗެހިން ކޮތަޅުތައް ބަރާވި އިރު ގަޑިން ދިހައެއް ޖެހުމާއި ގާތްވަނީއެވެ. ހަތަރު ކުދިންނަށް ނުއުފުއްލޭހާ ގިނައިން ސާމާނު ހިފައިގެން ގެއަށް ދާން ހިނގައިގަތް އިރު މިއުޅެނީކީ، އަހަރުދުވަހަށް ފަޅުރަށަކަށް ހިޖުރަ ކުރާކަށް ނޫން ވިއްޔާއެވެ. އެންމެ ދުވަހަކަށް ދަތުރު ދާން އެކުދިން ގަނެގެންދާ ސާމާނު ކޮޅު ފެނުނު މީހަކު ވެސް އަނގައިން ސޮނިވެއްޓޭނެ ކަން ޔަޤީނެވެ.
ފިހާރައިން ނުކުމެ ދެތިން ގޯޅި އެޅެންވި އިރަށް ޔަޒަން އަތް ލޮޑުވެގެން ޝަކުވާ ކުރަން ފަށައިފިއެވެ.
“ޕިސް.. މި ހާދަ ބަރޭ.. މަށަށް ދެން މި ނުގެންދެވޭނެ ކަލޭނޭ…” ޔަޒަން ޗުސް ތަޅާލިއެވެ.
“އެއިރު ވެސް ބުނީމެން މިހާ ބައިވަރެއް ގަންނަނެ ކަމެއް ނެތޭ.. ލީޝް ވެސް ތާކު އެއްޗެއް ހުރިއްޔާ ގަންނަންވޭ ވިއްޔަ..” ޒައިން ވެސް ހުރީ ލޮޑުވެފައެވެ.
“ކޮބާ، އެންމެ ފަހުން މަށެން މި ކުށްވެރިވީ… ހިނގަ ކާރެއްގަ ދާން.. އަދިވެސް ހާދަ ތަނެއްގަ ހިނގަން ޖެހޭނެޔޭ..” ލީޝާ ބުންޏެވެ.
“ކާރެއްގަ ދެވޭނެން.. ބާކީ އިނީ އެންމެ ދިހަ ރުފިޔާ ވިއްޔަ..” ޒައިން ހިނިގަނޑެއް ޖަހާލިއެވެ.
“ސުބުހާނަﷲ.. ފަސްހާސް ރުފިޔާ ހުސްކޮށްލައިގެން މިދަނީ..” ޒާޔާ ދެލޯބޮޑުކޮށްލަމުން ބަލައިލީ ކޮންމެ ކުއްޖެއް ދެއަތުން ކިރިޔާ ހިފޭވަރަށް ހުރި ކޮތަޅު ތަކަށެވެ.
މިހާލެއްގައި މިކުދިން އުޅެނިކޮށް ޔަޒަންގެ ފޯނު ރިންގުވާ އަޑު އިވެންފެށިއެވެ.
“ކޮންމެސް މީހަކު މަށަށް އެހީއެއް ވެދީބަލަ ކަލޭނޭ..” ޔަޒަން އުޅުނީ ފޯނު ނަގާނެ ގޮތެއް ނޭނގިގެންނެވެ.
“އެންމެންވެސް ތިބީ މިހާލެއްގަ.. އެހެރަތާ ބަހައްޓަންވީނު..” ޒާޔާ އިޝާރާތް ކުރީ ތަންކޮޅެއް ދުރުގައި ހުރި ޖޯލިފައްޗަކަށެވެ. ޔަޒަން އަވަސް އަވަހަށްގޮސް އެ ޖޯލީގައި ކޮތަޅުތައް ބަހައްޓަންވި އިރަށް އެމީހަކު ދެބުރަށް ގުޅައިފިއެވެ. ޔަޒަން އަވަސް އަވަހަށް ފޯނު ނަގައި ބަލައިލި އިރު ގުޅަނީ ބައްޕައެވެ.
“ބައްޕަ އެގުޅީ.. ލަސްވެގެން ކަންނޭނގެ.. ހަލޯ ބައްޕާ… މިހައިރު މި ދަނީ އޭ.. އޭނ ކީކޭ.. ފުރަނީއޭ.. އާނ.. އާނ މިދަނީ..” ފޯނު ކަނޑާލަމުން ޔަޒަން، ގެއާއި ދިމާއަށް ދުއްވައިގަތް އިރު މާމައޭ ބުނިހެންވެސް ޒާޔާމެންނަށް ހީވިއެވެ.
ޔަޒަންގެ ފަހަތުން ކަހަލަ ގޮތަކަށް ޒާޔާމެން ވެސް ދުއްވައިގަތް އިރު ލީޝާ އަނބުރާލާފައި އައިސް ހުއްޓުނީ ޔަޒަން ކޮތަޅުތައް ބެހެއްޓި ޖޯލި ކައިރީގައެވެ.
“އެސޮރުވެސް އެ ދިޔައީ މި ބަހައްޓާފަ ވިއްޔަ.. ކިހިނެއްތަ މި ގެންދާނީވެސް.. އެކަމަކު އެއީ އަވިއައިނު ތައް ހުރި ކޮތަޅު.. އެބަހައްޓާފަ ނުދެވޭނެ..” ލީޝާ ހިތާހިތުން ވާހަކަ ދައްކަމުން ދިޔައީ އެއެއްޗެހި ގެންދާނެ ގޮތަކާއި މެދުގައެވެ. ޔަޒަން އަށް އައި ފޯނު ކޯލަކުން އަވަހަށް ދާންވެގެން އޭއްޗެހިތައް މަތިންވެސް ހަނދައިން ނައްތާލީ ވިއްޔާއެވެ.
“ހޫމް އެނގިއްޖެ.. މި ޖޫސްޕެކެޓުތައް އެއްލައިލާފަ މި ކޮތަޅު ގެންދާނީ.. ދެން މާދަން ކުއްޖަކަށް ފެނިގެން ޖޫސްޕެކެޓުތައް ނަގާފާނެން.. ހޫމް އަވަހަށް ދާންވީ..” ލީޝާ އަވަހަށް އެކޮތަޅު ތައް ނަގަމުން ދުއްވައިގަތެވެ. އެއީ އޭނާ ނުލައިހިކު ހާލަކުން ރީތި ޑިޒައިންތައް ހޯދައިގެން ނަގާފަ ހުރި އަވި އައިނާ ތޮފި ތަކެއް ވިއްޔާއެވެ. އެ ދޫކޮށްފަ ނުދެވޭނެ ތާއެވެ. ލީޝާ އަވަހަށް ޒާޔާމެންނާއި އެއްވަރު ކުރަން ބަލައިލި އިރު އެ މަގުގައި އެމީހުން ޖެހުނުތާ ލަކުނު ވެސް ނެތެވެ. އަތުގައި ހުރި ސާމާނުތަކުގެ ގިނަކަމާއި ހުރެ ލީޝާއަށް ދުވެވެނީވެސް ނުލާހިކު މަޑުންނެވެ.
*** ** ***
“އޭ މޭން.. މަ ބުނީ ހިނގާބަލާށޭ މިތައި ކައިރި ރަށަކަށް ޓްރިޕެއްދާން.. މާނިހު.. އޭ މާނިހޫ.. ކަލޭ މިހައިރު ކިހިނެއްތަ ވެފަ ތިހުންނަނީ.. މިއަދު ދައްކަން އުޅުނީ ކޮން ވާހަކައެކޭ.. މާމައަށް ވީ ކިހިނެކޭ..” ރުހާމު އެއްފަހަރާ އެތައް ސުވާލެއް ކުރިއެވެ..
“އަސްލުވެސް މަ ވަރަށް ބައިވަރު ވާހަކަ ކަލޭމެންނަށް ކިޔަދޭން ވެފަ އެބަހުރި… ވަރަށް އެހެން ކަހަލަ ވާހަކަ ތަކެއްވީމަ، ކަލެމެން ގަބޫލު ނުކޮށްފާނެތީ.. މާދަން ހަވީރު ފަހެއްގެ ފަހުން ސަމީހު ގޮވައިގެން މަގެ މާމަ މެން ގެއަށްދޭ.. އެއިރުން އެނގޭނެ..” ބިލަށް ފައިސާ ދައްކާފައި މާނިހު، ކެފޭއިން ނުކުތް އިރުވެސް ރުހާމު އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ސަމާސާ މިޒާޖުގެ މަޖާ މާނިހުގެ އުޅުމަށް މިއައި ކުއްލި ބަދަލުގެ ސިއްރަކީ ކޮބައިކަން އެނގެން އޭނާ އިންތިހާއަށް ބޭނުންވިއެވެ.
**ނުނިމޭ**
2 Comments!
Comments are closed.




here is the first part of the stry… 2 vana prt vx v avahah up kollaanan.. insha allah.. kiyaalaafa cmnt eh kollahchey..
❤❤❤
Vrh vrh reethi mi part. Masha Allah ? , keep it up ❤️